ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-S-A/88
އާމިނަތު ޙުސައިން ވ. ފަރީދާ ޙުސައިން، 2016/HC-S-A/88
Aminath Hussain v. Fareedhaa Hussain 2016/HC-S-A/88 (2016/HC-S-A/88, High Court of the Maldives, 5 August 2018)
އާމިނަތު ޙުސައިން ވ. ފަރީދާ ޙުސައިން
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ބިމާބެހޭ ޤާނޫނާއި ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދާ އެއްގޮތަށް ގޯތި 11 ވާރިސަކާ ދެމެދު ބަހައި، ކޮންމެ ވާރިސަކަށް 608 އަކަފޫޓުގެ ބިން ކަނޑައަޅައި، ބިމަށް އަރާފައިވާ ޢިމާރާތާއި ރުއްގަސް ބިން ލިބުނު މީހެއްގެ މިލްކުކަމަށް ކަނޑައެޅިއެވެ.
މަރުޙޫމެއްގެ ތަރިކައިގެ މައްސަލަ ކުރިން މެޖިސްޓްރޭޓް ކޯޓުން ބަލައި ވާރިސުންނާއި ބައިތައް ކަނޑައަޅައި ފައިސާ ބަހައިދީފައިވާއިރު، ތަރިކާގައި ހިމެނޭ ބަންޑާރަ ގޯތި ވާރިސުންގެ މެދުގައި ބަހައިދިނުމަށް ވާރިސަކު ދަޢުވާކުރިއެވެ. ބައެއް ވާރިސުން ގޯތި ބެހުމުގެ ގޮތާމެދު އެއްބަސް ނުވިއެވެ.
ކުރީގެ ޙުކުމާ ފުށުއަރާ ގޮތަށް ގޯތި އަލުން ބެހުމާއި، ގޯތި މަރުޙޫމު ޙަޔާތުގައި ހިބައިން ދިންކަން ޘާބިތުކުރަން ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދިނުމާއި، ވާރިސުން ދިން ހަދިޔާ އަނބުރާ ގެނައުމާއި، ބިމާބެހޭ ޤާނޫނުގެ އިސްލާޙު ރަޖްޢީކޮށް ތަޠްބީޤުކުރުމާއި، ވާރިސުންގެ މަޞްލަޙަތަށް ބަލާފައި ނުވުން ކަމަށް އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހެޅިއެވެ.
މައިގަނޑު ސުވާލު
ކުރިން ތަރިކަ ބެހުމުގެ މައްސަލައެއް ނިމިފައިވަނިކޮށް، އެ ތަރިކާގައި ހިމެނޭ ބަންޑާރަ ގޯތި ވާރިސުންގެ މެދުގައި ބަހައިދިނުމަކީ ކުރީގެ ޙުކުމާ ފުށުއަރާ ނިންމުމެއްތޯއާއި، ގޯތި މަރުޙޫމު ޙަޔާތުގައި ހިބައިން ދީފައިވާކަމުގެ ދަފްޢު ބެލެވިދާނެތޯއާއި، ބިމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙާއި ކާފަދަރިންގެ ޙައްޤާއި ވާރިސުންގެ މަޞްލަޙަތު ދެކެ ބިން ބެހުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުރީގެ ޤަޟިއްޔާގައި ގޯތި ބަހައިދީފައި ނުވާތީ ގޯތި ބެހުމަކީ ފުށުއަރާ ނިންމުމެއް ނޫންކަމަށާއި، ތަރިކައިގެ ގޯއްޗެއްކަމަށް ކަނޑައެޅި ނިންމުން އިސްތިއުނާފު ނުކުރާތީ ހިބައިގެ ދަފްޢު ބެލޭނެ ޖާގައެއް ނެތްކަމަށާއި، ބިން ބެހީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްކަމުން އެއީ މަޞްލަޙަތު ހުރި ގޮތްކަމަށް ކަނޑައަޅައި ދަށުކޯޓުގެ ޙުކުމް ޤާއިމްކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ކޯޓަކުން ކުރައްވާފައިވާ ޙުކުމަކަށް ބަދަލުގެނައުމަކީ ނުވަތަ އެފަދަ ޙުކުމަކަށް އަސަރެއް ފޯރާފާނެ އެއްވެސް މައްސަލައެއް ހަމަ އެކޯޓުގައި ނުވަތަ އެ މަރުޙަލާގެ އެހެން ކޯޓެއްގައި ބެލެވުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ކޯޓަކުން ނިންމަވާފައިވާ ނިންމެވުމެއްގެ މައުޟޫޢު ހަމަ އެ މަރުޙަލާގެ ކޯޓަކުން އަލުން ބެލުމާއި، އެފަދަ ނިންމުމަކަށް ހުރަސް އެޅިދާނެފަދަ ނިންމުމެއް ހަމަ އެ މަރުޙަލާގެ ކޯޓަކުން ނިންމެވުމަކީ ޢަދުލު އިންޞާފުގެ ހަމަތަކާ ޚިލާފު ކަމެކެވެ. ކޯޓަކުން ނިންމަވާފައިވާ މައްސަލައެއް ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް އިސްތިއުނާފުކުރެވިގެން ބެލެވޭނީ އެއަށްވުރެ މަތީ މަރުޙަލާއެއްގެ ކޯޓެއްގައެވެ. ކޯޓަކުން ނިންމަވާފައިވާ ނިންމެވުމެއް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ އެ މައްސަލަ ނިންމެވި ކޯޓު ހިމެނޭ މަރުޙަލާއަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ކޯޓަކުން މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ނިންމާފައިވާ ނިންމެވުމަކަށް ހުރަސްއެޅޭ ގޮތަށް ހަމަ އެކޯޓުން ނުވަތަ އެކޯޓު ހިމެނޭ މަރުޙަލާގެ އެހެން ކޯޓަކުން ނިންމާ ނިންމުމަކީ އިސްތިއުނާފު ކޯޓުން ބާޠިލުކުރެވޭނެ ނިންމުމަކަށް ވާނެއެވެ. ނަމަވެސް ތަރިކައިގެ މައްސަލައެއްގައި ވާރިސުން ޘާބިތުކޮށް، ތަރިކަ މުދަލާއި ކޮންމެ ވާރިސަކަށް ލިބޭ މިންވަރު ކަނޑައަޅައި، ގޯތި ބަހައިނުދެވި އޮތްނަމަ، އެ ގޯތި ވާރިސުންގެ މެދުގައި ބަހައިދިނުމަކީ ކުރީގެ ނިންމެވުމާ ފުށުއަރާ ނިންމެވުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ބަންޑާރަ ގޯއްޗަކީ ތަރިކައިން ބައި ލިބޭ ނިސްބަތުން ބަހައިދޭންޖެހޭ ތަރިކަ މުދަލުގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫނެވެ. އެފަދަ ގޯތި ބަހައިދެވޭނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ތަރިކައިގެ މައްސަލައެއްގައި ގޯއްޗަކީ މަރުޙޫމުގެ ތަރިކާގައި ހިމެނޭ ގެއެއްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ނުކޮށް ތިބުމަށްފަހު، އެ ތަނަކީ މަރުޙޫމުގެ ޙަޔާތުގައި ހިބައިން ދީފައިވާ ތަނެއްކަމަށް ބުނެ ހުށަހަޅާ ދަފްޢު ނުވަތަ ދިފާޢީ ދަޢުވާއަކީ، އެ ކަނޑައެޅުން އިސްތިއުނާފުކުރެވި މަތީ މަރުޙަލާގެ ކޯޓަކުން ނިންމަވާ ނިންމެވުމެއްގެ މައްޗަށް ބިނާކޮށްގެން މެނުވީ، އެ މައްސަލަ ނިންމެވި ކޯޓުން ނުވަތަ އެ މަރުޙަލާގެ އެހެން ކޯޓަކުންވިޔަސް ބެލެވިދާނެ މައްސަލައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ވާރިސުންކުރެ ބައެއް ފިޔަވައި އެހެން އެއްވެސް ވާރިސަކު ދަށުކޯޓުގެ ނިންމެވުން އިސްތިއުނާފުކޮށްފައި ނުވާނަމަ، އެ ނިންމެވުންތަކަކީ ދެންތިބި ހުރިހާ ވާރިސުން ބަލައިގަނެ ޤަބޫލުކޮށްފައިވާ ނިންމެވުންތަކެއްކަމަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޖިނާއީ ޤާނޫނުތައް މާޟީގައި ހިނގާފައިވާ ވާޤިޢާއެއްގެ މައްޗަށް ރަޖްޢީކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައު ކަނޑައެޅިފައިވާ ޖިނާއީ މައްސަލައަކާއި، ތަރިކައިން ވާރިސުންނަށް މުވައްރިޘުގެ ނަމުގައިވާ ބަންޑާރަ ގޯތި ބެހުމާ ގުޅޭ މަދަނީ މައްސަލައަކީ އެއްބާވަތުގެ އަދި އެއްގޮތް ދެ މައްސަލަ ނޫނެވެ. ތަރިކައިން ލިބިގެން ވާރިސުންގެ މެދުގައި ބަންޑާރަ ގޯއްޗެއްގެ ބިން ބައިކުރުމުގައި ޝަރީޢަތުގެ ފަރާތުން ބައްލަވަންޖެހޭނީ ގޯތި ބައިކުރެވޭއިރު ޢަމަލުކުރުމަށް އޮތް އުޞޫލުތަކުގެ މައްޗަށާއި، ބިން ބައިކުރެވޭއިރު ވާރިސުންގެ ބިމުގެ ތަނަވަސްކަން ހުރި ނެތްގޮތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ބިމާބެހޭ ޤާނޫނަށް ގެނެވިފައިވާ އިސްލާޙަށް ބަލާއިރު، ވާރިސަކަށް ބަންޑާރަ ގޯތީގެ ބިމުން ލިބޭ މިންވަރު ވަކި ވަރަކަށްވުރެ ކުޑަވުމަކީ، އެ ވާރިސުގެ އެހެން ގޯއްޗެއް ނުވަތަ ބިމެއް އޮތްނަމަވެސް ތަރިކަ މައްސަލާގައި ހިމެނުނު ބިމުން އެ ވާރިސަށް ނުލިބެންވީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެ މުދާ ހުރި ބިން ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކަ ދޫކުރި މީހާގެ އުފަން ދަރިންނާއި އަނބިންނާއި، ތަރިކައިން ލިބޭ މީހުންކުރެ ތަރިކަ ދޫކުރި މީހާއަށް ޚަރަދުކޮށް ބެލި މީހުންނަށްކަމަށް ގަވާއިދުގެ 7 ވަނަ ނަންބަރުގައި ކުރިން ކަނޑައެޅިފައިވީނަމަވެސް، އެ ނަންބަރަކީ ބާޠިލް ނަންބަރެއްކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވާތީ، ތަރިކައިން ބައި ލިބޭ ވާރިސުންކަމުގައިވާ ކާފަދަރިންނަށް މަރުޙޫމުގެ ތަރިކާގައި ހިމެނުނު ބަންޑާރަ ގޯތީގެ ބިމުން ނުލިބޭނެކަމަށް ކަނޑައަޅާނެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް އަސާސެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ އެ މައްސަލާގައި ހިމެނޭ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވާ ގޮތްކަމަށް ބެލެވިގެން ނުވާނެއެވެ. ހުށަހެޅިފައިވާ މައްސަލައެއްގައި ފައިޞަލާކުރަންޖެހޭ ކަމަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާ ކަމެއްނަމަ، އެއީ އެ މައްސަލާގައި ޢަމަލުކުރަންޖެހޭ ގޮތެވެ. މައްސަލައެއްގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޞްލަޙަތު ފަނޑިޔާރު ޙިމާޔަތްކުރައްވަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިންނާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މާނައާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/2015 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު)
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދު (7 ވަނަ ނަންބަރު ހިމެނޭ ގޮތަށް)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23
- ހައިކޯޓުގެ ނަންބަރު 2008/HC-A/288
- ހައިކޯޓުގެ ނަންބަރު 2008/HC-DM/14
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް