ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/423
2016/HC-A/423، 2016/HC-A/423
2016/HC-A/423 (2016/HC-A/423, High Court of the Maldives, 15 February 2018)
2016/HC-A/423
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ދެފަރާތުން އިޚްތިޔާރުގައި އެއްބަސްވާގޮތް ނޫންގޮތަކަށް ޝަރީޢަތުން ވަކި ގޮތަކަށް އެއްބަސްވުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކުރިއެވެ.
ހ. މާރަމްގެ 01 ވަނަ ފަންގިފިލާ 35 އަހަރަށް ކުއްޔަށް ދިނުމަށް ދެފަރާތް އަނގަބަހުން އެއްބަސްވެ، ކުއްޔަށް ހިފި ފަރާތުން ކުލީގެ ގޮތުގައި އެކިފަހަރުމަތިން ފައިސާ ދައްކައި، އިންޓީރިއަރ މަސައްކަތަށް ޚަރަދުކުރިއެވެ. ތަނުގެ ވެރިން ލިޔުމުން އެއްބަސްވުމަކަށް އައުމަށް އިންކާރުކުރުމުން، އެއްބަސްވުމަށް ޢަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ލިޔުމުން އެއްބަސްވުމެއް ވާނެކަމަށް ދެފަރާތުން އިޤްރާރުވާއިރު އެ ދިފާޢަށް ފަރުވާއެއް ނުދޭކަމަށާއި، ހެކިބަހުގެ ބުރަދަން ރަނގަޅަށް ދިރާސާނުކޮށް، ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 228 (4) އާ ޚިލާފަށް ހެކިބަހަކަށް ބުރަދަން ދީފައިވާކަމަށެވެ. ރައްދުވި ފަރާތްތަކުން ބުނީ، ކުލި ދައްކަންޖެހެނީ 1 އަހަރުގެ ތެރޭގައި ކަމަށާއި، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށެވެ.
މައިގަނޑު ސުވާލު
އަނގަބަހުން ވެވުނު ކުލީގެ އެއްބަސްވުމެއް ދެމެހެއްޓެންޖެހޭ އެއްބަސްވުމެއްތޯ؛ އަދި ޝަރުޠުތަކާމެދު ދެފަރާތުގެ މެދުގައި ޚިލާފު އޮތްއިރު، އަނގަބަހުން އެއްބަސްވި ގޮތަށް ލިޔުމުން އެއްބަސްވުމަކަށް އައުމަށް ކޯޓުން އަމުރުކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މުއްދަތު ފާއިތުވުމަށްފަހުވެސް ކުލި ބަލައިގަތުމުން އެއްބަސްވުން ކުރިއަށް ގެންދިއުމަށް ރުހުން އޮތްކަން ޟިމްނީކޮށް އެނގޭތީ އެއްބަސްވުމަކީ ދަމަހައްޓަންޖެހޭ އެއްބަސްވުމެއް ނަމަވެސް، ޝަރުޠުތަކާމެދު ޚިލާފު އޮތްއިރު ކޯޓަކުން ވަކި ގޮތަކަށް އެއްބަސްވުމަށް އެންގޭނެ ތަނެއް ނެތުމުން ދަށުކޯޓުގެ ޙުކުމަށް ބަދަލު ނުގެނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- އަނގަބަހުން ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުން ކުލި ދައްކަންޖެހޭ މުއްދަތު ފާއިތުވެގެން ދިއުމަށްފަހު އަދި އޭގެ ފަހުގެ ތާރީޚުތަކެއްގައިވެސް ކުއްޔަށް ދިން ފަރާތުން ކުލި ބަލައިގެންފައިވުމަކީ، އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެ ފަރާތުގެ ރުހުން އޮތްކަން ޟިމްނީ ގޮތެއްގައި އަންގައިދޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- އަނގަބަހުން ކުލީގެ އެއްބަސްވުމެއް ވެފައިވާކަމަށް ދެފަރާތުންވެސް އިޢުތިރާފުވެ، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ބޮޑުބައެއް ދައްކައި އެފައިސާ ބަލައިގެންފައިވާއިރު، ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކޮށްދެވިފައިނުވާނަމަ، އެއީ ދަމަހައްޓަންޖެހޭ އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 228 ވަނަ މާއްދާގެ (4) ވަނަ ނަންބަރާ ޚިލާފަށް ނެގިކަމަށް ބުނާ ހެކިބަހެއް އެއްފަރާތްކޮށް ބެލިނަމަވެސް، ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅުނު ހެކި ޤަރީނާއިން ދަށުކޯޓުން ކަނޑައެޅި ޙަޤީޤަތް ސާބިތުވާނަމަ، އެ ނިންމުމަށް ބަދަލެއް ނައެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެއްބަސްވުން ވެފައިވާގޮތާމެދު ދެފަރާތު ދެމެދު ޚިލާފުވުންތަކެއް ހުރިއިރު، އަދި އެއްފަރާތުން އެއްބަސްވެފައިވާގޮތްކަމަށް ބުނާ ގޮތާމެދު އަނެއް ފަރާތުން އިންކާރުކުރަމުންދާއިރު، ދެފަރާތުން އިޚްތިޔާރުގައި އެއްބަސްވާގޮތް ނޫންގޮތަކަށް ޝަރީޢަތުގެ ފަރާތުން ވަކިގޮތަކަށް އެއްބަސްވުމަށް އަންގާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 228 ވަނަ މާއްދާގެ (4) ވަނަ ނަންބަރު
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް