ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/158
2016/HC-A/158، 2016/HC-A/158
2016/HC-A/158 (2016/HC-A/158, High Court of the Maldives, 9 November 2017)
2016/HC-A/158
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ގެއްލުމުގެ ބަދަލު ހެކި ނެތީމާ ނަގައިނުދީ، ކުރިން އެއްބަސްވެފައިވާ މަހަކު 15,000 ރުފިޔާގެ މަގުން 29 ޖެނުއަރީ 2012 އިން 24 ޖުލައި 2014 އަށް 448,000 ރުފިޔާ ކުލި ދައްކަން ޙުކުމްކުރިއެވެ.
2005 ގައި ވެފައިވާ ބިނާކުރުމާއި ކުއްޔަށްދިނުމާބެހޭ އެއްބަސްވުން ސިވިލް ކޯޓުން 29 ޖެނުއަރީ 2012 ގައި ބާޠިލްކުރުމަށްފަހުވެސް ކުންފުނިން ފިހާރަ (17 ފޫޓު 42 ފޫޓުގެ ޢިމާރާތް) ވެރިފަރާތާ ޙަވާލުނުކުރުމުން، ކުލީގެ ފައިސާއާއި ގެއްލުމުގެ ބަދަލު ހޯދުމަށާއި ތަން ޙަވާލުކޮށްދިނުމަށް ވެރިފަރާތުން ދަޢުވާކުރިއެވެ.
ކުންފުނިން ބުނީ ކުއްޔަށް ދިންކަމުގެ އެއްބަސްވުމެއް ނެތި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި ބިމާބެހޭ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުލި ނަގައިނުދެވޭނެ ކަމަށާއި، ބާޠިލުކުރި ޙުކުމުގެ އިސްތިއުނާފު ނިމުމުގެ ކުރިން ބާޠިލް އެގްރީމަންޓެއްގެ ދަށުން ކުލި ނަގައިދިނުމަކީ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ދެފަރާތުގެ އެއްބަސްވުން ކޯޓަކުން ބާޠިލުކުރުމަށްފަހުވެސް ޢިމާރާތް ވެރިފަރާތާ ޙަވާލުނުކޮށް ހިފަހައްޓާފައިވާ މުއްދަތަށް ކުލި ނަގައިދެވޭނެތޯ، އަދި އެ ބާޠިލުކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރެވިފައި އޮތުމަކީ ކުލީގެ ދަޢުވާ ނިންމުމަށް ހުރަހެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުން ބާޠިލުވިޔަސް ޙަވާލުނުކުރާ މުއްދަތަށް ކުލީގެ ޙައްޤު ވެރިފަރާތަށް ލިބޭކަމަށާއި، ކުރީގެ ކުލީގެ މިންވަރަށް ބަލައި އެކަށީގެންވާ ކުލި ކަނޑައެޅިދާނެކަމަށާއި، އިސްތިއުނާފަކީ ހުރަހެއް ނޫންކަމަށާއި، 2015/HC-A/84 ގައި ބާޠިލުކުރި ނިންމުން ޤާއިމްކޮށްފައިވާކަމަށް ކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްވެފައިވީނަމަވެސް، ކޯޓުން އެއްބަސްވުން ބާޠިލުކުރި ތާރީޚުގެ ފަހުންވެސް އިމާރާތް އެ އިމާރާތުގެ ވެރިފަރާތާ ޙަވާލުނުކޮށް ހިނގާ މުއްދަތަށް ކުލި ހޯދުމުގެ ޙައްޤު ޢިމާރާތުގެ ވެރިފަރާތަށް ލިބިގެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- އެއްބަސްވުން ބާޠިލްކުރުމަށްފަހު ޢިމާރާތް ޙަވާލުނުކޮށް ހިނގާފައިވާ މުއްދަތަށް، ކުރިން ކުލި ކަނޑައެޅިފައިވާ މިންވަރުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތުން އެކަށީގެންވާ ކުއްޔެއް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- އެއްބަސްވުމެއް ބާޠިލުކުރި ނިންމެވުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވުމަކީ، އެކަމުގެ ސަބަބުން، ޢިމާރާތް ޙަވާލުނުކުރުމުން ކުލި ހޯދުމަށް ހުށަހެޅޭ ދަޢުވާ ދަށުކޯޓުގައި ބައްލަވައި ނިންމެވުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމެއްކަން އެނގެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އެއްބަސްވުން ބާޠިލްކުރެއްވުމުންވެސް ޢިމާރާތް ވެރިފަރާތާ ޙަވާލުނުކޮށް ހިނގާފައިވާ މުއްދަތަށް ނަގައިދެވޭ ކުލީއަކީ ބާޠިލްވެފައިވާ އެގްރީމަންޓެއްގެ ދަށުން ނަގައިދެވޭ ކުއްޔެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ސިވިލް ކޯޓުގެ ނަންބަރު 27/Cv-C/2010 (1497/MC/2007) ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2015/HC-A/84 ޤަޟިއްޔާ
- ބެންޗު
- ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް