ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/51
2016/HC-A/51، 2016/HC-A/51
2016/HC-A/51 (2016/HC-A/51, High Court of the Maldives, 26 January 2017)
2016/HC-A/51
މައްސަލައިގެ ޚުލާޞާ
އެއްބަސްވުން ދަމަހައްޓައިދެވެން ނެތްކަމަށާއި ފްލެޓް އަނބުރާ ޙަވާލުކުރުމަށް އެންގި އެންގުން ބާޠިލްކަމަށް ކަނޑައަޅައިދެވޭނެ ތަނެއް ނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދަޢުވާކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ "ސީ" ކެޓަގަރީގެ ފްލެޓަށް އިސްތިއުނާފުކުރި ފަރާތާއި އޭނާގެ އަނބިމީހާ ހޮވުނުއިރު، ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމުން އަނބިމީހާއަށް ފުރުސަތު ދިނުމަށް އޭނާ ސިޓީއަކުން އެއްބަސްވެ، އަނބިމީހާއާ ފްލެޓެއް ޙަވާލުކުރެވުނެވެ. ދެން އިސްތިއުނާފުކުރި ފަރާތާއި އެޗްޑީސީއާ ދެމެދު އިތުރު ފްލެޓެއް ވިއްކުމުގެ އެއްބަސްވުމެއް ވެވުނުއިރު، އެއްބަސްވުން ބާޠިލްކުރާކަމަށް އެޗްޑީސީން ނޯޓިސް ފޮނުވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 އާއި 22 (ނ) އަށް ރިޢާޔަތް ނުކޮށް ޙުކުމްކުރި ކަމަށާއި، ޤާނޫނުއަސާސީގެ 23 (ށ) ގެ ދަށުން ލިބިދޭ ހިޔާވަހިކަމުގެ ޙައްޤަށް ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފު އިދާރީ ފިޔަވަޅަކުން އުނިކަން އައިކަމަށެވެ. އެޗްޑީސީން ބުނީ، އޭނާއަކީ ޝަރުޠު ފުރިހަމަނުވާ ފަރާތެއްކަމަށާއި، ޙަޤީޤަތް އޮޅުވާލައިގެން އެއްބަސްވުމުގައި ސޮއިކުރުވި ކަމަށެވެ.
މައިގަނޑު ސުވާލު
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ގަތުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތަކާ ވެފައިވާ ފްލެޓް ވިއްކުމުގެ އެއްބަސްވުން އެޗްޑީސީން ބާޠިލްކުރުމަކީ ޤާނޫނުއަސާސީއާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓްކަން އިޢުލާނުގައި ކަނޑައެޅިގެން ބުނެފައިވާއިރު، އިސްތިއުނާފުކުރި ފަރާތް އެ ޝަރުޠަށް އެއްބަސްވެ ފުރުސަތު ދޫކޮށްލާފައިވާތީ، އޭނާއަކީ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫނެވެ. ހެޔޮ ނިޔަތެއް ނެތި ޙަޤީޤަތް އޮޅުވާލައިގެން ވެވުނު އެއްބަސްވުން ބާޠިލްކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- "މި ޕްރޮގްރާމްގެ އެއްވެސް ކެޓަގަރީއަކުން ދެމަފިރިން ގޯތި ނުވަތަ ފްލެޓަށް ހޮވިފައިވާނަމަ ގޯތި ނުވަތަ ފްލެޓް ލިބޭނީ ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކަށް" ކަމަށް ކަނޑައެޅިގެން ބަޔާންވެގެން އޮންނައިރު، އެޝަރުތުގެ މައްޗަށް އެއްބަސްވެ ފްލެޓް ގަތުމުގެ ފުރުސަތު އަނބިމީހާއަށް ހަމަޖައްސައިދިނުމަށް ލިބިފައިވާ ފުރުސަތު ދޫކޮށްލުމަށްފަހު އަނބިމީހާއާ ފްލެޓް ޙަވާލުކުރެވިފައިވާނަމަ، ފިރިމީހާއަކީ އެ ޕްރޮގްރާމްގެ ދަށުން ފްލެޓްގަތުމުގެ ޝަރުތު ފުރިހަމަ ވެފައިވާ ފަރާތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ފްލެޓްގަތުމުގެ ޝަރުތު ފުރިހަމަ ވެފައިވާ ފަރާތެއް ނޫންކަން އެނގިހުރެ އެއްބަސްވުމުގައި ސޮއިކުރުމުގައި ޢަމަލުކުރި ގޮތުގައި ހެޔޮ ނިޔަތް އޮތް ކަމަށް ބެލެވެން ނެތުމުންނާއި، އަނެއް ފަރާތުން އެއްބަސްވުމުގައި ސޮއިކުރަންޖެހުނީ ޙަޤީޤަތް ހާމަކުރަންޖެހޭކަމެއްގައި އެ ޙަޤީޤަތް އޮޅުވާލުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައިވާތީ، އެއްބަސްވުން ބާޠިލްކުރުމަށް ނޯޓިސް ފޮނުވުމަކީ ޤާނޫނުއަސާސީއާއި ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (އިސްތިއުނާފުކުރި ފަރާތުން 23 ވަނަ މާއްދާގެ (ށ) އާއި 43 ވަނަ މާއްދާ ހުށަހެޅި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) (އިސްތިއުނާފުކުރި ފަރާތުން 16 ވަނަ މާއްދާއާއި 22 ވަނަ މާއްދާގެ (ނ) ހުށަހެޅި)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް