ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/95
2017/HC-A/95، 2017/HC-A/95
2017/HC-A/95 (2017/HC-A/95, High Court of the Maldives, 27 February 2017)
2017/HC-A/95
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުއްޔަށް ދީފައިވަނީ 16 ޖަނަވަރީ 2012 އިން 5 އަހަރަށް ކަމަށް ކަނޑައަޅައި، ކުލި ދައްކަމުންދާހާ ހިނދަކު 16 ޖަނަވަރީ 2017 ގެ ކުރިން ތަނުން ނެރުމަށް އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކުރި.
ތަނުގެ ވެރިފަރާތުން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން 16 ޖަނަވަރީ 2012 އިން 5 އަހަރަށް ފްލެޓެއް ކުއްޔަށް ދީ، 2014 ގައި ކުލި ބޮޑުކޮށް ކުރިއަށް އޮތް 5 އަހަރު ކުލި ބަދަލުނުކުރާނެ ކަމަށާއި ތިބެވޭނެކަމަށް ލިޔުމެއްގައި ސޮއިކޮށް، ފަހުން ތަން ހުސްކޮށްދިނުމަށް އެދި ދަޢުވާކުރި މައްސަލައެކެވެ.
ކުއްޔަށް ހިފި ފަރާތުން ބުނީ 2014 ގައި ސޮއިކުރި ލިޔުމުން ޖޫން 2014 އިން ފެށިގެން އިތުރު 5 އަހަރަށް (ޖޫން 2019 އަށް) މުއްދަތު އިތުރުކޮށްފައިވާއިރު، މުއްދަތު 2017 ގައި ހަމަވާކަމަށް ކަނޑައެޅުމަކީ ގޯހެއް ކަމަށެވެ.
މައިގަނޑު ސުވާލު
އަނގަބަހުން ވެވުނު ކުލީގެ އެއްބަސްވުމެއްގެ މުއްދަތު، ކުލި ބޮޑުކުރުމުގެ ގޮތުން ތަނުގެ ވެރިފަރާތް ސޮއިކުރި ލިޔުމަކުން އިތުރުކުރެވިފައިވޭތޯ، އަދި ކުލީގެ މުއްދަތު ހަމަވުމަށްފަހު ކުއްޔަށް ހިފި ފަރާތަށް ތަނުގައި ހުރުމުގެ ޙައްޤު ލިބޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ލިޔުމުގެ މަޤްޞަދަކީ ކުލި ބަދަލުނުކުރާނެކަމުގެ ޔަޤީންކަން ދިނުންކަމާއި، މުއްދަތު އިތުރުކުރިކަން ސާފުކޮށް ދޭހަނުވާތީއާއި ކާފީ ހެކި ހުށަހަޅާފައިނުވާތީ، 5 އަހަރުގެ އެއްބަސްވުން 16 ޖަނަވަރީ 2017 ގައި ހަމަވުމަށްފަހު ވެރިފަރާތުގެ ނުރުހުމުގައި ތަނުގައި ހުރުމުގެ ޙައްޤެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ޤާއިމުކުރި.
ކަނޑައެޅުނު އުޞޫލުތައް
- ކުލީގެ އެއްބަސްވުމުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއްކަމާއި، ކުލި ބޮޑުކުރުމުގެ ގޮތުން ތަނުގެ ވެރިފަރާތް ސޮއިކޮށްފައިވާ ލިޔުމުގެ މަޤްޞަދަކީ ކުރިން ކުއްޔަށް ދީފައިވާ ކުއްޔަށް ބަދަލު ގެނެސް އެއެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އޭގެ ފަހުން ކުއްޔަށް އިތުރު ބަދަލެއް ނުގެންނާނެކަމުގެ ޔަޤީންކަން ދިނުންކަން އެނގޭނަމަ، އެ ލިޔުމުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަން ސާފުކޮށް ދޭހައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ށ)
- އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ކުއްޔަށް ހިފި ފަރާތުން ބުނާއިރު، އެކަމަށް ތަނުގެ ވެރިފަރާތް އިންކާރުކޮށް، ލިޔުމަށް ބަލާއިރުވެސް އެގޮތަށް މުއްދަތު އިތުރުކޮށްފައިވާކަން ސާފުކޮށް ދޭހަނުވާނަމަ، އެކަން ސާބިތުވާ މިންވަރުގެ ކާފީ ހެކި ކުއްޔަށް ހިފި ފަރާތުން ޝަރީޢަތަށް ހުށަހަޅަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ށ)
- ކުލީގެ އެއްބަސްވުމުގެ ޝަރުޠެއްކަމަށް ތަނުގެ ވެރިފަރާތުން ބުނާ ޝަރުޠެއްގެ ހެއްކެއް ހުށަހަޅާފައި ނެތްނަމަވެސް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ކަނޑައެޅިފައިވާ މުއްދަތަކަށް ވެފައިވާ އެއްބަސްވުމެއް ކަމަށްވެފައި، އެއެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާނަމަ، އޭގެ ފަހުން ތަނުގެ ވެރިފަރާތުގެ ނުރުހުމުގައި ކުއްޔަށް ހިފި ފަރާތަށް އެތަނުގައި ހުރުމުގެ އެއްވެސް ޙައްޤެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ނ)
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް