ސައިޓޭޝަން ކޮޕީ ކުރުމަށް
2008/SC-C/04
މޫސާ އަންވަރު ވ. އިލެކްޝަންސް ކޮމިޝަން، 2008/SC-C/04
Moosa Anwar v. Elections Commission 2008/SC-C/04 (2008/SC-C/04, Supreme Court of the Maldives, 2 October 2008)
މޫސާ އަންވަރު ވ. އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރުމުން، ޖިނާއީ ކޯޓުގެ 1431/JC/2001 ޤަޟިއްޔާއިން އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގެ ޝަރުޠު އޭނާގެ ކިބައިގައި ފުރިހަމަނުވާކަމަށް ބުނެ، އެ ނިންމުން ބާޠިލުކޮށްދިނުމަށް އެދި މޫސާ އަންވަރު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.
ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމަށްވާ ވައްކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ނަން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ޤަބޫލުކުރުމަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ)، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަދި ޢާއްމު އިންތިޚާބުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޢަމަލެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ތަޢުޒީރީ ވައްކަމުގެ މިންގަނޑުތަކުން ވައްކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ކިބައިގައި، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައިވާ ރިޔާސީ ކެނޑިޑޭޓެއްގެ ޝަރުޠު ފުރިހަމަވޭތޯ.
ނިންމި ގޮތް
އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޞައްޙަ
އިސްލާމީ ޝަރީޢަތުގައި ވައްކަމުގެ ކުށް ޙައްދު ލާޒިމްވާ ވައްކަމާއި ތަޢުޒީރީ ވައްކަމަށް ބެހިފައިވާއިރު، ޙައްދު ލާޒިމްވާ ވައްކަން ސާބިތުވަނީ ޝަރީޢަތުގެ މަޖިލީހުގައިވާ ޞަރީޙަ އިޢުތިރާފުން ނުވަތަ ޢަދުލުވެރި ދެހެކިންގެ ހެކިބަހުންކަމަށް ކޯޓުން ކަނޑައެޅިއެވެ. މުޙައްމަދު ނަޝީދު ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަކޮށް އިޢުތިރާފުވެފައި ނުވާތީއާއި، ސަރުކާރުގެ ތަކެތި ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ކުރިމަތީގައި ތަކެތި ގެންދިއުމަކީ ޙައްދު ލާޒިމްވާ ކުށެއް ނޫންތީއާއި، ޖިނާއީ ކޯޓުން ރިޢާޔަތްކޮށްފައިވަނީ ތަޢުޒީރީ ވައްކަމުގެ މިންގަނޑުތަކަށް ކަމުން، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގެ ޝަރުޠު އޭނާގެ ކިބައިގައި ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްލާމީ ޝަރީޢަތުގައި ވައްކަން ބެހިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު ވައްކަމުގެ ކުށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޙައްދު ލާޒިމްވާ ވައްކަމުގެ ކުށާއި ތަޢުޒީރީ އަދަބު ލާޒިމްވާ ވައްކަމުގެ ކުށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [3])
- ޙައްދު ލާޒިމްވާ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުގެމަތިން ނޫނީ ޙައްދު ލާޒިމްވާ ކުށް ސާބިތުނުކުރެވޭނެކަން އެނގެއެވެ. ޙައްދު ލާޒިމްވާ ވައްކަމުގެ ކުށް އިސްލާމީ ޝަރީޢަތުގައި ސާބިތުވަނީ ޝަރީޢަތުގެ މަޖިލީހުގައިވާ ޞަރީޙަ އިޢުތިރާފުން ނުވަތަ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ޢަދްލުވެރި ދެހެކިންގެ ހެކި ބަހުން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [3]، [4])
- އެތަކެތީގެ ބެލެހެއްޓުމުގެ ކަންތަކާއި ހަވާލުވެ ތިބި ބައެއްގެ ކުރިމަތީގައި އެތަކެތި ގެންދިއުމަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ލާޒިމްވާ ކުށެެއްނޫންކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [4])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަަަޟިއްޔާ ނަންބަރު: 2008/SC-C/04
ދަޢުވާކުރާ ފަރާތް: މޫސާ އަންވަރު
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
ހުށަހެޅުނު ތާރީޚް: 25 ސެޕްޓެމްބަރ 2008
ނިމުނު ތާރީޚް: 02 އޮކްޓޯބަރ 2008
މައްސަލަ ނިންމި ގަޑި: 22:05
[1]މިއީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް އޭނާއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މޫސާ އަންވަރު ހުށަހެޅުމުން ބަލާދެވުނު މައްސަލައެކެވެ.
[2]ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމަށްވާ ވައްކަން ކުރުމުގެ ކުށް ސާބިތުވެގެން ޖިނާއީކޯޓުގެ ނަންބަރު 1431/JC/2001 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނިކޮށް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުޠު މުޙައްމަދު ނަޝީދުގެ ކިބައިގައި ފުރިހަމަ ނުވާއިރު ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ނަޝީދުގެ ނަން ޤަބޫލު ކުރުމަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އަދި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އަދި ޤާނޫނު ނަންބަރު 2008/11 (ޢާއްމު އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޢަމަލެއްކަމަށް ބުނެ މޫސާ އަންވަރު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާ ލިބޭގޮތަށް މިކޯޓަށް ހުށަހެޅި މިމައްސަލާގައި ޚަޞްމުންގެ ބަޔާންތަކާއި ހުށަހެޅި ލިޔުންތަކަށް ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
[3]1- ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު 1431/JC/2001 ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާކަން އެނގެެން އޮވެއެވެ. އިސްލާމީ ޝަރީޢަތުގައި ވައްކަން ބެހިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު ވައްކަމުގެ ކުށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޙައްދު ލާޒިމްވާ ވައްކަމުގެ ކުށާއި ތަޢުޒީރީ އަދަބު ލާޒިމްވާ ވައްކަމުގެ ކުށެވެ. ޙައްދު ލާޒިމްވާ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުގެމަތިން ނޫނީ ޙައްދު ލާޒިމްވާ ކުށް ސާބިތުނުކުރެވޭނެކަން އެނގެއެވެ.
[4]2- މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ކޯޓަށް އެމައްސަލަ ހުށަހެޅުމުން ޖިނާއީ ކޯޓުގައި އެމައްސަލަ ހިނގިއިރު ޝަރީޢަތުގެ މަޖިލީހުގައި އޭނާ ދީފައިވާ ބަޔާނަށް ބަލާއިރު ޝަރީޢަތުގެ މަޖިލީހުގައި ކުށަށް ޞަރީޙަ ބަހުން އިޢުތިރާފްވެފައިނުވާކަން ފާހަގަކުރެވެއެވެ. އަދި އެމައްސަލައިގައި އޭނާ ވަގަށްނެގިކަމަށް ހުށަހެޅިފައިވާ ތަކެތި އޭނާ ގެންގޮސްފައިވަނީ އެތާނގައި ވެލާނާގޭ ތެޅުމުގެ ކަންތަކުގައި ހަވާލުވެގެން ތިބި ސަރުކާރުގެ މުވައްޒަފުންގެ ކުރިމަތީގައިކަން އެނގެއެވެ. މިތަކެއްޗަކީ ދިވެހި ސަރުކާރުގެ ތަކެއްޗަށްވާއިރު އެތަކެތީގެ ބެލެހެއްޓުމުގެ ކަންތަކާއި ހަވާލުވެ ތިބި ބައެއްގެ ކުރިމަތީގައި އެތަކެތި ގެންދިއުމަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ލާޒިމްވާ ކުށެެއްނޫންކަން އެނގެއެވެ. ޙައްދު ލާޒިމްވާ ވައްކަމުގެ ކުށް އިސްލާމީ ޝަރީޢަތުގައި ސާބިތުވަނީ ޝަރީޢަތުގެ މަޖިލީހުގައިވާ ޞަރީޙަ އިޢުތިރާފުން ނުވަތަ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ޢަދްލުވެރި ދެހެކިންގެ ހެކި ބަހުންކަމަށްވާއިރު މުޙައްމަދު ނަޝީދުގެ މައްޗަށް އެމައްސަލަ ސާބިތުކުރެވިފައިވަނީ އިސްލާމީ ޝަރީޢަތުގައި ބުނެފައިވާ ޞަރީޙަ އިޢުތިރާފުން ނޫންކަމާއި އަދި އިސްލާމީ ޝަރީޢަތުގައި ބުނެފައިވާ ޢަދަލުވެރި ހެކިންގެ ހެކި ބަހުންނޫންކަން އެނގެއެވެ. އެމައްސަލައިގައި ރިޢާޔަތްކުރެވިފައިވަނީ ތަޢުޒީރީ ވައްކަމުގެ މައްސަލަތައް ސާބިތުކުރާ މިންގަނޑުތަކުންކަން އެނގެއެވެ.
ޙުކުމް
[5]ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބުނާ ޝަރުތު ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ ކިބައިގައި ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަކަމަށް ކަނޑައަޅައިފީމެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖުތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު
- ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2008/11 (ޢާއްމު އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 143 ވަނަ މާއްދާ
- ޖިނާއީކޯޓުގެ ނަންބަރު 1431/JC/2001
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، މުޖުތާޒް ފަހުމީ، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 25 ސެޕްޓެމްބަރު 2008 · ރަޖިސްޓްރީކުރީ 25 ސެޕްޓެމްބަރު 2008 · ނިމުނީ 2 އޮކްޓޫބަރު 2008 (7 ދުވަސް)