ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/234
މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2018/HC-A/234
Mohamed Muneeru v. Prosecutor General 2018/HC-A/234 (2018/HC-A/234, High Court of the Maldives, 21 July 2019)
މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން 15 އަހަރުގެ ޖަލު ޙުކުމެއް ކުރިއެވެ.
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު އެކި ދުވަސްމަތިން ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 9 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވުނެވެ. ހަމަ އެ ކުއްޖާއާ ބެހޭ އެހެން ދަޢުވާއެއް (275/Cr-C/2015) ވެސް އެކުއެކީގައި ބަލައި އެއްދުވަހު ޙުކުމްކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަމަށް ކަނޑައެޅީ ޙަޤީޤަތާ ޚިލާފަށް ކަމަށާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ ތަޠުބީޤުކުރީ ގޯސްކޮށް ކަމަށާއި، ޤާނޫނުއަސާސީގެ 51(އ) އާއި 2014/HC-DM/01 ޤަޟިއްޔާއާ ޚިލާފަށް ކުށް ސާބިތުކުރިކަމަށެވެ. ޕްރޮސިކިއުޝަނުން ބުނީ ދެ މައްސަލަ އެކުއެކީ ބަލައި އެއްދުވަހު ނިންމުމުން 47(މ) ގެ ދަށުން ހެކި ނެގުނު ކަމަށެވެ.
މައިގަނޑު ސުވާލު
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ބަލައިގަތުމާއި (ޚާއްޞަކޮށް (މ) ގެ similar fact evidence އާއި (އ) ގެ ކުއްޖާގެ ބަޔާން)، ކުށް ސާބިތުކުރުމަށް ދަށުކޯޓުން ހެކި ވަޒަންކުރި ގޮތް ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
47(މ) ގެ ދަށުން ހެކި ނެގުން ރަނގަޅެއް ނޫނެވެ. ނަމަވެސް 47(އ) ގެ ދަށުން ކުއްޖާގެ ބަޔާން ބަލައިގަތުމާއި (ހ) އާއި (ވ) ގެ ދަށުން ބަލައިގަތް ހެކި ރަނގަޅެވެ. 5 ހެކި ހަމަނުވިނަމަވެސް، ޢާންމު އުޞޫލުން ޑޮކްޓަރީ ހޯދުންތަކާއި ސޯޝަލް ސަރވިސް ވޯކަރގެ ބަހާއި ގުޅޭ ޤަރީނާއިން އެކަށީގެންވާ ޝައްކަކުން ބޭރުވާ މިންވަރަށް ކުށް ސާބިތުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ (މ) ގައިވާ ހެއްކަކީ similar fact evidence އެވެ. ކުޑަކުއްޖަކާ ތަފާތު އެކިފަހަރުމަތިން ހިންގާ ކޮންމެ ޖިންސީ ޢަމަލަކީ ވަކި ތަޙްޤީޤަކާއި ވަކި ދަޢުވާއެއް ކުރެވިދާނެ ވަކި ކުށެއް ކަމަށްވާތީ، އެއްވެސް ކުއްޖަކާ ބެހޭ ދެ ދަޢުވާއެއް ކުރެވިދާނެއެވެ. ފުރަތަމަ ސާބިތުވާ ދަޢުވާ، ދެވަނަ ދަޢުވާގައި (މ) ގެ ދަށުން ހެއްކެއްގެ ގޮތުގައި ބެލިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ދެ ދަޢުވާއެއް އެކުއެކީގައި ބަލައި އެއްދުވަހު ޙުކުމްކުރެވިފައިވާނަމަ، ފުރަތަމަ ޤަޟިއްޔާ ސާބިތުކުރުމަށް 47 ވަނަ މާއްދާގެ (މ) ގެ ދަށުން ނަގާނެ ހެއްކެއް އޭރު ވުޖޫދުވެފައި ނޯންނާނެތީ، ފުރަތަމަ ސާބިތުވީ ކޮން ޤަޟިއްޔާއެއްކަން ނޭނގޭ ޙާލަތުގައި (މ) ގެ ދަށުން ހެކި ނެގުމަކީ ރަނގަޅު ޢަމަލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ހ))
- ކުއްޖާގެ ބަޔާން 47 ވަނަ މާއްދާގެ (އ) ގެ ދަށުން ބަލައިގަނެވޭނީ ޙާދިސާ ހިނގި ވަގުތާއި ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވެ، ހަދައިގެން ނުވަތަ އުފައްދައިގެން ކިޔައިދީފާނެ ސަބަބެއް ނެތްނަމައެވެ. ޢަމަލު ތަކުރާރުވަމުން އަންނަ ޙާލަތުގައި މުއްދަތު ބަލާނީ އެންމެ ފަހުން ޢަމަލު ހިނގި ވަގުތާ ގުޅުވައިގެންނެވެ. ފުރަތަމަ ދުވަހު ނުބުނުމަކީ (އ) ގެ ދަށަށް ނުގެނެވޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (ދ) ގައިވާ ހެކި ހަމައެކަނި ކުއްޖާ ކިޔައިދިނުމުގެ މައްޗަށް ބިނާވާ ޙާލަތުގައި، އެއީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އެމާއްދާގެ (ހ) ގެ ދަށުން މެޑިކޯލީގަލް ރިޕޯޓާއި، (ވ) ގެ ދަށުން ކުއްޖާ ކިޔައިދޭ އެއްޗަކާ ޑޮކްޓަރީ ގޮތުން ފާހަގަވާ ކަންކަން ދިމާވުން ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- 47 ވަނަ މާއްދާގައިވާ 5 ހެކި ހަމަނުވާ ޙާލަތުގައި، ކުށް ސާބިތުވޭތޯ ބަލަންޖެހޭނީ ޖިނާއީ ކުށެއް ސާބިތުކުރުމުގެ ޢާންމު އުޞޫލުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކަކުން ބޭރުވާ މިންވަރަށެވެ. އެ ޙާލަތުގައި ގާތްތިމާގެ މީހުން ދޭ ހެކިބަހާއި ކުއްޖާގެ ބަސް ފުރިހަމަ ހެކި ކަމުގައި ނުބެލެވޭނަމަވެސް، ޑޮކްޓަރީ ހޯދުންތަކާއި ފޮރެންސިކް ތަޙުލީލާއި ސައިކޮލޮޖިސްޓް ނުވަތަ ސައިކިއޭޓްރިސްޓަކު ކިޔައިދޭ ނަފްސާނީ އަސަރުތަކަކީ ފުރިހަމަ ހެކިއެވެ. އެ ހެކިތަކާ ގުޅޭ ޤަރީނާ ލިބޭނަމަ ކުށް ސާބިތުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާ (ހ)، (އ)، (ވ)، (މ)، (ޅ)، (ކ)، (ދ)
- ޤާނޫނު ނަންބަރު 12/2009 ގެ 2 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް