ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-S-A/04
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްފައްތާހު، 2018/HC-S-A/04
Prosecutor General v. Abdhulfathaahu 2018/HC-S-A/04 (2018/HC-S-A/04, High Court of the Maldives, 10 September 2018)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްފައްތާހު
މައްސަލައިގެ ޚުލާޞާ
މަޑަވެލި މެޖިސްޓްރޭޓް ކޯޓުން އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމަށް ކަނޑައަޅައި، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 100 އެތިފަހަރުން ޙައްދު ޖަހައި 1 އަހަރު ގޭބަންދަށް ޙުކުމްކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް އަންހެނަކާއެކު ޒިނޭކުރިކަމަށާއި، އެ އަންހެނާ ވިހި ކުއްޖާއަކީ އޭގެ ސަބަބުން ލިބުނު ކުއްޖެއްކަމަށް އިޢުތިރާފުވިއެވެ.
ސުޕްރީމް ކޯޓުގެ ސަރކިއުލަރގެ ދަށުން ޕީޖީން އެދުނީ އިޢުތިރާފުގެ ޞައްޙަކަމާއި، ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުއަސާސީގެ ޙައްޤުތައް ލިބިދީފައިވާކަމާއި، ޙައްދު ޖެހުން މަނާކުރާ ސަބަބެއް ނެތްކަން ކަށަވަރުކޮށްދިނުމަށެވެ.
މައިގަނޑު ސުވާލު
ޙައްދު ޖެހުމަށް ކުރި ޙުކުމެއް ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ހައިކޯޓަށް ފޮނުވުނު މައްސަލައެއްގައި، ތުހުމަތުކުރެވޭ ފަރާތް ވި އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްތޯއާއި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ލިބިދީފައިވޭތޯއާއި، ޙައްދު ޤާއިމުކުރުން މަނާކުރާ ސަބަބެއް ވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޤާއިމް (ޙުކުމް ޞައްޙަކަމަށް ކަނޑައެޅި)
ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދީފައިވާތީ ޤާނޫނުއަސާސީގެ ޙައްޤުތައް ލިބިދީފައިވެއެވެ. އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި، ހަމަބުއްދީގައި، ބާލިޣުވެ ވި އިޢުތިރާފެއްކަމާއި އެއިން ރުޖޫޢަވެފައިނުވާތީ ޙުކުމް ޤާއިމުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން ލަސްނުކޮށް އަންގަންވާނެއެވެ. އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ދިނުމާއި، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ޒިނޭގެ ކުށަކީ އިސްލާމީ ޝަރީޢަތުގެ ޙައްދު ކަނޑައެޅިފައިވާ ކުށެކެވެ. ޒިނޭ ކުރިކަން ދެގޮތަކުން ޝަރީޢަތަށް ސާބިތުކުރެވެއެވެ. އެއީ، ޒިން ކުރި މީހާގެ އިޢުތިރާފުންނާއި، މަދުވެގެން 4 (ހަތަރެއް) ފިރިހެނުންގެ ހެކިބަހުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޒިނޭކުރި މީހާގެ އިޢުތިރާފު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި އިޢުތިރާފުވާ މީހާގެ ބުއްދި ސަލާމަތުން ހުރުމާއި އެކު ބާލިޣުވެފައިވުމާއި، އެ އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައިވެފައިވާ އިޢުތިރާފެއްކަމުގައިވުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފުން ރުޖޫޢުވެއްޖެނަމަ ޒިނޭގެ ޙައްދު ޤާއިމުކުރުމުން ދުރުހެލިވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޖިނާއީ އިޢުތިރާފަކީ އެއިޢުތިރާފުން ރުޖޫޢަވެވޭނެ އިޢުތިރާފެކެވެ. ޖިނާއީ އިޢުތިރާފަކީ ޖިނާއީ ދަޢުވާ ސާބިތުކުރެވޭ ދަލީލުތަކުގެ ތެރެއިން، މައްސަލަ ބަލާ ފަނޑިޔާރުގެ އިޤްތިނާޢުގެ މައްޗަށް ބިނާކޮށް ޤާއިމުވެވޭ ދަލީލެކެވެ. މުއްތަހަމު އޭނާވެފައިވާ އިޢުތިރާފުން ރުޖޫޢަވުމާއި، އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްޔީމު ކުރުމަކީ މައްސަލަބަލާ ފަނޑިޔާރަކަށް ލިބިގެންވާ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފަކީ، އެއިޢުތިރާފުގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ޙުކުމް ތަންފީޛު ކޮށް ނިމުމުގެ ކުރިން ރުޖޫޢަވުން ހުއްދަ އިޢުތިރާފެކެވެ. އަދި ޢަމަލު ކުރާ ގޮތަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ބުނާ ބަހަކުން އެއިޢުތިރާފުން ރުޖޫޢަވެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ބ) އަދި (ޅ) (ޕީޑީއެފުގައި '16' ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) އަދި (ށ) (ޕީޑީއެފުގެ ނަންބަރު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC ސަރކިއުލަރ
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް