ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 58
ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް، [2021] SC 58 (2019/SC-A/98)
Fekt Maldives Private Limited v. Maldives Police Service [2021] SC 58 (2019/SC-A/98, Supreme Court of the Maldives, 16 June 2021)
ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޚިދުމަތުގެ އަގާއި ޖޫރިމަނާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 651,894 ރުފިޔާ ނަގައިދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކުރީ ފެކްޓް މޯލްޑިވްސްގެ ހެކިންނަކީ އަމިއްލަ މަޞްލަޙަތު ހުރި ބައެއް ކަމަށާއި، އޭގެ ހެކިބަހަށް ބާރުދޭ ހެއްކެއް ނެތް ކަމަށާއި، ބިލުތައް ކާފީ ހެއްކެއް ނޫން ކަމަށެވެ.
ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބޭނުމަށް 2011 ގެ ސެޕްޓެންބަރުން ޑިސެންބަރާ ހަމައަށް ފެކްޓް މޯލްޑިވްސްގެ 'ލިލީ' ލޯންޗުގައި އަނގަބަހުން ވެވުނު އެއްބަސްވުމަކަށް ދަތުރުތައް ކުރިއެވެ. ފެކްޓް މޯލްޑިވްސް ބުނީ ޕެޓްރޯލު ދިނުމަށްފަހު ބާކީ ބިލުކޮށް ފައިސާ ލިބޭގޮތަށް އެއްބަސްވި ކަމަށާއި، ޕޮލިހުން ބުނީ ހަމައެކަނި ޕެޓްރޯލު ދީގެން ކުރާ ދަތުރުތަކެއް ކަމަށެވެ.
ފެކްޓް މޯލްޑިވްސް ބުނީ ހައިކޯޓުން ހެކިތަކަށް ރިޢާޔަތްނުކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) އާ ޚިލާފުވި ކަމަށާއި، ޕޮލިހުގެ އެތެރޭގެ ސިޓީތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށާއި، ދެފަރާތުގެ ހެކިންގެ މެދުގައި ތަފާތުކުރި ކަމަށެވެ. ދައުލަތުން ބުނީ ދަތުރުތައް ކުރީ ހަމައެކަނި ޕެޓްރޯލު ދީގެން ކަމަށެވެ.
މައިގަނޑު ސުވާލު
ހައިކޯޓުން ހެކި ވަޒަންކޮށް، ފެކްޓް މޯލްޑިވްސްގެ ހެކިންގެ ހެކިބަސް އަމިއްލަ މަޞްލަޙަތުގައި ދިން ހެކިބަހެއްގެ ގޮތުގައި ބަލައި، ލޯންޗު ދަތުރުތަކަށް ޕެޓްރޯލުގެ އިތުރުން ފައިސާ ދައްކަންޖެހޭކަން ސާބިތުނުވާ ކަމަށް ނިންމީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ހައިކޯޓުގެ ޙުކުމް ޤާއިމް
ހައިކޯޓުން ހެކި ވަޒަންކުރީ ކޮން ޤާނޫނީ އުޞޫލަކާ ޚިލާފަށްކަން ފެކްޓް މޯލްޑިވްސްއަށް ބުނެދެވިފައި ނުވެއެވެ. ޕޮލިހުގެ ހެކިބަހާއި ލިޔެކިޔުމާއި ޕެޓްރޯލުގެ ރަސީދުތަކުން ދަތުރުތައް ކުރީ ޕެޓްރޯލު ދީގެންކަމަށް ބާރުލިބޭއިރު، ފެކްޓް މޯލްޑިވްސްގެ ހެކިބަހަށް ރިޢާޔަތްކުރުމަށްފަހު އެއަށް ބާރުދޭ ހެއްކެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތިން މަރުޙަލާގެ ކޯޓުތަކުން މައްސަލައެއް ބެލުމުގެ މާނައަކީ ދަށުކޯޓަށް ހުށަހެޅޭ ދަޢުވާ އޮތްގޮތަށް ތިން ފަހަރު ބެލުމެއް ނޫނެވެ؛ މައްސަލައެއް ކާމިޔާބުނުވުމުން ހަމައެކަނި ފަނޑިޔާރުން މައްސަލަ ބަލަންވާވަރަށް ނުބެލި ކަމަށް ތުހުމަތުކުރުމަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް އޮތް ހަރުދަނާ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނާނަމަ، ރިޢާޔަތްނުކުރާ ކަމަށް ބުނާ ހެއްކަކީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅިގެން ހުށަހެޅި ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އިޝާރާތްކުރަނީ ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތަށެވެ؛ ފަނޑިޔާރު ހެކި ވަޒަންކުރިގޮތް ޤާނޫނަކާ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފުވާ ކަމަށް ބުނާނަމަ ޚިލާފުވީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ބުނެދޭންވާނެއެވެ. އިސްތިއުނާފީ ކޮންމެ މަރުޙަލާއެއްގައި ހެކި އަލުން ވަޒަންކުރެވޭނީ ނޫނެވެ؛ އިސްތިއުނާފު ހުށަހެޅޭނީ ދަށު މަރުޙަލާއިން ޤާނޫނަކާ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް މައްސަލަ ނިންމާފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 23)
- މައްސަލައެއް ނިމުނުގޮތާމެދު ހިތްހަމަނުޖެހުމަކީ އިސްތިއުނާފުކުރުމުގެ ސަބަބެއް ނޫނެވެ؛ އިސްތިއުނާފުކުރެވޭނީ ދަށު މަރުޙަލާއިން ނިންމީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނާ ހަރުދަނާ ޤާނޫނީ ބިނާއެއް އޮވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ސިޓީއަކަށް ޖަވާބު ނުދިނުމަކީ ދެފަރާތު ދެމެދު އެއްބަސްވުމެއް ވެފައިވާކަން ސާބިތުކޮށްދޭ ދަލީލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ދައުލަތުގެ މުއައްސަސާއެއްގެ މާލީ މުޢާމަލާތްތަކުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ހަމަޖެހިފައިވާއިރު، އެ އުޞޫލުތަކުގެ ބޭރުން މުއައްސަސާގެ ވަކި މީހަކު ވާހަކަދައްކައިގެން މުޢާމަލާތެއް ކުރުމަށް އެއްބަސްވި ކަމަށް ބުނުމަކީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- ދައުލަތާއި އަމިއްލަ ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި އަމިއްލަ ފަރާތުން ހެކިބަސްދޭނީ އެ ފަރާތުގެ މަޞްލަޙަތުގައި ކަމުގައިވިޔަސް، އެފަދަ ހެކިބަސް (މިސާލަކަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހެކިބަސް) ބަލައިގަތުމަށް ޤާނޫނީ ހުރަހެއް ނެތެވެ؛ ނަމަވެސް ހައިކޯޓުން އެ ހެކިބަހަށް ރިޢާޔަތްކުރުމަށްފަހު، އެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ކަމަށް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަނޑައެޅުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42)
- ދަތުރުތަކަށް ދޭންޖެހޭ ވަރަށްވުރެ އިތުރަށް ޕެޓްރޯލު ދީފައިވާކަން ލިޔެކިޔުމުން އެނގެން އޮތްއިރު، ދައްކާފައިވާ ޕެޓްރޯލާއި ޚިދުމަތުގެ އަގާއި އުނިކުރި ގޮތުގެ ތަފްޞީލެއް ނެތް ބިލުތަކުން ޕެޓްރޯލުގެ އިތުރަށް ފައިސާ ދައްކަންޖެހޭކަން ސާބިތުނުވާ ކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަނޑައެޅުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47-48)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
16 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-871/2006)
ޤާނޫނީ ވަކީލު:
ޤާނޫނީ ވަކީލު:
ސީނިއަރ ސްޓޭޓް އެޓަރނީ އޛ. ޢަލީ ޝުހައިލް މުޙައްމަދު އަލްއުސްތާޛު މުޙައްމަދު ފައިޞަލް، ސިތާރާވާދީ، މ.މުލައް
މަދަނީ، ފައިސާ ހޯދުން، ޤާނޫނު ނަންބަރު 13/2010 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ރިޢާޔަތްކޮށްފައިނުވާ ހެކި ބުނެދޭންޖެހޭކަން، ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ ހަރުދަނާ ޤާނޫނީ ސަބަބެއް އޮވެގެންކަން
ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ (މީގެފަހުން "ފެކްޓް މޯލްޑިވްސް") "ލިލީ" ނަމަކަށްކިޔާ ސްޕީޑް ލޯންޗުގައި މޯލްޑިވްސް ޕޮލިސް ސަރވިސް (މީގެ ފަހުން "މޯލްޑިވްސް ޕޮލިސް ސަރވިސް" ނުވަތަ "ދައުލަތް") ގެ ބޭނުމަށް އެކި ރަށްރަށަށް ކޮށްފައިވާ ދަތުރުތަކުގެ ފައިސާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، ހުށަހެޅުނު ބިލުތަކާމެދު ދެފަރާތު ދެމެދު އުފެދުނު ޚުޞޫމާތާ ގުޅޭ މައްސަލައެކެވެ.
ހުވަދުއަތޮޅު އުތުރުބުރި އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ޕޮލިސް ސްޓޭޝަންގެ ބޭނުމަށް އެކި ރަށްރަށަށް 2011 ވަނަ އަހަރުގެ ސެޕްޓެންބަރު، އޮކްޓޯބަރު، ނޮވެންބަރު އަދި ޑިސެންބަރު، މި ހަތަރު މަސްދުވަހު ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް، ފެކްޓް މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ތަކުރާރުކޮށް އެދުމުންވެސް އެފައިސާ ދައްކާފައި ނުވާކަމަށް ބުނެ އެފައިސާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް، ދިވެހި ދައުލަތުގެ މައްޗަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާގައި ދަޢުވާކުރިއެވެ. އެގަޒިއްޔާގައި ފެކްޓް މޯލްޑިވްސްގެ ފަރާތުން ކޮށްދީފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފެކްޓް މޯލްޑިވްސް އަށް 651,894/-ރ. (ހަލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) ނަގައިދިނުމަށް ޙުކުމް ކުރިއެވެ. ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2017/SC-A/280 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/280 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ފެކްޓް މޯލްޑިވްސްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން ފެކްޓް މޯލްޑިވްސްއަށް651,894/- ރ. (ހަލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) ނަގައިދިނުމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) 2011 ވަނަ އަހަރުގެ ސެޕްޓެންބަރު، އޮކްޓޯބަރު، ނޮވެންބަރު އަދި ޑިސެންބަރު، މި ހަތަރު މަސްދުވަހު ފެކްޓް މޯލްޑިވްސްގެ "ލިލީ" ނަމަކަށް ކިޔާ ސްޕީޑް ލޯންޗުން ކޮށްފައިވާ ދަތުރުތަކަށް ފައިސާ ހޯދުމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ދަޢުވާކޮށްފައިވާއިރު، ދަޢުވާއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންކާރުކޮށްފައިވީ ނަމަވެސް، މި ދެފަރާތުގެ ބަހުން، ފެކްޓް މޯލްޑިވްސްގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލޯންޗް ދަތުރުގެ ޚިދުމަށް ފޯރުކޮށްދީފައިވާކަމާއި، އަދި އެޚިދުމަތް ދިނުމާއި، ލިބިގަތުމުގެ އެއްބަސްވުން މި ދެފަރާތުން ވެފައިވަނީ އަނގަބަހުންކަން އެނގެންއޮތުން؛
(ށ) ފުލުހުންގެ ބޭނުންތަކަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން 536,934/-ރ. (ފަސްލައްކަ ތިރީސްހަހާސް ނުވަސަތޭކަ ތިރީސްހަތަރު ރުފިޔާ) ގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމާމެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންކާރުކޮށް ޝަރީޢަތުގައި ވާހަކަދައްކައިފައި ނުވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމާ އެއްގޮތަށް މި ޚިދުމަތުގެ އަގަށްޖެހޭ (ނުވަތަ ދަތުރުގެ ޖުމްލަ ޢަދަދަށްޖެހޭ) ފައިސާއަށްވާ ޕެޓްރޯލު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދަޢުވާކުރާ ފެކްޓް މޯލްޑިވްސްއަށް ފޯރުކޮށްދީފައިވާކަމަށް ބުނެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަހުން އެނގެން އޮތުން؛
(ނ) ފެކްޓް މޯލްޑިވްސްގެ ފަރާތުން، ހުށަހެޅި ހެކިން ކަމުގައިވާ، ހާރޫން ރަޝީދާއާއި، މުޙައްމަދު ނިޔާޒް ޢަލީގެ ހެކި ބަހުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ ހަމައެކަނި ޕެޓްރޯލު ދީގެން ދަތުރުކުރުމަށް ނޫންކަމާއި، ދަތުރުކުރުމަށްފަހު ދަތުރަށްވާ ޖުމްލަ އަގުގެ ތެރެއިން ތެލުގެ ޚަރަދު އުނިކޮށް ބިލުކުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފައިސާ ދައްކަން އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި، އަދި މިފަދައިން ކުރެވުނު ބައެއް ބިލުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފައިސާ ދޫކޮށްފައިވާކަން މުޙައްމަދު ނިޔާޒް ޢަލީގެ ބަހުން އެނގެން އޮންނަކަން؛
(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި ހެކިންގެ ހަކިބަހުން، ޢާންމުގޮތެއްގައި މިފަދަ ދަތުރުކުރުމުގައި ޢަމަލުކޮށް އުޅުނު އުޞޫލަކީ ކޮބައިކަން އެނގުނު ނަމަވެސް، މި މުޢާމަލާތާއި ގުޅިގެން ފެކްޓް މޯލްޑިވްސްއާ ވާހަކަދެއްކި އޭރުގެ ކޮމާންޑަރ ޔޫސުފް ބުޝްރީއާއި، ފެކްޓް މޯލްޑިވްސްއާ ދެމެދު ވާހަކަ ދެކެވި، އެއްބަސްވެފައިވަނީ ކޮންގޮތަކަށްކަން ޢުޤައިލް އިބްރާހީމްއާއި، އިރުޝާދު އާދަމްއާއި، އަޙްމަދު ވަޙީދަށް ނޭނގޭކަން އެފަރާތްތަކުގެ ބަހަށް ބެލުމުން އެނގެން އޮންނައޮތުން؛
(ބ) ފެކްޓް މޯލްޑިވްސްގެ ފަރާތުން ފޯރުކޮށްދީފައިވާ 536,934/-ރ. (ފަސްލައްކަ ތިރީސްހަހާސް ނުވަސަތޭކަ ތިރީސްހަތަރު ރުފިޔާ) ގެ ޚިދުމަތް އެފަރާތުން ފޯރުކޮށްދީފައިވާކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންކާރުކޮށްފައި ނުވާތީއާއި، މިމައްސަލައާ ގުޅިގެން ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެބަހުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ ހަމައެކަނި ޕެޓްރޯލު ދީގެން ދަތުރުކުރުމަށް ނޫންކަމާއި، ދަތުރުކުރުމަށްފަހު ދަތުރަށްވާ ޖުމްލަ އަގުގެ ތެރެއިން ތެލުގެ ޚަރަދު އުނިކޮށް ބިލުކުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފައިސާ ދައްކަން އެއްބަސްވެފައިވާކަން އެނގެން އޮންނަކަން؛
(ޅ) މި ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައާއި ޖޫރިމަނާގެ ގޮތުގައި ފެކްޓް މޯލްޑިވްސްގެ ފަރާތުން ހޯދުމަށް އެދިފައިވަނީ އެކަށޭނެ މިންވަރެއް ކަމާއި، ފައިސާ ނުލިބުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 64,935/-ރ. (ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ތިރީސް ފަސްރުފިޔާ) އާއި، ފެކްޓް މޯލްޑިވްސްއަށްވެފައިވާ ގެއްލުމުގެ ބަދަލުގެގޮތުގައި 50,025/-ރ. (ފަންސާސްހާސް ފަންސަވީސް ރުފިޔާ) އާ އެކުޖުމްލަ 651,894/-ރ. (ހަލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) އަކީ މިޚިދުމަތުގެ އަގާއި، ޖޫރިމަނާއާއި، ގެއްލުމުގެ ބަދަލުގެގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެކްޓް މޯލްޑިވްސްއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން އެނގެން އޮތުން.
ހައިކޯޓުން މައްސަލަ ނިންމި ގޮތް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލައިފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/280 ގަޒިއްޔާއިންނެވެ. ހައިކޯޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކުގެ ތެރޭގައި، ލޯންޗު ދަތުރުގެ ޚިދުމަތުގެ އަގަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، ފެކްޓް މޯލްޑިވްސްއަށް 651,894/-ރ. (ހަލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ހެކިންގެ ބަހަށް ރިޢާޔަތްކުރުމެއް ނެތި ކަމަށާއި، ޖޫރިމަނާ އާއި ވަކީލު ފީ ނަގައިދިނުމަށް ނިންމާފައިވަނީ ކޯޓުތަކުން ނިންމާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާގެ ޙުކުމް ބާޠިލުކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. ހައިކޯޓުގެ ނިންމުން ބިނާކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރެވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 1218/Cv-C/2016 ގަޒިއްޔާގައި ފެކްޓް މޯލްޑިވްސްއިންކުރި ދަޢުވާ ސާބިތުވާކަން އެޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، މުޙައްމަދު ނިޔާޒު ޢަލީ އާއި ހާރޫން ރަޝީދު ޝަރީޢަތަށް ދީފައިވާ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށްކަން އެނގެން އޮންނައިރު، ފެކްޓް މޯލްޑިވްސްގެ ފަރާތުން ދަޢުވާ ސާބިތުކުރަން ހުށަހެޅި ދެ ހެކިންނަކީ އެފަރާތްތަކުގެ އަމިއްލަ މަސްލަޙަތުގައި ހެކިބަސްދީފައިވާ ބައެއްކަން އެނގެން އޮތުން؛
(ށ) ފެކްޓް މޯލްޑިވްސްގެ ފަރާތުން ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހާއި ގުޅުވާލެވޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް، ފެކްޓް މޯލްޑިވްސްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބުނާ ފަދައިން ދެފަރާތުގެ ދެމެދުގައި ލޯންޗު ދަތުރުކުރުމަށް އެއްބަސްވެފައިވަނީ ދަތުރަށްދާ ވަރަށް ޕެޓްރޯލު އެޅުމަށްފަހު، ބާކީ ބިލު ކުރުމުން ފައިސާ ލިބޭގޮތަށްކަމަށް ބުނާއިރު، އަދި އެފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކޮށްފައިވާކަމަށް ބުނާއިރު، އެފަދައިން ފައިސާ ލިބިފައިވާ އެއްވެސް ބިލެއް ނުވަތަ ލިޔެކިޔުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތުން؛
(ނ) ފައިސާ ނުދައްކާކަމަށް ބުނެ ހުށަހަޅާފައިވާ ބިލުތަކަށް ބެލުމުން، އެބިލުތަކަކީ ފެކްޓް މޯލްޑިވްސްގެ ދަޢުވާގައި ބުނެފައިވާ ފަދައިން، ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުންތަކަށް ލޯންޗު ދަތުރުކޮށްދިނުމަށްފަހު، ދަތުރުގެ އަގަށްވާވަރަށް ޕެޓްރޯލުދީ، އޭގެ އިތުރަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ބިލުކޮށްފައިވާ ބިލުތަކެއްކަން އެނގެން ނެތުމާއި، ބިލުތަކުގައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އެ ބިލުތަކަކީ ދަތުރުގެ އަގަށްވާވަރަށް ޕެޓްރޯލުދީ، އޭގެ އިތުރަށް ދައްކަންޖެހޭ ފައިސާ ލިބިގަތުމުގެ ގޮތުން ބިލުކޮށްފައިވާ ބިލުތަކެއް ކަމާމެދު ޝައްކު އުފެދުމުގެ އިޙްތިމާލު އޮތުމުން، ފެކްޓް މޯލްޑިވްސްގެ ފަރާތުން ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅި ބިލުތަކަކީ، އެމައްޗަށް ޝަރީޢަތުން ބުރަދަނެއް ދެވޭނެ ކާފީ ހެއްކެއްކަމަށް ބެލެވެން ނެތުން؛
(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހެކިބަސްދީފައިވާ ފަރާތެއްގެ އަމިއްލަ މަސްލަޙަތެއް އެކަމުގައި ހިމެނިފައި ނުވާކަމާއި، ހެކިބަސް ދިން ފަރާތްތަކުގެ ތެރެއިން، ދެ މީހުންނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެދުވަސްވަރު ޑިއުޓީގައި ތިބި ދެ މުވައްޒަފުންކަން އެފަރާތްތަކުން ޝަރީޢަތަށް ދީފައިވާ ހެކިބަހުން އެނގެން އޮތުމުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެކިތަކުން، އިޝާރާތްކުރެވުނު ޝަފަވީ ހެކިންގެ ހެކިބަހަށް ބާރުދޭކަން؛
(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް ޕްލޭނިންގ ޑިޕާރޓްމަންޓަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު، އެސިޓީތަކަކީ، ޕެޓްރޯލު އަޅައިގެން ދަތުރުކުރުމުގެ ހުއްދައަށް އެދި ފޮނުވާފައިވާ ސިޓީތަކެއްކަން އެނގެން އޮތުމާއި، "ޒަލްދާން އޮއިލް ސަޕްލައިސް" ގެ ފައިސާގެ ރަސީދުތަކުން ފެކްޓް މޯލްޑިވްސްއަށް ޕެޓްރޯލު ދީފައިވާކަން އެނގެން އޮންނާތީ، ފެކްޓް މޯލްޑިވްސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފެކްޓް މޯލްޑިވްސްއަށް ދައްކަންޖެހި ނުދައްކައިހުރި ފައިސާކަމަށް ބެލެވެން ނެތްކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/280 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފެކްޓް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކުރަމުން މައިގަނޑު 3 (ތިނެއް) ނުކުތާއެއް ހުށަހަޅައިފައިވެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި، ފަނޑިޔާރަކު މައްސަލަ ނިންމުމުގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރަންވާނެކަމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާ ނިންމުމުގައި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެއްކާ ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހެކިންގެ ގޮތުގައި ހާޒިރުވި ހެކިންގެ ހެކިބަހުން، ހުށަހެޅުނު ކިތާބީ ހެއްކަށް ބާރުލިބޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، އެ ކިތާބީ ހެއްކަކީ، ބަލައިގަނެވޭނެ އަދި ޤަބޫލުކުރެވޭނެ ހެއްކެއްނޫން ކަމަށާއި، ހަމައެކަނި ޕެޓްރޯލުދީގެން ދަތުރުކުރުމުގެ ހުއްދައަށް އެދި ފޮނުވާފައިވާ ސިޓީތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކިތާބީ ހެކީގެގޮތުގައި ހުށަހަޅާފައިވާއިރު، އެސިޓީތަކަކީ މި މައްސަލައިގައި ޤަބޫލުކުރެވޭނެ ސިޓީތަކެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ފެކްޓް މޯލްޑިވްސްގެ ދަޢުވާ ސާބިތުކުރުމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހެކިންނަކީ ކުންފުންޏާއި ގުޅުންހުރި ބައެއްކަމުގައި ބަލައި، އެފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމިއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަސް ސާބިތުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެކިވެރިންގެ ހެކިބަސް ބަލައިގަނެފައިވާކަމަށާއި، އެއީ ޚަޞްމުންގެ މެދުގައި ތަފާތުކުރުންކަމާއި، އަދި އެއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ބަލަންޖެހޭ ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދެފަރާތު ދެމެދު ކުރެވުނު މުޢާމަލާތާއި ހުށަހެޅުނު ހެކި
ފެކްޓް މޯލްޑިވްސްގެ އިސްތިއުނާފީ ނުކުތާތައް ޖުމްލަގޮތެއްގައި ބިނާވަނީ ހައިކޯޓުން ހެކި ވަޒަންކުރި ގޮތަށާއި ހެއްކަށް ދީފައިވާ ބުރަދަނާމެދުގައެވެ. އެހެންކަމުން، މި މައްސަލައިގައި ދެފަރާތުންވެސް ދެބަސްނުވާ ޙަޤީޤަތްތަކާއި ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅުނު ހެކި ވަކި ވަކިން ބަޔާންކުރުން މުހިންމުކަމުގައި ދެކެމެވެ.
ދެބަސްނުވާ ޙަޤީޤަތްތައް
ގއ. ވިލިގިނލި ޕޮލިސް ސްޓޭޝަނުގެ ލޯންޗު ހަލާކުވުމާ ގުޅިގެން އެ ސްޓޭޝަނުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރަމުން އައީ ލޯންޗުފަހަރު ކުއްޔަށް ހިފައިގެންނެވެ. އެގޮތުން، ފެކްޓް މޯލްޑިވްސްގެ "ލިލީ" ނަމަކަށް ކިޔާ ލޯންޗުގައި ގއ. ވިލިގިނލި ޕޮލިސް ސްޓޭޝަންގެ ބޭނުމަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ދަތުރުތަކެއްކުރިއެވެ. ދަތުރުތައް ކުރުމަށް ދެފަރާތު ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމެއްނެތެވެ. އެއްބަސްވީ ވާހަކަ ދައްކައިގެންނެވެ.
ފެކްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ މި ދަތުރުތައް ކޮށްފައިވަނީ ޕެޓްރޯލު ދިނުމަށްފަހު، ބާކީ ބައި ބިލުކުރުމުން ފައިސާ ދޫކުރާގޮތަށްކަމަށެވެ. ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަމަށް އިންކާރުކުރެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވަނީ މި ދަތުރުތަކަކީ، ދަތުރުގެ އަގަށްވާ ފައިސާގެ ބަދަލުގައި ޕެޓްރޯލު ދީގެން ކުރަން ހަމަޖެހުނު ދަތުރުތަކެއް ކަމަށެވެ.
އެހެންކަމުން، ދެފަރާތު ދެމެދު ވާހަކަދައްކައިގެން އެއްބަސްވީ ހަމައެކަނި ޕެޓްރޯލު ދީގެން ލޯންޗުގެ ދަތުރުތައް ކުރަންކަމެއް ނުވަތަ ޕެޓްރޯލުގެ އިތުރުން ފައިސާދީގެން ދަތުރުތައް ކުރަންކަމެއް އެނގޭކަށްނެތެވެ. މައްސަލައިގެ ދެފަރާތުންވެސް އެފަރާތަކުން ބުނާ ބުނުން ސާބިތުކޮށްދިނުމަށްޓަކައި ސިވިލް ކޯޓުގެ ޝަރީޢަތަށް ހެކި ހުށަހެޅިއެވެ.
ދަޢުވާ ސާބިތުކުރުމަށް ފެކްޓް މޯލްޑިވްސްއިން ހުށަހެޅި ހެކި
މި ދަޢުވާ ސާބިތުކުރުމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހެޅީ ޝަފަވީ ހެކިންގެ ގޮތުގައި ހާރޫން ރަޝީދާއި މުޙައްމަދު ނިޔާޒް ޢަލީއެވެ. މި ދެ ހެކިންގެ ހެކިބަހުން ފެކްޓް މޯލްޑިވްސްއިން ސާބިތުކޮށްދޭން ބޭނުންވީ އެކުންފުންޏާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ވާހަކަ ދައްކައިގެން އެއްބަސްވިގޮތެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅީ ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާފައިވާ ބިލުތަކާއި، ފެކްޓް މޯލްޑިވްސްއިން ޚިދުމަތަށް ބިލުކޮށްފައިވަނީ ދެފަރާތު ދެމެދު އެއްބަސްވި ގޮތަށް ނޫންކަމަށްބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެކްޓް މޯލްޑިވްސްއަށް 11 އެޕްރީލް 2012 ގައި ފޮނުވާފައިވާ ނަންބަރު 171-G6/INDIV/2012/23 ސިޓީއާއި، އޯގަސްޓް 2011 ގައި ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޮށްދީފައިފާ ދަތުރުތަކަކަށް ފައިސާ ދެއްކުމަށް އަންގައި 25 ސެޕްޓެމްބަރު 2011 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގއ. އެޓޯލް ކޮމާންޑަރ، ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވާފައިވާ ނަންބަރު D11 (P2)-IM 2011/293 ސިޓީއާއި، ފެކްޓް މޯލްޑިވްސްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޝަރީޢަތަށް ދާނެކަމަށް އަންގައި، އަދި އެ ޙާލަތުގައި ކުންފުނީގެ ޤާނޫނީ ވަކީލަށާއި ކޯޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޒިންމާނަގަން ޖެހޭނެކަމަށް ބުނެ 10 މާރޗް 2016 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ އެ ކުންފުނީގެ ނަންބަރު FAC/2016/01 ސިޓީއާއި، މީގެ އިތުރުން، ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފައިސާ ހޯދުމަށް އެދި ފޮނުވާފައިވާ ސިޓީތަކާއި އިންވޮއިސްތަކެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިފާޢުގައި ހުށަހެޅި ހެކި
މި ދަތުރުތަކަކީ ހަމައެކަނި ޕެޓްރޯލުދީގެން ކުރަން ހަމަޖެހުނު ދަތުރުތަކެއްކަމަށް ބުނެ އެކަން ސާބިތުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޝަފަވީ ހެކިންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އުޤައިލް އިބްރާހީމްއާއި، ޕޮލިސް ކޯޕްރަލް އިރުޝާދު އާދަމްއާއި، ޕޮލިސް ސްޓާފް ސަރޖަންޓް އަޙްމަދު ވަޙީދުގެ ހެކިބަސް ދަށު ކޯޓުގައި ނެގުނެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ގއ. ވިލިގިނލީ ޕޮލިސް ސްޓޭޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް ޕްލޭނިންގ ޑިޕާޓްމަންޓަށް ފެކްޓް މޯލްޑިވްސްގެ "ލިލީ" ލޯންޗުގައި ޕެޓްރޯލް ދީގެން ދަތުރުކުރުމުގެ ހުއްދައަށް އެދި ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީއާއި، ޒަލްދާން އޮއިލް ސަޕްލައިސްއަށް ޕެޓްރޯލްއަށްވާ ފައިސާ ދެއްކި ރަސީދުތަކުގެ ކޮޕީ ހުށަހަޅާފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށްކަމަށް ބުނާ ބުނުން
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުތަކުން މައްސަލަތައް ބެލުމުގެ ވަކި ނިޒާމެއް ޤާއިމުކުރެވިފައިވެއެވެ. މައްސަލައެއް ޝަރުޢީ ނިޒާމުގެ ތިން މަރުހަލާއިން ބެލެވުމުގެ މާނައަކީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އޮތް ގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުމެއް ނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރެވޭނެ ހާލަތްތަކާއި އެ ޤާނޫނުގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، މައްސަލައެއް ކާމިޔާބުނުކުރެވުމުގެ ސަބަބުން ހަމައެކަނި ފަނޑިޔާރުން މައްސަލަ ބަލަންވާވަރަށް ނުބަލާކަމަށް ތުހުމަތުކުރެވުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އޮތް ހަރުދަނާ ޤާނޫނީ ސަބަބެއްނޫނެވެ.
މި މައްސަލައިގައި ހައިކޯޓުން މައްސަލަ ނިންމުމުގައި ޚިލާފުވެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަށްކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ. އެއީ ފަނޑިޔާރުން މައްސަލަ ނިންމުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާތީއެވެ. އަދި މި މައްސަލައިގައި ފެކްޓް މޯލްޑިވްސްއިން ހުށަހެޅި ހެކިންނަކީ އެ ކުންފުންޏާ ގުޅުންހުރި ހެކިންކަމަށް ހައިކޯޓުން ކަނޑައަޅައި އެ ހެކިބަސް ބަލައިނުގަތުމަށް ނިންމިއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހާޒިރުކުރެވުނު ހެކިންގެ ހެކިބަހަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތްކުރުމަކީ ޚަޞްމުންގެ މެދުގައި ތަފާތުކުރުންކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޚިލާފުކަމެއްކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި އޮންނަނީ ފަނޑިޔާރުން ވަކި ފަރާތަކަށް ޖެހިގެންނުވާނެކަމަށާއި، ވަކި ފަރާތެއްގެ ނުފޫޒަށް ލެނބިގެން ނުވާނެކަމަށާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި، ތަޢައްޞުބުން އެއްކިބާވެ ހުންނަންވާނެކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު (2021) ގަޒިއްޔާގައިވެސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގެ 19 ވަނަ ޕެރެގްރާފްގައިވާ ފަދައިން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެކެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އިޝާރާތްކުރަނީ ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓަންޖެހޭގޮތަށް ކަމުގައިވާއިރު، ފަނޑިޔާރު ހެކި ވަޒަންކުރިގޮތް ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަން ބުނެދެވެންވާނެއެވެ. ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުސޫލެއް ފަނޑިޔާރަށް ތަޠުބީޤުނުކުރެވުން ނުވަތަ ނުބައިކޮށް ތަޠުބީޤުކުރެވުމަކީ މުޅިން ތަފާތު ދެކަމެކެވެ. އިސްތިއުނާފުކުރެވޭ މައްސަލަތައް ތިން މަރުހަލާގައި ބެލުމުގެ މާނައަކީ ކޮންމެ މަރުހަލާއަކުން އެއް ކަމެއް ތަކުރާރުކުރުމެއް ނޫނެވެ. ކޮންމެ މަރުހަލާއެއްގައިވެސް ހުށަހެޅިފައި ހުރި ހެކި، އެންމެ ފުރަތަމަ މަރުހަލާގައި ވަޒަންކުރި ގޮތަށް އަލުން ވަޒަންކުރުމެއްނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، އިސްތިއުނާފަށް މައްސަލައެއް ހުށަހެޅޭނީ ދަށު މަރުހަލާއިން ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް މައްސަލައެއް ނިންމާފައި އޮވެއްޖެނަމައެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ހައިކޯޓުން ހެކި ވަޒަންކުރީ ކޮން ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމެއް ފެކްޓް މޯލްޑިވްސްއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ތަފްސީލުކޮށްދެވިފައިނުވެއެވެ. އެހެންނަމަވެސް، ހައިކޯޓުން މި މައްސަލައިގައި ހުށަހަޅާފައިވާ އެކި ހެއްކަށް ބުރަދަން ދިންގޮތް ފެކްޓް މޯލްޑިވްސްއިން ތަފްސީލުކޮށްދީފައިވެއެވެ. ވުމާއެކު، އޭގެން، ކޮންމެ ނުކުތާއަކަށް ވަކިވަކިން ރިޢާޔަތްކުރާނަމެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެކްޓް މޯލްޑިވްސްއަށް ފައިސާ ދޫކުރުމަށް އިންކާރުކުރި ސަބަބު
ފެކްޓް މޯލްޑިވްސްއިން ފައިސާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކި ފަހަރު މަތިން ސިޓީ ފޮނުވުނުކަމަށާއި، އެގޮތުން ފައިސާ ހޯދުމާގުޅޭ މައްސަލައިގެ ޖަވާބުގައި 11 އޭޕްރިލް 2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެކްޓް މޯލްޑިވްސްއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެހާތަނަށް ފައިސާ ދޫކުރުމަށް އިންކާރުކުރާ ސަބަބަކީ އެ ސްޓޭޝަނަށް ހުށަހަޅައިފައިވާ ބިލުތަކުގައިވާ އަގުތަކަކީ، އެ ސްޓޭޝަނާ އެއްބަސްވެގެން ކަނޑައަޅާފައިވާ އަގުތަކަކަށް ނުވާތީއާއި އެ ބިލުތަކުގައިވާ ފައިސާ ހޯދުމަށް ފެކްޓް މޯލްޑިވްސްއިން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކަކީ، އެފަދަ ދަތުރުތައް ކުރުމަށް ދިވެހި ސަރުކާރުގެ މާލިއްޔަތު ގަވާއިދު ހުއްދަކުރާވަރަށް ވުރެ ބޮޑު އަގުތަކެއްކަމަށްވާތީ، ފެކްޓް މޯލްޑިވްސްއިން ހުށަހެޅި ބިލުތައް އަނބުރާ ފޮނުވިކަމަށް ބަޔާންކޮށްފައިވެއެވެ.
ފެކްޓް މޯލްޑިވްސްއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނަނީ މި ލިޔުމަށް ބެލުމުންވެސް ދަތުރުތަކަށް ދައްކަންޖެހޭ ޕެޓްރޯލުގެ އިތުރުން، ފެކްޓް މޯލްޑިވްސްއިން ދިން ޚިދުމަތަށް އިތުރު ފައިސާ ދައްކަންޖެހޭކަމަށް ވަރަށް ރަނގަޅަށް އެނގިގެންދާކަމަށެވެ.
މުޅި މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވަނީ ދެފަރާތުން އެއްބަސްވި ގޮތާ މެދުގައެވެ. އެއް ކޮޅުން ފެކްޓް މޯލްޑިވްސްއިން ބުނަނީ، ދެފަރާތު ދެމެދު ވާހަކަ ދައްކައިގެން އެއްބަސްވީ ޕެޓްރޯލަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ދެއްކުމަށްފަހު، އިތުރަށް ފެކްޓް މޯލްޑިވްސްއިން ބިލުކުރާ އަދަދަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ދައްކާގޮތަށްކަމަށެވެ. އަނެއްކޮޅުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނަނީ އެހާތަނަށް އެގޮތަށް ކުރާ ލޯންޗު ދަތުރުތަކަށް ފައިސާ ދެނީ ހަމައެކަނި ޕެޓްރޯލަށްކަމަށެވެ.
ހައިކޯޓުން ރިޢާޔަތްނުކުރާކަމަށް ބުނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 11 އޭޕްރިލް 2012 ގެ ސިޓީގައިވެސް ބުނަނީ ފެކްޓް މޯލްޑިވްސްއިން ބިލުކޮށްފައިވާ އަގުތަކަކީ ދެފަރާތުން އެއްބަސްވެގެން ކަނޑައަޅާފައިވާ އަގުތަކެއް ނޫންކަމަށެވެ. ހައިކޯޓުންވެސް މައްސަލަ ނިންމީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޕެޓްރޯލަށް ދިން ފައިސާގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފެކްޓް މޯލްޑިވްސްއަށް ފައިސާ ދައްކަންޖެހޭކަން ސާބިތުނުވާކަމަށެވެ.
ވުމާއެކު، މި ނުކުތާގެ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ފެކްޓް މޯލްޑިވްސްއަށް ބުނެދެވިފައިނުވެއެވެ. މި ގަޒިއްޔާގައި ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައި އޮންނަގޮތުން، މައްސަލައެއް އެއް ކޯޓަކުން ނިމިގެންދާ ގޮތުން، ހަމައެކަނި އެމައްސަލަ އެކޯޓުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ތަންނުދެއެވެ. މައްސަލައެއް އިސްތިއުނާފު ކުރެވޭނީ އެ މައްސަލައެއް ދަށު މަރުހަލާއިން ނިންމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ބުނާ ހަރުދަނާ ޤާނޫނީ ބިނާއެއް އޮވެގެންނެވެ.
މީގެ އިތުރުން 10 މާރޗް 2016 ގައި ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވި ސިޓީއެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ނުދައްކައިފިނަމަ، ޝަރީޢަތަށް މައްސަލަ ހުށަހަޅާނެކަމަށާއި، އަދި ޤާނޫނީ ވަކީލަށާއި ކޯޓަށް ޚަރަދުކުރަންޖެހޭ ފައިސާއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޒިންމާވާންޖެހޭނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފެކްޓް މޯލްޑިވްސްއިން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގައި، މިއަދާ ހަމައަށްވެސް މި ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަތުރުތަކަށް އިތުރު ފައިސާއެއް ދޭންނުޖެހޭނަމަ، މި ސިޓީއަށް ޖަވާބެއް ދީފައިވާނެކަމަށް ފެކްޓް މޯލްޑިވްސްގެ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގައި މިވަގުތު ޢަމަލުކުރަމުން އަންނަ ޤާނޫނުތައް ދަންނަ ބާވަތުގެ ޤާނޫނީ އޮށްޓަރުހުރި އިސްތިއުނާފީ ނުކުތާއެއް ނޫނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސިޓީއަކަށް ޖަވާބެއް ނުދިނުމަކީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއް ސާބިތުކޮށްދޭ ދަލީލެއްނޫނެވެ.
އެއްވެސް އިރެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕެޓްރޯލަށް ފައިސާ ދެއްކުމަށްފަހު އިތުރަށް ފެކްޓް މޯލްޑިވްސްގެ ބިލުތަކަށް ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން
ދެބަސްވުން އުފެދޭ މުޢާމަލާތްތަކުގެ ކުރިންވެސް 2011 ވަނަ އަހަރުގެ އޮގަސްޓް މަހު ޕެޓްރޯލު ދިނުމަށްފަހު ކޮށްފައި ހުރި ދަތުރުތަކަކަށް އޭގެ ފަހުން ބިލު ހުށައަޅައިގެން އެ ބިލުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ދައްކާފައިވާކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ދަށު ކޯޓުގައިވެސް ބުނެފައިވެއެވެ. އަދި މިކަން ސާބިތުކޮށްދޭ ލިޔުމަކީ ޑޮކިއުމެންޓް 2 ގެ ގޮތުގައި ހުށަހެޅުނު 25 ސެޕްޓެމްބަރު 2011 ގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގއ. އެޓޯލް ކޮމާންޑަރ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވާފައިވާ ސިޓީކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، ދެބަސްވުން އުފެދުނު މުޢާމަލާތުގެ ކުރިންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕެޓްރޯލްއަށް ފައިސާ ދެއްކުމަށްފަހުވެސް ފެކްޓް މޯލްޑިވްސްއިން ދިން ޚިދުމަތަށް އިތުރަށް ފައިސާ ދައްކާފައިވާކަން އެނގޭކަމަށާއި އަދި މިކަމަށް ހައިކޯޓުން ރިޢާޔަތް ނުކުރާކަމަށް ފެކްޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ހަވާލާދެވުނު 25 ސެޕްޓެމްބަރު 2011 ގެ ސިޓީގައި ބަޔާންކޮށްފައިވަނީ 8 އޯގަސްޓް 2011 އިން 22 އޯގަސްޓް 2011 އަށް ގއ. ޕޮލިސް ސްޓޭޝަންގައި ދުއްވާ ޕޮލިސް 23 ނަންބަރު ލޯންޗުގެ އިންޖީނު ހަލާކުވެފައި އޮތުމުން، މައްސަލަތަކާ ގުޅިގެން ކޮންމެހެން ދާންޖެހޭ ދަތުރުތައް ދިއުމަށްޓަކައި ފެކްޓް މޯލްޑިވްސްއިން ކޮށްދީފައިވާ ދަތުރުތަކަށް ޚަރަދުވެފައިވާ ފައިސާ ދައްކައިދިނުމަށް އެދިއެވެ. އެ ސިޓީއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ފޮނުވި ސިޓީއެއްކަމަކު، އެ ސިޓީވަނީ ފެކްޓް މޯލްޑިވްސްއަށް ކޮޕީކޮށްފައެވެ. އަދި އެ ސިޓީގައި ހަވާލާދޭ ދަތުރުތަކަށް 63,505/-ރ. (ފަސްދޮޅަސް ތިންހާސް ފަސް ސަތޭކަ ފަސް ރުފިޔާ) ފެކްޓް މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދިފައިވެއެވެ.
25 ސެޕްޓެމްބަރު 2011 ގެ ސިޓީގައިވާ ފައިސާ ފެކްޓް މޯލްޑިވްސްއަށް ލިބިފައިވާކަމަށާއި، އަދި އެ ފައިސާ ދޫކުރިކަމާ މެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންވެސް އިންކާރު ނުކުރާކަމަށް ފެކްޓް މޯލްޑިވްސްއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ އެ ދަތުރުތައް ކޮށްފައިވަނީ އެއްވެސް ވަރަކަށް ޕެޓްރޯލު ދީގެންކަމެއް ނުވަތަ ނުދީކަމެއް ނުވަތަ އެއްބައި ޕެޓްރޯލު ދިނުމަށްފަހުކަމެއް އެ ސިޓީން އެނގެން ނެތްކަމަށެވެ.
ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 25 ސެޕްޓެމްބަރު 2011 ގެ ސިޓީއަކީ ދެފަރާތު ދެމެދު ލޯންޗު ދަތުރުތައްކުރުމަށް އެއްބަސްވިގޮތް އަންގައިދޭ ލިޔުމެއް ނޫނެވެ. އެ ލިޔުމުން އެ ތާރީޚުގައި ހިމެނޭ ދަތުރުތަކަށްވާ ޕެޓްރޯލަށްވާ ފައިސާ ވަކިން ދެއްކިކަމެއް ނުވަތަ ނޫންކަންވެސް އެނގޭކަށްނެތެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަށް ބަލާއިރު، ޕޮލިސް ސްޓާފް ސަރޖަންޓް އަޙްމަދު ވަޙީދު ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓުން އަދި މިހާތަނަށް ޕެޓްރޯލު ދިނުމަށްފަހު އެހެނިހެން ކަންކަމަށް ބިލުކުރާ ގޮތަށް ޕޮލިސް ސަރވިސްގެ އެއްވެސް ސްޓޭޝަނެއްގައި ނުވަތަ ރަށެއްގައި ހުއްދަދެވިފައިނުވާނެކަމަށާއި، ފެކްޓް މޯލްޑިވްސްއަށް އެގޮތަށް ފައިސާ ދޫކުރެވިފައިވާނަމަ އެއީ އޮޅިގެން ދެއްކިފައިވާ ފައިސާއެއްތޯ ނުވަތަ ނޫންތޯ ޖެހޭނީ އިތުރަށް ބަލަންކަމަށް ބުނެފައިވެއެވެ. އަޙްމަދު ވަޙީދުއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކެވެ. އަދި ޢާންމުކޮށް ދަތުރުކުރާ އުސޫލަކީ ދަތުރަށް ޕެޓްރޯލް ދީގެންކަމަށް މި މައްސަލައިގައި ހެކިބަސްދިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އުޤައިލް އިބްރާހީމްއާއި، ޕޮލިސް ކޯޕްރަލް އިރުޝާދު އާދަމްވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ހައިކޯޓުގެ އިސްތިއުނާފުކުރެވޭ ނަންބަރު 2017/HC-A/280 ގަޒިއްޔާގެ 13 ވަނަ ޞަފްޙާގައި، ޕެޓްރޯލު ދިނުމަށްފަހު ބާކީ ބިލުކޮށް އެބިލުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ދެމުން އައިސްފައިވާކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހެކިން ހެކިބަސްދިން ނަމަވެސް، އެފަދައިން ފައިސާ ލިބިފައިވާ އެއްވެސް ބިލެއް ނުވަތަ ލިޔެކިޔުމެއް ޝަރީޢަތަށް ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. ފެކްޓް މޯލްޑިވްސްއިން ސުޕްރީމް ކޯޓުގައި ހަވާލާދޭ 25 ސެޕްޓެމްބަރު 2011 ގެ ސިޓީންވެސް އެގޮތަށް ފެކްޓް މޯލްޑިވްސްއަށް ފައިސާ ދޫކުރެވުނުކަމެއް އެނގޭކަށްނެތެވެ. ފައިސާ ލިބުނުކަމަށް އެ ކުންފުނިން ބުނާއިރު، އެކަން ސާބިތުކޮށްދޭނެ އިތުރު ލިޔުމެއްވެސް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ.
މީގެ އިތުރުން، ހަމައެކަނި ޕެޓްރޯލް ދީގެން ދަތުރުކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ފޮނުވާފައިވާ ސިޓީތައް ހެއްކެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުނެ ބުނެއެވެ. ސަބަބަކީ މި ސިޓީތަކަކީ ދަތުރުތައްކޮށް ނިންމުމަށްފަހު ފޮނުވާފައިވާ ސިޓީތަކެއްކަމުގައިވާތީކަމަށާއި، ޕެޓްރޯލުދީގެން ދަތުރުކުރުމުގެ ހުއްދައަކަށް އެދޭކަމުގައިވާނަމަ، އެ ދަތުރުތައް ކުރުމުގެ ކުރިން އެފަދަ ހުއްދައެއް އޮންނަންޖެހޭނެ ކަމުގައިވާތީކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.
ދަތުރުތައް ކުރުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްދައަށް ނޭދެވުނު ސަބަބު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައުލަތުގެ ފަރާތުން ސާފުކޮށްދީފައިވާކަން ފާހަގަކުރަމެވެ. އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތް ހުންނަ ގޮތުން، ކުއްލިއަކަށް ދަތުރެއް ކުރަންޖެހިދާނެކަމަށާއި އަދި އެގޮތަށް ދަތުރުކޮށްފައިވާނީ ޑިވިޝަން ކޮމާންޑަރުގެ ހުއްދައާއެކުކަމަށް ބުނެފައިވެއެވެ.
އަނެއްކާވެސް މިއީ އިސްތިއުނާފުގެ ބޭނުމަށްޓަކައި ޤާނޫނީ ބުރަދަނެއްހުރި ވާހަކަތަކެއް ނޫންކަން ފާހަގަކުރަމެވެ. ހައިކޯޓުގެ ނަންބަރު 2017/HC-A/280 ގަޒިއްޔާގައި ޕެޓްރޯލު ދީގެން ދަތުރުކުރުމުގެ ހުއްދައަށް އެދި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވާފައިހުރި ލިޔުންތަކުންނާއި ޒަލްދާން އޮއިލް ސަޕްލައިސްއަށް ފައިސާ ދެއްކި ރަސީދުތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް އިތުރަށް ބާރު ލިއްބައިދެއެވެ. ވުމާއެކު ހައިކޯޓުން ހެކި ވަޒަންކުރިގޮތް ޤާނޫނީ އުސޫލަކާ ޚިލާފުވަނީ ކިހިނެތްކަމެއް ފެކްޓް މޯލްޑިވްސްއަށް ބުނެދެވިފައިނުވެއެވެ.
ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިނުވާ ކަމަށާއި ހެކިބަސް ދީފައިވަނީ އަމިއްލަ މަޞްލަޙަތުގައި ކަމަށް ބުނާ ބުނުން
ހައިކޯޓުން މި މައްސަލައިގައި ހުށަހެޅުނު ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިނުވާކަމަށް ފެކްޓް މޯލްޑިވްސްއިން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި ހެކީގެ ހެކިބަހުން ފެކްޓް މޯލްޑިވްސް އިން ހުށަހެޅި އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭކަމަށް ގއ. ޕޮލިސް ސްޓޭޝަންގެ އިންޗާޖްގެ ގޮތުގައި މަސައްކަތްކުރި ޔޫސުފް ބުޝްރީ ބުނެފައިވާކަމަށް ހެކިބަސް ދީފައިވާއިރު، މިހެކިބަހަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގައި ހެކިބަސްދިން އިރުޝާދު އަޙްމަދުއާއި، އުގައިލް އިބްރާހީމްއަކީ އެދުވަސްވަރު ގއ، ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި ވަޒީފާއަދާކުރި ދެމުވައްޒަފުންނެވެ. އިރުޝާދު އަޙުމަދު ސިވިލް ކޯޓުގައި ދީފައިވާ ހެކިބަހުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފެކްޓް މޯލްޑިވްސްއާ ދެމެދު ދަތުރުކުރުމުގެ ކަންތައްތައް ހަމަޖައްސަމުން އައީ ޔޫސުފް ބުޝްރީކަމަށާއި، އޭރަކު ތެޔޮދީފައި ބިލެއް ހުށަހަޅާކަމެއް އެނގިފައިނުވާކަމަށާއި، ނަމަވެސް ތެޔޮ ދިނުމަށްފަހު، ބިލެއް ހުށަހެޅުމުން، ޔޫސުފް ބުޝްރީއާއި އިރުޝާދު އަޙްމަދު އާދެމެދު ދެބަސްވެފައިވާކަމަށް ބުނެފައިވެއެވެ.
ފެކްޓް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، އިރުޝާދު އަޙްމަދުގެ މި ހެކިބަހުން، ޔޫސުފް ބުޝްރީ އެއްބަސްވީ ޕެޓްރޯލު ދިނުމަށްފަހު، ބިލު ކުރާގޮތަށްކަން އެނގެންއޮންނަކަމަށާއި، ނަމަވެސް ހައިކޯޓުން މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
އިރުޝާދު އަޙްމަދު ދީފައިވާ މި ހެކިބަހުން ދެފަރާތު ދެމެދު އެއްބަސްވީ ޕެޓްރޯލުގެ އިތުރުން ފެކްޓް މޯލްޑިވްސްއިން ބިލުކުރުމުން ފައިސާ ދައްކާގޮތަށްކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހާރޫން ރަޝީދުއާއި މުޙައްމަދު ނިޔާޒު ޢަލީގެ ހެކިބަހަށް ބާރުލިބޭކަމަށް ފެކްޓް މޯލްޑިވްސްއިން ބުނެފައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަހުން ޕެޓްރޯލު ދިނުމަށްފަހު ބިލުކުރުމަކީ އެހާތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކޮށްފައިވާ ގޮތް ނޫންކަން އެނގެންއޮވެއެވެ.
މި މައްސަލައިގައި ޔޫސުފް ބުޝްރީގެ ހެކިބަސް ނަގާފައިނުވާކަން ފާހަގަކުރެވެއެވެ. ބަހުސްގެ ބޭނުމަށްޓަކައި، ޔޫސުފް ބުޝްރީއާއި ފެކްޓް މޯލްޑިވްސްއާ ދެމެދު ވާހަކަ ދައްކައިގެން އެއްބަސްވީ ޕެޓްރޯލަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިސާ ދައްކައި، ފެކްޓް މޯލްޑިވްސްއިން އިތުރަށް ފޮނުވާ ބިލުތަކަށްވެސް ފައިސާ ދައްކާގޮތަށް ކަމުގައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ދައުލަތުގެ މުއައްސަސާއެއް ކަމުގައިވާއިރު، މާލީ މުޢާމަލާތްތަކުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ދައުލަތުގެ އިދާރާތަކުގައި ހަމަޖެހިފައިވެއެވެ. މި މުޢާމަލާތުގައި ހިމެނޭ ދަތުރުތައް ކުރުމަށް އިދާރީގޮތުން މުޢައްސަސާގެ ލިޔެކިޔުންތައް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލު ކުރެވިފައިވަނީވެސް އެގޮތުގެ މަތިންނެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހެޅި ޒަލްދާން އޮއިލް ސަޕްލައިސްގެ ބިލުތަކުން އެކަމަށް ބާރު ލިބޭއިރު، އުޞޫލުތަކުގެ ބޭރުން ވަކި މީހަކު މި މުޢާމަލާތްކުރުމަށް އެއްބަސްވެފައިވާކަމަށް ބުނުމަކީ، އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރަންޖެހޭ ސަބަބެއް ނޫނެވެ.
ފެކްޓް މޯލްޑިވްސްއިން ހުށަހެޅި ހެކިންނަކީ އަމިއްލަ މަޞްލަހަތުގައި ހެކިބަސް ދީފައިވާ ބައެއްކަމަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހެކިބަސް ދީފައިވާ ފަރާތްތަކަކީ، އެތަނުގެ މުވައްޒަފުންކަމުގައި ވީނަމަވެސް، އެފަރާތްތަކަކީ އަމިއްލަ މަޞްލަޙަތުގައި ހެކިބަސް ދީފައިވާ ފަރާތްތަކެއް ނޫންކަމަށް ކަނޑައަޅާފައިވުމުން، މިއީ ހެކިންގެ މެދުގައި ތަފާތުކުރުންކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުން އިތުރަށް ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފެކްޓް މޯލްޑިވްސްއިން ހުށަހެޅި ހެކިންނަކީ އެފަރާތްތަކުގެ އަމިއްލަ މަޞްލަޙަތުގައި ހެކިބަސް ދީފައިވާ ބައެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހެކިބަސް ދީފައިވާ ފަރާތެއްގެ އަމިއްލަ މަޞްލަޙަތެއް އެކަމުގައި ހިމެނިފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފެކްޓް މޯލްޑިވްސްއިން ހުށަހެޅި މުޙައްމަދު ނިޔާޒު ޢަލީއަކީ ފެކްޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ކަމަށާއި، ހާރޫން ރަޝީދަކީ ފެކްޓް މޯލްޑިވްސްއާ ގުޅުންހުރި ފަރާތެއްކަން އެފަރާތުން ޝަރީޢަތަށް ދީފައިވާ ހެކިބަހުން އެނގެން އޮންނަކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
ދައުލަތާއި އަމިއްލަ ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި، އަމިއްލަ ފަރާތުން ހެކިބަސްދޭނަމަ، އެފަރާތުން ހެކިބަސްދޭނީ އެފަރާތުގެ މަޞްލަޙަތުގައެވެ. މި މައްސަލައިގައި ފެކްޓް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހެކިބަސް ދީފައިވަނީ އޭނާ އެ ހައިސިއްޔަތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ވެވުނު އެއްބަސްވުމެއް ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމުގެ ގޮތުންނެވެ. މިގޮތަށް ދައުލަތުން އަމިއްލަ ފަރާތަކާއެކު ކުރެވޭ މުޢާމަލާތަކާ ގުޅިގެން އަމިއްލަ ފަރާތެއްގެ ހެކިބަސް ބަލައިގަތުމުގައި ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ހައިކޯޓުން ފެކްޓް މޯލްޑިވްސްގެ ފަރާތުން ދަށު ކޯޓަށް ހާޒިރުވި ހެކިންނަކީ އެ ފަރާތްތަކުގެ އަމިއްލަ މަސްލަހަތުގައި ހެކި ދިން މީހުންކަމުގައި ބަޔާންކުރިނަމަވެސް، މި މައްސަލައިގައި ފެކްޓް މޯލްޑިވްސްގެ ފަރާތުން ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހާ ގުޅުވާލެވޭނެ އެއްވެސް އިތުރު ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާކަމަށް ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ފެކްޓް މޯލްޑިވްސްގެ ފަރާތުން ހެކިބަސްދިން މުޙައްމަދު ނިޔާޒު ޢަލީ އާއި ހާރޫން ރަޝީދުގެ ހެކިބަސް ދީފައިވަނީ އެފަރާތްތަކުގެ އަމިއްލަ މަސްލަހަތުގައިކަމަށް ބުނި ނަމަވެސް، އެ ފަރާތްތަކުގެ ހެކިބަހަށް ރިޢާޔަތްކުރުމާއެކުވެސް އެ ހެކިބަހަށް އިތުރަށް ބާރު ލިއްބައިދޭ ހެއްކެއްވިޔަސް ޤަރީނާއެއްވިޔަސް ފެކްޓް މޯލްޑިވްސްއަށް ހުށަހެޅިފައިނުވާކަމަށް ހައިކޯޓުން ބަޔާންކޮށްފައިވަނީ އެ ހެކިބަހަށް ރިޢާޔަތްކުރުމަށްފަހުގައިކަން އެނގެއެވެ. އަދި މިގޮތަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ޚިދުމަތުގެ އަގު
މި މައްސަލައިގައި ޒަލްދާން އޮއިލް ސަޕްލައިސްއަށް ޕެޓްރޯލްގެ އަގަށްވާ ފައިސާ ދައްކަމުން ގެންދިޔައިރު، ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިން ލޯންޗު ދަތުރު ޚިދުމަތްތަކަށް ލިބުނު ފައިސާއަކީ ކޮބައިކަމާމެދު ފެކްޓް މޯލްޑިވްސްއިން ވަނީ ސުވާލު އުފައްދާފައެވެ. މި ނުކުތާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް ދެފަރާތުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.
ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޕެޓްރޯލު އަޅައިދޭއިރު އަޅައިދެނީ އިތުރަށްކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން، 12 ނޮވެންބަރު 2011 ގައި ގއ. ވިލިގިލިން ދާންދޫއަށް ކޮށްފައިވާ ދަތުރަކަށް 300 ލިޓަރު ޕެޓްރޯލު ދީގެން، ދަތުރު ކުރުމަށް ގއ. ވިލިނގިލި އެޓޯލް ކޮމާންޑަރ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް ޕްލޭނިންގ ޑިޕާޓްމަންޓުގެ ކިބައިން ހުއްދައަށް އެދިފައިވާއިރު، ހަމަ މި ދުރުމިނުގެ ދަތުރަކަށް 28 ސެޕްޓެމްބަރު 2011 ގައި 400 ލިޓަރު ޕެޓްރޯލު ދީގެން ދަތުރުކުރުމަށް، ހުއްދައަށް އެދިފައިވާކަން ދަށު ކޯޓަށް ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެންއޮވެއެވެ. އަދި މިދަތުރަށް 400 ލިޓަރު ޕެޓްރޯލު ދޭންޖެހުނީ ލޯންޗުގެ ވެރިފަރާތުން ރޭނގަޑު ކުރާ ދަތުރު އަގުބޮޑުކޮށްފައިވާތީކަމަށް ހުއްދައަށް އެދުނު ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސިވިލް ކޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. އަދި މިދަތުރުތަކަށް މި މަގުން ޕެޓްރޯލު އަޅާފައިވާކަން ޒަލްދާން އޮއިލް ސަޕްލައިސްގެ އެ ތާރީޚުތަކުގައިވާ ފައިސާގެ ރަސީދުތަކަށް ބެލުމުން އެނގެންއޮވެއެވެ. 12 ނޮވެމްބަރު 2011 ގައި ދާންދޫއަށް ކުރި ދަތުރަށް އަޅާފައިވަނީ 5802/-ރ. (ފަސްހާސް އަށްސަތޭކަ ދެރުފިޔާ)ގެ ޕެޓްރޯލުއެވެ. 28 ސެޕްޓެމްބަރު 2011 ގައި ދާންދޫއަށް ކުރި ދަތުރަށް އަޅާފައިވަނީ 7736/-ރ. (ހަތްހާސް ހަތްސަތޭކަ ތިރީސް ހަރުފިޔާ) ގެ ޕެޓްރޯލެވެ.
މީގެ އިތުރުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގއ. ވިލިނގިލިން ގއ. ދާންދޫއަށް ލޯންޗުގައި ދިއުމަށް އަނދާނީ އެވްރެޖްކޮށް ގާތްގަނޑަކަށް 66 ލިޓަރުގެ ޕެޓްރޯލްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. މިކަމަށް ފެކްޓް މޯލްޑިވްސްގެ ފަރާތުންވެސް އިންކާރުކޮށްފައިނުވެއެވެ.
އެއް ދުރުމިނެއްގެ ދަތުރަކަށް ދެފަހަރަކު މަތިން އެކި މިންވަރަށް ޕެޓްރޯލު އަޅާފައިވާއިރު، އަދި މިގޮތަށް ގިނައިން ޕެޓްރޯލު އަޅަން ޖެހުނު ސަބަބަކީ، ރޭގަނޑު ކުރާ ދަތުރަކަށްވާތީ، ދަތުރުގެ އަގު ބޮޑުކޮށްފައިވާތީކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލިޔުންތަކުން އެނގެން އޮތްއިރު، މިކަމާ ގުޅޭގޮތުން ފެކްޓް މޯލްޑިވްސްއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސުވާލުކުރެވުމުން، މިއީ ހަމައެކަނި ޕެޓްރޯލު ދިނުމުން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެއް ނޫން ކަމަށާއި، ވިލިނގިލިން ދާންދޫއަށް ކުރާ ދަތުރެއްގައި ވިލިނގިލިން ގޮސް ދާންދޫގައި މަޑުކުރަންޖެހޭ ވަގުތު ގިނަވާކަމުގައިވާނަމަ ދަތުރުގެ އަގު ބޮޑުވެގެން ދާނެކަމަށް ފެކްޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ރޭގަނޑު ކުރާ ދަތުރަކަށް ވިޔަސް، އެހެން ރަށެއްގައި މަޑުކުރަންޖެހުމުން ޕެޓްރޯލް އިތުރަށް ނާނދާނެކަން ފާހަގަކުރެވެއެވެ. އަދި ދަތުރުތަކުގެ ދުރުމިނަށް ބަލާފައި ދޭންޖެހޭ ޕެޓްރޯލަށްވުރެ އިތުރަށް ޕެޓްރޯލުދީފައިވާކަން ލިޔެކިއުންތަކުން އެނގެން އޮތް ހިނދު، ފެކްޓް މޯލްޑިވްސްއިން ހުށަހަޅާފައިވާ އެއްވެސް ބިލެއްގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދައްކާފައިވަނީ ކިހާ ވަރެއްގެ ޕެޓްރޯލުކަމާއި، ފެކްޓް މޯލްޑިވްސްއިން ދިން ޚިދުމަތުގެ އަގަކީ ކޮބައިކަމާއި، އެ އަގުން ޕެޓްރޯލަށް ދިޔަ ޚަރަދު އުނިކުރިގޮތާއި، އަދި މިނޫންވެސް ކަމާ ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް ބިލެއްގައި ހިމެނިފައިނުވާކަން ފާހަގަކުރެވެއެވެ.
ވުމާއެކު ހައިކޯޓުން މި މައްސަލަ ނިންމުމުގައި، ހުށަހަޅާފައިހުރި ލިޔެކިއުންތަކަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް، ފެކްޓް މޯލްޑިވްސްގެ ފަރާތުން ހޯދުމަށް އެދުނު 651,894/-ރ. (ހަލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) އަކީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ފެކްޓް މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޮށްދިން ލޯންޗު ދަތުރުތަކަށް ދައްކަންޖެހި ނުދައްކާހުރި ފައިސާކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށްކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށްބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/280 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (3)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- [2021] SC 43 (2019/SC-A/58، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 ސެޕްޓެމްބަރު 2019 · ރަޖިސްޓްރީކުރީ 14 އޮކްޓޫބަރު 2019 · ނިމުނީ 16 ޖޫން 2021 (20.1 މަސް)