ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/269
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. : ފަރުހާނާ ވަޙީދު، 2014/HC-A/269
Attorney General's Office v. : Faruhaanaa Waheed 2014/HC-A/269 (2014/HC-A/269, High Court of the Maldives, 15 November 2016)
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. : ފަރުހާނާ ވަޙީދު
މައްސަލައިގެ ޚުލާޞާ
ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލިއިރު ނެތް ޝަރުޠުތަކެއް ފަހުން އިތުރުކޮށް އެ ޝަރުޠުތަކުގެ ސަބަބުން ޝަރުޠު ހަމަނުވާކަމަށް ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ދަޢުވާކުރި ފަރާތަށް ކުރިން ލިބިފައިވާ ފްލެޓް ދޫކޮށް ހޮވިފައިވާ ފްލެޓް ލިބިގަތުމަށް ފުރުޞަތު ދިނުމަށް ސިވިލް ކޯޓުން ދައުލަތަށް އެންގިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ "ބީ" ކެޓަގަރީގެ ފައިނަލް ލިސްޓުގައި ނަން ހިމެނި ފްލެޓް ފައިސާ ދެއްކުމަށް އެންގުމަށްފަހު، ކުރިން ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ހުޅުމާލެއިން ފްލެޓެއް ލިބިފައިވާތީ ޝަރުޠު ހަމަނުވާކަމަށް ބުނެ ފްލެޓް ކެންސަލްކުރުމުން، ފްލެޓް ހަވާލުކުރުމަށް ދައުލަތުގެ މައްޗަށް ދަޢުވާ ހުށަހެޅިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ޝަރުޠު ހަމަނުވާކަމަށް ދައުލަތުން ފާހަގަކުރި ނުކުތާއަށް ރިޢާޔަތްނުކޮށް ނިންމާފައިވާކަމަށާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފުކަމަށާއި، ޚަޞްމުންނަށް ވަކާލާތުކުރުމުގެ ފުރުޞަތު ނުދީ ހައިކޯޓާއި ސިވިލް ކޯޓުގެ ޤަޟިއްޔާތައް ތަޠްބީޤުކުރިކަމަށާއި، ދަޢުވާގައި ނުއެދޭ ކަމަކަށް ފަރުވާދީފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ވެށިފަހި މާލެ ޕްރޮގްރާމްގެ "ބީ" ކެޓަގަރީގެ ފައިނަލް ލިސްޓުގައި ނަން ހިމެނުމަށްފަހު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ފްލެޓެއް ލިބިފައިވާތީ ޝަރުޠު ހަމަނުވާކަމަށް ބުނެ ފްލެޓް ކެންސަލްކުރުމަކީ ޕްރޮގްރާމްގެ އުޞޫލުތަކާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން ފްލެޓެއް ލިބިފައި ނެތުމަކީ "ބީ" ކެޓަގަރީގެ ޝަރުޠެއްކަމަށާއި، ފައިނަލް ލިސްޓުގެ އިޢުލާނުގައި ޝަރުޠު ހަމަނުވާކަން ސާބިތުވާނަމަ ހޮވުން ބާޠިލުކުރެވޭނެކަމަށް ބަޔާންކޮށްފައިވާތީ، ކުރިން ފްލެޓެއް ލިބިފައިވާ ފަރާތެއްގެ ފްލެޓް ވަކިކުރުމަކީ ޕްރޮގްރާމްގެ އުޞޫލުތަކާ ޚިލާފު ކަމެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓެއް ނުވަތަ އެފަދަ ހިޔާވައްސެއް ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބިފައިނެތުމަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި "ބީ" ކެޓަގަރީއިން ފްލެޓް ލިބުމުގެ ޝަރުޠެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- "ބީ" ކެޓަގަރީގެ ފައިނަލް ލިސްޓު ޢާއްމުކުރި އިޢުލާނުގައި، މަޢުލޫމާތު ޗެކް ކުރުމަށްފަހު ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޝަރުޠު ހަމަނުވާކަމަށް ސާބިތުވާނަމަ ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލު ކުރެވޭނެކަމަށާއި، ފްލެޓް ޙަވާލުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން ސާފުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ފްލެޓެއް ލިބިފައިވާ ފަރާތެއްގެ ކިބައިގައި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމުގެ ޝަރުޠު ހަމަނުވާތީ، އެފަރާތަށް ލިބުނުކަމަށް އަންގާފައިވާ ފްލެޓް އެފަރާތުގެ ކިބައިން ވަކިކުރުމަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް