ސައިޓޭޝަން ކޮޕީ ކުރުމަށް
2018/SC-A/26
އިލެކްޝަންސް ކޮމިޝަން ވ. މުޙައްމަދު ޒާހިރު، 2018/SC-A/26
Elections Commission v. Mohamed Zahir 2018/SC-A/26 (2018/SC-A/26, Supreme Court of the Maldives, 27 September 2020)
އިލެކްޝަންސް ކޮމިޝަން ވ. މުޙައްމަދު ޒާހިރު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކޮމިޝަނުގެ ސިޓީ ބާޠިލުކޮށް، އެއްބަސްވުމުގެ އިލްތިޒާމުތައް އަދާކޮށް މެދުކެނޑުނު ފައިސާ ދެއްކުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމް ދެމެހެއްޓިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފަކަށް ބޭރުގައި ޕީ.އެޗް.ޑީ ކޯހެއް ހެދުމަށް 4 އަހަރާއި 4 މަސް ދުވަހަށް ޕެއިޑް ލީވް ދިނުމަށް ކޮމިޝަނުގެ އޭރު ތިބި 3 މެންބަރުން ބައްދަލުވުމެއްގައި ނިންމައި އޭނާއާއެކު 2014 ގައި އެއްބަސްވުމެއް ވެވުނެވެ. ކޮމިޝަނުގެ މެންބަރުން ބަދަލުވުމަށްފަހު، އެ ނިންމުން އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތަށް ރަސްމީ ޖަލްސާއަކުން ނިންމާފައި ނުވާކަމަށް ބުނެ 2015 ގައި އެއްބަސްވުން ބާޠިލުކޮށް ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް ކޮމިޝަނުން އެންގިއެވެ.
ކޮމިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ރަސްމީ ޖަލްސާއަކުން ނުނިންމާ ނިންމުމަކަށް ޢަމަލުކުރުން ލާޒިމުކުރުމަކީ އެ މާއްދާގެ މަޤްޞަދާ ޚިލާފު ކަމެއްކަމަށާއި، އެއީ ގަވާއިދާ ޚިލާފަށް ކަންކަން ނިންމުމަށް ދޮރު ހުޅުވާލުން ކަމަށެވެ. މުވައްޒަފުން ބުނީ އޭނާގެ ފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ހެޔޮ ނިޔަތުގައި އެއްބަސްވުމަށް ބަރޯސާވި ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދެއްގައިވާ އެތެރޭގެ އިޖުރާއަތު ދައުލަތުގެ މުއައްސަސާއަކުން ފުރިހަމަ ނުކުރުމުގެ ސަބަބުން، ހެޔޮ ނިޔަތުގައި ބަރޯސާވި މަޢުޞޫމް ތިންވަނަ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމުގެ ޞައްޙަކަން ގެއްލިދާނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ ގަވާއިދުގެ 46 ވަނަ އަދި 47 ވަނަ މާއްދާގެ މަޤްޞަދަކީ މެންބަރުންނަށް ތައްޔާރުވުމުގެ ފުރުޞަތު ދީ ކުއްލި ނިންމުންތައް ހުއްޓުވުން ކަމަށާއި، މި ނިންމުން ނިންމީ އޭރު ތިބި ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކު އެހެން ޝަކުލިއްޔާތުތައް ފުރިހަމަކޮށްގެން ކަމަށެވެ. ތިންވަނަ ފަރާތަށް އިޖުރާއީ ކޮށާހުރުމެއް ފައުޅުކަން ބޮޑުކޮށް އެނގޭނެކަމަށް ބެލެވޭނަމަ ނުބައި ނިޔަތެއް ބެލެވިދާނެ ނަމަވެސް، މި މައްސަލައިގައި އެފަދަ ކަމެއް ނެތުމުން، ޔައުމިއްޔާ ނެތުން ފަދަ އެތެރޭގެ ކުޑަ އިޖުރާއަތެއް ފުރިހަމަނުވުމަކީ މަޢުޞޫމް ތިންވަނަ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮމިޝަނުގެ ގަވާއިދު މިގޮތަށް ފަރުމާކުރެވިފައި އޮތުމުގެ މަޤުޞަދަކީ ކޮމިޝަނުގެ 5 މެންބަރުން ތިބޭއިރު، ކޮމިޝަނުގެ މުހިންމު އަދި ބޮޑެތި ނިންމުންތައް ނިންމުމުގެ ކުރިން، އެކަމާބެހޭ މަޢުލޫމާތު ދުރާލާ ހުރިހާ މެންބަރުންނާ ޙިއްޞާކުރުމާއެކު، އެ މެންބަރުންނަށް އެކަންކަމާބެހޭ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ތައްޔާރުވުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ދިނުމަށްކަމަށް ޤަބޫލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [32])
- އިޖުރާއީ ގޮތުން ކުރަންހުރިކަންކަން، ނުވަތަ ގަވާއިދުގެ ބޭރުން އެކަމެއް ހިނގާފައިވާކަން ފައުޅުކަން ބޮޑު ގޮތެއްގައި އެއްބަސްވުމުގެ ބައިވެރިއަކަށް އެނގޭނެކަމަށް ބެލެވެން އޮތްނަމަ، އެކަން އެނގޭ ފަރާތެއްގެ ނުބައި ނިޔަތެއް އޮތްކަމަށް ބެލެވިދާނެއެވެ. މީގެ އިތުރުން، ގަވާއިދަކާ ޚިލާފުވާ މިންވަރަށްވެސް ރިޢާޔަތް ކުރެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [39])
- ޙާލަތުގައި ހުންނަ އާދައިގެ މީހަކަށްވެސް ފެންނަ ފެނުމުން ހުރިހާ ޝަކުލިއްޔާތެއް ފުރިހަމަކޮށްފައިވާކަމަށް ބެލެވެން އޮތްހިނދު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ކަމާބެހޭ ސެކްޝަނުގެ މުވައްޒަފުން ފުރިހަމަކުރަންޖެހޭ އެތެރޭގެ ކުޑަ އިޖުރާޢާތެއް ފުރިހަމަ ނުކޮށް ދޫކޮށްލެވުމަކީ، އެކޮމިޝަނާ އެކު އެއްބަސްވުމުގައި ސޮއިކުރި ފަރާތަކުން އެކަމުގެ ތަކުލީފު ނުވަތަ އަދަބު އުފުލަންޖެހޭ ސަބަބެއްނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [39])
- ކޮމިޝަނުގެ އެތެރޭގެ ކަންކަން ފުރިހަމަ ނުވެފައި އޮތުމަކީ ކޮމިޝަނާއެކު މުޢާމަލާތްކުރާ މަޢުޞޫމް ތިންވަނަ ފަރާތުން އެކަމުގެ ބުރަ އެފަރާތުގެ ކޮނޑުގައި އަޅުވަންޖެހޭ ޤާނޫނީ ހުއްޖަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [41])
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
އިސްތިއުނާފު ކުރާ ފަރާތް:
އިލެކްޝަންސް ކޮމިޝަން
އިސްތިއުނާފު ރައްދުވާ ފަރާތް:
[1]މުޙައްމަދު ޒާހިރު، ގ. މާލެހިޔާ 1 18-03 (ދ.ރ އަންގައިދޭ ކާޑު ނަންބަރު
މައްސަލައިގެ ބާވަތް:
އެއްބަސްވުމާ ޚިލާފުވުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
08 ފެބްރުއަރީ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:
24 ޖޫން 2018ނިމުނު ތާރީޚު:
27 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
25 އޮގަސްޓް 2016ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
09 ނޮވެމްބަރ 2017
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
[2]ގ. މާލެހިޔާ-1 18-03 މުޙައްމަދު ޒާހިރު އަކީ އިލެކްޝަންސް ކޮމިޝަނުގެ ވޯޓަރ އެޑިއުކޭޝަން ސެކްޝަންގައި އީ އެކްސް 1 ރޭންކުގައި، ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން އައި މުވައްޒަފެކެވެ. މި ވަޒީފާގައި އުޅެމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ތައިލެންޑްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޑެވެލޮޕްމަންޓް އެޑިމިނިސްޓްރޭޝަނުން ހުޅުވައިލި ޕީ.އެޗް.ޑީ ޕްރޮގްރާމަކަށް މުޙައްމަދު ޒާހިރު ކުރިމަތިލިއެވެ. އަދި މި ޕްރޮގްރާމަށް މުޙައްމަދު ޒާހިރު ހޮވުމާއި ގުޅިގެން، މި ކޯސް ފުރިހަމަކުރުމަށް ކޯހުގެ މުއްދަތަށް ހަމަޖެހިފައިވާ އުޞޫލުން ޕެއިޑް ލީވް، ބޮންޑެއްގެ ދަށުން ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުނެވެ. މުޙައްމަދު ޒާހިރުގެ މިއެދުމަށް މުސާރައާ އެއްވަރުގެ ފައިސާގެ އެހީއެއް 4 (ހަތަރެއް) އަހަރާއި 4 (ހަތަރެއް) މަސްދުވަހަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެހީ ދިނުމަށް މުޙައްމަދު ޒާހިރުއާ ދެމެދު އެބަސްވުމެއްވިއެވެ. ނަމަވެސް، މުޙައްމަދު ޒާހިރު ތައިލެންޑުގައި ކިޔަވަމުން ދަނިކޮށް، މި އެއްބަސްވުން 20 އޮކްޓޫބަރ 2015 އިން ފެށިގެން ބާޠިލުވެފައިވާކަމަށާއި، ޕެއިޑް ލީވްގެ ގޮތުގައި މުޙައްމަދު ޒާހިރުއަށް ކޮމިޝަނުން އެހާތަނަށް ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އެދޭކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ޒާހިރުއަށް 29 އޮކްޓޯބަރު 2015 ގައި އެންގިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށާއި، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލުނުވާކަމަށާއި، އެއްބަސްވުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށާއި އަދި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ލިބުން މެދުކެނޑިފައިވާ ދުވަސްތަކަށް ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ދައްކާ ޚަލާޞްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ޒާހިރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 53/Cv-C/2016 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ބާޠިލު ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށާއި، މުޙައްމަދު ޒާހިރުއަށް ބަދަލު ދޭންޖެހޭކަމަށް ކަނޑައަޅައެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާއިން ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
[3]މިއީ ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
[4]ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ މުޙައްމަދު ޒާހިރުއާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު 2014 އޯގަސްޓް 04 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން 20 އޮކްޓޯބަރ 2015 ގައި ބާޠިލުކުރިކަން މުޙައްމަދު ޒާހިރަށް އަންގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ޒާހިރަށް 29 އޮކްޓޯބަރ 2015 ގައި ފޮނުވާފައިވާ ސިޓީ އަކީ ބާޠިލު ސިޓީއެއް ކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[5](ހ) އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާއި ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް މުޙައްމަދު ޒާހިރުގެ ފަރާތުން އެކޮމިޝަނުގައި ސިޓީއަކުން އެދުމުން، އެކޮމިޝަނުގެ 4 އޮގަސްޓް 2014 ގެ "ވަޒީފާއިން ވަކިކުރެއްވި ޗިޓް" އާ މުޙައްމަދު ޒާހިރު ޙަވާލުވެފައިވާކަމަށް ބުނެ ޖަވާބުދީފައިވާއިރު، އެ ޗިޓްގައި ވަޒީފާއިން ވަކިކުރި ސަބަބެއްކަމުގައި ވަނީ ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުމުންކަން އެނގެން އޮންނަކަމަށާއި، އެ ޗިޓަށް ބަލާއިރު، މުޙައްމަދު ޒާހިރު ވަޒީފާއިން ވަކިކޮށްފައި އޮތުމަކީ ދާއިމީ ގޮތެއްގައި ނުވަތަ ނިހާއީ ގޮތެއްގައި ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ބަލާނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއްނެތްކަން؛
[6](ށ) ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 12 ވަނަ މާއްދާއާއި އަދި 13 ވަނަ މާއްދާގައި ބުނާފަދަ ކަމަކުން، އެއްބަސްވުން ބާޠިލުވާފަދަ ކަމެއް މެދުވެރިވެފައިނުވާނަމަ، އެއްބަސްވުމަކަށް އިޙުތިރާމު ކުރުމަކީ އެއްބަސްވުމުގައި ޝާމިލުވާ ހުރިހާ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާކަމެއްކަން؛
[7](ނ) އެއްބަސްވުމެއްވުމަށްފަހު، އެއްވެސް ކަމަކުން އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާގެ ނުރުހުމުގައި އެއްބަސްވުމެއްވީގޮތުގެމަތިން މެނުވީ އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާއަށް ވީއްލި ނުގަނެވޭނެކަމީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ކަށަވަރުކޮށްދީފައިވާ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި އިސްތިޤުރާރުވެފައިވާ މަބްދަޢުއަށް ރިޢާޔަތްކޮށް، މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމަށް މުޙައްމަދު ޒާހިރުގެ ފަރާތުން އަމަލުކުރަމުންދާހާ ހިނދަކު، ދަޢުވާކުރާ ފަރާތުގެ ރުހުމާއި ނުލައި އެ އެއްބަސްވުން ބާޠިލުކުރެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއްނެތްކަން؛
[8]މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކަމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ޒާހިރުއަށް ފޮނުވި ސިޓީއަކީ ބާޠިލު ސިޓީއެއްކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަދާކުރުން ލާޒިމުވާ އެންމެހައި އިލްތިޒާމްތައް އެއްބަސްވުމުގައިވާ ގޮތުގެމަތިން ފުރިހަމައަށް އަދާކުރަމުން ގެންދިއުމަށާއި، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ލިބުން މެދުކެނޑިފައިވާ ދުވަސްތަކަށް ލިބެންޖެހޭ ފައިސާ 2016 އެޕްރީލް 27 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މުޙައްމަދު ޒާހިރުއަށް ދައްކާ ޚަލާޞްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
[9]އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 53/Cv-C/2016 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[10](ހ) މުޙައްމަދު ޒާހިރުގެ އެދުމުގެ މަތިން އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ޒާހިރުއަށް ޕެއިޑް ލީވެއް ދިނުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކުރިކަމާއި، މި އެއްބަސްވުމުގައިވާ ކަންކަމާމެދު ދެފަރާތު ދެމެދު ޚިލާފެއްނެތްކަން؛
[11](ށ) މިދެފަރާތު ދެމެދު ޚިލާފު އުފެދި ދެބަސްވެފައިވާ ކަމަކީ، ޕެއިޑް ލީވް ދިނުމަށް ވެވުނު އެއްބަސްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވަކި މެންބަރެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެކޮމިޝަނުން އެފަދަ ކަންކަމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުން ބޭރުން ވެފައިވާ އެއްބަސްވުމެއްކަމަށް މިހާރު އެކޮމިޝަނުން ދެކޭތީކަން؛
[12](ނ) އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ފަދައިން މިފަދަ އެއްބަސްވުމަކަށް އައުމަށް ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުން ނިންމާފައިނުވާކަމަށާއި، އެހެންކަމުން، މިއީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި ބުނާފަދަ ޣައިރު ޤާނޫނީ އެއްބަސްވުމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، އެކަން އެކޮމިޝަނުން ސާބިތުކޮށްދޭންޖެހޭކަން؛
[13](ރ) މި އެއްބަސްވުމަކީ ވަކި މެންބަރެއްގެ ނުފޫޒު ބޭނުންކޮށްގެން، ވަކި މުވައްޒަފަކަށް ފައިދާވާގޮތަށް ހިންގާފައިވާ ޢަމަލެއްކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވީނަމަވެސް، އެކަމަށް ރިޢާޔަތްނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، މި މައްސަލައާ ގުޅޭގޮތުން ހައިކޯޓުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިޔެ ސާފުކޮށްފައިވާކަން؛
[14](ބ) އެގޮތުން، މުޙައްމަދު ޒާހިރުއާއެކު ކޮމިޝަނުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މުޙައްމަދު ޒާހިރު އަދާކުރަމުން އައި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަން އެނގޭކަމަށާއި، މުޙައްމަދު ޒާހިރު ޕެއިޑް ލީވްއަށް ހުށަހެޅިއިރު އިލެކްޝަންސް ކޮމިޝަނުގައި ޓްރެއިނިންގ ރިކުއަމަންޓް ހަދާފައިނުވިނަމަވެސް، މުޙައްމަދު ޒާހިރު ޕެއިޑް ލީވްއަކަށް އެދި ހުށަހެޅުމުން، ޕީ.އެޗް.ޑީ ހަދާ ދާއިރާއަކީ އިލެކްޝަންސް ކޮމިޝަނަށް ބޭނުންތެރި ދާއިރާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހިއުމަން ރިސޯސް ބައްދަލުވުމެއް ބޭއްވުނުކަމަށާއި، އަދި މުޙައްމަދު ޒާހިރު ހުށަހަޅާފައިވާ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓުގައި ހުރި މަސައްކަތްތަކާއި ގުޅުންހުރި ދާއިރާއެއްކަމަށާއި އަދި މިކޯހަކީ އޭގެ މަޢުލޫމާތާއި ތަޖުރިބާގެ ބޭނުން ކޮމިޝަނަށް ހިފޭނެ ޕްރޮގްރާމެއްކަމަށް ޕެނަލަށް ހާޒިރުވި 3 މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަން؛
[15](ޅ) މުޙައްމަދު ޒާހިރުއަށް ޕެއިޑް ލީވް ދިނުމަށް ނިންމާފައިވަނީ އެކޮމިޝަނުގެ 3 މެންބަރުންގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް ވޯޓަށް އަހައިގެންކަމާއި، މި ނިންމުން ނިންމާފައިވަނީ އެޗް.އާރް ޕެނަލްގެ ނިންމުމަށް ރިޢާޔަތްކޮށްގެންކަން؛
[16](ކ) އެހެންކަމުން، މުޙައްމަދު ޒާހިރުއަށް ޕެއިޑް ލީވް ދިނުމަށް ނިންމި ނިންމުން ކޮމިޝަނުގެ ރަސްމީ ޖަލްސާއެއްގައި އެންޑޯޒްކުރިކަން އެކޮމިޝަނުގެ ލިޔުމަކުން އެނގެން ނެތް ނަމަވެސް، މުޙައްމަދު ޒާހިރުއަށް ޕެއިޑް ލީވް ހަމަޖައްސާފައިވަނީ ނުޙައްޤުން އެފަރާތަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަން އެނގޭނެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް ލިބިފައިނުވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައިކޯޓަށް 24 އޮކްޓޯބަރ 2017 ގައި ފޮނުވި ސިޓީ ގައި ބަޔާންކޮށްފައިވާކަން.
[17]އެހެންކަމުން، މި ސަބަބުތަކަށްޓަކައި ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
[18]ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާއަކީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ހަދާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި، ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުން ފާސްކޮށްގެން ކަމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ޕެއިޑް ލީވް ދިނުމަށް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ 3 މެންބަރެއްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް ވޯޓަށް އަހައިގެންކަން އެނގެން އޮތްއޮތުމަށް ރިޢާޔަތްކޮށް، އެ އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމުކަމަށް ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ މަޤްޞަދާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
[19]އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިޖުރާޢާތު
[20]އިލެކްޝަންސް ކޮމިޝަނުން އެއިރު ޢަމަލުކުރަމުން ދިޔަ އެކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި އެކޮމިޝަނުން ކަންކަން ނިންމުމުގެ އިޖުރާޢާތާއި ޤާނޫނީ އަދަދު ބަޔާންކޮށްފައިވެއެވެ. އެގޮތުން، 47 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުންކަމަށް ބަޔާންކުރެވިފައިވެއެވެ. އަދި އެމާއްދާގެ (ށ) ގައި ކޮމިޝަނުގެ ރަސްމީ ޖަލްސާގެ އަދަދަކީ 3 (ތިނެއް) ކަމަށް ބަޔާންކުރެވިފައިވެއެވެ. އަދި ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް އޮވެއެވެ.
[21]އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) ގައި ކޮމިޝަނުގެ މަޞްލަޙަތު ހިމެނޭ ބޮޑެތި ކަންކަން އެޖެންޑާ އައިޓަމްގައި އޮންނަ "އެހެނިހެން" ގެ ދަށުން ނިންމައިގެން ނުވާނެކަމަށް ބަޔާންކުރެވިފައިވެއެވެ. އަދި އެ އަކުރުގެ (1) ވަނަ ނަންބަރުގައި ބަޖެޓާއި ފައިސާއާ ގުޅޭ ކަންކަން ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.
[22]އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ ޖަލްސާތައް ބެހިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާތައް ބަހާލެވިފައިވަނީ ތިން ބާވަތަކަށެވެ. އެއީ، ޢާންމު ޖަލްސާ، ކުއްލި ޖަލްސާ އަދި އިންތިޚާބާ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާއެވެ.
[23]އެގޮތުން ޢާންމު ޖަލްސާކަމަށް ބަޔާންކޮށްފައިވަނީ ތާވަލުކޮށްގެން ގަވާއިދުން ބާއްވާ ބައްދަލުވުންތަކަށެވެ. އަދި މި ޖަލްސާތަކުގެ އެޖެންޑާ ދުރާލާ އެކުލަވާލައި މެންބަރުންނަށް އަންގަންޖެހެއެވެ. މިއާ ޚިލާފަށް ކުއްލި ޖަލްސާއަކީ މުހިންމު ކަމަކަށް މަޝްވަރާ ކުރުމަށްޓަކައި މެންބަރަކު އެދިގެން ބާއްވާ ޖަލްސާއެވެ. އަދި ކުއްލި ޖަލްސާއެއްގައި އެގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަން އެޖެންޑާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރި ގޮތް
[24]ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބެލިއިރު، 6 ޖުލައި 2014 ގައި މުޙައްމަދު ޒާހިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވެއެވެ. އެސިޓީގައި މުޙައްމަދު ޒާހިރަކީ ވޯޓަރ އެޑިޔުކޭޝަން ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަމަށާއި، 2011 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނަށް ޚިދުމަތް ކުރަމުން އަންނަކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޭގެ އަހަރެއްހާ ދުވަސްކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިކޮށް ތައިލެންޑުން ހުޅުވާލި ސްކޮލަރޝިޕަކަށް ކުރިމަތިލައި، ކޯހުގެ ފީއާ އެކު ސްކޮލަރޝިޕް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
[25]މުޙައްމަދު ޒާހިރު ޚިޔާރުކުރި ދާއިރާއަކީ މުއައްސަސާތައް ހިންގުމާއި ކުރިއެރުވުން ތަރައްޤީ ކުރުމުގެ ދާއިރާކަމަށާއި، އަދި މިއީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ދާއިރާއެއްކަމުން، މުޙައްމަދު ޒާހިރު އެ ކޯސް ފުރިހަމަ ކުރުމަށް ކޯހުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ޕެއިޑް ލީވް ބޮންޑެއްގެ ދަށުން ދިނުމަށް ކޮމިޝަނުގެ ކިބައިން އެދިފައިވެއެވެ. އަދި މިފުރުޞަތު ކޮމިޝަނުން މުޙައްމަދު ޒާހިރަށް ދީފިނަމަ، ކިޔެވުމުގެ މަރުޙަލާގައި އެމުއައްސަސާ (އިލެކްޝަންސް ކޮމިޝަން) އެނަލައިޒްކޮށް، މުއައްސަސާ ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު އެކޮމިޝަނަށް ކޯހުގެ ތީސީސް ލިޔުމަށް ގަސްތުކުރާ ވާހަކަ ބުނެފައިވެއެވެ. އަދި މިފަދަ ފުރުޞަތުތަކަކީ އެޑިޔުކޭޝަން މިނިސްޓްރީ ފަދަ ތަންތަނުންވެސް މުވައްޒަފުންނަށް ދޭ ފުރުޞަތުކަމަށާއި، އެއުޞޫލުން މުޙައްމަދު ޒާހިރަށްވެސް ފުރުޞަތު ލިބޭނެގޮތް ހަދައިދިނުމަށް ކޮމިޝަނުގެ ކިބައިން އެދިފައިވެއެވެ. މިސިޓީއާ އެކު ކޯސް ލިބުނުކަމުގެ ލިޔުމާއި ކޯސް އެކްރެޑިޓްކޮށްފައިވާކަމުގެ ލިޔުން ހުށަހެޅިއެވެ.
[26]4 އޮގަސްޓް 2014 ގައި އިލެކްޝަންސް ކޮމިޝަނާއި މުޙައްމަދު ޒާހިރުއާ ދެމެދު އަމިއްލަ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުގެ ކޯސްތައް ފުރިހަމަކުރާ މީހުންގެ ތެރެއިން ފައިސާގެ އެހީ (ޕެއިޑް ލީވް) ލިބުމަށް އެދޭ މީހުންނާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި "ފައިސާގެ އެހީ (ޕެއިޑް ލީވް) ހަމަޖެއްސި ޗިޓް" ގައި މުޙައްމަދު ޒާހިރުގެ ކޯސް ފެށޭ ތާރީޚަކީ 11 އޮގަސްޓް 2014 ކަމުގައިވާއިރު، ފައިސާގެ އެހީ ދޭން ހަމަޖެހިފައިވާ މުއްދަތަކީ 4 އަހަރާއި 4 މަސް ދުވަހަށްކަން އެނގެން އޮވެއެވެ.
[27]މުޙައްމަދު ޒާހިރު ޕެއިޑް ލީވްއަކަށް އެދުނު ތާރީޚާއި ދެފެރާތު ދެމެދު ޕެއިޑް ލީވްއާ ގުޅިގެން ވެވުނު އެއްބަސްވުމާ ދެމެދު ކަންހިނގާ ދިޔަ ގޮތް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރިއެވެ. އަދި އެކަމާބެހޭ ގޮތުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ހިނގަމުން ދިޔައިރު، އެކޯޓުން މަޢުލޫމާތު ސާފުކުރުމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި މުޙައްމަދު ޒާހިރަކީ އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފެއްކަމަށާއި، މުޙައްމަދު ޒާހިރު ޕެއިޑް ލީވްއަކަށް އެދުމުން، އޭނާ ޕީ.އެޗް.ޑީ ހަދާ ދާއިރާއަކީ އިލެކްޝަންސް ކޮމިޝަނަށް ބޭނުންތެރި ދާއިރާއެއްކަން ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ހިޔުމަން ރިސޯސް ޕެނަލްގެ ބައްދަލުވުމެއް 22 ޖުލައި 2014 ގައި ބޭއްވިކަމަށް ފާހަގަކޮށްފައިވެއެވެ. ބުނެވިދިޔަ މި ބައްދަލުވުމުގައި މަޝްވަރާކޮށް ހުށަހަޅާފައިވާ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓުގައި ހުރި މަސައްކަތްތަކާއި ގުޅުންހުރި ދާއިރާއެއް ކަމަށާއި، އަދި ކޯސްވޯރކް ހެދުމަށް ނިންމާފައިވަނީ ކޮމިޝަނުގެ މަސައްކަތް ހަރުދަނާ ކުރުމާ ގުޅޭގޮތުންކަމަށް ވުމުން، މި ކޯހަކީ ކޯސް ފުރިހަމަކޮށް އެނބުރި އައުމުން އޭގެ މަޢުލޫމާތާއި ތަޖުރިބާގެ ބޭނުން ހިފޭނެ ޕްރޮގްރާމެއްކަމަށް، ޕެނަލުގައި ހާޒިރުވެތިބި 3 މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ އެޗް.އާރު ޕެނަލަށް ހުށަހަޅަން ޖެހުނީ ހިޔުމަން ރިސޯސް ސެކްޝަނުން ޓްރެއިނިންގ ރިކުއަރމަންޓެއް ހަދާފައި ނެތުމުންކަމަށާއި، ކޮމިޝަނުގައި އުޅޭ މުވައްޒަފުންނަށް މިކަހަލަ ފުރުޞަތު އެބައޮތްކަން 23 ޖުލައި 2014 ގައި ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި ކޮމިޝަނުގެ މެންބަރުން ފާހަގަކޮށްފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
[28]މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) ގައި 3 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކޮމިޝަނުގެ ދާއިމީ މުވައްޒަފަކު ކޯހެއްގައި ފޮނުވާއިރު ނުވަތަ އެ މުވައްޒަފަކު އަމިއްލައަށް ހޯދައިގެން ކޯހެއް ހަދަމުންދާއިރު، މުސާރައާއި އެއްވަރުގެ ފައިސާގެ އެހީއެއް ލިބޭގޮތަށް ހަމަޖައްސައިދިނުމަށް އެ މުވައްޒަފަކު ކޮމިޝަނުގައި އެދިއްޖެނަމަ އެ މުވައްޒަފަކަށް އެފަދަ އިނާޔަތެއް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ވަކި ކަންތައްތަކަކަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، މުޙައްމަދު ޒާހިރުގެ ޕެއިޑް ލީވް ހަމަޖެހުނުއިރު، އެކަންކަން ފުރިހަމަވެފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
[29]މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ދިނުމަށް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ 3 މެންބަރުންގެ ބައްދަލުވުމަކުން މަޝްވަރާކޮށް ވޯޓަށް އަހައިގެން، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަން އެނގޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ ރަސްމީ ޖަލްސާއިން ނިންމުންތައް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 3 މެންބަރުގެ ބައްދަލުވުމުގައި ގޮތެއް ކަނޑައަޅާފައިވަނީ މުޙައްމަދު ޒާހިރު ހަދަން ނިންމާފައިވާ ކޯހަކީ އެކޮމިޝަނަށް ރެލެވަންޓު ކޯހެއްކަމަށް ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށްގެންކަމަށާއި، އެ ކޮމިޝަނުން ޢަމަލުކުރަމުންދާ ޢާންމު އުޞޫލަކީ ނުރަސްމީ ޖަލްސާގެ ނިންމުންތައް ރަސްމީ ޖަލްސާގައި އެންޑޯސް ކުރުންކަމަށް އެކޮމިޝަނުން މަޢުލޫމާތު ދީފައިވާއިރު، މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ދިނުމަށް ނިންމި ނިންމުން ރަސްމީ ޖަލްސާއެއްގައި އެންޑޯސްކުރިކަން އެކޮމިޝަނުގެ އެއްވެސް ލިޔެކިއުމަކުން އެނގެން ނެތްނަމަވެސް، އެ ނިންމުން ނިންމައި، މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ހަމަޖައްސާފައިވަނީ، ނުޙައްޤުން އެފަރާތަށް މަންފާއެއް ހޯދައި ދިނުމުގެ ބޭނުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެންކަން އެނގޭނެ އެއްވެސް ހެއްކެއްވެސް އަދި ޤަރީނާއެއްވެސް ތަޙުޤީޤަށް ލިބިފައިނުވާތީ، މި މައްސަލައިގައި ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑއެޅިކަމަށް ބަޔާންކޮށްފައިވެއެވެ.
[30]ގަވާއިދުގައި ބުނާ އިޖުރާޢާތަކާ އެއްގޮތަށް ޢަމަލުނުކުރެވުމުން މުޢާމަލާތުގެ ޞައްޙަކަން ގެއްލިދާނެތޯ
[31]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަކީ، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އިޖުރާޢާތަކާ އެއްގޮތަށް ދައުލަތުގެ މުއައްސަސާއަކުން ޢަމަލުނުކުރުމުގެ ސަބަބުން، އެ މުއައްސަސާއިން މުޢާމަލާތްކުރާ ތިންވަނަ ފަރާތަކާއެކުވާ އެއްބަސްވުމުގެ ޞައްޙަކަން ގެއްލިދާނެތޯއެވެ. މި ޙާލަތުގައި ތިންވަނަ ފަރާތެއްކަމަށް މި ބުނަނީ ޚުޞޫމާތް ޙަޤީޤަތުގައި އުފެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ތަނުގެ އެތެރޭގެ ނުވަތަ އިންޓާރނަލް އިޖުރާޢާތެއް ފުރިހަމަނުކުރުމުން މެދުވެރިވެގެން އުޅޭ މައްސަލައަކަށްވާތީއެވެ. މި މައްސަލައަކީ ދެފަރާތު ދެމެދު ވެފައިވާ ޕެއިޑްލީވް އެއްބަސްވުމުގެ މާއްދާއަކާ މެދު ޚިލާފު އުފެދިގެން އުފަންވެފައިވާ މައްސަލައެއް ނޫނެވެ.
[32]އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނުގެ ނިންމުންތައް ނިންމަންވާނީ ރަސްމީ ޖަލްސާއަކުންކަމަށް ބަޔާންކުރުމަށްފަހު، އެގޮތަށް ބޭއްވޭ ޖަލްސާތަކުގައި، އެޖެންޑާ އައިޓަމް "އެހެނިހެން" ގެ ދަށުން ބަޖެޓާއި ފައިސާއާ ގުޅޭ ކަންކަމާ މެދު ނިންމުންތައް ނިންމައިގެން ނުވާނެކަމަށް އޮވެއެވެ. އަދި ކޮމިޝަނުގެ ޢާންމު ޖަލްސާއެއް ބާއްވާނަމަ، ޖަލްސާ ތާވަލުކޮށްގެން ޖަލްސާގެ އެޖެންޑާ ދުރާލާ މެންބަރުންނަށް ފޮނުވަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި އޮވެއެވެ. އަދި ކޮމިޝަނުގެ ކުއްލި ޖަލްސާއެއްގައި ބަޖެޓާއި ފައިސާއާ ގުޅޭ ކަންކަން ތާވަލުނުކުރެވޭނެކަން، އެގަވާއިދުގެ 46 ވަނަ މާއްދާގެ (ޅ) އިން އެނގެއެވެ. ކޮމިޝަނުގެ ގަވާއިދު މިގޮތަށް ފަރުމާކުރެވިފައި އޮތުމުގެ މަޤުޞަދަކީ ކޮމިޝަނުގެ 5 މެންބަރުން ތިބޭއިރު، ކޮމިޝަނުގެ މުހިންމު އަދި ބޮޑެތި ނިންމުންތައް ނިންމުމުގެ ކުރިން، އެކަމާބެހޭ މަޢުލޫމާތު ދުރާލާ ހުރިހާ މެންބަރުންނާ ޙިއްޞާކުރުމާއެކު، އެ މެންބަރުންނަށް އެކަންކަމާބެހޭ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ތައްޔާރުވުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ދިނުމަށްކަމަށް ޤަބޫލުކުރެވެއެވެ. އެހެންގޮތަކަށް ބުނާނަމަ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ވަކި މެންބަރުންތަކެއް ކުއްލި މައްސަލަ ހުށަހަޅައިގެން އެހެން މެންބަރުންނަށް އެކަންކަމާބެހޭ ގޮތުން ތައްޔާރުވުމަށް އެކަށީގެންވާ ފުރުޞަތެއް ނުދީ، ވަގުތުން ވަގުތަށް ކަންކަން ނިންމުން ހުއްޓުވުމުގެ ބޭނުމުގައި ގަވާއިދުގައި ފަރުމާކުރެވިފައިހުރި މާއްދާތަކެކެވެ.
[33]ހުށަހެޅިފައިމިވާ މައްސަލައިގައި، މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ހަމަޖައްސައިދިނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ބޭއްވި ނުރަސްމީ ޖަލްސާއަކުންނެވެ. އިސްތިއުނާފުކުރާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ އެކޮމިޝަނުގެ 3 (ތިނެއް) މެންބަރުންކަމަށެވެ. މިކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިތުރަށް މަޢުލޫމާތު ސާފުކުރިއިރު، މުޙައްމަދު ޒާހިރުގެ ޕެއިޑް ލީވްއާ ގުޅޭ ގޮތުން ގޮތެއް ނިންމައި، ދެފަރާތު ދެމެދު ޕެއިޑް ލީވް އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އިލެކްޝަންސް ކޮމިޝަނުގައި އެއިރު ތިބީވެސް ޖުމްލަ ތިން މެންބަރުންނެވެ. އެއީ މުޙައްމަދު ފާރޫޤްއާއި، ޢަލީ މުޙައްމަދު މަނިކުއާއި އަދި އިސްމާޢީލް ޙަބީބް ޢަބްދުއްރަޙީމްއާ މި ތިން މެންބަރުންނެވެ. އެ ކޮމިޝަނުގެ ޖުމްލަ ޢަދަދަށް މެންބަރުން ޢައްޔަންކޮށްފައިނުވެއެވެ. އެހެންކަމުން، މުޙައްމަދު ޒާހިރުގެ ޕެއިޑް ލީވްއާ ގުޅޭ ނިންމުން ނިންމާފައިވަނީ އެވަގުތު އެކޮމިޝަނުގެ ތިބި ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުކަން ފާހަގަކުރެވެއެވެ. އަދި މި ނިންމުމާ ގުޅޭ ގޮތުން އެވަގުތު އެކޮމިޝަނުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ކޮމިޝަނުން މިމައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތާ މެދު ޝަކުވާކުރިކަން އިލެކްޝަންސް ކޮމިޝަނުންވެސް ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި ބުނެފައިނުވެއެވެ.
[34]4 އޮގަސްޓް 2014 ގައި މުޙައްމަދު ޒާހިރުއާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ޕެއިޑް ލީވް ދިނުމާ ގުޅޭ ގޮތުން ވެވުނު އެއްބަސްވުމުގައި ފައިސާގެ އެހީ ދޭން ފަށަން ހަމަޖެހިފައި އޮތީ ކޯސްވެސް ފެށޭ ތާރީޚުކަމުގައިވާ 11 އޮގަސްޓް 2014 ގައެވެ. އަދި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ 4 އަހަރާއި 4 މަސްދުވަހުގެ މުއްދަތަކަށް ކަމުން، ޑިސެމްބަރ 2018 ގެ ނިޔަލަށް މުޙައްމަދު ޒާހިރަށް ފައިސާ ދިނުމަށް އެއްބަސްވުމުގައި ހަމަޖެހިފައިވެއެވެ.
[35]އެހެންނަމަވެސް، 29 އޮކްޓޯބަރ 2015 ގައި މުޙައްމަދު ޒާހިރަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި، ދެފަރާތު ދެމެދު ވެވުނު ޕެއިޑް ލީވް ދިނުމާބެހޭ އެއްބަސްވުން 20 އޮކްޓޯބަރ 2015 އިން ފެށިގެން ބާޠިލުކޮށްފައިވާ ކަމަށް އަންގާފައިވެއެވެ. އަދި ބާޠިލުކުރަން ޖެހުނު ސަބަބުކަމަށް އެސިޓީގައި ބުނެފައިވަނީ މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ހަމަޖައްސައިދީފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ރަސްމީ ބައްދަލުވުމަކުން ނިންމައިގެންކަމުގައި ނުވާތީއާއި އަދި މުޙައްމަދު ޒާހިރަކީ މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް މުވައްޒަފަކަށްވާތީކަމަށެވެ.
[36]އެހެންކަމުން، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މުޙައްމަދު ޒާހިރުގެ ކިބައިން އެއެއްބަސްވުމާ ޚިލާފު ޢަމަލެއްކޮށްގެން ނޫންކަން އެނގެއެވެ. މި ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ޙަވާލާދީފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސިޓީގައިވެސް، މުޙައްމަދު ޒާހިރަކީ އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފެއްކަމަށް، އެފަރާތުން ބެލިބެލުމުން އެނގެން އޮންނަކަމަށް ބުނެފައިވެއެވެ. އަދި އެކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޚިލާފު އުފައްދާފައިނުވެއެވެ.
[37]މުޙައްމަދު ޒާހިރަކީ އެއިރު އިލެކްޝަންސް ކޮމިޝަނުގެ ވޯޓަރ އެޑިޔުކޭޝަން ސެކްޝަނުގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފަކު ކަމުގައިވާއިރު، އޭނާއަކީ ކޮމިޝަނުގެ ޖަލްސާތަކާބެހޭ އިދާރީ އިންތިޒާމުތައް ބެލެހެއްޓުމުގެ އިތުރުން، ކޮމިޝަނަށް ބޭނުންތެރި ދާއިރާތައް ކަނޑައެޅި ހިޔުމަން ރިސޯސް ޕެނަލްގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާ ގުޅުންހުރި ފަރާތެއްކަން އެނގޭކަށްނެތެވެ. އަދި ކޮމިޝަނުގެ ޖަލްސާތަކުގެ އިޖުރާޢާތުތަކާ ގުޅޭ މަޢުލޫމާތު ނުވަތަ ޖަލްސާތަކުގެ ޔައުމިއްޔާފަދަ މަޢޫލޫމާތަކީ މުޙައްމަދު ޒާހިރުއަށް އެކްސެސް އޮންނަ ނުވަތަ ޙިއްސާކުރާ މަޢުލޫމާތުތަކެއް ނޫންކަން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މުޙައްމަދު ޒާހިރު ދައްކާފައިވާ ވާހަކަތަކުން ފާހަގަކުރެވެއެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެނީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ މައްޗަށް މުޙައްމަދު ޒާހިރު ބަރޯސާވެފައިވަނީ، ނުބައި ނިޔަތެއް އޮވެ، އިޖުރާޢާތުތައް ހިނގާފައިވަނީ ގޯސްކޮށްކަން އެނގިހުރެއެއް ނޫންކަމެވެ. މުޙައްމަދު ޒާހިރުގެ ކިބައިން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއެކު، އިލެކްޝަންސް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބަލައިގެން ހުރެކަމެވެ.
[38]ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، އިލެކްޝަންސް ކޮމިޝަނުން ވެފައިވާ އެއްބަސްވުން ބާޠިލުކުރިކަމަށް މުޙައްމަދު ޒާހިރަށް އަންގާފައިވަނީ އެކޮމިޝަނުގެ މެންބަރުން ބަދަލުވީ ފަހުންނެވެ. މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ދިނުމަށް ހަމަޖެއްސިއިރު، އެ ނިންމުން ނިންމާފައިވަނީ އެވަގުތު ކޮމިޝަނުގައި ތިބި ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުގައެވެ. އަދި މިކަމަކީ ބަޖެޓާ ގުޅުންހުރި ކަމެއްކަމުގައި ވާއިރު، އިދާރީ ގޮތުން ކޮމިޝަނުގެ ތެރެއިން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަންވެސް އެތެރެއިން ފުރިހަމަކޮށްފައިވާކަން އެނގެއެވެ. ގަވާއިދުގައި ބުނާ އިޖުރާޢާތު ފުރިހަމަވުމަށް މަދުވަނީ މި ނިންމުމަކީ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކުން ޔައުމިއްޔާ ކުރެވި ނިންމާފައިވާ ނިންމުމެއްކަން އެނގެން ނެތުމެވެ.
[39]އިޖުރާއީ ގޮތުން ކުރަންހުރިކަންކަން، ނުވަތަ ގަވާއިދުގެ ބޭރުން އެކަމެއް ހިނގާފައިވާކަން ފައުޅުކަން ބޮޑު ގޮތެއްގައި އެއްބަސްވުމުގެ ބައިވެރިއަކަށް އެނގޭނެކަމަށް ބެލެވެން އޮތްނަމަ، އެކަން އެނގޭ ފަރާތެއްގެ ނުބައި ނިޔަތެއް އޮތްކަމަށް ބެލެވިދާނެއެވެ. މީގެ އިތުރުން، ގަވާއިދަކާ ޚިލާފުވާ މިންވަރަށްވެސް ރިޢާޔަތް ކުރެވެންވާނެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ހަމަޖައްސައިދީފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާ ޚިލާފަށްކަމަށެވެ. އެއީ އެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ރަސްމީ ޖަލްސާއެއް ބޭއްވިކަން އެނގެން ނެތުމުންކަމަށެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނާ ރަސްމީ ޖަލްސާއާއި އަދި އެއާ ގުޅޭ ނޯޓިސް ފޮނުވުމާއި އެޖެންޑާ ފޮނުވުމަކީ ކުއްލި ގޮތަކަށް ކޮމިޝަނުގެ ބައެއް މެންބަރުން ކަންކަން ނިންމުމަށް ހުރަސްއެޅުމުގެ ގޮތުން ހުރި މާއްދާތަކެއް ކަމުގައި ބެލެވެން އޮތްއިރު، މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ދިނުމަށް ނިންމާފައިވަނީ އެއިރު ކޮމިޝަނުގައި ތިބި ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުގައެވެ. އަދި މި ނިންމުމަކީ ކުއްލި ގޮތަކަށް ނިންމާފައިވާ ނިންމުމެއް ނޫންކަންވެސް އެނގެނީ، ޕެއިޑް ލީވްއަކަށް އެދި މުޙައްމަދު ޒާހިރު އެންމެ ފުރަތަމަ 6 ޖުލައި 2014 ގައި އެދުނުއިރު، އެކަމާ ބެހޭ އެތެރޭގެ އިޖުރާޢާތުތަކެއް ފުރިހަމަކުރުމަށްފަހު، ޕެއިޑް ލީވް ހަމަޖައްސައިދިން ތާރީޚަކީ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުކަމުގައިވާ 4 އޮގަސްޓް 2014 ކަމުގައިވާތީއެވެ. މި ދޭތެރޭގައި އިޖުރާޢާތުތައް ފުރިހަމަ ކުރުމަށް 1 މަސް ދުވަސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. ޕެއިޑް ލީވްއެއް ހަމަޖައްސައިދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާއަކުން ފުރިހަމަ ކުރަންޖެހޭ އެހެނިހެން ޝަކުލިއްޔާތުތައް (formalities) އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކޮށްފައިވާއިރު، ކޮމިޝަނުގެ މެންބަރުން ފަހުން ބަދަލުވުމާ ގުޅިގެން ޖަލްސާއެއްގެ ޔައުމިއްޔާއެއް ފެންނަން ނެތުމަކީ މަޢުޞޫމް ތިންވަނަ ފަރާތަކާ އެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް އޮތް ޤާނޫނީ ސަބަބެއްނޫނެވެ. ނުވަތަ އެފަދަ އެއްބަސްވުމެއްގެ ޞައްޙަކަން ގެއްލިގެންދާނެ ކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ. މުޙައްމަދު ޒާހިރުގެ ކިބައިން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމާއެކު، އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ޒާހިރުއާއެކު ކުރި ހުރިހާ މުޢާމަލާތެއްގައި، މުޙައްމަދު ޒާހިރުގެ ޙާލަތުގައި ހުންނަ އާދައިގެ މީހަކަށްވެސް ފެންނަ ފެނުމުން ހުރިހާ ޝަކުލިއްޔާތެއް ފުރިހަމަކޮށްފައިވާކަމަށް ބެލެވެން އޮތްހިނދު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ކަމާބެހޭ ސެކްޝަނުގެ މުވައްޒަފުން ފުރިހަމަކުރަންޖެހޭ އެތެރޭގެ ކުޑަ އިޖުރާޢާތެއް ފުރިހަމަ ނުކޮށް ދޫކޮށްލެވުމަކީ، އެކޮމިޝަނާ އެކު އެއްބަސްވުމުގައި ސޮއިކުރި ފަރާތަކުން އެކަމުގެ ތަކުލީފު ނުވަތަ އަދަބު އުފުލަންޖެހޭ ސަބަބެއްނޫނެވެ.
[40]އަދި ބަހުސްގެ ބޭނުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާއާއި 46 ވަނަ މާއްދާގައި ބުނާ ހުރިހާ އިޖުރާޢާތުތަކެއް ފުރިހަމަކުރުމަށްފަހު، މުޙައްމަދު ޒާހިރަށް ޕެއިޑް ލީވް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރިނަމަ، މިހާރު ކަން ހިނގާފައިވާ ގޮތަށްވުރެ ތަފާތު ކަމަކަށް އޮންނާނީ ރަސްމީ ޖަލްސާއެއްގެ ޔައުމިއްޔާއެއް ފެންނަން އޮތުމެވެ. ކޮމިޝަނުން ޕެއިޑް ލީވް ދިނުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ބަޔާންކޮށްދެވިފައިނުވެއެވެ.
[41]އިލެކްޝަންސް ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކުން ނިންމާ ނިންމުންތަކަކީ ކޮމިޝަނުގެ ރަސްމީ ނިންމުންތަކެއް ކަމުގައި ކަނޑައަޅަންވެއްޖެނަމަ، އެކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންކަން ނިންމުމަށް ދޮރުތައް (floodgates) ހުޅުވިގެންދާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވެއެވެ. މި މައްސަލައިގައި ޔައުމިއްޔާ ބެލެހެއްޓިފައި ނެތުމުގެ އިތުރުން، ފުރިހަމަކުރަންޖެހޭ އެހެން ހުރިހާ ޝަކުލިއްޔާތެއް ފުރިހަމަވެފައިވާކަން އެނގެއެވެ. މި މައްސަލައިގައިވާ ފަދައިން، ކޮމިޝަނުގެ އެތެރޭގެ ކަންކަން ފުރިހަމަ ނުވެފައި އޮތުމަކީ ކޮމިޝަނާއެކު މުޢާމަލާތްކުރާ މަޢުޞޫމް ތިންވަނަ ފަރާތުން އެކަމުގެ ބުރަ އެފަރާތުގެ ކޮނޑުގައި އަޅުވަންޖެހޭ ޤާނޫނީ ހުއްޖަތެއް ނޫނެވެ. ޔައުމިއްޔާއެއް ނެތުން ފަދަ ކުދި ކުދި އިޖުރާޢާތްތަކާ ޚިލާފުވާނަމަ، އެކަންކަމަށް ޙައްލު ހޯދައި، ގަވާއިދު ހަރުދަނާ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނަށް އެބައޮތެވެ. ފްލަޑްގޭޓެއް ހުޅުވިދާނެކަމުގެ ވާހަކަ ދެކެވޭއިރު، މި މައްސަލައިގައި ރަސްމީ ޖަލްސާއެއްގެ ޔައުމިއްޔާ ނެތަތީ، ކުރީ މެންބަރުން ނިންމާ ނިންމުންތަކަށް ބަރޯސާވެ، މަޢުޞޫމް ތިންވަނަ ފަރާތަކުން ދިރިއުޅުމަށް ގެންނަ ބަދަލުތަކާއި، އަދި މާލީ ގޮތުން އެއްބަސްވުމެއްގެ މައްޗަށް ބަރޯސާވެ ހުއްޓާ މެންބަރުން ބަދަލުވާ ކޮންމެ ފަހަރަކު، މިފަދަ ހުރިހާ މުޢާމަލާތެއް ރޫޅާލުމަށް އޮތް ފްލަޑްގޭޓަކީވެސް ހަމަ އޮތް ޙަޤީޤަތެކެވެ.
[42]އެހެންކަމުން، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
[43]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 53/Cv-C/2016 ޤަޟިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/382 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
- އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ)
- އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ)، (ށ) އަދި (ޅ)
- އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ)، 12 ވަނަ މާއްދާ، 13 ވަނަ މާއްދާ، 17 ވަނަ މާއްދާ
- 2014/SC-A/47
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 8 ފެބުރުއަރީ 2018 · ރަޖިސްޓްރީކުރީ 24 ޖޫން 2018 · ނިމުނީ 27 ސެޕްޓެމްބަރު 2020 (27.1 މަސް)