ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/26
2016/HC-A/26، 2016/HC-A/26
2016/HC-A/26 (2016/HC-A/26, High Court of the Maldives, 13 March 2017)
2016/HC-A/26
މައްސަލައިގެ ޚުލާޞާ
ކުއްޔަށް ހިފައިގެން ތިބި މުއްދަތަށް ޖެހޭ ކަރަންޓް ބިލާއި ފެން ބިލް ޑިޕޮޒިޓުން އުނިކުރުމަށްފަހު ބާކީ ފައިސާ ކުއްޔަށް ހިފި ފަރާތަށް ދައްކާ ޚަލާޞްކުރުމަށް ސިވިލް ކޯޓުން ޙުކުމްކުރެވުނެވެ.
ބިލްޑިންގެއްގެ ފަންގިފިލާއެއް ބޭންކަކަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ބެހެއްޓި އެޑްވާންސް ސެކިއުރިޓީ ޑިޕޮޒިޓް، އެއްބަސްވުން ނިމި ތަން ހަވާލުކުރުމަށްފަހުވެސް ތަނުގެ ވެރިފަރާތުން އަނބުރާ ނުދިނެވެ.
ތަނުގެ ވެރިފަރާތުން ބުނީ ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމުގެ ޝަރުޠުތައް ފުރިހަމަކުރިތޯ ނުބަލައި، ޢިމާރާތް އިހުހުރި ގޮތަށް ރުޖޫޢުކުރުމާއި ގެއްލުން މަރާމާތުކުރުމުގެ ޚަރަދު އުނިނުކޮށް، ބިލްތައް ދުވަހުގެ ނިސްބަތުން ބަހާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ބޭންކުން ބުނީ ތަން ހަވާލުކުރިއިރު ގެއްލުމެއްގެ ވާހަކަ ނުބުނާ ކަމަށާއި ޢިމާރާތަށް ބަދަލެއް ނުގެނޭ ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ނިމުމުން އެޑްވާންސް ސެކިއުރިޓީ ޑިޕޮޒިޓް ކުއްޔަށް ހިފި ފަރާތަށް އަނބުރާ ދޭންޖެހޭތޯއާއި، ޢިމާރާތަށް ލިބުނު ގެއްލުމާއި ބަދަލުތައް ރުޖޫޢުކުރުމުގެ ޚަރަދު ޑިޕޮޒިޓުން އުނިނުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޑިޕޮޒިޓުން އުނިކުރެވޭ ކަންކަމުގެ ތެރެއިން ކަރަންޓް ބިލާއި ފެން ބިލް ފިޔަވައި ތަނުގެ ވެރިފަރާތުން ބުނާ އެހެން ކަންކަން ސާބިތުނުވާތީއާއި، ތަން ހަވާލުކުރިއިރު ޝަކުވާއެއް ނުކޮށްހުރެ ފަހުން އިޢުތިރާޒުކުރުން ބަލައިނުގަނެވޭތީ ސިވިލް ކޯޓުގެ ޙުކުމް ޤާއިމްކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެޑްވާންސް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާއަކީ ކުއްޔަށް ހިފި ފަރާތުން ތަން ދޫކޮށްފައި ދާއިރު، އެގްރީމަންޓުގައިވާ ކަންކަން ދެފަރާތުން ފުރިހަމަ ކުރުމަށް ފަހު ކުއްޔަށް ހިފި ފަރާތަށް އަނބުރާ ލިބެންޖެހޭނެ ފައިސާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- ތަން ދޫކޮށްލިއިރު ނުދައްކައި އޮތް ފެން ބިލާއި ކަރަންޓް ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ތަން ކުއްޔަށް ހިފައިގެން ތިބި ދުވަސްތަކަށް ދައްކަންޖެހޭ ފައިސާ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާއިން ކަނޑައި ބާކީވާ ފައިސާއަކީ ކުއްޔަށް ދިން ފަރާތުން ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައެޅުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުން، ސެކިއުރިޓީ ޑިޕޮޒިޓް ފައިސާއިން އުނިކުރެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަ ކަންކަމުގެ ތެރެއިން، ކުއްޔަށް ހިފި ފަރާތުން ކުރަންޖެހޭނެ ކަމަށް ބުނާ ކަންކަން މަދަނީ މިންގަނޑުން ބޮޑަށް ބުރަވެވޭ މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާނަމަ، އެކަންކަމަށް ޑިޕޮޒިޓުން އުނިނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ތަން ހަވާލުކުރި ވަގުތު އަދި އޭގެ ފަހުންވެސް ކުއްޔަށް ދީފައިވާ ތަނަށް ލިބިފައިވާ ގެއްލުންތަކާ މަރާމާތު ހުރިކަމަށް ބުނެ އެއްވެސް ޝަކުވާއެއް ނުކޮށްހުރެ، އެޑްވާންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ނުދިނުމަށް ފަހުން އިޢުތިރާޒުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް