ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 59
މުޙައްމަދު ޝައިފަން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، [2023] SC 59 (2016/SC-A/19)
Mohamed Shaifan v. Prosecutor General's Office [2023] SC 59 (2016/SC-A/19, Supreme Court of the Maldives, 30 November 2023)
މުޙައްމަދު ޝައިފަން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (2012/Cr-C/606) ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރުމާއި، ހަމައެކަނި ޑީއެންއޭ ޤަރީނާއަށް ބިނާކޮށް ޤަސްދު މަރުގެ ކުށް ސާބިތު ނުކުރެވޭނެތީ ދަޢުވާ ސާބިތުނުވާކަމަށް ނިންމި. ހައިކޯޓުން (2013/HC-A/285) އެ ނިންމުން ބާޠިލުކޮށް، ހެކިން (ނ)، (ރ)، (ބ) ގެ ބަހާއި ޑީއެންއޭ ރިޕޯޓުން ޝައިފަން ބައިވެރިވިކަން އެއްވެސް ޝައްކެއްނެތި ސާބިތުވާތީ، ވާރިޘުން ޤިޞާޞަށް އެދުނުތީ އޭނާ މެރުމަށް ޙުކުމްކުރި.
2012 އެޕްރީލް 01 ގައި މާލޭ ވެސްޓްޕާކް ރެސްޓޯރެންޓު ކައިރީގައި ޢަލީ ޝިފާނަށް ބަޔަކު ވަޅިން ހަމަލާދީ އޭނާ މަރުވުމާ ގުޅިގެން، މުޙައްމަދު ޝައިފަން ހިމެނޭ 6 މީހެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި. ދައުލަތުން ސިއްރު 5 ޝަފަހީ ހެކިންނާއި، ކްރައިމް ސީން، މެޑިކޯ ލީގަލް، މަރު ސާބިތުކުރި ލިޔުމާއި ޑީއެންއޭ ރިޕޯޓު ހުށަހެޅި.
ޝައިފަންގެ ފަރާތުން ބުނީ ހެކިންގެ ޢަދުލުވެރިކަމާއި ހެކިބަހުގެ ފުށުއެރުންތަކާއި، ފާސިޤު ހެކިވެރިއެއްގެ ބަހާއި ޑީއެންއޭ ސާމްޕަލްގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ ހައިކޯޓުން ހެކި ވަޒަންކުރީ ރަނގަޅަށް ނޫންކަމަށެވެ. ދައުލަތުން ބުނީ ހެކިވެރިޔާ (ބ) ގެ ބަސް ބަލައިގަތީ 2012/SC-A/01 ގައިވާ ގޮތަށް ޤަރީނާގެ ދަރަޖައިގައި ކަމަށާއި، މެޑިކޯ ލީގަލް އަދި ޑީއެންއޭ ރިޕޯޓަކީ ހަރުދަނާ ޤަރީނާ ކަމަށެވެ.
މައިގަނޑު ސުވާލު
ހުށަހެޅިފައިވާ ހެކިބަހާއި ޤަރީނާ (ޑީއެންއޭ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓު ހިމެނޭ) އަށް ބަލާއިރު، މުޙައްމަދު ޝައިފަންގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް (ޤަތުލު ޢަމްދު) އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދަށުން ސާބިތުކުރަންޖެހޭ މިންގަނޑަށް ސާބިތުވޭތޯ؛ އަދި ހެކިބަހުގައިވާ ފުށުއެރުންތަކާއި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ގެ ސަބަބުން މަރުގެ އަދަބަށް ހުރަހެއް އަޅާތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (ޤަސްދު މަރުގެ ކުށް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުވާކަމަށް)
ތިން ހެކިން ޝައިފަން ހަމަލާދިން ތަނުން ފެނުނުކަމަށާއި ދެ ހެކިން ހަމަލާ ދިންތަން ފެނުނުކަމަށް ބުނުމާއި، ޑީއެންއޭ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުން ތަމާލުއުގެ ހަމައިން ޢަލީ ޝިފާން މަރުވީ ޝައިފަންގެ ޢަމަލުގެ ނަތީޖާއިންކަން ސާފުވާތީއާއި، ހަމަލާދިން ގޮތުން މެރުމުގެ ނިޔަތް ސާބިތުވާތީ، ހެކިބަހުގެ ބައެއް ފުށުއެރުންތައް ހުރި ނަމަވެސް ހައިކޯޓުގެ ޙުކުމް ޤާއިމްކުރި. ޤާނޫނުލްޢުޤޫބާތުގެ 1204 (ނ) (2) އަކީ އިޢުތިރާފާ ގުޅޭ އުޞޫލެއްކަމަށް ޢަބްދުﷲ ނަޒީފު ޤަޟިއްޔާގައި މާނަކުރި ގޮތަށް ބަލައިގަތެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާނީ (1) މަރުވި މީހާއަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނަކަށް ވުމާއި، (2) އޭނާ މަރުވީ ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވުމާއި، (3) މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތުން، މި ތިން ރުކުން ފުރިހަމައަށް ސާބިތުވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40، 46)
- ޖަމާޢަތެއްގެ މީހުން ބައިވެރިވެގެން އެކަކު މަރާލައި އެ ކުށް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ، ތަމާލުއުގެ އުޞޫލުން އެ ކުށުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުން ހުއްދަވާނެއެވެ؛ މި މައްސަލައިގައި މަރުވި މީހާ މަރުވީ އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލުގެ ނަތީޖާއިންކަން ކަނޑައަޅާފައިވަނީ ތަމާލުއުގެ ހަމައިން ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 95)
- ޤިޞާޞް ހިފޭނީ ޢަމަލު ހިންގި މީހަކީ މުކައްލަފަކަށްވެ، އެ ޢަމަލު ހިންގީ ޝުބުހައެއް ނެތް ޤަޞްދަކާއެކު އަމިއްލަ އިޚްތިޔާރުގައި ކަމަށްވެ، މަރުވި މީހާގެ ހުރިހާ ވާރިޘުން ޤިޞާޞް ހިފަން ބޭނުންކަމަށް 'އާނ' ބަސް ބުނެފިނަމައެވެ. ވާރިޘުންގެ ތެރޭގައި ތަޞައްރަފު ނުފުރޭ ކުދިން ތިބިނަމަ، އެ ކުދިން ބޮޑުވެ އެމީހުންގެ ބަސް ހޯދުމަށްފަހު މެނުވީ ޤިޞާޞް ނުހިފޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44)
- ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން މަރުގެ ޙުކުމެއްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި ވާޤިޢާތައް މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންޖެހޭތީ، ޤިޞާޞް ހިފަން ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގައި ހުށަހެޅުނު ހެކި އަދި ޤަރީނާ ސުޕްރީމް ކޯޓުންވެސް އަލުން ބަލައި ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
- ޑީއެންއޭއަކީ ޙައްދާއި ޤިޞާޞް ސާބިތުކުރުމުގައި ހެކީގެ ދަރަޖައިގައި ބަލައިގަނެވޭ ސީދާ ވަސީލަތެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، ޖިނާއީ ތަޙުޤީޤުތަކުގައި ޤަރީނާގެ ގޮތުގައި ޑީއެންއޭ ބޭނުންކުރުމަކީ އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ ކަމެއް ނޫނެވެ. ތަޙުލީލުކުރުމުގެ ޢިލްމާއި ޤާބިލުކަން ހުރި ފަރާތަކުން އެކުލަވާލާ ޞައްޙަކަން ކަށަވަރުކުރެވިފައިވާ ޑީއެންއޭ ރިޕޯޓަކީ ބުރަދަން ދެވިދާނެ ހަރުދަނާ ޤަރީނާއެއް ކަމަށާއި، މަރުގެ ތުހުމަތުވާ ފަރާތް ކުށުގެ ޢަމަލުގައި ބައިވެރިވިކަން ސާބިތުކުރުމަށް ހުށަހެޅޭ އެހެން ހެކިތަކާއި ޤަރީނާތަކަށް ބޮޑު ބުރަދަނެއް އެ ރިޕޯޓުން ލިބިދެވޭކަމަށް ކަނޑައެޅިދާނެއެވެ؛ ރިޕޯޓުގެ ޞައްޙަކަން ކަނޑައެޅިދާނީ ކޯޓުން ހުއްދަކުރާ ޚަބީރުންގެ ބަހަށް ރިޢާޔަތްކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 85-90)
- ޖިނާއީ ކުށެއް ސާބިތުވެ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ ހެކިވެރިއެއްގެ ހެކިބަސް، ސުޕްރީމް ކޯޓުގެ 2012/SC-A/01 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލާ އެއްގޮތަށް، އެހެން ހެކިތަކަށް ބާރުދޭ ޤަރީނާއެއްގެ ދަރަޖައިގައި ބަލައިގަތުމަށް ހައިކޯޓުން ނިންމީ ރަނގަޅަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 93، 102)
- މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތްތޯ ބަލާނީ މަރާލުމުގެ ޢަމަލު ހިންގި ގޮތަށާއި، އެ ޢަމަލުކުރުމަށް ރޭވި ރޭވުމަށާއި، ހަމަލާދީފައިވާ ތަނާއި ހަމަލާދީފައިވާ ގޮތަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 96)
- ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 24 ގައި މާނަކުރެވިފައިވާ ގޮތުން، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ގައިވާ އުޞޫލަކީ ތުހުމަތުކުރެވޭ މީހާ އިޢުތިރާފުވާ ޙާލަތުގައި އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކުރުމަށް ބޭނުންކުރާ އުޞޫލެކެވެ؛ އެއީ ޝަފަހީ ހެކިންގެ ހެކިބަސް އެކަކު އަނެކަކާ ފުށުއަރާކަން ދެނެގަތުމަށް ބޭނުންކުރާ މާއްދާއެއް ނޫނެވެ. އެހެންކަމުން، ހެކިބަހުގައި ބައެއް ފުށުއެރުން ހުރި ނަމަވެސް އެ ފުށުއެރުންތަކަކީ ކުށް ސާބިތުވުން ނަފީކުރާ މިންވަރުގެ ފުށުއެރުންތަކެއްތޯ ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 98-101)
- މީހެއްގެ މައްޗަށް މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނީ މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިޢުތިރާފަކުން، ނުވަތަ ދެ ހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިބަހުން، ނުވަތަ ހެއްކަކާއި އެ ހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާއަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 102)
- (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު) ހެކިބަސް ދޭ ކޮންމެ މީހަކުވެސް ކަމެއް ސިފަކުރަނީ އޭނާއަށް ފެނުނު ގޮތަށް ކަމަށްވާތީ، ހެކިބަހުގައިވާ ކޮންމެ ތަފާތަކުން ނުވަތަ އުނިކަމަކުން ހެކިވެރިޔާގެ ބަހުގެ ޞައްޙަކަމާއި ތެދުކަން ނަފީއެއް ނުވެއެވެ. ހުށަހެޅިފައިވާ ހުރިހާ ހެކިތައް އެކުގައި ވަޒަންކޮށް ތެދު ޙަޤީޤަތް ހޯދައި ކޮންމެ ހެއްކަކަށް ދޭނެ ބުރަދަން ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ މަސައްކަތެވެ. ޤަސްދު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައިވާ ޢަމަލީ ގޮތުން ޔަޤީންކުރެވޭ މިންވަރު، އެއީ އިސްލާމީ ޝަރީޢަތުގައިވާ އެއްވެސް ޝުބުހައެއް ނެތް މިންވަރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 112-114)
- (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އެ ރައުޔަށް ތާއީދުކުރައްވައި) ޤިޞާޞްގެ ޙުކުމަކީ ސީދާ ކީރިތި ޤުރުއާނުން އައިސްފައިވާ ޙުކުމަކަށްވާތީ، އިސްލާމްދީނުގެ މި އަސްލާ ޚިލާފުވާ ގޮތަކަށް ދިވެހިރާއްޖޭގައި ޤާނޫނެއް ނުހެދޭނެއެވެ، އަދި ޤާނޫނު މާނައެއް ނުކުރެވޭނެއެވެ. ޙާޞިލުކުރުން މުސްތަޙީލު ޝަރުޠުތަކެއް ކުރިމަތިކޮށް ޤިޞާޞް ހިފުމަށް ހުރަސް އަޅާ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) އަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު، 268 ވަނަ މާއްދާގެ ދަށުން ބާޠިލު ނަންބަރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 116-123)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 59 2016/SC-A/19 ޝަރީޢަތް ނިމުނުގޮތް މުޙައްމަދު ޝައިފަން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 30 ނޮވެންބަރު 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2013/HC-A/285 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މުޙައްމަދު ޝައިފަން
އެސިސްޓެންޓް ޕްރޮސިކިއުޓަރރ ޖެނެރަލް ޙުސައިން ނާޝިދު ޤާނޫނީ ވަކީލު:
ޢަލީ ޝާހް، ބީޗްހައުސް، ގއ. ވިލިނގިލި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް ޖިހާދާ އަނީސް ޢަބްދުﷲ ޙަސީން، ދަފްތަރު 4059، މާލެ ސީނިއަރ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު ތައުފީޤު
ޖިނާއީ – ގަސްދުގައި މީހަކު މެރުން – ކުށް ސާބިތު ކުރުމުގެ މިންގަނޑު – އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން – ޑީއެންއޭއިން ޤިޞާޞް ސާބިތުކުރުން – ޤަރީނާ – ތަމާލުޢު - ޖަމާޢަތަކުން މީހަކު މެރުން – ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވޭތޯ ބެލުން- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ – ޤާނޫނުލްޢުޤޫބާތު
ފިހުރިސްތު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 1
ތަޢާރުފު 1
ހާދިސާ 1
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާ 2
ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި / ޤަރީނާގެ ތެރެއިން ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރި ހެކި / ޤަރީނާ 3
މުޙައްމަދު ޝައިފަންގެ ފަރާތުން ހުށަހެޅި ހެއްކާމެދު ކްރިމިނަލް ކޯޓުން ނިންމި ގޮތް 4
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް 4
ހައިކޯޓުގައި ކުރި އިސްތިއުނާފު 8
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ހެކި / ޤަރީނާ އާގުޅިގެން ހައިކޯޓު ރިޕޯޓުން ފާހަގަވި ކަންކަން 9
ޤިޞާޞް ހިފުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓު ރިޕޯޓުގައި ބަޔާންކުރާ ކަންކަން 11
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް 12
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ 14
އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ދިން ޖަވާބު 16
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ 18
އެއް އާދަމްގެ ދަރިއެއްގެ ޢަމަލުގެ ސަބަބުން އަނެއް އާދަމްގެ ދަރިއެއްގެ ފުރާނަ ނެތިދިއުމުގެ ކުށް 19
އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށް 21
ތަމާލުއުގެ ގޮތުން މީހަކު މެރުން 23
ޤިޞާޞް ހިފުން 24
ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވޭތޯ ބެލުން 25
ހެކިންގެ ހެކިބަހުން ފާހަގަކުރެވުނު ކަންކަން 32
ހެކިން ފުލުހުންގެ ތަޙްޤީޤަށް ދިން ބަޔާންތަކުގައި ހުރި ފާހަގަކުރެވޭ ކަންކަން 33
ދަޢުވާ ސާބިތު ކުރުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ޤަރީނާ 34
މި ހާދިސާގައި މަރުވި ޢަލީ ޝިފާންގެ ލޭގެ ޙުރުމަތް 37
ޢަލީ ޝިފާން މަރުވީ މުއްތަހަމުގެ ޢަމަލުގެ ނަތީޖާއިންތޯ ބެލުން 38
ޑީއެންއޭ އިން ޤިޞާޞް ސާބިތުކުރުން 40
މަރުވި މީހާ މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތްތޯ ބެލުން 47
މި މައްސަލައިގައި މުއްތަހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިދާނެތޯ؟ 47
ނިންމުން 52
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 52
ގަސްތުމަރުގެ ކުށް ސާބިތުކޮށްދޭޖެހޭ މިންގަނޑު 54
އިސްލާމީ ޝަރިއަތުގައި ގަސްތު މަރުގެ މައްސަލަތައް ސާބިތުކުރަންޖެހޭ މިންވަރު 57
ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއް އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވުން 59
ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވޭތަ؟ 59
މި މައްސަލަ ނިންމަން ފެންނަ ގޮތް 61
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 62
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 62
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 67
ޙުކުމް 67
` މުޙައްމަދު ޝައިފަން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 59 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، މުޙައްމަދު ޝައިފަން (މީގެ ފަހުން "މުއްތަހަމު" ނުވަތަ "މުޙައްމަދު ޝައިފަން" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށް އިސްތިއުނާފު ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ހާދިސާ
22012 އެޕްރީލް 01 ވަނަ ދުވަހުގެ 16:45 ހާއިރު، މ. ފެއަރީކޯނަރ، ޢަލީ ޝިފާން، މ. ވެސްޓްޕާރކް ރެސްޓޯރެންޓް ކައިރީ ހުއްޓައި، ޢަބްދުﷲ ތިލްމީޒުއާއި، މުޙައްމަދު އާޞިފްއާއި، 3912، މުޙައްމަދު ޝައިފަންއާއި، ޢަލީ ނަބީޙްއާއި، ރައްޒާން ޢަބްދުއްރަޙުމާންއާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީ، ސައިކަލުތަކެއްގައި ވެސްޓްޕާރކް ރެސްޓޯރެންޓް ކައިރިއަށް އައިސް، މި މީހުންގެ ތެރެއިން ޢަބްދުﷲ ތިލްމީޒުއާއި، މުޙައްމަދު އާޞިފްއާއި، މުޙައްމަދު ޝައިފަންއާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީ، ޢަލީ ޝިފާންގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކުރި ކަމަށްވެއެވެ.
3މި ޙަމަލާގެ ސަބަބުން ޢަލީ ޝިފާންއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 2012 އެޕްރީލް 01 ވަނަ ދުވަހުގެ ހަވީރު 05:15 ގައި ޢަލީ ޝިފާން ވަނީ ނިޔާވެފައެވެ.
އައި. ޖީ. އެމް ހޮސްޕިޓަލްއިން ތައްޔާރުކޮށްފައިވާ އެ ހޮސްޕިޓަލްގެ ނަންބަރު 09146555 މެޑިކޯ ލީގަލް ރިޕޯޓްގެ އަނިޔާއެއް ފާހަގަ ކުރެވުނު ނަމަ އޭގެ ތަފްޞީލް، މި ސުރުޚީގެ ދަށުގައި އަދި ]މަރުވިކަމަށް[ ލަފާ ކުރެވޭ ގޮތް، މި ސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވަނީ "ތޫނުއެއްޗަކުން އަނިޔާވެ، ހަށިގަނޑުން ބައިވަރު ލޭ ފޭބުމުގެ ސަބަބުން ޝޮކެއްޖެހި މަރު]ވީ[" ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހެލްތް އިން ދޫކުރި "މަރު ސާބިތުކުރި ލިޔުން" ގައި ޢަލީ ޝިފާން މަރުވިކަމަށް ބެލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ގިނަ އަދަދެއްގެ ލޭ ފޭބުމުގެ ސަބަބުން ޝޮކް (ހެމަރެޖިކް ޝޮކް) ޖެހުން ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާ
4ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާއަކީ، 2012 އެޕްރީލް 01 ވަނަ ދުވަހުގެ 16:45 އެހައިކަށްހައިއިރު، ޢަލީ ޝިފާން، މ. ފެއަރީކޯނަރ، މާލެ މ. ވެސްޓްޕާރކް ރެސްޓޯރެންޓް ކައިރީ ހުއްޓައި، ޢަބްދުﷲ ތިލްމީޒު މ. ދިންމަނަ، މާލެ އާއި މުޙައްމަދު އާޞިފް މާފަހި، ޅ. ކުރެންދޫ އާއި މުޙައްމަދު ޝައިފަން މމޚ. ދަފްތަރު 3912، މާލެ އާއި ޢަލީ ނަބީޙް މ. ނަލަހިޔާމަންޒިލް މާލެ އާއި، ރައްޒާން ޢަބްދުއްރަޙުމާން ކާނިމާގެ، ބ. ތުޅާދޫ އާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީ، މ. ސިލްވަރނެސްޓް، މާލެ، މި މީހުން ސައިކަލުތަކެއްގައި އެތަނަށް އައިސް މި މީހުންގެ ތެރެއިން ޢަބްދުﷲ ތިލްމީޒުއާއި، މުޙައްމަދު އާޞިފްއާއި، މުޙައްމަދު ޝައިފަންއާއި މުޙައްމަދު މިޝާން ޢަބްދުލްހާދީ، ޢަލީ ޝިފާންގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީ ބޮޑެތި ޒަޚަމްތަކެއްކޮށް، ޢަލީ ޝިފާންއާމެދު މާރާމާރީ ހިންގާފައިވާތީއާއި، ޢަލީ ޝިފާނަށް ޙަމަލާދިނުމަށްފަހު ރައްޒާން ޢަބްދުއްރަޙުމާންއާއި މުޙައްމަދު އާޞިފް ގޮވައިގެން ޢަބްދުﷲ ތިލްމީޒުއާއި ޢަލީ ނަބީޙް ސައިކަލުތަކުގައި އެތަނުން ގޮސްފައިވާތީއާއި، މިޙަމަލާތަކުގެ ސަބަބުން ޢަލީ ޝިފާންއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 2012 އެޕްރީލް 01 ވަނަ ދުވަހު ޢަލީ ޝިފާން ނިޔާވެފައިވާތީ، ޢަބްދުﷲ ތިލްމީޒުއާއި، މުޙައްމަދު އާޞިފްއާއި، މުޙައްމަދު ޝައިފަންއާއި، ޢަލީ ނަބީޙްއާއި، ރައްޒާން ޢަބްދުއްރަޙުމާންއާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ.
5މި ދަޢުވާއާ ގުޅިގެން ބެލުނު މައްސަލަ ކްރިމިނަލް ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ އިންނެވެ.
ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި / ޤަރީނާގެ ތެރެއިން ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރި ހެކި / ޤަރީނާ
6ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި / ޤަރީނާތަކަކީ:
(ހ) މަންޒަރު ފެނުނުކަމަށްބުނާ 05 (ފަހެއް) ފަރާތެއް (ޝަފަހީ ހެކި)،1
(ށ) ކްރައިމް ސީން އެގްޒެމިނޭޝަން ރިޕޯޓް،
(ނ) ޢަލީ ޝިފާންގެ މެޑިކޯ ލީގަލް ރިޕޯޓް، އަދި،
(ރ) ޑީ.އެން.އޭ ރިޕޯޓެވެ.
ޝަފަހީ ހެކީގެ ގޮތުގައި ހުށަހެޅި ފަރާތްތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެ ހެކިންގެ ހެކިބަސް ސިއްރު ހެކިބަސްތަކެއްގެ ގޮތުގައި ނެގުމަށް ޝަރީޢަތުން ނިންމާފައިވެއެވެ.
7މި ދަޢުވާއާ ގުޅިގެން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖް ބަލައިނުގަތުމަށް ޝަރީޢަތުން ނިންމާފައިވެއެވެ. ވީޑިއޯ ފުޓޭޖް ބަލައި ނުގަތުމަށް ޝަރީޢަތުން ނިންމީ މައްސަލައިގެ ހެކިބަސްނަގާ އަޑުއެހުންތައް ނިންމުމުގެ ކުރިން ވީޑިއޯ ފުޓޭޖް ހުށަހެޅުމުގެ ފުރުޞަތު ލިބިމެ، އެކަން ކޮށްފައިނުވާތީއެވެ.
މުޙައްމަދު ޝައިފަންގެ ފަރާތުން ހުށަހެޅި ހެއްކާމެދު ކްރިމިނަލް ކޯޓުން ނިންމި ގޮތް
8މުޙައްމަދު ޝައިފަންގެ ފަރާތުން ދިފާޢީ ހެކީގެ ލިސްޓެއް ކްރިމިނަލް ކޯޓަށް ލިޔުމުން ހުށަހެޅިއެވެ. ނަމަވެސް، އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު ޝައިފަންގެ ފަރާތުން ހުށަހެޅި ހެކި ކްރިމިނަލް ކޯޓުން ބަލައިގެންފައެއްނުވެއެވެ.
(ހ) ހެކި ހުށަހެޅި ސަބަބާއި ހެކިން ހުށަހަޅަނީ ކޮންކަމެއް ސާބިތުކުރަންތޯ ހެކި ހުށަހެޅި ލިޔުމުގައި ބަޔާކުރަންވާނެކަމަށް ކްރިމިނަލް ކޯޓުން އަންގާފައިވީ ނަމަވެސް، އެ އުޞޫލާއި ޚިލާފަށް ހެކި ހުށަހަޅާފައިވުން؛
(ށ) ހެކި ވަޒަންކުރުމާއި ހެކިން ޙާޟިރުކުރުމާ ބެހޭގޮތުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމި އަޑުއެހުމަށް މަޤުބޫލު އުޒުރެއްނެތި މުޙައްމަދު ޝައިފަންގެ ވަކީލު ޙާޟިރުވެފައި ނުވުން؛
(ނ) މުޙައްމަދު ޝައިފަން ހުށަހެޅި ހެކިތައް ޝަރީޢަތަށް ހުށަހެޅި ސަބަބާއި ސާބިތުކުރަން ބޭނުންވާ ކަންތައްތައް ބުނެދެވިފައިނުވުމެވެ.2
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
9ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގައި ނިންމާފައިވަނީ މުޙައްމަދު ޝައިފަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާ ސާބިތުނުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ޙުކުމްގައި ބުނަނީ މި މައްސަލައަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މައްސަލައަކަށްވެފައި، މި މައްސަލައިގައި ހެކިންގެ ހެކިބަސް މިނެކިރާ ވަޒަންކުރަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށްވާތީ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިން ތަޙްޤީޤު މަރުޙަލާގައްޔާއި، ޝަރީޢަތުގެ މަރުޙަލާގައި ހާދިސާއާ ގުޅިގެން ދީފައިވާ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރިކަމަށް ޝަރީޢަތަށް ފެންނާތީ، ޝުބުހަ އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް ބައެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވިދާނެކަމަށް ޝަރީޢަތަށް ނުފެންނާތީ، މމޚ. ދަފްތަރު 3912، މުޙައްމަދު ޝައިފަން (އަދި މުޙައްމަދު ޝައިފަންއާ އެކު ދަޢުވާ ރައްދުވި އިތުރު 05 (ފަހެއް) މީހުން) ގެ މައްޗަށް އުފުލާފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށެވެ.
10ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގައި މުޙައްމަދު ޝައިފަން (މުޙައްމަދު ޝައިފަންއާ އެކު ދަޢުވާ ރައްދުވި އިތުރު 05 (ފަހެއް) މީހުން) ގެ މައްޗަށް އުފުލާފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް، ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
10.1- ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިވެރިޔާ (ހ) އަދި ހެކިވެރިޔާ (ށ) މި ހާދިސާގައި މަރުވި ޢަލީ ޝިފާނަށް ބަޔަކު ޙަމަލާދިންތަން ފެނުނުކަމަށް ބުނި ނަމަވެސް، ދަޢުވާލިބޭ އެއްވެސް މީހަކު ޢަލީ ޝިފާނަށް ޙަމަލާދިން މީހުންގެ ތެރޭގައި ނުހިމެނޭކަމަށް ބުނެފައިވުން.
10.2- ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިވެރިޔާ (ރ) އަދި ހެކިވެރިޔާ (ބ) ހެކިބަސް އަދާކޮށްފައިވާ ގޮތަށް ބަލާއިރު ވަރަށް ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ޝަރީޢަތަށް ފާހަގަކުރެވިފައިވުން.3
10.3- ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފަސް ހެކިންގެ ތެރެއިން ޢަލީ ޝިފާނަށް ޙަމަލާ ދިންތަން ފެނުނުކަމަށް ހެކިބަސްދީފައިވަނީ ހަތަރު ހެކިންކަން ހެކިންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަހިނދު، އެއް ހާދިސާއެއް އެއް ވަގުތެއްގައި ހެކިން ސިފަކޮށްދީފައިވާ ގޮތަށް ބަލާއިރު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ޝަރީޢަތަށް ފާހަގަކުރެވިފައިވުން.
10.4- ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވާ ވާހަކަތަކާއި، ސިފަކޮށްދީފައިވާ ސިފަކުރުންތަކަށް ބަލާއިރު ހެކިވެރިން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައި ބޮޑެތި ތަފާތުތަކެއް އުޅޭކަން ފާހަގަކުރެވޭތީ، ހެކިންގެ ޢަދުލުވެރިކަމާމެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުޞަތު ބޮޑުކަމަށް ޝަރީޢަތަށް ޤަބޫލުކުރެވިފައިވުން.
10.5- މިބާވަތުގެ މައްސަލަތަކުގައި ހެކިބަސް މިނެކިރާ ވަޒަންކުރަންޖެހޭނީ ހެކިން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް، މުޅި މައްސަލައަށް ޖުމްލަގޮތެއްގައި ކަމަށް ޝަރީޢަތަށް ފެނުނު ހިނދު، އެއާ ޚިލާފަށް ދަޢުވާލިބޭ އެތަކެއް މީހުންނެއް ތިއްބާ ހަމައެކަނި ދަޢުވާލިބޭ މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ހެކިވެރިޔާ ބުނެފައިވާ ބުނުންތަކަށް އެކަނި ރިޢާޔަތްކޮށްގެން މައްސަލަ ނިންމައިފިނަމަ ހެކި ވަޒަންކުރުމުގައި ޝަރީޢަތަށް ބޮޑެތި އޮޅުންތަކެއް އަރާފާނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވުން.
11މީގެ އިތުރަށް، ހެކިބަސްދިން ހެކިވެރިޔާ (ބ)4 އަކީ ހެކިވެރިއެއްގައި ހުރުން ލާޒިމްވެގެންވާ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ މީހެއްކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ހެކިވެރިޔާގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 02 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް 15 މޭ 2011 ގައި ޙުކުމްކޮށްފައިވެއެވެ.
12ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ ނަންބަރު 3 އަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ބެއްލެވި ޤާޒީ ރިޢާޔަތްކުރައްވައި ވިދާޅުވަނީ ޤަޞްދު މަރުގެ ކުށެއް މީހެއްގެ މައްޗަށް ނުވަތަ ބައެއްގެ މައްޗަށް ސާބިތުކުރުމުގައި އިސްލާމީ ޝަރީޢަތުގައި ހެކީގެ މިންވަރު ކަނޑައެޅިފައިވާ ގޮތަށް ނަޒަރު ހިންގާއިރު މިދަޢުވާގައި ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރުމާއި، ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގައި ހަމައެކަނި ހަރުދަނާ ޤަރީނާ5ގެ މައްޗަށް އެކަނި ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ބަލާއިރު ކުރެވިދާނެ ކަމެއްކަމަށް ޝަރީޢަތަށް ނުފެންނަކަމަށެވެ.
ހައިކޯޓުގައި ކުރި އިސްތިއުނާފު
13ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގައި ދަޢުވާ ރައްދުވި 06 މީހުންގެ ތެރެއިން މމޚ. ދަފްތަރު 3912، މުޙައްމަދު ޝައިފަން6 ގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާ އިންނެވެ.
14ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ އެ ކޯޓުން ބަލާ ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 05 (ފަހެއް) ނުކުތާއެއް ހުށަހެޅިއެވެ. އެ 05 (ފަހެއް) ނުކުތާއަކީ:
(1) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް ކްރިމިނަލް ކޯޓުގައި އިންކާރުކުރުމާ ގުޅިގެން ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ހެކިބަސް އަދާކޮށްފައިވާ ގޮތަށް ބަލާއިރު އެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ފާހަގަ ކުރައްވައި މައްސަލަ ނިންމަވާފައިވާގޮތް ރަނގަޅުނޫން ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
(2) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައިގެ ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާއަށް އިންކާރުކުރުމާ ގުޅިގެން، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ހެކިވެރިޔާ (ބ)، ޝަރީޢަތުގައި ހެކިބަސްދެމުން ދައްކާފައިވާ ވާހަކަތައް ބަޔާންކުރަމުން، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13 ވަނަ ނަންބަރުގެ 12 ވަނަ ފޮޅުވަތުގައި މިޝާން ޢަބްދުލްޙަދީ، ވަޅީގެ މުއްގަނޑެއްގައި ހިފަހައްޓައިގެން ހުއްޓާ ދުށްކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
(3) ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެއް ހެއްކަކީ ފާސިގެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލާ ޚިލާފަށް ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
(4) މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީ.އެން.އޭ ރިޕޯޓާއި، މި މައްސަލައިގައި ހުށަހެޅި މެޑިކޯ ލީގަލް ރިޕޯޓުގައި ޢަލީ ޝިފާނަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ އަނިޔާތަކަށް ހެކިންގެ ހެކިބަހުން ބާރުދޭއިރު، އެކަމަށް ރިޢާޔަތް ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
(5) ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ ތަފްޞީލު އިޖުރާއާތެއް ލިޔެވިފައި ނެތްނަމަވެސް، ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުތަކާ ޚިލާފަށް މި މައްސަލައިގައި ޢަމަލު ކޮށްފައިވާކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ހެކި / ޤަރީނާ އާގުޅިގެން ހައިކޯޓު ރިޕޯޓުން ފާހަގަވި ކަންކަން
15ކްރިމިނަލް ކޯޓަށް ހުށަހެޅުނު ހެކިންގެ ހެކިބަސް ހައިކޯޓުން ވަޒަންކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ފުލުހުންގެ ތަޙްޤީޤަށް ބަޔާންދީފައިވާ ބައެއް ފަރާތްތަކުގެ ތަޙްޤީޤު ބަޔާންތަކަށާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހަށް ބަލައިގެންކަން އެނގެއެވެ.7
16ދައުލަތުން ހުށަހެޅި 5 (ފަހެއް) ޝަފަޙީ ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ (ބ) އަކީ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ މީހެއްކަމުގައި8 މުޙައްމަދު ޝައިފަންގެ ފަރާތުން ބުނާބުނުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް ގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގައި ލިބިފައިހުރި ހެކިތަކަށް އެފަދަ ހެއްކެއްގެ ހެކި ބަހުން އިތުރު ބާރެއް ނުވަތަ ހަރުދަނާކަމެއް ލިބޭނަމަ، ޤަރީނާއެއްގެ ގޮތުގައި އެފަދަ ހެކިވެރިއެއްގެ ބަސް ޝަރީޢަތުން ޤަބޫލުކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ހުރަހެއްނެތްކަން ދަޢުވާ ސާބިތުކުރުމުގައި އިސްލާމީ ޤަޟާއީ ނިޒާމުގައި ޢަމަލުކުރެވޭ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ.9
17ޤަރީނާއެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓްގައި ހިމެނޭ ޢަލީ ޝިފާންގެ ހަށިގަނޑުން ނެގުނު ބްލަޑް ސާމްޕަލްއިން ލިބުނު ޑީއެންއޭ ޕްރޮފައިލް، ކްރައިމް ސީން އެވިޑެންސްތަކުން ލިބުނު ޑީއެންއޭ ޕްރޮފައިލް އަދި ޢަލީ ޝިފާން ލައިގެންހުރި ހުދުކުލައިގެ ޓީޝާޓް އިން ލިބުނު ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން ހައިކޯޓުގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް"ގައި ފާހަގަކުރެއެވެ.10 އަދި ޢަލީ ޝިފާންގެ ވާއަތުގެ ނިޔަފަތިން ލިބުނު މިކްސްޑް ޑީ.އެން.އޭ. ޕްރޮފައިލްއާއި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ މުޙައްމަދު ޝައިފަންގެ ފަރާތުން ނެގުނު ރިފަރެންސް ބަކަލް ސްވޮބް އިން ލިބުނު ޑީ.އެން.އޭ. ޕްރޮފައިލްއާ ދިމާވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު E2(e)/DNAN/2012/009 ޑީ.އެން.އޭ ނޯޓިހުން އެނގޭކަމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑީ.އެން.އޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުން11 މި ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ބަޔާންކުރެއެވެ.
18ޤަރީނާއެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި މެޑިކޯ ލީގަލް ރިޕޯޓްއަށް ބެލުމުން ޢަލީ ޝިފާން ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ ހާލު ވަރަށް ދެރަކަމާއި، އެއިރު އޭނާގެ ބުރަކައްޓާއި އަތުގައިވާ ޒަހަމްތަކުން ހޯސްލާފައި ލޭއަންނަކަމާއި، ޢަލީ ޝިފާނަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި އޭނާގެ ބުރަކަށީގެ ދެ ތަނެއްގައްޔާއި ވާއަތްތިލައިގައި ފުން ޒަހަމެއް ހުރިކަމާއި އަދި ވާއަތުގައި ތިލަ ޒަހަމެއް ހުރިކަމަށް ބަޔާންކޮށްފައިވާ ކަމާއި، ޢަލީ ޝިފާން މަރުވެފައިވަނީ ތޫނުއެއްޗަކުން އަނިޔާވެ، ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފޭބުމުގެ ސަބަބުން ޝޮކެއްޖެހިގެންކަމަށް އެ ރިޕޯޓުގައި ވާކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ވެއެވެ.
19ޢަލީ ޝިފާނުގެ މަރު ސާބިތުކުރި ކަމުގެ ލިޔުމަށް ބަލާއިރުވެސް ޢަލީ ޝިފާން މަރުވި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ގިނަ އަދަދަކަށް ލޭ ފޭބެމުގެ ސަބަބުން ޝޮކް ޖެހިގެންކަން އެނގެން އޮންނަކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ވެއެވެ.
ޤިޞާޞް ހިފުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓު ރިޕޯޓުގައި ބަޔާންކުރާ ކަންކަން
20އަނިޔާވެރިގޮތުގައި ޤަތުލުކުރެވޭ މީހާގެ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންވާނަމަ، އަދި އެކަމަށް ހުރަސް އަޅާ ޝަރުޢީ ސަބަބެއް މެދުވެރިވެފައި ނެތްނަމަ، އެކަން އެމަގުން ތަންފީޒު ކުރެވެންޖެހޭނެ ކަމަށާއި ޤާޠިލުގެ މައްޗަށް ޢުޤޫބާތް ކަނޑައެޅުމުގައި ޤާތިލުގެ ކިބައިން ޤިޞާޞް ހިފުން، ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުން، ނުވަތަ ޤާޠިލަށް ޢަފޫކުރުން، މިކަންތައްތަކުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރުމުގެ ބާރުތައް މަރާލެވުނު މީހާގެ ވާރުތަވެރިންނަށް ލިބިދީފައިވާކަން އެނގޭކަން ހައިކޯޓުގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް" ގައި ބަޔާންކުރެއެވެ.12 އަދި މި މައްސަލައިގައި ނިޔާވި ޝިފާންގެ ހުރިހާ ވާރިޘުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވާކަމާއި ހުރިހާ ވާރިޘުންވެސް ބޭނުންވަނީ ޢަލީ ޝިފާންގެ ޤާތިލު / ޤާތިލުންގެ ކިބައިން މަރަށްމަރު (ޤިޞާޞް) ހިފުންކަމަށް އެއްވެސް އޮޅުމެއްނެތި ސާފު ޞަރީޙަ ބަހުން ބުނެފައިވާކަން އެނގެން އޮންނަކަން ވެސް ހައިކޯޓުގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް" ގައި ބަޔާން ކުރެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް
21ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، މީހެއްގެ މައްޗަށް މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިޢުތިރާފް ނުވަތަ ދެ ހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި އެހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާ ހުރިނަމަ، ބުނެވިދިޔަ މިންގަނޑުން ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށެވެ. އަދި މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން، ޢަލީ ޝިފާން މަރާލުމުގައި މުޙައްމަދު ޝައިފަން ބައިވެރިވެފައިވާކަން ސިއްރުހެކި (ނ) އާއި (ރ) އަދި (ބ) 13 ގެ ބަހުން އެނގޭއިރު، އެ ހެކިންގެ ބަސް ފޮރެންސިކް ހެކި (ޑީއެންއޭ ޕްރޮފައިލް ރިޕޯޓް) އިން އިތުރަށް ކަށަވަރުވާކަމަށާއި، ޢަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު އަނިޔާތަކުގައި ގިނަ އަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ޝޮކްޖެހިގެންކަން އެނގެން އޮތުމުން މި މީހުންގެ ޢަމަލާއި ޢަލީ ޝިފާން މަރުވި ސަބަބާ ގުޅިފައިވާތީ ޢަލީ ޝިފާން މަރާލުމުގައި މުޙައްމަދު ޝައިފަން ބައިވެރިވާކަމާމެދު އެއްވެސް ޝައްކެއް އުފެދިފައިނެތްކަމަށް ޤަބޫލު ކުރެވޭކަމަށެވެ.14
22ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ޙުކުމްގައިވަނީ: "ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
606/Cr-C/2012 ޤަޟިއްޔާގައި ދައުލަތުން ... ދަފްތަރު ނަންބަރު 3912 / މުޙައްމަދު ޝައިފަން ... ގެ މައްޗަށް ހުށަހެޅުނު ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގައި، ... ޝިފާން މަރާލުމުގައި އެ ޤަޟިއްޔާގައި ދަޢުވާލިބުނު މުޙައްމަދު ޝައިފަން ބައިވެރިވެފައިވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، އޭނާގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މުޙައްމަދު ޝައިފަންގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް، މި ޙާދިސާގައި ނިޔާވި ޝިފާންގެ ވާރިޘުން ބޭނުންވަނީ އަލީ ޝިފާނުގެ ޤާތިލުންގެ ކިބައިން މަރަށް މަރު (ޤިޞާޞް) ހިފުމަށް ކަމުގައި ސާފު ޞަރީޙަ ބަހުން އެއްވެސް ޚިލާފެއްނެތި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ މމޙ ދަފުތަރު ނަންބަރު 3912 / މާލެ، މުޙައްމަދު ޝައިފަން މެރުމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ."15 މިފަދައިންނެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
23މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ މުޙައްމަދު ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާގައި ބުނަނީ ދައުލަތުން ކުރި ދަޢުވާއަށާއި ދައުލަތުން ހުށަހަޅާފައިވާ ކަންތައްތަކަށް މުޙައްމަދު ޝައިފަން އިންކާރުކޮށްފައިވާއިރު، ހައިކޯޓުން ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި ހެކި އަދި ޤަރީނާ ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
24މުޙައްމަދު ޝައިފަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
24.1- ދަޢުވާއަށް އިންކާރުކުރާނަމަ، ކާފީ ހެކި ނެތް ޙާލަތްތަކުގައި ދަޢުވާ ސާބިތުވުމުގެ އެއްވެސް އިޙްތިމާލެއް ނޯންނާނެ ކަމަށާއި ޖިނާއީ މައްސަލައެއްގައި ކާފީ ހެއްކަކީ ޝައްކާއި ވަހުމުން ދުރުވެގެންވާ އެއްވެސް ތަޣައްޔަރު ވުމެއްނެތި ސާފުސީދާ ގޮތެއްގައި ޝަރީޢަތަށް ލިބެންޖެހޭ ޙަޤީޤީ ވަޞީލަތެއްކަމަށާއި ޤަތުލު ޢަމްދުފަދަ މައްސަލަތައް ސާބިތުކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މިންގަނޑަކީ ޞައްޙަ ސާބިތު މިންގަނޑެއްކަމަށާއި އެއީ އެއްވެސް ޝައްކެއް، ޝުބުހައެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވުމުގެ މިންގަނޑުކަމަށާއި، މި މިންގަނޑާ ތަޢާރުޟުވާފަދައަކުން އެފަދަ އެއްވެސް މައްސަލައެއް ޝަރީޢަތަށް ސާބިތު ނުވާނެކަން.
24.2- މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ޢަދުލުވެރިކަން ކަށަވަރު ނުވާ ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި ހެކިން ހާދިސާ ސިފަކޮށްދޭ ގޮތުގައި ތަފާތުތަކެއް އެބަހުރިކަމަށާއި ދައުލަތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ފަރާތްތައް ދައުލަތުގެ ދަޢުވާއާ ޚިލާފަށް ހެކިބަސް އަދާކޮށްފައިވާކަން.
24.3- މި މައްސަލައިގައި ދައުލަތުން ހުށައެޅި 05 (ފަހެއް) ހެކިންގެ ތެރެއިން 1 (އެކެއް) ހެއްކަކީ ފާސިޤު ހެކިވެރިއެއް ކަމަށާއި ފާސިޤެއްގެ ބުނުމަށް ބާރުދޭންޖެހޭނެކަމަށް ދައުލަތުން ބުނާބުނުން ސާފުނުވާކަމަށާއި ފާސިޤެއްގެ ހެކިބަހަށް ބުރަވެ ދަޢުވާ ސާބިތުވާނެކަމަށް ޙުކުމް ކުރެވިދާނެތޯ ނުވަތަ ނޫންތޯ ބަލަންޖެހޭކަން.
24.4- މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ބޭނުންކުރެވުނު ޑީއެންއޭ ރިޕޯޓުން މި ހާދިސާގައި މަރުވި ޢަލީ ޝިފާންއަށް ލިބިފައިވާ އަނިޔާތަކަކީ ކޮބައިކަން ނުދައްކާ ކަމަށާއި އަދި ޑީއެންއޭ ރިޕޯޓުގައި ޢަލީ ޝިފާނުގެ ފަރާތުން ލިބުނު ސާމްޕަލަކީ އެއްވެސް ވަރަކަށް މި މައްސަލައާ ގުޅުމެއް ނުވާ ސާމްޕަލެއްކަމަށާއި މުޙައްމަދު ޝައިފަންގެ އަތުން ނެގުނު އެއްވެސް ސާމްޕަލެއްގައި ޢަލީ ޝިފާންގެ ގައިގެ ހަންކޮޅެއް، ލޭކޮޅެއް ވަރުވެސް ނެތްކަން ފާހަގަކުރާކަމަށާއި ޢަލީ ޝިފާންގެ ނިޔަފައްޗަކުން ނެގިކަމަށްބުނާ ސާމްޕަލަކީ ކޮންއިރަކު، ކާކު، ކޮންތަނެއްގައި، ކޮންވަގުތެއްގައި ކޮށްފައިވާ ކަމަކާގުޅިގެން ވާޞިލުވެފައިވާ ސާމްޕަލެއްކަން އެނގެން ނެތްކަމަށާއި، އެހެންކަމުން އެ ސާމްޕަލާމެދު ޝައްކުގެ ނަޒަރުކުން ދެކޭކަން.
24.5- ޑީއެންއޭ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުން ހެކިންގެ ހެކިބަހަށް އެއްވެސް ބާރެއްނުދޭ ކަމަށާއި މި ރިޕޯޓްތަކުން ހެކިންގެ ހެކިބަސް ނަފީވެފައިވާކަމަށާއި މިއިން އެއްވެސް ރިޕޯޓަކުން ޢަލީ ޝިފާންއަށް ހަމަލާދިނީ ވަކިބަޔަކުކަން ބުނެފައިނުވާކަމަށާއި އެހެންކަމުން ދައުލަތުން ބުނާބުނުންތަކަކީ ކަނޑައެޅިގެން ދޮގު ބުނުންތަކެއް ކަމަށާއި މެޑިކަލް ރިޕޯޓަކީ މައްސަލައިގައި ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ނޫންކަމަށް ދެކޭކަން.
އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ދިން ޖަވާބު
25އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
25.1- ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރި މައިގަނޑު ނުކުތާއަކީވެސް ހެއްކާއި ޤަރީނާ ވަޒަންކުރުމުގައި ދަށު ކޯޓުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫންކަން ދައުލަތަށްވެސް ފާހަގަ ކުރެވޭތީ އެ ނުކުތާގެ މައްޗަށް ކަން. މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެ ފަރާތުން ބަހުސްކުރުމަށްފަހު މައްސަލަ ނިންމެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ނިންމަވާފައި ވަނީ މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި މި މައްސަލައިގައި އިސްތިއުނާފު ކުރެވުނު އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށްކަން. މީގެން އެނގެނީ މައްސަލަ ނިންމުގައި ހައިކޯޓުން ހެއްކާއި ޤަރީނާ ވަޒަންކޮށްފައިވާކަމާއި އެ ހެކިތަކަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހެކިކަން ކަނޑައެޅުމުގައި ޝަރުޢީ ގޮތުން ބަލަން ޖެހޭ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށް ބެލިފައިވާކަން.
25.2- ދިވެހިރާއްޖޭގެ ހައި ކޯޓުގައި މައްސަލަ ނިންމެވި އިރު ލިބިފައި ހުރި ހެކިތަކުގެ ތެރެއިން ޝުބުހަ އުފެދިފައިވާ ހެކިތަކަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން އޭގެ ނަތީޖާއަކީ ކޮބައިކަން ސާފުވާ ގޮތަށް ބަޔާންކޮށްފައިވާ ކަމަށް ދައުލަތުން ދެކޭކަން.
25.3- މި މައްސަލައިގައި ހެކިބަސް އަދާކޮށްފައިވާ ހެކިވެރިޔާ (ބ) ގެ ހެކިބަހުގައި ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް މުޙައްމަދު ޝައިފަންގެ ފަރާތުން ފާހަގަ ކުރާއިރު، އެ ހެކި ބަހަށް މި މައްސަލައިގައި ރިޢާޔަތްކޮށްފައިވާ މިންވަރަށާއި، އަދި އެ ހެކިވެރިޔާގެ ހެކިބަހުން ފާހަގަ ކުރެވޭ ކަންކަމަކީ ހަމައެކަނި އޭނާގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ނުވަތަ އެކަމުގެ މައްޗަށް އެކަނި ބިނާކޮށްގެން މައްސަލަ ސާބިތު ކުރެވުނު ކަމެއް ނޫންކަން. އަދި މި މައްސަލައިގައި ހެކިވެރިންގެ ހެކިބަހުގެ އިތުރުން އިތުރު ހެކިބަހާއި އިތުރު ހަރުދަނާ ޤަރީނާތަކެއް ލިބިފައިވާކަން. ހެކިވެރިޔާ (ބ) ގެ ހެކިބަހަށް ދީފައިވަނީ ފުރިހަމަ ހެއްކެއްގެ ދަރަޖަ ނޫންކަމަށާއި އެފަދަ ހެކިބަހެއް ބަލައިގަނެވޭނެ އުސޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް އުސޫލުކަން.16
25.4- ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގައި މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި ބޭނުންކުރެވުނު 2 ހެކިންގެ ހެކިބަހުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހެކިންގެ ހެކިބަހުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާކަން ކަށަވަރު ކުރެވިފައިވާކަން.
25.5- މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހެޅުނު މެޑިކަލް ރިޕޯޓްއާ ގުޅިގެން މައްސަލައިގައި އަނިޔާ ލިބި އަދި ނިޔާވި ޢަލީ ޝިފާންގެ މެޑިކަލް ލީގަލް ރިޕޯޓް ދައުލަތުން ހުށަހަޅާފައިވަނީ ކުށުގެ ޢަމަލު ހިންގި މީހުންގެ ޢަމަލާއި، އޭގެ ނަތީޖާ ސާބިތުކުރުމަށްޓަކައި ކަން. އަދި މެޑިކަލް ލީގަލް ރިޕޯޓަކީ އެފަދައިން އެކަން ހިނގާފައިވާކަން ދަލީލުކޮށްދޭ ހަރުދަނާ ޤަރީނާއެއްކަން.
25.6- މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ހުށަހެޅުނު ޑީއެންއޭ ރިޕޯޓަކީ، މައްސަލައިގައި އަނިޔާ ލިބި ނިޔާވި ޢަލީ ޝިފާންއާއި، މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން އޮތްކަން ދަލީލު ކޮށްދޭ ހަރުދަނާ ޤަރީނާއެއް ކަން. އަދި ޑީއެންއޭ ރިޕޯޓުން، އަނިޔާ ލިބި ނިޔާވި ފަރާތާއި ތުހުމަތު ކުރެވޭ ފަރާތާ އޮތް ގުޅުން ދަލީލު ކޮށްދިނުމަކީ ހެކިބަހަށް ލިބޭ އިތުރު ބުރަދަނެއްކަން. ޑީއެންއޭ ރިޕޯޓަކީ އިސްތިއުނާފު ކުރާ ފަރާތުން އެ ފާހަގަ ކުރި 3 ނުކުތާ ކަމަށްވާ އެތިކަލީ، ޓެކްނިކަލީ އަދި ލީގަލީވެސް ފުރިހަމަ ރިޕޯޓެއްކަމަށާއި، ޑީއެންއޭ ރިޕޯޓު ނެގުމުގައި ޢަމަލުކޮށްފައިވަނީ އޭރު ޢަމަލުކުރަމުން ދިޔަ އުޞޫލުތަކާ އެއްގޮތަށްކަން. އަދި މި ހާދިސާ ހިނގިއިރު ޑީއެންއޭ ރިޕޯޓެއް ނަގާ އިރުގައި ކޯޓު އަމުރެއް ހޯދުން ލާޒިމުކޮށްފައި ނެތްކަމާއި މި މައްސަލަ ނިންމާފައިވަނީ ހަމައެކަނި ޑީއެންއޭ ރިޕޯޓުގެ މައްޗަށް ނޫންކަން.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ
26މުއްތަހަމުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާއަށާއި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ޤާނޫނީ ނުކުތާއަކީ މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމުގެ މައްޗަށް ޤަތުލު ޢަމްދު (ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް) ސާބިތުވޭތޯއެވެ؟ މި ސުވާލަށް ޖަވާބު ލިބުމުން، މުއްތަހަމުގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފާ ގުޅިގެން ދައުލަތުން ފާހަގަކުރި ނުކުތާތަކަށްވެސް ޖަވާބު ލިބިގެންދާނެއެވެ.
އެއް އާދަމްގެ ދަރިއެއްގެ ޢަމަލުގެ ސަބަބުން އަނެއް އާދަމްގެ ދަރިއެއްގެ ފުރާނަ ނެތިދިއުމުގެ ކުށް
27ދިރިހުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. ދިރިހުރުމުގެ ޙައްޤުން ޤަޞްދުގައި މީހަކު މަޙްރޫމްކުރުމަކީ ނުވަތަ މީހަކު މެރުމަކީ ބޮޑުވެގެންވާ ޖިނާއީ ކުށެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލެކެވެ.
282014 ވަނަ އަހަރު ޢަމަލުކުރަންފެށި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ޢަމަލުކުރަންފެށުމުގެ ކުރިން، ދައުލަތުގެ ފަރާތުން، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށަށް ދަޢުވާ ކުރަމުން ދިޔައީ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
29ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއްގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކަމުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބު ކަމަށެވެ.17
30ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރަނީ ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެން ނުވާނެ ކަމަށާއި، ކުށެއްކުރުމާއި އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަމަށެވެ.
31މިހާރު ޢަމަލު ކުރަމުންދާ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގައި، އެނގިހުރެ މީހަކު މެރުމާއި18 އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ޙާލަތެއްގައި މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މަރުވުމަކީ19 ކުށެއްކަމަށް ބަޔާންކުރެއެވެ. އަދި މި ކުށްތަކަކީ ޖިނާއަތުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
32ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ޢަމަލުކުރަން ފެށިފަހުން މަރުގެ އަދަބު ސާބިތުވާންޖެހޭ މިންވަރު ކަނޑައަޅަނީ އެ ޤާނޫނުގެ 1204 ވަނަ މާއްދާއިންނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ މީހެއްގެ މައްޗަށް މަރުގެ ޙުކުމްކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެ ކަމަށެވެ. އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ ކަމަށެވެ.
33އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީ، "ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި މީހެއްކަން" ކަނޑައަޅަންވާނެ ކަމަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާންކުރެއެވެ. މި މާއްދާގެ މުރާދަކީ، ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ޝަފަހީ ހެކިންނަކީ ސަލާމަތް ބުއްދިހުރި އަދި ޢަދުލުވެރި ބަޔަކު ކަމާމެދު މުއްތަހަމު ސުވާލު އުފައްދާފައިވާނަމަ، އެ ހެކިންނަކީ ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި ބައެއްކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަންގައި، އެގޮތުން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު، އެ ހެކިވެރީންނަކީ ސަލާމަތް ބުއްދި ހުރި އަދި ޢަދުލުވެރި ބައެއްކަން މައްސަލަ ބަލާ ފަނޑިޔާރު ކަށަވަރު ކުރުމެވެ.
34އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތަކުގައި ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބު ކަމުގައި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ އެއްވެސް މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތަކުގައި ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ނިމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ޙުކުމްކޮށްފި ނަމައެވެ.
އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށް
35ލޭހުއްދަނޫން މީހެއް ޙައްޤަކާ ނުލައި މެރުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކަމެކެވެ.
36ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "އިސްލާމީ ޝަރީޢަތް" ކަމަށް ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މި ނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
37ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށް ބެހިގެންވަނީ ތިން ބަޔަކަށެވެ.20 އެއީ:
(1) ޤަތުލު ޢަމްދު ނުވަތަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް.
(2) ޤަތުލު ޝިބްހު ޢަމްދު ނުވަތަ އަނިޔާވެރި ވުމުގެ ނިޔަތާއެކު އެހެނަސް މަރާލުމުގެ ނިޔަތެއްނެތި ކުރާ ކަމަކުން މީހަކު މަރުވުމުގެ ކުށް.
(3) ޚަޠައު މަރު ނުވަތަ އޮޅުމަކުން ނުވަތަ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ ކުށް. މިއެވެ.
38ޤަތުލު ޝިބްހު ޢަމްދު ނުވަތަ އަނިޔާވެރި ވުމުގެ ނިޔަތާއެކު އެހެނަސް މަރާލުމުގެ ނިޔަތެއްނެތި ކުރާ ކަމަކުން މީހަކު މަރުވުމުގެ ކުށް އަދި ޚަޠައު މަރު ނުވަތަ އޮޅުމަކުން ނުވަތަ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ ކުށާ ބެހޭ ގޮތުން މި ރަޢުޔުގައި އިތުރަށް އެއްޗެއް ނުބުނާނަމެވެ. ސަބަބަކީ، މުއްތަހަމުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާ ކަމަށްވާތީއެވެ.
39ލޭ ހުއްދަ ނޫން މީހަކު ޤަޞްދުގައި މެރުމަކީ އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
"އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ! އަދި އަނިޔާގެ ގޮތުގައި، މަރައިލެވޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އެ ވަލީވެރިޔަކީ، ނަޞްރުލިވިގެންވާ މީހެއް ކަމުގައިވިއެވެ."21
އަދި އަލްފުރްޤާން ސޫރަތުގެ 68 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
"އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ، ޙުރްމަތްތެރި ކުރައްވާފައިވާ ނަފުސެއް، ޙައްޤު ގޮތުން ނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފި މީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލު ކުރާނެތެވެ."22
40ޕްރިސިޑެންސް 1އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މެރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވާނީ އަންނަނިވި 03 (ތިނެއް) ރުކުން ސާބިތުވެގެންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.23
(1) މަރުވި މީހާއަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނެއް ކަމުގައިވުން.
(2) މަރުވި މީހާ މަރުވީ ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
(3) މަރުވި މީހާ މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތުން.
ތަމާލުއުގެ ގޮތުން މީހަކު މެރުން
41ޕްރިސިޑެންސް 2އެކެއްގެ މަރުގެ ކުށުގައި ޖަމާޢަތެއްގެ މީހުން ބައިވެރިވާނަމަ، އަދި އެކުށް އެ މީހުންގެ މައްޗަށް ސާބިތުވާނަމަ، އެ ކުށުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބުދިނުން ހުއްދަވާނެކަމަށް ޙަނަފީ، މާލިކީ އަދި ޝާފިޢީ މަޒްހަބުގެ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވެއެވެ. މި ރައުޔުގެ އަސާސަކީ ޔަމަނުގައި މަރާލެވުނު ކުޑަކުއްޖެއްގެ މަރާގުޅިގެން 04 މީހެއްގެ މައްޗަށް ޤިޞާޞް ހިފަންޖެހޭނެކަމަށް އުމަރުގެފާނު އެންގެވި އެންގެވުމާއި، 03 މީހަކު ބައިވެރިވެގެން އެކަކު ޤަތުލުކުރުމުން ޢަލީގެފާނު އެ ކުށްކުރި 03 މީހުން ޤަތުލު ކުރެއްވި ކަމަށް ބުނާ ރިވާއެވެ.
ޤިޞާޞް ހިފުން
42ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ:
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން ހުއްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އިޙްސާން ތެރިކަމާއެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތް އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތް ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ."24
މިފަދައިންނެވެ.
43އަދި ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޢަމްދުން ޤަޞްދުގައި މީހަކު މަރައިފިމީހާ، އެ މަރާލެވުނު މީހާގެ ވާރުތަވެރިންނާ ޙަވާލުކުރެވޭނެއެވެ. އެއުރެން ބޭނުންނަމަ އޭނާގެ ކިބައިން ޤިޞާޞް ހިފައި ޤަތުލުކުރެވޭނެއެވެ. އަދި އެއުރެން ބޭނުންނަމަ ދިޔަ ނެގޭނެއެވެ. އެއީ އަހަރު ފުރި ހަތަރު އަހަރަށްދާ 30 ޖަމަލާއި 4 އަހަރު ފުރި 5 އަހަރަށްދާ 30 ޖަމަލާއި މާބަނޑު 40 ޖަމަލެވެ. ޤަތުލު ޢަމްދުގެ ދިޔައަކީ އެއީއެވެ. ވާރުތަވެރީން އެކަމަށް ޞުލްޙަވީ ކަމެއް ފަހެ، އެއުރެންނަށް ހުއްޓެވެ. އެއީ ދިޔަ ދިނުން ބުރަކުރުމުގެ ގޮތުންނެވެ."25
44ޕްރިސިޑެންސް 3ޤިޞާޞްއާބެހޭ އިސްލާމީ ޖޫރިސްޕްރުޑަންސް އަށް ބަލާއިރު، މީހެއްގެ މައްޗަށް ޤިޞާސް ހިފޭނީ އެ ޢަމަލު ހިންގި މީހަކީ މުކައްލަފެއް ކަމުގައިވާނަމައެވެ. އަދި އެ ޢަމަލު ހިންގި މީހަކު އެ ޢަމަލު ހިންގީ އަނެކުންގެ ފުރާނަ ދުއްވާލުމުގެ ޤަޞްދުގައި ކަމުގައިވާނަމައެވެ. އަދި އެ ޤަޞްދާމެދު އެއްވެސް ޝުބުހައެއް ނުވާނަމައެވެ. އަދި އެ ޢަމަލު ހިންގި މީހަކީ އެ މީހާގެ ޢަމަލުގެ މައްޗަށް އިޚްތިޔާރު އޮތް މީހެއްކަމުގައި ވާނަމައެވެ. މީގެ އިތުރުން، ދުނިޔޭގައިތިބި މަރުވި މީހާގެ އެންމެހާ ވާރިޘުން، ޤިޞާޞް ހިފަން ބޭނުންކަމުގެ "އާނ ބަސް" ބުނިނަމައެވެ. އަދި ވާރިޘުންގެ ތެރޭގައި ތަޞައްރަފު ނުފުރޭ ކުދިން ތިބިނަމަ، އެ ކުދިން ބޮޑުވެ ތަޞައްރަފް ފުރުމުން އެ މީހުންގެ ބަސް ހޯދުމަށްފަހު މެނުވީ ޤިޞާޞް ނުހިފޭނެކަމެވެ.
ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މުއްތަހަމުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވޭތޯ ބެލުން
45މުޙައްމަދު ޝައިފަންގެ މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާއަށް މުޙައްމަދު ޝައިފަން ކަނޑައެޅިގެން އިންކާރުކުރެއެވެ. އަދި މުޙައްމަދު ޝައިފަން ބުނަނީ، ހައިކޯޓުން ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި ހެކި ނުވަތަ ޤަރީނާ ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ޢަދުލުވެރިކަން ކަށަވަރުނުވާ ބޮޑެތި މައްސަލަތަކެއް ހުރިކަމަށެވެ. އަދި މީގެއިތުރުން ހެކިން ހާދިސާ ސިފަކޮށްދޭ ގޮތުގައި ތަފާތުތަކެއް އެބަހުރިކަމަށާއި ދައުލަތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ފަރާތްތައް ދައުލަތުގެ ދަޢުވާއާ ޚިލާފަށް ހެކިބަސް އަދާކޮށްފައި ވާކަމަށެވެ.
46ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާނީ އެ ކުށުގެ ހުރިހާ ރުކުންތަކެއް ފުރިހަމައަށް ސާބިތު ވެގެންނެވެ.26 ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިން ތަޙްޤީޤު މަރުޙަލާގައްޔާއި، ޝަރީޢަތުގެ މަރުޙަލާގައި ހާދިސާއާ ގުޅިގެން ދީފައިވާ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރިކަމަށް ޝަރީޢަތަށް ފެންނާތީ، ޝުބުހައެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުކުރެވިދާނެކަމަށް ނުފެންނަކަމަށް ކަނޑައަޅައެވެ.
47ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން މުޙައްމަދު ޝައިފަންގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައެވެ.
48ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ މާއްދީ ރުކުން (actus reus) (ކުށުގެ ޢަމަލު) މީހެއްގެ މައްޗަށް ސާބިތުވަނީ، މަރުވި މީހާ މަރުވީ ކުށްކުރި މީހާގެ ޢަމަލުގެ ނަތީޖާގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވެގެންނެވެ. ކުށުގެ ޢަމަލު ސާބިތުވާނީ މުއްތަހަމު އިޢުތިރާފު ވެފައިވާނަމަ އެ އިޢުތިރާފުންނެވެ.27 ނުވަތަ މައްސަލައިގެ ވާޤިޢާތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ޢަމަލު ސާބިތުވާނަމައެވެ. ވާޤިޢާތައް ކަށަވަރު ކުރެވޭނީ ހުށަހެޅޭ ހެކި ނުވަތަ ޤަރީނާ އިންނެވެ.
49ޕްރިސިޑެންސް 4ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތަތީއާއި، އަދި މި މައްސަލައަކީ ޤިޞާޞް ހިފަން ހައިކޯޓުން ނިންމާފައިވާ މައްސަލައަކަށްވާތީ، މި މައްސަލައިގައި ހުށަހެޅުނު ހެކި އަދި ޤަރީނާ ސުޕްރީމް ކޯޓުންވެސް އަލުން ބަލައި ވަޒަންކުރަންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
50މުޙައްމަދު ޝައިފަންގެ މައްޗަށް ކުރި ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާގެ މާއްދީ ރުކުން (actus reus) ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ 05 (ފަހެއް) ޝަފަހީ ހެއްކެވެ.28 އަދި ޤަރީނާގެ ގޮތުގައި ހުށަހެޅި ލިޔެކިއުންތަކުގެ ތެރެއިން 03 (ތިނެއް) ރިޕޯޓަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައި ވެއެވެ.29
ދަޢުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި 05 (ފަހެއް) ޝަފަހީ ހެކިންގެ ބަސް30
51ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި 05 (ފަހެއް) ހެކިންގެ ހެކިބަސް ނަގާފައިވަނީ ސިއްރު ހެކިންގެ ގޮތުގައެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިޔާ (ހ)31
52މި ހެކިވެރިޔާ (ހ) ޝަރީޢަތުގައި ހެކިބަސް ދެމުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ހާދިސާގައި މަރުވި ޢަލީ ޝިފާން ވެސްޓްޕާކްގައި ހުއްޓާ އޭނާ ދުށްކަމަށެވެ. ހަމަލާދިން މީހުން ސައިކަލުގައި އައިސް މަޑުކޮށްލާފައި ޢަލީ ޝިފާންއާ ދިމާއަށް ދުވެފައިގޮސް ހަމަލާ ދިންތަން ވެސް ދުށްކަމަށެވެ. ސައިކަލުގައި އައީ 04 މީހުން ކަމަށާއި އެ 04 މީހުންނަކީ ކޮބައިކަން ކިޔައިދެވިދާނެ ކަމަށް ބުނުމަށްފަހު ހެކިވެރިޔާ ބުނީ އެ މީހުންގެ ނަންތައް ނޭނގޭކަމަށެވެ. އަދި މިހާރު ޝަރީޢަތަށް ޙާޟިރުކުރެވިފައި ތިބި މީހުންގެ ތެރެއަކު އެއިން އެކަކުވެސް ނެތްކަމަށެވެ.
53އެ ހާދިސާ ހިނގިތަނުގައި މުޙައްމަދު ޝައިފަން ހުރިތޯ ޝަރީޢަތުން ސުވާލުކުރުމުން މި ހެކިވެރިޔާ ބުނީ މުޙައްމަދު ޝައިފަން ނެތްކަމަށެވެ. ނަމަވެސް، ފޮޓޯ ފެނުމުން އެ މީހުން (ޢަލީ ޝިފާނަށް ހަމަލާދިން މީހުން) އެނގޭނެކަމަށެވެ. ތަޙްޤީޤު ބަޔާނުގައި ދަޢުވާލިބޭ ފަރާތްތަކުގެ ނަން ހިމަނާފައި މިހާރު އެ ނަންތައް ނުބުނަނީ ކީއްވެތޯ ދައުލަތުން ސުވާލުކުރުމުން އެ ސުވާލު ކުރިއަށް ނުގެންދިއުމަށް ޝަރީޢަތުން އެންގެވިއެވެ. ހަމަލާދިން ފަހުންވެސް ހެކިވެރިޔާއަށް ޢަލީ ޝިފާން ފެނުނު ކަމަށާއި، ގައިގެ ތަންތަން ހުރީ ކަނޑައިގެން ގޮސްފައިކަމަށް މި ހެކިވެރިޔާ ބުނެއެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިޔާ (ށ)32
54ހެކިވެރިޔާ (ށ) ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، 01 އެޕްރީލް 2012 ވަނަ ދުވަހުގެ 16:45 ހާއިރު ޢަލީ ޝިފާން ވެސްޓްޕާރކް ތެރޭގައި ހުއްޓާ ބަޔަކު މީހުން ގޮސް ޢަލީ ޝިފާނަށް ހަމަލާދިން ތަން ދުއްކަމަށާއި އެއިރު ހެކިވެރިޔާއަށް ހުރެވުނު ތަނެއް ދުވަސްވެފައިވާތީ ނޭނގޭ ކަމަށެވެ. ނަމަވެސް، އެމީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ހުރިތަން ނުދެކޭކަމަށް މި ހެކިވެރިޔާ ބުންޏެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިޔާ (ނ)33
55ހެކިވެރިޔާ (ނ) ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، 01 އެޕްރީލް 2012 ވަނަ ދުވަހުގެ 16:45 ހާއިރު ވެސްޓްޕާރކް ކައިރިން، މި ހާދިސާގައި މަރުވި، ޢަލީ ޝިފާންއާ ދިމާވެފައި ނުވާކަމަށެވެ. ނަމަވެސް އެހިސާބުން ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ދެ މީހަކު ފެނުނު ކަމަށެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ މުޙައްމަދު ޝައިފަން ކަމަށެވެ. ޝަރީޢަތުން މުޙައްމަދު ޝައިފަން ފެނުތޯ ތަކުރާރުކޮށް އެއްސެވުމުންވެސް މި ހެކިވެރިޔާ ބުނަނީ މުޙައްމަދު ޝައިފަން ފެނުނުކަމަށެވެ. އަދި މުޙައްމަދު ޝައިފަން ފެނުނީ އެސް.ޓީ.އޯ އިރުއުތުރު ކަންމަތިން ކަނބާއައިސާރަނި ހިނގުމަށް ލަނބާލަނިކޮށް ކަމަށެވެ. އޭގެ ފަހުން މި ހެކިވެރިޔާ އެތާ ]ވެސްޓްޕާރކް[ ކައިރިޔަށް ދިޔައިރުގައި މީހުންތައް އެއްވެގެން އުޅޭތަން ދުއްކަމަށާއި އަނިޔާވެފައިވާ މީހެއް އެވަގުތު ފެނުނު ކަމަށެވެ.
56މުޙައްމަދު ޝައިފަން ސައިކަލުން ފެނުމާއި އަނިޔާލިބިފައިވާ މީހާ ފެނުމާ ދޭތެރޭގައި 10 ވަރަކަށް މިނެޓްވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަޙްޤީޤަށް ރަނގަޅު މަޢުލޫމާތު ދީފައިވާނެ ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ.
57މުޙައްމަދު ޝައިފަން އަތުން އެއްވެސް ހަތިޔާރެއް އެއްޗެއް ނުފެންނަ ކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. މުޙައްމަދު ޝައިފަން ލައިގެން ހުރީ ޓީޝާޓެއް ކަމަށާއި ސައިކަލް ދުއްވާފައި ދިޔައީ އެއް ސްޕީޑެއްގައި ކަމަށެވެ. އަދި މި ހެކިވެރިޔާ ހުރީ ސައިކަލްތަކުގައި ތިބި މީހުންގެ ގައިގައި ލޭހުއްޓަސް ފެންނަހާ ކައިރިޔަކު ނޫންކަމަށެވެ.34
ދައުލަތުން ހުށަހެޅި ހެކިވެރިޔާ (ރ)35
58ހެކިވެރިޔާ (ރ) ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، 01 އެޕްރީލް 2012 ވަނަ ދުވަހުގެ 16:45 ހާއިރު ޢަލީ ޝިފާން ވެސްޓްޕާރކް ދޮރުމަތިން ދުށްކަމަށެވެ. އަދި ޢަލީ ޝިފާނަށް ހަތަރު މީހަކު ހަމަލާދެނިކޮށް ފެނިފައިވާކަމަށާއި ފެނުނީ ހަތަރު މީހުންވެގެން ތަޅައިގަތްތަން ކަމަށެވެ. އެކަކުގެ އަތުގައި ވަޅިއެއް އޮތްކަމަށެވެ.
59ޢަލީ ޝިފާން އަށް ވަޅިން ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ހުރިތޯ ޝަރީޢަތުން ސުވާލުކުރުމުން ހެކިވެރިޔާ ބުނަނީ މުޙައްމަދު ޝައިފަން ހުރިކަމަށެވެ. ނަމަވެސް، ހަމަލާ ދިންއިރަކު އެކަކުގެވެސް މޫނެއް ނުފެންނަކަމަށެވެ. ހަމަލާދިން މީހުންގެ ތެރޭގައި ޝައިފަން ހުރިތޯ ޝަރީޢަތުން ކުރި ސުވާލު ތަކުރާރު ކުރުމުން މި ހެކިވެރިޔާ ބުނަނީ ހަމަލާ ދިންމީހުންގެ ތެރޭގައި ޝައިފަން ހުރިކަމަށެވެ. މި ހެކިވެރިޔާއަށް ފެނުނު ހަތަރު މީހުންވެސް ޢަލީ ޝިފާން ގައިގައި ތެޅިކަމަށް މި ހެކިވެރިޔާ ބުނެއެވެ.
60މި މާރާމާރީ ހިންގުމުގައި ބޭނުންކުރީ ކޮންކަހަލަ ހަތިޔާރެއްތޯ ދައުލަތުން ސުވާލުކުރުމުން ހެކިވެރިޔާ ބުނަނީ އޭނާއަށް ފެނުނީ އެކަކު ވަޅި ގެންގުޅެނިކޮށް ކަމަށެވެ. މުޙައްމަދު ޝައިފަން ވަޅި ގެންގުޅުނުތޯ؟ ދައުލަތުން ސުވާލު ކުރުމުން، މި ހެކިވެރިޔާ ބުނަނީ މުޙައްމަދު ޝައިފަން ވަޅި ގެންގުޅެނިކޮށް ނުދެކޭކަމަށެވެ. މި ހާދިސާގައި މަރުވި ޢަލީ ޝިފާނަށް، މުޙައްމަދު ޝައިފަން ހަމަލާދިންތަން ފެނުނުތޯ ދައުލަތުން ސުވާލުކުރުމުން މި ހެކިވެރިޔާ ބުނަނީ ޢަލީ ޝިފާން ގައިގައި މުޙައްމަދު ޝައިފަން ތަޅައިގަތްތަން ފެނުނު ކަމަށެވެ.
61ޢަލީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރެއިން އެކަކު ވަޅިއެއް ގެންގުޅުތަން ފެނުނުކަމަށް މި ހެކިވެރިޔާ ބުނެއެވެ. މުޙައްމަދު ޝައިފަން ވަޅިގެންގުޅުނުތޯ؟ ދައުލަތުން ސުވާލުކުރުމުން މި ހެކިވެރިޔާ ބުނަނީ މުޙައްމަދު ޝައިފަން ވަޅިއެއް ގެންގުޅެނިކޮށް ނުދެކޭ ކަމަށެވެ. ޢަލީ ޝިފާންގެ ކޮނޑުމައްޗަށް ވަޅިޖެހިތަން ދުއްކަމަށްވެސް މި ހެކިވެރިޔާ ބުނެއެވެ. އަދި އެއީ މަސްކަނޑާ ވަޅިއެއްކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިޔާ (ބ)36
62ހެކިވެރިޔާ (ބ) ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، ހާދިސާ ހިނގިތަން ދުށްކަމަށާއި، އެ ހާދިސާ ހިނގިއިރު އޭނާ ހުރީ ސީން އާ ވަރަށް ކައިރީގައި ވެސްޓްޕާރކް ކައިރީގައި ކަމަށެވެ. ނަމަވެސް އެކަމެއް ހިނގި ތަނެއް ސީދާ ނުފެންނަ ކަމަށެވެ. އެހެންނަމަވެސް، އެމީހުން (ޢަލީ ޝިފާންއަށް ހަމަލާދިން މީހުން) ބަނޑުދޮށަށް ޖަހާފައި ހުރި ވަޅިއެއް ނެގިތަން ފެނުނުކަމަށެވެ.
63]ޢަލީ ޝިފާންއަށް[ ޙަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ހިމެނޭތޯ ދައުލަތުން ސުވާލުކުރުމުން މި ހެކިވެރިޔާ ބުނަނީ ޝައިފަންއަކީ ދެވަނަ ސައިކަލުން ވަޅި ހިފައިގެން ފޭބި ކުއްޖާކަމަށެވެ. "މުޙައްމަދު ޝައިފަން އަތުގައި ވަޅިއެއް އޮތްތޯ؟ އަދި ޙަމަލާދިންތަން ފެނުނުތޯ؟" ދައުލަތުގެ ވަކީލު ސުވާލުކުރެއްވުމުން މި ހެކިވެރިޔާ ބުނެފައިވަނީ "އާދެ" މިފަދައިންއެވެ. ދައުލަތުގެ ވަކީލު، "ދައުލަތުން އެދެނީ އެނގޭ އެއްޗެއް ތެދު ބަހުން ޝަރީޢަތަށް ވިދާޅުވެދެއްވުމެވެ. ހާދިސާ ހިނގިގޮތް ހަނދާން ހުރި ވަރަކަށް ތެދުބަހުން ވިދާޅުވެ ދެއްވިއްޔާ ވަރަށް ރަނގަޅެވެ." މިހެން ވިދާޅުވުމުން، މި ހެކިވެރިޔާ ޖަވާބު ދެނީ: އާދެ، އަޅުގަނޑަށް ފެނުނީ ވަޅި ނެގި ތަނެވެ. ޙަމަލާދިން ތަނެއް ފެނިފައެއް ނުވެއެވެ." ނަމަވެސް، ވަރަށް ރަނގަޅަށް މަންޒަރު ފެނުނުކަމަށް ބުނެ ހެކިބަސްދީފައިވެއެވެ. ހަމަލާދިން މީހުން ވަޅި ނެގިތަނާއި، މުޙައްމަދު ޝައިފަން ތިލަޔާއެކު މުއްގަނޑުގައި ހިފިތަން ފެނުނުކަމަށާއި އެމީހުން ޢަލީ ޝިފާން ކައިރިއަށް ދިޔަތަން ފެނުނު ކަމަށް މި ހެކިވެރިޔާ ބުނެއެވެ.
64ހަމަލާއަށް ފަހުވެސް އޭނާއަށް ޢަލީ ޝިފާން ފެނިފައިވާ ކަމަށާއި އޭރު ޢަލީ ޝިފާން ހުރީ ވަރަށް ބޮޑަށް ޒަޚަމްވެފައިކަމަށް މި ހެކިވެރިޔާ ބުނެފައިވެއެވެ. މުޙައްމަދު ޝައިފަން ނެގި ތިލަ ސީދާ ފެނުނުކަމަށްވެސް މި ހެކިވެރިޔާ ބުނެއެވެ. މި ހެކިވެރިޔާ ހުރީ އެއްވެސް ހުރަހެއްނެތި ފެންނަ ހިސާބުގައި ކަމަށާއި ޢަލީ ޝިފާން ކައިރިއަށް މުޙައްމަދު ޝައިފަން ދިޔަތަން ފެނުނުކަމަށްވެސް މި ހެކިވެރިޔާ ބުނެއެވެ. މުޙައްމަދު ޝައިފަން ގެންގުޅުނީ ކިހާވަރެއްގެ ވަޅިއެއްތޯ ހެކިވެރިޔާއާ ސުވާލުކުރުމުން މި ހެކިވެރިޔާ ބުނަނީ އެ ވަޅިއެއް އޭނާއަކަށް އެއްކޮށް ނުފެންނަ ކަމަށާއި ހެކިވެރިޔާއަށް ފެނުނީ ވަޅީގެ ތިލައިން ތިން އިންޗި ވަރުކަމަށެވެ.
ހެކިންގެ ހެކިބަހުން ފާހަގަކުރެވުނު ކަންކަން
65ހެކިންގެ ހެކިބަހަށް ބަލާއިރު، އަހުރެންނަށް ފާހަގަކުރެވުނު ފުރަތަމަ ކަމަކީ، ޢަލީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ނެތްކަމަށް ހެކިވެރިޔާ (ހ) އަދި ހެކިވެރިޔާ (ށ) ޔަޤީން ކަމާއެކު ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލު ތަކުގެ ޖަވާބުގައި ބުނެފައިވީ ނަމަވެސް، ހެކިވެރިޔާ (ނ)، ހެކިވެރިޔާ (ރ) އަދި ހެކިވެރިޔާ (ބ) ބުނެފައިވަނީ، އެތަނުން (ކްރައިމް ސީންނުން) މުޙައްމަދު ޝައިފަން ފެނިފައިވާކަމަށެވެ.
66ހެކިންގެ ހެކިބަހަށް ބަލާއިރު، އަހުރެންނަށް ފާހަގަކުރެވުނު ދެވަނަ ކަމަކީ، އެތަނުން (ކްރައިމް ސީނުން) މުޙައްމަދު ޝައިފަން ފެނުނު ކަމަށް ހެކިވެރިޔާ (ނ) ބުނި ނަމަވެސް، މި ހާދިސާގައި މަރުވި ޢަލީ ޝިފާނަށް މުޙައްމަދު ޝައިފަން ޙަމަލާދިންތަން ފެނިފައިވާކަމަށް މި ހެކިވެރިޔާ ބުނެފައި ނުވާކަމެވެ. ނަމަވެސް، ހެކިވެރިޔާ (ރ) ބުނަނީ މި ހާދިސާގައި މަރުވި ޢަލީ ޝިފާން ގައިގައި މުޙައްމަދު ޝައިފަން ތަޅައިގަތްތަން ދުށްކަމަށެވެ. އަދި ހެކިވެރިޔާ (ބ) ވެސް ބުނަނީ މި ހާދިސާގައި މަރުވި ޢަލީ ޝިފާނަށް މުޙައްމަދު ޝައިފަން ހަމަލާދިންތަން ދުށްކަމަށެވެ. ނަމަވެސް، ދައުލަތުގެ ވަކީލު، "ދައުލަތުން އެދެނީ އެނގޭ އެއްޗެއް ތެދު ބަހުން ޝަރީޢަތަށް ވިދާޅުވެދެއްވުމެވެ. ހާދިސާ ހިންގިގޮތް ހަނދާން ހުރި ވަރަކަށް ތެދުބަހުން ވިދާޅުވެދެއްވިއްޔާ ވަރަށް ރަނގަޅެވެ." މިހެން ވިދާޅު ވުމުން، މި ހެކިވެރިޔާ (ބ) ޖަވާބު ދެނީ: "އާދެ، އަޅުގަނޑަށް ފެނުނީ ވަޅި ނެގިތަނެވެ. ޙަމަލާދިން ތަނެއް ފެނިފައެއް ނުވެއެވެ." މިގޮތަށެވެ.
67ހެކިންގެ ހެކިބަހުން އަހުރެންނަށް ފާހަގަކުރެވުނު ތިންވަނަ ކަމަކީ، މުޙައްމަދު ޝައިފަންގެ އަތުން އެއްވެސް ހަތިޔާރެއް ފެނިފައި ނުވާކަމަށް ހެކިވެރިޔާ (ނ) ބުނެފައިވާއިރު، އަދި މުޙައްމަދު ޝައިފަން ވަޅި ގެންގުޅެނިކޮށް ނުދެކޭކަމަށް ހެކިވެރިޔާ (ރ) ބުނެފައިވާއިރު، ހެކިވެރިޔާ (ބ) ބުނެފައިވަނީ މުޙައްމަދު ޝައިފަން ވަޅިއެއް ގެންގުޅުނު ކަމަށެވެ. ދައުލަތުގެ ވަކީލު، "ދައުލަތުން އެދެނީ އެނގޭ އެއްޗެއް ތެދު ބަހުން ޝަރީޢަތަށް ވިދާޅުވެދެއްވުމެވެ. ހާދިސާ ހިނގިގޮތް ހަނދާން ހުރި ވަރަކަށް ތެދުބަހުން ވިދާޅުވެދެއްވިއްޔާ ވަރަށް ރަނގަޅެވެ." މިހެން ވިދާޅު ވުމުން، ހެކިވެރިޔާ ޖަވާބު ދެނީ: "އާދެ، އަޅުގަނޑަށް ފެނުނީ ވަޅިނެގިތަނެވެ. ޙަމަލާދިންތަނެއް ފެނިފައެއްނުވެއެވެ."މިފަދައިންނެވެ.
ހެކިން ފުލުހުންގެ ތަޙްޤީޤަށް ދިން ބަޔާންތަކުގައި ހުރި ފާހަގަކުރެވޭ ކަންކަން
68މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކިން ފުލުހުންގެ ތަޙްޤީޤަށް ދިން ބަޔާންތަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާތީ މި ބަޔާންތައް ކިޔުމުން އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
69ހެކިވެރިޔާ (ހ) އަދި ހެކިވެރިޔާ (ށ) ފުލުހުންގެ ތަޙްޤީޤަށް މިހާދިސާގައި މަރުވި ޢަލީ ޝިފާނަށް ހަމަލާ ދިން މީހުންގެ ތެރެއިން އޭނާއަށް އެނގޭ މީހުންގެ ނަންތައް ކިޔައިދިނުމަށްފަހު ކޯޓުގައި ބުނެފައިވަނީ ދަޢުވާ ލިބޭ މީހުންގެ ތެރެއަކު އެއިން މީހަކުނެތް ކަމަށެވެ. ހެކިވެރިޔާ (ށ) ފުލުހުންގެ ތަޙްޤީޤުގައިވެސް އަދި ކޯޓުގައިދިން ބަޔާނުގައި، މުޙައްމަދު ޝައިފަން އެ ހަމަލާގައި ބައިވެރިވިކަން ނުވަތަ އެތަނުން ދުށްކަމަކަށް ބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.
70ހެކިވެރިޔާ (ނ) ތަޙްޤީޤުގައި އަދި ޝަރީޢަތުގައި ވެސް ހަމަލާދިން ވެސްޓްޕާރކް ސަރަހައްދުން މުޙައްމަދު ޝައިފަން ފެނުނު ކަމަށް ބުނެފައިވެއެވެ. މި ހެކިވެރިޔާގެ ހެކިބަހުން މުޙައްމަދު ޝައިފަން ފެނުނު ކަމަށްބުނާ ބުނުމާމެދު މާބޮޑު ތަފާތެއް ނުފެނުނު ނަމަވެސް ވެސްޓްޕާރކް ކައިރިން ދިޔައީ ކިތައް ސައިކަލުކަން އަދި ހާދިސާ ކިޔައި ދިނުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަވެއެވެ. އެހެންނަމަވެސް ގިނަދުވަސް ވުމުން ފެނުނު މީހުން ހަނދާނަށް ނާންނަ ކަމަށާއި ތަޙްޤީޤަށް ދީފައިވަނީ ރަނގަޅު މަޢުލޫމާތުކަމަށް މި ހެކިވެރިޔާ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
71ހެކިވެރިޔާ (ރ) ފުލުހުންގެ ތަޙްޤީޤުގައި ވަރަށް ސާފުކޮށް މުޙައްމަދު ޝައިފަން އޭނާގެ ކަނާތުގައި އޮތް ތިލައިގައި ގާތްގަނޑަކަށް 06 އިންޗި ހުންނަ ވަރުގެ ވަޅިއެއް ޢަލީ ޝިފާންއާ ދިމާލަށް ހޫރުވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ؛ މިފަދައިން ބުނެފައިވެއެވެ. ޢަލީ ޝިފާން ސަލާމަތްވުމަށްޓަކައި މުޙައްމަދު ޝައިފަންއާ ދިމާލަށް އޭނާގެ ދެއަތް ހޫރުވައި ހެދިތަން ދުއްކަމަށާއި މުޙައްމަދު ޝައިފަން ހޫރުވަމުން ދިޔަ ވަޅިން ޢަލީ ޝިފާންގެ ގައިގެ އެއްވެސް ތަނެއްގައި ޖެހުނުކަމެއް ނުވަތަ ނުޖެހޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ؛ މިފަދައިން ބުނުމަށްފަހު، ޝަރީޢަތުގައި ބުނެފައިވަނީ ތަޅައިގަތްތަން ފެނުނުކަމަށާއި، މުޙައްމަދު ޝައިފަން ވަޅި ގެންގުޅުނު ތަން ނުދެކޭކަމަށެވެ.
72ހެކިވެރިޔާ (ބ) ޝަރީޢަތުގައި އަދި ތަޙްޤީގުގައިވެސް ބުނެފައިވަނީ މުޙައްމަދު ޝައިފަންގެ އަތުން ވަޅިއެއް ފެނުނުކަމަށެވެ. މުޙައްމަދު ޝައިފަން ލައިގެން ހުރި ޓީޝާޓު ހިއްލާލުމުން މުޙައްމަދު ޝައިފަން ޓީޝާޓު އެތެރެއިން އުނަގަނޑާ ހިސާބުގައި ބަނޑާ ދިމާލުން ޖިންސް ދަށަށް ޖަހާފައިހުރި ވަޅިއެއް ނެގިތަން ދުށްކަމަށް ބުނެފައިވެއެވެ. އަދި ޝަރީޢަތުގައި މުޙައްމަދު ޝައިފަންއަކީ ދެވަނަ ސައިކަލުން ވަޅި ހިފައިގެން ފޭބި މީހާ ކަމަށާއި މުޙައްމަދު ޝައިފަންގެ އަތުގައި ވަޅިއެއް އޮތްކަމަށް ބުނެފައިވެއެވެ.
ދަޢުވާ ސާބިތު ކުރުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ޤަރީނާ
73ދަޢުވާ ސާބިތުކުރުމަށް ދައުލަތުން 05 (ފަހެއް) ލިޔުމެއް ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެ 05 (ފަހެއް) ލިޔުމަކީ،
(1) ކްރައިމް ސީން އެގްޒޭމިނޭޝަން ރިޕޯޓް،37
(2) ޢަލީ ޝިފާނުގެ މެޑިލޯ ލީގަލް ރިޕޯޓް،38
(3) މަރު ސާބިތުވިކުރި ލިޔުން،39
(4) ޑީ.އެން.އޭ ނޯޓިސް40 އަދި ޑީ.އެން.އޭ ރިޕޯޓް41 އަދި
(5) ވީޑިއޯ އެނާލިސިސް ރިޕޯޓް42 އަދި ވީޑިއޯ ފުޓޭޖް އެވެ. މި ތަކެތިން އަހުރެންނަށް ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރާނަމެވެ.
74ކްރައިމް ސީން އެގްޒޭމިނޭޝަން ރިޕޯޓްއިން ފާހަގަކުރެވެނީ:
(1) އެއީ 2012 އެޕްރީލް 01 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެސްޓްޕާރކްގެ ދޮރުމަތީ ތޫނު ހަތިޔާރަކުން ހަމަލާދީ މ. ފެއަރީކޯނަރ، ޢަލީ ޝިފާން މަރުވި މައްސަލައާ ގުޅިގެން ހެދި ރިޕޯޓެއް ކަން.
75ކުށުގެ ވެށިން ލިބުނު މަޢުލޫމާތުކަމަށް ކްރައިމް ސީން އެގްޒޭމިނޭޝަން ރިޕޯޓްއިން ފާހަގަކުރެވެނީ:
(1) 2012 ފެބުރުވަރީ 01 ވަނަ ދުވަހުގެ ހަވީރު 16:51 ހާއިރު މާރާމާރީ ހިންގިކަން.43
(2) ހަތަރު މީހަކު ދެ ސައިކަލުގައި އައިސް މާރާމާރީ ހިންގިކަން.
(3) ވެސްޓްޕާރކް ދޮރުމަތީގައި މާރާމާރީ ހިންގިކަން.
76ކުށުގެ ވެށިން ފާހަގަކުރެވުނު ކަންތައްތަކަކީ:
(1) ވެސްޓްޕާރކްގެ ދެކުނުފަރާތު ދޮރުގެ ވާތްފަރާތުގައި ދެފައިވާން (ހަތަރު ކިބަ) އޮތްކަން.
(2) ސީންގައި ލޭހުރިކަމާއި، ކުށުގެ ވެށިން 36 (ތިރީސް ހައެއް) މާއްދީ ހެކި ނެގުނު ކަމާއި އެ މާއްދީ ހެއްކާމެދު ޢަމަލުކުރެވުނު ގޮތް ބަޔާންކޮށްފައިވާކަމެވެ. މީގެ އިތުރަށް، ކްރައިމް ސީން އިން ނެގި ފޮޓޯތައް ހިމަނާފައިވާކަން.
77ޢަލީ ޝިފާނުގެ މެޑިކޯ ލީގަލް ރިޕޯޓްއިން ފާހަގަކުރެވެނީ:
(1) ބަލިމީހާ (ޢަލީ ޝިފާން) ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ ޙާލު ވަރަށް ދެރަކަން. އޭރު އޭނާގެ ބުރަކައްޓާއި އަތުގައިވާ ޒަޚަމްތަކުން ހޯސްލާފައި ލޭ އަންނަކަން. ހޮސްޕިޓަލަށް ގެނައިއިރު ޢަލީ ޝިފާންގެ ހޭވެރިކަން ހުރި ވަރަކީ 15/4-3 ކަން. ފާހަގަކުރެވުނު އަނިޔާއަކީ އަދި ލަފާކުރެވޭ ގޮތަކީ، ތޫނު އެއްޗަކުން އަނިޔާވެ، ހަށިގަނޑުން ބައިވަރު ލޭ ފޭބުމުގެ ސަބަބުން ޝޮކްޖެހި މަރުވެފައިވާކަން. ޢަލީ ޝިފާނުގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އަނިޔާގެ ތަފުޞީލުގައި ބަޔާންކުރަނީ:
(1) 10x5 ސެންޓިމީޓަރުގެ ޒަޚަމެއް ބުރަކަށީގައި (ފުން ޒަޚަމެއް)،
(2) 5x5 ސެންޓިމީޓަރުގެ ޒަޚަމެއް ބުރަކަށީގައި (ފުން ޒަޚަމެއް)،
(3) 10x5 ސެންޓިމީޓަރުގެ ޒަޚަމެއް ވައަތްތިލައިގައި (ފުން ޒަޚަމެއް)،
(4) 5x0.5 ސެންޓިމީޓަރުގެ ޒަޚަމެއް ވައަތުގައި (ތިލަ ޒަޚަމެއް)، ހުރިކަމެވެ.
78ޢަލީ ޝިފާނުގެ މަރު ސާބިތުކުރި ލިޔުމުން ފާހަގަކުރެވެނީ:
(1) ޢަލީ ޝިފާން މަރުވިކަމަށް ބެލެވޭ ބަލި ނުވަތަ ސަބަބު އަދި ސަބަބު / މަރުވާން ދިމާވި ސަބަބަކީ އަނިޔާގެ ސަބަބުން ގިނަ ޢަދަދަކަށް ލޭފޭބުމުގެ ސަބަބުން ޝޮކް ޖެހުން ކަން.
79ޢަލީ ޝިފާންގެ ޑީ.އެން.އޭ ނޯޓިސް އަދި ޑީ.އެން.އޭ ރިޕޯޓް އިން ފާހަކުރެވެނީ:
(1) މި ހާދިސާގައި މަރުވި ޢަލީ ޝިފާންގެ ވާއަތުން ނެގުނު ނިޔަފަތިން ލިބުނު މިކްސް ޑީއެންއޭ ޕްރޮފައިލް ކްރައިމް ސީން އެވިޑެންސްތަކުން ލިބުނު ޢަލީ ޝިފާންގެ ހަށިގަނޑުން ނެގުނު ބްލަޑް ސާމްޕަލްއާއި މުއްތަހަމު މުޙައްމަދު ޝައިފަންގެ ފަރާތުން ލިބުނު ރިފެރެންސް ބަކަލް ސްވޮބްއާ ދިމާވާކަން.
(2) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑީ.އެން.އޭ ތަހުލީލު ރިޕޯޓް ތައްޔާރުކުރި ފަރާތުން ރިޕޯޓްއަކީ ޞައްޙަ ރިޕޯޓެއްކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން.
80މި މައްސަލައިގައި ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުންދިން ފުރުޞަތުގައި ވީޑިއޯ ފުޓޭޖް ހުށަނާޅާ ފަހުން ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ވީޑިއޯ ފުޓޭޖްތަކަކީ ފޮރެންސިކް ލެބޯޓަރީއެއްގެ އެނަލިސިސް ރިޕޯޓަކާ ނުލާ ހުށަހަޅާފައިވާ އެއްޗަކަށްވާތީއާއި އެ ފުޓޭޖްތައް މައްސަލައިގެ ހެކިބަސްނަގައި އަޑުއެހުންތައް ނިންމުމުގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު ލިބިމެ، އެކަން ކޮށްފައިނުވާތީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
މި ހާދިސާގައި މަރުވި ޢަލީ ޝިފާންގެ ލޭގެ ޙުރުމަތް
81މި ހާދިސާގައި މަރުވި ޢަލީ ޝިފާންއަކީ ދިވެހި ރައްޔިތެކެވެ.44 އޭނާ ދިރިއުޅެނީ ދިވެހިރާއްޖޭގައި ކަމަށްވުމުން އޭނާއަކީ ޝަރުޢީ ހަމަތަކުގެ މަތިން ލޭގެ ޙުރުމަތް ލިބިގެންވާ މީހެކެވެ.45 އަދި އޭނާގެ ލޭގެ ޙުރުމަތާމެދު މި މައްސަލައިގައި އެއްވެސް ވަރަކަށް ސުވާލު އުފެދިފައި ނުވެއެވެ. ޢަލީ ޝިފާން ހޮސްޕިޓަލްއަށް ގެނައިއިރު، ދިރިހުރި ނަމަވެސް، އޭނާގެ ހާލު ވަރަށް ދެރަކަމާއި، އެއިރު އޭނާގެ ބުރަކައްޓާއި އަތުގައިވާ ޒަޚަމްތަކުން ހޯސްލާފައި ލޭ އަންނަކަމާއި، ޢަލީ ޝިފާނަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި އޭނާގެ ބުރަކަށީގެ ދެ ތަނެއްގައްޔާއި ވާއަތްތިލައިގައި ފުން ޒަޚަމެއް ހުރިކަމާއި، އަދި ވާއަތުގައި ތިލަ ޒަޚަމެއް ހުރިކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން އެނގެއެވެ. މި ހާދިސާގައި މަރުވި ޢަލީ ޝިފާން ހޮސްޕިޓަލަށް ގެންދިޔަމީހާ46 ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެތަނުގައި ހުރި މީހަކު (ތަޙްޤީޤުން އެނގެނު ގޮތުގައި ޢަލީ ޝިފާން) ވަރަށް ބޮޑަށް ޒަޚަމްވެ އަތުން ލޭއަންނަތަން ދުށްކަމަށެވެ. އަދި އެތާ ތިބި މީހުން ގާތުގައި ޢަލީ ޝިފާން އޭނާގެ ސައިކަލްގެ ފަހަތަށް އެރުވުމަށް ބުނުމުން އެމީހުން އޭނާގެ ސައިކަލްގެ ފަހަތަށް ޢަލީ ޝިފާން އެރުވުމުން އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންދިޔައީ އޭނާކަމަށާއި ޢަލީ ޝިފާން ގޮވައިގެން އައި.ޖީ.އެމް ހޮސްޓިލާ ހަމަޔަށް ދިޔައިރު ޢަލީ ޝިފާންގެ ހަށިގަނޑުގައި ވިންދު ހުރިކަމަށެވެ.
82މީގެ އިތުރަށް، ޢަލީ ޝިފާނަށް ތޫނު އެއްޗަކުން ހަމަލާދިންކަން ހެކިންގެ ހެކިބަހުން އެނގެއެވެ. އަދި ޢަލީ ޝިފާން މަރުވެފައިވަނީ ތޫނު އެއްޗަކުން ދިން ހަމަލާޔާ ގުޅިގެން ހަށިގަނޑުން ގިނަ ޢަދަދެއްގެ ލޭ ފޭބުމުން ޝޮކެއް ޖެހިގެންކަން ދައުލަތުން ހުށަހެޅި މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދި ޢަލީ ޝިފާން މަރުވެފައިވާކަން މިނިސްޓްރީ އޮފް ހެލްތް އިން ދޫކުރި "މަރު ސާބިތުކުރި ލިޔުން"47 އަށް ބެލުމުން އެނގެއެވެ.
ޢަލީ ޝިފާން މަރުވީ މުއްތަހަމުގެ ޢަމަލުގެ ނަތީޖާއިންތޯ ބެލުން
83މި މައްސަލައިގައި ހުށަހެޅުނު ޝަފަހީ ހެކިންގެ ހެކިބަހާއި އެ ހެކިން ތަޙްޤީޤުގައި ދީފައިވާ ބަޔާންތަކާއި، މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްކުރާއިރު، ޢަލީ ޝިފާން މަރުވެފައިވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުންކަން އެނގެން އޮވެއެވެ.
84މިގޮތުން، ޢަލީ ޝިފާން މަރުވެފައިވަނީ މުޙައްމަދު ޝައިފަންގެ ޢަމަލުގެ ނަތީޖާއިންތޯ ބަލާއިރު، ބުނެވުނު ހެކިންގެ ހެކިބަހުންނާއި ތަޙްޤީޤީ ބަޔާންތަކާއި މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން އަހުރެންނަށް މުޙައްމަދު ޝައިފަންއާ މި މައްސަލައާ ހުރި ގުޅުމާގުޅޭ ގޮތުން ތިން ކަމެއް ސާފުވެއެވެ.
84.1- މި މައްސަލައިގައި ހުށަހެޅުނު ފަސް ހެކިންގެ ތެރެއިން ތިން ހެއްކަކު، ޙަމަލާދިން ތަނުން މުޙައްމަދު ޝައިފަން ފެނުނު ކަމަށް ބުނާ ބުނުމެވެ.
84.2- މުޙައްމަދު ޝައިފަން ހަމަލާ ދިންކަމާއި ވަޅި ގެންގުޅުނުކަން މި މައްސަލައިގެ ހެކިބަސް ދީފައިވާ ބައެއް ހެކިންގެ ހެކިބަހުން / ތަޙްޤީޤު ބަޔާންއަށް ބެލުމުން އެނގެން އޮތުމެވެ. މި ޙަމަލާގެ ސަބަބުން ޢަލީ ޝިފާން މަރުވެފައިވަނީ އަނިޔާގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ފޭބުމުގެ ސަބަބުން ކަމަށް ޢަލީ ޝިފާންގެ މަރު ސާބިތުކުރި ލިޔުމުގައި48 ބަޔާންކުރެއެވެ. އަދި ޢަލީ ޝިފާންގެ މެޑިކޯ ލީގަލް ރިޕޯޓުގެ ހިސްޓްރީގައި [ހޮސްޕިޓަލަށް އޭނާ ގެނެވިފައިވަނީ] ވަޅި ޖެހުމުގެ (Stab Injury) ސަބަބުން ލިބުނު އަނިޔާއާ ގުޅިގެން ކަމަށާއި އޭނާގެ ބުރަކައްޓާއި (Back of the Chest) އަތުގައިހުރި ޒަޚަމްތަކުން ހޯސްލާފައި ލޭ އަންނަމުން ދިޔަކަމަށް ބަޔާންކޮށްފައިވެއެވެ.
84.3- މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓުގައި ޢަލީ ޝިފާންގެ ވާއަތުން ނެގުނު ނިޔަފަތިން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލް، ޢަލީ ޝިފާންގެ ހަށިގަނޑުން ނެގުނު ރެފަރެންސް ބްލަޑް ސާމްޕަލް އާއި މުޙައްމަދު ޝައިފަންގެ ފަރާތުން ލިބުނު ރިފަރެންސް ބަކަލް ސްވޮބް އިން ލިބުނު ޑީއެންއޭ ޕްރޮފައިލް ދިމާވާކަމަށް ބަޔާންކޮށްފައިވެއެވެ.
ޑީއެންއޭ އިން ޤިޞާޞް ސާބިތުކުރުން
85ޕްރިސިޑެންސް 5އިސްލާމީ ޝަރީޢަތުގެ ނައްޞުތަކާއި އިސްލާމީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން، ޙައްދާއި ޤިޞާޞް ސާބިތުކުރުމުގައި ހުށަހެޅޭ ހެއްކަކީ ކޮބައި ކަމާއި އެހެކީގެ މިންވަރު ބަޔާންކޮށްދެއްވާފައިވެއެވެ. ޑީއެންއޭ އަކީ މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރުޢީ ހަމަތަކުން ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމުގައި ހެކީގެ ދަރަޖައިގައި ބަލައި ގަނެވޭނެ ސީދާ ވަސީލަތެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، މި މައްސަލައިގައި ޤަރީނާގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވިދާނެތޯ ބަލާއިރު، ޑީއެންއޭ އަކީ މި ޒަމާނުގެ ސައިންސްގައި އެއަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައިވާ، ވަސީލަތެއްކަން މި ޒަމާނުގެ ސައިންސްގެ އަލީގައި ދެނެގަނެވިފައިވާ ވަސީލަތެކެވެ. ސުވާލަކީ މި ޒަމާނުގެ ސައިންސްގައި ޑީއެންއޭއަކީ ސާބިތުކުރުމުގެ ވަރުގަދަ ވަސީލަތަކަށް ވާއިރު، އިސްލާމީ ޝަރީޢަތުގައި ބަޔާންވެފައިވާ ޤިޞާޞްގެ މައްސަލަތައް ސާބިތު ކުރުމުގައި ޑީއެންއޭ ޤަރީނާގެ ދަރަޖައިގައި ބޭނުންކުރެވިދާނެތޯއެވެ؟
86އިސްލާމީ ފަހުގެ ޢިލްމުވެރިން ޤަރީނާގެ އެތައް ތަޢުރީފެއް ކުރައްވާފައިވެއެވެ. މިގޮތުން ފާހަގަކުރެވޭ ޤަރީނާގެ ބައެއް އިޞްޠިލާޙީ މާނަތައް ތިރީގައި އެވަނީއެވެ.
86.1- "ޤަޠުޢީ ޤަރީނާއަކީ ޔަޤީނުގެ ދަރަޖައާއި ހަމައަށް ގެންގޮސްދޭ ޢަލާމާތްތަކެވެ."49
86.2- الأستاذ مصطفى الزرقاء (އަލްއުސްތާޛު މުޞްޠަފާ އައްޒުރުޤާ) ވިދާޅުވަނީ "ޤަރީނާއަކީ ފޮރުވިފައިވާ އެއްޗަކާ ގުޅިފައިވާ، އެއަށް މަގުދައްކައި ފާޅުކޮށް އެނގެންހުރި ކޮންމެ ޢަލާމާތެކެވެ. މި ލަފްޡު ނެގިފައިވަނީ المقارنة (އަލްމުޤާރަނާ) (Comparison) އިންނެވެ. އެއިގެ މާނައަކީ المرافقة (އަލްމުރާފަޤާ) (Accompaniment) އާއި المصاحبة (އަލްމުޞާޙަބާ) (Accompanying) އެވެ."
86.3- الجرجاني (ޖުރުޖާނީ) ގެ ތަޢުރީފަކީ "ޤަރީނާއަކީ އިޞްތިލާޙުގައި ބޭނުންވާ ކަމަކަށް އިޝާރާތްކޮށްދޭ ކަމެކެވެ."
86.4- ބަޔާންކުރެވުނު ތަޢުރީފުތަކުގެ ތެރެއިން ޑރ. މުޙައްމަދު އައްޒުޙައިލީ އިޚްތިޔާރުކުރައްވަނީ އަލްއުސްތާޛު މުޞްޠަފާ އައްޒުރުޤާ ކުރައްވާފައިވާ ތަޢުރީފެވެ. الفقه الإسلامي وأدلته ގައި ވެއެވެ. އެއީ "ފޮރުވިފައިވާ އެއްޗަކާ ގުޅުވާލެވިފައިވާ އަދި އެއަށް މަގުދައްކާ ފާޅުކޮށް ފެންނަން ހުރި ކޮންމެ ޢަލާމާތެކެވެ.50
87ކުރިންވެސް ބަޔާންކުރި ފަދައިން ޑީއެންއޭއަކީ މިޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދުކަން ސާބިތުވެ އެއަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައިވާ ވަޞީލަތެކެވެ. މަތީގައި ބަޔާންކުރި ޢިލްމުވެރިންގެ ތަޢުރީފުތަކުންވެސް އެނގެނީ ޖިނާއީ ތަޙުޤީޤުތަކުގައި ޤަރީނާގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ ކަމެއްނޫންކަމެވެ. الدكتور نجم عبد الواحد (ޑރ.ނަޖްމް ޢަބްދުލް ވާޙިދު) ވިދާޅުވެފައިވަނީ ޢިލްމީ އުސްލޫބުތަކުގެ ބޭނުން ހިފުން ސާބިތުވެފައިވާކަމަށެވެ. ޤާތިލު ދެނެގަތުމާއި ވައްކަމާއި ޒިނޭކުރުން ފަދަ ޖިނާއީ ކުށްތަކުގެ ޙަޤީޤަތް ދެނެގަތުމަށް ޑީއެންއޭ ޤަރީނާގެ ބޭނުން ކުރެވިދާނެއެވެ.51 ޢަދުލުވެރިކަން ޤާއިމުކުރުމާއި ޙައްޤު ގޮތް ދެނެގަތުމަށް އެހެން ވަސީލަތެއްގައި ހިފުމަކީ އިސްލާމްދީން ތަރުޙީބު ދޭ ކަމެއް ކަމުގައި ފިޤުހުވެރި މުޖުތަހިދުން ބަޔާންކުރައްވާފައިވެއެވެ. ފޮރެންސިކް ތަޙުލީލުތަކާއި ވަސީލަތްތައް (ބައްޔިނާތު) ހެއްކާއި ޤަރީނާގެ ތެރެއަން މިޒަމާނުގައި ވަދެފައިވެއެވެ.52 އިސްލާމީ ޝަރީޢަތާއި އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަރީނާއަކީ މުޢުތަބަރު އެއްޗެއްކަމުގައި ކީރިތި ޤުރުއާނާއި މާތް ރަސޫލާ ﷺ ގެ ސުންނަތުން ދަލާލަތު ކޮށްދެއެވެ.53
88މިގޮތުން މިނިކާ ކުއްތާއެއް ޔޫސުފުގެފާނު ކައިލި ކަމަށް ސާބިތު ކޮށްދިނުމަށް ލެއާއެކުވާ ޤަމީހެއް އެކަލޭގެފާނުގެ ބައްޕާފުޅަށް އަޚުންގެ ފަރާތުން އެރުވުނު ވާހަކަ ޔޫސުފު ސޫރަތުގެ (18)54 ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އަޚުންގެ ފަރާތުން އެ ޤަމީސް އެރުވީ އެމީހުންގެ ބަސް ތެދުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގަ އެވެ. ނަމަވެސް، ޔޫސުފުގެފާނު ސަލާމަތުން ހުންނެވި ކަމުގެ ޔަޤީންކަން ބައްޕާފުޅަށް ލިބިވަޑައިގެންނެވީ ވެސް އެ ޤަރީނާއިނެވެ. ބައްޕާފުޅު ވިދާޅުވީ މިނިކާ ކުއްތާ ޔޫސުފުގެފާނު ކައިލި ނަމަ ޔޫސުފުގެފާނު ލައިގެން ހުރި ތި ގަމީސް ނުވީދި ތިއޮތީ ކީއްވެގެން ހެއްޔެވެ؟ މިހެންވުމުން ޔޫސުފުގެފާނާ މެދު، ބައްޕާފުޅު ޔަޢުޤޫބުގެ ހިތްޕުޅުގައި އުންމީދު އާވެގެން ދިޔައެވެ. އަދި އެ ދެބަފައި ކަލުން ބައްދަލުވެއްޖައުމަށް ދާންދެން އެ އުންމީދުގައި ހުންނެވިއެވެ. ޤަރީނާގެ ދެވަނަ ދަލީލަކީ ވެސް ޔޫސުފުގެފާނާ ގުޅިފައިވާ ކަމެކެވެ. މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުން އެކަލޭގެފާނު ބަރީޢަވެގެންވާ ކަމަށް ހާމަވީ ވެސް ޤަރީނާއަކުންނެވެ. އެއި ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމެވެ. ފުރަގަހުން ވީދިފައި ހުންނާނީ އެކަލޭގެފާނުގެ ފަހަތްޕުޅުން މީހަކު ދެމީމަ އެވެ. ކުރިމަތިން ވީދިފައި ހުރި ނަމަ ޒުލައިޚާގެ ބަސް ތެދުވެގެންވާނެ ކަމަށް އެ މައްސަލައިގައި ގޮތް ނިންމި ފަރާތުން ކަނޑައެޅި އެވެ. މި ވާހަކަ ޔޫސުފް ސޫރަތުގެ 26-2855 ވަނަ އާޔަތުގައި ބަޔާން ވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ނަޒަރު ހިންގައި ދިރާސާކޮށްލާއިރު ވެސް ޤަރީނާއަށް ޢަމަލުކުރައްވާފައިވާ ތަން ފެނެއެވެ. މިގޮތުން ޤިޔާފާ (ވައްތަރާއި ސިފައަށް ބަލައި ނަސަބު ކިޔައި ދިނުން) ގައި ބަލަނީ ސިފައާއި ވައްތަރަށެވެ. އެއީ ޢަލާމާތްތަކެކެވެ. ފިޤުހުވެރިންގެ ނަޒަރުގައި ޤިޔާފާއަކީ އިސްލާމީ ޤަޟާއީ ނިޒާމުގައި މުޢުތަބަރު ޤަރީނާއެކެވެ. މާލިކީ މަޛުހަބުގެ މުޖުތަހިދު ޢިލްމުވެރިޔާ އިމާމު އިބުނު ފަރްޙޫން ވިދާޅުވެފައި ވެއެވެ. މާލިކީ މަޒުހަބުގައިވާ ގޮތުން ޤަރީނާތަކަށް ޢަމަލު ކުރުމަކީ ޤަޟާއީ ނިޒާމުގައި ޙުކުމް ކުރުމުގެ އެއްގޮތެވެ. އަދި ޙަންބަލީ މަޒުހަބުގައި ވެސް މި ކަން އޮތް ގޮތަކީ މާލިކީ މަޒުހަބާ ގާތް ގޮތަކަށެވެ. އިމާމު އިބުނުލްޤައްޔިމު ވިދާޅުވެފައިވަނީ ބައެއް ފިޤުހުވެރިން ޤަރީނާތަކުގެ ވާހަކަ ޞަރީޙަ ބަހުން ގެންނަވާފައި ނެތެއްކަމަކު، އެބޭކަލުން ޙުކުމްތައް ތަރުތީބު ކުރައްވާފައިވަނީ ޤަރީނާގެ އަސާސަށް ބަލައިގެން ކަމުގައި ފާހަގަ ވެއެވެ.56
89ޤަރީނާއިން ޤިޞާޞް ސާބިތު ކުރުމާމެދު އިސްލާމީ ފިޤުހުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޤަރީނާއިން ޤިޞާސް ސާބިތުކުރުން ހުއްދަ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި، ޙަނަފީ މަޛްހަބުގެ ابن الغرس (އިބްނު ޣަރުސް) އާއި މާލިކީ މަޛްހަބުގެ ابـن فرحـون (އިބްނު ފަރުޙޫން) އާއި الدســوقي (އައް ދަސޫޤީ) ހިމެނި ވަޑައިގަންނަވައެވެ.57 އަދި މި ރައުޔު އިބްނު ޤައްޔިމް އަށް ނިސްބަތްކުރެވެއެވެ. އަދި މިގޮތް مجـــلة الأحكام العدلية ގައި އިޚްތިޔާރު ކުރައްވާފައިވެއެވެ.
90އެހެންކަމުން، ޝަރުޢީ މައްސަލަތައް ސާބިތުކުރުމުގައި ބޭނުން ކުރެވޭ ޑީއެންއޭ ތަހުލީލުތަކަކީ އެ ތަހުލީލުތައްކުރުމުގެ ޢިލްމާއި ޤާބިލްކަން ހުރި ފަރާތަކުން އެކުލަވާލާ ޞައްޙަކަން ކަށަވަރު ތަހުލީލު ރިޕޯޓެއްނަމަ، ޑީއެންއޭއަކީ ހަރުދަނާ، އެއަށް ބުރަދަން ދެވިދާނެ، ޤަރީނާއެއްގެ ގޮތުގައި ބެލެވިދާނެ ޤަރީނާއެކެވެ. އަދި މަރުގެ ތުހުމަތުވާ ފަރާތް ކުށުގެ ޢަމަލުގައި ބައިވެރިވިކަން ސާބިތުކުރުމަށް ހުށަހެޅޭ އެހެން ހެކިތަކާއި ޤަރީނާތަކަށް ބޮޑު ބުރަދަނެއް އެފަދަ ޑީއެންއޭ ތަހުލީލު ރިޕޯޓުން ލިބިދެވޭކަމަށް ކަނޑައެޅިދާނެއެވެ. ޑީއެންއޭގެ ޞައްޙަ ކަމާގުޅޭ ގޮތުން ކޯޓުން ހުއްދަ ކުރާ ޚަބީރުންގެ ބަހަށް ރިޢާޔަތްކޮށް މިފަދަ ރިޕޯޓުގެ ޞައްޙަކަން ކަނޑައެޅިދާނެއެވެ. ޑީއެންއޭއަކީ ވަރުގަދަ ޤަރީނާއެކެވެ. އެހެންނަމަވެސް ޑީއެންއޭ އަކީ މުޢުތަބަރު އެއްޗެއްގެ ގޮތުގައި ބަލައިގަނެވޭނީ ޝަރީޢަތުން ކަނޑައަޅާ ވަކި އިންތަކެއްގެ ތެރެއިންނެވެ.58
91މިގޮތުން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓަށް ބަލާއިރު، މި މައްސަލައިގައި ޚަބީރެއްގެ ގޮތުގައި ޑީ.އެން.އޭ ރިޕޯޓް އެކުލަވާލި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ޑީ.އެން.އޭ ލެބޯޓްރީ، ޕޮލިސް ސަރޖެންޓް މާދިޙް މުޙައްމަދު ސަލީމް ހާޒިރު ކުރެވިފައިވެއެވެ. މިފަރާތަކީ ކަމުގެ ޢިލްމު ލިބިހުރި ފަރާތެއް ކަމުގައި ބެލެވެއެވެ.59 މިގޮތުން ޑީއެންއޭ އާގުޅޭ ގޮތުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވުނު ޚަބީރު ކްރިމިނަލް ކޯޓުގައި ޑީއެންއޭ އާ ގުޅޭގޮތުން ބުނެފައިވަނީ، ޑީއެންއޭ ޕްރޮފައިލްގެ ޕްރޮބެބިލިޓީ ޖެނެރޭޓްކުރަނީ ސައިންޓިފިކަލީ ޕްރޫފްކުރުމަށްޓަކައި ކަމަށެވެ. އޭގެ މާނައަކީ ޕޮޕިއުލޭޝަނުން ރޭންޑަމްލީ އެހެން މީހަކު ނެގިޔަސް އެ ޕްރޮފައިލާ ދިމާވާ އެގްޒެކްޓް ޕްރޮފައިލް، ކްރައިމް ސީނުން ލިބޭ ޕްރޮފައިލާއި ހަމަ އެ ޕޮޕިއުލޭޝަންގެ އެހެން މީހަކާ ދިމާވުމުގެ ޗާންސް އަންގައިދޭ އެވެލިޔު ބޭނުން ކުރަނީ ކަމަށެވެ. ދެން އެ އަދަދު ހިސާބުކޮށްލީމާ އަންނަނީ 01 ޓްރިލިއަން ކަމަށެވެ. "ޑީ.އެން.އޭ އެހެން މީހަކާ ދިމާވުމުގެ އޮތީ އެހައިވެސް ނާދިރު އިހުތިމާލެއް ކަމަށެވެ. ޚަބީރު މިހެން ވިދާޅުވުމުން ޑީ.އެން.އޭ ދިމާވުމުގެ އިހުތިމާލު އެބައޮތްތޯ؟" މުޙައްމަދު ޝައިފަންގެ ވަކީލު ސުވާލު ކުރުމުން ޚަބީރު ބުނެފައިވަނީ، ރާއްޖޭގެ އާބާދީއަކީ ތިންލައްކަ ކަމަށާއި އެ އިހުތިމާލު ނެތްކަމަށެވެ.
92މި ރައުޔުގައި ކުރިން ބަޔާންކުރެވުނު ޕެރެގްރާފްތަކުގައި މި މައްސަލައިގައި ޝަރީއަތުގައި ހެކިބަސް ދިންފަރާތްތަކުން ޝަރީޢަތުގައި އަދި ތަޙްޤީޤުގައި ދިން ހެކިބަހާ ގުޅިގެން އަހުރެންނަށް ފާހަގަކުރެވުނު ކަންކަން ތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ. މިގޮތުން، މި މައްސަލައިގައި ހެކިބަސްދިން ހެކިވެރިޔާ (ނ)، ހެކިވެރިޔާ (ރ)، އަދި ހެކިވެރިޔާ (ބ)، މި ތިން ހެކިވެރިން ހަމަލާދިންތަނުން މުޙައްމަދު ޝައިފަން ފެނުނު ކަމަށް ބުނެފައިވެއެވެ. އަދި ހެކިވެރިޔާ (ރ) އަދި ހެކިވެރިޔާ (ބ)، މުޙައްމަދު ޝައިފަން ވަޅި ގެންގުޅުނުތަނާއި ހަމަލާ ދިންތަން ދުށްކަމަށް ބުނެފައިވާކަން ފާހަގަކުރެއެވެ.
93ޕްރިސިޑެންސް 6މުޙައްމަދު ޝައިފަން ވަޅިގެންގުޅުނު ތަން ދުށްކަމަށް ޝަރީޢަތުގައި ބުނެފައިވާ ހެކިވެރިޔާ (ބ) އަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކުރެވިފައިވާ މީހެއްކަމުގައި ވީނަމަވެސް، މި ހެކިވެރިޔާގެ ހެކިބަސް ހައިކޯޓުން ބަލައިގަނެވިފައިވަނީ ޤަރީނާއެއްގެ ދަރަޖައިގައެވެ.60 ޤަރީނާއެއްގެ ގޮތުގައި ހެކިވެރިޔާ (ބ) ގެ ހެކިބަސް ބަލައިގަތުމަށް ހައިކޯޓުން ނިންމެވީ، ޢަދުލުވެރިކަމުގެ ސިފަހުރި ހެކިވެރިއެއް ކަމުގައި ބެލެވޭނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްގަމުގައި ވާނަމަކަން އެނގެން އޮތުމުންނާއި އިސްލާމީ ޖިނާއީ ނިޒާމުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަޞްދުގައި މީހުން މެރުމާއި، ވަންކަން ކުރުމާއި ޒިނޭކުރުމައި، "ޤަޛްފު" ކުރުމާއި ބަނގުރާ ބުއިންފަދަ ޖަރީމާތައް ޝާމިލްވެގެންވާކަމަށް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ހުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް61 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ރިޢާޔަތް ކުރައްވައެވެ. މި ހެކިވެރިޔާއަކީ ވައްކަން ކުރުމުގެ ކުށް ސާބިތުވެ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވާ ފަރާތެކެވެ.
94މި މައްސަލައިގައި ހެކިވެރިޔާ (ރ) ގެ ގޮތުގައި ހެކިބަސް ދިން ފަރާތް ޝަރީޢަތުގެ މަޖިލީހުގައި ޢަލީ ޝިފާނަށް ވަޅިން ހަމަލާދިން މީހުންގެ ތެރޭގައި މުޙައްމަދު ޝައިފަން ހުރިކަމަށް ބުނުމަށްފަހު، މުޙައްމަދު ޝައިފަން ވަޅި ގެންގުޅުނު ތަން ފެނިފައިނުވާ ކަމަށް ބުނިނަމަވެސް، މި ހެކިވެރިޔާ ތަޙްޤީޤުގައި މުޙައްމަދު ޝައިފަން ތިލައިގައި ގާތްގަނޑަކަށް 06 އިންޗި ހުރި ވަޅިއެއް ޢަލީ ޝިފާންއާ ދިމާލަށް ހޫރުވަމުން ދިޔަތަން ދުށް ކަމަށާއި ޢަލީ ޝިފާން ސަލާމަތްވުމަށްޓަކައި މުޙައްމަދު ޝައިފަންއާ ދިމާލަށް އޭނާގެ ދެއަތް ހޫރުވައި ހެދިތަން ދުށްކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ. އަދި ވަޅިން ހަމަލާދީފައިވަނީ ޢަލީ ޝިފާންގެ ކޮނޑު މައްޗަށް ކަމަށް މި ހެކިވެރިޔާ ބުނި ނަމަވެސް ތަޙްޤީޤުގައިވެސް ބުނެފައިވަނީ ޢަލީ ޝިފާންގެ ފަހަތުންވެސް މީހަކު (ކާކުކަން ނޭނގޭ)، އެ މީހާގެ އަތުގައި އޮތް ވަޅިން ޢަލީ ޝިފާންގެ ބުރަކައްޓަށް ހަމަލާދެމުން ދިޔަތަން ދުށްކަމަށެވެ.
95އަދި ބުނެވުނު ޙަމަލާގައި ޢަލީ ޝިފާން މަރުވެފައިވަނީ ވަޅިން ދިން ހަމަލާއެއްގައި އޭނާގެ ބުރަކައްޓާއި އަތުން ގިނައަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެންއޮވެއެވެ. އަދި މި ހަމަލާގައި މުޙައްމަދު ޝައިފަންގެ ބައިވެރިވުން ވާކަން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީ.އެން.އޭ އާގުޅޭ ރިޕޯޓުން އެނގެން62 އޮންނާތީ، މި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތްތަކުން ޝަރީއަތުގައި ދިން ހެކިބަހާއި ތަޙްޤީޤަށް ދީފައިވާ ބަޔާން އަދި މެޑިކޯ ލީގަލް ރިޕޯޓާއި ޑީ.އެން.އޭ ރިޕޯޓުން ޢަލީ ޝިފާން މަރުވީ މުޙައްމަދު ޝައިފަންގެ ޢަމަލުގެ ނަތީޖާއިން ކަން ތަމާލުއު63ގެ ހަމައިން ބެލުމުން އަހުރެންނަށް ސާފެވެ.
މަރުވި މީހާ މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތްތޯ ބެލުން
96ޕްރިސިޑެންސް 7މަރުވި މީހާ މެރުމުގެ ޤަޞްދު ކުށްކުރި މީހާގެ ކިބައިގައި އޮތްތޯ ބަލާނީ އެމީހާ މަރާލުމުގެ ޢަމަލު ހިންގި ގޮތަށާއި އެ ޢަމަލުކުރުމަށް ރޭވިރޭވުމަށާއި ހަމަލާދީފައިވާތަނާއި ހަމަލާދީފައިވާ ގޮތަށް ބަލައި ޤަޞްދު ސާބިތުވާނަމައެވެ. މި ހާދިސާގައި މަރުވި ޢަލީ ޝިފާނަށް ހަމަލާ ދިނުމަށް މުއްތަހަމް، އިތުރު ބަޔަކާއެކު އައިކަމާއި ވަރަށް ލާއިންސާނީކޮށް ހަމަލާދިންކަމާއި މިހަމަލާގެ ސަބަބުން ޢަލީ ޝިފާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމާއި މި އަނިޔާތަކަށް އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން އެނގެން އޮތަތީ ޢަލީ ޝިފާނަށް ހަމަލާދީފައިވަނީ އޭނާ މަރާލުމުގެ ނިޔަތުގައިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
މި މައްސަލައިގައި މުއްތަހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިދާނެތޯ؟
97ކުރިންވެސް ފާހަގަ ކުރިފަދައިން އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށްތައް ސާބިތު ކުރާނެ މިންގަނޑާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްގައި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަދަބު ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް އެކުށެއް ސާބިތުވެއްޖެނަމައެވެ.
98ޕްރިސިޑެންސް 8މި މައްސަލައިގައި ހެކިބަސް ދިން ޝަފަހީ ހެކިންގެ ހެކިބަހުގައި ބައެއް ފުށުއެރުންތަކެއް ހުރިކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެނަސް އެ ފުށުއެރުންތަކަކީ މި މައްސަލައިގައި މުޙައްމަދު ޝައިފަންއާ ދެކޮޅަށް ހުރި ހެކިތަކާއި ޤަރީނާތަކާ އަދި ސައިންޓިފިކް ޤަރީނާތައް ހުރެމެ، މުޙައްމަދު ޝައިފަންގެ މައްޗަށް ކުށް ސާބިތުވުން ނަފީކުރާ މިންވަރުގެ ފުށުއެރުންތަކެއްތޯ ބަލަންޖެހެއެވެ. މިގޮތުން، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) ގައި ބަޔާން ކުރަނީ ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މަރުގެ އަދަބު ސާބިތުވާންޖެހޭ މިންވަރަށް އެކުށެއް ސާބިތުވީކަމަށް ނުބެލެވޭނެކަމަށެވެ. ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) ގެ ޢިބާރާތް މިހެން އޮތުމުން، ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ދައުލަތުން ހުށަހަޅާ އެއްވެސް ހެއްކެއްގެ ހެކިބަހުގައި އެއްވެސް މިންވަރެއްގެ ފުށުއެރުމެއްވާނަމަ މަރުގެ އަދަބު ކަނޑައެއްނޭޅޭނެއެވެ.
99ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް64 ޤަޟިއްޔާގެ އަޣުލަބިއްޔަތު ޙުކުމް ބިނާވެފައިވާ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ގަސްތު މަރުގެ ކުށް ސާބިތުކޮށްދޭންޖެހޭ މިންވަރަކީ ކޮބައިތޯ ބެލުމުގައި ޢަމަލު ކުރާނެ އުސޫލު ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ؛
"ޖިނާއީ މިފަދަ މައްސަލަތަކުގައި އައިބެއްނެތް ފުރިހަމަ ހެކި ލިބުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ހުރިހާ ޖިނާއީ މައްސަލަތަކުގައި ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫމަތިން އައިސްފައިވާ ޚިޔާލީ ވާހަކައެކެވެ. އިސްލާމީ ޝަރީއަތުގައި ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންވަރުކަމަށް އެންމެހާ ފިގުހު އިލްމުވެރިން އިއްތިފާގުވެއެވެ. މިއީ އިސްލާމީ ޝަރީއަތުގައި ޚިލާފުއޮތް މައްސަލައެއް ނޫނެވެ. ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) ގެ އިބާރާތަށް ބަލާއިރު އެ އިބާރާތުގައި "މީހެއްގެ މައްޗަށް މަރުގެ ހުކުމްކުރުމަށްޓަކައި ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެ" ކަމަށާއި، އަދި . . . އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ސާބިތުކޮށްދޭން ވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އަމަލީގޮތުން ޔަގީންކުރެވޭ މިންގަނޑުކަން ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) އިން އެނގޭއިރު، އެ މިންވަރަކީ އިސްލާމީ ޝަރީއަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަން އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގޭތީވެ، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތުންނާއި 1205 ވަނަ މާއްދާގެ (ހ) އިން އެ މިންގަނޑަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ގަބޫލުނުކުރެވެއެވެ. ވީމާ ދައުވާކުރާ ފަރާތުން ގަސްތު މަރުގެ ކުށް ސާބިތުކޮށްދޭންޖެހޭ މިންވަރަކީ ކޮބައިތޯ ބެލުމަށްޓަކައި ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތާއި 1205 ވަނަ މާއްދާގެ (ހ) ކިޔަންވާނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) އަށް ތަބައަވާ ގޮތަށެވެ." މިފަދައިންނެވެ.
100ބަޔާންކުރެވުނު ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް65 ޤަޟިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) މާނަކޮށްދީފައި ވެއެވެ. މިގޮތުން ފަނޑިޔާރު ފާހަގަކުރައްވާފައިވަނީ؛
"މި ހިސާބުން އުފެދޭ ސުވާލަކީ 1204 ގެ (ނ) ގެ 02 ވަނަ ނަންބަރުގައި މި ބަޔާންކުރާ އުސޫލުތަކަކީ، ޝަރީޢަތުގައި ހެކިބަސްދޭ ޝަފަހީ ހެކިންގެ ހެކިބަހުގައި ފުށުއެރުމެއް ހުރި ނަމަ، އެ ކަންކަން ފާހަގަކޮށް އެ ފުށުއެރުމާމެދު ގޮތެއް ނިންމުމަށް ބޭނުން ކުރެވޭނެ އުސޫލުތަކެއް ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމުގައި މި މާއްދާ ޤާނޫނުގައި އޮތް ގޮތަށް އެކުއެކީގައި ކިޔާލުމުން ދޭހަވަނީ، 02 ވަނަ ނަންބަރުގައި ބުނާ އުސޫލަކީ ހެކިންގެ ހެކިބަސް ފުށުއެރުމާ ގުޅޭ އުސޫލެއް ނޫންކަމެވެ. މި އުސޫލަކީ، ދަޢުވާލިބޭ މީހާ އިޢުތިރާފުވުމަށް ފަހު، އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރު ކުރުމުގެ ބޭނުމަށް އެކަށައެޅިފައިހުރި އުސޫލުތަކެކެވެ. އަދި 01 ވަނަ ނަންބަރުގައިވާ އުސޫލަކީ، ޝަފަހީ ހެކިންނާގުޅޭ އުސޫލުތަކެވެ. މިކަމަށް ބާރުލިބޭ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެވެ. ޝަރީޢަތުގައި ސާބިތު ކުރުމުގެ ޒިންމާއެއް ޢާންމު ހާލަތުގައި އުފަންވާނީ، އިންކާރު ކުރުމެއް، ދެކޮޅު ހެދުމެއް، ދެބަސްވުމެއް ނުވަތަ ކުރިމަތި ކުރާ ދަފްޢެއްގެ ރައްދުގައެވެ. އެއް ފަރާތުން ހުށަހަޅާ ކަމަކަށް އަނެއް ފަރާތުން އެއްބަސްވާނަމަ، ޢާންމު އުސޫލުން އެކަމަށް އިތުރު ހެއްކެއް ބޭނުމެއް ނުވާނެއެވެ. މިއާ ޚިލާފަށް ކަމެއް ހިނގި ކަމަށް، ނުވަތަ ވުޖޫދުވި ކަމަށް އިންކާރު ކުރާނަމަ، އެކަމެއް ހިނގިކަން ނުވަތަ ވުޖޫދުވިކަން ސާބިތު ކުރުމަށްޓަކައި ހެކި ހުށަހަޅަން ޖެހެއެވެ. މި އުސޫލުގެ މައްޗަށް ކަންކަން ހިނގާނެ ގޮތް މަންޠިޤީ ގޮތުން ތަރުތީބު ކުރާއިރު، އިންކާރު ކުރާ ފަރާތުން ބުނާ ބުނުމާއި، އެއިގެ އިދިކޮޅު ސާބިތު ކުރަން ހުށަހަޅާ ހެކިތަކުން ދޭހަވާ ދޭހަވުން އެއްގޮތެއް ނުވާނެއެވެ. މިސާލަކަށް، ދަޢުވާ ރައްދުވާ ފަރާތުން "ތިމަންނަ މީހަކު ނުމަރަމޭ" ބުނާ ބުނުން ނަފީ ކުރުމަށްޓަކައި ހުށަހަޅާ ހެކިތަކުން ދޭހަވާންވާނީ ދަޢުވާ ލިބޭ މީހާ މީހަކު މެރިކަމެވެ. މި އުސޫލުން 1204 ގެ (ނ) ގެ 02 ވަނަ ނަންބަރު ކިޔާއިރު، އެ އަކުރުގައި އޮތް "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާނަކީ" އެ ފަރާތުން ކުށަށް އިޢުތިރާފުވާ ޙާލަތުގައި އިޢުތިރާފުގެ ތަފުސީލުތައް ހިމެނޭ ބަޔާނެވެ. މި އިޢުތިރާފު ބަޔާނަކީ، އެ ބަޔާނުގައި ދަޢުވާ ރައްދުވާ ފަރާތުން ވެފައިވާ އިޢުތިރާފުގެ ޞައްޙަކަން ޝަރީޢަތުން ކަށަވަރު ކުރުމަށް އިތުރު ހެކި ބޭނުންވާ ބަޔާނެއްކަން މި މާއްދާގެ (ށ) ގައިވާ ޢިބާރާތުން އެނގެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ދަޢުވާ ރައްދުވާ ފަރާތުން ކުށަށް އިޢުތިރާފުވާ ހާލަތުގައި ވެސް، މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން އެ އިޢުތިރާފުގެ ޞައްޙަކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ ބޭނުމަށްޓަކައި ވެސް، ދަޢުވާ ރައްދުވާ ފަރާތުގެ އިޢުތިރާފު ބަޔާނާއި، ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެހެން ހެކިންގެ ބަޔާންތަކާއި ހެކިތައް އެއްގޮތްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލައި ވަޒަންކުރަން ޖެހެއެވެ. ކަން މިހެން އޮތުމުން، 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ އުސޫލަކީ ކުށަށް ތުހުމަތު ކުރެވޭ މީހާ އިޢުތިރާފުވާ ހާލަތުގައި އެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރު ކުރުމުގައި ބޭނުން ކުރަން އޮތް އުސޫލެއް ކަމުގައި ފެނެއެވެ. ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައިވާ ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާނަކީ އެ ފަރާތުގެ އިޢުތިރާފު ބަޔާން ފިޔަވައި އެހެން ބަޔާނެއް ކަމުގައި ބަލައިގެން ކުރިއަށް ދާއިރު، ނުކުންނާނެ ނަތީޖާތަކަކީ ދެކޮޅު ޖެހޭނެ ނަތީޖާތަކެއް ނޫނެވެ. މި ގޮތުން ދަޢުވާ ރައްދުވާ ފަރާތުން ކުށަށް އިންކާރު ކުރާ ހާލަތުގައި އޭނާގެ ބަޔާނުގައި ކުށް ހިނގި ކަމަށް ބެލެވޭނެ ތަފުސީލު ތަކެއް ނުހިމެނޭނެއެވެ. އަދި މި ހާލަތުގައި އެ ބަޔާނާއި، އޭނާ ކުށް ކުރިކަން ސާބިތު ކުރުމަށް ހުށަހަޅާ ހެކިންގެ ބަޔާންތަކާ އެއްގޮތް ވުމަކީ މުސްތަހީލު ކަމެކެވެ. އަދި މި ހާލަތުގައި 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު އަކުރުން އަކުރަށް ތަޠުބީޤު ކުރުމުން ކުށް ކުރިކަމަށް ހެކި ލިބި، އެ ހެކީގެ ބަޔާނާއި ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން އެއްގޮތް ނުވުމުގެ ސަބަބުން އެ ހެކީގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުމަށް ހުރަސްއެޅި، އިންސާފު ގާއިމު ކުރުމަށް ކޯޓަށް އޮންނަ ބާރު ކެނޑިގެންދާނެއެވެ. މިއީ ޤާނޫނު މާނަ ކުރުމުގެ އުސޫލެއް ނޫނެވެ. އެހެނީ ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ، ޤާނޫނަކުން ކުރާނެ ކަމެއް ނޫނެވެ. އެފަދައިން ޤާނޫނު މާނަ ކުރުމުގައި އިފްތިރާޟު ނުކުރެވޭނެއެވެ. ކަންމިހެން އޮތުމުން ޤާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ނ) ގެ 2 ގެ އިބާރާތަކީ، ޝަފަހީ އެއް ހެއްކެއްގެ ހެކިބަސް އަނެއް ހެއްކެއްގެ ހެކިބަހާ ފުށުއަރާކަން ނުވަތަ ތަޢާރުޟުވާކަން ދެނެގަތުމަށް ބޭނުން ކުރެވޭނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ." މިފަދައިންނެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ މިރައުޔަށް، ޢަބްދުﷲ ނަޒީފު ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔު ބިނާކުރެއްވި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައިވެއެވެ.
101މަތީގައި ބަޔާންކުރެވުނު ޤަޟިއްޔާއިން ޤާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު މާނަކޮށްދެއްވައި ކަނޑައަޅުއްވާފައިވާ އުސޫލަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ޢަލީ ޝިފާންގެ މަރުގެ ސަބަބެއްގެ ގޮތުގައި ފެންނަން އޮތް ޙަޤީޤަތް ގޮސް ގުޅެނީ ތޫނު އެއްޗަކުން ހަމަލާ ދިނުމާއެވެ. އަދި ތޫނުއެއްޗަކުން ޢަލީ ޝިފާން އަށް ހަމަލާދިނުމުގައި މުޙައްމަދު ޝައިފަން ބައިވެރިވިކަމާއި، އޭނާގެ ޢަމަލުތަކުން އެ ޢަމަލު ހިންގުމުގެ ނިޔަތާއި ޤަޞްދު މުޙައްމަދު ޝައިފަންގެ އޮތްކަން މި މައްސަލައިގައި މުޙައްމަދު ޝައިފަންއާ ދެކޮޅަށް ލިބިފައިވާ ޝަފަހީ ހެކިންގެ ހެކިބަހުންނާއި އެފަރާތްތަކުން ތަޙުޤީޤަށްދިން ބަޔާންތަކުން އެނގެން އޮވެއެވެ.
102ޕްރިސިޑެންސް 9އެހެންކަމުން، މީހެއްގެ މައްޗަށް މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިޢުތިރާފް ނުވަތަ ދެހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި އެ ހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާހުރި ނަމަ، އެއްވެސް ޝައްކެއްނެތް މިންގަނޑުން ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަން އެނގެއެވެ. މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޢަލީ ޝިފާން މަރާލުމުގައި މުޙައްމަދު ޝައިފަން ބައިވެރިވެފައިވާކަން ސިއްރު ހެކި (ނ) އާއި (ރ) އާއި އަދި (ބ) ގެ ބަހުން އެނގޭއިރު، އެހެކިންގެ ބަހަށް ފޮރެންސިކް ހެކި (ޑީއެންއޭ ޕްރޮފައިލް ރިޕޯޓް) އިން އިތުރަށް ކަށަވަރުވާކަމާއި، އަދި ޢަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު އަނިޔާތަކުގައި ގިނައަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ޝޮކްޖެހިގެންކަން އެނގެން އޮވެއެވެ. މިމީހުންގެ ޢަމަލާއި ޢަލީ ޝިފާން މަރުވި ސަބަބާއި ގުޅިފައިވާތީ ޢަލީ ޝިފާން މަރާލުމުގައި މުޙައްމަދު ޝައިފަން ބައިވެރިވާކަމާމެދު އެއްވެސް ޝައްކެއް އުފެދިފައިނެތްކަމަށް ގަބޫލުކުރެވެއެވެ. އަދި މިފަދައިން ހައިކޯޓުން ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ ރަނގަޅަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ނިންމުން
103އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާއިން މުޙައްމަދު ޝައިފަންގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
104ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ގަސްތު މަރުގެ ކުށުގެ ދައުވާގައި މުޙައްމަދު ޝައިފަންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 2012 އެޕްރީލް 01 ވަނަ ދުވަހުގެ 16:45 ހާއިރު، ޢަލީ ޝިފާން، މާލޭގެ މާފަންނު ވެސްޓްޕާރކް ރެސްޓޯރެންޓު ކައިރީގައި ހުއްޓައި، އިސްތިއުނާފުކުރާ މުޙައްމަދު ޝައިފަން އާއި، ޢަބްދުﷲ ތިލްމީޒު އާއި، މުޙައްމަދު އާޞިފް އާއި، ޢަލީ ނަބީޙް އާއި ރައްޒާން ޢަބްދުއްރަޙުމާން އާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީ، ޖަމާއަތް ހަދައިގެން ސައިކަލުތަކެއްގައި ވެސްޓްޕާރކު ރެސްޓޯރެންޓު ކައިރިއަށް އައިސް، މި މީހުންގެ ތެރެއިން މުޙައްމަދު ޝައިފަން އާއި، ޢަބްދުﷲ ތިލްމީޒުއާއި، މުޙައްމަދު އާޞިފުއާއި، މުޙައްމަދު މިޝާން ޢަބްދުލްހާދީ، ޢަލީ ޝިފާނުގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ހާނިއްކަތަކެއް ކުރުމުން، ޢަލީ ޝިފާންގެ ހަށިގަނޑަށް ލިބުނު ހާނިއްކަތަކަށް ބޭސްފަރުވާކުރަމުން ގެންދަނިކޮށް ޢަލީ ޝިފާނު މަރުވެފައިވާތީ، ގަސްތުގައި ޢަލީ ޝިފާނު މެރުމުގައި ބައިވެރިވި ކަމުގެ މައްޗަށެވެ.
105މި މައްސަލައިގެ ޝަރިއަތް ހިންގި، ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގަސްތު މަރުގެ ކުށެއް މީހެއްގެ މައްޗަށް ނުވަތަ ބައެއްގެ މައްޗަށް ސާބިތުކުރުމުގައި އިސްލާމީ ޝަރީއަތުގައި ހެކީގެ މިންވަރު ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު މިދައުވާ ރައްދުވާ މުޙައްމަދު ޝައިފަންގެ މައްޗަށް ގަސްތު މަރުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރުމާއި، ގަސްތުގައި މީހަކު މެރުމުގެ މައްސަލައެއްގައި ހަމައެކަނި ހަރުދަނާ ގަރީނާ (ޑީއެންއޭ ހެކި) ގެ މައްޗަށް އެކަނި ބިނާކޮށް މުޙައްމަދު ޝައިފަންގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
106ކްރިމިނަލް ކޯޓުގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް މުޙައްމަދު ޝައިފަންގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތައް ޝަރީއަތަށް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، މީހެއްގެ މައްޗަށް މަރުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިއުތިރާފް ނުވަތަ ދެ ހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި އެހެކި އިތުރަށް ކަށަވަރުކޮށްދޭ ގަރީނާ ހުރިނަމަ، ބުނެވިދިޔަ މިންގަނޑުން ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމަށާއި، އަދި މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން، ޢަލީ ޝިފާން މަރާލުމުގައި މުޙައްމަދު ޝައިފަން ބައިވެރިވެފައިވާކަން ސިއްރުހެކި (ނ) އާއި (ރ) އަދި (ބ) 66 ގެ ބަހުން އެނގޭއިރު، އެ ހެކިންގެ ބަސް ފޮރެންސިކް ހެކި (ޑީއެންއޭ ޕްރޮފައިލް ރިޕޯޓް) އިން އިތުރަށް ކަށަވަރުވާކަމަށާއި، ޢަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު އަނިޔާތަކުގައި ގިނަ އަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ހުއްޓިގެންކަން އެނގެން އޮތުމުން މި މީހުންގެ އަމަލާއި ޢަލީ ޝިފާން މަރުވި ސަބަބާ ގުޅިފައިވާތީ ޢަލީ ޝިފާން މެރުމުގައި މުޙައްމަދު ޝައިފަން ބައިވެރިވިކަމާމެދު އެއްވެސް ޝައްކެއް އުފެދިފައި ނެތްކަމަށެވެ.67
107މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.
108މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ މައިގަނޑު ދެ ސުވާލެވެ. އެއީ
(ހ) އިސްލާމީ ޝަރިއަތާއި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ގަސްތު މަރުގެ ދައުވާއެއް ޝަރިއަތަށް ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ ކޮބައިތޯ؟ އަދި
(ށ) މި މައްސަލައިގައި އިސްލާމީ ޝަރިއަތާއި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން މުޙައްމަދު ޝައިފަންގެ މައްޗަށް އުފުލިފައިވާ ގަސްތުގެ މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑާ އެއްގޮތަށް މި ދައުވާ ޕްރޮސިކިއުޝަނުން ޝަރިއަތަށް ސާބިތުކޮށްދީފައިވޭތޯ، މިއެވެ.
ގަސްތުމަރުގެ ކުށް ސާބިތުކޮށްދޭޖެހޭ މިންގަނޑު
109މި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަސިމް ޢަދްދާން ލިޔުއްވާފައިވާ ރައުޔު އަހުރެން ކިޔައިފީމެވެ. އެރައުޔުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ފަދައިން މި މައްސަލައިގައި ހިމެނޭ ހާދިސާގައި ޢަލީ ޝިފާން މަރުވެފައިވަނީ ވަޅިން ދިން ހަމަލާއެއްގައި އޭނާގެ ބުރަކައްޓާއި އަތުން ގިނައަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެއެވެ. އަދި ޖަމާއަތެއް ހަދައިގެން ބަޔަކު ޢަލީ ޝިފާންއަށް ދިން ހަމަލާގައި މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ޝައިފަންގެ ބައިވެރިވުން އޮތްކަން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ބާރުގަދަ ގަރީނާއެއް ކަމަށްވާ ޑީއެންއޭ ރިޕޯޓުން އެނގެން68 އެބައޮތެވެ. އަދި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތްތަކުން ޝަރީއަތުގައި ދިން ހެކިބަހާއި ތަހުގީގަށް ދީފައިވާ ބަޔާންތަކާއި މެޑިކޯ ލީގަލް ރިޕޯޓުން އިސްވެ ބަޔާންކުރި ޑީއެންއޭ ހެއްކަށް ބާރުލިބެއެވެ. ޑީއެންއޭ ހެއްކަށް ބާރުދޭ އެހެން ހެކި ނުވަތަ ގަރީނާ ހުރެއްޖެނަމަ މަރުގެ ކުށް ސާބިތުކުރަން ފުދޭނެއެވެ. އެހެންކަމުން ޢަލީ ޝިފާން މަރުވީ މުޙައްމަދު ޝައިފަންގެ އަމަލުގެ ނަތީޖާއިން ކަން ތަމާލުއު ގެ ހަމައިން ބެލުމުން އެނގެން އޮންނާތީވެ، މުޙައްމަދު ޝައިފަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ގަސްތު މަރުގެ ދައުވާ އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުވާކަމަށް ބަޔާންކުރައްވައި އުއްތަމަ ފަނޑިޔާރު ދެއްވާފައިވާ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
110މި މައްސަލައިގައި ހެކިބަސް ދިން ޝަފަހީ ހެކިންގެ ހެކިބަހުގައި ބައެއް ފުށުއެރުން އެބަހުއްޓެވެ. ސުވާލަކީ އިސްލާމީ ޝަރިއަތުގައި ގަސްތު މަރުގެ ކުށް ސާބިތުވާންޖެހޭ މިންވަރުކަމުގައިވާ އެއްވެސް ޝުބުހައެއް ނެތް މިންވަރަށް69 ކުށް ކުރިކަން ސާބިތުވާ އިތުބާރުހުރި ޑީއެންއޭ ހެއްކާއި، އެ ޑީއެންއޭ ހެއްކަށް ބާރުދޭ ސައިންޓިފިކް އަދި ޝަފަހީ ހެކިބަސް ހުރި ހިނދުވެސް، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އޮތް ގޮތުން، މި މައްސަލައިގައި ހުށަހެޅުނު ޝަފަހީ ހެކިބަސްތަކުގައި ކޮންމެވެސް ވަރެއްގެ ފުށު އެރުންތަކެއް ހުރިޔަތީވެ، މި މައްސަލައިގައި މުޙައްމަދު ޝައިފަންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1204 މާއްދާގެ (ނ) ގެ (2) ހުރަސް އަޅާ ހެއްޔެވެ. ހާމައަށް ފެންނަން އޮތް ހަގީގަތަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ މުޙައްމަދު ޝައިފަންގެ ބަޔާނާއި އޭނާއާ ދެކޮޅަށް ހުރި ޝަފަހީ ހެކިބަސްތަކުގައި ހުރި ހެކިތަކުން އޭނާ ކުށްކުރި ކަމާމެދު އެއްވެސް ޝުބުހައެއް ނުއުފެދޭ ކަމެވެ.
111ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) ގައި ބުނެފައިވަނީ "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މަރުގެ އަދަބު ސާބިތުވާންޖެހޭ މިންވަރަށް އެކުށެއް ސާބިތުވީކަމަށް ނުބެލެވޭނެ" ކަމަށެވެ. މި މާއްދާގެ ޢިބާރާތް މިހެން އޮތުމުން، ދައުވާ ލިބޭ މުއްތަހަމުގެ ބަޔާނުގައި ބުނާ ގޮތާއި އެއްވެސް ހެއްކެއްގެ ހެކިބަހުގައި ބުނާ ގޮތާއި، ހެކިން ހެކިބަސްދީފައިވާ ގޮތާއި ކިތަންމެ ކުޑަ މިންވަރެއްގެ ފުށުއެރުމެއް ހުރެއްޖެ ނަމަ، މުއްތަހަމް ކުށްކުރުކަމާމެދު ޔަގީނީ އިލްމު ހާސިލުވާން އޮތް ނަމަވެސް އެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ.
112ޕްރިސިޑެންސް 10ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) ގައި މި ބުނާގޮތަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ނެގޭ އެއްވެސް ހެއްކެއްގެ ހެކިބަސް އެހެން ހެއްކެއްގެ ހެކިބަހާ އެއްވެސް މިންވަރަކަށް ފުށުނާރައި އޮތުމަކީ މުސްތަހީލުގޮތެކެވެ. މިހެން މިބަޔާންކުރީ، ހެކިބަސް ދޭ ކޮންމެ މީހަކުވެސް ހެކިބަސް ދޭނީ އެ ހާދިސާ ހިނގައިދިޔަ ގޮތް އެމީހަކަށް ފެނުނު މިންވަރަކަށް ނުވަތަ ގޮތަކަށް ކަމަށާއި، އެ މީސްމީހުން އެ ހާދިސާ ހިނގިއިރު ތިބިތަނާއި ހާލަތާއި އެ ހާދިސާ ހިނގި ވަގުތު އަމަލުކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގި ގޮތް އެންމެނަށް އެއްގޮތަކަށް ފެނުމަކީ މުސްތަހީލުކަމަކަށް ވާނެތީއެވެ. އަދި ކިޔެއް ހެއްޔެވެ. ކަމެއް ހިނގިއިރު އެއްތަނެއްގައި އެއްވަގުތެއްގައި ތިބި ބަޔަކު އެ ކަމެއް ހިނގިގޮތް އެއް އިބާރާތަކުން އެއްގޮތަކަށް ކިޔައެއްވެސް ނުދެވޭނެއެވެ. ކޮންމެ މީހަކުވެސް އެކަމެއް ހިނގިގޮތް ކިޔައި ދިނުމުގައި އެ ކަމެއް ހިނގިތަނުގައި އެމީހަކު ހުރި ދިމާލުން، އަދި ކައިރިދުރުމިނުން އެކަމެއް އެމީހަކަށް ފެނުނު ގޮތް ކިޔައިދޭ ގޮތް ތަފާތުވާނެއެވެ. އަދި ކޮންމެ މީހަކުވެސް ވާހަކަދައްކާ ގޮތާއި ބަހުރުވައިގައި ހުންނަ ތަފާތުން ހެކިންގެ މެދުގައި ތަފާތުތަކެއް ހުރެދާނެ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިއާ ޚިލާފަށް، ހެކިބަސް ދިނުމުގެ ތެރޭގައި ދައްކާ ވާހަކައިގައި ޖެހޭ ކޮންމެ ކުށަކީ ނުވަތަ ކޮންމެ ތައާރަޒުވުމަކީ ނުވަތަ އުނިކަމަކީ ނުވަތަ ހެކިބަސްދޭ މީހާ އަނެއް މީހާއަށްވުރެ އިތުރަށް ނުވަތަ މަދުން ދައްކާ ކޮންމެ ވާހަކަ އަކީ ހެކިބަސްދޭ މީހާގެ ބަހުގެ ސައްހަކަމާއި، ތެދުކަން ނަފީވެގެންދާ ކަމެއް ނޫނެވެ.
113ހެކިންގެ ހެކިބަހުގައި ޚިލާފެއް ނުވަތަ ތައާރަޒުވުމެއް ނުވަތަ އުނިކަމެއް ނުވަތަ އައިބެއް ހުރި ނަމަވެސް ހެކިވެރިޔާ ދެއްކި ވާހަކައިގެ ތެރޭގައި ހަގީގަތް ބަޔާން ކޮށްދެވިފައިވޭތޯ ބަލައި ކަންހިނގައިދިޔަ ގޮތާއި ތެދު ބަޔާން ކުރެވިފައިވަނީ އެ ހެކިބަހުގެ ކޮން ބައެއްގައިތޯ އާއި، ކޯޓަށް ދެން ހުށަހެޅިފައިވާ އެހެން ހެކިބަސްތަކާއި އެހެނިހެން ހެކިތައް އެއްކޮށް ކިޔައި ވަޒަންކޮށް އެކިއެކި ވަސީލަތްތަކުގެ އެހީގައި ތެދު ހަގީގަތް ހޯދައި، އެކި ހެކިތަކަށް ދޭނެ ބުރަދަން ކަނޑައަޅައި ހެދުމަކީ މައްސަލަބަލާ ފަނޑިޔާރުގެ މަސައްކަތެވެ. ހުށަހެޅިފައިވާ ހުރިހާ ހެކިތަކުގެ މައްޗަށް ބުރަވެ ތެދުހަގީގަތް ހޯދައި ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާނަމަ، އެވަރުން ފުދިދެއެވެ.
އިސްލާމީ ޝަރިއަތުގައި ގަސްތު މަރުގެ މައްސަލަތައް ސާބިތުކުރަންޖެހޭ މިންވަރު
114އަހުރެން ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް70 ގަޒިއްޔާގެ ހުކުމުގައި (އަޣުލަބިއްޔަތު ރައުޔުގައި) ބަޔާންކުރި ފަދައިން ބޮޑެތި ޖިނާއީ މައްސަލަތަކުގައި އައިބެއްނެތް ފުރިހަމަ ހެކި ލިބުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ހުރިހާ ޖިނާއީ މައްސަލަތަކުގައި ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫމަތިން އައިސްފައިވާ ޚިޔާލީ ވާހަކައެކެވެ. އިސްލާމީ ޝަރީއަތުގައި ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންވަރުކަމަށް އެންމެހާ ފިގުހު އިލްމުވެރިން އިއްތިފާގުވެއެވެ. މިއީ އިސްލާމީ ޝަރީއަތުގައި ޚިލާފުއޮތް މައްސަލައެއް ނޫނެވެ. ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) ގެ އިބާރާތަށް ބަލާއިރު އެ އިބާރާތުގައި "މީހެއްގެ މައްޗަށް މަރުގެ ހުކުމްކުރުމަށްޓަކައި ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެ" ކަމަށާއި، އަދި . . . އަދި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ސާބިތުކޮށްދޭން ވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އަމަލީގޮތުން ޔަގީންކުރެވޭ މިންގަނޑުކަން ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާ ގެ (ހ) އިން އެނގޭއިރު، އެ މިންވަރަކީ އިސްލާމީ ޝަރީއަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަން އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގެއެވެ. އެހެން ކަމުން، 1204 ވަނަ މާއްދާ ގެ (ހ) ގައި ބަޔާންކުރާ މިންވަރު ހާސިލުވުމުން މަރުގެ މައްސަލަތައް ސާބިތުކުރަން ފުދޭކަން އެނގެއެވެ. ނަމަވެސް މަރުގެ އަދަބު މީހަކަށް ދޭންޖެހޭ ހާލަތުގައި އެ މާއްދާގެ (ނ) ގެ 2 ގެ އިބާރާތުން އިތުރު ޝަރުތުތަކެއް ކުރިމަތިކޮށް މަރުގެ އަދަބު ދިވެހިރާއްޖޭގައި އަމުދުން ނުދެވޭނެ މިންވަރަށް، ޔައުނީ މަރުގެ ހުކުމް އިއްވުމަކީ އަމަލީ ގޮތުން މުސްތަހީލު ކަމެއް ކަމަށް މާނަކުރުމުގެ ފުރުސަތު ހުޅުވިފައި ވެއެވެ.
115މަތީގައި ހަވާލާދީފައިވާ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް71 ގަޒިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައިވާ ފަދައިން ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު އަކުރުން އަކުރަށް ތަތުބީގު ކޮށްފިނަމަ ކުށް ކުރިކަމަށް ހެކި ލިބި، އެ ހެކީގެ ބަޔާނާއި ދައުވާ ރައްދުވާ ފަރާތުގެ ބަޔާން އެއްގޮތް ނުވުމުގެ ސަބަބުން އެ ހެކީގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުމަށް ހުރަސްއެޅި، އިންސާފު ގާއިމު ކުރުމަށް ކޯޓަށް އޮންނަ ބާރު ކެނޑިގެންދެއެވެ.
ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއް އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވުން
116ޕްރިސިޑެންސް 11ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއަރުވަންވާނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެ މަތީން ކަމަށެވެ.
117"އިސްލާމް ދީނުގެ އަސްލުތައް" މި ލަފްޒު މާނަކޮށްފައިވަނީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާގައި "އިސްލާމް ދީނުގެ އަސްލުތައް" ކަމަށް ބުނެފައިވަނީ "ކީރިތި ގުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ސައްހަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް" ކަމަށެވެ.
118ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ނަމަވެސް ވާނީ ބާތިލު އެއްޗެއް ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރު އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވޭތަ؟
119ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) ގައި ބުނެފައިވަނީ "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މަރުގެ އަދަބު ސާބިތުވާންޖެހޭ މިންވަރަށް އެކުށެއް ސާބިތުވީކަމަށް ނުބެލެވޭނެ" ކަމަށެވެ. ކުރިންވެސް އަހުރެން ބަޔާންކުރި ފަދައިން މި މިންވަރު ޝަރިއަތެއްގައި ހާސިލުކުރުމަކީ ކަނޑައެޅިގެން މުސްތަހީލުކަމެކެވެ. އެހެންކަމުން މި މާއްދާ އޮތްގޮތުން އަހުރެންނަށް ދޭހަވަނީ މި މާއްދާ ޑްރާފްޓުކޮށްފައިވަނީ ހާސިލުކުރުން މުސްތަހީލު ޝަރުތުތަކެއް ޝަރިއަތަށް ކުރިމަތިކޮށް ދިވެހިރާއްޖޭގައި މަރުގެ މައްސަލަތަކުގައި ގިސާސް ހިފުމަށް ހުރަސް އެޅޭގޮތަށެވެ.
120ގިސާސްގެ އަދަބަކީ ކީރިތި ގުރްއާނުގައި ޝަރުއު ކުރައްވާފައިވާ ޙުކުމެކެވެ. މި ޙުކުމް ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި އަންނަނިވި ފަދައިން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
121يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ ١٧٨
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން ހުށްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އިޙްސާން ތެރިކަމާއެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތް އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތް ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ."
122ގިސާސްގެ ހުކުމަކީ ސީދާ ގުރުއާނުން އައިސްފައިވާ ހުކުމަކަށްވާތީވެ، އިސްލާމްދީނުގެ މި އަސްލާ ޚިލާފުވާނެ ގޮތަކަށް، ދިވެހިރާއްޖޭގައި ގާނޫނެއް ނެހެދޭނެއެވެ. އަދި ގާނޫނު މާނައެއް ނުކުރެވޭނެއެވެ. އަދި ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައިވާ ގޮތުން، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ނަމަވެސް ވާނީ ބާތިލު އެއްޗެއް ކަމަށް ވާތީވެ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) އަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2) އާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނުލްޢުޤޫބާތުގައި ހިމަނާފައިވާ ނަންބަރެއް ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) އަކީ ބާތިލު ނަންބަރެކެވެ.
މި މައްސަލަ ނިންމަން ފެންނަ ގޮތް
123މި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަޞިމް ޢަދްނާންގެ ރައުޔަށް ތާއީދުކުރުމާއެކު، އަންނަނިވި ގޮތަށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
(ހ) މުޙައްމަދު ޝައިފަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގެ މަރުގެ ކުށް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުވާތީ އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް.
(ށ) ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ ނަންބަރު (2) އަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2) އާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ މާއްދާއެއް ކަމަށްވާތީވެ އެ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރަކީ ބާތިލު ނަންބަރެއްކަމަށް ކަނޑައެޅުމަށް.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
124މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަދި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
125މި މައްސަލައިގައި، އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނުގެ ރައުޔުގެ 96 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދުކުރަމެވެ. އެހެންނަމަވެސް، އެ ރައުޔުގެ 97 ވަނަ ޕެރެގްރާފް އިން ފެށިގެން ފާހަގަކުރައްވާފައިވާ ކަންކަމާމެދު އަހުރެންގެ ރައުޔު ތަފާތެވެ. އެހެންކަމުން، އެ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އަހުރެން ދެކޭ ގޮތް ބަޔާންކުރާނަމެވެ.
126އަހުރެންގެ ރައުޔު ތަފާތުވަނީ މަރުގެ އަދަބު ކަނޑައެޅިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ނުކުތާއަށެވެ. މި ހިޔާލު ތަފާތުވުމަކީ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 2472 މައްސަލައިގައިވެސް އަހުރެން ފާހަގަކުރި ކަމެކެވެ. އެއީ، ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތު އޮތް ގޮތުން އުފަންވާ ހިޔާލު ތަފާތު ވުމެކެވެ.
127ފުރަތަމަ ކަމަކަށް، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް މީހަކު ކޮށްފިނަމަ، އެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެއް ކަނޑައެޅުމަށްޓަކައި ކުށް ސާބިތު ކުރަންޖެހެނީ އެއްވެސް ޝައްކެއްނެތް މިންވަރަށެވެ. އެއީ އާންމު އުސޫލުން ޖިނާއީ މައްސަލަތައް ސާބިތު ކުރަންޖެހޭ މިންގަނޑުގެ ގޮތުގައި އޮންނަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރުގެ73 ބަދަލުގައެވެ.
128ދެވަނައަށް، މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރާނަމަ، (އެއްވެސް ޝައްކެއްނެތް މިންވަރަށް އެކުށް ސާބިތުވާންޖެހޭ ކަމުގައި އޮތުމުގެ އިތުރުން) ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާއަށް ރިޢާޔަތް ކުރަންޖެހޭ ޖެހޭގޮތަށް އެ ޤާނޫނު ފަރުމާކޮށް، ހެކީގެ މިންވަރު ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ގައި އޮންނަނީ "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ..." ކަމުގައެވެ.74
129ތެދެކެވެ. މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އަމަލީގޮތުން ޔަގީންކުރެވޭ މިންގަނޑެވެ. އަދި އެކަން ސާބިތުވާން ޖެހެނީ އިސްލާމީ ޝަރީއަތުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންވަރުކަމާމެދު އަހުރެންގެ އެއްވެސް ހިޔާލުތަފާތުވުމެއް ނެތެވެ. އެއީ އިސްލާމީ ޝަރީޢަތުގައި އަދި ޤާނޫނުގައިވެސް އެކަން އޮތް ގޮތެވެ.
130އެހެންނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގައި، މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ހުންނަންޖެހޭ ހެކީގެ މިންވަރު ތަފްސީލީ ގޮތެއްގައި ބަޔާންކޮށް، އެނޫން ގޮތަކަށް އެކަން އޮތްނަމަ (ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ހަވާލާދޭ) މަރުގެ އަދަބު ކަނޑައެޅުމުގެ ބޭނުމަށްޓަކައި ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ހެކި ހުރިކަމުގައި ބަލައި މައްސަލަ ސާބިތު ނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން، ދަޢުވާ ރައްދުވާ ފަރާތާއި ހެއްކެއްގެ ބަޔާނަކާއި ނުވަތަ ބަޔާނުން ބަޔަކާއި ނުވަތަ އެހެންވެސް ހެއްކަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި ސާބިތުކޮށްދޭންޖެހޭ މިންވަރަށް ހެކި ހުރިކަމުގައި ބެލިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. އެއީ ޤާނޫނުގެ ސާފު ނައްސުން އެކަން ބަޔާންކޮށްފައިވާތީއެވެ.
131ތިންވަނަ ކަމަކަށް، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހެކީގެ މިންވަރަކީ އެއިގެ ޒާތުގައި ކުށް ސާބިތުކުރަންޖެހޭ މިންގަނޑަށް ބަދަލު ގެނުވާ ސަބަބެއް ނޫނެވެ. އެހެނަސް، އެއީ މީހެއްގެ މައްޗަށް މަރުގެ ހުކުމްކޮށް، އެ އަދަބު ތަންފީޒުކުރުމަށް ޤާނޫނުހަދާ މަޖިލީހުން ޤާނޫނުގައި ހިމަނާފައިވާ އިތުރު ރައްކާތެރި ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
132ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާ ހިމަނާފައިވަނީ ރައްކާތެރިކަމެއްގެ ގޮތުގައި ކަމަށް އަހުރެން މި ދެކެނީ، މަރުގެ އަދަބަކީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤާއި ސީދާ ގުޅުން ހުރި ކަމެއް ކަމުގައި ވެފައި، ދިރިހުރުމުގެ ޙައްޤު ނިގުޅައިގަނެވޭނީ (ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން) ޤާނޫނު ހަދާ މަޖިލީހުން ހަދާ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމުގައި ވުމުންނެވެ. އަދި އަސާސީ ޙައްޤެއް މާނަކުރުމުގައި ޤާނޫނުއަސާސީއާ ޤާނޫނު ހަދާ މަޖިލީހުން ހަދާފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ އެ ޙައްޤެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ޙައްޤު މާނަކޮށް ތަރުޖަމާ ނުކުރެވޭނެކަމުގައި ސީދާ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނާތީއެވެ.
133އެހެންކަމުން، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި ކުށް ސާބިތު ކުރާންޖެހޭ މިންގަނޑު ބަޔާންކުރުމާއެކު، އެ ކަން ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ހެކީގެ މިންވަރަކީ މިއީ ކަމުގައި ބުނެ ކަންތައްތަކެއް ހިމަނާފައި ވުމުން، ޤާނޫނުގައި ބަޔާންކުރާ އެ ހެކީގެ މިންވަރު ފުރިހަމަވާ ފަދައިން ހެކި ނެތްނަމަ، އިސްލާމީ ޝަރީޢަތުގައި މަރުގެ އަދަބު ކަނޑައެޅުމުގެ މިންގަނޑުން މީހަކު ކުށްވެރިވާކަމަށް ބެލެވޭ ނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ހެކީގެ މިންވަރު ނެތްނަމަ، މަރުގެ އަދަބު ކަނޑައެޅުމުގައި ޤާނޫނީ ހުރަހެއް އުފެދެއެވެ. އަދި މަރުގެ އަދަބު ދިނުމުގެ ބޭނުމަށްޓަކައި، ޤާނޫނުގައި ބަޔާންކުރާ އޮޅިގަނޑު ގިރާކުރެވުނީ ކަމުގައި ބެލެވޭނެ ކަމަށް އަހުރެން ނުދެކެމެވެ.
134މި ކަން މިފަދައިން ކުރަންޖެހޭކަމަށް އަހުރެންނަށް ފެންނަނީ، ދިރިހުރުމުގެ އަސާސީ ހައްޤާއި ގުޅިގެން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ (އިސްވެ ފާހަގަކުރި) ކަންތައްތަކުގެ އިތުރުން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ހަވާލާދީއެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވާ ގޮތުން ފަނޑިޔާރުން އަމަލުކުރަންޖެހެނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށެވެ. އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތް ކުރަންޖެހެނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ހާލަތުގައެވެ.75 އެހެންކަމުން، އަހުރެންގެ އަމިއްލަ ވިސްނުމުގައި މީހަކު ކުރި ކުށަކީ މަރުގެ އަދަބު ދޭންޖެހޭ ފަދަ ކުށެއް ކަމުގައި އަހުރެންނަށް ގަބޫލުކުރެވުނު ނަމަވެސް، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކުރާ މިންގަނޑުން ވަކި ކަންތައްތަކެއް ފުރިހަމަ ވުމުން މެނުވީ އެ ކުށް ސާބިތު ނުކުރެވޭނެ ކަމުގައި ނުވަތަ ކުށް ސާބިތުކުރުމުގެ މިންގަނޑު ފުރިހަމަ ނުވާނެ ކަމުގައި ސީދާ ބަހުން ގާނޫނުގައި ބަޔާންކޮށްފައި އޮތްނަމަ، އަހުރެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ރައުޔު ފައުޅުކުރާއިރު، އަހުރެންގެ އަމިއްލަ ވިސްނުން ދޫކޮށް ރުޖޫއަވާން ޖެހޭނީ ޤާނޫނުގައިވާ ގޮތަށެވެ.
135ބުނެވުނު ކަންކަން އެފަދައިން ހުރުމުންނާއި، ޤާނޫނު ހެދުމުގެ އެންމެހާ ބާރަކީ ރައްޔިތުންގެ މަޖީލަށް ލިބިގެންވާ ބާރެއް ކަމުގައިވެފައި،76 ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނަކީވެސް ޞައްޙަ ޤާނޫނެއްގެ ގޮތުގައި ޝަރުޢީ ކޯޓުތަކުން ބަލައިގަންނަން ޖެހޭކަމުން،77 މި މައްސަލައާ ގުޅިގެން މުޙައްމަދު ޝައިފަންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނެ ކަމުގައި އަހުރެން ނުދެކެމެވެ.78 އެއީ މި މައްސަލައިގައި ހުރި ހެކި ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބުނާ މިންގަނޑު ގިރާނުކުރާތީއެވެ.
136އެހެންނަމަވެސް، އެނގިހުރެ މީހަކު މެރުމަކީ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކަމުގައިވާތީ އާއި، އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން ޢަލީ ޝިފާންގެ މަރާއި މުޙައްމަދު ޝައިފަން ކުރި އަމަލުތަކާއި ސީދާ ގުޅޭ ހެއްކާއި ޤަރީނާ ހުރުމުންނާއި، އެ ހެއްކާއި ޤަރީނާއިން ޢަލީ ޝިފާންގެ މަރަކީ މުޙައްމަދު ޝައިފަންގެ އަމަލުތަކުގެ ސަބަބުން މެދުވެރިވި މަރެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް އަހުރެންނަށް ބުރަވެވޭތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާއަށާއި، މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓްރ ޖެނެރަލްގެ އޮފީސް [2022] SC 1879 އަށް ރިޢާޔަތްކޮށް، މުޙައްމަދު ޝައިފަން ކުރި އަމަލަކީ މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެނގިހުރެ މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ އަމަލެއް ކަމުގައި ކަނޑައަޅައި، އެ ކުށުގެ އަދަބުގެ ބައި ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރަން އަހުރެންނަށް ފެނެއެވެ.
137މިއާއެކު، މަރުގެ އަދަބު ކަނޑައެޅުމުގައި އޮތް (އިސްވެ ތަފްސީލު ކުރެވުނު) ޤާނޫނީ ހުރަސް ނައްތާލެވޭނީ ޤާނޫނު ބަލަދުކޮށްގެން ކަމުގައިވާތީ، އެއީ ޤާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ލިބިދެވޭނެ ހައްލެއް ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
138މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަދި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން،
(1) މުޙައްމަދު ޝައިފަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގެ މަރުގެ ކުށް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުވާތީ އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރަމެވެ.
(2) ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2) އާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ މާއްދާއެއް ކަމަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރަކީ ބާތިލު ނަންބަރެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު) މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު
1 މި 05 (ފަހެއް) ފަރާތުގެ އައިޑެންޓިޓީ ސިއްރުކުރެވިފައެވެ. މި ފަރާތްތަށް ފާހަގަކުރެވެނީ، ހެކިވެރިޔާ (ހ)، ހެކިވެރިޔާ (ށ)، ހެކިވެރިޔާ (ނ)، ހެކިވެރިޔާ (ރ) އަދި ހެކިވެރިޔާ (ބ) މި ގޮތަށެވެ.
2 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ނަންބަރު 8.
3 މި ފުށުއެރުން ތަކަކީ: ހެކިވެރިޔާ (ރ) ހެކިބަސް އަދާކުރަމުން ބުނެފައިވަނީ ހަތަރުމީހުން ވެގެން ޢަލީ ޝިފާންގެ ގައިގާ ތަޅައިގަތް މަންޒަރު ގާތްގަނޑަކަށް 24 ފޫޓެއްހާ ކައިރިން ފެނިފައިވާކަމަށާއި، އޭގެ ތެރޭގައި ދަޢުވާލިބޭ މުޙައްމަދު ޝައިފަންއާއި ޢަބްދުﷲ ތިލްމީޒް ހިމެނޭ ކަމަށާއި، ކާކުކަން ނޭނގޭ މީހަކު ޢަލީ ޝިފާންގެ ކަރަށް ވަޅި ހަރަނިކޮށްވެސް ފެނިފައިވާކަމަށެވެ. ނަމަވެސް ހަމަ އެހާކައިރީ ޢަލީ ޝިފާން ހުރިދިމާ އެންމެކައިރި މޭޒުގައި ވެސްޓްޕާކް އެތެރޭ މަގާވީ ފަޅީގައި އިން ހެކިވެރިޔާ (ބ) ބުނެފައިވަނީ ޢަބްދުﷲ ތިލްމީޒް އިނީ ސައިކަލް މަތީގައި ކަމަށާއި ޢަލީ ޝިފާނާއި ދިމާލަށް ދިޔައީ ދެމީހަކު ކަމަށެވެ. އެއީ މިޝާން ޢަބަދުލްހާދީއާއި، މުހައްމަދު ޝައިފަން ކަމަށެވެ. އެގޮތުން މުޙައްމަދު ޝައިފަންގެ އަތުގައި ތިލަ ފެންނަގޮތަށް ވަޅިއެއް އޮއްވާ ފެނުނުކަމަށާއި މިޝާން ޢަބަދުލްހާދީ އަތުގައި ވަޅީގެ މުށްގަނޑު އޮއްވާ ފެނުނު ކަމަށެވެ. އަދި އެދެމީހުން ޢަލީ ޝިފާން އާ ކައިރިވިތަން ފެނުނުކަމަށް ބުނެފައިވެއެވެ.
4 ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ލިޔެފައިވަނީ ހެކިވެރިޔާ "(ރ)" ކަމަށެވެ. ހުށަހެޅުނު ހުރިހާ ލިޔެކިޔުމަކަށާއި ހެކިވެރިން ދީފައިވާ ހެކިބަހަށް ބަލާއިރު ރަނގަޅު ގޮތަކީ ހެކިވެރިޔާ (ބ) ކަން އެނގެއެވެ.
5 މި ބުނެވޭ ހަރުދަނާ ޤަރީނާއަކީ ޑީއެންއޭ އެވެ.
6 މުޙައްމަދު ޝައިފަންއާއެކު މ. ދިންމަނަ، ޢަބްދުﷲ ތިލްމީޒު އަދި މ. ސިލްވަރނެސްޓް، މުޙައްމަދު މިޝާން ޢަބްދުލްހާދީގެ މައްޗަށްވެސް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ގެ (ށ) އަށް ބަލާއިރު، ސިއްރު ހެކިވެރިޔާ "(ހ)" ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދިން ބަޔާނާއި ސިއްރު ހެކިވެރިޔާ "(ނ)" ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދިން ބަޔާނަށް ރިޢާޔަތްކޮށްފައިވެއެވެ.
8 ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ މީހެއްކަމަށް ބުނަނީ މި ހެކިވެރިޔާއަކީ ވައްކަން ކުރުމުގެ ކުށް ސާބިތުވެ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ މީހެއް ކަމަށްވާތީކަމަށް ވެއެވެ.
9 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ގެ (ނ).
10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާ
11 ސ. ސަރޖެންޓް މާދިޙް މުޙައްމަދު ސަލީމް ހ. މާއިރާ
12 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ގެ (ރ).
13 ހެކިބަސް ދިން ހެކިވެރިޔާ (ބ) ގެ ހެކިބަސް ހައިކޯޓުން ބަލާފައިވަނީ ހެކިދިން ހެކިވެރިޔާ (ނ) އަދި (ރ) ގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއްގެ ގޮތުގައި ކަން ހައިކޯޓުގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް" އަށް ބެލުމުން އެނގެއެވެ.
14 ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ (ކ).
15 މި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ރައްދުވި ޢަބްދުﷲ ތިލްމީޒް، ޢަލީ ޝިފާނުގެ ގައިގާ ތެޅި މީހުންގެ ތެރޭގައި ހުރިކަމަށް ސިއްރު ހެކި (ރ) ބުނާއިރު، ސިއްރު ހެކި (ބ) ގެ ބަހުން ޢަބްދުﷲ ތިލްމީޒަކީ ޢަލީ ޝިފާނަށް ހަމަލާދޭން އައިމީހުން އައި ދެ ސައިކަލުގެ ތެރެއިން ފުރަތަމަ ސައިކަލު ދުއްވަން އިން މީހާކަން އެނގޭއިރު، އެ ހެކިންގެ ހެކިބަސް ތަފާތުވުމާއި އެ ހެކިންގެ ހެކިބަހަށް ބާރުލިބިދޭފަދަ ހަރުދަނާ އިތުރު ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައި ނުވާތީއާއި، އަދި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު މިޝާން ޢަބްދުލްޙާދީ، ޢަލީ ޝިފާން މަރާލުމުގައި ބައިވެރިވީކަމުގެ މައްޗަށް ހެކި ބަސްދީފައިވަނީ ސިއްރު ހެކި (ބ) އެކަނި ކަމުގައިވާތީއާއި އަދި ސިއްރުހެކި (ބ) ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެފައިވަނީ ޤަރީނާގެ ދަރަޖައިގައިކަމަށްވާތީ ހަމައެކަނި އޭނާގެ ބަހުގެ މައްޗަށް ބިނާކޮށް ދައުލަތުން މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ތިލްމީޒާއި މުޙައްމަދު މިޝާން ޢަބްދުލްޙާދީގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާނުވާކަމަށް މި ޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އެއްބަސްވެވިފައިވާކަން ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ (ކ) އަށް ބެލުމުންވެސް އެނގެއެވެ.
16 މި މައްސަލައިގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 9 ވަނަ ނުކުތާ އަދި 10 ވަނަ ނުކުތާގައި ދިވެހިރާއްޖޭގެ ހައި ކޯޓުން ސާފުކޮށް ބަޔާން ކޮށްފައި އޮތްކަން ދައުލަތުން ފާހަގަ ކުރެއެވެ.
17 މުއްތަހަމުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ޙުކުމް ކުރިއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރިއިރު، ޢަމަލު ކުރަމުން ދިޔައީ ޤާނޫން ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށެވެ. އަދި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިމިފައިވަނީ 10 މޭ 2016 ގައެވެ. އެ މައްސަލަ ނިނުމުއިރު މިހާރު އަމަލު ކުރަމުންދާ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
18 ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ގެ (ހ)
19 ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ގެ (ށ)
20 ޝާފިޢީ މަޒްހަބް އަދި ހަންބަލީ މަޒްހަބް ގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މަރުގެ ކުށް ބެހިގެންވަނީ 03 ބަޔަށް ކަމަށެވެ.
21 ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: " وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًۭا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًۭا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًۭا"
22 އަލްފުރްޤާން ސޫރަތުގެ 68 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. " وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًۭا "
23 ނަވަނީ އިމާމްގެ منهاج الطالبين النووي ރިފަރެންސް އެއްގެ ގޮތުގައި ބަލައިފައިވާނެއެވެ.
ى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ
25 مَنْ قَتَلَ مُتَعَمِّداً دُفِعَ إِلَى أَوْلِيَاءِ الْقَتِيلِ فَإِنْ شَاءُوا قَتَلُوهُ وَإِنْ شَاءُوا أَخَذُوا الدِّيَةَ وَهِىَ ثَلاَثُونَ حِقَّةً وَثَلاَثُونَ جَذَعَةً وَأَرْبَعُونَ خَلِفَةً وَذَلِكَ عَقْلُ الْعَمْدِ وَمَا صَالَحُوا عَلَيْهِ فَهُوَلَهُمْ وَذَلِكَ تَشْدِيدُ الْعَقْلِ (أخرجه الترمذي ( 732 )، وأحمد ( 2693))
26 މަތީގައިވާ ޕެރެގްރާފް 40 ގައި މި ރުކުންތައް ކިޔައިދީފައިވާނެއެވެ.
27 ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ގެ (ށ) ގައި ބަޔާންކުރަނީ، އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް އައިސްފާނެފަދަ ކުށަކަށްވާ އިޢުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެ ކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައިވެފައިވާ އިޢުތިރާފަކަށް ނުވާހާހިނދަކު އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިޢުތިރާފު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
28 މި 05 (ފަސް) މީހުންގެ ތެރެއިން ހެކިވެރިޔާ (ބ) ގެ ހެކިބަސް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފައިވަނީ ޤަރީނާއެއްގެ ގޮތުގައެވެ.
29 މި 03 (ތިނެއް) ރިޕޯޓުގެ ތަފުޞީލު މަތީގައިވާ ޕެރެގްރާފް 06 ގައި ބަޔާންކޮށްފައިވާނެއެވެ.
30 މި މައްސަލައަކީ މި މައްސަލައިގައި ދައުލަތުން ދަޢުވާކުރި މީހުންގެ ތެރެއިން މުޙައްމަދު ޝައިފަން އިސްތިއުނާފު ކުރި މައްސަލައަކަށް ވާތީ ރިޢާޔަތް ކޮށްފައިވާނީ މުޙައްމަދު ޝައިފަންއާގުޅޭ ކަންކަމަށެވެ.
31 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 159 އިން 162
32 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 163 އިން 164
33 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 165 އިން 169
34 މި ހާދިސާގައި މަރުވި، ޢަލީ ޝިފާން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދިޔައީ މި ހެކިވެރިޔާގެ ސައިކަލުގެ ފަހަތުގައިކަމަށްވެއެވެ.
35 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 170 އިން 174
36 ކްރިމިނަލް ކޯޓުންގެ ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 175 އިން 179 [މި ހެކިވެރިޔާގެ ހެކިބަސް ހައިކޯޓުން ބަލައިގެންފައިވަނީ ޤަރީނާއެއްގެ ގޮތުގައެވެ.]
37 ނަންބަރު: K(a)CSER/2012/1688 (ތާރީޚް: 03 އެޕްރީލް 2012)
38 ހޮސްޕިޓަލް ނަންބަރު: 09146555 (ތާރީޚް: 12 އެޕްރީލް 2012)
39 މަރުވިކަމުގެ ރެޖިސްޓްރޭޝަން ނަންބަރު 0022721 (ތަރުޖަމާ ކުރީ ޑރ އާމިނަތު ފަޒްނާ، ތާރީޚް: 27 ޖޫން 2012)
40 ނޯޓިސް ނަންބަރު E2(e)DNAN/2012/0009
41 ރިޕޯޓް ނަންބަރު K(c) /DAR/2012/0024
42 ރިޕޯޓް ނަންބަރު K(b)VAR/2012/0024 ތާރީޚް 07 މެއި 2012
43 މިތާގައި ފެބުރުވަރީ ޖެހިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ މި ހާދިސާ ހިނގީ 01 އެޕްރީލް 2012 ގައި ކަމަށް ހުށަހެޅުނު އެހެން ހުރިހާ ހެކި / ޤަރީނާ އަކުން ސާފުވާތީއެވެ.
44 ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، "... މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ."
45 ޙަނަފީ މަޒްހަބްގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމީ ޤައުމެއްގައި ދިރިއުޅޭ މުސްލިމުންނަކީ ލޭގެ ރައްކާތެރިކަންލިބިގެންވާ ބަޔެކެވެ. މި ހަމައިން ބަލާއިރު މި ޙާދިސާގައި މަރުވި ޢަލީ ޝިފާނަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ މީހެކެވެ.
46 މިއީ ޝަރީޢަތުގެ މަޖިލީހުގައި ހެކިދިން ހެކިވެރިޔާ (ނ) އެވެ. ފުލުހުންގެ ތަޙްޤީޤަށް މިމީހާ ދިން ބަޔާން ހިމެނިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު ނަންބަރު 606/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 236 އިން 237
47 މަރުވިކަމުގެ ރެޖިސްޓްރޭޝަން ނަންބަރު 0022721
48 މަރުވިކަމުގެ ރެޖިސްޓްރޭޝަން ނަންބަރު 0022721 (ތަރުޖަމާ ކުރީ ޑރ އާމިނަތު ފަޒްނާ، ތާރީޚް، 27 ޖޫން 2012)
49 مجلة الأحكام العدلية (المادة ١٧٤١)
50 الدكتور وهبة الزحيلي، الفقه الإسلامي وأدلته، ٨\٦١٢٧
51 د/ زيد بن عبد الله بن إبراهيم آل قرون عضوهيئة، البصمة الوراثية وأثرها في الإثبات، بحث مقدم لمؤتمر القرائن الطبية المعاصرة وآثارها الفقهية،)جامعة الإمام محمد ابن سعود الإسلامية(، صـ 463
52 ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ލިޢާނުގެ މައްސަލަތަކުގައި ޑިއެންއޭގެ ހުއްޖިއްޔަތު، (ފުރަތަމަ ޗާޕު) (2022، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)، ދިވެހިރާއްޖެ – ޞ 8 - 9
53 އބމ – ޞ 25
54 وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
މާނައީ: އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲއެވެ. (ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2008)
55 قَالَ هِيَ رَاوَدَتْنِي عَن نَّفْسِي ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ. وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ. فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِن دُبُرٍ قَالَ إِنَّهُ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ.
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ. ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. (ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2008)
56 ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ލިޢާނުގެ މައްސަލަތަކުގައި ޑިއެންއޭގެ ހުއްޖިއްޔަތު، (ފުރަތަމަ ޗާޕު) (2022، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)، ދިވެހިރާއްޖެ – ޞ 25 - 27
57 د/ زيد بن عبد الله بن إبراهيم آل قرون عضوهيئة، البصمة الوراثية وأثرها في الإثبات، بحث مقدم لمؤتمر القرائن الطبية المعاصرة وآثارها الفقهية،)جامعة الإمام محمد ابن سعود الإسلامية(، صـ 470
58 އބމ، ޞ 463
59 މިފަރާތަކީ 2003 ވަނަ އަހަރު އޮސްޓްރޭލިޔަން ނޭޝަނަލް ޔުނިވަރސިޓީ އިން މެޑިކަލް ސައިންސުން ޑިގްރީ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އަދި މި މައްސަލައިގަ ޚަބީރުގެ ހެކިބަސް ދިންއިރު، މިފަރާތް ފޮރެންސިކް ދާއިރާގައި އުޅޭތާ 02 އަހަރު ވެފައިވެއެވެ. މިފަރާތް މެޑިކަލް ސައިންސް ޑިގްރީގައި ޕޮޕިއުލޭޝަން ޖެނެޓިކްސް އާއި ޑީއެންއޭގެ ބައިތައް ކިޔަވާވިދާޅުވިއެވެ. (ކްރިމިނަލް ކޯޓު ރިޕޯޓް ޕީޑީއެފް ފައިލް ޞ. 80)
60 މިގޮތަށް ހައިކޯޓުން ނިންމީ، މައްސަލައެއްގައި ލިބިފައިހުރި ހެކިތަކަށް އެފަދަ ހެއްކެއްގެ ހެކި ބަހުން އިތުރު ބާރެއް ނުވަތަ ހަރުދަނާކަމެއްލިބޭނަމަ، ޤަރީނާއެއްގެ ގޮތުގައި އެފަދަ ހެކިވެރިއެއްގެ ބަސް ޝަރީޢަތުން ޤަބޫލުކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ހުރެހެއްނެތްކަން ދަޢުވާ ސާބިތުކުރުމުގައި އިސްލާމީ ޤަޟާއީ ނިޒާމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމަށްވެސް ބަޔާންކޮށެވެ.
61 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ
62 މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 އެޕްރީލް 2012 ގައި ހުށަހެޅި ޑީ.އެން.އޭ ނޯޓިސްގައި މައްސަލައިގެ ތަފްސީލުގެ ގޮތުގައި "2012 އެޕްރީލް 1 ވަނަ ދުވަހު 16:51 ހާއިރު މާފަންނު ވެސްޓް ކައިރިން މީހަކަށް ތޫނު އެއްޗަކުން އަނިޔާ ދީފައިވާ މައްސަލަ" މިފަދައިން ބަޔާންކޮށްފައިވުމުން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީ.އެން.އޭ ރިޕޯޓަކީ މި މައްސަލައިގައި ހަވާލާދޭ ހާދިސާއާގުޅިގެން ތައްޔާރުކުރެވުނު ރިޕޯޓެއްކަން އެނގެންއޮވެއެވެ.
63 ތަމާލުއުގެ އުޞޫލަކީ ކޮބައިކަން މި ރަޢުޔުގެ މަތީގައިވާ ޕެރެގްރާފް 41 ގައި ބަޔާންކޮށްފައިވާނެއެވެ.
64 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2023] SC 24
65 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2023] SC 24
66 ހެކިބަސް ދިން ހެކިވެރިޔާ (ބ) ގެ ހެކިބަސް ހައިކޯޓުން ބަލާފައިވަނީ ހެކިދިން ހެކިވެރިޔާ (ނ) އަދި (ރ) ގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއްގެ ގޮތުގައި ކަން ހައިކޯޓުގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް" އަށް ބެލުމުން އެނގެއެވެ.
67 ހައިކޯޓުގެ ނަންބަރު 2013/HC-A/285 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ (ކ).
68 މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 އެޕްރީލް 2012 ގައި ހުށަހެޅި ޑީ.އެން.އޭ ނޯޓިސްގައި މައްސަލައިގެ ތަފްސީލުގެ ގޮތުގައި "2012 އެޕްރީލް 1 ވަނަ ދުވަހު 16:51 ހާއިރު މާފަންނު ވެސްޓް ކައިރިން މީހަކަށް ތޫނު އެއްޗަކުން އަނިޔާ ދީފައިވާ މައްސަލަ" މިފަދައިން ބަޔާންކޮށްފައިވުމުން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޑީ.އެން.އޭ ރިޕޯޓަކީ މި މައްސަލައިގައި ހަވާލާދޭ ހާދިސާއާގުޅިގެން ތައްޔާރުކުރެވުނު ރިޕޯޓެއްކަން އެނގެންއޮވެއެވެ.
69 އިސްލާމީ ޝަރިއަތުގައި ގަސްތު މަރުގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އެއްވެސް ޝުބްހަ އެއް ނެތް މިންވަރު ކަމަށް މިކޯޓުން ކުރިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 24 ގަޒިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
70 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2023] SC 24
71 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2023] SC 24
72 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 ޤަޟިއްޔާ
73 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 15 ވަނަ މާއްދާގެ (ހ).
74 ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 24 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 ޤަޟިއްޔާ) ގެ 82 ވަނަ ޕެރެގްރާފްގައި، ބަޔާންތަކުގައި ހުންނަ ކޮންމެ ފުށުއެރުމަކީ ކުށް ސާބިތުކުރުމަށް އޮންނަ ހުރަހެއް ކަމުގައި އަހުރެންނަށް ގަބޫލު ނުކުރެވޭ ކަމުގައި ބަޔާންކޮށް، މިކަމުގައި އަހުރެން ދެކޭގޮތް ތަފްސީލު ކޮށްފައިވާނެއެވެ.
75 ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި މި ކަން މިގޮތަށް ތަކުރާރުކޮށް އަންނަނިވި ފަދައިން ބަޔާންކޮށްފައި އެވެއެވެ.
"ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ."
76 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ)
77 ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާ
78 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާޠިލް ކަމެއް ކަމުގައި ކޯޓުން ކަނޑައެޅޭނީ، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ [2021] SC 72 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-C/37 ޤަޟިއްޔާ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޤާނޫނީ ނުކުތާ ކޯޓަށް ހުށަހަޅައިގެންނެވެ.
މި މައްސަލައިގެ ތެރެއިން ޤާނޫނެއްގެ މާއްދާއެއް ނުވަތަ ބައެއް ބާޠިލުކުރުމަށް އެއްވެސް ފަރާތަކުން އެދިފައި ނުވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުން ނިންމާފައިވާ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ) އާއި މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 45 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/13 ޤަޟިއްޔާ) ގައި ކޯޓަށް ހުށަނުއެޅޭ ކަމަކާމެދު ކޯޓުން ގޮތެއް ނުނިންމޭނެ ކަމުގައި ކަނޑައަޅާ، އެ އުސޫލު ދަމަހައްޓާފައިވެއެވެ.
އަދި، މައްސަލައިގެ ހަސްމުންނަށް ވަކި ނުކުތާއަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދެވިފައި ނުވާނަމަ، އެކަމަކާމެދު ކޯޓުން ގޮތް ކަނޑައަޅާފައިނުވާކަން ފާހަގަވެއެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 98 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ) އާއި، ޢާއިޝަތު ލަޠީފާ ވ. އާމިނަތު ނަސީމް [2023] SC 11 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/41 ޤަޟިއްޔާ) އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2023] SC 50 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/10 ޤަޟިއްޔާ) ކަންކޮށްފައިވަނީ މި ފަދައިންނެވެ.
79 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/84 ޤަޟިއްޔާ.
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ޅ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުރީގެ) ގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ހ)، (ށ)، (ނ) ގެ (1) އަދި (ނ) ގެ (2)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ)
- ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތް، އަލްފުރްޤާން ސޫރަތުގެ 68 ވަނަ އާޔަތް، އަލްބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް
- 2012/SC-A/01 (ޢަބްދުﷲ ހުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2023] SC 24 (2020/SC-A/72 - ޢަބްދުﷲ ނަޒީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2022] SC 18 (2020/SC-A/84 - މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2021] SC 72 (2019/SC-C/37 - ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ)
- 2017/SC-A/23 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް)
- [2023] SC 45 (2022/SC-A/13 - މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- [2021] SC 98 (2020/SC-A/44 - އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)
- [2023] SC 11 (2022/SC-A/41 - ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި)
- [2023] SC 50 (2023/SC-A/10 - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- އެބައޮތް
- މި ކޯޓުގައި
- ހުށަހެޅުނީ 9 ޖޫން 2016 · ރަޖިސްޓްރީކުރީ 20 ސެޕްޓެމްބަރު 2016 · ނިމުނީ 30 ނޮވެމްބަރު 2023 (86.3 މަސް)