ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/93
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އަފްރާޙް، 2022/HC-B12/93
Prosecutor General v. Ahmed Afraah 2022/HC-B12/93 (2022/HC-B12/93, High Court of the Maldives, 18 September 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އަފްރާޙް
މައްސަލައިގެ ޚުލާޞާ
ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން "އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ" ކަމަށް ބުނެ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވި، ކައިރީ މެޖިސްޓްރޭޓް ކޯޓުތަކުން ގިނަ ފަހަރު ބަންދު އިތުރުކުރެވިފައިވާ ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޕީ.ޖީއިން އެދުނެވެ.
ޕީ.ޖީ ބުނީ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 49 އަދި 143 ވަނަ މާއްދާއާ ޚިލާފު އަމުރެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ދައުލަތުން ބަންދުކުރަން ޖެހޭ ސަބަބާއި ހެކި ބަންދުގެ މަޖިލީހަށް ބުނެދީފައި ނުވާކަމަށާއި، އޭނާއަކީ މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ މީހެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ކުރިން ފަސް ފަހަރު ބަންދު އިތުރުކޮށްފައިވާ ތުހުމަތުކުރެވޭ ފަރާތް "އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނާތީ" ކަމަށް ބުނެ ޝަރުޠުތަކާއެކު ދޫކޮށްލި ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ޕީ.ޖީގެ އިސްތިއުނާފު ބަލައިގަނެ، ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ދަށުކޯޓުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ފޮނުވި
ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއި، ކުރީގެ ތުހުމަތުތަކުގެ ރެކޯޑާއި ތުހުމަތުކުރެވޭ ޢަމަލުތަކުގެ ބާވަތަށް ބަލާއިރު ދޫކޮށްލުމަކީ މުޖުތަމަޢަށް ނުރައްކާތެރި ކަމެއްކަމަށް ބެލެވުމާއި، ކުރީގެ ބަންދު އަމުރުތަކުގެ ސަބަބުތައް ބަދަލުވި ގޮތެއް ދޫކޮށްލި އަމުރުގައި ނުބުނުން.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1)، (4) އަދި (5) ގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްތޯ ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ތުހުމަތުކުރެވޭ ފަރާތަށް ކުރިން ކުރެވިފައިވާ ތުހުމަތުތަކުގެ ރެކޯޑާއި، ތުހުމަތުކުރެވޭ ޢަމަލުތަކުގެ ބާވަތަކީ، އޭނާ ދޫކޮށްލުމުން މުޖުތަމަޢުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކަލާ ގުޅުވާލެވޭ ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ތުހުމަތުކުރެވޭ ފަރާތަކީ މުޖުތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރާ މީހެއްކަމަށް ބުނުމަށް، ތުހުމަތުކުރެވޭ ކަންކަމުން މުޖުތަމަޢަށް ކުރިމަތިވާ ނުރައްކަލާ އަޅާބަލާއިރު ބޮޑު ބުރަދަނެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ކުރިން ބަންދު އިތުރުކުރި އަމުރުތަކުގައި ތަފްޞީލުކޮށްފައިވާ ސަބަބުތައް ހުރިއިރު ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލާނަމަ، އެ ޙާލަތު ބަދަލުވި ސަބަބު ނުވަތަ ތަޙުޤީޤުގެ މަރުޙަލާގައި އެއާ ޚިލާފު ކަމެއް ފާޅުވިކަން، އިޖުމާލީ ގޮތަކުން ނަމަވެސް، އަމުރުގައި ބުނެދޭންވާނެއެވެ. އެ ސަބަބެއް ނުބުނެ ދޫކޮށްލާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15–16، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ތާއީދީ ރައުޔު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) ގެ (1)، (4) އަދި (5)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2022/HC-B12/64 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ރައްޒާން) (އިސްތިއުނާފު ރައްދުވި ފަރާތުން ހަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް