ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 98
އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ، [2021] SC 98 (2020/SC-A/44)
Ismail Shuja v. Yoosuf Ridaa [2021] SC 98 (2020/SC-A/44, Supreme Court of the Maldives, 31 October 2021)
އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޔޫސުފް ރިޟާ 1,592,000 ރުފިޔާ ދައްކަންޖެހޭކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ޖިނާއީ ޤަޟިއްޔާގެ ލިޔުންތައް ހޯދައި، ޙަޤީޤަތް އޮޅިފައިވާ ޙާލަތެއްގައި ސޮއިކުރި ބާޠިލު އެއްބަސްވުމެއްކަމަށް ބަލައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ބޭބެ އިސްމާޢީލް ރިޟާގެ މައްޗަށް ޗެކު ބައުންސްވުމުގެ ޖިނާއީ ދަޢުވާ ހިނގަމުންދަނިކޮށް، އެ ފައިސާއަށް ޖާމިނުވެ ޔޫސުފް ރިޟާ 22 މެއި 2010 ގައި އިސްމާޢީލް ޝުޖާޢުއަށް 2,000,000 ރުފިޔާ ދެއްކުމަށް އެއްބަސްވިއެވެ. ނަމަވެސް ޗެކު ދޫކޮށްފައިވަނީ އިސްމާޢީލް ޝުޖާޢު 99% ހިއްސާ އޮންނަ އޯނަސް ޕްރައިވެޓް ލިމިޓެޑަށެވެ. ފައިސާ ނުލިބުމުން އިސްމާޢީލް ޝުޖާޢު ދަޢުވާކުރިއެވެ.
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ އުންޞުރުތައް ފުރިހަމަނުވާކަމަށާއި، ފަރާތްތަކުން ނުނަގާ ކަމަކަށް ހައިކޯޓުން އަމިއްލައަށް ރިޢާޔަތްކޮށް އެޑްވަސޭރިއަލް ނިޒާމާ ޚިލާފުވި ކަމަށް އިސްމާޢީލް ޝުޖާޢު ބުނެއެވެ. ޗެކު ދޫކޮށްފައިވަނީ ކުންފުންޏަށްކަން ލިޔުންތަކުން ފެންނާތީ އެއީ އޮޅުވާލުމެއްކަމާއި، ލިޔުންތައް ދަށުކޯޓުގައިވެސް ހޯދަން އެދުނުކަމަށް ޔޫސުފް ރިޟާ ބުނެއެވެ.
މައިގަނޑު ސުވާލު
ބޭބެ ޖިނާއީ ދަޢުވާއަކުން ސަލާމަތްކުރުމަށް ޔޫސުފް ރިޟާ ފައިސާއަށް ޖާމިނުވެ ސޮއިކުރި އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ފަދަ ޙަޤީޤަތް އޮޅުވާލުމެއްގެ ސަބަބުން ބާޠިލު އެއްބަސްވުމެއްތޯ؛ އަދި ފަރާތްތަކާ ހިއްސާނުކުރާ ލިޔެކިޔުންތަކަށް ބަލައި ހައިކޯޓަށް ފާހަގަކުރެވުނު ދިފާޢަކަށް، ޚަޞްމުންގެ ބަހެއް ނުހޯދާ ރިޢާޔަތްކުރުމަކީ ޙުކުމް ބާޠިލުކުރަންޖެހޭ ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް
ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ފަރުދީ ދަރަންޏެއްކަމަށް އެނގިހުރެ ދައްކައިގެން ޔޫސުފް ރިޟާ ސޮއިކުރުވި އެއްބަސްވުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ އޮޅުވާލުމެއްގެ މައްޗަށް ވެވުނު، 13 ވަނަ މާއްދާގެ ދަށުން ބާޠިލު އެއްބަސްވުމެކެވެ. ލިޔުންތައް ހޯދީ ފަރާތެއްގެ އެދުމަށް ކަމުން އަމިއްލަ އިސްނެގުމެއް ނޫނެވެ؛ ފަރާތްތަކާ ހިއްސާނުކުރުމަކީ އިޖުރާއީ އުނިކަމެއް ނަމަވެސް ޙުކުމް ބާޠިލުކުރާ ސަބަބެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މަކަރުވެރިގޮތަކަށް ޙަޤީޤަތް އޮޅުވާލުން (fraudulent misrepresentation) ސާބިތުވުމަށް، (1) ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުމާއި، (2) އެއީ ޙަޤީޤަތާ ޚިލާފު ކަމެއްކަން އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ މަކަރުވެރިގޮތަކަށް ތެދެއްކަމަށް ދެއްކުމާއި، (3) އެކަމުގެ މައްޗަށް އިތުބާރުކޮށްގެން އަނެއް ބައިވެރިޔާ ކޮންޓްރެކްޓުގައި ބައިވެރިވުން ސާބިތުކޮށްދޭންޖެހޭނެއެވެ. މިކަންކަން ސާބިތުވެއްޖެނަމަ، 12 ވަނަ މާއްދާގެ ދަށުން އެއީ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫންކަމުން، 13 ވަނަ މާއްދާގެ ދަށުން އެއީ ބާޠިލު ކޮންޓްރެކްޓެއް ކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19–23)
- އެހެނިހެން ޤަރީނާތަކާ ނުލައި ހަމައެކަނި ޗެކެއް އޮތުމަކީ ދެފަރާތެއްގެ މެދުގައި މުޢާމަލާތެއް ނުވަތަ ދަރަންޏެއް ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ކުންފުންޏާއި އޭގެ ހިއްސާދާރުންނަކީ ވަކި ޤާނޫނީ ޝަޚްޞުން ކަމުން، ކުންފުނިން ކުރާ މުޢާމަލާތްތަކާއި ހިއްސާދާރު ފަރުދީ ގޮތުން ކުރާ މުޢާމަލާތްތަކަކީ ޤާނޫނީ ގޮތުން ތަފާތު މުޢާމަލާތްތަކެވެ. ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ހިއްސާދާރަކަށް (މެޖޯރިޓީ ހިއްސާދާރަކަށްވިޔަސް) ފަރުދީ ގޮތުން އެއްބަސްވުމެއްގައި ސޮއިނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 39، 72)
- ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ މައްސަލައެއް، އެއީ ފަރުދީ ގޮތުން ތިމަންނައަށް ލިބެންޖެހޭ ފައިސާގެ މައްސަލައެއްކަމަށް އެނގިހުރެ ދައްކައި، އެކަމަށް އިތުބާރުކޮށް އަނެއް ފަރާތް ޖާމިނުވެ ސޮއިކުރާ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ފަދަ އޮޅުވާލުމެއްގެ މައްޗަށް ވެވިފައިވާ، 13 ވަނަ މާއްދާގެ ދަށުން ބާޠިލު އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31–48)
- މީހަކަށް ދީފައިވާ ފައިސާއެއް އަނބުރާ ހޯދުމަށް ދަޢުވާކުރާ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރާ ޢާންމު އުސޫލަކީ، ފައިސާ ދިންކަން ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދިނުމެވެ؛ އެކަން ސާބިތުވެއްޖެނަމަ އެ ފައިސާ ނަގައިދިނުމަށް ކަނޑައަޅާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43)
- ދަށުކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ފަރާތަކުން ތަކުރާރުކޮށް އެދުމުން، މައްސަލައާ ގުޅޭ އެހެން ކޯޓެއްގެ ޤަޟިއްޔާއެއްގެ ލިޔުންތައް ހައިކޯޓުން ހޯދައި ރިޢާޔަތްކުރުމަކީ ހައިކޯޓުގެ އަމިއްލަ އިސްނެގުމެއް ނޫނެވެ. ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގެ ދަށުން މައްސަލައަކާ ގުޅޭ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންވާތީ، އެއީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ. 32 ވަނަ މާއްދާގެ ދަށުން، ދަށުކޯޓުގެ އުނިކަމެއް ހައިކޯޓުގައި ފޫބެއްދިދާނެނަމަ މައްސަލަ ދަށަށް ފޮނުވުމުގެ ބަދަލުގައި ހައިކޯޓަށް ގޮތް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59–60)
- ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ ގިނަ ސިފަތަކުން އެޑްވަސޭރިއަލް ނިޒާމެއް ކަމުން، ފަނޑިޔާރުން ރިޢާޔަތްކުރަންޖެހެނީ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށެވެ؛ އިސްތިއުނާފެއްގައި ނިންމުން ޤާނޫނާ ޚިލާފުކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތެވެ. ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ރ) އާއި (ބ) އިން ސުވާލުކުރުމާއި ލިޔުން ހޯދުމުގެ ބާރު ލިބިދީފައިވީނަމަވެސް، އެ ބާރުތައް ބޭނުންކުރަންވާނީ އެޑްވަސޭރިއަލް ނިޒާމުން އެއްކިބާނުވެއެވެ: ފަނޑިޔާރުން ހޯދާ ލިޔުންތައް މައްސަލައިގެ އެންމެހައި ފަރާތްތަކާ ހިއްސާކޮށް ބަސްބުނުމުގެ ފުރުޞަތު ދޭންވާނެއެވެ؛ ސުވާލުތައް ކުރަންވާނީ އެންމެހައި ފަރާތްތަކުގެ ހާޒިރުގައެވެ؛ އަދި ފަރާތްތަކަށް ނޭނގި ފަނޑިޔާރުގެ އިސްނެގުމަކަށް އައު ހުށަހެޅުމެއް ނުހުށަހެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62–65)
- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމުން، ޤާނޫނުގައި ފާޅުކަންބޮޑު ގޮތެއްގައި ފާހަގަކުރެވޭ ކަމެއް، އެއީ ޚަޞްމަކު ނުނަގާ ނުކުތާއެއްކަމަށް ބުނެ އެއްފަރާތްކޮށް ޤާނޫނާ ޚިލާފަށް ޙުކުމެއް ނުކުރެވޭނެއެވެ. ނަމަވެސް، އެފަދަ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމާމެދު ޚަޞްމުން ދެކޭގޮތް ހޯދައި، ޚަޞްމުން އެދޭނަމަ ޖަދަލުކޮށް ތަޢުނުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 66–69)
- ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ނުހަދައި، ހަމައެކަނި ފަރާތްތަކުން ނުނަގާ ދިފާޢަކަށް ފަރާތްތަކުގެ ބަހެއް ނުހޯދާ ރިޢާޔަތްކުރުމަކީ އިޖުރާއީ ގޮތުން އެދެވޭ ގޮތް ނޫންނަމަވެސް، އެކަމުގެ މައްޗަށް އެކަނި ހައިކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނޫނެވެ. ސުޕްރީމް ކޯޓުގައި ފަރާތްތަކަށް ލިޔުންތައް ހިއްސާކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދެވިފައިވާނަމަ، މައްސަލަ އަނބުރާ ފޮނުވުމުގެ ބަދަލުގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71–76)
ހައިކޯޓުން މައްސަލަ ނިންމިގޮތް8ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް10މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން13ޙަޤީޤަތް އޮޅުވާލުން 13ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާ15 \l "EIGHTKuliKandaelhumaaiBeheyGavaidhuge4va" ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމެއް މި މައްސަލައިގައި ހިނގާފައިވޭތޯ..17(ހ) ޙަޤީޤަތާ ޚިލާފު ކަމެއް އޮތުން18
(ށ) ޙަޤީޤަތާ ޚިލާފުކަންތައް މަކަރުވެރިގޮތަކަށް ދެއްކުން20(ނ) އެއްބަސްވުމުގައި ސޮއިކުރީ ޙަޤީޤަތާ ޚިލާފުކަމެއްގެ މައްޗަށް އިތުބާރުކޮށްގެންތޯ23 މައްސަލައަކާ ގުޅިގެން ފަނޑިޔާރުން ހޯދާ މަޢުލޫމާތު25ޤާނޫނުގައި ފެންނަން ހުންނަ ކަންކަން ވ. މައްސަލައިގެ ޚަޞްމުން ހުށަހަޅާ ކަންކަން29ހުށަހެޅިފައި އޮތް މައްސަލައަށް އޮތް ޙައްލު33ޙުކުމް35
އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
ޔޫސުފް ރިޟާ (ދ.ރ. އަންގައިދޭ ކާޑު ނަންބަރު އާއި އިސްމާޢީލް ޝުޖާޢު (ދ.ރ. އަންގައިދޭ ކާޑު ނަންބަރު އާ ދެމެދު 22 މެއި 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްމާޢީލް ޝުޖާޢުއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އާއި ގެއްލުން ހޯދުމަށް އިސްމާޢީލް ޝުޖާޢު ދަޢުވާކުރުމުން، އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާއިންނެވެ. މި ގަޒިއްޔާގައި ޙުކުމްކުރީ ޔޫސުފް ރިޟާގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ފައިސާ ދައްކަންޖެހޭކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާ ޔޫސުފް ރިޟާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާއިން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
މިއީ ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލައިގެ ތެރެއަށް އިސްމާޢީލް ރިޟާ ތަދައްޚުލުވުމަށް އެދުމުން އެ ފުރުޞަތު ދެވިފައިވެއެވެ. އިސްމާޢީލް ރިޟާއަށް އެ ފުރުޞަތު ދޭން ނިންމީ މައްސަލައިގައިވާ މުޢާމަލާތުގައި ހިމެނެނީ އިސްމާޢީލް ރިޟާ ދައްކަންޖެހޭކަމަށް ބުނާ ފައިސާކަމުގައިވާތީ އާއި، ސިވިލް ކޯޓާއި ހައިކޯޓު މަރުހަލާގައިވެސް އިސްމާޢީލް ރިޟާ މި މައްސަލައަށް ތަދައްޚުލުވުމަށް ފުރުޞަތު ދެވިފައިވާތީއެވެ.
މި މައްސަލައަށް އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ތަދައްޚުލުވުމަށް އެދުނެވެ. އެހެންނަމަވެސް، މި މުޢާމަލާތަކީ ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މުޢާމަލާތެއްކަމުން، މި މުޢާމަލާތުގައި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ މަސްލަޙަތަކީ ކޮބައިކަން ބުނެދެވިފައިނުވާތީ، އޯނަސް ޕްރައިވެޓް ލިމިޓެޑް ތަދައްޚުލުވުމަށް ހުއްދަ ނުދޭން ނިންމުނެވެ.
މައްސަލައިގައި ކަން ހިނގާދިޔަ ގޮތް
22 މެއި 2010 ގައި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއްބަސްވުން ހެދުނު ސަބަބަކީ، ޔޫސުފް ރިޟާގެ ބޭބެ، އިސްމާޢީލް ރިޟާ، އިސްމާޢީލް ޝުޖާޢުގެ އަތުން ނަގާފައިވާ 2,472,000/-ރ. (ދެ މިލިޔަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) އަނބުރާ ދެއްކުމުގެ ގޮތުން އިސްމާޢީލް ރިޟާ ދޫކުރި ޗެކު، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ބައުންސްވުމުން، އެއިރުގެ ޖިނާއީ ކޯޓުގައި އިސްމާޢީލް ރިޟާގެ މައްޗަށް ދަޢުވާ އުފުލާފައިވާތީ، އެ ފައިސާއަށް ޔޫސުފް ރިޟާ ޒިންމާ އުފުލައި، އެ ފައިސާ ދައްކާނެކަމުގެ ޔަޤީންކަން އިސްމާޢީލް ޝުޖާޢުއަށް ދިނުމުގެ ގޮތުންނެވެ.
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ޔޫސުފް ރިޟާ ދައްކަން އެއްބަސްވީ 2,472,000/-ރ. (ދެ މިލިޔަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ކަމުގައިވީނަމަވެސް، ޔޫސުފް ރިޟާ މިކަމުގައި ޒިންމާ އުފުލައި، މި ފައިސާ ދައްކަން އިސްނަގައިގެން އުޅުނީތީއާއި، މި ދެފަރާތުގެ ޢާއިލީ ގޮތުން ހުރި ގާތްކަމަށް ބަލާފައި، އިސްމާޢީލް ޝުޖާޢު އެއްބަސްވީ ދައްކަންޖެހޭ ޢަދަދުން 472,000/-ރ. (ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) އާއިލާއަށްޓަކައި މާފުކޮށްދިނުމަށެވެ.
އެހެންކަމުން، ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ޔޫސުފް ރިޟާ ދައްކަން އެއްބަސްވެފައިވަނީ 2,000,000/-ރ. (ދެމިލިޔަން ރުފިޔާ) އެވެ. އަދި މި ފައިސާ ދައްކަން އެއްބަސްވީ ކޮންމެ މަހަކު 17,000/-ރ. (ސަތާރަހާސް ރުފިޔާ) ދައްކައިގެންނެވެ. އެއްބަސްވުމުގައި ސޮއިކުރީ 22 މެއި 2010 ގައިކަމުގައި ވީނަމަވެސް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އޮތީ 15 އޯގަސްޓް 2010 އިން ފެށިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭކަމަށް ބުނާ ފައިސާ ނުލިބިގެން އެ ފައިސާ ހޯދުމަށްޓަކައި ޔޫސުފް ރިޟާގެ މައްޗަށް އިސްމާޢީލް ޝުޖާޢު ދަޢުވާ ކުރީ 23 ނޮވެންބަރު 2014 ގައި ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާއިންނެވެ. ޔޫސުފް ރިޟާ އެއްބަސްވުމުގައި ސޮއިކުރުމަށް މެދުވެރިވި ސަބަބަކީ އޭނާގެ ބޭބެ، އިސްމާޢީލް ރިޟާގެ މައްޗަށް އެއިރުގެ ޖިނާއީ ކޯޓުގައި ޗެކު ބައުންސްވުމާ ގުޅިގެން އުފުލާފައިވާ ދަޢުވާއިން އޭނާ ސަލާމަތްކުރުމުގެ ގޮތުން ކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި، އިސްމާޢީލް ރިޟާގެ މައްޗަށް ޖިނާއީ ކޯޓުގައި ދަޢުވާ ކުރެވުނު ގަޒިއްޔާ ނަންބަރާއި އެ މައްސަލައިގެ ލިޔެކިއުންތައް ހޯދައިދިނުމަށް ޝަރީޢަތުގެ ކިބައިން ޔޫސުފް ރިޟާގެ ފަރާތުން އެދިފައިވެއެވެ. އަދި އެ ގަޒިއްޔާގައި އިސްމާޢީލް ރިޟާ ދައްކަންޖެހޭ ފައިސާ ލިބިފައިވާކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޖިނާއީ ކޯޓުގައި އިޤުރާރުވެފައިވާތީ، އަނެއްކާވެސް ހަމަ އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤެއް އިސްމާޢީލް ޝުޖާޢުއަށް ލިބިގެންނުވާކަމަށް ޔޫސުފް ރިޟާގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ގަޒިއްޔާގައި، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބިނާވާ ޖިނާއީ ކޯޓަށް ހުށަހެޅުނު މައްސަލައިގެ ލިޔެކިއުންތައް ހޯދުމަށް ޔޫސުފް ރިޟާގެ ފަރާތުން އެދިފައިވީނަމަވެސް، އެ ލިޔުންތައް އެ ކޯޓުން ހޯދިކަން ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަށްނެތެވެ. އަދި އެ ކޯޓުން އެ ލިޔުންތައް ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ހިއްސާކޮށްފައިނުވާކަންވެސް، މި ދެފަރާތުގެ ބަހުން އެނގެންއޮވެއެވެ. ވުމާއެކު، ސިވިލް ކޯޓުގެ މައްސަލަ ނިމުނުއިރު، އިސްމާޢީލް ރިޟާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލި މައްސަލައިގެ އެއްވެސް ތަފްސީލެއް ޔޫސުފް ރިޟާއަށް އެނގިފައިވާކަމަށް ބެލެވެންނެތެވެ.
ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ގަޒިއްޔާ ބެލި ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައިވެސް ޖިނާއީ ކޯޓުގައި އިސްމާޢީލް ރިޟާގެ މައްޗަށް އުފުލުނު ދަޢުވާއާ ގުޅޭ ލިޔެކިއުންތައް ހޯދުމަށް ޔޫސުފް ރިޟާގެ ފަރާތުން އެދިފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައި ޖިނާއީ ކޯޓުގައި އިސްމާޢީލް ރިޟާގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ ލިޔުންތައް އެ ކޯޓުން ހޯދިއެވެ. ނަމަވެސް، ހައިކޯޓުގެ ބަޔާންތަކަށް ބަލާއިރުވެސް، އަދި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިހުރި ވާހަކަތަކުންވެސް، ޖިނާއީ ކޯޓަށް ހުށަހެޅުނު މައްސަލައިގެ ހުރިހާ ލިޔެކިއުންތަކެއް މައްސަލައިގެ ޚަޞްމުންނާ ޝަރީޢަތުން ޙިއްސާކޮށްފައިނުވެއެވެ. ހައިކޯޓުން މި މައްސަލައިގެ ޚަސްމުންނަށް ދައްކާފައިވަނީ ޖިނާއީ ކޯޓަށް ހުށަހެޅުނު މައްސަލައިގައި އަބޫބަކުރު ޙަސަން ކިޔާ މީހަކު ދީފައިވާ ބަޔާނެކެވެ. އެ ބަޔާނުގައި، އިސްމާޢީލް ރިޟާގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
ބުނެވުނު ބަޔާން މައްސަލައިގެ ޚަޞްމުންނަށް ދައްކާފައިވަނީ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައެވެ. މި ބަޔާނުގެ ކޮޕީއެއްވެސް އަދި މައްސަލައިގެ ދެންހުރި ލިޔެކިއުންތައްވެސް މައްސަލައިގެ ޚަސްމުންނާވެސް ޙިއްސާނުކުރުމުގެ އިތުރުން، އެ ލިޔުންތަކަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުން ރިއާޔަތްކުރިނަމަވެސް، އެ ލިޔުންތައް ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ހިމަނާފައި ނުވެއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުނުއިރު، މުޅި މައްސަލަ ބިނާވާ އިސްމާޢީލް ރިޟާގެ މައްޗަށް ކުރެވުނު ޖިނާއީ ދަޢުވާގެ ތަފްސީލެއް މައްސަލައިގެ ޚަޞްމުންނާ ޙިއްސާކުރެވިފައިނުވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާގައި ޙުކުމްކުރީ ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޔޫސުފް ރިޟާގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް 1,592,000/-ރ. (އެއްމިލިއަން ފަސްލައްކަ ނުވަދިހަ ދެހާސް ރުފިޔާ) ދައްކަންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
13.1 މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމަށް ބަރޯސާވެ، ޔޫސުފް ރިޟާގެ ފަރާތުން ފައިސާއަށް ޖާމިނުވެފައިވާތީ، އިސްމާޢީލް ރިޟާގެ މައްޗަށް ދައުލަތުން ޖިނާއީ ކޯޓުގައި ކޮށްފައިވާ ޗެކު ބައުންސްވުމުގެ މައްސަލައިގައި އިސްމާޢީލް ރިޟާ ދައްކަންޖެހޭ ފައިސާ ލިބިފައިވާކަމަށް އިސްމާޢީލް ޝުޖާޢު އިޤުރާރުވުމާއި ގުޅިގެން އެ އިޤުރާރުގެ މައްޗަށް ޝަރީޢަތުން މައްސަލަ ނިންމާފައިވާކަމާއި، އިސްމާޢީލް ރިޟާގެ މައްޗަށް އޮތް ޖިނާއީ ކުށުން ބަރީޢަވުމުގެ މަންފާ ޔޫސުފް ރިޟާއަށާއި އިސްމާޢީލް ރިޟާއަށް ލިބިފައިވާކަން؛
13.2 ޖިނާއީ ކޯޓުގައި އިސްމާޢީލް ރިޟާ ދައްކަންޖެހޭ ފައިސާ ލިބިފައިވާކަމަށް އިސްމާޢީލް ޝުޖާޢު އިޤުރާރުވެފައިވަނީ އިސްމާޢީލް ރިޟާ އެ ފައިސާ އިސްމާޢީލް ޝުޖާޢުއަށް ދައްކައިގެން ނޫންކަމާއި، ނަމަވެސް، އެ ފައިސާ ދައްކާނެކަމަށް ޔޫސުފް ރިޟާ ޒިންމާ ނެގުމުގެ ސަބަބުން އެ ފައިސާ ދެއްކުމުގެ ޒިންމާއިން އިސްމާޢީލް ރިޟާ ބަރީޢަވެފައިވާތީކަން އެނގެން އޮތުމުން، ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު މި ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާ ކުރުމަކީ ޖިނާއީ ކޯޓުގެ ގަޒިއްޔާއާ ފުށުއަރާކަމެއް ކަމަށް ބަލާނެ ޤާނޫނީ ހަމައެއްނެތްކަން؛
13.3 މި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމަކީ ޔޫސުފް ރިޟާގެ އެދުމަކަށް ޔޫސުފް ރިޟާ އެދުނު ގޮތް އިސްމާޢީލް ޝުޖާޢު ޤަބޫލުކޮށްގެން މިދެފަރާތު ދެމެދު އެއްވެސް މަޖުބޫރުކަމެއްނެތި ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަން އެއްބަސްވުމުންވެސް އެނގެން އޮތުމާއެކު، މި އެއްބަސްވުމަކީ ޔޫސުފް ރިޟާގެ އަމިއްލަ އިޚްތިޔާރުން ބޭރުން މި އެއްބަސްވުމުގައި ސޮއިކުރުމަށް ޔޫސުފް ރިޟާއަށް މަޖުބޫރުވެގެން ސޮއިކުރަން ޖެހިފައިވާ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާފަދަ މަޤުބޫލު ސަބަބެއް ޔޫސުފް ރިޟާގެ ފަރާތުން ޝަރީޢަތުގައި ސާބިތުކޮށްދީފައިނުވާކަމާއި، އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ލިބެންޖެހޭ މަންފާ ލިބިފައިވާކަން އެނގެން އޮތުމުން، މިއީ ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފު އެއްބަސްވުމެއްކަމަށް ބަލާނެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ހަމައެއް ނެތްކަން؛
13.4 މި އެއްބަސްވުމުގައި ހިމެނޭ ފައިސާއަކީ އިސްމާޢީލް ޝުޖާޢުއަށް ލިބިފައިވާ ފައިސާއެއްކަމަށް ޔޫސުފް ރިޟާއާއި އިސްމާޢީލް ރިޟާ ބުނެފައިވީނަމަވެސް، ދަޢުވާގައި ހިމެނޭ ފައިސާއަކީ އިސްމާޢީލް ޝުޖާޢުއަށް ލިބިފައިވާ ފައިސާއެއް ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، މި ފައިސާ ދައްކާފައިވާކަމުގެ ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހަޅާފައިނުވާކަން؛
13.5 މި އެއްބަސްވުމަކީ އިސްމާޢީލް ރިޟާގެ މައްޗަށް ޖިނާއީ ކޯޓަށް ހުށަހެޅުނު ޗެކު ބައުންސްވުމުގެ މައްސަލައިގައި އަތުވެދާނެ އަދަބަކުން އިސްމާޢީލް ރިޟާ ސަލާމަތް ކުރުމުގެ ގޮތުން ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނައިރު، މިއީ ދޭންނުޖެހޭ ފައިސާއެއް ނަމަ، ޖިނާއީ ކޯޓުގައި އެކަން ސާބިތުކޮށްދީފައިނުވާކަމާއި، އަދި އެ ފައިސާއަށް ޔޫސުފް ރިޟާ ޒިންމާވެފައިވާއިރު، އިސްމާޢީލް ރިޟާ ކުށުން ބަރީޢަވުމަށް ފަހުވެސް މިއީ ދޭންނުޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުކޮށްދިނުމަށް، މިހާ ދުވަސްވީއިރުވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މި ފައިސާއަކީ ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ މިހާރު ކުރާ އިންކާރަކީ ޤާނޫނީ ގޮތުން ބުރަދަނެއް ލިބޭ ޞައްޙަ އިންކާރުކުރުމެއް ނޫންކަން؛
13.6 މި މައްސަލައަށް ސިވިލް ކޯޓުގައި ތަދައްޚުލުވި އިސްމާޢީލް ރިޟާގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ފައިސާ ދީފައިވާކަން ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ އެގްރިމަންޓްތަކަށް ބެލުމުން މި އެގްރިމަންޓްތަކަކީ ދަޢުވާގައިވާ ފައިސާއާ ގުޅުވައިގެން ކޮށްފައިވާ މުޢާމަލާތްތަކެއްކަން އެނގެން ނެތް އިރު، މި އެގްރިމަންޓްތަކާއި ދަޢުވާގައި ހިމެނޭ ފައިސާގެ މުޢާމަލާތާއި ގުޅުވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން؛
13.7 އިސްމާޢީލް ރިޟާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު އިސްމާޢީލް ޝުޖާޢުއަށް ގެއްލިގެން ގޮސްފައިވަނީ ޔޫސުފް ރިޟާ ދިން އިތުބާރެއްގެ މައްޗަށް ބަރޯސާވެގެންކަން އެނގެން އޮތުމުން، ޔޫސުފް ރިޟާގެ ފަރާތުން އެ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކޮށްނުދެވޭހާ ހިނދަކު މި ފައިސާއިން ޔޫސުފް ރިޟާ ބަރީޢަވާނެ ޤާނޫނީ ހަމައެއް ނެތްކަން؛
13.8 އިސްމާޢީލް ރިޟާ އަދާކުރަންޖެހޭ 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ގެ ތެރެއިން 472,000/-ރ. (ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) އާއިލާއަށްޓަކައި މާފުކޮށްދިނުމަށް އިސްމާޢީލް ޝުޖާޢު އެއްބަސްވެފައިވާކަމާއި، މި އަދަދު އުނިކުރުމުން، އެއްބަސްވުމުގެ ދަށުން ޔޫސުފް ރިޟާ ދައްކަންޖެހޭ ޖުމްލަ އަދަދަކީ 2,000,000/-ރ. (ދެމިލިއަން ރުފިޔާ) ކަމާއި، މި ފައިސާގެ ތެރެއިން އިސްމާޢީލް ޝުޖާޢުއަށް ލިބިފައިވާ 408,000/-ރ. (ހަތަރުލައްކަ އަށްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ 1,592,000/-ރ. (އެއްމިލިއަން ފަސްލައްކަ ނުވިދިހަ ދެހާސް ރުފިޔާ) އަކީ އިސްމާޢީލް ޝުޖާޢުއަށް ދޭންޖެހޭ ފައިސާ
ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ޔޫސުފް ރިޟާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
14.1 މި މައްސަލައިގެ އަސްލު ފެށިގެން އައި ލިޔުންކަމުގައިވާ ޖިނާއީ ކޯޓުން ބެލުނު މައްސަލައިގައި ހިމެނޭ ޗެކަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އިސްމާޢީލް ރިޟާ ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮންނަކަމާއި، މި ޗެކު ބައުންސްވުމުގެ މައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުން މި ޗެކުގައިވާ ފައިސާއަކީ އިސްމާޢީލް ޝުޖާޢުއަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަން އެނގެން ނެތްކަމާއި، އިސްމާޢީލް ޝުޖާޢުއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއް ކަމަށްވުމަކީ، ކުންފުންޏަކީ އެ ކުންފުނީގެ ޙިއްސާދާރުންނާ ވަކިން އުފެދިފައިވާ މުސްތަޤިއްލު ވަކި ޝަޚުޞެއްކަމަށް އޮންނަ އުޞޫލަށް ބެލުމުން، މި ޗެކުގައިވާ ފައިސާ ލިބެންވާ ފަރާތަކީ އިސްމާޢީލް ޝުޖާޢުކަން ދަލީލުކޮށްދޭކަމެއް ނޫންކަމަށާއި؛ އަދި
14.2 ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާ ހިންގުނު ތާރިޚުތަކަށް ބެލުމުން މި އެއްބަސްވުމުގެ ތެރެއަށް ޔޫސުފް ރިޟާ ވަދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫސުފް ރިޟާގެ ބޭބެ، އިސްމާޢީލް ރިޟާގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް 2,472,000/-ރ. (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ދައްކަންޖެހި ނުދެއްކިވާކަމަށް ޤަބޫލުކުރެވިގެން އިސްމާޢީލް ރިޟާ ސަލާމަތްކޮށްދިނުމުގެ ގޮތުން، އެ ފައިސާ ދެއްކުމަށް ޖާމިނުވާ މީހެއްގެ ގޮތުގައިކަން އެނގެން އޮންނާތީ، މި ޗެކުގައިވާ މުޢާމަލާތަކީ އިސްމާޢީލް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ މުޢާމަލާތެއްކަން އެނގެން ނެތަތީއާއި، އެ ޗެކުގައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް ރިޟާ ކޮށްފައިވާ މުޢާމަލާތެއްކަން އެނގެން އޮތުމުން، 22 މެއި 2010 ގައި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ޔޫސުފް ރިޟާ ސޮއިކޮށްފައިވަނީ ޙަޤީޤަތް އޮޅިފައިވާ ޙާލަތެއްގައި ހުރެކަން މި މައްސަލައިގައި ކަންހިނގާދިޔަ ގޮތަށާއި ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮތުމުން، 22 މެއި 2010 ގައި ވެފައިވާ އެއްބަސްވުމަކީ އެ އެއްބަސްވުމަށް ޢަމަލުކުރަން ނުޖެހޭ ބާޠިލު އެއްބަސްވުމެއްކަން އެނގެން އޮންނަކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި އަންނަނިވި 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
15.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ތަތުބީޤުކޮށްފައިވަނީ އެ މާއްދާ ތަތުބީޤު ކުރަންޖެހޭ ފަދަ ޙާލަތެއް ނެތިކަމަށާއި، އަދި އެ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެ މާއްދާގެ ދަށުން ސާބިތުވާންޖެހޭ އުންސުރުތައް ފުރިހަމަވެފައިނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
15.2 އެއްބަސްވުމެއްގެ އަޞްލަކީ އެ އެއްބަސްވުމަކީ އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭ އާންމު ސިފަތައް ފުރިހަމަވާނަމަ ޞައްޙަ އެއްބަސްވުމެއްގެ ގޮތުގައި ބަލައިގަނެ އެ އެއްބަސްވުމެއް ތަންފީޒުކުރުންކަމަށް އޮންނަ ޤާނޫނީ ގާއިދާއަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
15.3 ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
15.4 ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ adversarialޝަރީޢަތް ހިންގުމުގެ އިޖުރާއަތުތަކާއި ޚިލާފަށް، ޝަރީޢަތުގެ އަމިއްލަ އިފުތިރާޟުތަކެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫސުފް ރިޟާގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
16.1 ޗެކު ބައުންސްވުމުގެ މައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުން، އެ މައްސަލައިގައި ހިމެނޭ ޗެކަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮންނައިރު، އެ ޗެކަކީ އިސްމާޢީލް ޝުޖާޢުއަށް ދޫކޮށްފައިވާ ޗެކެއްކަމަށް ދައްކުވައިގެން ޔޫސުފް ރިޟާއާ އެކު 22 މެއި 2010 ގައި ވެފައިވާ އެއްބަސްވުމަކީ ޙަޤީޤަތާ ޚިލާފު ކަމެއް، މަކަރުވެރިގޮތަކަށް ތެދެއްކަމުގައި ދެއްކުމުގެ ސަބަބުން، ޔޫސުފް ރިޟާގެ ފަރާތުން އެ ބުނުމަށް އިތުބާރުކޮށްގެން ބައިވެރިވެފައިވާ އެއްބަސްވުމެއްކަން އެނގޭއިރު، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ލިޔެކިޔުންތަކުން ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއްގެ މައްޗަށް ރިޢާޔަތްކުރުން، ޤާނޫނާ ޚިލާފުވާ އަސާސެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
16.2 އެއްބަސްވުން އެކުލަވާލުމުގައިވެސް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދައްކާފައިވާ ތަސައްވުރަކީ ޖިނާއީ ކޯޓުގައި ހިނގަމުންދާ މައްސަލައިން ފައިސާ ލިބެންޖެހެނީ އިސްމާޢީލް ޝުޖާޢުއަށް ކަމަށާއި، އެއްބަސްވުމުގައި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ނަން ނުޖަހައި، އިސްމާޢީލް ޝުޖާޢުގެ ނަން ޖަހާފައިވަނީ އޮޅުވާލައިގެން މަކަރުވެރިގޮތަކަށް ނޫންކަމަށް ބަލަންޖެހޭ ހަމައެއްނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
16.3 ޔޫސުފް ރިޟާ 22 މެއި 2010 ގެ އެއްބަސްވުމުގައި ބައިވެރިކުރުވާފައިވަނީ، ޔޫސުފް ރިޟާގެ އެއްބަނޑު އެއްބަފާ ބޭބެ އިސްމާޢީލް ރިޟާގެ މައްޗަށް ޗެކު ބައުންސްވުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައި އެ މައްސަލަ ކޯޓުން ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް، އެ ގަޒިއްޔާގައި ބެލެމުންދާ ބައުންސްވި ޗެކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޔޫސުފް ރިޟާ އެއްބަސްނުވާނަމަ، ޔޫސުފް ރިޟާގެ އެއްބަނޑު އެއްބަފާ ބޭބެ އިސްމާޢީލް ރިޟާއަށް ޖިނާއީ ޙުކުމެއްގެ އަދަބުގެ ބިރުވެރިކަން ދައްކުވައި، އެ ޙުކުމުން ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ އެއްބަސްވުމުގައި ސޮއިކުރުންކަމަށް ހުށަހަޅައިގެންކަމުން، އެއީ ޔޫސުފް ރިޟާއަށް ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއްކަން އެނގޭކަމަށާއި، ކޮންޓްރެކްޓެއްގައި ބައިވެރިވުމުގެ ރުހުން އޮންނަންވާނީ އަމިއްލަ އިޚްތިޔާރުގައި ދޭ އެއްޗެއްގެ ގޮތުގައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
16.4 މި މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ލިޔުންތަކަކީ ސިވިލް ކޯޓުގެ މަރުޙަލާގައިވެސް ހޯދައިދިނުމަށް އެދިފައިވާ ލިޔުންތަކެއް ކަމަށާއި، މި މައްސަލައިގައި ދަށު ކޯޓުގައި އެދިގެންވެސް ކޯޓުން ހޯދަދީފައި ނުވާ އަދި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބުނު ލިޔުންތަކެއް ހައިކޯޓުގައި އެދިގެން ހައިކޯޓުން ހޯދައި އެ ލިޔުންތަކުން މައްސަލައާ ގުޅުންހުރި މުހިންމުކަމެއް ފާހަގަވެގެންދިޔުމުންވެސް، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމައިފިނަމަ އެކަމަކީ ޢަދުލު އިންޞާފުގެ އުޞޫލުތަކާ ޚިލާފުކަމެއްކަމުގައި ވާނެކަމަށް ބުނެ ފާހަގަކުރި ނުކުތާ.
16.5 އިސްމާޢީލް ޝުޖާޢުގެ އަތުން 2,472,000/-ރ. (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ގެ ދަރަންޏެއް އިސްމާޢީލް ރިޟާ ނަގާފައިވާ ކަމުގެ ހެއްކެއް ނެތްކަމަށާއި، ޗެކު ބައުންސްވުމަކީ މުޢާމަލާތް ސާބިތުކުރުމަކާއި ނުލައި ޗެކުގައިވާ ޢަދަދުގެ ފައިސާ ދައްކަންޖެހޭކަން ސާބިތުވާކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
17އިސްމާޢީލް ޝުޖާޢުއާއި ޔޫސުފް ރިޟާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން މި މައްސަލައަށް ތައްދައްޚުލުވި އިސްމާޢީލް ރިޟާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތެވެ. މި ކަންކަމަކީ އިސްމާޢީލް ރިޟާގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ އެކި މަރުޙަލާތަކުގައި ދައްކާފައިވާ ވާހަކަތައްކަން ފާހަގަކުރަމެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ ދެފަރާތު ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއް ފަރާތުން އަނެއް ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެންތޯ (misrepresentation) އާއި، އޮޅުވާލުމުގެ ދިފާއުއަކީ މައްސަލައިގެ ދެފަރާތާ ހިއްސާނުކުރާ ލިޔެކިއުންތަކެއް ބެލުމަށްފަހު، ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަމެއް ކަމުގައިވާއިރު، މައްސަލައިގެ ޚަޞްމުންގެ ބަހެއް ނެތި އެފަދަ ދިފާއަކަށް ރިޢާޔަތް ކުރެވިދާނެތޯއެވެ.
ޙަޤީޤަތް އޮޅުވާލުން
ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ؛
ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭ ގޮތުން، ނުވަތަ އެމީހަކު ޤަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ.
ހަމަ އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންވެފައިވަނީ
ބިރެއް ދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރިކުރުވާފައިވާ ކޮންޓްރެކްޓަކީ، އެ މީހެއްގެ ނުވަތަ އެ ބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ.
އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއްކަމަށް ބަޔާންކޮށްފައިވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުން (fraudulent misrepresentation) ތަކަށެވެ. ޤާނޫނުގެ 16 ވަނަ މާއްދާގެ އިބާރާތުން، އެ މާއްދާ ބޭނުންކުރާ ފަރާތަކުން އަންނަނިވި ކަންކަން ސާބިތުކޮށްދޭންޖެހެއެވެ.
ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން (a false representation)
އެއީ ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއްކަން އެ ކަމެއް ހުށަހަޅާ މީހަކަށް އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން
އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓްގައި ބައިވެރިވުން
ބަޔާންވެދިޔަ ކަންކަން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޝަރީޢަތުގައި ސާބިތުކޮށްދެވިއްޖެނަމަ، އެއްބަސްވުން ބިނާވަނީ މަކަރުވެރި ގޮތަކަށް ޙަޤީޤަތާ ޚިލާފު އޮޅުވާލާ އޮޅުވާލުންތަކެއްގެ މައްޗަށްކަން ކަނޑައެޅިދާނެއެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާ ޙަވާލާދީ، އެ ކޮންޓްރެކްޓް ބާޠިލުކަމަށް ކަނޑައެޅިދާނެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާ
ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުމަށް ވާސިލުވާންޖެހުނު ސަބަބަކީ ޖިނާއީ ކޯޓުގައި ޔޫސުފް ރިޟާގެ ބޭބެ، އިސްމާޢީލް ރިޟާގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރުމުގެ ދަޢުވާ ދައުލަތުން ކޮށްފައިވާތީ، އެ ފައިސާއަށް ޔޫސުފް ރިޟާ ޖާމިނުވުމުގެ ގޮތުންނެވެ. ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރީ 22 މެއި 2010 ގައެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ފުރަތަމަ އަޑުއެހުން 16 މެއި 2010 ގައި ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ދައުލަތުން އިސްމާޢީލް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ އިސްމާޢީލް ރިޟާ އޯނަސް ޕްރައިވެޓް ލިމިޓެޑުން އަނބުރާ ދައްކާ ގޮތަށް އެކިފަހަރު މަތިން ނަގާފައިވާ 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) އަދާކުރުމުގެ ގޮތުން، އިސްމާޢީލް ރިޟާގެ ނަމުގައި އޮންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގެ ޗެކެއް، 25 ޖެނުއަރީ 2010 ދުވަހު ނެގޭގޮތަށް އިސްމާޢީލް ރިޟާ ސޮއިކޮށް ދޫކުރުމުން، އެ ޗެކަށް ފައިސާ ނެގުމަށްޓަކައި ބޭންކަށް ހުށަހެޅުމުން، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، އެ ޗެކުގައިވާ ޢަދަދަށް ފައިސާ ދެވެން ނެތްކަމަށް ބޭންކުން އެންގުމުން، އެ ޗެކުގައިވާ ފައިސާގެ ޢަދަދަށް ފައިސާ ދިނުމަށް ޗެކަށް ފައިސާ ލިބެންވީ ފަރާތުން އިސްމާޢީލް ރިޟާއަށް އެންގުމުން، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކަށް ފައިސާ ދައްކާފައިނުވާތީ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއި، އިސްމާޢީލް ރިޟާގެ އަތުން ފައިސާ ލިބެންވާ ފަރާތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް، ދަފްތަރު ނަންބަރު 1809 އަބޫބަކުރު ޙަސަން އެދޭ މައްސަލައިގެ ދަޢުވާކަމަށް، ޕްރޮސިކިއުޓަރ ޖެނެރެލްގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅުނު ލިޔެކިއުންތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ޗެކު ދޫކޮށްފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް މި މައްސަލައާ ގުޅިގެން ބަޔާން ދީފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއް ކަމުގައިވާ އަބޫބަކުރު ޙަސަން ކަމުގައިވާއިރު، ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށްވެސް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހާޒިރުވެފައިވަނީ ހަމަ އަބޫބަކުރު ޙަސަންކަން ފާހަގަކުރެވެއެވެ.
23 މެއި 2010 ގައި އިސްމާޢީލް ރިޟާ ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި އޭނާގެ މައްޗަށް ކުރެވުނު ދަޢުވާގައި ހިމެނޭ 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) މިހާރު ވަނީ އަބޫބަކުރު ޙަސަންއަށް ހަމައަށް ދައްކާ ޚަލާޞްކޮށްފައިކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެ ތާރީޚުގައި އަބޫބަކުރު ޙަސަން ދީފައިވާ ބަޔާނުގައި، އޭނާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ މާރކެޓިންގ އެގްޒެކެޓިވްކަމަށާއި، އިސްމާޢީލް ރިޟާ ދޫކުރި ޗެކުގައިވާ 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) އިސްމާޢީލް ރިޟާވަނީ އަބޫބަކުރު ޙަސަންއަށް ހަމައަށް ދައްކައި ޚަލާޞްކޮށްފައިކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ މުޅި ދަޢުވާ ބިނާވަނީ އިސްމާޢީލް ރިޟާ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކެއް ބައުންސްވުމުގެ މައްޗަށެވެ. އަދި އެ ގަޒިއްޔާގައިވާ ދަޢުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީ، އިސްމާޢީލް ރިޟާ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އެ ކުންފުންޏަށް ދައްކާ ޚަލާޞްކުރުމުންކަމަށް، އެ ކުންފުނީގެ މާރކެޓިންގ އެގްޒެކެޓިވް، އަބޫބަކުރު ޙަސަން ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމެއް މި މައްސަލައިގައި ހިނގާފައިވޭތޯ
ހުށަހެޅިފައިމިވާ މައްސަލައިގައި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުން ބިނާވި ސަބަބަކީ ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައި އިސްމާޢީލް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާއެވެ. ދަށު މަރުހަލާތަކުގައި ޔޫސުފް ރިޟާގެ ފަރާތުން ބުނެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރީ އޭނާގެ ބޭބެ އިސްމާޢީލް ރިޟާގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ ދަޢުވާއިން އޭނާގެ ބޭބެ ސަލާމަތްކުރުމުގެ ގޮތުން، މަޖުބޫރީ ހާލަތެއްގައި ހުރެ، އަމިއްލަ އިޚްތިޔާރުން ބޭރުންކަމަށެވެ.
މި މައްސަލައިގައި ދެބަސް ނުވެވޭނެ އަންނަނިވި ޙަޤީޤަތްތައް ފާހަގަކުރަމެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައިވާ މައްސަލައަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިސްމާޢީލް ރިޟާ ދީފައިވާ ޗެކެއް ބައުންސްވުމުގެ ސަބަބުން ހިންގުނު މައްސަލައެއްކަން.
އެ މައްސަލައަކީ ޗެކު ބައުންސްވުމާ ގުޅޭ މައްސަލައެއްކަމުން، އިސްމާޢީލް ރިޟާއާއި އޯނަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު މުޢާމަލާތުގެ ވާހަކަ ދައްކާފައިނުވާކަން.
އެހެނިހެން ޤަރީނާތަކާ ނުލައި، ހަމައެކަނި ޗެކެއް އޮންނަ އޮތުމަކީ ދެފަރާތެއްގެ ދެމެދު މުޢާމަލާތް ސާބިތުކޮށްދޭ ނުވަތަ ދަރަންޏެއް ސާބިތުކޮށްދޭ ހެއްކެއް ނޫންކަން.
ޔޫސުފް ރިޟާ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުން ބިނާވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިސްމާޢީލް ރިޟާ ދޫކުރި ޗެކެއް ބައުންސްވުމުގެ މައްސަލައިގެ މައްޗަށްކަން.
އިސްމާޢީލް ޝުޖާޢުއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރުކަމުގައި ވީނަމަވެސް، ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމުގައިވާއިރު، ޖިނާއީ ކޯޓަށް ހުށަހެޅުނު މައްސަލައިގައި ހިމެނެނީ އޯނަސް ޕްރައިވެޓް ލިމިޓެޑް އަދި އެ ކުންފުނި ތަމްސީލުކުރާ މުވައްޒަފެއްކަން.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ މައްސަލައަކީ އޯނަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައެއްކަމެއް ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް މައްސަލަ ހިނގަމުން ދިޔައިރު ޔޫސުފް ރިޟާއަށް އެނގިފައިނުވާކަން އަދި އެ ގަޒިއްޔާއާ ގުޅޭ ލިޔުންތައްވެސް ޔޫސުފް ރިޟާއަށް ލިބިފައިނުވާކަން.
ކަންމިހެން އޮތްއިރު، އިސްމާޢީލް ޝުޖާޢުއާއި ޔޫސުފް ރިޟާއާ ދެމެދު 22 މެއި 2010 ގައި އެއްބަސްވުމުގައި ސޮއިކުރީ ޔޫސުފް ރިޟާއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ފަދައިން ޙަޤީޤަތް އޮޅިފައިވާ ހާލަތެއްގައި ހުރެގެންތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ޙަޤީޤަތާ ޚިލާފު ކަމެއް އޮތުން
ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު އިސްމާޢީލް ޝުޖާޢުއަށް ފައިސާ ދެއްކުމަށްޓަކައި އެއްބަސްވުމެއް ވެވުނުއިރު، އިސްމާޢީލް ރިޟާގެ ޗެކު ދޫކޮށްފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއިރުގެ ޖިނާއީ ކޯޓަށް ހުށަހެޅުނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭކަމަށް ބުނާ ފައިސާގެ މައްސަލައެކެވެ. އިސްމާޢީލް ޝުޖާޢުއަށް ފަރުދީ ގޮތުން ދައްކަންޖެހޭ ފައިސާގެ މައްސަލައެއް ނޫނެވެ. ޖިނާއީ ކޯޓަށް ހުށަހެޅުނު ބައުންސްވި ޗެކުގެ މައްސަލައިގެ އިތުރުން، އިސްމާޢީލް ރިޟާއާއި އޯނަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު މުޢާމަލާތަކީ ކޮބައިކަން އެނގޭކަށްނެތެވެ.
އިސްމާޢީލް ރިޟާ ބުނާ ގޮތުން، އޭނާ އިސްމާޢީލް ޝުޖާޢުއާ ޙަވާލުކުރީ ސޮއިކޮށްފައި އޮތް ބްލޭންކް ޗެކެކެވެ. އެއީ މި ދެމީހުންނަކީ އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ދެ މީހުންކަމަށްވެފައި އިސްމާޢީލް ޝުޖާޢުއަށް އިތުބާރުކޮށްކަމަށް އިސްމާޢީލް ރިޟާ ބުނެފައިވެއެވެ. އެ ޗެކަށް ފައިސާ ހޯދުމަށް ބޭންކަށް ހުށަހެޅިއިރު، އެ ޗެކުގެ ދަށުން ފައިސާ ލިބެންޖެހޭ ފަރާތެއްވެސް އަދި އެ ޗެކުގައިވާ އަދަދުވެސް އިސްމާޢީލް ރިޟާއަށް އެނގިފައިނުވާކަމަށް އޭނާގެ ފަރާތުން ބުނެއެވެ. އިސްމާޢީލް ޝުޖާޢުގެ ފަރާތުން މިކަންކަމަށް އިންކާރުނުކުރެއެވެ.
އެހެންކަމުން، ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު އޮތް އެއްބަސްވުމުގެ ބޭނުމަށްޓަކައި، އިސްމާޢީލް ރިޟާގެ ބައުންސް ޗެކަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކެއް ކަމުގައިވާއިރު، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅައި، ޖިނާއީ ކޯޓަށް ހާޒިރުވީވެސް އެ ކުންފުނީގެ މުވައްޒަފަކު ކަމުގައިވާއިރު، ޔޫސުފް ރިޟާ ލައްވައި އިސްމާޢީލް ޝުޖާޢު އެއްބަސްވުމެއްގައި ސޮއިކުރުވީ އެ ފައިސާއަކީ އިސްމާޢީލް ޝުޖާޢުއަށް ފަރުދީ ގޮތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ދައްކުވައި، ޙަޤީޤަތް އޮޅުވާލައިގެންނެވެ. މިކަން ދަލީލުކޮށްދެނީ 22 މެއި 2010 ގައި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެވުނު އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި، އެއްބަސްވުން ވާންޖެހުނު މަޤުސަދުކަމަށް ބަޔާންކޮށްފައިވަނީ އިސްމާޢީލް ރިޟާ އިސްމާޢީލް ޝުޖާޢުއަށް ދައްކަންޖެހޭކަމަށް ބުނާ ފައިސާގެ މައްސަލަ ޖިނާއީ ކޯޓުގައި ހިނގަމުންދާތީ، ކޯޓުގައި އޮތް މައްސަލައިގެ ފައިސާއަށް ޔޫސުފް ރިޟާ ޒިންމާ އުފުލައި، އެ ފައިސާއަށް ޖާމިނުވުމުގެ ގޮތުންކަމަށެވެ. އެހެންނަމަވެސް، އިސްމާޢީލް ޝުޖާޢުއަށް އިސްމާޢީލް ރިޟާ ފައިސާ ދެއްކުމާގުޅޭ މައްސަލައެއް ޖިނާއީ ކޯޓުގައި ހިނގަމުން ނުދެއެވެ.
ވުމާއެކު، މި މައްސަލައިގައިވާ ޙަޤީޤަތާ ޚިލާފުކަމަކީ، ޖިނާއީ ކޯޓަށް ހުށަހެޅުނު މައްސަލައަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިސްމާޢީލް ރިޟާ ދައްކަންޖެހޭ ފައިސާއަކާ ގުޅޭ މައްސަލައަކަށް ކަމުގައިވާއިރު، އެ މައްސަލައަކީ އިސްމާޢީލް ޝުޖާޢުއަށް ފަރުދީ ގޮތުން ފައިސާ ދެއްކުމާގުޅޭ މައްސަލައެއްކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެ އެއްބަސްވުމެއްގައި އެކަން ބަޔާންކޮށް، އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އިސްމާޢީލް ޝުޖާޢު ފަރުދީ ގޮތުން މަސައްކަތްކުރުމެވެ.
(ށ) ޙަޤީޤަތާ ޚިލާފުކަންތައް މަކަރުވެރި ގޮތަކަށް ދެއްކުން
މި މައްސަލައިގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެފައިވަނީ އޭނާއާއި ޔޫސުފް ރިޟާއާ ދެމެދު އެއްބަސްވުމެއްވާން އެންމެ ފުރަތަމަ ނިންމީވެސް، އެއްބަސްވުމެއްވުމަށް ޔޫސުފް ރިޟާގެ ފަރާތުން ހުށަހެޅުމުންކަމަށެވެ. ޔޫސުފް ރިޟާގެ ފަރާތުންވެސް މިކަމަށް އިންކާރުކޮށްފައިނުވެއެވެ. އަދި ބުނެފައިވަނީ އެފަދަ އެއްބަސްވުމެއްވާން މެދުވެރިވި ސަބަބަކީ އޭނާގެ ބޭބެ، އިސްމާޢީލް ރިޟާ ޖިނާއީ ދަޢުވާއަކުން ސަލާމަތްކުރުންކަމަށެވެ.
އިސްމާޢީލް ޝުޖާޢުއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ %99 (ނުވަދިހަ ނުވައެއް އިންސައްތަ) ހިއްސާ އޮންނަ ފަރާތްކަމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
އިސްމާޢީލް ރިޟާގެ ޗެކު ބައުންސްވި މައްސަލައިގައި ޗެކު ދޫކޮށްފައި އޮތީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކަމުގައިވާއިރު، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބަޔާންދީ، ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށްވެސް ފޮނުވާފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފެއް ކަމުގައިވާއިރު، މިކަންކަން އިސްމާޢީލް ޝުޖާޢުއަށް ކަނޑައެޅިގެން އެނގޭނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެހެނީ، އިސްމާޢީލް ޝުޖާޢުއަށް ފަރުދީ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސްވި މައްސަލައެއްނަމަ، އެ މައްސަލައިގެ ޝަކުވާ ހުށަހަޅާ ފަރާތަށްވެސް ވާނީ އިސްމާޢީލް ޝުޖާޢުއެވެ. އަދި ދައުލަތުން އިސްމާޢީލް ރިޟާގެ މައްޗަށް ކޮށްފައިވާ މުޅި ދަޢުވާވެސް ބިނާވާނީ އިސްމާޢީލް ޝުޖާޢުއަށް ދޫކޮށްފައިވާ ޗެކެއް ބައުންސްވުމުގެ މައްސަލައަށެވެ.
އިސްމާޢީލް ޝުޖާޢުގެ ހިއްސާ އޮންނަ ކުންފުނިން ކުރާ މުޢާމަލާތްތަކާއި އިސްމާޢީލް ޝުޖާޢު ފަރުދީ ގޮތުން ކުރާ މުޢާމަލާތްތަކަކީ ޤާނޫނީ ގޮތުން މުޅިން ތަފާތު މުޢާމަލާތްތަކެއް ކަމުގައިވާއިރު، އިސްމާޢީލް ޝުޖާޢުއަށް އިސްމާޢީލް ރިޟާ ފައިސާ ދައްކަންޖެހޭކަމަށް ބުނެ ޔޫސުފް ރިޟާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޖިނާއީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައިގައި ކަން ހިނގަމުންދާ ގޮތް އިސްމާޢީލް ޝުޖާޢުއަށް އެނގުމާއި ފެނުމުގެ ތެރެއިންނެވެ.
މީގެ އިތުރުން، އިސްމާޢީލް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާދެމެދު ވެވުނު މުޢާމަލާތަކާ ގުޅިގެން ސެކިއުރިޓީ ބޮންޑެއްގެ ގޮތުގައި ސޮއިކޮށްފައި އޮތް ބްލޭންކް ޗެކެއް އިސްމާޢީލް ޝުޖާޢުއަށް އިސްމާޢީލް ރިޟާ ދިންކަމަށް އިސްމާޢީލް ރިޟާގެ ފަރާތުން ޝަރީޢަތުގެ އެކި މަރުހަލާތަކުގައި ބުނެފައިވެއެވެ. އަދި އިސްމާޢީލް ރިޟާ ދިން ޗެކުގައި ޢަދަދު ލިޔެފައިވަނީ އިސްމާޢީލް ރިޟާއަށް އެނގުމަކާ ނުލައި، އަދި ރުހުމެއްވެސް ހޯދުމަކާ ނުލައި އަދި އެކަމަށް ޤާނޫނީ ގޮތުންވެސް އެއްވެސް ހުއްޖަތެއް ދެއްކުމަކާނުލައި، އިސްމާޢީލް ޝުޖާޢު އަމިއްލައަށްކަމަށެވެ. އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންވާކަމަށް ބުނެ 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ގެ އަދަދު އެ ޗެކުގައި ލިޔެފައިވާއިރު، އެ އަދަދަށް ވާސިލުވި ގޮތާއި، އެ އަދަދުގެ މުޢާމަލާތާ ގުޅޭ އެއްވެސް ވާހަކައެއް ޖިނާއީ ކޯޓުގައިވެސް އަދި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދުވި އެއްބަސްވުމުގައިވެސް ބަޔާންކޮށްފައިނުވެއެވެ.
އިސްމާޢީލް ރިޟާ މުޢާމަލާތްކުރީ ކާކާކަން އިސްމާޢީލް ރިޟާއަށް އެނގޭނެކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އިސްމާޢީލް ރިޟާ ބުނެފައިވަނީ އޭނާ މުޢާމަލާތްކުރީ އިސްމާޢީލް ޝުޖާޢުއާކަމަށާއި، އިސްމާޢީލް ޝުޖާޢުއަށް މިހާރު ދައްކަންޖެހޭ ފައިސާއެއް ނޯންނާނެކަމަށެވެ. އެހެންނަމަވެސް ޖިނާއީ ކޯޓުގައި ހިނގި މައްސަލައިގައިވެސް އިސްމާޢީލް ރިޟާއާ މުޢާމަލާތްކުރީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންކަމަށް ދައުލަތުން ދަޢުވާކޮށްފައިވީނަމަވެސް، މި މައްސަލައިގައި އިސްމާޢީލް ރިޟާ މުޢާމަލާތްކުރީ ޙަޤީޤަތުގައިވެސް އެ ކުންފުންޏާކަމެއް ނުވަތަ އިސްމާޢީލް ޝުޖާޢުއާ ކަމެއް އިސްމާޢީލް ރިޟާގެ ވާހަކަތަކުންވެސް ސާފުނުވާތީ، މި މައްސަލައިގައި އިސްމާޢީލް ރިޟާ މުޢާމަލާތްކުރި ފަރާތް އިސްމާޢީލް ރިޟާއަށްވެސް ކޮންމެވެސް ވަރަކަށް އޮޅިފައިވާކަމަށް ބެލެވެއެވެ.
ކޮންމެ ގޮތެއް ވިޔަސް މި މައްސަލައިގައި އޮތް ދެބަސްނުވެވޭ ޙަޤީޤަތަކީ، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލަކަމެވެ. އެ މައްސަލައަކީ އިސްމާޢީލް ޝުޖާޢުއަށް ފަރުދީ ގޮތުން ފައިސާ ދެއްކުމާ ގުޅޭ މައްސަލައެއް ނޫންކަން އިސްމާޢީލް ޝުޖާޢުއަށް އެނގޭނެއެވެ. މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އިސްމާޢީލް ޝުޖާޢު، ޔޫސުފް ރިޟާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިސްމާޢީލް ޝުޖާޢުއަށް ކަނޑައެޅިގެން ޙަޤީޤަތް އެނގިހުރެ، އެކަމަކު އެ ޙަޤީޤަތް މަކަރުވެރި ގޮތަކަށް ޔޫސުފް ރިޟާއަށް އޮޅަވާލައިގެންނެވެ. އިސްމާޢީލް ރިޟާ، އިސްމާޢީލް ޝުޖާޢުއަށް ޗެކެއް ދޫކޮށް އެ ޗެކު ބައުންސްވި މައްސަލައެއް ޖިނާއީ ކޯޓަށް ހުށަހަޅައިގެން ހިނގަމުންދާކަމަށް އިސްމާޢީލް ޝުޖާޢު ބުނާއިރު، އަދި އެފަދައިން 22 މެއި 2010 ގެ އެއްބަސްވުމުގައިވެސް ބަޔާންކުރާއިރު، އިސްމާޢީލް ޝުޖާޢުއަށް އިސްމާޢީލް ރިޟާ ޗެކެއް ދޫކޮށް، އެ ޗެކު ބައުންސްވި މައްސަލައެއް ޖިނާއީ ކޯޓުގައި ހިނގަމުންނުދެއެވެ.
ޙަޤީޤަތާ ޚިލާފު ކަމެއް އެއީ ޙަޤީޤަތެއްކަމަށް މަކަރުވެރި ގޮތަކަށް، އިސްމާޢީލް ޝުޖާޢު ޔޫސުފް ރިޟާއަށް ދެއްކުމުން، ދެން ނިކުތް ނަތީޖާއަކީ، އިސްމާޢީލް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ފަހުން އަނބުރާ ދެއްކުމަށް ފައިސާ ދޫކުރުމުގެ އެއްވެސް މުޢާމަލާތެއްވިނަމަ، އެފަދަ މުޢާމަލާތަކާ ގުޅޭ އެއްވެސް ކަމެއް ސާބިތުކުރުމެއް ނެތި، ޖިނާއީ ކޯޓުގައި އޮތް އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެކު ބައުންސްވުމުގެ މައްސަލައަކާ ޙަވާލާދީ، އެ ފައިސާ ހޯދުމަށް ޔޫސުފް ރިޟާގެ މައްޗަށް ދަޢުވާކުރުމުގެ ނަތީޖާއެވެ. މީހަކަށް ލިބެންޖެހޭ ފައިސާއެއް އަނބުރާ ހޯދުމަށް ދަޢުވާކުރުމުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރާ ޢާންމު އުސޫލަކީ، ފައިސާ ހޯދުމާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅުމާއެކު، ފައިސާ ދިންކަން ސާބިތުކޮށްދިނުމެވެ. ފައިސާދިންކަން ސާބިތުކޮށްދެވޭނަމަ، އެ ފައިސާ ނަގައިދިނުމަށް ޝަރީޢަތުން ކަނޑައަޅާނެއެވެ. އިސްމާޢީލް ރިޟާއަށް އެއްވެސް ފައިސާއެއް އިސްމާޢީލް ޝުޖާޢު ދިންނަމަ، މި މައްސަލައިގައި އިސްމާޢީލް ޝުޖާޢު އެ ފައިސާ އަނބުރާ ހޯދުމަށް ޚިޔާރުކޮށްފައިވަނީ ސާފު ސީދާ އިޖުރާއަތެއް އެއްފަރާތްކޮށް، ކަތި ރާސްތާއެކެވެ.
(ނ) އެއްބަސްވުމުގައި ސޮއިކުރީ ޙަޤީޤަތާ ޚިލާފު ކަމެއްގެ މައްޗަށް އިތުބާރުކޮށްގެންތޯ
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސާބިތުކޮށްދޭންޖެހޭ ތިންވަނަ އުންސުރަށް ބަލާއިރު، މި މައްސަލައިގައި ޔޫސުފް ރިޟާ އެއްބަސްވުމުގައި ސޮއިކުރީ އިސްމާޢީލް ޝުޖާޢު މަކަރުވެރިގޮތަކަށް ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކަށް އިތުބާރުކޮށްގެންތޯ ބަލާއިރު، އޭގެ ކުރު ޖަވާބަކީ އާއެކެވެ. މިކަން ދަލާލަތު ކޮށްދެނީ މި ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމެވެ.
މުޅި އެއްބަސްވުމުގެ މަޤުސަދަކީ އިސްމާޢީލް ރިޟާ ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ މައްސަލައިގައި ދައްކަންޖެހޭ ފައިސާ، އޭނާގެ ފަރާތުން ދެއްކުމަށްޓަކައި ޔޫސުފް ރިޟާ ޖާމިނުވުން ކަމުގައިވާއިރު، ޖިނާއީ ކޯޓުގެ އެ ގަޒިއްޔާގައި ފައިސާ ދައްކަންޖެހޭ ފަރާތް ނޫން އެހެން ފަރާތަކަށް އެ ފައިސާ ދެއްކުމަށްޓަކައި ޔޫސުފް ރިޟާ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ހަމަޖެހޭކަމެއް ނޫނެވެ.
އަދި އެ ފައިސާ ދައްކަންޖެހޭ ފަރާތް ނޫން އެހެން ފަރާތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމުން، އޭގެ ފަހުން ނިކުތް ނަތީޖާއަކީ، އިސްމާޢީލް ރިޟާ، އިސްމާޢީލް ޝުޖާޢުއަށް ފައިސާ ދައްކަންޖެހޭ ފަދަ އެއްވެސް މުޢާމަލާތެއް ސާބިތުކުރުމެއް ނެތި، ހަމައެކަނި ޔޫސުފް ރިޟާ ސޮއިކުރި އެއްބަސްވުމެއްގެ މައްޗަށް ބަރޯސާވެ، އެ އެއްބަސްވުމުގައި ބުނާ އަދަދުގެ ފައިސާ ޔޫސުފް ރިޟާގެ ކިބައިން އިސްމާޢީލް ޝުޖާޢު ހޯދުމަށް މަސައްކަތްކުރަމުން ދިޔުމެވެ.
ކަމުގެ ޙަޤީޤަތް ކުރިން އެނގުނުނަމަ، ވަކި ސަބަބެއް ނެތި ޔޫސުފް ރިޟާ އިސްމާޢީލް ޝުޖާޢުއަށް 2,472,000/-ރ (ދެ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ރުފިޔާ) ދެއްކުމާބެހޭ އެއްބަސްވުމެއްގައި ސޮއިނުކުރާނެކަން، ޔޫސުފް ރިޟާގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންވެސް އެނގެއެވެ.
އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމެއް މި މައްސަލައިގައި ހިނގާފައިވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ޔޫސުފް ރިޟާއަށް އިސްމާޢީލް ޝުޖާޢު ޙަޤީޤަތް އޮޅުވާލައިގެން އޭނާ ބައިވެރިކުރުވާފައިވާ އެއްބަސްވުމެއްކަމުން، މި އެއްބަސްވުމަކީ ޔޫސުފް ރިޟާގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ އެއްބަސްވުމެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން ނެތެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، 22 މެއި 2010 ގައި ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެކެވެ.
މައްސަލައަކާ ގުޅިގެން ފަނޑިޔާރުން ހޯދާ މަޢުލޫމާތު
ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައި ޔޫސުފް ރިޟާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙަޤީޤަތް އޮޅިފައިވާ ޙާލަތެއްގައި ހުރެގެންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ޔޫސުފް ރިޟާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުން ބޭރުންކަމުން، އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވެއެވެ.
ހައިކޯޓުގެ ގަޒިއްޔާގައި ޔޫސުފް ރިޟާއަށް ޙަޤީޤަތް އޮޅިފައިވާ ސަބަބުކަމަށް ބަޔާންވަނީ ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައި ބުނާ ފައިސާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކެއްގެ މައްސަލައަކަށްވާތީއެވެ. އެ ގަޒިއްޔާއަކީ އިސްމާޢީލް ޝުޖާޢު ފަރުދީ ގޮތުން އިސްމާޢީލް ރިޟާއާ މުޢާމަލާތްކުރި މައްސަލައަކަށްނުވުމެވެ.
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ބުނެފައިވަނީ އެއްބަސްވުން ޞައްޙަނޫންކަމަށް ބުނާ ފަރާތުން ފާހަގަކުރާ ކަންކަމުގެ ބޭރުން، ޝަރީޢަތުން އިސްނަގައިގެން އެއްބަސްވުން ބާޠިލު ނުކުރެވޭނެކަމަށެވެ. އަދި ހައިކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާގެ އަލީގައި މައްސަލައެއްގެ ވާގިއާ ކަށަވަރުކުރާ (trier of fact) ކޯޓެއް ނޫންކަމަށެވެ.
ޔޫސުފް ރިޟާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ލިޔުންތައް ހޯދުމުގެ ބާރު ލިބިދެވޭކަމަށާއި، އެ ލިޔުންތަކަކީ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރުވެސް ހޯދުމަށް އެދިފައިވާ ލިޔުންތަކެއްކަމަށާއި، އަދި އެ ލިޔުންތަކާ ގުޅޭ ގޮތުން ހައިކޯޓުން 29 ޖުލައި 2019 ގައި ބޭއްވުނު އަޑުއެހުމުގައި އިސްމާޢީލް ޝުޖާޢު ތަމްސީލުކުރާ ވަކީލުއާ ސުވާލުކޮށްފައިވާކަމަށެވެ.
ހުށަހެޅިމިވާ މައްސަލައިގައި، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާ ހައިކޯޓުން ހޯދައި، އެ މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ރިޢާޔަތްކުރުން އެއީ ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް މައްސަލައިގެ ޚަޞްމުން އެދޭ ގޮތުގެ ބޭރުން ކޮށްފައިވާ ޢަމަލެއްކަމަށް ބެލެވިދާނެ ހެއްޔެވެ؟
ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާގައިވެސް ޔޫސުފް ރިޟާގެ ފަރާތުން އޭނާވި އެއްބަސްވުން ބިނާވާ ޖިނާއީ ކޯޓުގެ ގަޒިއްޔާ ހޯދައިދިނުމަށް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެންމެ ފުރަތަމަ ހުށަހެޅި ބަޔާނުގައިވެސް އެދިފައިވާކަން ފާހަގަކުރެވެއެވެ. އެ ގަޒިއްޔާ ހޯދަން ބޭނުންވާ ސަބަބުކަމަށްވެސް ބަޔާންކޮށްފައިވަނީ އެ ފައިސާ އިސްމާޢީލް ރިޟާ ދައްކައި ޚަލާޞްކޮށްފައިވާކަމަށް، ޖިނާއީ ކޯޓުގެ ޝަރީޢަތެއްގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން އިޤުރާރުވެފައިވުމުން، އެ ފައިސާ މިހާރު ހޯދަން ދަޢުވާ ނުކުރެވޭނެކަމަށް ބުނެއެވެ. އަދި ޖިނާއީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގެ ގަޒިއްޔާ ނަންބަރު އެނގިފައިނުވާތީ އެ ގަޒިއްޔާ ހޯދިފައިނުވާކަމަށް ޔޫސުފް ރިޟާގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން، އިސްމާޢީލް ޝުޖާޢުއަށް އެ ގަޒިއްޔާއާ ބެހޭ މަޢުލޫމާތު އެނގޭނެތީ، ޝަރީޢަތް މެދުވެރިކޮށް އިސްމާޢީލް ޝުޖާޢުގެ ކިބައިން އެ މަޢުލޫމާތު ހުށަހަޅައިދިނުމަށް ޔޫސުފް ރިޟާ އިތުރަށް އެދިފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިއިރު، ޖިނާއީ ކޯޓުގެ ގަޒިއްޔާ ސިވިލް ކޯޓުގެ ބޭނުމަށް ހޯދިކަމެއް ނުވަތަ ނޫންކަމެއް އެނގޭކަށްނެތެވެ. އެހެންނަމަވެސް، އެ ގަޒިއްޔާއާ ގުޅޭ ލިޔެކިއުންތައް މައްސަލައިގެ އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވެއެވެ.
ސިވިލް ކޯޓުގެ ގަޒިއްޔާ ހައިކޯޓުގައި ޔޫސުފް ރިޟާގެ ފަރާތުން އިސްތިއުނާފުކުރިއިރު، ހަމަ އެއް އާދޭހެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ހައިކޯޓަށް ހުށަހެޅުނު އެއް ނުކުތާއަކީ ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން މި މައްސަލައިގައި އިތުރު ދަޢުވާއެއް ނުކުރެވޭނެކަމަށް ބުނާބުނުމެވެ. އެ ނުކުތާގެ ތަފްޞީލުގައި، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ މައްސަލައިގައި ފައިސާ ލިބުނުކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން އިޤުރާރުވެފައިވާތީ، އެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔަކަމަށް އެނގޭކަމަށާއި، ނަމަވެސް، އެ މައްސަލައަކީ ދައުލަތުން އަނބުރާ ގެންދިޔަ މައްސަލައެއްކަމުން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ތައްޔާރު ކުރެވިފައިނުވާކަމަށް އެ ކޯޓުން ބުނާތީ، މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުނުކަމަށާއި، ނަމަވެސް އެ ލިޔުންތައް ލިބިފައިނުވާކަމަށް ޔޫސުފް ރިޟާގެ ފަރާތުން ބުނެފައިވެއެވެ.
އަދި ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައި އިސްމާޢީލް ޝުޖާޢުއަށް ފައިސާ ލިބުނުކަމަށް އޭނާގެ ފަރާތުން 26 އޮގަސްޓް 2015 ގައި ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2014 ގަޒިއްޔާގައި ދީފައިވާ ބަޔާނަކުން އިޤުރާރުވެފައިވާތީ، އެއީ ހެއްކެއްކަމަށް ބުނެ ޔޫސުފް ރިޟާގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައިވެއެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެގެން ނަމަވެސް އެ ލިޔުންތައް ހޯދައިދިނުމަށް އެދިފައިވެއެވެ.
މިހާ ހިސާބަށް ދިޔައިރުވެސް، ހައިކޯޓުންވެސް މައްސަލައިގެ ހުރިހާ ލިޔުންތައް މައްސަލައިގެ ހުރިހާ ފަރާތްތަކާ ހިއްސާކޮށްފައިނުވެއެވެ. އެހެންނަމަވެސް ހައިކޯޓުގެ މަޙްޟަރު ބަޔާނަކުން އިސްމާޢީލް ރިޟާ ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞްކޮށްފައިވާކަމަށް ބުނެ، ޢަބޫބަކުރު ޙަސަން ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައި ދީފައިވާ ބަޔާން، އިސްމާޢީލް ޝުޖާޢު ހައިކޯޓުގައި ތަމްސީލުކުރި ފަރާތާ ޝަރީޢަތުގެ މަޖިލިހުގައި ހިއްސާކުރިކަން އެނގެންއޮވެއެވެ.
އެހެންކަމުން، ހައިކޯޓުން ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ލިޔުންތައް ހޯދައި އެ ލިޔުންތަކަށް ރިޢާޔަތްކުރިކުރުމަކީ، ހައިކޯޓުގެ އަމިއްލަ އިސްނެގުމަކަށް ކޮށްފައިވާ ކަމެއްކަމަށް އަހުރެން ނުދެކެމެވެ. އެ ގަޒިއްޔާގެ ލިޔުންތައް ހޯދައި އެ ލިޔުންތަކަށް ރިޢާޔަތްކުރަންޖެހުނު ސަބަބަކީ، ޔޫސުފް ރިޟާގެ ފަރާތުން ތަކުރާރުކޮށް ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް އެ ގަޒިއްޔާއާ ހަވާލާދީ، އެ ގަޒިއްޔާގައި ފައިސާ ލިބުނުކަމަށް ބުނާ ބުނުމަށް ރިޢާޔަތްކޮށްދިނުމަށް އެދުމުންކަން މި ދެ ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެންއޮވެއެވެ.
އަދި އެ ލިޔުންތައް ހޯދި ހޯދުމަކީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓާއި ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ހާލަތްތަކެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ޞަރީޙަ ނައްސުން ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ މައްސަލައެއް އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެފަދަ މައްސަލައެއް ދަށު ކޯޓުން އަލުން ބަލަން ފޮނުވާލުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. ހަމަ އެފަދައިން، އެފަދަ މަޞްލަހަތެއް ނެތްނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ކުރާ އުނިކަމެއް އެއީ ހައިކޯޓު މަރުހަލާގައި ފޫބެއްދިދާނެކަމެއް ކަމަށް ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް ފެންނަނަމަ، އެ މައްސަލަ ދަށަށް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި، ގޮތް ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި (ނ) އިބާރާތް ކުރެވިފައިވާ ގޮތުން، މި ބާރު ހައިކޯޓަށް ލިބިގެންވެއެވެ. މީގެ އިތުރުން، ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގައި ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާކަން އެނގެން އޮންނައިރު، ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާއާ ގުޅޭ ލިޔުންތައް އެ ކޯޓުން ހޯދާފައިވަނީ މި އަކުރުން ލިބިދެވޭ ބާރާ ޚިލާފުވާ ގޮތެއްގެ މަތިން ނޫންކަން އަދި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަ ބެލުމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތަރަހައިގެ ތެރެއިންކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ޤާނޫނުގައި ފެންނަން ހުންނަ ކަންކަން ވ. މައްސަލައިގެ ޚަޞްމުން ހުށަހަޅާ ކަންކަން
ޔޫސުފް ރިޟާގެ ފަރާތުން އޭނާ ފައިސާ ދައްކަންޖެހޭނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް ޝަރުޢީ އެއްވެސް މަރުހަލާއެއްގައި ކުރިން ފާހަގަކޮށްފައިނުވެއެވެ. ހައިކޯޓުން ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާއަށް ރިއާޔަތްކޮށް، އެ ގަޒިއްޔާގައި ޗެކު ދޫކޮށްފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކަމުން، ހައިކޯޓުގެ އިސްނެގުމަކަށް މި މައްސަލައިގެ އަރަނިވެރިޔަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ އެޑްވަސޭރިއަލް (adversarial) ނިޒާމާ ޚިލާފަށްކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް (2020) ގަޒިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެންނެވެ. މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާގިއާތައް، އެ ވާގިއާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތުކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑައަޅަމުން ދިއުމެވެ.
އަހުރެންވެސް މި ރައުޔަށް ތާއީދުކުރަމެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި މައްސަލަ ބެލުމަށް ހަމަޖެހިފައިވާ ގިނަ އުސޫލުތަކަކީ އެޑްވަސޭރިއަލް ނިޒާމެއްގެ ސިފަ ޖެހިފައިވާ އުސޫލުތަކެވެ. ޝަރީޢަތަށް މައްސަލައެއް ހުށަހެޅިގެން ހިނގަމުންދާއިރު، ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ ކޯޓުތަކުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށެވެ. އަދި ކޯޓުތަކުގެ ޤާނޫނުގައި ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުމުގެ އިޖުރާއަތުތަކަށް ބަލާއިރުވެސް، އެ މައްސަލައަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލައެއްކަން ސާބިތުކުރުމުގެ ބުރަ އަބަދުވެސް އުފުލަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތުންނެވެ.
ކަންމިހެން އޮތް ނަމަވެސް، ސީދާ ޤާނޫނުން ފަނޑިޔާރުންނަށް ލިބިދެވޭ ބާރުތަކެއް ހުރެއެވެ. އޭގެ މިސާލެއްގެ ގޮތުން ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ރ) އާއި (ބ) ނެގިދާނެއެވެ. މި ދެ އަކުރުގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި ބޭނުން ސުވާލެއް ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ ނުވަތަ ދެ ޚަޞްމުންކުރެ ޚަޞްމަކާ ކުރުމުގެ ބާރާއި، މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިދެވެއެވެ. މި ސިފަތަކަކީ އެޑްވަސޭރިއަލް ނިޒާމަކަށްވުރެ އިންކުއިސިޓޯރިއަލް ނިޒާމަކާ ގާތްކުރާ ސިފަތަކެއްކަމަށް ބެލެވިދާނެއެވެ.
މިފަދަ ހާލަތްތަކުގައި ބަލަންޖެހޭނީ ޤާނޫނުތަކުން ލިބިދެވޭ އިރުޝާދަށެވެ. ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް (2020) ގައި ފާހަގަކޮށްފައިވާ ފަދައިން، އަދި މި ގަޒިއްޔާގެ 63 ވަނަ ޕެރެގްރާފްގައިވެސް ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުމަށް ހަމަޖެހިފައި އޮތް ޢާންމު ނިޒާމަކީ އެޑްވަސޭރިއަލް ނިޒާމެއްގެ ސިފަތަކަށް ބޮޑަށް ބަރޯސާވާ ނިޒާމެއްކަމުގައިވާއިރު، މައްސަލައެއްގައި ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވުމަށް ފަނޑިޔާރުންނަށް ލިބިދެވިފައިވާ ބާރުތަކަކީ އެޑްވަސޭރިއަލް ނިޒާމުން މުޅިން އެއްކިބާވެހުރެ ބޭނުން ކުރެވޭނެ ބާރުތަކެއްކަމުގައި އަހުރެން ނުދެކެމެވެ. މައްސަލަ ބަލާ ފަނޑިޔާރުންނަށް ކަންކަން ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުސަތު ދެވެންވާނެއެވެ. ހަމަ އެފަދައިން، މައްސަލައަކާ ގުޅިގެން ކުރެވޭ ސުވާލުތަކެއް ކުރެވެން ވާނީ މައްސަލައިގެ އެންމެހައި ފަރާތްތަކުގެ ހާޒިރުގައެވެ. ސަބަބަކީ ފަނޑިޔާރުން ހޯދާ މަޢުލޫމާތަކަށް ވިޔަސް، އަދި ކޮންމެވެސް އެއް ފަރާތަކާ ކުރާ ސުވާލަކަށް ވިޔަސް، މައްސަލައިގެ ދެން ހިމެނޭ ފަރާތްތަކުން އެދޭނަމަ، އެކަންކަން ތައުނުކޮށް އަދި މުނާގަޝާކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެތީއެވެ. ޝަރީޢަތުން މައްސަލަ ބެލުމުގެ ޢާންމު އުސޫލަކީ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުންތަކަށް ބެލުންކަމުގައިވާއިރު، މައްސަލައެއްގެ މަސްލަހަތު އޮތް ފަރާތްތަކަށް ނޭނގި، އައު ހުށަހެޅުމެއް ފަނޑިޔާރުގެ އިސްނެގުމަކަށް ހުށަނޭޅޭނެއެވެ.
ފަނޑިޔާރުން މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައިގެ އެއްވެސް ޚަޞްމަކު ފާހަގަނުކުރާ، އެހެންނަމަވެސް ޤާނޫނީ ގޮތުން ފާޅުކަންބޮޑު ކަމެއް ފާހަގަކުރެވެން އޮތްނަމަ ދެން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ނުކުތާއަކީ މައްސަލައިގެ އެއްވެސް ޚަޞްމަކު ނުދައްކާ ވާހަކައެއްކަމަށް ބުނެ ޚަޞްމުންގެ ހުށަހެޅުންތަކަށް އެކަނި ޖަވާބެއް ދޭނީ ހެއްޔެވެ؟ ނުވަތަ ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވޭ ކަމަކަށް ޤާނޫނު ތަޠުބީޤު ކުރާނީ ހެއްޔެވެ؟
މި ސުވާލުތަކަކީ، އަބަދުމެ ފަސޭހަ ޖަވާބެއް ލިބެންހުރި ސުވާލުތަކެއް ނޫނެވެ. އެއްކޮޅުން، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހި އިންސާފު ޤާއިމުކުރުމަށް ތިބޭ ބައެއް ކަމުގައިވާއިރު، ޤާނޫނީ ވަކީލުންގެ ދައުރު އަދާކުރުމުން ފަނޑިޔާރުން މަނާވެގަންނަންޖެހެއެވެ. އަނެއްކޮޅުން، އުސޫލުތައް އޭގެ އެންމެ ލަފްޒީ މާނައިގައި ތަޠުބީޤުކޮށް، މައްސަލަ ބެލުމުގެ އިޖުރާއަތުތަކުގެ އެތައް ކަފިތަކަކުން ނިކުމެވޭއިރު، އިންސާފު ޤާއިމުކުރުމުގެ ރޫޙަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވި ގޮސްދާނެއެވެ.
ފަނޑިޔާރުންގެ ދައުރަކީ ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށެވެ. ވުމާއެކު، ޤާނޫނުގައި ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވެން އޮތްކަމެއް އެގޮތުގައި އޮއްވައި، އެކަމެއް އެއް ފަރާތްކޮށް، އެއީ މައްސަލައިގެ އެއްވެސް ޚަޞްމަކު ނުނަގާ ނުކުތާއެއްކަމަށް ބުނެ، ޤާނޫނާ ޚިލާފަށް ފަނޑިޔާރުންނަކަށްވެސް ޙުކުމެއް ނުކުރެވޭނެއެވެ.
މި ވިސްނުމުންދާނަމަ، މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެއެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް، ތައުނު ކުރުމުގެ ފުރުޞަތު ދެވެންވާނެއެވެ.
ހުށަހެޅިފައި އޮތް މައްސަލައަށް އޮތް ހައްލު
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް ބިނާވަނީ ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ނުދައްކާ ވާހަކަތަކެއްގެ މައްޗަށެވެ. ސަބަބަކީ އެ ދެ މަރުހަލާގައި، ޖިނާއީ ކޯޓުގައި ހިނގި މައްސަލައަކީ އޯނަސް ޕްރައިވެޓް ލިމިޓެޑާ ގުޅޭ މައްސަލައެއްކަން ޔޫސުފް ރިޟާއަށް އެނގިފައިނުވުމެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގެ ލިޔުންތައް ސުޕްރީމް ކޯޓުން ހޯދުމަށްފަހު، މި މައްސަލައިގައި ހިމެނޭ ޔޫސުފް ރިޟާއާއި އިސްމާޢީލް ރިޟާއާއި އަދި އިސްމާޢީލް ޝުޖާޢުއަށްވާނީ ހިއްސާކޮށްފައެވެ. އަދި މިހުރިހާ ފަރާތަކުންވެސް އެ ލިޔުންތަކާ ގުޅޭ ގޮތުން އިތުރުކަމެއް ފާހަގަކުރަން ބޭނުންވާނަމަ، އެ ފުރުސަތު ދެވިފައިވާނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގެ މުޅި އެއްބަސްވުން ބިނާވަނީ ޖިނާއީ ކޯޓުގެ ނަންބަރު 735/JC/2010 ގަޒިއްޔާގައި އިސްމާޢީލް ރިޟާ ދައްކަންޖެހޭ ފައިސާއަށް ކަމަށް ވާއިރު، އެ ގަޒިއްޔާގައި އެ ފައިސާ ދައްކަން އޮތީ އޯނަސް ޕްރައިވެޓް ލިމިޓެޑަށެވެ. އެކަމަކު އެ ގަޒިއްޔާއާ ހަވާލާދީ އެއްބަސްވުމެއް ހެދީ ޔޫސުފް ރިޟާއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދުއެވެ. އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ހޯދުމަށްޓަކައި އިސްމާޢީލް ޝުޖާޢުއަށް ފަރުދީގޮތުން އެއްބަސްވުމެއްގައި ސޮއިނުކުރެވޭނެއެވެ. ސަބަބަކީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނަކީ ވަކި ޤާނޫނީ ޝަޚްސުން ކަމުގައިވާތީއެވެ. އެހެންކަމުން، ހައިކޯޓުން މި މައްސަލައިގައި ބޭނުންކުރި ދިފާއުގެ ތަބީއަތަށް ބަލާއިރު، މިއީ ފާޅުކަން ބޮޑު ގޮތަކަށް އެނގެން އޮތް ޙަޤީޤަތެކެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލައަކީ އަލުން އަނބުރާ ހައިކޯޓަށް ފޮނުވާލަންޖެހޭ މައްސަލައެއްތޯ ބަލާއިރު، ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގައި ޤާނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިނުވެއެވެ. ނަމަވެސް، އެ ކޯޓުން ޢަމަލުކޮށްފައިވަނީ އިޖުރާއީ ގޮތުން އެންމެ އެދެވޭގޮތަކަށް ނޫނެވެ. އެއީ ޝަރީޢަތުގައި އެއްވެސް ފަރާތަކުން ނުނަގާ ދިފާއަކަށް، އޭގެން އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއް ނެތި ރިޢާޔަތްކުރުމެވެ.
މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ފާޅުކަން ބޮޑު ޙަޤީޤަތަކީ ޖިނާއީ ކޯޓުގެ މައްސަލައަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްއާ ގުޅޭ މައްސަލައަކަށްވުމެވެ. އެކަން މައްސަލައިގެ ޚަޞްމުންނާ ހިއްސާނުކޮށް އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި އޮތް އޮތުމަކީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާ ބާޠިލުކުރަންޖެހޭ ސަބަބެއް ނޫނެވެ.
ސުޕްރީމް ކޯޓަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ހައިކޯޓުން މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާތަކެއް ކަމުގައިވާއިރު، ސުޕްރީމް ކޯޓުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، އެއަށް ރައްދުދީ ނިމުނުއިރު، މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން މައްސަލައިގެ ދެފަރާތާއި ތަދައްޚުލުވި އިސްމާޢީލް ރިޟާވެސް ވަނީ ވާހަކަ ދައްކައިފައެވެ.
އެހެންކަމުން، އިންސާފަށް ވާސިލުވުމަށްޓަކައި، މި މައްސަލައަކީ މިހާރު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމަކަށް ގެނެވިދާނެ މައްސަލައެއްކަމަށް އަހުރެން ދެކެމެވެ. އަދި ކުރިން ބަޔާންކުރި ސަބަބުތަކަށްޓަކައި، ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގެ މައްސަލަ ބާޠިލުކުރަންޖެހޭ ފަދަ ނުކުތާއެއް ހުށަހަޅާފައިނުވާތީ، އެ މައްސަލަ ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމަކަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/109 ގަޒިއްޔާގެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12، 13 އަދި 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ށ)، (ނ)؛ 48 ވަނަ މާއްދާގެ (ރ) އަދި (ބ)؛ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާ
- 2011/SC-A/48 (މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާޙް)
- 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- 2017/SC-A/23 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ބަރްހާދް ވ. ސުލްޠާންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް (2020))
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 މާރިޗު 2020 · ރަޖިސްޓްރީކުރީ 14 ޖުލައި 2020 · ނިމުނީ 31 އޮކްޓޫބަރު 2021 (15.6 މަސް)