ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 14
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު، [2024] SC 14 (2024/SC-A/09)
Prosecutor General v. Irufaan Thaqiyu [2024] SC 14 (2024/SC-A/09, Supreme Court of the Maldives, 21 March 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު
މައްސަލައިގެ ޚުލާޞާ
ޢިރުފާން ތަޤިއްޔު ބަންދުން ދޫކުރި ފުރަތަމަ ނިންމުން ހައިކޯޓުގެ 2023/HC-B12/71 ޤަޟިއްޔާއިން ބާޠިލުކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ 145-B2/BFN/2023/01 ނިންމުމުން އަލުން ވެސް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނުނެރެން ނިންމިއެވެ. އެ ނިންމުމަށް ހައިކޯޓުގެ 2023/HC-B12/80 ޤަޟިއްޔާއިން ތާއީދުކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
72 ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ޝަރީޢަތް ހިނގަމުންދާ ޢިރުފާން ތަޤިއްޔު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ބަންދު މުރާޖަޢާކުރުމަށް ހުށަހެޅުމުން، ޝަރީޢަތުގައި އެހާތަނަށް ނެގުނު ހެކިބަހުން ކުށުގައި އޭނާ ބައިވެރިވި މިންވަރު ކުޑަކަމަށް ޤަބޫލުކުރެވޭތީ ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނުނެރެން ނިންމިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތު އޮތްއިރު ހާލަތު ބަދަލުނުވަނީސް ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށެވެ. ޢިރުފާން ތަޤިއްޔު ބުނީ، ހެކިބަހުން ދައުވާއާ އޭނާ ގުޅުވާލެވޭ ކަމެއް ނުފެންނަ ކަމަށާއި، ދޫކުރީ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއިން ކަމަށާއި، ދޫވިފަހުން އެއްވެސް ނުރައްކާތެރި ކަމެއް ނުހިނގާ ކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެއްގެ ބަންދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން މުރާޖަޢާކުރުމުގައި ފަނޑިޔާރު ތަޠްބީޤުކުރަންވާނީ ކޮން ހަމަތަކެއްތޯ، އަދި އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތައް ވަޒަންކޮށް އެއަށް ރިޢާޔަތްކޮށްގެން ބަންދުން ދޫކުރެވިދާނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނަންބަރު 2023/HC-B12/80 ގެ ނިންމުމާއި ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/BFN/2023/01 ނިންމުން ބާޠިލު؛ ޝަރީޢަތް ނިމެންދެން ބަންދާމެދު 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ބަންދު މުރާޖަޢާކުރުމުގައި ވެސް ތަޠްބީޤުކުރަންވާނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ހަމަތައް ކަމަށާއި، ބަލަންވާނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ހަތަރު ޙާލަތުގައި ބަދަލެއް އައިސްފައިވޭތޯ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތައް ވަޒަންކޮށް އެއަށް ރިޢާޔަތްކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަކީ ޝަރީޢަތުގެ ނަޒާހަތްތެރިކަން ގެއްލި ޙުކުމް ދުރާލައި ހާމަވާ ކަމެއްކަމަށާއި، ދިގު މުއްދަތަކަށް ބަންދުގައި ހުރުމަކީ ނުވަތަ ބަލިހާލަތަކީ ވެސް ނުރައްކާތެރި މީހަކު ދޫކުރެވޭނެ ސަބަބެއް ނޫންކަމަށް ކޯޓުން ދެކުނެވެ. އެހެންކަމުން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުންތައް ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ބަންދާމެދު ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިފައިވާ މީހާގެ ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާ ކުރުމުގައިވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކެވެ. އޭގެ މާނައަކީ ފަނޑިޔާރު ބަންދު މުރާޖައާ ކުރުމުގައިވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ 4 ހާލަތުންކުރެ ހާލަތެއް އޮތްތޯ ނުވަތަ ނެތް ތޯއެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަން ޕްރޮސިކިއުޝަނުން ދައްކައިދޭންވާނީ އެފަދަ ހާލަތެއް ވުޖޫދުވެ އޮތްކަމަށް ފަނޑިޔާރަށް އިގްތިނާއުވެވޭ މިންވަރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޝަރިއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަކަށް އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުނުކުރާނެ ގޮތަކަށް މި ދެފަރާތުގެ ހައްގުތައް ކޮންމެ މައްސަލައެއްގައިމެ މީޒާންކޮށް ހަމަކުރަންޖެހެއެވެ. ފަނޑިޔާރުން އެކަން ކުރާންވާނީ ކޮންމެ މައްސަލައެއްމެ އެ މައްސަލައިގެ ވަށައިގެންވާ ހާލަތްތަކާއި ހަގީގަތުގެ މައްޗަށް ބިނާކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ބަންދު މުރާޖައާކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށްވާއިރު، ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލެވެ. ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުރާޖައާކުރަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައެވެ. އެ ތަރަހައިގެ ބޭރުން އޭނާގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރިއަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާކަންކަމަށް ރިއާޔަތްކޮށްގެން ނުވާނެއެވެ. ޝަރިއަތް ކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އެ ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- އެ ހެކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެހެހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތް ކެނޑި، މުޅި ޝަރިއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- ބަންދު މުރާޖައާކުރުމުގައި އަސްލު މައްސަލައިގެ ޝަރިއަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތްކޮށްގެން ނުވާނެއެވެ. ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯއެވެ. އެކަންކުރާނީ އެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލްތަކުގެ ބޭނުންކޮށްގެންނެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ އެހެން ސަބަބެއް ނެތް ހާލަތެއްގައި، ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެކަށީގެންވާ އަދަދެއްގެ ފައިސާ ކޯޓުގައި ޑިޕޮޒިޓްކުރުމުންވެސް އެމީހަކު ޝަރުތުތަކާއެކު ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 14 2024/SC-A/09 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޙުސްނުއްސުޢޫދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 21 މާރޗް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2023/HC-B12/80
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޢިރުފާން ތަޤިއްޔު. ދޭލިޔާގެ، ސ.ހުޅުދޫ ޕްރޮސިކިއުޓަރ ޖެނެރަލް
ޤާނޫނީ ވަކީލު: ޢަލީ ޝާހް، ލީގަލް ޕާރޓްނާސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް
ޖިނާއީ — ބަންދު މުރާޖައާ ކުރުން — ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުން — ޝަރިއަތް ނިމެންދެން ބަންދުގައި ހުންނަ މީހާގެ ބަންދު މުރާޖައާކުރުން — ޝަރިއަތް ނިމެންދެން ބަންދުގައި ހުންނަ މީހާގެ ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ތަތުބީގު ކުރަންޖެހޭ ހަމަތައް
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1
ތަޢާރުފު 1
މައުލޫއީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ބަންދު އަމުރު މުރާޖައާ ކުރުމުގެ މައްސަލައިގެ ފަސްފަހަތް 2
ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް އަލުން ހުށަހެޅުން 3
އިސްތިއުނާފީ ނުކުތާތައް 5
ދެފަރާތުގެ ޖަދަލު 5
ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން 7
ޝަރިއަތް ނިމެންދެން ބަންދުގައި ހުންނަ މީހާގެ ބަންދު މުރާޖައާކުރުން 10
އިސްތިއުނާފީ ނުކުތާތަކާބެހޭ 11
ނިންމަން ފެންނަ ގޮތް 18
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 18
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 18
ޙުކުމް 19
` ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު [2024] SC 14 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/80 ގަޒިއްޔާ ނިންމާފައިވާ ގޮތާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށެވެ.
މައުލޫއީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ދައުލަތުން ދައުވާކޮށްގެން ކްރިމިނަލް ކޯޓުގައި ޝަރިއަތް ހިނގަމުންދާ މައްސަލައަކީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބެމުންދިޔަ މައުލޫމާތުތަކަކާ ގުޅިގެން ފާރަލަމުންގެން ދިޔަ ޑްރަގް ޓްރެފިކިންގ އޮޕްރޭޝަނެއްގެ ތެރެއިން، 8 ޑިސެންބަރު 2020 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، މާލޭ 8 ނަންބަރު ފާލަން ކައިރީގައި ޕާކްކޮށްފައި އޮތް އަޅި ކުލައިގެ ކާރަކަށް ޢިރުފާން ތަޤިއްޔު އަރައި، އެ ރޭގެ ދަންވަރުގެ ވަގުތެއްގައި، "ޕްރިންސަސް ސަމީރާ" ނަމަކަމަށް ކިޔާ ލޯންޗު މާލޭ 7 ނަންބަރު ޖެޓީ އާ ގާތް ކުރުމުން، އެ ލޯންޗުން ގެނައި 2 ލަގެޖް ފޮށްޓާއި 2 ގޯނި ބާލުވައި، "ޕްރިންސަސް ސަމީރާ" ލޯންޗުން ފޭބި މީހަކު އެތަކެތި ޢިރުފާން ތަޤިއްޔުގެ އަތަށް ދިނުމުން، އެ ތަކެތި ޢިރުފާން ތަޤިއްޔު ދުއްވި އަޅި ކުލައިގެ ކާރަށް އެރުވި މަންޒަރު ސީ.ސީ.ޓީ.ވީ ފުޓޭޖުން ފެނިފައިވުމާއި ޢިރުފާން ތަޤިއްޔު އާއި "ޕްރިންސަސް ސަމީރާ" ލޯންޗުން ފޭބި މީހާ އެ ކާރަށް އަރައި، އެ ކާރަށް އެރުވި ތަކެއްޗާ އެކު ދަތުރުކޮށް ފަރީދީމަގު މ. އަޒޫގޭގެ ކައިރީގައި އަޅި ކުލައިގެ ކާރު ޕާކު ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެތަނަށް ގޮސް ޢިރުފާން ތަޤިއްޔުގެ ހާޒިރުގައި އެ ކާރު ބަލައިފާސްކުރި އިރު، އެކާރުގެ ޑިކީ ތެރެއިން ނެގި ގޯނިތަކުންނާއި ލަގެޖް ފޮށިން 72 ކިލޯގެ މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކެއް ފެނުނު ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގެ ޝަރިއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ.1
ބަންދު އަމުރު މުރާޖައާ ކުރުމުގެ މައްސަލައިގެ ފަސްފަހަތް
3ޢިރުފާން ތަޤިއްޔުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަސްތުވާ ތަކެތީގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ޢިރުފާން ތަޤިއްޔު ބަންދުކުރުމަށް 24 ޑިސެމްބަރު 2020 ދުވަހު ކްރިމިނަލް ކޯޓުގެ 145-JMA/2020/3094 ނަންބަރު ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ. ޢިރުފާން ތަޤިއްޔު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ، އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާތީ؛ (1) މުޖުތަމައުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައާއި، (2) ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ2 59، ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށެވެ.
4ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ:
ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.
މިގޮތަށެވެ.
5ބަންދު މުރާޖަޢާކޮށްދިނުމަށް އެދި ޢިރުފާން ތަޤިއްޔުގެ ފަރާތުން 29 އޮގަސްޓް 2023 ގައި ހުށަހަޅާފައިވެއެވެ. މުރާޖަޢާކުރުމަށް ހުށަހެޅީ، މި މައްސަލާގައި ދައުވާކުރެވުނު ބައެއް މީހުންގެ ދައުވާ އަނބުރާ ގެނެސް އެ މީހުން ބަންދުން ދޫކޮށްފައިވާތީ އާއި، އެ މީހުން ބަންދުން ދޫކޮށްލުމަށް ފަހުވެސް ޢިރުފާން ތަޤިއްޔު ބަންދުގައި ބެހެއްޓުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އަދި 20 މާއްދާއާ ޚިލާފުވުން ކަމަށާއި، ޢިރުފާން ތަޤިއްޔުގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައި ނުވުމާއި، ބަލިހާލަތަށް އެކަށިގެންވާ ބޭސްފަރުވާ ނުލިބޭތީ، ބަލިހާލަތު ގޯސްވުމުގެ ސަބަބުން ބަންދުކުރި ހާލަތު ބަދަލުވެފައިވާކަމަށް ޢިރުފާން ތަޤިއްޔު ދެކޭތީއެވެ. ޢިރުފާން ތަޤިއްޔުގެ ފަރާތުން ހުށަހަޅާފައިވާ ބަންދު މުރާޖަޢާ ފޯމާ ގުޅިގެން 03 އޮކްޓޫބަރު 2023 ދުވަހު ބޭއްވުނު ބަންދު މުރާޖަޢާ އަޑުއެހުމުގައި، ޢިރުފާން ތަޤިއްޔު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ބާޠިލުކޮށް، ޝަރުޠުކޮށް، ބަންދުން ދޫކޮށްލާފައިވެއެވެ.
6މި ނިންމުމަށް ވާސިލުވުމަށްޓަކައި ހެކި ވަޒަންކުރިގޮތް ސާފުވާން ނެތުމާއި، ހެކި ވަޒަންކުރި ގޮތް ރަނގަޅުނޫން ކަމަށް ބަޔާންކޮށް ދައުލަތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބެލީ އެ ކޯޓުގެ ނަންބަރު 2023/HC-B12/71 ގަޒިއްޔާ އިންނެވެ. އެގަޒިއްޔާގައި ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ސާފުނުވާތީ އެ ނިންމުން ބާތިލުކުރުމަށެވެ. އަދި އަލުން ޢިރްފާން ތަޤިއްޔު ބަންދުގައި ބެހެއްޓުމަށް އެދި ޕްރޮސިކިއުޝަނުން ހުށަހަޅައިފިނަމަ، ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ.
ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް އަލުން ހުށަހެޅުން
7ހަވާލާދިން ހައިކޯޓުގެ ހުކުމާ ހަވާލާދީ ޢިރުފާން ތަޤިއްޔުގެ ބަންދާމެދު ގޮތެއް ނިންމައިދިނުން އެދި ޕްރޮސިކިއުޝަނުން 07 ނޮވެންބަރު 2023 ގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން 23 ނޮވެންބަރު2023 ގައި ކްރިމިނަލް ކޯޓުން ނިންމީ،3 ޢިރުފާން ތަޤިއްޔު ބަންދުކުރަމުން ދިޔަ ހާލަތު ބަދަލުވެފައިވާކަމަށް ދެކޭތީ އާއި މައްސަލާގައި އެހާތަނަށް ނެގިފައިވާ ހެކިބަހުން މި މައްސަލައިގެ މައުލޫ މިހާތަނަށް ނިއުޅިފައިވާ މިންވަރުން ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުގައި މީނާގެ ބައިވެރިވުން އޮތް މިންވަރު ކުޑަކަމަށް ޤަބޫލުކުރެވޭތީ، ދައުލަތުން އެދިފައިވާ ފަދައިން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
8ކްރިމިނަލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީވެ، ކްރިމިނަލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ޕްރޮސިކިއުޝަނުން ހައިކޯޓުގައި ކުރި އިސްތިއުނާފުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަހުގެ ނިންމުމަށް ވާސިލުވުމުގައި "ހާލަތު ބަދަލުވެގެން ބަންދުން ދޫކޮށްލުމުގެ ޤާއިދާ" ގެ ދަށުން މުއްތަހަމު ބަންދުން ދޫކޮށްލެވިފައިވަނީ އެ ޤާއިދާ ތަޠްބީޤުކުރެވޭނެ ހާލަތު އުފަން ނުވަނީސް ކަމަށާއި، މި މައްސަލާގައި ހުރި އެހެނިހެން ހެކިތަކަށް ރިޢާޔަތްކުރެވިފައި ނުވާކަމަށާއި، ހެކި ވަޒަންކޮށްފައިވަނީ ގޯސްކޮށްކަމަށެވެ. މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023/HC-B12/80 ގަޒިއްޔާ އިންނެވެ. މި ގަޒިއްޔާގައި ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
9ސުޕްރީމް ކޯޓުގެ މި ގަޒިއްޔާއަކީ ހައިކޯޓުގެ 2023/HC-B12/80 ނަންބަރު ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާ މައްސަލައެވެ.
އިސްތިއުނާފީ ނުކުތާތައް
10ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
(ހ) ޢިރުފާން ތަޤިއްޔު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބަންދުގައި ބެހެއްޓި ހާލަތު ބަދަލުވެގެން ކަމަށް ހައިކޯޓުގެ 2023/HC-B12/80 ނަންބަރު ގަޒިއްޔާގައި ނިންމާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ4 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ5 13 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައި ދެކޭކަން.
(ށ) ޢިރްފާން ތަޤިއްޔު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށްވާތީ، އެ ނިންމުމުގެ ތެރެއަށް ހައިކޯޓުން ވަންނަންޖެހޭ ހާލަތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ދެކޭކަން.
ދެފަރާތުގެ ޖަދަލު
11ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ކުރިމަތިކުރި ފުރަތަމަ ޖަދަލަކީ ޢިރުފާން ތަޤިއްޔުގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުންނާއި އޭނާއަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ސަބަބުންކުރެ އެއް ސަބަބުކަމަށް ހިމެނޭ މުޖުތަމައުއަށް އޭނާގެ ފުށުން ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތުގައިވާ މީހެއް ކަމަށް ވާތީވެ، އޭނާގެ މައްޗަށް ކުރެވޭ ޝަރިއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ބުނެ ހުށަހެޅި ޖަދަލެވެ.
12ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ކުރިމަތިކުރި ދެވަނަ ޖަދަލަކީ ކްރިމިނަލް ކޯޓުން ޢިރުފާން ތަޤިއްޔުގެ ބަންދާ މެދު ގޮތެއް ނިންމުމުގައި، އޭނާގެ ބަންދުގެ ހާލަތު ބަދަލުވެފައި ނުވަނީސް، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ކުރިމަތިކުރި ޖަދަލެވެ. ބަންދުގައި ބެހެއްޓުމުގެ ހާލަތު ބަދަލުވެއްޖެ ކަމަށްބުނެ މައުލޫއީ މައްސަލައިގެ ޝަރިއަތަށް އެހާތަނަށް ހުށަހެޅިފައިވާ ހެކި ވަޒަންކޮށް ހެކިތަކުން ނެރުނު ދޭހަތަކަކީ ރަނގަޅު ދޭހަތަކެއް ނޫންކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ. އެގޮތުން މުހިންމު ވާގިއާތަކަށް ރިޢާޔަތްކުރެވިފައި ނުވާކަމަށާއި މުއްތަހަމް ކުށް ކޮށްފައިވާ ހާލަތާއި ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭތޯއާއި ކުށުގެ ޢަމަލު ހިންގުމުގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވެފައިވާ ގޮތް ވަޒަންކޮށް އެ ސަބަބުތައް ބަދަލުވެފައިވާ ކަމާމެދު ދައުލަތުންވެސް ދެބަސްވެފައިނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ހަގީގަތް ހައިކޯޓުން ބަލާފައި ނުވާކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. އެކަންކަމަށް ނުބަލައި ޢިރްފާން ތަޤިއްޔު ބަންދުން ދޫކޮށްލާފައިވަނީ ހާލަތު ބަދަލުވެގެންކަމަށާއި، އެކަމުގެ ސަބަބުތައްވެސް ބަޔާންކޮށްފައިވާކަމަށް ދެކި، މި މައްސަލައިގައި ޢިރުފާން ތަޤިއްޔު ބަންދުކުރަންޖެހޭ ޤާނޫނީ ހާލަތު އޮތްކަން އެނގޭނެ ހެކިތައް ވަޒަންނުކޮށް އިސްތިއުނާފު އޮޅިގަނޑުވެސް ގިރާނުވާކަމަށް ހައިކޯޓުން ނިންމުން ރަނގަޅު ނޫންކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.
13އިސްތިއުނާފު ރައްދުވާ ޢިރްފާން ތަޤިއްޔުގެ ފަރާތުން ކުރިމަތި ކުރި ފުރަތަމަ ޖަދަލަކީ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކީންގެ ހެކިބަހުގެ މައްޗަށް ބަލާއިރު، ނިއުޅެމުންދިޔަ މައްސަލައިގެ އެއްވެސް ވާޤިޢާއަކުން އިރުފާނު ތަޤިއްޔުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި އިރުފާނު ތަޤިއްޔުއާ ގުޅުވާލެވޭ އެއްވެސް ކަމެއް ފެންނާން ނެތް ކަމަށާއި ޢިރުފާން ތަޤިއްޔުގެ ބަލިހާލަތާއި، ކަންކަން ތަރުތީބު ވަމުންދިޔަ ގޮތަށާއި، މައްސަލަ ލަސްވަމުންދިޔަ ލަސްވުމުގެ މައްޗަށް އެތައް ޝަކުވާތަކެއް ކުރެވުނު ކަމަށާއި، އަދި ހެކީންގެ ހެކިބަސް ނަގާ ނިމުމަކާ ހަމައަށް ގޮސްފައި އޮތް ކަމަށާއި، ޢިރުފާން ތަޤިއްޔު ބަންދުން ދޫކޮށްލަން މައްސަލައިގެ ޝަރިއަތްކުރާ ފަނޑިޔާރު ނިންމާފައިވަނީ އެހާތަނަށް ޝަރިއަތަށް ހާޒިރުކުރެވުނު ހެކީންގެ ހެކިބަހުން ނެރެވުނު ނަތީޖާއަށް ބެލުމަށްފަހު ޝަރުޠުތަކެއް ކުރުމަށްފަހުގައި ކަމަށެވެ.
14ޢިރްފާން ތަޤިއްޔުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ޖަދަލުގައި ބުނެފައިވަނީ ބަންދުކުރި ހާލަތު ބަދަލު ވެއްޖެނަމަ މުއްތަހަމު ބަންދުން ދޫކުރުމުގެ އިޚްތިޔާރު މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށާއި، އިރުފާނު ތަޤިއްޔު ބަންދުން ދޫކުރުމަށް މައްސަލަބަލާ ފަނޑިޔާރު ނިންމާފައިވަނީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން ކަމަށާއި މައްސަލަބަލާ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވަނީ ގާނޫނާ ޚިލާފުގޮތަކަށްކަން ޕްރޮސިކިއުޝަނަށް ބުނެދެވިފައި ނެތް ކަމަށެވެ.
15މީގެ އިތުރުން ޢިރްފާން ތަޤިއްޔުގެ ފަރާތުން ބުނެފައިވަނީ އޭނާ ބަންދުން ދޫވިތާ އަހަރަކާ ގާތްވެފައިވާއިރު، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް އަދި ހެއްކަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުޅަ އެއްވެސް ކަމެއް އޮތްކަމަށް ދައުލަތުން ބުނެފައި ނެތް ކަމަށެވެ. އަދި ތަފާތު އެތައް ސަބަބުތަކާއެކު މައްސަލަ ލަސްވެ، މައްސަލަ ކުރިއަށް ނުދިއުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރި ކަމަށާއި، އަދި ގުޅިގެން އެންމެހައި ފަރާތްތަކުން ކުޅަ މަސައްކަތުން މައްސަލައިގައި ގިނަ ޢަދަދެއްގެ ހެކީންގެ ހެކިބަސް މިހާތަނަށް ނެގިފައިވާ ކަމަށެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން
16ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ހާލަތުންކުރެ ހާލަތެއް އޮތް ނަމަ، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ކުރެވޭ ތުހުމަތާގުޅިގެން އޭނާގެ މައްޗަށް ޝަރިއަތްކޮށް ޝަރިއަތުން ގޮތެއް ކަނޑައަޅަންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތަކީ:
(ހ) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
(ށ) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
(ނ) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
(ރ) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
17ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.
(ހ) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
(ށ) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
(ނ) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
(ރ) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
18މަތީގައި ބަޔާންކުރެވުނު 4 ހާލަތުގެ ތެރެއިން އެމީހަކީ އެ މީހެއްގެ ފުށުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ6 13 ވަނަ މާއްދާގެ (ނ) ގައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިކަން އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމަށްޓަކައި ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑާއި، ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތަކަށާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަން ނުވަތަ ނޫންކަމަށް ރިއާޔަތްކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް7 ގަޒިއްޔާގައިވެސް މުއްތަހަމްގެ ފުށުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި އެކަންކަމަށް ރިއާޔަތްކުރެވިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.8
ޝަރިއަތް ނިމެންދެން ބަންދުގައި ހުންނަ މީހާގެ ބަންދު މުރާޖައާކުރުން
19ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެ ކަމަށެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެ މާއްދާގެ (ފ) ގައި ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދުގެ އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތައް، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދުގެ އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތައް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައި ނެތެވެ.
20ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނޭސާ އާދަމް ނަސީރު9 ގަޒިއްޔާގެ ހުކުމުގެ 12 ވަނަ ޕެރެގްރާފުގައި ހައިކޯޓުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިބުނާ މިންގަނޑުގެ ތެރެއިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި އެމީހަކު އެކުށްކުރުމުގައި ބައިވެރިވެފައިވާ ގޮތާއި އަދާކޮށްފައިވާ ދައުރާއި އެމީހެއްގެ ކުށުގެ ރެކޯޑުފަދަ ކަންތައްތަކަށް ބެލުމަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅި އިސްތިގްރާރުވެފައިވާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި ކުށްކޮށްފައިވާ ހާލަތާއި ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭތޯއާއި އަދި ކުށުގެ އަމަލު ހިންގުމުގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވެފައިވާ ގޮތަކީ މައްސަލައިގެ ޝަރިއަތުގައި ހުށަހެޅޭ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަންކަން ކަމަށެވެ. އަދި މައްސަލައިގައި ޝަރިއަތަށް ހުށަހެޅޭ ހެކި ގަރީނާއަށް ބަލައިގެން ހާލަތަށް ބަދަލު އަތުވެދާނެ ގޮތުގެ މިސާލުތައް އެ ގަޒިއްޔާގައި ފަނޑިޔާރު ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން ބަންދު މުރާޖައާ ކުރުމުގައި ދައުވާލިބޭ މީހާގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި ޝަރިއަތުގެ ތެރޭގައި ދައުވާކުރާ ފަރާތުންނާއި ދައުވާލިބޭ ފަރާތުން ހުށަހަޅާ ހެކިތަކުން ނިއުޅުވި ހާމަވާ ކަންކަމުން އަންނަ ބަދަލަށް ބަންދު މުރާޖައާކުރާ ފަނޑިޔާރު ރިއާޔަތް ކުރުންވާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެއެވެ. އަދި އެގޮތުން އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށްވެސް ހައިކޯޓުގެ އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ10 ޤަޟިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުނޭސާ އާދަމް ނަސީރުގެ މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރުގެ އެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ޕްރޮސިކިއުޝަނުން ބުނެދީފައި ނުވާ ކަމަށް ހައިކޯޓުގެ އެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.
އިސްތިއުނާފީ ނުކުތާތަކާބެހޭ
21މަތީގައި ބަޔާންކުރި ފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ކުރިމަތިކުރި އެއް ޖަދަލަކީ ޢިރުފާން ތަޤިއްޔުގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުންނާއި އޭނާއަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ސަބަބުންކުރެ އެއް ސަބަބުކަމަށް ހިމެނޭ މުޖުތަމައުއަށް އޭނާގެ ފުށުން ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތުގައިވާ މީހެއް ކަމަށް ވާތީވެ، އޭނާގެ މައްޗަށް ކުރެވޭ ޝަރިއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ބުނެ ހުށަހެޅި ޖަދަލެވެ.
22ޕްރިސިޑެންސް 1ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތް ބަނދުގައި ބެހެއްޓުމާބެހޭ ގޮތުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ތަތުބީގުކުރާނެ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް11 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. އެ މައްސަލައިގާ ބަޔާންކޮށްފައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭމީހާ ބަންދުކުރުމަށް ފަނޑިޔާރު ބަލަންޖެހޭ ހެކީގެ މިންގަނޑަކީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ އެ މިންވަރަށް ހެކި ނެތް ތޯއެވެ. އެ މިންވަރަށް ހެކި ހުރެފައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ހާލަތުންކުރެ ހާލަތެއް ވުޖޫދުގައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެ ނަމަ، އެ މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. އަހުރެން ދެކޭގޮތުގައި ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިފައިވާ މީހާގެ ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާ ކުރުމުގައިވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް12 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކެވެ. އޭގެ މާނައަކީ ފަނޑިޔާރު ބަންދު މުރާޖައާ ކުރުމުގައިވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ 4 ހާލަތުންކުރެ ހާލަތެއް އޮތްތޯ ނުވަތަ ނެތް ތޯއެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަން ޕްރޮސިކިއުޝަނުން ދައްކައިދޭންވާނީ އެފަދަ ހާލަތެއް ވުޖޫދުވެ އޮތްކަމަށް ފަނޑިޔާރަށް އިގްތިނާއުވެވޭ މިންވަރަށެވެ.
23މި މައްސލައިގައި ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު ޢިރުފާން ތަޤިއްޔުގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށެވެ. އަދި މި މައްސަލާގައި ޢިރުފާން ތަޤިއްޔުގެ މައްޗަށް ތުހުމަތުކުރެވެނީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް ކަމަށާއި، މި މައްސަލާގައި ޢިރުފާން ތަޤިއްޔުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާއިރު، މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް ވާތީ، ބަންދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް (ތުހުމަތުކުރެވޭ މިންވަރަށް) މި މައްސަލާގައި ހެކި ހުރިކަން އެނގޭ ކަމަށެވެ. ހެކީގެ މިންވަރު ހާސިލުވުމުގެ އިތުރަށް، ޕްރޮސިކިއުޝަނުން ބުނެފައިވަނީ އޭނާއަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ސަބަބުންކުރެ އެއް ސަބަބުކަމަށް ހިމެނޭ މުޖުތަމައުއަށް އޭނާގެ ފުށުން ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތުގައިވާ މީހެއް ކަމަށެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ13 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެމީހަކީ އެ މީހެއްގެ ފުށުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑާއި، ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތަކަށާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަން ނުވަތަ ނޫންކަމަށް ރިއާޔަތްކުރެވިގެން ކަމަށެވެ.
24ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ14 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ޢިރުފާން ތަޤިއްޔުގެ ކުށުގެ ރެކޯޑަށް ބަލާއިރު، ޢިރްފާން ތަޤިއްޔުއަކީ ކުށުގެ ވެށީގައި ހަރަކާތްތެރިވާ މީހެއްކަން އެނގެއެވެ. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އޮޕަރޭޝަނެއް ހިނގާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ކުރި މަސައްކަތާއި އެއްކުރި މައުލޫމާތުން އެފަދަ އޮޕްރޭޝަނެއް ހިނގިކަމާއި އެ ކުށުގައި ޢިރްފާން ތަޤިއްޔު ހަރަކާތްތެރިވެފައިވާކަން މައްސަލައިގައި ބަންދުކުރިއިރު ކޯޓަށް ހުށަހެޅިފައިވާ މައުލޫމާތުން އިގްތިނާއުވެވެއެވެ.
25މިހާ ހިސާބުން އުފެދޭ ސުވާލަކީ، ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖައާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއާއި، މި ގޮތުން ބަންދުގެ މުއްދަތު މުރާޖައާ ކުރާއިރު، އެ މީހަކީ އެ މީހެއްގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް އަދިވެސް އޮތް މީހެއްތޯ ބެލުމުގައި، ޝަރިއަތުގައި ހިނގާ އަސްލު މައްސަލައިގައި ހުށަހެޅެމުންދާ ހެކި ތަކުގެ ސަބަބުން ނިއުޅި ހާމަވަމުންދާ ހަގީގަތްތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިއާޔަތްކުރަންވާނެތޯއެވެ.
26ޕްރިސިޑެންސް 2ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖައާ ކުރުމުގެ ބޭނުމަކީ ކޮބައިތޯ ބެލުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި 4 ވަނަ އިސްލާޙުގެ ބިލުން އެ ގާނޫނުގެ 60 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް (އެ އަކުރަކީ އެ މާއްދާގެ ވ) ކަނޑައެޅިފައިވާ މުއްދަތުތަކަކުން މުރާޖައާކުރަން ހުށަހެޅުނު ސަބަބެއް ކަމަށް އެ ބިލާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކުން ފެންނަން އޮތީ، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ މީހުންގެ މައްސަލަތައް ނުނިމި ތިބުމާއި، އެ މީހުންގެ ޝަރިއަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ނުގެންދެވި، ދިގުމުއްދަތުތަކަކަށް ބަންދުގައި ތިބެންޖެހުމެވެ. މިއިން އެއްވެސް ބަހުސެއްގައި މުޖުތަމައުގެ ސަލާމަތާ ނުރައްކަލެއް އޮވެގެން ބަންދުގައި ބައިތިއްބާފައި ތިބި މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށް ލުމަކީ ބަންދު މުރާޖައާކުރުމުގެ މަގްސަދުކަމަށް ވާހަކަދެކެވިފައި ނެތެވެ. އެހެންކަމުން، ޝަރިއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަކަށް އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުނުކުރާނެ ގޮތަކަށް މި ދެފަރާތުގެ ހައްގުތައް ކޮންމެ މައްސަލައެއްގައިމެ މީޒާންކޮށް ހަމަކުރަންޖެހެއެވެ. ފަނޑިޔާރުން އެކަން ކުރާންވާނީ ކޮންމެ މައްސަލައެއްމެ އެ މައްސަލައިގެ ވަށައިގެންވާ ހާލަތްތަކާއި ހަގީގަތުގެ މައްޗަށް ބިނާކޮށްގެންނެވެ.
27ޕްރިސިޑެންސް 3ބަންދު މުރާޖައާކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށްވާއިރު، ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލެވެ. ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. މިހާރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން، ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރިއަތުގެ މަރުހަލާ އަވަސް ކުރުމެވެ. ޝަރިއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރިއަތްކުރާނޭ އެކަން ކުރުމަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައި ދިނުމެވެ. އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރިއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭމީހުންގެ އަދަދު މަދުކުރަން އުއުމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެކެވެ.
28ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުރާޖައާކުރަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް15 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައެވެ. އެ ތަރަހައިގެ ބޭރުން އޭނާގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރިއަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާކަންކަމަށް ރިއާޔަތްކޮށްގެން ނުވާނެއެވެ. އެގޮތަށް އެކަމަށް ރިއާޔަތްކުރެވި މުއްތަހަމް ބަންދުން ދޫކޮށްލާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރިއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާމެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، ޝަރިއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހުކުމް އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރިއަތުގައި އޮންނަ މައްސަލައަށް އަސަރުކުރެއެވެ. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. ޝަރިއަތް ކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ހުރިން އެ ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެއެވެ. ބަންދުމުރާޖައާ ކުރުމުގެ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާގެ 19 ގައި ބުނެފައިވަނީ "ޢިރުފާން ތަޤިއްޔު ބަންދުކުރަމުން ދިޔަ ހާލަތު ބަދަލުވެފައިވާކަމަށާއި، މި މައްސަލާގައި މިހާތަނަށް ނެގިފައިވާ ހެކިބަހުން މި މައްސަލައިގެ މައުލޫ މިހާތަނަށް ނިއުޅިފައިވާ މިންވަރުން ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުގައި ޢިރުފާން ތަޤިއްޔުގެ ގެ ބައިވެރިވުން އޮތް މިންވަރު ކުޑަކަމަށް ޤަބޫލުކުރެވޭތީ، ދައުލަތުން އެދިފައިވާ ފަދައިން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެވެން ނެތްކަމަށް" - މިގޮތަށެވެ. މިހެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފުގައި، ޢިރްފާން ތަޤިއްޔުގެ މައްޗަށް ކުރެވޭ ޝަރިއަތަށް އެފަރާތުން ހުށަހަޅާފައިވާ ވަކިވަކި ހެކިތަކަށް ހަވާލާދީ މައުލޫއީ މައްސަލައިގެ ހެކިތަކާބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފާހަގަކުރި ނުކުތާ ނަފީކޮށް ޕްރޮސިކިއުޝަނުން ޝަރިއަތަށް ހުށަހަޅާފައިވާ ހެކިތަކުގެ ވަރުގަދަކަން އިސްތިއުނާފީ ކޯޓުގައި ހާމަކޮށް އެހެކިތަކާބެހޭ ގޮތުން އިސްތިއުނާފީ ކޯޓުތަކުގައި ބަހުސް ކުރުމެވެ. މިގޮތަށް މިކަން ކޮށް އެ ހެކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެހެހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތް ކެނޑި، މުޅި ޝަރިއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރުވާނެއެވެ.
29ޕްރިސިޑެންސް 6މަތީގައި މި ބަޔާންކުރި ސަބަބަށްޓަކައި ބަންދު މުރާޖައާކުރުމުގައި އަސްލު މައްސަލައިގެ ޝަރިއަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތްކޮށްގެން ނުވާނެއެވެ. ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯއެވެ. އެކަންކުރާނީ އެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީހޯދި ވަސީލްތަކުގެ ބޭނުންކޮށްގެންނެވެ. ފުރަތަމަ ބަންދުގެ އަމުރު ދީފައިވަނީ ހެއްކަށް ނުފޫޒުފޯރުވާފާނެ ނުވަތަ ހެކި ނައްތާލުމުގެ ބިރު އޮތުމުން ކަމަށް ވާނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެއެވެ. ފުރަތަމަ ބަންދުގެ އަމުރު ދީފައިވަނީ މުއްތަހަމު ފިލާފާނެ ކަމަށް ބެލެވިގެން ކަމަށްވާ ނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެއެވެ. ފުރަތަމަ ބަންދުގެ އަމުރު ދީފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެއެވެ. ފުރަތަމަ ބަންދުގެ އަމުރު ދީފައިވަނީ އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިގެން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެއެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ އެހެން ސަބަބެއް ނެތް ހާލަތެއްގައި، ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެކަށީގެންވާ އަދަދެއްގެ ފައިސާ ކޯޓުގައި ޑިޕޮޒިޓްކުރުމުންވެސް އެމީހަކު ޝަރުތުތަކާއެކު ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
ނިންމަން ފެންނަ ގޮތް
30މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޢިރުފާން ތަޤިއްޔު ބަންދުން ދޫކޮށްފައިވަނީ ރަނގަޅު ނޫން އުސޫލުތަކަކަށް ބިނާކޮށް ދަށުކޯޓުގައި އޭނާގެ މައްޗަށް ހިނގަމުންދާ ޝަރިއަތުގެ ނަޒާހަތްތެރިކަން ގެއްލޭނެ މޭރުމަކުން، އަސްލު މައްސަލައިގެ ހުކުމްކުރުމުގައި ނުވަތަ އެ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާބެހޭ ގޮތުން ފަނޑިޔާރުގެ ވިސްނުން ހުރިގޮތް ދުރާލައި ހާމަވާނެ އުސޫލަކުން ކަމަށްވާތީވެ، ޢިރުފާން ތަޤިއްޔު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ.
31އަދި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން މި ކަނޑައަޅާ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން ޢިރްފާން ތަޤިއްޔުއަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރިއަތް ނިމެންދެން ބަނދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ކަނޑައަޅަންދެން، ޢިރްފާން ތަޤިއްޔު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
32މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
33މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން:
(1) ޢިރުފާން ތަޤިއްޔު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު މުޙައްމަދު އިބްރާހީމް (ރިޔާސަތު) (2) އަދި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން މި ކަނޑައަޅާ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން ޢިރްފާން ތަޤިއްޔުއަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރިއަތް ނިމެންދެން ބަނދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ކަނޑައަޅަންދެން، ޢިރްފާން ތަޤިއްޔު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކޮށްފީމެވެ.
1 ކްރިމިނަލް ކޯޓުގެ ނަންބަރު 770/Cr-C/2022
2 ޤާނޫނު ނަންބަރު 12/2016
3 ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/BFN/2023/01 "ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުނު ފޯމާ ގުޅޭގޮތުން ނިންމިގޮތް"
4 ޤާނޫނު ނަންބަރު 12/2016
5 ގަވާއިދު ނަންބަރު 2021-SC-REG-01
6 ޤަވާއިދު ނަންބަރު 201-SC-REG-01
7 ގަޒިއްޔާ ނަންބަރ 2020/SC-A/93
8 މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ގަޒިއްޔާގައި މި މައުލޫގެ މައްޗަށް ގޮތް ކަނޑައެޅިފައިވޭ.
11 ނަންބަރ 2020/SC-A/93
12 ގަޒިއްޔާ ނަންބަރ 2020/SC-A/93
13 ޤަވާއިދު ނަންބަރު 201-SC-REG-01
14 ޤަވާއިދު ނަންބަރު 201-SC-REG-01
15 ނަންބަރ 2020/SC-A/93
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، (ވ) އަދި (ފ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2022/HC-B12/97 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނޭސާ އާދަމް ނަސީރު)
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 24 ޑިސެމްބަރު 2023 · ރަޖިސްޓްރީކުރީ 26 ފެބުރުއަރީ 2024 · ނިމުނީ 21 މާރިޗު 2024 (24 ދުވަސް)