ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/17
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޞްލިޙް ނިޠާމް (އެޑްރެސް ސިއްރު ކުރެވިފައި)، 2024/HC-B12/17
Prosecutor General v. Muslih Nitaam (Address withheld) 2024/HC-B12/17 (2024/HC-B12/17, High Court of the Maldives, 16 May 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޞްލިޙް ނިޠާމް (އެޑްރެސް ސިއްރު ކުރެވިފައި)
މައްސަލައިގެ ޚުލާޞާ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ބަންދު މުރާޖަޢާކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު އޮތީ ދޫކޮށްލި އަނބިމީހާގެ މައްޗަށް ކަމަށްވުމުން ޙާލަތު ބަދަލުވެއްޖެކަމަށް ބަލައި، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތާއި އޭނާގެ އަނބިމީހާ ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައި ހުއްޓާ، ބަލިވެ ތިބި އަނބިމީހާ ދައުލަތުން އެދިގެން ބަންދުން ދޫކޮށްލިއެވެ.
ދައުލަތުން ބުނީ ޙާލަތު ބަދަލުވިގޮތާއި ޤާނޫނީ ސަބަބު ބަޔާންކޮށްފައި ނުވާކަމަށާއި އަނބިމީހާ ދޫކޮށްލުމަކީ ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލާނެ ސަބަބެއް ނޫންކަމަށެވެ؛ ރައްދުވާ ފަރާތުން ބުނީ ޙާލަތު ބަދަލުވިގޮތް އަމުރުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަމަށާއި ހެކިތައް ހުރީ އަނބިމީހާގެ މައްޗަށްކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހެއްގެ ބަންދު މުރާޖަޢާކޮށް ދޫކޮށްލުމުގައި ޙާލަތު ބަދަލުވިކަން ބަޔާންކުރަންވީ ގޮތާއި، އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ އެހެން ފަރާތެއް ބަންދުން ދޫކޮށްލުމަކީ އަނެއް ފަރާތް ދޫކޮށްލާނެ ސަބަބެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލު؛ 7 ދުވަހުގެ ތެރޭގައި ދަށުކޯޓުން ބަންދާމެދު ގޮތެއް ނިންމަންދެން ރިމާންޑް ޖަލުގައި ބަންދުކުރުމަށް އަމުރު
ދޫކޮށްލި މައިގަނޑު ސަބަބު ސާފުވިނަމަވެސް، ރައްދުވާ ފަރާތުގެ ނިސްބަތުން ކުރިން ކަނޑައެޅި ޙާލަތަށް ބަދަލު އައިގޮތެއް ސާފެއް ނުވެއެވެ؛ ބަލިވެ ތިބި އަނބިމީހާއަށް ދެވުނު ޚާއްޞަ ލުޔަކީ ރައްދުވާ ފަރާތަށް ދޭންޖެހޭ ލުޔެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި ބަންދު މުރާޖަޢާކުރުމުގައި ފަނޑިޔާރު ބަލަންޖެހެނީ ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވޭތޯއެވެ؛ އެ ޙާލަތް ދެނެގަތުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިޢާޔަތްކުރެވިދާނެއެވެ.
- ބަންދު މުރާޖަޢާކުރުމުގައި، ބަންދުގައި ބެހެއްޓުމަށް ރިޢާޔަތްކުރި ޙާލަތު ބަދަލުވެއްޖެތޯ ވަޒަންކުރަންވާނީ އެމީހަކަށް ނިސްބަތްކޮށް ހުށަހެޅިފައިވާ ކަންކަމުގެ އަލީގައެވެ؛ ލުއި ދޭނަމަ ބަދަލުވި ޙާލަތު އެމީހާގެ ނިސްބަތުން މިނެކިރައި، ޖުމްލަ ގޮތެއްގައި ނަމަވެސް ބަޔާންކޮށްދޭންވާނެއެވެ.
- ކުރިން ކަނޑައަޅާފައިވާ ޙާލަތަށް (މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު) ބަދަލެއް އައިސްފައިނުވާނަމަ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ދެމިގެންދާނެއެވެ؛ ބަންދަށް ލުއި ލިބޭނީ ބަދަލުއައި ޙާލަތުގެ ސަބަބުން ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތްތެރިކަން ނެތިދިއުމުންނެވެ.
- ތުހުމަތުކުރެވޭ ގިނަ ފަރާތްތަކެއް ތިބޭ ޖިނާއީ މައްސަލައެއްގައި ކޮންމެ މީހެއްގެ ބަންދު މުރާޖަޢާކުރުމުގައި ޙާލަތު ބަދަލުވިތޯ ވަޒަންކުރާނީ އެމީހެއްގެ ނިސްބަތުންނެވެ؛ އެހެން ފަރާތެއް ދައުލަތުން އެދިގެން ދޫކޮށްލުމަކީ އަނެއް ފަރާތް ހަމަ އެ އުޞޫލުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.
- ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓޭނީ ވަކިވަކި ފަރުދުންގެ ނިސްބަތުން އެމީހަކާ ގުޅޭ ކަންކަމުގެ އަލީގައެވެ؛ ޚާއްޞަ ޙާލަތެއްގެ ސަބަބުން (މިސާލަކަށް ބަލިވެ ތިބުން) ޚާއްޞަ ރައްކާތެރިކަން ދޭންޖެހޭ މީހަކާމެދު ޢަމަލުކުރާ އުޞޫލުން، އެފަދަ ސަބަބެއް ނެތް މީހުންނާމެދު ޢަމަލުކުރުން ނުޖެހޭނެއެވެ؛ މިއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އިން ދޭހަވާ އިންސާފުގެ ހަމައެކެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ދައުލަތުގެ ނުކުތާ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2023/HC-B12/77,78
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢީނާ މޫސާ، ޙުސައިން ސާމީ، މަރްޔަމް ޒާހިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އާދަމް އާޞިފް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް