ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/176
ފާޠިމަތު އިބްރާހީމް ވ. މުޙައްމަދު ޒަކީ، 2018/HC-A/176
Fathimath Ibrahim v. Mohamed Zakee 2018/HC-A/176 (2018/HC-A/176, High Court of the Maldives, 18 September 2019)
ފާޠިމަތު އިބްރާހީމް ވ. މުޙައްމަދު ޒަކީ
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން ތަރިކަ 16 ބައިން ބަހައި، ހުވަފަތް އަނބިއަށް 2/16 އާއި ދެ ފިރިހެން ދަރިންކުރެ ކޮންމެ މީހަކަށް 7/16 މިލްކުވާކަމަށް ޙުކުމްކުރިއެވެ.
2010 ގައި ނިޔާވި މީހެއްގެ ތަރިކައިގެ މައްސަލަ ނިންމައިދިނުމަށް އޭނާގެ ދަރިއަކު ފެމިލީ ކޯޓަށް ހުށަހެޅިއެވެ؛ އެ ދަރިފުޅު ވާރިޘަކަށް ކަނޑައެޅީ 1992 ގައި ކޯޓު ނަންބަރު 1 ން ނަސަބު ކަނޑައެޅި ޙުކުމުގެ މައްޗަށެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން 8 ނުކުތާ ހުށަހެޅިއިރު، އެ ހުރިހާ ނުކުތާއެއް ބިނާކޮށްފައިވަނީ 283/JC-1/1992 ގެ ޙުކުމަކީ ހެއްކާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ޚިލާފު ޙުކުމެއްކަމަށެވެ.
މައިގަނޑު ސުވާލު
ތަރިކަ ބެހުމުގެ ޙުކުމެއް އިސްތިއުނާފުކުރާ މައްސަލައެއްގައި، ވާރިޘަކު ވާރިޘަކަށް ކަނޑައެޅުމަށް ބިނާކުރި، ކުރިން ނިމިފައިވާ ނަސަބާބެހޭ ޙުކުމެއްގެ ޞައްޙަކަމާމެދު ސުވާލު އުފެއްދޭތޯއާއި، ތަރިކައިގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
1992 ގެ ޙުކުމް އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާތީ މި އިސްތިއުނާފުގައި އޭގެ ޞައްޙަކަމާމެދު ބަޙުޘް ނުކުރެވޭނެއެވެ؛ ފެމިލީ ކޯޓުގެ ޙުކުމުގައި ކޯޓުތަކުގެ ޤާނޫނުގެ 38 ގައިވާ ކުށެއް އިސްތިއުނާފުކުރި ފަރާތްތަކުން ފާހަގަ ނުކުރެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށް ޤާނޫނުގައިވާ މުއްދަތު ފާއިތުވުމަށްފަހު، ނުވަތަ އިސްތިއުނާފީ މަރުޙަލާގައި އެންމެ މަތީ ކޯޓުން ނިންމުމަށްފަހު، އެ ޙުކުމަށް ނިހާއީ ޙުކުމެއްގެ ސިފަ ލިބި، އެއާމެދު ސުވާލު އުފައްދައި ބަޙުޘްކުރުމުގެ މަގު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަންދުވެގެންދެއެވެ.
- އެއް ޤަޟިއްޔާއެއްގެ އިސްތިއުނާފީ މައްސަލައެއްގެ ދަށުން، އެ ޤަޟިއްޔާގައި ބިނާކުރި، އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާ އެހެން ޤަޟިއްޔާއެއްގެ ޙުކުމުގެ ޞައްޙަކަމަށް އިންކާރުކޮށް ބަޙުޘްކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަކަށް ނުލިބެއެވެ.
- ދަށުކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، އެ ނިންމުމަކީ ޤާނޫނުއަސާސީއާ، ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ބެލެވޭ ސަބަބުތަކެއް ހުރުމުން، ނުވަތަ ޤާނޫނު މާނަކޮށް ތަޠްބީޤުކުރުމުގައި ނުވަތަ ޝަރީޢަތުގެ އިޖުރާއާތުގައި ކުށެއް ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެކަމުގެ މަޞްލަޙަތު އޮތް ފަރާތަކަށެވެ (ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާ).
- އިސްތިއުނާފުކުރެވޭ ޙުކުމަށް ވާޞިލުވުމުގައި ހިނގާފައިވާ އެފަދަ ކުށެއް އިސްތިއުނާފީ ނުކުތާތަކުން ފާހަގަ ނުކޮށް، ހުރިހާ ނުކުތާއެއް އެހެން ޙުކުމަކާ ދެކޮޅަށް ބިނާކޮށްފައިވާނަމަ، އިސްތިއުނާފުކުރެވޭ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާ
- ކޯޓު ނަންބަރު 1 ގެ ނަންބަރު 283/JC-1/1992
- ހައިކޯޓުގެ ނަންބަރު 95-CR/INDIV/2017/73 (ރަޖިސްޓްރާރގެ ނިންމުން)
- ހައިކޯޓުގެ ނަންބަރު HC-RM/2017/22(NR)
- ސުޕްރީމް ކޯޓުގެ ނަންބަރު 197-BA1/95/2018/10 ސިޓީ
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ނެތް