ސައިޓޭޝަން ކޮޕީ ކުރުމަށް
2019/SC-A/77
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙުމަދު މުޚުތާރު، 2019/SC-A/77
2019/SC-A/77 (2019/SC-A/77, Supreme Court of the Maldives, 9 March 2020)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙުމަދު މުޚުތާރު
މައްސަލައިގެ ޚުލާޞާ
މައިގަނޑު ސުވާލު
ނިންމި ގޮތް
ކަނޑައެޅުނު އުޞޫލު
1. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އަޙްމަދު މުޚްތާރު އޭނާގެ ދޮންދަރިއަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[1] ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް އަޙްމަދު މުޚްތާރު ޖަލަށްލުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 117/O6C/2016 ގަޒިއްޔާއިން ހުކުމްކޮށްފައި ވެއެވެ.
2. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 117/O6C/2016 ގަޒިއްޔާއިން ލ. ގަން-ތުނޑި، ނެލިވަރު އަޙްމަދު މުޚްތާރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަކީ ޝަރުޢީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފު ހުކުމެއް ކަމަށް ބުނެ އެ ހުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައިވެއެވެ.
3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ނޫންކަމަށް ބަޔާންކޮށް، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވެއެވެ.
4. މިއީ، މި ބަޔާންކުރެވުނު އިސްތިއުނާފުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލުމަށްފަހު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
5. އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި މައްސަލައިގައި މައުޟޫޢީ ގޮތުން ޖަވާބު ދިނުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތުން އިޖުރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މި އިޖުރާއީ އިއުތިރާޒުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅުމުގެ ބާރަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ވ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއް ކަމަށްވާތީ، އަދި ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ކަމުގައިވާތީ، އިސްތިއުނާފީ މި މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަމުގައި ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
6. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މި އިޖުރާއީ އިއުތިރާޒަށް ބަލާއިރު، ދައުލަތުގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ދައުވާކުރާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަން ގާނޫނުއަސާސީގެ 223 ވަނަ މާއްދާއިން އެނގެން އޮވެފައި، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 117/O6C/2016 ގަޒިއްޔާގައި ހުށަހެޅުނު ދައުވާއަކީ ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ ދައުވާއެއްކަން ލިޔެކިޔުންތަކުން އެނގެއެވެ. އަދި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 117/O6C/2016 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހިންގި ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި ދިވެހި ދައުލަތް ތަމްސީލު ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާފައިވާ ފަރާތުންކަން އެ ގަޒިއްޔާގެ ލިޔެކިޔުންތަކުން އެނގެއެވެ.
7. ދައުވާ ކޯޓަށް ހުށަހަޅާ ފަރާތުގެ ހައިސިއްޔަތާމެދު ނުވަތަ އެފަރާތުގެ އިހްތިޞާޞްގެ މައްޗަށް އިއުތިރާޒުކުރާނަމަ އެފަދަ އިއުތިރާޒެއް ހުށަހަޅަންވާނީ އެ މައްސަލައެއް ފުރަތަމަ މަރުހަލާގައި ބަލާ ކޯޓަށެވެ. އެހެންކަމުން، މިއީ އިސްތިއުނާފުގެ މި މަރުހަލާގައި ބެލޭނެ އިޖުރާއީ ނުކުތާއެއް ކަމަށް ނުވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މި ނުކުތާ މި މަރުހަލާގައި ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.
8. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލުނު ދައުވާއަކީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، 2013 ޖޫން 16 ވަނަ ދުވަހުގެ 16:30 އެހާއިރު، އޭނާގެ 11 އަހަރުގެ ދޮންދަރިއަކާމެދު (މީގެ ފަހުން "ޝަކުވާކުރި ކުޑަކުއްޖާ") "ޖިންސީ އަމަލެއް" ހިންގުމުގެ ކުށުގެ ދައުވާއެވެ.
9. ދައުވާގައި ބަޔާންކޮށްފައިވާ ހާދިސާ ހިނގިއިރު، ޝަކުވާކުރި ކުޑަކުއްޖާގެ މަންމައާ އިސްތިއުނާފު ރައްދުވާ ފަރާތް ކާވެނިކޮށްގެން އެކުގައި އުޅޭތާ ނުވަ އަހަރު ވެފައިވެއެވެ. ޝަކުވާކުރި ކުޑަކުއްޖާގެ މަންމައާ އިސްތިއުނާފު ރައްދުވާ ފަރާތް ކާވެނިކުރި އިރު، ޝަކުވާކުރި ކުޑަކުއްޖާގެ މަންމަގެ ދެ ކުދިން ތިއްބެވެ. މި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއަކީ ޝަކުވާކުރި ކުޑަކުއްޖާއެވެ. އިސްތިއުނާފު ރައްދުވާ ފަރާތާއި ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ކާވެނިކޮށްގެން އެ ކާވެންޏަށްވެސް އަންހެން ކުއްޖަކު ލިބިފައިވެއެވެ. ހާދިސާ ހިނގިއިރު އެ ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ.
10. މި އާއިލާ ދިރިއުޅެމުންދިޔަ ގޭގައި ހުންނަނީ ތިން ކޮޓަރިއެވެ. އެތަނުން އެއްކޮޓަރީގައި ނިދަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި ކުދިންގެ މަންމައެވެ. ތިން ކުދިން ނިދަނީ އެހެން ވަކި ކޮޓަރިއެއްގައެވެ.
11. 2013 ޖޫން 16 ވަނަ ދުވަހުގެ ގާތްގަނޑަކަށް 16:00 ހާއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ މަންމަ (ކުދިންގެ މާމަ) ދިރިއުޅޭ ގެއަށް، ތިން ކުދިން ގޮވައިގެން ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ދިޔައެވެ.
12. ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ އެގެއަށް ގޮސް ކުޑަ އިރުކޮޅެއްވީ ފަހުން، ޝަކުވާކުރި ކުޑަކުއްޖާގެ ގާތުގައި ގެއަށް ފޮތްކިޔަން ދިއުމަށް އެ ކުއްޖާގެ މަންމަ ބުނުމުން ޝަކުވާކުރި ކުޑަކުއްޖާ އެކަނި ގެއަށް ދިޔައެވެ.
13. ޝަކުވާކުރި ކުޑަކުއްޖާ ގެއަށް ދިޔަތާ 10 ވަރަކަށް މިނިޓު ފަހުން، ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށް އައިއިރު، ގެއަށް ވަދެވެންހުރި ދެ ދޮރު ހުރީ ތަޅުލާފައެވެ. ކުއްޖާގެ މަންމަ ކޮޓަރީގެ ކުޑަދޮރުގައި ޓަކިޖަހައި އެކުއްޖާއަށް ގޮވައި ހެދުމުން ޚަބަރެއްނުވުމުން، ގޭގެ ބިއްދޮށުގައިވާ ދޮރުން ކުއްޖާގެ މަންމަ ވަންނަން ދިޔައިރު، ކުއްޖާގެ މަންމަ އާއި އިސްތިއުނާފު ރައްދުވާ ފަރާތް ނިދާ ކޮޓަރިން، ޝަކުވާކުރި ކުޑަކުއްޖާ ނުކުމެގެން ގޮސް ކޮޓަރިއަށް ވަދެ، ކޮޓަރީގެ ކުޑަދޮރު ހުޅުވައި ބެލިއިރު ކުއްޖާގެ މަންމަ ބޭރުން ފެންނަން ހުރުމުން، ޝަކުވާކުރި ކުޑަކުއްޖާ ގޭގެ ބިއްދޮށު ދޮރު ހުޅުވާފައި އެ ކުއްޖާ ނިކުތެވެ. އޭރު ޝަކުވާކުރި ކުޑަކުއްޖާ ހުރީ ވަރަށް ހާސްވެ ރޮވިފައެވެ.
14. ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ އެ ކުއްޖާގެ ގާތުގައި ކިހިނެތްވީހޭ އެހުމުން ބައްޕަ ބެހުނީއޭ ބުނެ ރޯން ފެށިއެވެ.
15. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލިފައިވާ ދައުވާ ބިނާވެފައިވާ މައިގަނޑު އަސާސް އަކީ ޝަކުވާކުރި 11 އަހަރުގެ ކުޑަކުއްޖާގެ ހެކި ބަހެވެ.
16. އަނިޔާލިބުނު ކުޑަކުއްޖާ ހެކިބަސް ދީފައިވަނީ އަންނަނިވި ގޮތަށެވެ.
"ތުނޑި، ނެލިވަރު އަޙްމަދު މުޚްތާރަކީ އަޅުގަނޑުގެ ދޮންބައްޕައެވެ. ތުނޑި، ނެލިވަރު / ލ. ގަން އަކީ އަޅުގަނޑުމެން މިހާރު ދިރިއުޅެމުންދާ ގެއެވެ. 2013 ޖޫން 16 ވަނަ ދުވަހު ހަވީރު އަޅުގަނޑުގެ މަންމައާ އެކު އަޅުގަނޑުގެ ބައްޕަގެ މަންމަގެ ގެއަށް (ދޮންބައްޕަގެ މަންމަގެ ގެއަށް) ދިޔައީމެވެ. އަޅުގަނޑު މަންމައާއެކު އެގެ އަށް ގޮސް އިންދާ އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ގާތުގައި ފޮތް ކިޔަން ގެއަށް ދިއުމަށް ބުނުމުން އަޅުގަނޑު އެކަނި ގެއަށް ދިޔައީމެވެ. އެ ދުވަހު ގާތްގަނޑަކަށް 16:30 ހާއިރު އަޅުގަނޑު ގެއަށް ގޮސް ގޭތެރެއަށް ވަދެ ފޮތް ކިޔަން އުޅެފައި އަޅުގަނޑުގެ ބައްޕަ އާއި މަންމަ ނިދާ ކޮޓަރިއަށް ފޮތެއް ބަލައި ވަނީމެވެ. އަޅުގަނޑު ކިޔަވަން ގެންދާ ފޮތްތައް ހުންނަނީ މަންމަ ނިދާ ކޮޓަރީގައެވެ. އަދި އެވަގުތު ބައްޕަ ކޮޓަރި ތެރޭގައި ހުރި އެނދެއްގައި ނިދާފައި އޮތެވެ. އެއިރު ގޭގައި އަޅުގަނޑާއި ބައްޕަ ފިޔަވައި އިތުރު މީހަކު ނޫޅެއެވެ. އަޅުގަނޑު އެކޮޓަރިއަށް ވަދެ އަލަމާރި ކައިރީގައި ހުއްޓާ ބައްޕަ އޮށޯވެގެން އޮތް އެނދުން ތެދުވެ އަޅުގަނޑުގެ ފުރަގަހުން އަޅުގަނޑުގެ ގައިގާ ބައްދަން ފެށިއެވެ. އޭރު ބައްޕަ ލައިގެންހުރީ ޖިންސް ސޯޓު ބުރިއެކެވެ. ބައްޕަ އާއި މަންމައާ ދެމީހުން ނިދާ ކޮޓަރީގެ ދޮރުގެ ތަޅަކީ ވަރަށް ފަސޭހައިން ފާރުގައި ޖެހޭއިރަށް ތަޅުލެވޭ ދޮރެކެވެ. އަޅުގަނޑު ކޮޓަރިއަށް ވަދެ ކޮޓަރީގެ ދޮރު ލެއްޕިއިރު އެ ދޮރު ހުރީ ތަޅުލެވިފައި ކަމެއް ނުވަތަ ނޫން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަދި އަޅުގަނޑުގެ މަންމަގެ ފަރާތުން އެނގުނު ގޮތުގައި މިހާރަކަށް އައިސް ބައްޕަ އުޅެނީ ވަރަށް ގޯސްކޮށް ކަމަށާއި، ބައްޕަ މިހާރު އުޅެނީ ބޮއެގެން (ކޮންއެއްޗެއް ކަމެއް ނޭނގޭ) ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޮޓަރި ތެރޭގައި ބައްޕަ އަޅުގަނޑުގެ ގައިގާ ބެއްދިއިރު ބައްޕަހުރީ ހަމަހޭގައި ނޫންކަން އަޅުގަނޑަށް އެނގުނެވެ. އެއީ ބައްޕަގެ ލޯ ހުރީ ކުޑަވެ ރުޅިގަދަވެފައި ހުރުމުގެ ސަބަބުންނެވެ. ބައްޕަ އަޅުގަނޑުގެ ގައިގާ ބައްދަން ފެށުމުން އަޅުގަނޑު ހަޅޭއްލަވަން ފެށީމެވެ. އަޅުގަނޑު ހަޅޭއްލަވަން ފެށުމުން އަޅުގަނޑުގެ އަނގަމަތީގައި ދޮންބައްޕަގެ އަތް އަޅަން މަސައްކަތް ކުރަނިކޮށް ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދޮރުގައި މީހަކު ޓަކިޖަހަން ފެށުމުން އަޅުގަނޑުގެ ގައިން ބައްޕަ ދޫކޮށްލުމަށްފަހު އަޅުގަނޑާއި ދުރަށް ޖެހިލި ވަގުތު އަޅުގަނޑު ދުވެފައި ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އަޅުގަނޑު ނިދާ ކޮޓަރި ތެރެއަށް ވަދެ ކޮޓަރީގެ ކުޑަދޮރުން ގެއިން ބޭރު ބެލިއިރު، އަޅުގަނޑުގެ މަންމަ އަޅުގަނޑު ނިދާ ކޮޓަރީގެ ބޭރު ކުޑަދޮރު ކައިރީގައި ހުއްޓާ އަޅުގަނޑު ދުށީމެވެ. މަންމަ ބޭރު ކުޑަދޮރު ކައިރީގައި ހުރުމުން، އަޅުގަނޑު ބައްޕަ ނިދާކޮޓަރީގައި ހުއްޓާ ދޮރުގައި ޓަކި ޖެހީ މަންމަކަން އަޅުގަނޑަށް އެނގުމުން އަޅުގަނޑު ނިދާ ކޮޓަރިން ބޭރަށް ނިކުމެ ގޭގެ ބޮޑު ދޮރު ހުޅުވީމެވެ. އަޅުގަނޑު ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީ ބޭރަށެވެ. އަޅުގަނޑު ބޭރުގައި ހުއްޓާ މަންމަ އައިސް އަޅުގަނޑާއި ސުވާލުކުރުމުން ބައްޕަ އަޅުގަނޑާއި ބެހެން މަސައްކަތްކުރީއޭ ބުނީމެވެ. އަޅުގަނޑުގެ ގާތު މަންމަ އިތުރަށް ސުވާލުކުރަން ފެށުމުން އެވަގުތު އަޅުގަނޑު ބައްޕަދެކެ އައިސްފައި ހުރި ރުޅިން ކޮޓަރިއަށް އަޅުގަނޑު ވަނުމުން ބައްޕަ ފަހަތުން އައިސް އަޅުގަނޑުގެ ގައިގާ ބައްދައި، އަޅުގަނޑުގެ ހީސްލާ ތަނާއި ކުޅެ ބައްޕަގެ އިނގިލި އަޅުގަނޑު ހީސްލާ ތަނަށް ކޮށްޕީއޭ އަޅުގަނޑު މަންމަގެ ގާތުގައި ބުނީމެވެ. ސަބަބަކީ ބައްޕަގެ ފަރާތުން މިފަދަ ކަމެއް ހިނގާފާނެ ކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި ބިރުވެރިކަން އުފެދުމުން ނެވެ. އެހެން ނަމަވެސް އިސްވެ ދެންނެވުނު 2013 ޖޫން 16 ވަނަ ދުވަހުގެ ތާރީޚުގައި އަޅުގަނޑުގެ ބައްޕަ ނިދާ ކޮޓަރިއަށް ވަނުމުން އަޅުގަނޑުގެ ފުރަގަހުން އަޅުގަނޑުގެ ގައިގާ ބެއްދުން ފިޔަވައި އިތުރުކަމެއް އަޅުގަނޑުގެ ބައްޕަ އަޅުގަނޑާމެދު ކޮށްފައެއް ނުވެއެވެ."
17. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް (ކޮރޮބޮރޭޓް ކުރުމަށް) ދައުލަތުން ހުށަހަޅާފައިވާ ފުރަތަމަ ހެކިބަހަކީ ޝަކުވާކުރި ކުޑަކުއްޖާގެ މަންމަގެ ހެކި ބަހެވެ. އެ ކުއްޖާގެ މަންމަގެ ހެކިބަހުގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"އަޅުގަނޑު މުޚްތާރުއާ އިންއިރުވެސް ދެ އަންހެން ކުދިން ތިއްބެވެ. އަޅުގަނޑާއި މުޚްތާރުއާ ކާވެނިކޮށްގެން ދިރިއުޅެމުން އައީ ވަކި ގެދޮރުވެގެންނެވެ. އަޅުގަނޑުމެން ދެ މީހުންނަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ. 2013 ޖޫން 16 ވަނަ ދުވަހުގެ ގާތްގަނޑަކަށް 16:00 ހާއިރު މުޚްތާރުގެ މަންމަ ދިރިއުޅޭ ގެއަށް ތިން ކުދިން ގޮވައިގެން އަޅުގަނޑު ދިޔައީމެވެ. އެގެއަށް ދިޔަތާ ކުޑަ އިރުކޮޅެއް ފަހުން އަޅުގަނޑު ޝަކުވާކުރި ކުޑަކުއްޖާ ކައިރީގައި ގެއަށް ފޮތްކިޔަން ދިއުމަށް ބުނީމެވެ. ޝަކުވާކުރި ކުޑަކުއްޖާ ގެއަށް ދިޔަތާ 10 ވަރަކަށް މިނިޓު ފަހުން އަޅުގަނޑު ގެއަށް ދިޔައިރު ގެއަށް ވަދެވެންހުރި ދެ ދޮރު ހުރީ ތަޅުލާފައެވެ. ޝަކުވާކުރި ކުޑަކުއްޖާއާ ތިންކުދިން ނިދާ ކޮޓަރީގެ ފަންކާ ޖަހާފައި ހުރުމުން، އެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ގޮސް ކޮޓަރި ތެރޭގައި ޝަކުވާކުރި ކުޑަކުއްޖާ އޮތްތޯ ބެލިއިރު ޝަކުވާކުރި ކުޑަކުއްޖާ ކޮޓަރި ތެރެއިން ފެންނަން ނެތުމުން އަޅުގަނޑު އެކޮޓަރީގެ ކުޑަދޮރުގައި ޓަކިޖަހައި ޝަކުވާކުރި ކުޑަކުއްޖާއަށް ގޮވާ ހެދުމުން، އަޅުގަނޑާ މުޚްތާރުއާ ދެމީހުން ނިދާ ކޮޓަރިން ޝަކުވާކުރި ކުޑަކުއްޖާ ނުކުމެގެން އައިސް ކޮޓަރިއަށް ވަދެ ކޮޓަރީގެ ކުޑަދޮރު ހުޅުވިއެވެ. އޭރު ޝަކުވާކުރި ކުޑަކުއްޖާހުރީ ވަރަށް ހާސްވެ ރޮވިފައި ހުރިހެންނެވެ. އަޅުގަނޑު ކިހިނެތްވީހޭ އެހުމުން ބައްޕަ ބެހުނީއޭ ބުނެ ރޯން ފެށިއެވެ. އަދި ޝަކުވާކުރި ކުޑަކުއްޖާ ގޭގެ ދޮރު ހުޅުވުމުން އަޅުގަނޑު ގޭގެ ތެރެއަށް ވަތްއިރު މުޚްތާރު އެނދުގައި އޮށޯވެގެން އޮތެވެ. އަދި އަޅުގަނޑު ގެއިން ބޭރަށް ނިކުމެ އަޅުގަނޑުމެންގެ ގެއާއި ޖެހިގެން ހުންނަ ގޭގެ ކުރިމަތީގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އެގޭ އައިޝަތު ވަފާ އާއި އަޅުގަނޑުގެ ފިރިމީހާގެ އަންހެން ކޮއްކޮ މަރްޔަމް ސިއުފާ ތިއްބާ ފެނިގެން އަޅުގަނޑު ރޮމުން ރޮމުން ގޮސް އައިޝަތު ވަފާ ގާތުގައި ޝަކުވާކުރި ކުޑަކުއްޖާއާ އަޙްމަދު މުޚްތާރު ބެހިއްޖޭ މިހެން ބުނީމެވެ. ޝަކުވާކުރި ކުޑަކުއްޖާ މިހެން ބުނުމުގެ ކުރިންވެސް އަޙްމަދު މުޚްތާރު ޝަކުވާކުރި ކުޑަކުއްޖާއާ ބެހޭކަމަށް އަޅުގަނޑަށް އޮތީ ހީވެފައެވެ. އެއީ އަޅުގަނޑު ކޮންމެ ރެއަކުވެސް ކުދިން ނިދުމަށްފަހު އެ ކޮޓަރީގެ ބޮކި ނިއްވާލާފައި ނިދާއިރު އެކޮޓަރީގެ ދޮރު ތަޅުލާފައި ހުއްޓާ، އިރުއަރާއިރު އެކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުންނާއި، އެކޮޓަރީގެ ބޮކި ދިއްލާފައި ހުރުމުން އަދި އެކޮޓަރީގެ ތަޅުދަނޑި އަޅުގަނޑު ބާއްވާތަން މުޚްތާރުއަށް އެނގޭތީއާއި އިތުރު މީހަކަށް ތަޅުދަނޑި އޮންނަ ތަން ނޭނގޭނެތީ އާއި އަދި ފަހުން އަޅުގަނޑު ތަޅުދަނޑި ފޮރުވައިގެން ގެންގުޅެން ފެށިފަހުން ހެނދުނުވާއިރު ކޮޓަރީގެ ދޮރު ހުޅުވާފައި ނުހުންނާތީވެއެވެ. އަދި މުޚްތާރު ފެނުނަސް ޝަކުވާކުރި ކުޑަކުއްޖާ ހުންނަނީ ރުންކުރުވެފައެވެ."
18. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ދެވަނަ ހެކިބަހަކީ ޝަކުވާކުރި ކުޑަކުއްޖާ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަގޭ ޢާއިޝަތު ވަފާގެ ހެކިބަހެވެ. ޢާއިޝަތު ވަފާގެ ހެކިބަހުގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"އަޅުގަނޑުމެންގެ ގެ ހުންނަނީ ޝަކުވާކުރި ކުޑަކުއްޖާމެންގެ ގެއާއި ޖެހިގެން ދެކުނަށެވެ. މުޚްތާރުމެންގެ އާއިލާއަކީ އަޅުގަނޑުމެންނާ ތިމާގެ ބައެކެވެ. 2013 ޖޫން 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަކުވާކުރި ކުޑަކުއްޖާ އެކަނި ގެއަށް އައިސް ވަންނަން އުޅެނިކޮށް އަޅުގަނޑަށް ފެނިގެން ޝަކުވާކުރި ކުޑަކުއްޖާ ގާތުގައި ގެއަށް ނުވަނުމަށް ބުނީމެވެ. އަޅުގަނޑު އެފަދައިން ޝަކުވާކުރި ކުޑަކުއްޖާ ގާތުގައި ބުނީ ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ އެދުވަހު މަސްތުވެގެން ގޭތެރޭގައި އުޅުނުގޮތް އަޅުގަނޑަށް ފެނިފައިވާތީ އާއި އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި މުޚްތާރުގެ އަންހެނުންގެ ގާތުގައި ރުފިޔާ ދިނުމަށް ބުނެ ރުފިޔާ ނުލިބިގެން ގޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަރުކޮށް ވަހަކަ ދެއްކި އަޑުވެސް އިވިފައިވާތީ އާއި އެވަގުތު ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގޭގައި ނޫޅޭތީވެއެވެ. ނަމަވެސް ޝަކުވާކުރި ކުޑަކުއްޖާ ގޭގެ ތެރެއަށް ވަނެވެ. އަދި އޭގެ 10 ވަރަކަށް މިނިޓް ފަހުން ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށް އައިސް ގެއަށް ވަންނަން ވެގެން އެގޭގެ ދޮރުމަތީގައި ހުއްޓާ އަޅުގަނޑު ދުށީމެވެ. އޭރު އަޅުގަނޑު އޮތީ އަޅުގަނޑުމެން ގޭގެ މަގުމަތީގައި ހުރި ޖޯލީގައެވެ. ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށް އައިސް ވަތްތާ 5 ވަރަކަށް މިނިޓް ފަހުން ގޭގެ ތެރެއިން ރޮމުން ރޮމުން ނިކުމެ މަގޭ ދަރިފުޅާ (ޝަކުވާކުރި ކުޑަކުއްޖާއާ) އަޙްމަދު މުޚްތާރު ބެހިއްޖޭ ބުނިއަޑު އަޅުގަނޑު އެހީމެވެ. އޭގެ ފަހުން ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށްވަދެ ގޭގެ ބަދިގެ ތެރެއިން ވަޅިއެއް ނެގި މަންޒަރުވެސް އަޅުގަނޑު ދުށީމެވެ."
19. އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ތިންވަނަ ހެކިބަހަކީ އިސްތިއުނާފު ރައްދުވާ އަޙްމަދު މުޚްތާރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަރްޔަމް ސިއުފާގެ ހެކިބަހެވެ. މަރްޔަމް ސިއުފާގެ ހެކިބަހުގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"އަޙްމަދު މުޚްތާރަކީ އަޅުގަނޑާ އެއްބަނޑު އެއްބަފާ ބޭބެއެވެ. ބޭބެ މިހާރު އުޅެނީ ވަކިގެދޮރުވެގެންނެވެ. އަޅުގަނޑުވެސް އެ ގެއަށް ގޮސް އުޅެމެވެ. 2013 ޖޫން 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބޭބެގެ އަންހެނުން ތިންކުދިން ގޮވައިގެން އަޅުގަނޑުމެން ގެއަށް އައެވެ. އަދި އަޅުގަނޑުމެންގެ ގޭގައި ބޭބެގެ އަންހެނުންނާއި ކުދިން އުޅެފައި ބޭބެގެ އަންހެނުންގެ އެންމެ ބޮޑު ދަރިފުޅުގެ ގާތުގައި ގެއަށް ފޮތްކިޔަން ދާން ބުނުމުން އެކުއްޖާ އެކަނި ގެއަށް ދިޔައެވެ. އޭގެ 10 ވަރަކަށް މިނިޓް ފަހުން އަޅުގަނޑުވެސް ބޭބެގެ އަންހެނުންނާއެކު އެގެއަށްދާން ދިޔައީމެވެ. އެގެއަށް ދާން ދިޔަ މަގުމަތީގައި އައިޝަތު ވަފާގެ ގޭގެ ކުރިމަތީ މަގުމަތީގައި ހުރި ޖޯލީގައި ވަފާ އޮތުމުން އަޅުގަނޑުވެސް ވަފާ ކައިރީގައި ޖޯލީގައި ވާހަކަ ދައްކަން ތިބީމެވެ. އަޅުގަނޑު ޖޯލި ފަތީގައި އިންދާ ބޭބެގެ އަންހެނުން ގޭގެ ދޮރެއްގައި ތަޅާ ޝަކުވާކުރި ކުޑަކުއްޖާއަށް ގޮވާހެދި އަޑު އެހީމެވެ. އަޅުގަނޑާ ވަފާއާ ދެމީހުން ޖޯލިފަތީގައި ވާހަކަ ދައްކަން ތިއްބާ ބޭބެގެ އަންހެނުންނާ އޭނަގެ އެންމެ ދޮށީ ދަރިފުޅާ ދެމީހުން ބޭރަށް ނިކުމެ ތިއްބާ އަޅުގަނޑު ދުށީމެވެ. އެވަގުތު އަޅުގަނޑުވެސް އެގެއަށް ވަނީމެވެ. އަޅުގަނޑު އެގެއަށް ވަންތަނާހެން ޝަކުވާކުރި ކުޑަކުއްޖާ އައިސް އަޅގަނޑުގެ ގައިގައި ބެއްދިއެވެ. އެއިރުވެސް ޝަކުވާކުރި ކުޑަކުއްޖާ ހުރީ ހާސްވެ ރޮވިފައެވެ. އަޅުގަނޑު ޝަކުވާކުރި ކުޑަކުއްޖާގެ ގާތުގައި ކިހިނެތްވީހޭ ބުނުމުން "ބައްޕަ ބެހުނީ" އޭ މިހެން ބުންޏެވެ."
20. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަތަރުވަނަ ހެއްކަކީ ހާދިސާ ހިނގި ދުވަސް ކަމުގައިވާ 2013 ޖޫން 16 ދުވަހު ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ހަދާފައިވާ ޝަކުވާކުރި ކުޑަކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓެވެ. އެ ކުއްޖާ ބެލުމަށްފަހު ޑޮކްޓަރު ދޫކުރި ރިޕޯޓުގައި ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ ފަރުޖު ހިސާބު ކުޑަކޮށް ދުޅަވެފައިވާ ކަމަށާއި، ކުއްޖާގެ ކުރިމަތި ފަރާތުން ރީނދޫ ވައްތަރެއްގެ ދިޔާތަކެތި އައިސްފައިވާ ކަމަށެވެ.
21. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ފަސްވަނަ ހެއްކަކީ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ، 29 ނޮވެމްބަރ 2015 ތާރީޚު ޖަހާފައިވާ އެސެސްމަންޓު އަދި މެޑިކޯ ލީގަލް ކޭސް ރިޕޯޓެވެ. މި ރިޕޯޓުގައި އެ ސެންޓަރުން ބުނެފައިވަނީ ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ (އަޙްމަދު މުޚްތާރު) އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ސެންޓަރުން ހެދި އެސެސްމަންޓުން ގަބޫލުކުރެވޭ ކަމަށެވެ.
22. ޝަކުވާކުރި ކުޑަކުއްޖާގެ ހެކިބަސް ކަށަވަރުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަވަނަ ހެއްކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޭސް ނަންބަރު LC2013/09729 ގެ ތަހުގީގުކުރި ފަރާތުގެ 08 ފެބްރުވަރީ 2016 ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނެވެ. އެ ބަޔާނުގައި ސޮއިކޮށްފައިވަނީ ޕޮލިސް ސަރޖަންޓް މުޙައްމަދު އަޙްމަދު (ސ.ނ. 2139) އެވެ.
23. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ހަވާލާދެވުނު 08 ފެބްރުވަރީ 2016 ގެ ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނުގައި، ޝަކުވާކުރި ކުޑަކުއްޖާ އާއި އެކުއްޖާގެ މަންމަ އާއި ޢާއިޝަތު ވަފާ އާއި މަރްޔަމް ސިއުފާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާންތަކުގައި ދައްކާފައިވާ ވާހަކަތައް ޚުލާސާގޮތެއްގައި ބަޔާންކުރުމަށްފަހު ބުނެފައިވަނީ މި މައްސަލައިގައި ހޯދުނު ޝަކުވާކުރި ކުޑަކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓުގެ ތަރުޖަމާއިން ޝަކުވާކުރި ކުޑަކުއްޖާގެ ކުރިމަތި ފަރާތަށް ގެއްލުންވެފައިވާކަން އެނގެން އެބައޮތްކަމަށެވެ. އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ހޯދުނު ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސެސްމަންޓު ރިޕޯޓުން އެ ސެންޓަރުގެ ފަރާތުން ދެ ފަހަރެއްގެ މަތިން ޝަކުވާކުރި ކުޑަކުއްޖާގެ އޯޑިއޯ ވީޑިއޯ ބަޔާން ނެގުމުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި، ޝަކުވާކުރި ކުޑަކުއްޖާ ދެ ފަހަރު ދެ ގޮތަށް ހާދިސާ ކިޔައި ދީފައިވާ ކަމަށާއި، މި ދެފަހަރު ކުއްޖާ ކިޔައި ދިން ދިނުމަށާއި، ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ދީފައިވާ މައުލޫމާތަށް ބަލާއިރު ކުއްޖާގެ ދޮންބައްޕަ (އަޙްމަދު މުޚްތާރު)، ޝަކުވާކުރި ކުޑަކުއްޖާއަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަން އެ ސެންޓަރަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.
24. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ހަވާލާ ދެވުނު 8 ފެބްރުއަރީ 2016 ގެ ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަޙްމަދު މުޚްތާރުގެ ކުޑަކަމުދާތަކެތި ނެގި، ލެބަށް ނުފޮނުވި ގިނަ ދުވަސް ވުމުން އެތަކެތި ވަނީ ނައްތާލާފައި ކަމަށެވެ.
25. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ހަވާލާ ދެވުނު 8 ފެބްރުއަރީ 2016 ގެ ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ޝަކުވާކުރި ކުޑަކުއްޖާގެ އޯޑިއޯ ވީޑިއޯ ދެފަހަރެއްގެ މަތިން ހެދި، ފުރަތަމަ ހެދި އޯޑިއޯ ވީޑިއޯ ރައްކާކުރެވިފައިހުރި ކޮމްޕިއުޓަރަށް މައްސަލައެއް ދިމާވެގެން ފޯމެޓްކުރުމުގެ ސަބަބުން ނެތިގެން ގޮސްފައިވާ ކަމަށެވެ.
26. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ހަވާލާ ދެވުނު 8 ފެބްރުއަރީ 2016 ގެ ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޝަކުވާކުރި ކުޑަކުއްޖާގެ ބަޔާން ހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު (2013 ޖޫން 17 ވަނަ ދުވަހު) ނެގުމަށްފަހު އަލުން އަނެއްކާ 28 ސެޕްޓެމްބަރު 2013 ގައި ނަގަން ޖެހުނީ 2013 ޖޫން 17 ވަނަ ދުވަހު ނެގުނު އޯޑިއޯ ވީޑިއޯ ނުހުޅުވިގެން ކަމަށެވެ. 2013 ސެޕްޓެމްބަރު 28 ވަނަ ދުވަހު، ޝަކުވާކުރި ކުޑަކުއްޖާ އަލުން ދިން ބަޔާނުގައި ހާދިސާ ހިނގިގޮތް ކިޔައިދީފައިވާ ގޮތާއި އެކުއްޖާ 2013 ޖޫން 17 ވަނަ ދުވަހު ކިޔައިދީފައިވާ ގޮތް ތަފާތުވާ ގޮތަކަށް ތަހުގީގަށް ކިޔައި ދިނުމަށް މެދުވެރިވެފައިވަނީ، ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ އޭރު ފުލުހުންގެ ބަންދުން މިނިވަން ވެފައިވުމުންނާއި، އެކުއްޖާގެ މަންމަ އަޙްމަދު މުޚްތާރުއާ އެއްކޮށް އެއް ގެއެއްގައި އުޅެންޖެހިފައިވުމުން އަޙްމަދު މުޚްތާރުއާ ކުއްޖާގެ މަންމަގެ ނުފޫޒުންކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ޝަކުވާކުރި ކުޑަކުއްޖާ ބުނާ ބުނުމަށާއި، އެކުއްޖާ އެވާހަކަ ކިޔައިދީފައިވާ މީހުން ބުނާ ބުނުމަށާއި، ޖެންޑަރ މިނިސްޓްރީގެ އެސެސްމަންޓު އަދި މެޑިކޯ ލީގަލް ކޭސް ރިޕޯޓަށް ބަލާއިރު ކުއްޖާއަށް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ. އަދި ޝަކުވާކުރި ކުޑަކުއްޖާއަށް ޒިންމާދާރު މަގާމެއްގައި ހުރެ އަޙްމަދު މުޚްތާރު ޖިންސީ ހާނިއްކަ ކުރިކަމަށް ތަހުގީގަށް ބެލެވޭ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.
27. ކުއްޖާއާ ފުރަތަމަ ސުވާލު ކުރެވިފައިވަނީ 17 ޖޫން 2013 ގައެވެ. އެ ދުވަހު ބަޔާން ދެމުން، ޝަކުވާކުރި ކުޑަކުއްޖާ ބުނެފައިވަނީ އެ ކުއްޖާގެ ދޮންބައްޕަ (އަޙްމަދު މުޚްތާރު) އެކުއްޖާގެ ފަހަތުން އައިސް އެ ކުއްޖާގެ ގައިގައި ބެއްދިކަމަށާއި، ދޮންބައްޕަ އޭނާގެ ހީސްލާތަނާ ކުޅެ ބައްޕަގެ އިނގިލި އޭނާގެ ހީސްލާތަނަށް ކޮއްޕިކަމަށެވެ. ނަމަވެސް ކުއްޖާގެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހިމެނޭ ސީޑީ ނުހުޅުވޭތީ، ޝަކުވާކުރި ކުޑަކުއްޖާގެ ބަޔާން އަލުން 2013 ސެޕްޓެންބަރު 28 ވަނަ ދުވަހު ނެގިއިރު އެބަޔާނުގައި، ބުނެފައިވަނީ "ކޮޓަރިއަށް އަޅުގަނޑު ވަނުމަށްފަހު ބައްޕަ ފަހަތުން އައިސް އަޅުގަނޑުގެ ގައިގާ ބައްދައި، އަޅުގަނޑުގެ ހީސްލާތަނާ ކުޅެ ބައްޕަގެ އިނގިލި އަޅުގަނޑުގެ ހީސްލާތަނަށް ކޮށްޕިއޭ" މިހެން އެކުއްޖާގެ މަންމަގެ ގާތުގައި ބުނެފައިވަނީ އެފަދަ ކަމެއް ބައްޕަގެ ފަރާތުން އިތުރަށް ހިނގާފާނެކަމަށްޓަކައި ހިތުގައި ބިރުވެރިކަން އުފެދިފައިވާތީކަމަށާއި، ނަމަވެސް، 2016 ޖޫން 16 ވަނަ ދުވަހު ބައްޕަ ނިދާ ކޮޓަރިއަށް އެކުއްޖާ ވަނުމުން އެކުއްޖާގެ "ފުރަގަހުން އެކުއްޖާގެ ގައިގައި ބެއްދުން" ފިޔަވައި އިތުރު ކަމެއް ބައްޕަ ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. ދެ ދުވަހު ދިން ދެ ބަޔާނުގައި ހުރި ތަފާތަކީ މިއީ އެވެ. އެނޫން ހުރިހާ ވާހަކަތަކެއް ދެބަޔާނުގައި ހުރީ އެއްގޮތަކަށެވެ.
28. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[2] ގެ 1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން ވީއްލުމަށްފަހުގައި ވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ދިޔުމާއި، ޝަރީއަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެއް ކަމަށެވެ.
29. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[3] ގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ޝަރީއަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނޭ ކަމަށެވެ.
30. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީއަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ގާނޫނުގެ ދަށުން އުފުލޭ ދައުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ގާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ މިންވަރަކީ، ގާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭ ކަމަށެވެ. އެ ބާވަތްތަކުގެ ހެކިތަކަކީ:
31. ކުޑަކުދިންނާ ދޭތެރޭގައި ކުރެވޭ ޖިންސީ ކުށްތަކަކީ އެކަހެރި ތަންތަނުގައި ސިއްރުން ކުރާ ކުށްތަކެއް ކަމަށްވާތީވެ، އެފަދަ ކުށްތައް، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އާންމު މިންގަނޑުން ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އާންމު މިންގަނޑުން ކުޑަކުދިންނާމެދު ކުރެވޭ މިފަދަ ކުށްތައް ޝަރީއަތުން ސާބިތުކުރުމަކީ އުނދަގޫކަމެއް ކަމަށްވާތީ، އަދި ކުޑަކުދިންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެތީ، އެކަން ހައްލުކުރުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ސާބިތުކުރުމުގެ ހެކީގެ މިންގަނޑު ލުއިކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[4]ގެ އެއް މަގްސަދެވެ. އެމަގްސަދު ހާސިލުކުރުމުގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން، ޝަރީއަތުގެ މަޖިލީހަށް އާންމުކޮށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތްބާވަތުގެ ހެކި ބަލައިގަނެވޭނެ ކަމަށާއި، އެގޮތުން އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 12 ބާވަތުގެ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެއްކެއް ހުރެއްޖެ ނަމަ އެމިންވަރުން ކުށް ސާބިތުކުރުމަށް ފުދޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
32. ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ[5] ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަންކުރުމެވެ. ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ގަބޫލުކުރެވޭ ހެކިތަކަކަށް ވާނަމައެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތްތަކެއްގެ ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ.
33. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާއިން ގާއިމުކޮށްފައިވާ ހެކިބަހުގެ އުސޫލުކަމުގައިވާ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ހުކުމްކުރުމަށް މި ގާނޫނު ހުއްދަކޮށްފައިވެއެވެ.
34. މިގޮތަށް ނިންމާފައިވާ އެއް ގަޒިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން 10 ޖެނުއަރީ 2013 ގައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2012/HC-A/75 (އަނީސް އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއެވެ. އެ ގަޒިއްޔާގައި ޝަކުވާކުރި 11 އަހަރުގެ ކުއްޖާގެ އޯޑިއޯ ވީޑިއޯ އިންޓަރވިއުގެ މައްޗަށް ބިނާކޮށް ކުޑަކުއްޖާ އެ އިންޓަވިއުގައި ކިޔައިދިން ކިޔައިދިނުން އިތުރު 4 މީހަކަށް އެގޮތަށް ކިޔައިދީފައި ވާތީއާއި، އަދި އެކިޔައިދިންދިނުން އެ އިންޓަރވިއުގައި ކިޔައިދޭ ގޮތާ އެއްގޮތްވާތީ އާއި، ޝަކުވާކުރި ކުޑަކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުންވެސް އެކުއްޖާގެ ބިކުރު ކެނޑި، ފާރު ހިކިފައިވާ ތަނެއް ހުރުމުން މުއްތަހަމުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާކަމަށް ކަނޑައަޅައި އެ މައްސަލައިގައި ދައުވާލިބުނު އަނީސްގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ 10 އަހަރުގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވެއެވެ.
35. ހަމައެގޮތަށް، 2012 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހު 17:40 އެހާއިރު، އެބާވަތުގެ މައްސަލައެއްގައި ޝަކުވާކުރި 11 އަހަރުގެ ކުއްޖާ، އޭނާގެ ރަށުގެ ބަނދަރު ސަރަހައްދުގައި އެކަނި ހުއްޓާ އަނީސް ޢަލީ އާއި އިތުރު މީހަކު ވެގެން ގަދަކަމުން ނަގައިގެން އެދިމާލު ވަލުތެރެއަށް ވައްދައިގެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެ ކުއްޖާ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެ ކުއްޖާ ދައްކާފައިވާ ވާހަކަތައް އޭނާގެ މާމަ އާއި މަންމައާއި ދެ މީހުންގެ ގާތުގައި އެގޮތަށް ކިޔައިދީފައިވާތީ އާއި އެ ހާދިސާގެ ސަބަބުން ޝަކުވާކުރި ކުޑަކުއްޖާއަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށް ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާއާބެހޭ ރިޕޯޓުން އެނގޭތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން އަނީސް ޢަލީގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން 26 މޭ 2014 ގައި ނިންމާފައިވާ ނަންބަރު 2014/HC-A/74 ގަޒިއްޔާ (އަނީސް ޢަލީ ވ. ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް) އިން ތާއީދުކޮށްފައިވެއެވެ.
36. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[6] ގެ 27 ވަނަ މާއްދާއާއި 47 ވަނަ މާއްދާ ގާނޫނުއަސާސީއާ ޚިލާފުކަމަށް ބަޔާންކޮށް އެ ދެ މާއްދާ ބާތިލުކޮށް ދިނުމަށް އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއިން ބަލައި އެ މައްސަލަ 24 އޮކްޓޯބަރު 2016 ގައި ނިންމާފައި ވެއެވެ.
37. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާ (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ހުކުމުގައި ހައިކޯޓުން ބެއްލެވި ނުކުތާތަކުގެ ތެރެއިން، ސުޕްރީމް ކޯޓުގައި ބަލަމުންދާ މި ގަޒިއްޔާގައި ފާހަގަ މިކުރާ ނުކުތާއާ ބޮޑަށް ގުޅުންހުރި ނުކުތާގައި ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމުގައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެއްކެއް ބަޔާން ކުރުމަށް ފަހު އޭގެ ތެރެއިން 5 ހެއްކެއް ފުރިހަމަވާ ނަމަ އެ ބާވަތުގެ ކުށް ސާބިތުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމާއި އެ ކުއްޖާ ދޭ ބަޔާނާއި މައްސަލަ ބަލާ ފަރާތަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެ ގާނޫނުގައި އޮންނަނީ ވަކި ހެކިތަކެއްގެ ގޮތުގައި ހިމަނާފައި ކަމަށާއި، އެހެންކަމުން، ޖިންސީ އަނިޔާ ލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމަކީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި އެ މާއްދާގައި ބަޔާންކޮށްފައި އޮތަސް ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމަކީ، ގާނޫނުގައި ބުނާ ފަސް ހެކި ހަމަ ކުރުމަށްޓަކައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިބާވަތެއްގެ ހެކިތަކެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ.
38. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާ (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ހުކުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިބާވަތެއްގެ ހެކިތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ބަޔާންކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު[7] ގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމަށް އެ ގާނޫނުގައި އެކުލަވާލާފައިވާ ހެކީގެ އުސޫލު ރޫޅިގެން ދިއުމެވެ. ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަންކުރުމަށް ކަނޑައެޅިފައިވާ މި ނިޒާމު ރޫޅިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގާނޫނު ހެދުމުގެ ކުރިން ދިމާވެފައިއޮތް މައްސަލަ ކަމުގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވުން އަނެއްކާވެސް އުނދަގޫވެގެން ގޮސްފައިވާކަން އެފަހުން ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުން އެނގެއެވެ. ކުއްޖާގެ ބަހަކީ ކިތަންމެ ބޮޑަށް ގަބޫލުކުރެވޭ ވާހަކަތަކެއް ކަމުގައިވެފައި، އެ ވާހަކަތައް ގާނޫނުގައިވާ އެހެން ވަސީލަތްތަކުން ކޮރޮބޮރޭޓް ވިޔަސް ކުށް ސާބިތުކުރުމަށް އުނދަގޫވެފައިވެއެވެ. ތިރީގައި މި ބަޔާންކުރާ ގަޒިއްޔާތަކަކީ އޭގެ ބައެއް މިސާލުތަކެވެ.
39. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/07 ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 މާއްދާގެ (ޅ) އާއި (ކ) އާއި (ދ) ގައި ބަޔާންކޮށްފައިވާ ހެކިތަކަކީ އެ މާއްދާގައި ބަޔާންކުރާ 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކިތަކެއް ނޫންކަމަށް ހައިކޯޓުން ކުރިން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާގައި ކަނޑައަޅާފައިވާއިރު، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ، އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނަކީ އެ މާއްދާގެ (ކ) ގައި ބަޔާންކުރާ ބާވަތުގެ ހެއްކަކަށްވާތީ އާއި، މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ އޭނާއާ މެދު ކަންވީ ގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަ ގޮތްކަމަށް ކުއްޖާގެ ގާތްތިމާގެ މީހެއްކަމުގައިވާ ހެކިވެރިޔާއަށް ކިޔައިދީފައިވާ ކިޔައިދިނުމާއި، ސައިކޮލޮޖިސްޓަށް ކިޔައިދީފައިވާ ކިޔައިދިނުމާއި، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ކިޔައިދިނުމުން އެފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކިކަމަށްވާތީ އާއި، އަދި މައްސަލައިގެ ތަޙްޤީޤަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގެ ރިކޯޑިންގއަކީ އެ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ހެއްކެއް ކަމަށްވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މި ހެކިތަކަކީ 47 ވަނަ މާއްދާގެ ބޭނުމަށް ވަކިވަކި ބާވަތްތަކެއްގެ ހެކިތަކެއް ކަމުގައި މާނަ ނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން އިސްވެ ބަޔާންކުރެވުނު ހެކިތަތަކީ އެއްބާވަތެއްގެ ހެކިކަމުގައި ބަލަންޖެހޭތީވެ، މި މައްސަލައިގައި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 ބާވަތުގެ ހެކި ހުށަހެޅިފައިނުވާތީވެ، އެ މައްސަލަ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާތީވެ، ކްރިމިނަލް ކޯޓުގެ ގަޒިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަން ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، އެކުށުގެ އުގޫބާތެއްގެ ގޮތުން، އިސްތިއުނާފުކުރާ ފަރާތް 15 އަހަރު ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވެއެވެ.
40. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/25 (ޙަސަން ޢަބްދުލްޣަފޫރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-DM/01 (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 5 ހެކި ހަމަކުރުމަށް އެ މާއްދާގެ (ޅ)، (ކ) އަދި (ދ) އެއީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ބަޔާން ކޮށްފައިވަނީ "ކުޑަކުއްޖާ ދީފައިވާ ބަޔާން" ގެ މައްޗަށް އެކަނި ބުރަވެވޭ ހާލަތްތަކުގައި ކަން އެނގެން އޮންނަކަމާއި، އެހެން ކަމުން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާއި އިންޓަރވިއުކޮށް، އެކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް އެ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ސައިކޮލޮޖިސްޓަކު ހަދާ ސައިކޮލޮޖިކަލް ޓެސްޓުގެ ނަތީޖާއާ އެކުއްޖާ ކިޔައިދޭ ކިޔައިދިނުމާއި ގުޅުވާލެވޭ ހާލަތުގައި، 47 ވަނަ މާއްދާގެ (ޅ) އަކީ ވަކި ހެއްކެއްކަމުގައި ބަލައިގަނެވޭނެ ކަމަށެވެ.
41. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2018/HC-A/77 (މުޙައްމަދު އާދަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ހިމެނޭ މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޙައްމަދު އާދަމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހާދިސާ ހިނގި ވަގުތާއި މާދިގު މުއްދަތެއް ފާއިތުވެ ނުދަނީސް (ކުއްޖާގެ ނަންއުނިކުރެވިފައި) އެ މައްސަލައިގައި ތަހުގީގަށް ދީފައިވާ ބަޔާނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ބާވަތްތަކެއްގެ ހެކި ކަމުގައި ބެލެވެން ނެތުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) (ކ) (އ) (ދ) މިއަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެއް ބާވަތުގެ ހެކިކަމާއި، އެހެންކަމުން އެ ދައުވާ ސާބިތުކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައިވާ 5 (ފަހެއް) ބާވަތުގެ ހެކި އެ މައްސަލައިގައި ލިބިފައިނުވުމުގެ އިތުރުން، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވައި، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 47/E12C/2016 ގަޒިއްޔާގައި ރ.މަޑުއްވަރީ، ސީނަރީ، މުޙައްމަދު އާދަމްގެ މައްޗަށްކޮށްފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމް މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައިވެއެވެ.
42. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2018/HC-A/234 (މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ހިމެނޭ މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (މ) ގެ ދަށުން މުޙައްމަދު މުނީރަކީ ކުރިން ޖިންސީ އަމަލު ހިންގި މީހެއްކަން ސާބިތުވެފައިވާކަމަށް ބަލައި، ހެކި ނަގާފައިވަނީ، ރަނގަޅަށް ނޫންކަން އެނގެން އޮތުމުން، މި މައްސަލަ ސާބިތުކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ 05 ހެކި ލިބިފައިނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަ ކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ބޭނުމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ހެކި ލިބިފައި ނެތުމުން ދެން ބަލަންޖެހެނީ، ޖިނާއީ ކުށެއް ސާބިތުކުރުމުގެ އާންމު އުސޫލުން މި ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިވޭތޯ ކަމަށެވެ. އިތުރަށް ހައިކޯޓުން ބުނެފައިވަނީ، އެ ހާލަތުގައި ހެކި ވަޒަން ކުރެވޭނީ އާންމު އުސޫލުން ކަމަށްވާތީ، ހެކިބަސް ގަބޫލުކުރުމުގައި ދެން ބަލަންޖެހޭ އާންމު އުސޫލުތަކަށް ބަލާއިރު، އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތުގައި އެކުއްޖާއާ ތިމާގެ ކަމުގެ ސަބަބުން ހެކިބަސް ގަބޫލުނުކުރެވޭ މިންވަރަށް ގާތްތިމާގެ މީހުން ދޭ ހެކިބަހަކީ ފުރިހަމަ ހެކިބަހެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، ކުޑަކުދިންގެ ހެކިބަސް ބަލައިގަތުމުގައި އަމަލުކުރަންޖެހޭ ހަމަތަކަށް ބަލަންޖެހޭނެ ކަމަށާއި އަދި ހަމަ އެކުއްޖާގެ މަސްލަހަތުގައި އެކުއްޖާ ހެއްކެއްގެ ގޮތުގައި ކިޔައިދޭ ދިނުން އެއީ ފުރިހަމަ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، ނަމަވެސް މާއްދީ ގޮތުން އެކުއްޖާއަށް ދިމާވެފައިވާ ކަންކަމާއި ޑޮކްޓަރީ ގޮތުން ހޯދާ ހޯދުންތަކަކީ ފުރިހަމަ ހެކިކަމާއި، އަދި ފޮރެންސިކް ތަހުލީލުތަކުން ފެންނަ ފެނުންތަކާއި ކުއްޖާއަށް ކުރިމަތިވެފައިވާ ކަންތައްތަކާއި ގުޅިގެންދާ ދިއުން އެއީ ފުރިހަމަ ހެކިކަމަށާއި، އަދި އެކުއްޖާއަށް ނަފްސާނީގޮތުން ދިމާވެފައިވާ ކަންތައްތަކާއި ޖިންސީ އަނިޔާގެ ސަބަބުން ދިމާވެދާނެ ކަންތައްތައް، ސައިކޮލޮޖިސްޓަކު ނުވަތަ ސައިކިއެޓްރިސްޓަކު ކިޔައިދޭ ކިޔައިދިނުމާއި ގުޅިފައިވާނަމަ އެއީވެސް ފުރިހަމަ ހެކި ކަމަށް ބެލެވޭނެ ކަމަށެވެ. މިކަންކަމަށް ބަލާއިރު، އެ ގަޒިއްޔާގައި އަނިޔާ ލިބިފައިވާ ކުއްޖާގެ ކުރިމަތި ފަރާތުގައި އެކި އަނިޔާ ލިބިފައިވާ ކަމާއި، ކުއްޖާގެ ބިކުރު ކެނޑިފައިވާކަން ޑޮކްޓަރީ ގޮތުން ބެލި ބެލުމުން އެނގެން އޮތްއިރު، ކުއްޖާ އާ އިންޓަވިއު ކުރި ސޯޝަލް ސަރވިސް ވޯކަރގެ ބަހުން، ކުއްޖާއަށް ނަފްސާނީގޮތުން ކުރިމަތިވެފައިވާ ކަންތައްތަކަކީ ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކުއްޖެއްގެ ފަރާތުން ފެނިގެންދާނެ ކަންތައްތައް ކަމަށް ބުނެފައިވާކަން އެނގެން އޮތްއިރު، ކުއްޖާގެ ބަހުންނާއި ކުއްޖާގެ ދައްތަގެ ބަހުން ހަރުދަނާ ގަރީނާ މިކަންކަމުގެ މައްޗަށް ލިބިގެންދާތީ، ޖިނާއީ ކުށް ސާބިތުކުރުމުގެ އާންމު އުސޫލުގެ މަތިން އެ މައްސަލައިގައި ލިބިފައިވާ ހެކިތައް ވަޒަންކޮށް ބަލާއިރު، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ދައުވާ އުފުލިފައިވާ ކުށް މުޙައްމަދު މުނީރު ކޮށްފައިވާ ކަމަށް ފަނޑިޔާރުންނަށް ޤަބޫލު ކުރެވެވުނެވެ.
43. މަތީގައި ފާހަގަކުރެވުނު ގަޒިއްޔާތަކުން އެނގެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ[8] 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިބާވަތެއްގެ ހެކިތަކެއް ކަމުގައި ބެލެވެންނެތް ކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-DM/01 (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ބަޔާންކުރުމުން ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓްކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ ވަސީލަތްތަކުގެ ބޭނުން ކޯޓަށް ހިފަން ހުރަސްއެޅިފައި އޮތުމުން ކުށް ސާބިތުކުރުމުގެ ވަސީލަތްތައް ހަނިވެފައިވާ ކަމެވެ.
44. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-DM/01 (ޢަލީ ޝާހު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއަށް ފަހު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މަތީގައި ބަޔާންކުރެވުނު ބައެއް މައްސަލަތައް ނިންމާފައިވާ ގޮތަށް، ކުއްޖާގެ ބަހުގެ މައްޗަށް ބިނާވެފައިވާ މައްސަލަތަކުގައި އެ ކުއްޖާގެ ވާހަކަތައް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން، މިހާރު އިސްތިއުނާފުކުރެވޭ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަޙްމަދު މުޚްތާރު އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ކުށްވެރިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި ނިންމާފައިވެއެވެ.
45. އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަޙްމަދު މުޚްތާރުގެ މައްޗަށް ކޮށްފައިވާ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ މައިގަނޑު ސަބަބަކީ:
"ކުއްޖާގެ މަންމަ . . . އާއި . . . ގެ ހެކިބަހަށް ބަލާއިރު، މި ދެ މީހުންގެ ހެކިބަހަކީ ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް ބިނާކޮށްދީފައިވާ ހެކިބަހެއްކަން އެނގެން އޮތުމުގެ އިތުރުން، . . . ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާގެ ރިޕޯޓާއި އެ ރިޕޯޓުތައްޔާރުކުރި . . . ގެ ހެކިބަސް ބިނާވެފައިވަނީ އަނިޔާ ލިބުނު ކުއްޖާ ކިޔާދީފައިވާ ވާހަކަތަކުގެ މައްޗަށްކަން އެނގެން އޮތުމުން، މި ތިން ފަރާތުން ދީފައިވާ ހެކި ބަހަކީ މުސްތަގިއްލު ހެކި ބަހެއްގެ ގޮތުގައި ބެލެވެން ނެތެވެ."
މިއީކަން ހައިކޯޓުގެ ހުކުމުގެ މި އިބާރާތުން އެނގެއެވެ.
46. އިސްވެދިޔަ 33 ވަނަ ޕެރެގްރާފުގައި ވެސް ފާހަގަކޮށްފައިވާ ފަދައިން އަހުރެންގެ ރައުޔަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތްތަކެއްގެ ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އެ 12 ބާވަތުގެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަގިއްލު ހެކީގެ ގޮތަކު ނޫނެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުން ކަމަށްވުމާއެކު މިނިވަން މުސްތަގިއްލު ގިނަ ހެކިތަކެއް ގިނަ ހާލަތްތަކުގައި ނުހުންނާނެތީ، މި ގާނޫނުން އެގޮތަށް ގަބޫލުކޮށްފައި އެވަނީ ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއިކުރުމުގެ ބޭނުމުގައެވެ.
47. އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށް ބިނާވެފައިވާ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެކަމަށް ތަހުޒީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައި ވެއެވެ.[9]
48. ކުށް ސާބިތުކުރުމަކީ އެއް ނަންބަރު އަނެއް ނަންބަރާ އެއްކޮށްގެން ނެރޭ ހިސާބު ނަންބަރެއްގެ ގޮތުގައި ކުރެވޭނޭ ކަމެއް ނޫނެވެ. ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެއެވެ.[10]
49. ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ.[11] އަދި މިކަންކަން ކުރުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ.
50. ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަކީ ޝަކުވާކުރި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލުތައް ހުރުމެވެ. މި މައްސަލައަށް ބަލާއިރު، އެކުއްޖާ 17 ޖޫން 2013 ގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންގެ ހާޒިރުގައި ކިޔައިދީފައިވާ ވާހަކަތަކުގައި ހަދައިގެން ވާހަކައެއް ދައްކާ މީހެއްގެ ވާހަކަތަކުގައި ނުހުންނާނޭ ތަފްސީލު އެކުލެވިގެންވެއެވެ.
51. މިގޮތުން ކުއްޖާ ކިޔައިދިން ވާހަކައިގައި ފޮތް ކިޔަން އުޅެފައި ޑިކްޝަނަރީއެއް ނަގަން ދޮންބައްޕައާއި މަންމަ ނިދާ ކޮޓަރިއަށް ވަން ކަމަށާއި، އޭރު ދޮންބައްޕަ އޮތީ އެނދުގައި ނިދާފައި ކަމަށާއި، ދޮންބައްޕަ ލައިގެންހުރީ ޖިންސް ސޯޓު ބުރިއެއް ކަމަށް ބުނެފައިވެއެވެ. އަދި އެކުއްޖާގެ ގައިގައި ދޮންބައްޕަ ބެއްދިއިރު ދޮންބައްޕަގެ ލޯހުރީ ކުޑަވެ ރުޅިގަދަވެފައި ކަމަށާއި ދޮންބައްޕަހުރީ ހަމަހޭގައި ނޫންކަމަށް ބުނެފައިވެއެވެ. މި އިބާރާތްތަކުން ކުއްޖާ އޮޅުން ފިލުވައިދީފައި މިވަނީ ދޮންބައްޕަ އެ ވަގުތު ފެންނަންހުރި ގޮތުގެ ތަފްސީލެވެ. އަދި އެކުއްޖާ އެ ކޮޓަރިއަށް ވަނީ ޑިކްޝަނަރީއެއް ނަގަން ކަމަށް ބުނެފައި އޮތް އޮތުމުންވެސް އެކުއްޖާ އެ ކޮޓަރިއަށް ވަނީ ކޮންބޭނުމެއްގައިކަން މިއޮތީ ބުނެދީފައެވެ. ދެން އެކުއްޖާ ތަފްސީލު ދީފައިވަނީ އެކުއްޖާ ނަގަން އުޅުނު ޑިކްޝަނަރީ އޮތީ ދޮންބައްޕަ ނިދާފައި އޮތް އެނދުކައިރީގައި ހުރި އަލަމާރިއެއްގެ މަތީގައި ކަމަށެވެ. މިތަނުގައި ކުއްޖާ ބުނެދީފައި މިއޮތީ ޑިކްޝަނަރީ އޮތް ތަނެވެ. ދެން އެކުއްޖާ ތަފްސީލުކޮށް ކިޔައިދީފައި އެވަނީ ދޮންބައްޕަ އެކުއްޖާއަށް ހަމަލާދިން ގޮތެވެ. އެކުއްޖާ އެގޮތުން ބުނެފައިމިވަނީ، ޑިކްޝަނަރީ ނަގަން ވެގެން އުޅެނިކޮށް ދޮންބައްޕަ އެކުއްޖާގެ ފުރަގަހުން ހިފެހެއްޓުމަށްފަހު އެކުއްޖާ ތިރިން ލައިގެންހުރި ހަރުވާޅާއި ޖަނގިޔާ ބޭލި ކަމަށާއި އެކުއްޖާގެ އެއްޗެހި ބޭލުވީ ދޮންބައްޕަގެ އެއްއަތުން ކަމަށާއި، ހަރުވާޅާއި ޖަންގިޔާ ބޭލުމަށްފަހު އެކުއްޖާގެ ހީސްލާތަނާއި ދޮންބައްޕަގެ އިނގިލިން ކުޅުނު ކަމަށާއި، ދޮންބައްޕަ ނިދަން އޮތީ ހަރުވާޅުބުރިއެއް ލައިގެން މަތިން އެއްޗެއް ނުލައި ކަމަށާއި، ނަމަވެސް އެކުއްޖާގެ ހީސްލާ ތަނާއި ދޮންބައްޕަ ކުޅުނުއިރު ދޮންބައްޕަގެ ގައިގައި އެއްވެސް ހެދުމެއް ނެތް ކަމަށެވެ. އަދި އެ ގަޑީގައި އެކުއްޖާ ހަޅޭއްލެވިކަމަށާއި، ނަމަވެސް ހަޅޭއްލަވަން ފެށުމުން އެކުއްޖާގެ އަނގަމަތީގައި އަތް އަޅައިގެން ހުރެ އެކުއްޖާއަށް ޖިންސީ ގޯނާކުރީ ކަމަށާއި، މަންމައައިސް ދޮރުގައި ޓަކި ޖެހީ ދޮންބައްޕަ އެކުއްޖާ އަށް ޖިންސީ ގޯނާކުރާތާ 5 ވަރަކަށް މިނިޓު ވީފަހުން ކަމަށެވެ. ކުއްޖާ ކިޔައިދީފައި މިވާ ތަފްސީލުތަކަށް ބަލާއިރު، މިއީ ތެދު ހަދާމީހަކަށް މެނުވީ ދެވޭނެ ތަފްސީލުތަކެއް ނޫންކަން އެނގެއެވެ. ޚާއްޞަކޮށް، އެ އުމުރުގެ ކުޑަކުއްޖަކާ ބަލާއިރު އެ ތަފްސީލުތަކުން ދޭހަވަނީ އެ ކުއްޖާ ކިޔައިދީފައިވަނީ ތެދު ވާހަކަތަކެއް ކަމެވެ.
52. ބަލަމުން މިދާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، މި މައްސަލައިގައި ޝަކުވާކުރި ކުޑަކުއްޖާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި އެކުއްޖާގެ ބައްޕަ އާއި މަންމަ ނިދާ ކޮޓަރިއަށް ވަނުމުން ދޮންބައްޕަ (އަޙްމަދު މުޚްތާރު) ފަހަތުން އައިސް ޝަކުވާކުރި ކުޑަކުއްޖާގެ ގައިގައި ބައްދައި، އެކުއްޖާގެ ހީސްލާތަނާ ކުޅެ ބައްޕަގެ އިނގިލި އެކުއްޖާގެ ހީސްލާތަނަށް ކޮށްޕިކަމަށް އެކުއްޖާގެ މަންމަގެ ގާތުގައި ބުނިކަމަށް ބުނެފައިވީ ނަމަވެސް ހާދިސާއާ ގުޅިގެން ފަހުން ދިން ބަޔާނުގައި މި މައްސަލައިގެ ހާދިސާ ހިނގި ދުވަހު އެ ކުއްޖާގެ ފުރަގަހުން އެކުއްޖާގެ ގައިގައި ބެއްދުން ފިޔަވައި އިތުރުކަމެއް ބައްޕަ އެ ކުއްޖާއާމެދު ކޮށްފައިނުވާކަމަށް ބުނެފައިވާކަން އެނގެން އޮތުމުން، އެކުއްޖާ ދައްކާފައިވާ ވާހަކަތަކާ މެދު ސުވާލު އުފެދޭކަމަށެވެ. ހައިކޯޓުން ފާހަގަކުރެއްވި ނުކުތާއާ ގުޅިގެން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2013 ޖޫން 16 ވަނަ ދުވަހުގައެވެ. ހާދިސާއާ ގުޅިގެން ފުލުހުން ކުއްޖާއާ ފުރަތަމަ ސުވާލުކުރެވިފައިވަނީ 17 ޖޫން 2013 ގައެވެ. އެ ދުވަހު ބަޔާން ދެމުން، އެ ކުއްޖާގެ ދޮންބައްޕަ (އަޙްމަދު މުޚްތާރު) އޭނާގެ ހީސްލާތަނާ ކުޅެ ބައްޕަގެ އިނގިލި އޭނާގެ ހީސްލާތަނަށް ކޮއްޕިކަމަށް ބުނެފައިވެއެވެ. ނަމަވެސް ކުއްޖާގެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހިމެނޭ ސީޑީ ނުހުޅުވޭތީ، އަލުން ބަޔާން ނަގަން ބޭނުންވާކަމަށް މައްސަލަ ތަހުގީގުކުރި ފަރާތުން މައްސަލައިގެ ސޯޝަލް ވޯރކަރއަށް ދެންނެވިކަމާއި، އެހެންކަމުން، ކުޑަކުއްޖާގެ ބަޔާން 2013 ސެޕްޓެންބަރު 28 ވަނަ ދުވަހު އަލުން ނަގާފައިވާކަން އެނގެން އޮވެއެވެ. އަދި އެ ބަޔާނުގައި، "ކޮޓަރިއަށް އަޅުގަނޑު ވަނުމަށްފަހު ބައްޕަ ފަހަތުން އައިސް އަޅުގަނޑުގެ ގައިގާ ބައްދައި، އަޅުގަނޑުގެ ހީސްލާތަނާ ކުޅެ ބައްޕަގެ އިނގިލި އަޅުގަނޑުގެ ހީސްލާތަނަށް ކޮށްޕިއޭ" މިހެން އެ ކުއްޖާގެ މަންމަގެ ގާތުގައި ބުނެފައިވަނީ އެފަދަކަމެއް ބައްޕަގެ ފަރާތުން އިތުރަށް ހިނގާފާނެކަމަށްޓަކައި ހިތުގައި ބިރުވެރިކަން އުފެދިފައިވާތީކަމަށް އެ ކުއްޖާ އެބަޔާނުގައި ބުނެފައިވެއެވެ. އަނިޔާލިބުނު ކުއްޖާގެ ދޮންބައްޕަ (އަޙްމަދު މުޚްތާރު) އަކީ ކުއްޖާއާއި ކުއްޖާގެ އާއިލާގެ ޚަރަދުތައް ބަލަހައްޓަމުންދިޔަ ފަރާތްކަމަށާއި، އަނިޔާލިބުނު ކުއްޖާގެ ދެ ބަޔާން ނެގުމާ ދޭތެރޭ 03 (ތިނެއް) މަސް ދުވަހުގެ މުއްދަތެއް ފާއިތުވެފައިވާކަން އެނގޭކަމާއި، ކަންހިނގާފައިވަނީ ކުއްޖާއާ ކޮންމެ ދުވަހަކު ބައްދަލުވާ މީހެއްގެ ފަރާތުންކަމަށްވުމުގެ އިތުރުން ކުއްޖާގެ މަންމަ އިނދެގެން އުޅޭމީހާގެ ފަރާތުންކަމުގައިވާތީ، ކިތެންމެ ކުޑަ މުއްދަތެއްގެ ތެރޭގައިވެސް ކުއްޖާގެ ވިސްނުމާ ފިކުރަށް އެހެން މީހުންނަށް ނުފޫޒުފޯރުވިދާނެކަމުގެ އިހްތިމާލު އޮތްކަން ގަބޫލުކުރެވޭކަން އެނގޭކަމާއި، ކުއްޖާ ދެވަނައަށް ދީފައިވާ ބަޔާނުގައި ކުއްޖާ ކިޔާދީފައިވާ ކިޔާދިނުމުގައި، ކުއްޖާ ކުރިން ކިޔައިދިންހާ ތަފްސީލުކޮށް ކިޔައިދީފައި ނެތުމަކީ ހާދިސާ ނުހިންގާކަން ދަލާލަތުކޮށްދޭ ކަމެއް ނޫންކަމަށާއި، އަދި އެއީ ކުއްޖާ ދެ ފަހަރު ދެ ގޮތަކަށް ބުނުން ކަމަށްވެސް ނުބެލެވޭނެކަމާއި، ސަބަބަކީ 2013 ޖޫން 16 ވަނަ ދުވަހު ކުއްޖާ ކިޔާދީފައިވާ ކިޔާދިނުމުގައި ކުއްޖާ ކޮޓަރިއަށް ވަނުމުން ބައްޕަ ފަހަތުން އައިސް ބައްދައި، ކުއްޖާގެ ހީސްލާތަނާ ކުޅެ، ބައްޕަގެ އިނގިލި ކުއްޖާގެ ހީސްލާތަނަށް ކޮށްޕިކަމަށް ބުނެފައިވާއިރު، ކުއްޖާ 2013 ސެޕްޓެންބަރު 28 ވަނަ ދުވަހު ދީފައިވާ ބަޔާނުގައިވެސް، ކުއްޖާގެ ދޮންބައްޕަ ކުއްޖާގެ ފުރަގަހުން ބެއްދިކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ދެވަނަ ފަހަރު ކިޔައިދިންއިރު ތަފްސީލީ ގޮތެއްގައި ކިޔާދީފައިނުވުމަކީ ކުއްޖާ ދެ ފަހަރު ދެ ގޮތަކަށް ކިޔާދިނުންކަމަށް ނުބެލެވެއެވެ. އަދި ކޮންމެ ގޮތެއް ވިޔަސް ދެފަހަރު މަތިންވެސް އެކުއްޖާގެ ފަހަތުން އެކުއްޖާގެ ދޮން ބައްޕައައިސް ބެއްދިކަމަށް ބުނެފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގައި "ޖިންސީ ޢަމަލު" މާނަ ކޮށްދީފައިވާއިރު، ޖިންސީ ޢަމަލުކަމަށް ބުނެފައިވަނީ، ޖިމާޢުވުންކަމަށްވިޔަސް، އަތްލުންކަމަށްވިޔަސް، އަދި އެހެން އަމަލެއް ހިންގުން ކަމަށްވިޔަސް، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރީ ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ބަލަންޖެހޭނެ ކަން ގާނޫނުން ސާފުކޮށް އެނގެން އޮތް އިރު، އަޙްމަދު މުޚްތާރު އެކުއްޖާގެ ގައިގާ ފުރަގަހުން ބެއްދިކަމާއި، އެކަންކުރީ އެކުއްޖާގެ ނުރުހުމުގައިކަން އެ ކުއްޖާ ރޮމުން އެ ވާހަކަ ކިޔާދިނުމުން އެނގެއެވެ. އަދި އެކުއްޖާ ހުރީ ބިރުންކަންވެސް އެނގެއެވެ. އަދި އެ ވަގުތު އެ ތަނުގައި އިތުރު މީހެއް ނެތުމުގެ އިތުރުން ކުއްޖާގެ ނުރުހުމުގައި އެ އަމަލު އަޙްމަދު މުޚްތާރު ހިންގާފައިވަނީ ޝަހުވާނީ މަގްސަދެއް އޮވެގެންކަމަށް ބެލެވެން އެބައޮތެވެ. އެކުއްޖާ ދެ ފަހަރަށް ދެ ބަޔާން ދިން އިރުވެސް އެކުއްޖާއާމެދު އަޙްމަދު މުޚްތާރު ހިންގިކަމަށް ބުނާ ކަންތަކުގެ ތެރޭގައި، ޖިންސީ ޢަމަލުގެ މާނައިގެ ތެރޭގައި ހިމެނޭ ދެ އަމަލެއް ހިމެނެއެވެ. އެއްކަމަކީ، އަނިޔާ ލިބުނު ކުޑަކުއްޖާގެ ކުރިމަތި ފަރާތާ އަޙްމަދު މުޚްތާރު ކުޅެ އަޙްމަދު މުޚްތާރުގެ އިނގިލިން އަނިޔާ ލިބުނު ކުޑަކުއްޖާގެ ކުރިމަތި ފަރާތާއި ކުޅުމެވެ. ދެވަނަ އަމަލަކީ އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާގެ ގައިގާ ފުރަގަހުން އަޙްމަދު މުޚްތާރު ބެއްދިކަމުގެ އަމަލެވެ. ދެ ބަޔާނުގައިވެސް މި އަމަލު އަޙްމަދު މުޚްތާރު ހިންގިކަމަށް ކުޑަކުއްޖާ ބުނެފައިވެއެވެ. އަދި ފަހުން 28 ސެޕްޓެމްބަރ 2013 ގައި ދިން ބަޔާނުގައި 17 ޖޫން 2013 ގައި އެކުއްޖާ ދިން ބަޔާނުގައި އެހެން ބުނި ސަބަބު ބަޔާންކޮށްފައިވަނީ އަންނަނިވި އިބާރާތުންނެވެ.
"އަޅުގަނޑުގެ ގާތު މަންމަ އިތުރަށް ސުވާލުކުރަން ފެށުމުން އެ ވަގުތު އަޅުގަނޑު ބައްޕަދެކެ އައިސްފައި ހުރި ރުޅިން ކޮޓަރިއަށް އަޅުގަނޑު ވަނުމުން ބައްޕަ ފަހަތުން އައިސް އަޅުގަނޑުގެ ގައިގާ ބައްދައި، އަޅުގަނޑުގެ ހީސްލާ ތަނާއި ކުޅެ ބައްޕަގެ އިނގިލި އަޅުގަނޑު ހީސްލާ ތަނަށް ކޮށްޕީއޭ އަޅުގަނޑު މަންމަގެ ގާތުގައި ބުނީމެވެ. ސަބަބަކީ ބައްޕަގެ ފަރާތުން މިފަދަ ކަމެއް ހިނގާފާނެ ކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި ބިރުވެރިކަން އުފެދުމުން ނެވެ."
މި އިބާރާތުން ދޭހަވަނީ އެ ކުއްޖާގެ ނުރުހުމުގައި އަޙްމަދު މުޚްތާރު އެކުއްޖާއާ މެދު 16 ޖޫން 2013 ވަނަ ދުވަހު ޖިންސީ އަމަލެއް ހިންގާފައިވާ ކަމާއި އެފަދަ ކަމެއް ދޮންބައްޕަގެ ފަރާތުން ތަކުރާރު ވެދާނެކަމަށް އެކުއްޖާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމެވެ. އެހެން ކަމުން ކުއްޖާ ދެފަހަރުވެސް ދައްކާފައިވާ ވާހަކަތައް ކިޔައިދޭ ކިޔައިދިނުމުގައި ޖައުހަރީ ތަފާތެއް ހުރިކަމަށް އަހުރެންނަކަށް ނުފެނެއެވެ.
53. ގޭގައި ހަމައެކަނި ޝަކުވާކުރި ކުޑަކުއްޖާއާއި އެކުއްޖާގެ ދޮންބައްޕަ އެކަނި ތިބި ވަގުތު އެކުއްޖާ ކޮޓަރިއަށް ވަނުމުން އެކުއްޖާގެ ފަހަތުން ދޮންބައްޕަ އައިސް އެ ކުއްޖާގެ ގައިގައި ބައްދައި، އެކުއްޖާގެ ހީސްލާތަނާ ކުޅެ ދޮންބައްޕަގެ އިނގިލި އެކުއްޖާގެ ހީސްލާތަނަށް ކޮއްޕިކަމަށް އެ ހާދިސާ ހިނގިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކުއްޖާގެ މަންމަގާތުގައި އެކުއްޖާ ބުނެފައިވެއެވެ. ކުއްޖާގެ މަންމަ ގެއަށް ދިޔައިރު ގެއަށް ވަދެވެންހުރި ދެ ދޮރު ހުރީ ތަޅުލާފައި ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ. ޝަކުވާކުރި ކުޑަކުއްޖާއާއެކު ތިން ކުދިން ނިދާ ކޮޓަރީގެ ފަންކާ ޖަހާފައި ހުރުމުން އެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ގޮސް ކޮޓަރި ތެރޭގައި ޝަކުވާކުރި ކުޑަކުއްޖާ އޮތްތޯ ބެލިއިރު ޝަކުވާކުރި ކުޑަކުއްޖާ ކޮޓަރި ތެރެއިން ފެންނަން ނެތުމުން އޭނާ އެ ކޮޓަރީގެ ކުޑަދޮރުގައި ޓަކިޖަހާ ޝަކުވާކުރި ކުޑަކުއްޖާއަށް ގޮވާ ހެދުމުން، ކުއްޖާގެ މަންމައާ ދޮންބައްޕައާ ދެމީހުން ނިދާ ކޮޓަރިން ޝަކުވާކުރި ކުޑަކުއްޖާ ނުކުމެގެން އައިސް ކޮޓަރިއަށް ވަދެ ކޮޓަރީގެ ކުޑަދޮރު ހުޅުވި ކަމަށް ބުނެފައިވުމުން ކުއްޖާ ހާދިސާ ކިޔައިދީފައިވާ ގޮތާއި ކުއްޖާގެ މަންމަގެ ބަޔާނުގައި ބުނެފައިވާ ވާހަކަތައް ދިމާވުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކުރަން ބާރުލިބެއެވެ. އަދި ޝަކުވާކުރި ކުޑަކުއްޖާ ގޭގެ ދޮރު ހުޅުވުމުން ކުއްޖާގެ މަންމަ ގޭގެ ތެރެއަށް ވަތްއިރު އަޙްމަދު މުޚްތާރު އެނދުގައި އޮށޯވެގެން އޮތް ކަމަށް ބުނެފައި އޮތުމުން އެކުއްޖާ އެ ގަޑީގައި އެ ކޮޓަރިއަށް ވަތްކަމާއި އަދި އެކުއްޖާ، އެކުއްޖާގެ މަންމަ ކައިރީގައި، ރޮމުން ރޮމުން ބައްޕަ ތިމަންނައާ ބެހިއްޖެއޭ ބުނުމުންވެސް އެކުއްޖާގެ ދޮންބައްޕަ އެކަމަށް އެއްވެސް ގޮތަކަށް ރިއެކްޓުކޮށް އެ ވަގުތު އެކަމަށް އިންކާރުކުރުމުގެ ބަދަލުގައި އޭނާ އޮތީ އެނދުގައި އޮށޯވެގެންކަން އެނގެއެވެ. މިކަމުންވެސް ކުޑަކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ގަބޫލުކުރުމަށް ބާރަކަށްވެއެވެ.
54. މި ހާދިސާ ހިނގުމުގެ ކުރިންވެސް އަޙްމަދު މުޚްތާރު ޝަކުވާކުރި ކުޑަކުއްޖާއާ ބެހޭކަމަށް ހީވެފައި އޮތްކަމަށް ކުއްޖާގެ މަންމަ ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެއީ އޭނާ ކޮންމެ ރެއަކުވެސް ކުދިން ނިދުމަށްފަހު އެ ކޮޓަރީގެ ބޮކި ނިއްވާލާފައި އޭނާ ނިދާއިރު އެ (ކުދިން ނިދާ) ކޮޓަރީގެ ދޮރު ތަޅުލާފައި ބެހެއްޓިނަމަވެސް، އިރުއަރާއިރު އެ ކޮޓަރީގެ ދޮރު ހުޅުވާ ބޮކި ދިއްލާފައި ހުންނާތީ އާއި، އެ ކޮޓަރީގެ ތަޅުދަނޑި އޭނާ ބާއްވާ ތަން އަޙްމަދު މުޚްތާރުއަށް އެނގޭތީ އާއި، އިތުރު މީހަކަށް ތަޅުދަނޑި އޮންނަތަން ނޭނގޭނެތީ އާއި، އަދި ފަހުން އޭނާ ކުދިން ނިދާ ކޮޓަރީގެ ތަޅުދަނޑި ފޮރުވައިގެން ގެންގުޅެން ފެށިފަހުން، ހެނދުނުވާއިރު ކޮޓަރީގެ ދޮރު ހުޅުވާފައި ނުހުންނާތީ ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ. މި ހެކިބަހުންވެސް ޝަކުވާކުރި ކުޑަކުއްޖާގެ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލުކުރަން ބާރުލިބެއެވެ.
55. އެ ހާދިސާ ހިނގިވަގުތު ކުއްޖާގެ މަންމައާއެކު އެގޭ ދޮށަށް އައިސް ގެއިން ބޭރުގައި ހުރި، އެކުއްޖާގެ ދޮންބައްޕަގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ގާތަށް ރޮމުންރޮމުން ގޮސް ބައްދައިގެންފައި އެކުއްޖާގެ ދޮންބައްޕަ އެކުއްޖާއާ ބެހުނީއޭ ބުނެފައިވެއެވެ. މި ހެކިބަހުންވެސް ޝަކުވާކުރި ކުޑަކުއްޖާގެ ވާހަކަ އަކީ ތެދު ވާހަކައެއް ކަމަށް ގަބޫލުކުރަން ބާރު ލިބެއެވެ.
56. ޝަކުވާކުރި ކުޑަކުއްޖާ ދިރިއުޅެމުންދިޔަ ގެއާއި ޖެހިގެން ދެކުނަށް ހުންނަ ގޭގެ ކުރިމަތީގައި އެ ހާދިސާ ހިނގިވަގުތު ހުރި އަންހެން ކުއްޖަކު މި މައްސަލައިގައި ހެކިބަސް ދީފައިވެއެވެ. 2013 ޖޫން 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަކުވާކުރި ކުޑަކުއްޖާ އެކަނި ގެއަށް ދިޔަކަމަށް އެ ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެކުއްޖާ ގެއަށް އައިސް ވަންނަން އުޅެނިކޮށް އެ ހެކިވެރިޔާއަށް އެކުއްޖާ ފެނިގެން އެކުއްޖާގެ ގާތުގައި ގެއަށް ނުވަނުމަށް އޭނާ ބުނެފައިވެއެވެ. ހެކިވެރިޔާ އެފަދައިން ޝަކުވާކުރި ކުޑަކުއްޖާ ގާތުގައި ބުނީ ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ އެ ދުވަހު މަސްތުވެގެން ގޭތެރޭގައި އުޅުނުގޮތުންނާއި ގޭތެރޭގައި އެ ދުވަހު ހެނދުނު ކަންހިނގައިދިޔަގޮތް ފެނިފައިވުމުން ކަމަށް ބުނެފައިވެއެވެ. އަދި އެ ކުއްޖާ ގެއަށް ވަތްތާ 10 ވަރަކަށް މިނިޓް ފަހުން ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ އައިސް ގެއަށް ވަންކަން މި ހެކިވެރިޔާ ކަށަވަރުކޮށްދެއެވެ. ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށް އައިސް ވަތްތާ 5 ވަރަކަށް މިނިޓް ފަހުން ކުއްޖާގެ މަންމަ ގޭގެ ތެރެއިން ރޮމުން ރޮމުން ނިކުމެ މަގޭ ދަރިފުޅާ އަޙްމަދު މުޚްތާރު ބެހިއްޖޭ ބުނިއަޑު ހެކިވެރިޔާއަށް އިވިފައިވެއެވެ. އަދި އޭގެ ފަހުން ޝަކުވާކުރި ކުޑަކުއްޖާގެ މަންމަ ގެއަށްވަދެ ގޭގެ ބަދިގެ ތެރެއިން ވަޅިއެއް ނެގި މަންޒަރުވެސް އޭނާއަށް ފެނިފައިވެއެވެ. މި ހެކިބަހުންވެސް ޝަކުވާކުރި ކުޑަކުއްޖާގެ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލުކުރަން ބާރު ލިބެއެވެ.
57. ކުޑަކުއްޖާ ކިޔައިދިން ވާހަކަތަކުގައި ބުނެފައިވަނީ، ކޮޓަރި ތެރޭގައި ބައްޕަ އޭނާގެ ގައިގައި ބެއްދިއިރު ބައްޕަހުރީ ހަމަހޭގައި ނޫންކަން އެކުއްޖާއަށް އެނގޭކަމަށެވެ. އެއީ ބައްޕަގެ ލޯހުރީ ކުޑަވެ އަދި ރުޅިގަދަވެފައި ކަމަށް އެކުއްޖާ ބުނެފައިވެއެވެ. ޝަކުވާކުރި ކުޑަކުއްޖާ ދިރިއުޅެމުންދިޔަ ގެއާ ޖެހިގެން ދެކުނަށް ހުންނަ ގޭ ކުރިމަތީގައި އެ ހާދިސާ ހިނގިވަގުތު ހުރި އަންހެން ކުއްޖާގެ ހެކިބަހުގައި ބުނެފައިވަނީ ކުޑަކުއްޖާގެ ދޮންބައްޕަ އެ ދުވަހު މަސްތުވެގެން ގޭތެރޭގައި އުޅުނުގޮތް އޭނާއަށް ފެނިފައިވާކަމަށެވެ. މި ހެކިބަހުންވެސް ޝަކުވާކުރި ކުޑަކުއްޖާގެ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލުކުރަން ބާރު ލިބެއެވެ.
58. ހާދިސާ ހިނގި ދުވަސް ކަމުގައިވާ 2013 ޖޫން 16 ދުވަހު ރީޖަނަލް ހޮސްޕިޓަލުން ޝަކުވާކުރި ކުޑަކުއްޖާ ބެލުމަށްފަހު ޑޮކްޓަރު ދޫކުރި ރިޕޯޓުގައި ކުއްޖާގެ ފަރުޖު ހިސާބު ކުޑަކޮށް ދުޅަވެފައިވާ ކަމަށާއި، ކުއްޖާގެ ކުރިމަތި ފަރާތުން ރީނދޫވައްތަރެއްގެ ދިޔާތަކެތި އައިސްފައިވާ ކަމަށް ޑޮކްޓަރު ބުނުމަށްފަހު، ރިޕޯޓުގެ "އެހެނިހެން" ބައިގައި "ޖިސްމާނީ އަދި ޖިންސީ ހާނިއްކައިގެ ނިޝާނެއް ފެންނާކަށް ނެތް" މިފަދައިން ބަޔާންކޮށްފައިވެއެވެ. ކުއްޖެއްގެ ކުރިމަތި ފަރާތަށް މީހަކު އިނގިލިކޮށްޕުމުން އެކަން ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން ނޯވެދާނެ ކަމާއި، އެހެނީ، އެ އަނިޔާއަކީ ކޮންމެހެން ބޭރުފުށަށް ފެންނަން ހުންނާނެ އަނިޔާއެއް ކަމަށް ނުވެދާނެ ކަމަށާއި، އުމުރުން 11 (އެގާރަ) އަހަރުގެ ކުއްޖެއްގެ ކުރިމަތި ފަރާތުން އެ ބާވަތުގެ ތަކެތި އަންނަންޖެހޭ ސަބަބެއް ނެތްއިރު، ކުރިމަތި ފަރާތަށް އިނގިލިކޮށްޕުމުގެ ސަބަބުންވެސް ކުރިމަތި ފަރާތުގައި ޖަރާސީމު އުފެދިދާނެކަން އެނގޭއިރު އެކަމުން ކުއްޖާ ބުނާ ބުނުމަށް ބާރުލިބޭކަމަށް ގަބޫލުކުރެވެއެވެ. މިގޮތަށް ގަބޫލުކުރެވެނީ، މި ހާދިސާ ހިނގުމުގެ ކުރިންވެސް އަޙްމަދު މުޚްތާރު ޝަކުވާކުރި ކުޑަކުއްޖާއާ ބެހޭކަމަށް ހީވެފައި އޮތްކަމަށް ކުއްޖާގެ މަންމަ ދީފައިވާ ބަޔާނުގައި ބުނެފައިވާތީވެ، އެފަދަ އިންފެކްޝަނެއް އުފެދުމުގެ އިހުތިމާލު އޮތުމުންނެވެ.
59. މި މައްސަލައިގައި ޝަކުވާކުރި ކުޑަކުއްޖާ ބުނާބުނުމަށާއި، އެކުއްޖާ އެ ވާހަކަ ކިޔައިދީފައިވާ މީހުން ބުނާ ބުނުމަށާއި، ޖެންޑަރ މިނިސްޓްރީގެ އެސެސްމަންޓު އަދި މެޑިކޯ ލީގަލް ކޭސް ރިޕޯޓަށް ބަލާއިރު ކުއްޖާއަށް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށާއި ޝަކުވާކުރި ކުޑަކުއްޖާއަށް އަޙްމަދު މުޚްތާރު ޖިންސީ ހާނިއްކަ ކުރިކަމަށް ތަހުގީގަށް ބެލެވޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި މައްސަލަ ތަހުގީގުކުރި ފަރާތުން ބުނެފައިވެއެވެ.
60. ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ، 29 ނޮވެމްބަރ 2015 ތާރީޚު ޖަހާފައިވާ ކުއްޖާގެ އެސެސްމަންޓު ރިޕޯޓުގައި އެ ސެންޓަރުން ބުނެފައިވަނީ ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ސެންޓަރުން ހެދި އެސެސްމަންޓުގެ އަލީގައި ގަބޫލުކުރެވޭ ކަމަށެވެ.
61. ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ، 29 ނޮވެމްބަރ 2015 ތާރީޚު ޖަހާފައިވާ ކުއްޖާގެ އެސެސްމަންޓު ރިޕޯޓުގައި އެ ސެންޓަރުން ބުނެފައިވަނީ 2013 ޖޫން މަހު 17 ވަނަ ދުވަހު އެ ސެންޓަރުގައި އެކުއްޖާގެ އޯޑިއޯ ވީޑިއޯ ބަޔާނެއް ނެގުނު ކަމަށާއި، އެ ބަޔާން ނެގީ އެ ސެންޓަރުގެ އެސިސްޓަންޓް ކައުންސެލަރ ފަޒީނާ ޙަސަންއާއި އެރަށު ޕޮލިސް ސްޓޭޝަނުގެ އިންވެސްޓިގޭޝަން އޮފިސަރ އިބްރާހިމް ހުސައިން ކަމަށާއި، އެ ބަޔާނުގައި އެކުއްޖާ ބުނެފައިވަނީ އެކުއްޖާގެ މަންމައާއި ދެ ކޮއްކޮއާއެކު 2013 ޖޫން 16 ވަނަ ދުވަހު ހަވީރު ދޮންބައްޕަ ފަރާތު މާމަމެން ގެއަށް ދިޔަކަމަށާއި، އެ ގޭގައި ހުއްޓާ މަންމަ ބުނެގެން ފޮތް ކިޔަން އެކަނި ގެއަށް އައި ކަމަށާއި، ފޮތް ކިޔަން އުޅެފައި ޑިކްޝަނަރީއެއް ނަގަން ދޮންބައްޕައާއި މަންމަ ނިދާ ކޮޓަރިއަށް ވަން ކަމަށާއި، އޭރު ދޮންބައްޕަ އޮތީ އެނދުގައި ނިދާފައި ކަމަށާއި، އެކުއްޖާ ނަގަން އުޅުނު ޑިކްޝަނަރީ އޮތީ ދޮންބައްޕަ ނިދާފައި އޮތް އެނދުކައިރީގައި ހުރި އަލަމާރިއެއްގެ މަތީގައި ކަމަށާއި، އެފޮތް ނަގަން ވެގެން އުޅެނިކޮށް ދޮންބައްޕަ އެކުއްޖާގެ ފުރަގަހުން ހިފެހެއްޓުމަށްފަހު އެކުއްޖާ ތިރިން ލައިގެންހުރި ހަރުވާޅާއި ޖަނގިޔާ ބޭލި ކަމަށާއި އެކުއްޖާގެ އެއްޗެހި ބޭލުވީ ދޮންބައްޕަގެ އެއްއަތުން ކަމަށާއި، ހަރުވާޅާއި ޖަންގިޔާ ބޭލުމަށްފަހު އެކުއްޖާގެ ހީސްލާތަނާއި ދޮންބައްޕަގެ އިނގިލިން ކުޅުނު ކަމަށާއި، ދޮންބައްޕަ ނިދަން އޮތީ ހަރުވާޅުބުރިއެއް ލައިގެން މަތިން އެއްޗެއް ނުލައި ކަމަށާއި، ނަމަވެސް އެކުއްޖާގެ ހީސްލާ ތަނާއި ދޮންބައްޕަ ކުޅުނުއިރު ދޮންބައްޕަގެ ގައިގައި އެއްވެސް ހެދުމެއް ނެތް ކަމަށެވެ. އަދި އެ ގަޑީގައި އެކުއްޖާ ހަޅޭއްލެވިކަމަށާއި، ނަމަވެސް ހަޅޭއްލަވަން ފެށުމުން އެކުއްޖާގެ އަނގަމަތީގައި އަތް އަޅައިގެން ހުރެ އެކުއްޖާއަށް ޖިންސީ ގޯނާކުރީ ކަމަށާއި، މަންމައައިސް ދޮރުގައި ޓަކި ޖެހީ ދޮންބައްޕަ އެކުއްޖާ އަށް ޖިންސީ ގޯނާކުރާތާ 5 ވަރަކަށް މިނިޓު ވީފަހުން ކަމަށެވެ. އަދި މަންމަ އައިސް ދޮރުގައި ޓަކި ޖެހުމުން އެކުއްޖާގެ ގައިން ދޮންބައްޕަ ދޫކޮށްލީ ކަމަށާއި، ދޫކޮށްލުމުން ކޮޓަރިން ނިކުމެގެން ދިޔައީ ކަމަށެވެ. އަދި އެކުއްޖާ ބުނެފައިވަނީ އެކުއްޖާގެ ދޮންބައްޕަ އެކުއްޖާގެ ހީސްލާތަނާއި ކުޅުނު އިރު އެ ދުވަހު ތަދުވިކަމަށެވެ. މި ބަޔާން އެކުއްޖާ ދީފައިވަނީ އެކުއްޖާގެ މަންމަގެ ހާޒިރުގައެވެ.
62. ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ، 29 ނޮވެމްބަރ 2015 ތާރީޚު ޖަހާފައިވާ ކުއްޖާގެ އެސެސްމަންޓު ރިޕޯޓުގައި އެ ސެންޓަރުން ބުނެފައިވަނީ 2013 ޖޫން މަހު 17 ވަނަ ދުވަހު އެކުއްޖާގެ މަންމަގެ ބަޔާނެއް ނެގިކަމަށާއި އެ ބަޔާނުގައި އެކުއްޖާގެ މަންމަ ބުނެފައިވަނީ އޭނާ ގެއަށް އައިސް ދޮރުގައި ޓަކިޖެހުމުން އެއްވެސް މީހަކު ފެންނަން ނެތުމުން ގޭގެ ބިއްދޮށް ފަރާތުގައި ހުރި ދޮރުން ގެއަށް ވަންނަން ދަނިކޮށް އެކުއްޖާ ލައިގެންހުރި ހަރުވާޅު އަރުވަމުން ގެއިން ނުކުތް ކަމަށާއި އެ ގަޑީގައި އެކުއްޖާ ވަރަށް ރުއި ކަމަށާއި، އެކުއްޖާގެ ވާހަކަ އަޑުއިވުމުންނާއި އެކުއްޖާ ރުއިމުން އެއީ ހިނގި ކަމެއްކަން ވަރަށް ބޮޑަށް ގަބޫލުކުރެވުނު ކަމަށް އެކުއްޖާގެ މަންމަ ބުނެފައިވެއެވެ.
63. ކުއްޖާގެ މަންމަ ބުނެފައިވަނީ އެ ހާދިސާ ހިނގުމާއެކު އެހެން ގެއަކަށް ކުދިން ގޮވައިގެން އޭނާ ބަދަލުވެފައިވާ ކަމަށެވެ.
64. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ހަވާލާ ދެވުނު 08 ފެބްރުއަރީ 2016 ގެ ތާރީޚު ޖަހާފައިވާ ތަހުގީގުކުރި ފަރާތުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޝަކުވާކުރި ކުޑަކުއްޖާގެ ބަޔާން ހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު (2013 ޖޫން 17 ވަނަ ދުވަހު) ނެގުމަށްފަހު އަލުން އަނެއްކާ 28 ސެޕްޓެމްބަރު 2013 ގައި ނަގަން ޖެހުނީ 2013 ޖޫން 17 ވަނަ ދުވަހު ނެގުނު އޯޑިއޯ ވީޑިއޯ ނުހުޅުވިގެން ކަމަށެވެ. 2013 ސެޕްޓެމްބަރު 28 ވަނަ ދުވަހު ޝަކުވާކުރި ކުޑަކުއްޖާ ދިން ބަޔާނުގައި ހާދިސާ ހިނގިގޮތް ކިޔާދީފައިވާ ގޮތާއި އެކުއްޖާ 2013 ޖޫން 17 ވަނަ ދުވަހު ކިޔައިދީފައިވާ ގޮތާއި ތަފާތުވާ ގޮތަކަށް ތަހުގީގަށް ކިޔައި ދިނުމަށް މެދުވެރިވެފައިވަނީ، ޝަކުވާކުރި ކުޑަކުއްޖާގެ ދޮންބައްޕަ އޭރު ފުލުހުންގެ ބަންދުން މިނިވަން ވެފައިވުމުންނާއި، އެކުއްޖާގެ މަންމަ އަޙްމަދު މުޚްތާރުއާއި އެއްކޮށް އެއް ގެއެއްގައި އުޅެންޖެހިފައިވުމުން އަޙްމަދު މުޚްތާރު އާއި ކުއްޖާގެ މަންމަގެ ނުފޫޒުންކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށެވެ.
65. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ގިނައިން ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރިޔާތުގައި ކަމަށްވެފައި، އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަކީ އެ ހާދިސާ ހިނގުމުގެ ކުރިންވެސް ކުއްޖާއާ ކޮންމެވެސް ގުޅުމެއް އޮންނަ ފަރާތެއް ކަމަށްވާތީ އާއި، އަދި ބައެއްފަހަރު އެކުދީންނަށް ޚަރަދުކޮށް ބަލަހައްޓަނީ އެ އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މީހާ ނުވަތަ އެފަރާތާ އާއިލީ ގުޅުމެއް ނުވަތަ އެނޫންވެސް ބާރުވެރި ގުޅުމަކުން ގުޅިފައިވާ މީހަކު ކަމަށްވުމުންނާއި، އެ އުމުރަކީ ކުއްޖާގެ ސިކުނޑި އުފެދި ފުރިހަމަވަމުން އަންނަ ދުވަސްވަރުކަމަށް ވުމުން މިއިން ސަބަބަކާހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްސީލު ހަނދާންނެތުމަކީ ނުވަތަ ތަފްސީލު ކިޔައިދޭން ފަހުން ބޭނުން ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމުގައިވާތީވެ، އެކުއްޖާ ކުރިން ކިޔައިދިން ކިޔައިދިނުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކުން ބާރުލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަންވާނެއެވެ.
66. ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ، 29 ނޮވެމްބަރ 2015 ތާރީޚު ޖަހާފައިވާ ކުއްޖާގެ އެސެސްމަންޓު ރިޕޯޓުގައި އެ ސެންޓަރުން ބުނެފައިވަނީ މި ހާދިސާ ހިނގިއިރު ކުއްޖާ ކިޔަވަމުންދަނީ ގްރޭޑް ފަހެއްގައި ކަމަށާއި، އެންމެ ފަހު ޓާރމްގައި ބީ ރިޕޯޓެއް ލިބުނު ކަމަށާއި، އެކުއްޖާއަށް ނަމާދުކުރުމާއި ޤުރުއާން ކިޔަވަން ރަނގަޅަށް ދަސްވެފައިވާ ކަމަށާއި، މި ދެކަންތައް ބަރާބަރަށް ކުރަމުން ގެންދާ ކަމަށެވެ. މި ކުއްޖާއަކީ އަޚުލާގު ގޯސް އަދި ގެއިން ބޭރުގައި އުޅޭ ކުއްޖެއްކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެއެވެ.
67. މިފަދަ މައްސަލަތަކުގައި ކުއްޖާއަށް އަނިޔާކުރިކަމަށް ބުނެފައިވަނީ ނުބައި ނިޔަތެއްގައި ވަކި ކަމެއް ހާސިލުކުރުމުގެ ބޭނުމުގައިތޯ ބަލަންވާނެއެވެ. އަދި ކުއްޖާ ޝަކުވާކުރީ އެފަދަ ސަބަބެއް އޮވެގެން ކަމަށް ދައުވާލިބޭ ފަރާތުން ބުނާނަމަ، އެކަމުގެ ހެކި ހުށަހަޅައިގެން އެކަމެއް ސާބިތުކުރުމުގެ ބުރަ އޮންނާނީ ދައުވާކުރާ ފަރާތުގެ މައްޗަށެވެ. އެހެން ނަމަވެސް ދައުވާކުރާ ފަރާތުން އެކަން ސާބިތުކުރުމުގެ ބުރަ އުފުލުންޖެހޭނީ ޝަކުވާކުރި ކުޑަކުއްޖާ އެފަދަވާހަކައެއް ދައުވާލިބޭ ފަރާތުގެ މައްޗަށް ހަދައިގެން ދައްކަންވީ ސަބަބެއް އޮތްކަމަށް އެކަށީގެންވާ މިންވަރަކަށް ދައުވާލިބޭ ފަރާތުން ބުނެދެވިފައިވާނަމައެވެ.[12] ކުއްޖާގެ ކިބައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހަދައިގެން ވާހަކައެއް ދައްކަފާނެކަމުގެ އެއްވެސް ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ނުވަތަ ނުނިޔަތެއް އޮންނާނެ ސަބަބައެއް އެބައޮތްތޯ އިސްތިއުނާފު ރައްދުވާ ފަރާތާއި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ސުވާލުކުރުމުން އެފަދަ އެއްވެސް ކަމެއް އެކުއްޖާގެ ކިބައިގައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
68. ޝަކުވާކުރި ކުޑަކުއްޖާ އެ ހާދިސާ ހިނގި ދުވަހާ ޖެހިގެން އައި ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަކާއި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފެއްގެ ކުރިމަތީގައި އޯޑިއޯ ވީޑިއޯ ބަޔާނެއް ދިން ކަމާއި އެ އޯޑިއޯ ވީޑިއޯ ބަޔާނުގެ ފައިލް ނުހުޅުވިގެން އަލުން އެކުއްޖާގެ އޯޑިއޯ ބަޔާނެއް 28 ސެޕްޓެމްބަރު 2013 ގައި ނެގިއިރު ކުއްޖާ އެހާދިސާ ކިޔައި ދިނުމުގައި އިތުރު ތަފްސީލު ދީފައި ނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެކުއްޖާގެ އޯޑިއޯ 28 ސެޕްޓެމްބަރު 2013 ގައި ދިން ބަޔާނުގައިވެސް ދޮންބައްޕަ އެކުއްޖާގެ ފަހަތުން އެކުއްޖާގެ ގައިގައި ހިފެހެއްޓި ކަމަށް ބުނެފައިވެއެވެ. މި ތަފާތު އައިސްފައިވަނީ ކުއްޖާގެ ދޮންބައްޕަ ފުލުހުންގެ ބަންދުން ދޫކޮށްލުމުން، މުއްތަހަމާއި ކުއްޖާގެ މަންމަގެ ނުފޫޒުން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށް ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފުލުހުންގެ މި ރައުޔަށް ތާއީދު ލިބެނީ ދަށުކޯޓުގެ ޝަރިއަތުގެ މަރުހަލާގައި ދައުވާލިބޭ ފަރާތުގެ ކުށެއްނެތްކަން ބުނެދިނުމަށްޓަކައި ދިފާއީ ހެއްކެއްގެ ގޮތުން އެކުއްޖާގެ މަންމަގެ ނަން ކޯޓަށް ހުށަހަޅާފައި އޮތުމުންނެވެ. މީގެ އިތުރުން، ފުލުހުންގެ އަތުގައި އޮތް އެކުއްޖާ ހާދިސާ ހިނގިދުވަހުގެ ފަހު ދުވަހު ދިން ބަޔާނުގެ އޯޑިއޯ ވީޑިއޯ ފައިލް ހަލާކުވެގެން ނުހުޅުވުނުކަމަށް އޭގެ 3 މަސްދުވަސް ފަހުން ފުލުހުން ބުނާބުނުމާއި މުއްތަހަމުގެ ކުޑަކަމުދާ ތަކެތި ނެގުމަށްފަހު ތަހުލީލުކުރަން ނުފޮނުވައިހުރެ ހަލާކުވެގެން ދިއުމުގެ ސަބަބުން އެތަކެތި އުކާލާފައިވުމުން، މުހިންމު ހެކިތަކެއް ގެއްލިފައިވާ ކަމަށް ފުލުހުން ބުނުމާއި މި މައްސަލަ ހިނގިފަހުން 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި އޮތް އޮތުމާމެދު ޝައްކާއި ވަހުމުގެ ލޮލުން ބެލުން ނޫންގޮތެއް އޮތްކަމަށް ނުފެނެއެވެ.
69. ވީމާ، އިސްވެ ބަޔާންކުރި ނުކުތާތަކުގައި ބުނެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި ހުކުމްކުރައްވާފައިވަނީ ކަމާބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށް އަހުރެންނަށް ނުފެނެއެވެ.
70. ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔަށް އަހުރެން ތާއީދުކުރާހިނދު، އަންނަނިވި ކަންކަން އިތުރަށް ފާހަގަކުރަން ބޭނުންވެއެވެ.
71. ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔުގެ 49 ވަނަ އަދި 66 ވަނަ ނަންބަރުގައި، އަނިޔާ ލިބުނު ކުއްޖާގެ އަޚްލާޤަށް ޙަވާލާދީފައިވާތީ، ކުއްޖާގެ އަޚްލާޤަކީ، އެ ކުއްޖެއްގެ ތެދުވެރިކަން ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއް ކަމުގައި ނުވަތަ އެ ކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބު ކަމުގައި ބެލެވިގެންވާނެ ކަމަށް އަހަރެން ނުދެކޭ ކަމުގައި ބުނަމެވެ. އަނިޔާ ލިބުނު ކުޑަކުއްޖާގެ އަޚްލާޤު ވަކި ގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެކުއްޖަކާމެދު ހިންގުނު ޖިންސީ ޢަމަލެއް ތަޙުޤީޤު ކުރުމުގައި ބަލަންޖެހޭ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ ކުއްޖަކީ ވަކިގޮތަކަށް އުޅޭ ނުވަތަ ނުއުޅޭ ކުއްޖަކަށް ވާތީ، ތަޞައްރަފު ފުދިފައިވާ މީހުން، އެފަދަ ކުއްޖެއްގެ ނާޖާއިޒް މަންފާ ނެގުމަކީ ނުވަތަ އެފަދަ ކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގުމަކީ އެއްވެސް މިންގަނޑަކުން އެންމެ ރަނގަޅުގޮތެއް ކަމުގައި ބެލޭނެ ނުވަތަ ބަލައިގަނެވޭނެ ނުވަތަ ޤަބޫލުކުރެވޭނެ ކަމެއް ކަމުގައި ވެގެން ނުވާތީއެވެ.
72. މީގެ އިތުރުން، އެކި ބާވަތްތަކުގެ އަނިޔާއަށް، އަދި ވަކިން ޚާއްޞަކޮށް ޖިންސީ ގޯނާ އާއި އަނިޔާއަށް، ކުޑަކުދިން ހުށަހެޅިގެން ދިއުމަކީ އޭގެ ޒާތުން، ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން އަންނަ، ކުޑަކުދިން ބޮޑުވަމުން އަންނަ އިރު، އެ ކުދިންގެ ވިސްނުމާއި، ހެދި ބޮޑުވުމާއި، ދުޅަހެޔޮކަމަށް އެކި ގޮތްގޮތުން އަސަރުކުރާ ކަމެއްކަން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން އެނގެއެވެ[13]. ދިވެހިރާއްޖޭގައި ވެސް ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު) އަށް ޢަމަލުކުރަންފެށީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ މުޖްތަމަޢުގައި ފެތުރިފައިވާ ވަބާއެއް ކަމުގައި ޤަބޫލުކޮށް، އެފަދަ ޢަމަލުތައް ވަކިން ޚާއްޞަ ކުށެއްގެ ގޮތުގައި ހަމަޖައްސާ، ކުށުގެ ޒާތާއި ބާވަތުން، ކުށް ސާބިތުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑު، އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ލުއިކުރުމުގެ ނިޔަތުގައިކަން، އެ ޤާނޫނުން ވަރަށް ސާފުކޮށް އެނގެއެވެ.
73. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ތަޙުޤީޤުކުރުމުގައި، މައްސަލައިގެ ހައްސާސް ކަމަށް ބަލައި، ކުރާ ތަޙުޤީޤުތައް އިތުރު ފަރުވާތެރިކަމެއް ބަހައްޓައިގެން، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ (އަދި މިނޫންވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކަށޭނަ ހަލުވިމިނެއްގައި އެޅުމަކީ) ދައުލަތުގެ ޒިންމާއެކެވެ[14]. އަދި އެކަށީގެންވާ އަވަސްނިމެއްގައި ކަމާބެހޭ ސާމްޕަލްތަކާއި ބަޔާންތަކާއި އެހެނިހެން ހެކި، ޤާނޫނުގައިވާ ގޮތުގެ މަތިން ނަގައި، މުއްތަހަމުގެ މައްޗަށް ކުރެވޭ ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދައަކުން ރައްކާތެރިކަމާއެކު ބަލަހައްޓާ ހުށަހެޅުމަކީ ބަޔާންކުރެވުނު ޒިންމާގެ ތެރޭގައި ހިމެނޭކަމެއްކަމުގައި އަހުރެން ދެކެމެވެ. އަދި އެ ޒިންމާ އުފުލުމުގައި އެއްވެސް ފަރާތަކުން އިހުމާލުވެއްޖެނަމަ، އެފަރާތަކާމެދު ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ފިޔަވަޅުއެޅުމަކީވެސް އިދާރާތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައިވެސް އަހުރެން ދެކެމެވެ.
74. ޤާނޫނު ނަންބަރު 2 009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންވެފައިވާ ހެކިތައް، ކޮރޮބޮރޭޓް ކުރުމުގައި، ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުތަކަށް ރައްކާތެރިވުމާއެކު،
މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ފަނޑިޔާރު ސަމާލުވާންޖެހޭނެ ކަމަށް އަހުރެން ދެކެމެވެ. އަދި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު، އެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ ފަރާތުގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ޝައްކެއް އޮތްކަމަށް އަހުރެން ނުދެކެމެވެ. އަދި މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގައި ހުކުމް ކުރައްވާފައިވަނީ ކަމާބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށް ނުވާތީވެ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/234 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 117/O6C/2016 ގަޒިއްޔާއިން ލ. ގަން-ތުނޑި، ނެލިވަރު އަޙްމަދު މުޚްތާރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅައި، އެ ހުކުމް ތަންފީޒުކުރުމަށް އަމުރުކުރަމެވެ.
މި ގަޒިއްޔާ ބަލައި ޙުކުމްކުރީ
ޢާއިޝާ ޝުޖޫން މުޙައްމަދުހުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
- ރިޔާސަތު
- ހުސްނުއްސުޢޫދު