ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/242
2016/HC-A/242، 2016/HC-A/242
2016/HC-A/242 (2016/HC-A/242, High Court of the Maldives, 22 March 2018)
2016/HC-A/242
މައްސަލައިގެ ޚުލާޞާ
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ތަރިކަ ½ ގެ ގޮތުގައި ބަހާ، އަޚުގެ ބަޔުގެ އަގު އަންހެން ދަރީގެ ވާރިޘުން ދީ ޚަލާޞްކޮށްފިނަމަ ގޯތި އަންހެން ދަރިއަށް މިލްކުވާނެ ކަމަށް ޙުކުމްކުރިއެވެ.
ނިޔާވި މީހެއްގެ ތަރިކައިގައި ހިމެނުނީ ކުރިން ބައިކޮށް ލިބިފައިވާ ކުދި ބަންޑާރަ ގޯއްޗެއްގައިވާ ގެއެވެ. ވާރިޘުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިއަކާއި އެއްބަނޑު އެއްބަފާ އަޚެކެވެ. ގޯތި ބިމުގެ ޒާތުން ބައިކުރުމަށް ބޭނުންވިއެވެ.
އަޚުގެ ވާރިޘުންގެ ފަރާތުން ބުނީ ޙުކުމަކީ ބިމާބެހޭ ޤާނޫނުގެ ތަރިކަ ބައިކުރުމާ ބެހޭ މާއްދާއާ ޚިލާފު ޙުކުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ތަރިކައިގައި ހިމެނޭ ބަންޑާރަ ގޯއްޗެއް ވާރިޘުންގެ މެދުގައި ބިމުގެ ޒާތުން ބައިކުރާއިރު ކޮންމެ ބައެއް 600 އަކަފޫޓަށްވުރެ ކުޑަވާނަމަ، ވާރިޘަކަށް ބިމުގެ ބަދަލުގައި އޭނާގެ ބަޔުގެ އަގު ދީގެން ގޯތި އަނެއް ވާރިޘަށް ދިނުމަކީ ބިމާބެހޭ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ގޯތި ދެބައިކޮށްފިނަމަ ކޮންމެ ބައެއް 600 އަކަފޫޓަށްވުރެ ކުޑަވާތީ، މައްސަލަ ހުށަހެޅުނު އިރު ޢަމަލުކުރަމުން ދިޔަ ޤާނޫނާއި ޤަވާޢިދުގެ ދަށުން ބިމުގެ ޒާތުން ބައެއް ދެވެން ނެތެވެ. އެހެންކަމުން ބަޔުގެ އަގު ދީގެން ގޯތި އަނެއް ވާރިޘަށް ދިނުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، އެގޯތީގައިވާ ޢިމާރާތާއި ނުއުފުލޭމުދާ ތަރިކައިގެ އުޞޫލުން ބައިކުރެވޭއިރު، ބަންޑާރަ ގޯތީގެ ބިމުން ބައިކޮށްފިނަމަ ކޮންމެ ބައެއް 600 އަކަފޫޓަށްވުރެ ކުޑަވާނަމަ، އެއިން ބަޔެއް ބިމުގެ ޒާތުން ވާރިޘަކަށް ލިބިދިނުމަކީ، މައްސަލަ ޝަރީޢަތަށް ހުށަހެޅުނު އިރު ޢަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދާ ތަޢާރުޟުވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ)، 03 (ނ))
- ބިމުގެ ޒާތުން ބައިކުރެވެން ނެތް ޙާލަތުގައި، ތަރިކައިގައި ހިމެނޭ ގޭގައިވާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ އަގުކަމުގައި ކަނޑައަޅާފައިވާ އަގުން އަނެއް ވާރިޘަށް ލިބޭ ބައި ވާރިޘުންގެ ފަރާތުން ލިބިދީ، ގޯތި ވާރިޘުންކުރެ އެކަކަށް ލިބިދީ ޙުކުމްކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރެވޭ ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) އާއި (ށ) (ޓެކްސްޓްގައިވާ ގޮތަށް)
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙް (ޤާނޫނު ނަންބަރު 3235/35 ޓެކްސްޓްގައިވާ ގޮތަށް)
- ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 25 ވަނަ މާއްދާ
- ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 33 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް