ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/311
ޠަލްޙަތު އިބްރާޙީމް ކަލޭފާނު ވ. ޙަސަން ޙުސައިން، 2017/HC-A/311
Talhathu Ibrahim Kaleyfaanu v. Hassan Hussain 2017/HC-A/311 (2017/HC-A/311, High Court of the Maldives, 1 July 2019)
ޠަލްޙަތު އިބްރާޙީމް ކަލޭފާނު ވ. ޙަސަން ޙުސައިން
މައްސަލައިގެ ޚުލާޞާ
ބާކީ ފައިސާ 1 މަސްދުވަހުގެ ތެރޭގައި ދައްކަން އަންގައި، ނުދައްކައިފިނަމަ ދަޢުވާލިބޭ ފަރާތްތައް އިފްލާސްކުރުމުގެ މަސައްކަތް ފަށާނެކަމަށް ކަނޑައަޅައި، ދަޢުވާލިބޭ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ސިވިލް ކޯޓުގެ 2013/Cv-C/2242 ޤަޟިއްޔާގައި ސާބިތުވި 12.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި ދައްކާނުލާތީ، ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ދަރަނި ހިންގި ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ޣައިރު ޙާޟިރުގައި ޙުކުމްކުރުމުން ދަޢުވާއަށާއި ޝަރީޢަތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބި، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ހިނގާފައި ނުވާކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތެއްގެ ޣައިރު ޙާޟިރުގައި ދަށުކޯޓުން ޙުކުމްކުރުމަކީ ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ، ޢަދުލުވެރިކަމާއި ހާމަކަމާ ޚިލާފަށް ކުރި ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަށުކޯޓުގެ ފައިލަށް ބަލާއިރު ތިން އަޑުއެހުމެއް ބާއްވައި، އިސްތިއުނާފުކުރި ފަރާތުގެ ބަސް ހޯދައި، ޙައްލުކުރުމަށް ފުރުޞަތުތައް ދީ، ޙުކުމުގެ ދުވަހަށް ޖަލުން ޙާޟިރުކުރުމަށް ކަރެކްޝަނަލް ސަރވިސަށް ޗިޓު ފޮނުވާފައިވާތީ ޙުކުމަކީ އިންސާފުން ބޭރު ޙުކުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމާއި އެއްގޮތަށް ޢަމަލުނުކުރެވުނީ މަޤްބޫލު ކޮން ސަބަބެއް މެދުވެރިވެގެންކަން ބުނެދެވިފައި ނުވާނަމަ، ޙުކުމް ތަންފީޛުކުރުމަށް ދަށުކޯޓުން ކުރާ ޙުކުމަށް ބަދަލު ގެނައުމުގެ ސަބަބެއް އުފެދިއެއް ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ދަޢުވާލިބޭ ފަރާތުގެ ބަސް ހޯދުމަށްފަހު، ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތުތައް ދީ، ޙުކުމްކުރާ ދުވަހަށް ޙާޟިރުވުމަށް ޗިޓު ފޮނުވާފައިވާނަމަ (ޖަލުގައިވާ ފަރާތަކަށް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް)، އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ އިޖުރާއަތުތަކާ ޚިލާފަށް ނުވަތަ ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ޢަދުލުވެރިކަމާއި ހާމަކަމާ ޚިލާފަށް ކުރި ޙުކުމެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޙުކުމްކުރުމުގެ މަޖިލީހަށް ޙާޟިރުވުމަށް ފޮނުވާ އަމުރާ ޙަވާލުވި ފަރާތް މަޤްބޫލު އުޒުރެއް ނެތި ޙާޟިރު ނުވެއްޖެނަމަ، ހައިކޯޓުން އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް