ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 01
ޒުލައިޚާ އަޙްމަދު ވ. ނިޒާރު އަޙްމަދު، [2025] SC 01 (2022/SC-A/25)
Zulaikhaa Ahmed v. Nizar Ahmed [2025] SC 01 (2022/SC-A/25, Supreme Court of the Maldives, 13 January 2025)
ޒުލައިޚާ އަޙްމަދު ވ. ނިޒާރު އަޙްމަދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 3084/Cv-C/2017 ޤަޟިއްޔާގައި ނިޒާރު އަޙްމަދު އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލުކޮށް، އޭނާގެ ބެލުމުގައިވާ ފްލޯރތައް ގޯތީގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ނިޒާރު އަޙްމަދު އިސްތިއުނާފުކުރުމުން ހައިކޯޓުގެ 2019/HC-A/39 ޤަޟިއްޔާގައި އަޣްލަބިއްޔަތުން އެ ޙުކުމް ބާޠިލުކުރިއެވެ. އެ ނިންމުން ޒުލައިޚާ އަޙްމަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީއެވެ.
ގޯއްޗެއްގައި ހަދާފައިވާ 10 ބުރީގެ ޢިމާރާތުގެ މަތީ ހަތަރު ބުރީގެ ނުނިމި ހުރި މަސައްކަތް 12 މަސްދުވަހުގެ ތެރޭގައި ނިޒާރު އަޙްމަދުގެ ޚަރަދުގައި ނިންމައި، އޭގެ ބަދަލުގައި ހަ ފްލޯރ ދިގު މުއްދަތަކަށް އޭނާއަށް ލިބޭގޮތަށް ގޯތީގެ ވެރިފަރާތްތަކާއެކު 2016 ސެޕްޓެންބަރުގައި އެއްބަސްވުމެއް ވެވުނެވެ. ގޯތި ރަހުނުކޮށް ލޯނު ނެގުމުގެ އިޚްތިޔާރު އޭނާއަށް ދީފައިވީނަމަވެސް ލޯނު ނުލިބި، އެއްބަސްވި މުއްދަތުގައި ތަން ޙަވާލުނުކުރުމުން ވެރިފަރާތްތަކުގެ ބައެއް ފަރާތްތަކުން އެއްބަސްވުން ބާޠިލުކުރުމަށް ދަޢުވާކުރިއެވެ.
ޒުލައިޚާ އަޙްމަދު ބުނީ ނިޒާރު އަޙްމަދު ޢިމާރާތަށް ޚަރަދުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށާއި، 12 މަސްދުވަހުގެ ތެރޭގައި ފްލޯރތައް ޙަވާލުކުރަން ޖެހޭކަން ޞަރީޙަ ލަފުޒުން ބުނެފައިވާއިރު އެކަން ނުކުރާތީ ވެރިފަރާތްތައް މަގުމަތިވި ކަމަށް ހައިކޯޓުން ރިޢާޔަތްނުކުރުމުން އިންޞާފު ގެއްލުނު ކަމަށެވެ. ނިޒާރު އަޙްމަދު ބުނީ ލޯނު ނެގުމަށް ބޭނުންވާ އެހީތެރިކަން ވެރިފަރާތްތަކުން ނުދޭތީ ލަސްވީ ކަމަށެވެ.
މައިގަނޑު ސުވާލު
މ. އޮކްސިޑެންޓަލްވިލާގެ ނުނިމި ހުރި ބުރިތައް ނިންމުމުގެ 10 ސެޕްޓެންބަރު 2016 ގެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައިވާ ފަދަ ލޯނެއް ލިބުން ޝަރުޠުކޮށްފައިވާ މުޢާމަލާތެއްތޯ؛ އަދި އެއްބަސްވެފައިވާ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ތަން ޙަވާލުނުކުރުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ޖައުހަރީ ޚިލާފެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (އެއްބަސްވުމަކީ ލޯނެއް ލިބުން ޝަރުޠުކުރި މުޢާމަލާތެއް ކަމަށް ނިންމި ބައި)، ބާކީ ބައި ޤާއިމް (އެއްބަސްވުން ބާޠިލުނުކުރެ)
ޚަރަދާ ގުޅޭ ނުކުތާއަކީ ބާޠިލުކުރެވިފައިވާ ފުރަތަމަ އެއްބަސްވުމާ ގުޅޭ ކަމަކަށްވާތީ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރުގެ ނުކުތާއެއްކަމަށް ކޯޓުން ކަނޑައެޅިއެވެ. ލޯނު ނެގުމަކީ އޮތް އިޚްތިޔާރެއް ކަމުން، އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައިވާ ފަދަ ލޯނެއް ލިބުން ޝަރުޠުކޮށްފައިވާ މުޢާމަލާތެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމުގެ އެ ބައި ބާޠިލުކުރިއެވެ. އެހެނަސް ލޯނެއް ނެތި ޢިމާރާތުގެ މަސައްކަތް ނިމި ވެރިފަރާތްތަކުން ތަން ބޭނުންކުރަމުންދާއިރު، ލަސްވުމަކީ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާގެ ހަމަތަކަށް ބަލާއިރު އެއްބަސްވުން ބާޠިލުކުރަންޖެހޭ ޖައުހަރީ ޚިލާފެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމުގެ ބާކީ ބައި އިއްތިފާޤުން ޤާއިމުކުރިއެވެ. ލަސްވުމުން ގެއްލުމެއް ލިބިފައިވާނަމަ އޭގެ ޒިންމާ ނިޒާރު އަޙްމަދު އުފުލަންޖެހޭނެކަމަށާއި، އެފަދަ ދަޢުވާއެއް އުފުލުމަށް ހުރަހެއް ނެތްކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތައް (ޤާނޫނާ ޚިލާފުވުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން) ފިޔަވައި އިތުރު ޙާލަތެއްގައި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެއެވެ؛ ސާބިތުވެފައިވާ ކަންކަމާ ޚިލާފު ވާޤިޢާތަކެއްގެ މައްޗަށް ބިނާކޮށް، ސާފު ޤާނޫނީ ބަހުސެއް ނުވަތަ ޤާނޫނީ ނުކުތާއެއް ނެތި ހުށަހަޅާ ނުކުތާއަކީ އެ މާއްދާގެ ތަރަހައިން ބޭރުގެ ނުކުތާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20 އަދި ފުޓްނޯޓު)
- ބާޠިލުކޮށް ނިމިފައިވާ ކުރީގެ އެއްބަސްވުމެއްގެ ދަށުން ކުރި ޚަރަދާ ގުޅޭ ކަންކަމަކީ، މިހާރު ޢަމަލުކުރާ އެއްބަސްވުމުގެ ދަށުން ހުށަހެޅޭ މައްސަލައަކަށް އަސަރުކުރާ ކަމެއް ނޫނެވެ؛ ޚަރަދާ ގުޅޭ ސުވާލެއްނަމަ ސާބިތުކުރަންޖެހޭނީ މިހާރު ޢަމަލުކުރާ އެއްބަސްވުމާ ޚިލާފަށް ޚަރަދުކޮށްފައިވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ލޯނު ނެގުމާ ގުޅޭ މާއްދާތަކުގައި ލޯނު ނެގުމުގެ އިޚްތިޔާރާއި ދެފަރާތުގެ އިލްތިޒާމުތައް ބަޔާންކޮށްފައި އޮތުމަކުން، ލޯނު ނުލިބިއްޖެނަމަ އެއްބަސްވުން ތަންފީޒުނުވާނެ ކަމަށް ނުވަތަ މުޢާމަލާތު ރޫޅޭނެ ކަމަށް ބަޔާންކޮށްފައި ނުވާހިނދު، އެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައިވާ ފަދަ ލޯނެއް ލިބުން ޝަރުޠުކޮށްފައިވާ މުޢާމަލާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28، 41)
- ޚަރަދުކޮށް އިންވެސްޓްކުރާ ފަރާތަކީ ވަކި ފަރާތެއް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށް، ލޯނު ނެގުމަކީ ހަމައެކަނި އޮތް އިޚްތިޔާރެއް ކަމުގައިވާނަމަ، ލޯނު ނުލިބުމަކީ އެ ފަރާތް އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ އިލްތިޒާމުތަކުން ބަރީއަވާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ކޮންޓްރެކްޓެއްގެ އެއް ބައިވެރިއަކު ޚިލާފުވުމުން ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު މައުޞޫމް ފަރާތަށް ލިބެއެވެ؛ ނަމަވެސް ކޮންޓްރެކްޓް ބާޠިލުކުރެވޭނީ ޖައުހަރީ ނުވަތަ މައިގަނޑު ޚިލާފެއް ނަމައެވެ. އެކަން ކަނޑައަޅާނީ ޚިލާފުގެ ބުރަދަނާކަމާއި ސީރިއަސްކަމާއި، މައުޞޫމް ފަރާތް ކޮންޓްރެކްޓުން ހޯދި ފައިދާއިން މަޙްރޫމްކުރޭތޯއާއި، ޚިލާފުގެ ނަތީޖާއާއި ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށެވެ (ދައުލަތް ވ. ވިލާ އެއަރ [2021] SC 52 ގެ އުޞޫލު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ލަސްވުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ކަމަށް އެއްބަސްވުމުގައި ބުނެފައި ނުވާއިރު، އެ ނޫން ސަބަބަކާހުރެ ބާޠިލުކުރަން އެދޭނަމަ، އެ ސަބަބުތަކަކީ ޖައުހަރީ މާއްދާއަކާ ޚިލާފުވިކަން ދަލާލަތުކުރާ ކަންކަމަކަށް ވާންވާނެއެވެ؛ މަސައްކަތް ނިމި ވެރިފަރާތްތަކުން ތަން ބޭނުންކުރަމުންދާ ޙާލަތުގައި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތަން ޙަވާލުނުކުރުމަކީ، މި މައްސަލައިގެ ޙާލަތުގައި އެއްބަސްވުން ބާޠިލުކުރަންޖެހޭ ޖައުހަރީ ޚިލާފެއް ނޫނެވެ. ނަމަވެސް މަޤުބޫލު އުޒުރެއްނެތި ލަސްވުމުން ގެއްލުމެއް ލިބިފައިވާނަމަ އޭގެ ޒިންމާ ލަސްކުރި ފަރާތަށް އުފުލަންޖެހޭނެއެވެ، އަދި އެ ދަޢުވާ ވަކިން އުފުލުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-40)
- ސުޕްރީމް ކޯޓުން މައްސަލަތައް ބަލަނީ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ކަމުގައިވާތީ، ހައިކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގެ (މިސާލަކަށް، ޢިމާރާތުގެ މަސައްކަތުގެ ފެންވަރާ ގުޅޭ) މައްޗަށް ސުޕްރީމް ކޯޓުން ގޮތެއް ނުކަނޑައަޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40 އަދި ފުޓްނޯޓު)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 01 2022/SC-A/25 ޝަރީޢަތް ނިމުނުގޮތް ޒުލައިޚާ އަޙްމަދު ވ. ނިޒާރު އަޙްމަދު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ނިމުނު ތާރީޚު 13 ޖަނަވަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/39 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނިޒާރު އަޙްމަދު، ދޫޑިގަން. ނިއާ، ޏ. ފުވައްމުލައް ޒުލައިޚާ އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ ޤާނޫނީ ވަކީލު: ޢަބްދުﷲ ސިޔާޒް، އިކުއިޓީ ޗެމްބާރސް
ޤާނޫނީ ވަކީލު: ޝަހީމް އަޙްމަދު
ތަދައްޚުލްކުރެވުނު ފަރާތްތައް 1. ޝަރީފާ އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 2. ފިޢުލިއްޔާ އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 3. ޔުމްނާ އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 4. ޢާއިޝަތު އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 5. ޒަހީރާ އަޙްމަދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 6. މުޙައްމަދު ރަޝީދު، މ. އޮކްސިޑެންޓަލްވިލާ، މާލެ 7. އިސްމާޢީލް ރަޝީދު، މ. އޮކްސިޑެންޓަލްވިލާ، މާލެ
މަދަނީ – އެއްބަސްވުން ބާތިލުކުރުން - ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ – ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުން - ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އަސާސް – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ 2
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 4
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް 7
އެއްބަސްވުން 8
ޢިމާރާތްކުރުމަށް ޚަރަދު ކުރުން 8
ތަން ޙަވާލުނުކުރުން 11
ލޯނު ނެގުމާގުޅޭ މާއްދާ 14
އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭ ފަދަ ޙާލަތެއް މެދުވެރި ވެފައިވޭތޯ 15
މައްސަލަ ނިންމަން ފެންނަގޮތް އަދި ނަތީޖާ 20
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 20
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 20
ޙުކުމް 20
` ޒުލައިޚާ އަޙްމަދު ވ. ނިޒާރު އަޙްމަދު [2025] SC 01 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރަފް
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/39 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ. އޮކްސިޑެންޓަލްވިލާ، ކ. މާލެ، ޒުލައިޚާ އަޙްމަދު1ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2022/SC-A/25 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޏ. ފުވައްމުލައް، ދޫޑިގަން. ނިއާ، ނިޒާރު އަޙްމަދު2 އެވެ.
2މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލިއިރު މި މައްސަލަ ދަށު ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ މައުޟޫޢުގައި ބަޔާންކުރާ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ފަރާތްތައް ކަމުގައިވާ ޝަރީފާ އަޙްމަދު3 އާއި ޢާއިޝަތު އަޙްމަދު4 އާއި ޒަހީރާ އަޙްމަދު5 އާއި ފިޢުލިއްޔާ އަޙްމަދު6 އާއި ޔުމްނާ އަޙްމަދު7 އާއި މުޙައްމަދު ރަޝީދު8 އާއި އިސްމާޢީލް ރަޝީދު9 ހިމެނިގެން ކަމަށް ވާތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލައަށް މި ފަރާތްތައް ވަނީ ތަދައްޚުލްކުރެވިފައެވެ.
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ
3މ. އޮކްސިޑެންޓަލްވިލާ އެވެކިޔާ ގޯތީގައި ހަދާފައިވާ 10 (ދިހައެއް) ބުރީގެ ޢިމާރާތުގެ ނުނިމިހުރި ފިނިޝިންގ މަސައްކަތް ފުރިހަމަކުރުމަށްޓައި، އެއްފަރާތުން ނިޒާރު ޢަޙްމަދު އާއި އަނެއް ފަރާތުން ޒުލައިޚާ އަޙްމަދު އާއި ޝަރީފާ އަޙްމަދު އާއި ޢާއިޝަތު އަޙްމަދު އާއި ޒަހީރާ އަޙްމަދު އާއި ފިޢުލިއްޔާ އަޙްމަދު އާއި ޔުމްނާ އަޙްމަދު އާއި މުޙައްމަދު ރަޝީދު އަދި އިސްމާޢީލް ރަޝީދު ("ގޯތީގެ ވެރިފަރާތްތައް") އާ ދެމެދު 01 ސެޕްޓެންބަރު 2016 ގައި އެއްބަސްވުމެއްވެވި ("އެއްބަސްވުން") މި އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީ10 ކޮށްފައި ވެއެވެ.
4މި ދެންނެވި އެއްބަސްވުމަކީ މ.އޮކްސިޑެންޓަލްވިލާ ޢިމާރާތްކުރުމާ ގުޅޭގޮތުން މި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައިވާ ވެފައިވާ ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިން 08 ޖޫން 2011 ގައި ނިޒާރު އަޙްމަދު އާއެކު ގޯތީގެ ވެރިފަރާތްތަކުން އެއްބަސްވުމެއް ވިއެވެ. މި އެއްބަސްވުމަކީ ނިޒާރު އަޙްމަދުގެ ޚަރަދުގައި މ. އޮކްސިޑެންޓަލްވިލާ ގައި 10 (ދިހައެއް) ބުރީގެ ޢިމާރާތެއް ހެދުމަށް ވެވުނު އެއްބަސްވުމެކެވެ. ނަމަވެސް، އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ނިމިފައިނުވާތީ، އެއްބަސްވުން ބާތިލު ކުރުމަށްފަހު އައު އެއްބަސްވުމެއްގައި 01 ސެޕްޓެންބަރު 2016 ގައި ސޮއިކޮށްފައިވެއެވެ.
5މި ދެންނެވި 01 ސެޕްޓެންބަރު 2016 ގެ އެއްބަސްވުމަކީ ގޯތީގެ ވެރިފަރާތްތަކާއި ނިޒާރު އަޙްމަދު އާއެކު މިހާރު އޮތް އެއްބަސްވުމެވެ. ވުމާއެކު އެ އެއްބަސްވުމުގެ އަސާސްތަކުގެ މައްޗަށް ބަލާލާނަމެވެ.
(ހ) ފުރަމަތަ ކަމަކީ، ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކަމުގައިވާ މަތީ ހަތަރު ފްލޯރ ކަމުގައިވާ 07، 08، 09 އަދި 10 ވަނަ ބުރީގެ މަސައްކަތް (މީގެފަހުން" މަސައްކަތް" ނުވަތަ "ޢިމާރާތުގެ މަސައްކަތް") 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނިންމުން.
(ށ) ދެވަނަ ކަމަކީ، ޢިމާރާތުގެ މަސައްކަތަށް އިންވެސްޓުކޮށް ފައިސާ ޚަރަދު ކުރާނީ ނިޒާރު އަޙްމަދު ކަމާއި، އަދި ފައިސާ ހޯދުމަށް ގޯތި ރަހުނުކޮށް ލޯނު ނެގުމުގެ އިޚްތިޔާރު ނިޒާރު އަޙްމަދު އަށް ދީފައިވާކަން.
(ނ) ނިޒާރު އަޙްމަދު ކުރާ އިންވެސްޓްމަންޓުގެ ބަދަލުގައި ޢިމާރާތުގެ 10 ފްލޯރގެ ތެރެއިން 6 ފްލޯރއެއް ދިގު މުއްދަތަކަށް މަންފާ ހޯދުމަށް އޭނާއަށް ލިބިދޭކަން.
6އެއްބަސްވެފައިވާ ގޮތަށް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނިޒާރު އަޙްމަދުއަށް ޢިމާރާތުގެ މަސައްކަތްތައް ފުރިހަމަ ކުރެވިފައި ނުވެއެވެ.
7ނަތީޖާއެއްގެ ގޮތުން އެއްބަސްވުމުގެ ދަށުން ނިޒާރު އަޙްމަދު އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަކޮށްފައި ނުވާކަމަށް ދެކި އެއްބަސްވުމުގެ ބޭނުން ނަހަމަ ގޮތުގައި އޭނާ ހިފައި ނާޖާއިޒު ފައިދާތަކެއް ހޯދަމުންދާތީވެ އެއްބަސްވުމުގެ ދަށުން ޒުލައިޚާ އަޙްމަދު އާއި ޝަރީފާ އަޙްމަދު އާއި ޢާއިޝަތު އަޙްމަދު އާއި ޒަހީރާ އަޙްމަދު އާއި ފިޢުލިއްޔާ އަޙްމަދުއަށް ލިބެންޖެހޭ ޙައްޤުތަކުން އެ ފަރާތްތައް މަޙްރޫމް ކޮށްފައިވާތީވެ، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ނިޒާރު އަޙްމަދުގެ ކިބައިން ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިޖާބަދީފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް ދިނުމަށާއި އެއްބަސްވުމުގެ ދަށުން ނިޒާރު އަޙްމަދުއަށް ކުއްޔަށް ދީފައިވާ މ. އޮކްސިޑެންޓަލްވިލާ އެވެކިޔާ ގޯތި އަނބުރާ ޙަވާލުކުރުމަށް އެދި ޒުލައިޚާ އަޙްމަދު އާއި ޝަރީފާ އަޙްމަދު އާއި ޢާއިޝަތު އަޙްމަދު އާއި ޒަހީރާ އަޙްމަދު އަދި ފިޢުލިއްޔާ އަޙްމަދުގެ ފަރާތުން ނިޒާރު އަޙްމަދުއަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
8މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3084/Cv-C/2017 ޤަޟިއްޔާއިން ނެވެ. އަދި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ނިޒާރު އަޙްމަދު އެއްބަސްވުމާއި ޚިލާފުވެފައިވާކަން އެނގެން އޮންނާތީ، އެއްބަސްވުން ބާތިލުކޮށް 27 ނޮވެންބަރު 2018 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މ. އޮކްސިޑެންޓަލްވިލާ އެވެކިޔާ ގޯތީގައިވާ ޢިމާރާތުން ނިޒާރު އަޙްމަދުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި ފްލޯރތައް ވެރިފަރާތްތަކާއި ޙަވާލު ކުރުމަށެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
8.1. އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބުނާ 12 (ބާރަ) މަސް ދުވަހުގެ މުއްދަތުގައި ގޯތީގެ ބެހެނިވެރީންނާ ޙަވާލުކުރަންޖެހޭ އެއްވެސް ފްލޯރ އެއް ޙަވާލުކުރެވިފައިވާ ނުވާކަން އެނގެން އޮންނަ ކަމާއި އަދި އެ ފްލޯރތައް ޙަވާލު ނުކުރެވިވަނީ ލޯނު ނެގުމަށްޓަކައި ގޭގެ ވެރިފަރާތްތަކުން އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ފޯރުކޮށްދޭންޖެހޭ ލިޔުންތައް ނިޒާރު އަޙްމަދުއަށް ޙަވާލުކޮށްފައިނުވާތީވެ ނޫންކަން 24 އޮކްޓޫބަރު 2018 ގައި ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވާފައިވާ ސިޓީ11 އާ ޙަވާލާދީ ބޭންކް އޮފް މޯލްޑިވްސް އިން އެ ކޯޓަށް 1 ނޮވެންބަރު 2018 ގައި ފޮނުވާފައިވާ ސިޓީއަށް12 ބެލުމުން އެނގެން އޮތުމުން ސިވިލް ކޯޓުގައި ދައުވާކުރި ފަރާތްތަކުން އެއްބަސްވުމުގެ 4 ވަނަ މާއްދާ އާ ޚިލާފުވެފައިވާ ކަމުގައި ބެލެވޭނެ ތަނެއް ނެތް ކަމަށާއި އެއްބަސްވުމުގެ 1 ވަނަ މާއްދާ އާ ނިޒާރު އަޙްމަދު ޚިލާފުވެފައިވާކަން އެނގެން އޮންނަކަން.
8.2. ނިޒާރު އަޙްމަދުގެ ފަރާތުން ޢިމާރާތުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމާއި، އަދި އޭނާއަށް ލިބެންޖެހޭ ބައެއް ފްލޯރތައް ނިންމައި އެ ފްލޯރތަކުން މަންފާ ހޯދަމުންދާކަން އެނގެން އޮންނާތީ، ނިޒާރު އަޙްމަދުގެ ފަރާތުން އެހާތަނަށް ޢިމާރާތުން ޙާސިލުކޮށްފައިވާ މަންފާ އުނިކޮށް އެ ފަރާތުން ޢިމާރާތަށް ކޮށްފައިވާ ޚަރަދު ލިބިގަތުމަށް މ. އޮކްސިޑެންޓަލްވިލާ އެވެކިޔާ ގޯތީގެ ބެހެނިވެރީންގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ނިޒާރު އަޙްމަދުއަށް ލިބިގެންވާކަން.
9ސިވިލް ކޯޓުގެ މި ޤަޟިއްޔާ ނިޒާރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
10ނިޒާރު އަޙްމަދުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/39 ޤަޟިއްޔާއިން ނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ
މ. އޮކްސިޑެންޓަލްވިލާ ޢިމާރާތާއި ގޯތީގެ ވެރިފަރާތްތަކާއި ނިޒާރު އަޙްމަދު އާ ދެމެދު
01 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން ޝަރީޢަތަށް ސާބިތުނުވާތީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާތިލުކަމަށް ކަނޑައަޅައެވެ. މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ.
10.1. ފްލޯރތައް ނިންމުމަށް އެއްބަސްވެފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމާއި އެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ލޯނު ނުލިބޭ ޙާލަތެއްގައި އެ ފްލޯރތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތެއް އަދި ޢިމާރާތުގެ މަސައްކަތް ނިންމުމުގެ ޒިންމާ ނަގާނެ ފަރާތެއް ބަޔާންކޮށްފައި ނުވާކަން.
10.2. ލޯނު ނުލިބުނީ ނިޒާރު އަޙްމަދުގެ ސަބަބުން ކަމުގައިވާތީ ނުނިމި ހުރި މަސައްކަތް ނިންމައި ފްލޯރތައް އެއްބަސްވުމުގައިވާ ގޮތުގެމަތިން ގޯތީގެ ވެރިފަރާތްތަކާއި ޙަވާލުކުރުމުގެ ޒިންމާ ނިޒާރު އަޙްމަދު އުފުލަންޖެހޭނެ ކަމަށް ގޯތީގެ ވެރިފަރާތްތަކުން ދެކުނު ކަމުގައިވިޔަސް ބޭންކުން ނަގަންޖެހޭ ލޯނު ނުލިބޭ ޙާލަތެއްގައި ޢިމާރާތުގެ ނުނިމިހުރި ބައިތައް ފުރިހަމަ ކުރުމަށް އެއްބަސްވުމުގެ ދަށުން ނިޒާރު އަޙްމަދުގެ މައްޗަށް ލާޒިމްކޮށްފައިވާކަން އެނގެން ނެތްކަން.
10.3. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ރިޢާޔަތްކޮށް ބޭންކުން ލޯނު ނުލިބޭ ޙާލަތުގައި ނިޒާރު އަޙްމަދުގެ އަމިއްލަ ޚަރަދުގައި އެ ޢިމާރާތުގެ ނުނިމިހުރި ބައިތައް ފުރިހަމަކޮށް ގޯތީގެ ވެރިފަރާތްތަކާ ޙަވާލުކުރުމަށް ނިޒާރު އަޙްމަދުގެ މައްޗަށް އޭނާގެ ނުރުހުމުގައި ލާޒިމްކުރެވިދާނެ ކަމަކަށް ނުފެންނަކަން.
10.4. އެއްބަސްވުން ބާޠިލް ކުރެވޭނީ ނިޒާރު އަޙްމަދު ޢިމާރާތަށް ކޮށްފައިވާ ޚަރަދުގެ ބަދަލު، އެ ޢިމާރާތުން އޭނާއަށް ލިބިފައިވާ ފްލޯރތައް ބޭނުންކޮށްފައިވާ މުއްދަތަށްވާ ފައިސާ ކެނޑުމަށްފަހު ބާކީ ފައިސާ އޭނާއަށް ދިނުމަށް ފަހުގައިކަން އެއްބަސްވުމުން އެނގެން އޮންނަކަން.
11ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޤައްލިއްޔަ ރައުޔު މި މައްސަލައިގަ ތަފާތެވެ. މި ރައުޔު ބިނާކޮށްފައިވަނީ ނިޒާރު އަޙްމަދު ޢިމާރާތްކުރުމުގެ މަސައްކަތްކޮށްފައިވަނީ ނިޒާރު އަޙްމަދުގެ އަމިއްލަ ފައިސާއިން ކަމަށް ދޭހަވާ ގޮތަށް ނިންމުމެއް ނިންމިދާނެ ކަމަށް ނުދެކޭތީވެ، ސިވިލް ކޯޓުގެ ޙުކުމް ދަމަހައްޓަންޖެހޭކަމަށް ބުރަވެއެވެ. މި ރައުޔުގައި މިހެން ބަޔާންކުރާ އަސާސަކީ ނިޒާރު އަޙްމަދު އާއި އެހެން ފަރާތަކާ ދެމެދު ހިނގާފައިވާ މުޢާމަލާތާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ތެރެއިން13 ނިޒާރު އަޙްމަދު ޚަރަދުކޮށްފައިވާ ފައިސާއަކީ، އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ފައިސާއެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ޒުލައިޚާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/39 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ޒުލައިޚާ އަޙްމަދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ، މ. އޮކްސިޑެންޓަލްވިލާ ގައި ޢިމާރާތެއްކޮށްފައި އެ ޢިމާރާތް ހެދުމަށް ޚަރަދުކޮށްފައިވަނީ އެގްރީމެންޓާއި ޚިލާފަށްކަން އެނގެން އޮންނަ ކަމާއި އަދި މިއީ
މ. އޮކްސިޑެންޓަލްވިލާ ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމުގެ އެއްބަސްވުން މި ނަމުގައި ސިވިލް ކޯޓުގައި 01 ސެޕްޓެންބަރު 2016 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ނިޒާރު އަޙްމަދު ކޮށްފައިވާ ކަމެއްކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮތްހިނދުވެސް އެކަމަށް ނުބައްލަވާ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވުމުން އިންސާފު ގެއްލިފައިވުން.
(ށ) ދެވަނަ ނުކުތާ އަކީ، މ. އޮކްސިޑެންޓަލްވިލާ ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމުގެ އެއްބަސްވުން މި ނަމުގައި ސިވިލް ކޯޓުގައި 01 ސެޕްޓެންބަރު 2016 ވަނަ ދުވަހު އެއްބަސްވުމުގެ ފުރަތަމަ ނަންބަރުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ޢިމާރާތުގެ 07 ވަނަ ފްލޯރ އާއި 08 ވަނަ ފްލޯރ އާއި 09 ވަނަ ފްލޯރ އާއި 10 ވަނަ ފްލޯރ ނިންމާ ގޯތީގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭނެކަން ޞަރީޙަ ލަފުޒުން ބަޔާންކޮށްފައި އޮންނަ ކަމާއި، އެހެންނަމަވެސް މިއަދާ ހަމައަށްވެސް ބަޔާންކުރި އެއްވެސް ފްލޯރއެއް ވެރިފަރާތާއި ޙަވާލުކޮށްފައި ނެތުމުން އެ ފަރާތްތައް މަގުމަތިވެފައިވާ މައްސަލައަށް އެންމެ ފުރިހަމައަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެއްލެވި ފަނޑިޔާރުން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވުމުގެ ސަބަބުން އިންސާފު ގެއްލިފައިވުން.
14މަތީގައި ބަޔާންކުރެވިފައިވާ ދެ ނުކުތާ އާއި އަދި އެ ދެ ނުކުތާގެ ތަފުސީލުގައި ޝަރީޢަތަށް ހުށަހެޅިފައިވާ ކަންކަމަށް ބަލައި، މި އިސްތިއުނާފުގައި ބަހުސްކުރެވޭ ފުރަތަމަ ސުވާލަކީ
މ. އޮކްސިޑެންޓަލްވިލާ އަށް ނިޒާރު އަޙްމަދު ޚަރަދުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. އަދި ދެވަނައަށް އޮތް ސުވާލު ބިނާވަނީ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް ނިމިފައިނުވާތީވެ އެކަމުގެ މައްޗަށެވެ.
15މި ކަންކަމުގެ މައްޗަށް ބަލާލުމަށްޓަކައި އެންމެ ފުރަތަމަ މި މުޢާމަލާތު ބިނާވާ އެއްބަސްވުމުގެ އަސާސްތައް ޚުލާސާކޮށްލަމެވެ.
އެއްބަސްވުން
16ކުރިންވެސް ދެންނެވިފައިވާ ފަދައިން 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމަކީ ނިޒާރު އަޙްމަދު މ. އޮކްސިޑެންޓަލްވިލާ ގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ނުނިމިހުރި ބައިތައް ފުރިހަމަ ކުރުމެވެ. އަދި މި މަސައްކަތް ނިންމުމަށް ނިޒާރު އަޙްމަދު އެއްބަސްވެފައިވަނީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައެވެ. މި މަސައްކަތަށް ފައިސާ ހޯދައި އިންވެސްޓްކުރުމަށް އެއްބަސްވެފައިވަނީ ނިޒާރު އަޙްމަދު އެވެ. ފައިސާ ހޯދުމަށް އެއްބަސްވެފައިވާ ގޮތްތަކުގެ ތެރޭގައި ލޯނު ނެގުމުގެ އިޚްތިޔާރު ނިޒާރު އަޙްމަދުއަށް ދީފައިވާކަން އެނގެއެވެ. ލޯނު ނެގުމަށް އެއްބަސްވެފައިވަނީ
މ. އޮކްސިޑެންޓަލްވިލާ ރަހުނުކުރުމަށް ފަހުގައެވެ. މިގޮތުން ނެގޭ ލޯނު ދެއްކުމުގެ ޒިންމާ އުފުލަންޖެހެނީ ނިޒާރު އަޙްމަދުކަން އެއްބަސްވުން ބެލުމުން އެނގެއެވެ. އަދި ނިޒާރު އަޙްމަދު ކުރާ އިންވެސްޓްމަންޓުގެ ބަދަލުގައި ކަނޑައެޅޭ ފްލޯރތަކެއް ކުއްޔަށްދީ މަންފާ ހޯދުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ ކަންވެސް އެނގެއެވެ. އެއްވެސް ޚަރަދެއް ގޯތީގެ ވެރިފަރާތްތަކުން ކުރުމަށް އެއްބަސްވެފައި ނުވެއެވެ.
ޢިމާރާތްކުރުމަށް ޚަރަދު ކުރުން
17ނިޒާރު އަޙްމަދު ޢިމާރާތަށް ޚަރަދު ކޮށްފައިވަނީ އެއްބަސްވެފައިވާ ގޮތާއި ޚިލާފަށްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކެއެވެ. މިހެން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣައްލިޔާތު ރައުޔުގައި ބަޔާންކޮށްފައިވާ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
" ...އޮކްސިޑެންޓަލްވިލާގެ މިލްކުވެރިންނާއި ނިޒާރު އާދެމެދު ވެފައިވާ ފުރަތަމަ އެއްބަސްވުމުގައި.. މިއެއްބަސްވުމުގެ ދަށުން ޢިމާރަތްކުރުމަށްޓަކައި އިންވެސްޓަރ އެންމެ ފުރަތަމަ ޚަރަދު ކުރާނީ ޢިމާރަތް ކުރުމަށް އެކުލަވާލެވިފައިވާ ބީ.އޯ.ކިޔޫ.ގެ %30 (ތިރީސް އިންސައްތަ).. ކަމަށް ބަޔާންކޮށް އެ ޚަރަދު ނިޒާރުކަމަށް ދެކި އެއީ ޙަޤީގަތްކަމަށް ދެކިގެން މި މައުޟޫ ކުރިއަށް ގެންދަން ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/43ޤަޟިއްޔާ ގައި މ.އޮކްސިޑެންޓަލްވިލާއަށް ނިޒާރު ކޮށްފައިވާ ޚަރަދާ ގުޅޭގޮތުން ބަޔާންކޮށް ފައިވެއެވެ"
18ޕްރިސިޑެންސް 2މިތާނގައި އިޝާރާތްކޮށްފައި އެ ވަނީ މ. އޮކްސިޑެންޓަލްވިލާ ޢިމާރާތްކުރުމަށް ވެވުނު ފުރަތަމަ އެއްބަސްވުމަށެވެ. އެކަން އެނގެނީ ބީއޯކިޔޫގެ %30 (ތިރީސް އިންސައްތަ) ފައިސާ ބެހެއްޓުމަށް މިހާރު ޢަމަލުކުރާ 01 ސެޕްޓެންބަރު 2016 އެއްބަސްވުމުގައި ނެތުމުންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައަކީ ފުރަތަމަ އެއްބަސްވުމާގުޅޭ މައްސަލައެއް ނޫނެވެ. އެ ކޯޓަށް ހުށަހެޅުނީ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު ވެވުނު ދެވަނަ އެއްބަސްވުން ކަމުގައިވާ
10 ސެޕްޓެންބަރު 2016 ގައި ވެވުނު އެއްބަސްވުމާގުޅޭ މައްސަލައެކެވެ. ސިވިލް ކޯޓުގައި ދަޢުވާކުރީވެސް ދެވަނަ އެއްބަސްވުމާއި ގުޅިގެން އުފެދުނު ޚުސޫމަތަކާގުޅޭ މައްސަލައެކެވެ. އަދި މި ފަރާތްތަކުގެ ދެމެދުގައި ދިރިދެމިއޮތް އެއްބަސްވުމަކީވެސް އެއީ އެވެ. އެއީ ފުރަތަމަ އެއްބަސްވުމަކީ 08 ޖޫން 2011 ގައި ވެފައިވާ އެއްބަސްވުމެވެ. އެއަށްފަހު ދެވަނަ އެއްބަސްވުން
01 ސެޕްޓެންބަރު 2016 ގައި ވެފައިވަނީ ފުރަތަމަ އެއްބަސްވުން ބާތިލު ކުރުމަށްފަހުކަން ސިވިލް ކޯޓުގެ ނަންބަރު 2358/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގެން އޮންނާތީއެވެ.14
19މަތީގައި ހަވާލާދެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/43ޤަޟިއްޔާއަކީ ނިޒާރު އަޙްމަދު އާއި އެހެން ފަރާތްތަކަކާ ދެމެދުގައި ހިނގާފައިވާ ފައިސާއާ ގުޅޭ މައްސަލައެކެވެ. ކަންމިހެން އޮތްއިރު މި ދެންނެވި މައްސަލައިގެ ތެރެއިން މ. އޮކްސިޑެންޓަލްވިލާ ޢިމާރާތްކުރުމުގައި ފުރަތަމަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ބީއޯކިޔުގެ %30 (ތިރީސް އިންސައްތަ) ފައިސާ ނިޒާރު އަޙްމަދު ޚަރަދުކޮށްފައިވަނީ އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުންޏެއްގެ ފައިސާ އިންކަމަށް ދޭހަވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣައްލިޔާތު ރައުޔުގައި އެ ކޯޓުން ފާހަގަކޮށްފައި އޮތުމަކުން ކުރިމަތީގައި މި އޮތް މައްސަލައިގައި ހިމެނޭ
01 ސެޕްޓެންބަރު 2016 ގައި ވެފައިވާ ދެވަނަ އެއްބަސްވުމުގެ ދަށުން ހުށަހެޅިފައިވާ މައްސަލައަކަށް ކުރާނެ އަސަރެއް ނެތެވެ. ޚަރަދު ކުރުމާގުޅޭ ސުވާލެއް ނަމަ ޒުލައިޚާ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ސާފުކޮށްދޭންޖެހެނީ މިހާރު ޢަމަލު ކުރަމުންދާ އެއްބަސްވުމާއި ޚިލާފަށް ނިޒާރު އަޙްމަދު ޚަރަދުކޮށްފައިވޭތޯ ނުވަތަ ނޫންތޯއެވެ. އެކަން ކޮށްދެވިފައި ނުވާހިނދު،
މ. އޮކްސިޑެންޓަލްވިލާގެ ޢިމާރާތުގެ މަސައްކަތަށް އިންވެސްޓުކޮށް ޚަރަދުކޮށްފައިވަނީ ނިޒާރު އަޙްމަދުގެ ފަރާތުންކަން އެއީ ދެބަސްނުވާ ހަޤީގަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި ޚަސްމުން ދައްކާފައިވާ ވާހަކަ ތަކުން އެނގެއެވެ. އަދި އެއްބަސްވުމުގެ ދަށުންވެސް ނިޒާރު އަޙްމަދު ކޮށްފައިވާ ޚަރަދަކީ އެހެން ފަރާތެއްގެ ފައިސާ ބޭނުންކޮށްގެން ކޮށްފައިވާ ޚަރަދެއްނަމަ، އެއީ މި ޤަޟިއްޔާގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަމުގެ ތަރަހައިން ބޭރެވެ. މި ޤަޟިއްޔާގައި ބެލެވިފައިވަނީ ނިޒާރު އަޙްމަދު އާއި
މ. އޮކްސިޑެންޓަލްވިލާގެ ވެރިފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމަށެވެ.
20ޕްރިސިޑެންސް 1ކަންމިހެން އޮތްއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޙަޤީގަތަކީ ޒުލައިޚާ އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތާއި ޚިލާފަށް ސާބިތުވެފައިވާ ކަންކަމަށްވެފައި، އެކަމުގެ މައްޗަށް އުފަންވާ ޤާނޫނީ ބަހުސެއް ސާފު ނުވުމެވެ. އަދި އުފައްދަން މަސައްކަތްކުރާ ޤާނޫނީ ނުކުތާއެއްވެސް ސާފުކޮށްދެވިފައި ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން15 ބޭރުން ހުށަހެޅިފައިވާ ނުކުތާއެއް ކަމުގައި ދެކެމެވެ.
ތަން ޙަވާލުނުކުރުން
21މި އިސްތިއުނާފުގައި ދެވަނައަށް އޮތް ސުވާލަކީ ނިޒާރު އަޙްމަދު އެއްބަސްވެފައިވާ ގޮތަށް ތަން ޙަވާލުކޮށްފައި ނުވާކަމަށް ޒުލައިޚާ އަޙްމަދުގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށެވެ. އަދި އެއްބަސްވެފައިވާ ގޮތަށް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ތަން ޙަވާލުކޮށްފައި ނުވުމުގެ ސަބަބުން ވެރިފަރާތްތައް މަގުމަތިވެފައިވާ ކަމާއި އަދި މިއަދާ ހަމައަށްވެސް ތަން ޙަވާލުކޮށްފައި ނުވާކަމަށް ޒުލައިޚާ އަޙްމަދުގެ ފަރާތުން ބަޔާންކޮށް ނިޒާރު އަޙްމަދު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ދެކި ޒުލައިޚާ އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ.
22ނިޒާރު އަޙްމަދު އެއްބަސްވެފައިވާ ގޮތަށް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް ނިންމިފައި ނުވެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތިން ސަބަބަކާހުރެ މަސައްކަތް ނުނިމިދާނެކަން އެއްބަސްވުމުން ތަސައްވަރުކޮށްފައި ވެއެވެ. ފުރަތަމަ ކަމަކީ، މަޤުބޫލު އުޒުރެއް މެދުވެރިވުމެވެ. ދެވަނަ ކަމަކީ، ސަރުކާރުން ޚިދުމަތެއް ލިބުން ލަސްވުމެވެ. ތިންވަނަ ކަމަކީ، ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ޢިމާރާތްކުރުމަށް ދަތިވުމެވެ. މިއިން ސަބަބެއް މެދުވެރި ނުވެ އެވާ ކޮންމެ ލަސްވުމެއްގެ ޒިންމާ އިންވެސްޓަރުގެ ހައިސިއްޔަތުން ނިޒާރު އަޙްމަދު އުފަލަން ޖެހޭނެކަން އެއްބަސްވުން ބެލުމުން އެނގެއެވެ.16 މި ދެންނެވި ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބު ފިޔަވައި ދެންހުރި ސަބަބުތަކަކީ، ވެރިފަރާތުގެ ނުވަތަ އިންވެސްޓަރުގެ ހައިސިއްޔަތުން ނިޒާރު އަޙްމަދުގެ އިޚްތިޔާރެއް ނެތް ތިންވަނަ ފަރާތަކަށް ބަރޯސާވާ ކަންކަމެވެ. ފުރަތަމަ ސަބަބު ބިނާވަނީ، ވެރިފަރާތުގެ ޢަމަލެއްގެ ސަބަބުން ވާ ލަހެއް ނުވަތަ ނިޒާރު އަޙްމަދު ކުޅަ ޢަމަލެއްގެ ސަބަބުން ކުރިމަތިވާ ލަސްތަކެވެ.
23ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމިފައިނުވާ ސަބަބާ މެދު މި ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތު ބޮޑެވެ. ނަމަވެސް މިކަމުގައި ހަވާލާދެވެނީ އެއްކަމެއްގެ މައްޗަށެވެ. އެއީ ލޯނު ހޯދުމެވެ. މި ފަރާތްތަކުގެ މި ޖަދަލު ފެށޭ ހިސާބަކީ، ގޯތި ރަހުނުކޮށް ލޯނު ނެގުމުގެ އިޚްތިޔާރު ނިޒާރު އަޙްމަދުއަށް އެއްބަސްވުމުގެ ދަށުން ލިބިދީފައިވާއިރު ލޯނު ނެގުމަށް ބޭނުންވާނެ އެހީތެރިކަން ވެރިފަރާތްތަކުން ލިބިފައިނުވާ ކަމަށް ނިޒާރު އަޙްމަދު ދެކޭތީއެވެ. ވެރިފަރާތްތަކުން މިކަމަށް އިންކާރުކުރެއެވެ.
24ލޯނު ނެގުމަށް އެއްބަސްވެފައިވަނީ ގޯތި ރަހުނުކުރުމަށް ފަހުގައި ވެރިފަރާތްތައް ހިމެނޭ ހެންނެވެ. މިގޮތުން ލޯނު ނަގާ ފަރާތަކީ ނިޒާރު އަޙްމަދު އެވެ. ލޯނު ފައިސާ ދައްކަން އެއްބަސްވެފައިވަނީ ވެސް ނިޒާރު އަޙްމަދު އެވެ. ފައިސާ ދެއްކުމާގުޅޭ އެއްވެސް އިލްތިޒާމެއް ވެރިފަރާތުގެ މައްޗަކަށް ނުވެއެވެ. ލޯނު ނެގުމުގައި ވެރިފަރާތްތަކުން އަދާކުރަންޖެހެނީ ދެ އިލްތިޒާމެކެވެ. އެއީ ގޯތީގެ ރަޖިސްޓްރީ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ނިޒާރު އަޙްމަދު އާ ޙަވާލުކުރުމުވެ. މި އިލްތިޒާމު އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައިވާކަމީ ދެބަސްނުވާ ޙަޤީގަތެކެވެ. ވެރިފަރާތްތަކުގެ މައްޗަށް އޮތް ދެވަނަ އިލްތިޒާމަކީ، ލޯނު ހަމަޖެހިއްޖެ ހިނދަކު، ލޯނު އެއްބަސްވުމުގައި ސޮއިކުރަން ކަނޑައަޅާ ތާރީޚުގައި ސޮއިކުރުމަށް ބޭންކް އަށް ދިއުމުވެ.17 ލޯނު ލިބިފައިނުވާތީވެ މި އިލްތިޒާމު އަދާކުރާ ހިސާބަށް މި މުޢާމަލާތުގައި ގޮސްފައި ނުވެއެވެ.
25ނިޒާރު އަޙްމަދުގެ ފަރާތުން 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ލޯނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހެޅިއެވެ. ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލައި ލޯނު ހޯދުމާ ގުޅޭގޮތުން ވެރިފަރާތްތަކުގެ ޒިންމާއަކީ ގޯތީގެ ރަޖިސްޓްރީ ނިޒާރު އަޙްމަދު އާ ޙަވާލުކުރުންކަމާއި މި އިލްތިޒާމު އެ ފަރާތްތަކުން އުފުލާފައިވާކަން އެނގެން އޮންނަ ހިނދު ލޯނު ލިބުމުގައި ވެރިފަރާތްތަކުގެ އިހުމާލެއް ނެތްކަމަށް ބަޔާންކޮށްފައި ވެއެވެ. ލޯނުއާގުޅޭ މަޢުލޫމާތު ސިވިލް ކޯޓުން ސާފުކުރުމުން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ލޯނު ހޯދުމަށް ނިޒާރު އަޙްމަދުގެ ފަރާތުން 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމާއި، ލޯނު ހަމަޖެހިފައިނުވަނީ "ލޯނު ދޫކުރުމުގައި ބޭންކުގެ ފަރާތުން ޢަމަލުކުރާ އުސޫލުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނުވާތީވެ" ކަމަށެވެ.18
26ކޮންމެ ސަބަބަކާހުރެ ލޯނު ނުލިބުނު ކަމުގައިވިޔަސް، ލޯނު ހަމަޖެހުނު ނަމަ އެއްބަސްވެފައިވާ ތާރީޚުގައި މަސައްކަތް ނިންމުމުގެ ފުރުސަތު ބޮޑު ވެދާނެއެވެ. މިހާ ހިސާބުން އުފުދޭ ސުވާލަކީ ނިޒާރު އަޙްމަދުގެ ޒިންމާ ލޯނު ނުލިބުމުން މި މުޢާމަލާތުގައި ހުއްޓުނީތޯ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައުޟޫޢުގައި ބަޔާންކޮށްފައިވަނީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ ޝަރުޠެއްގެ މައްޗަށް ބިނާކޮށް ލޯނު ލިބިއްޖެނަމަ މަސައްކަތް ކުރާ ގޮތަށެވެ. ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބުނާ ކަމެއް ވާހިނދު ނުވަތަ ޝަރުޠެއް ފުރިހަމަވުމަށްފަހު، ކޮންޓްރެކްޓަކަށް ޢަމަލުކުރަންޖެހޭނަމަ، އެކަމެއް ވާހިނދު ނުވަތަ އެ ޝަރުޠެއް ފުރިހަމަވުމަށް ފަހުގައި މެނުވީ ކޮންޓްރެކްޓަށް ޢަމަލުކުރާކަށް ނުޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނާތީވެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ޢިމާރާތުގެ މަސައްކަތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވަނީ ލޯނެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާތީވެ އެ ލޯނު ލިބިފައިނުވާތީވެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަސައްކަތް ނިޒާރު އަޙްމަދުގެ ނުރުހުމުގައި ކުރުމަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށެވެ.
ލޯނު ނެގުމާގުޅޭ މާއްދާ
27ލޯނު ނެގުމާގުޅޭ ގޮތުން އެއްބަސްވުމުގައި ޙަވާލާދެވިފައިވަނީ ދެ މާއްދާ އެއްގައެވެ. އެ ދެ މާއްދާއަކީ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާއެވެ. މި ދެ މާއްދާގައި ބަޔާންވެގެންވާ ކަންކަން ތިރީގައި އެ ވަނީއެވެ.
(ހ) ފުރަތަމަ ކަމަކީ، ފައިސާ ނެގުމަށް ބޭނުންވާނޭ ލިޔެކިޔުމާއި ގޯތީގެ ރަޖިސްޓްރީ އެއްބަސްވުމުގައި ސޮއިކުރާތާ 3 ދުވަހުގެ ތެރޭގައި ގޯތީގެ ވެރިފަރާތްތަކުން ނިޒާރު އަޙްމަދުއަށް ޙަވާލު ކުރަންޖެހޭކަން.
(ށ) ދެވަނަ ކަމަކީ، ލޯނު އެގްރީމެންޓުގައި ސޮއިކުރަން ބޭންކުން އަންގާ ތާރީޚެއްގައި އެ އެގްރީމެންޓުގައި ސޮއިކުރުން.
(ނ) ތިންވަނަ ކަމަކީ، ލޯނު ފައިސާ ދައްކާނީ ނިޒާރު އަޙްމަދު ކަން.
28ޕްރިސިޑެންސް 3މަތީގައި ބަޔާންކުރެވިފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާގައި އެކަށައަޅާފައިވާ ކަންކަމަށް ބަލައި، ލޯނު ނެގުމަކީ އެ މައްޗަށް މުޅި އެއްބަސްވުން ބިނާވެފައި އޮތްކަމެއް ނޫނެވެ. އަދި ލޯނު ނުލިބިއްޖެނަމަ، އެއްބަސްވުން ތަންފީޒުނުވާނެ ކަމަށް އަދި މުޅި މުޢާމަލާތު ރޫޅޭނެކަމަށް މިއިން އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، ބުނެވުނު ލޯނު ނެގުމާގުޅޭ ދެ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ބުނާފަދަ މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ލޯނެއް ލިބުން ޝަރުޠުކޮށް ކުރެވިފައިވާ މުޢާމަލާތެއްގެ ގޮތުގައި ނުބެލެވެއެވެ. ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ މި ނިންމުމަކީ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމަށް ބުރަނުވެވެއެވެ.
29ޕްރިސިޑެންސް 4ޚަރަދުކޮށް އިންވެސްޓްކުރާ ފަރާތަކީ ނިޒާރު އަޙްމަދު ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތުމާއެކު ލޯނު ނުލިބުމާއެކު އެ މަސައްކަތް ހުއްޓާލުމަކީ އެއްބަސްވުމުގެ މަޤްސަދެއްނޫނެވެ. އެކަމުގެ ވިސްނުމެއް އެއްބަސްވުމުގެ ބައިވެރިންގެ ނެތެވެ. ލޯނު ނެގުމަކީ އޮތް އިޚްތިޔާރެކެވެ. ލޯނު ނުލިބުމަކީ ނިޒާރު އަޙްމަދު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ކަނޑައެޅިފައިވާ އިލްތިޒާމުތަކުން އޭނާ ބަރީޢަވާ ކަމެއް ނޫނެވެ. އެކަން ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ. މިކަން ނިޒާރު އަޙްމަދުގެ ޢަމަލުންނާއި ގޯތީގެ ވެރިފަރާތްތަކުގެ ޢަމަލުންނާއި އެ ފަރާތްތަކުން ޝަރީޢަތުގެ އެކި މަރުޙަލާގައި ދައްކާފައިވާ ވާހަކަ ތަކުން އެނގެއެވެ.
30އަދި ލޯނު ނުލިބުމުން ނިޒާރު އަޙްމަދުގެ ފަރާތުން މުޅި ޢިމާރާތުގެ މަސައްކަތްތައް ފުރިހަމަ ކުރަމުންދިޔައިރު، އެއީ ދެބަސްވުމެއް އޮތްކަމެއް ކަމަށް ދެކޭނަމަ އެކަން ހުއްޓުވުމަށްޓަކައި ގޯތީގެ ވެރިފަރާތްތަކުން އެކަށީގެންވާ ގޮތަށް ފިޔަވަޅުތައް އަޅާފައިވާކަން ފެންނަން އޮންނަން ވާނެއެވެ.
31ކަންމިހެން އޮތްއިރު، ޢިމާރާތުގެ މަސައްކަތް ނިމި ތަން ބޭނުންކުރަން ފެށުމަށްފަހު، ތަން ޙަވާލުކޮށްފައި ނުވާކަމަށް ދެކި ޒުލައިޚާ އަޙްމަދުގެ ފަރާތުން ފާހަގަކުރާ ކަންކަމަކީ މިހާރު ބަދަލުވެފައިވާ ހަޤީގަތެކެވެ.
އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭ ފަދަ ޙާލަތެއް މެދުވެރި ވެފައިވޭތޯ
32މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޒުލައިޚާ އަޙްމަދުގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކޮށް ދިނުމަށެވެ. ދަށު ކޯޓުން ވަނީ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތަން ނިންމައި ޙަވާލުކޮށްފައި ނުވާތީވެ، އެއްބަސްވުން ބާތިލުކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުންވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
33ޕްރިސިޑެންސް 5ކޮންޓްރެކްޓެއްގެ އެއް ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު މައުސޫމް ފަރާތަށް ލިބިގެން ވެއެވެ. ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ19 މި ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކޮށް ދީފައިވަނީ ކޮންޓްރެކްޓެއް ބާތިލުކުރެވެނީ އެ ޚިލާފުވުމަކީ ޖައުހަރީ ނުވަތަ މައިގަނޑު ޚިލާފެއް ކަމުގައިވާނަމަ އެވެ. އަދި ސުވާލު އުފެދޭ ޚިލާފުވުމަކީ މައިގަނޑު ޚިލާފެއްތޯ ނުވަތަ ނޫންތޯ ބަލާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސްކަމުގެ މައްޗަށްކަމަށް ބަޔާންކޮށްފައި ވެއެވެ. މި ކަންކަން ދެނެގަނެވޭނީ މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށެވެ. އަދި އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައުޞޫމް ފަރާތް އެ ކޮންޓްރެކްޓުން ހޯދި ވިޔަފާރިން މަޙްރޫމް ކުރުވަނިވި ޚިލާފެއްތޯ ނޫންތޯ، ނުވަތަ މުޅި ކޮންޓްރެކްޓްގެ ފުނަށް ގޮސް ކޮންޓްރެކްޓްގެ މުލާ ހަމައަށް ގޮސް އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، އެ ޚިލާފުވުމުގެ ނަތީޖާއަށް ރިޢާޔަތްކުރުމާއި، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ މަސްލަޙަތަށާއި، ޚިލާފުވާ ފަރާތުގެ މަސްލަޙަތު ފަދަ ކަންކަމަށް ރިޢާޔަތްކުރުން ހިމެނޭކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.20
34ކުރިމަތީގައި މި އޮތް މައްސަލައިގައި އެއްބަސްވުން ބާތިލުކުރަން ޖެހޭކަމަށް ދެ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ކުރިމަތިކޮށްފައި ވެއެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، މި އިސްތިއުނާފުގެ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައި އެވާ ޚަރަދު ކުރުމާގުޅޭ ކަންކަމެވެ. ނަމަވެސް، އެ ނުކުތާގައި ތަފުސީލުގައި ޒުލައިޚާ އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ، މި ފަރާތްތަކުގެ މެދުގައި މިހާރު ޢަމަލުކޮށް ނިމިފައިވާ އެއްބަސްވުމާގުޅޭ ކަމެއް ކަމަށްވެފައި، ވުޖޫދުގައި ފިލާގޮސްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މިހާރު ޢަމަލުކުރާ
10 ސެޕްޓެންބަރު 2016 ގެ އެއްބަސްވުން ބާތިލުކުރުމަށް ތައުނުކުރެވިދާނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ. ދެވަނައަށް، ފާހަގަކުރާ ސަބަބަކީ އިސްތިއުނާފީ ދެވަނަ ނުކުތާގައި އެއްބަސްވެފައިވާ ގޮތަށް ތަން ޙަވާލުކޮށްފައި ނުވާކަމުގެ މައްޗަށެވެ. ތެދެކެވެ. އެއްބަސްވެފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ތަން ޙަވާލުކުރެވިފައި ނުވެއެވެ. ނަމަވެސް މިހާރު ޢިމާރާތުގެ މަސައްކަތް ނިމި ވެރިފަރާތްތަކުން ތަން ބޭނުންކުރަމުން ދާކަން އެއީ ދެބަސްނުވާ ޙަޤީގަތެކެވެ.
35މި ފަރާތްތަކުގެ މެދުގައިވާ އެއްބަސްވުމަށް ނަޒަރުކުރާއިރު، މި އެއްބަސްވުމަކީ ޖުމްލަ 26 މާއްދާ އެއްގެ މައްޗަށް އެކުލެވިގެންވާ މި ފަރާތްތަކުގެ މެދުގައި މ. އޮކްސިޑެންޓަލްވިލާ ގޯތި ޢިމާރާތްކުރުމަށް ކުރިންވެފައިވާ އެގްރީމެންޓެއް ބާތިލުކުރުމަށްފަހު ވެފައިވާ އެއްބަސްވުމެއްކަން އެނގޭކަމާއި، މި އެއްބަސްވުމުގެ މަޤުސަދަކީ ނިޒާރު އަޙްމަދުގެ ފަރާތުން އެ ގޯތީގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން ނުނިމިހުރި މަސައްކަތް ފުރިހަމަ ކުރުންކަން އެނގެއެވެ. ގޯތި ޢިމާރާތްކުރެވިފައިވަނީ 10 (ދިހައެއް) ބުރިއަށް ކަމަށްވެފައި، އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު މަސައްކަތަކީ މަތީ ހަތަރު ފްލޯރ ކަމުގައިވާ ހަތްވަނަ ފްލޯރ، އަށްވަނަ ފްލޯރ، ނުވަވަނަ ފްލޯރ އަދި ދިހަވަނަ ފްލޯރގެ ފިނިޝިންގ މަސައްކަތެވެ. ޚަރަދުކޮށް އިންވެސްޓުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ނިޒާރު އަޙްމަދުއަށް އިންވެސްޓަމަންޓުގެ ބަދަލުގައި ދިގު މުއްދަތަކަށް ހަ ފްލޯރއެއް އޭނާ މަންފާ ހޯދުމަށްޓަކައި ލިބިދެއެވެ. އެއީ ފުރަތަމަ 5 ފްލޯރ ކަމުގައިވާ ފުރަތަމަ ފްލޯރ އާއި ދެވަނަ ފްލޯރ އާއި ތިންވަނަ ފްލޯރ އާއި ހަތަރުވަނަ ފްލޯރ އާއި ފަސްވަނަ ފްލޯރ 25 އަހަރުގެ ދުވަހުގެ މުއްދަތަށް ނިޒާރު އަޙްމަދުއަށް ލިބިދިނުމާއެކު 6 ވަނަ ފްލޯރ 50 އަހަރު ދުވަހުގެ މުއްދަތަށް ލިބިދިނުމެވެ. ބާކީ ހަތަރު ފްލޯރއަކީ ވެރިފަރާތްތަކަށް ލިބިދެވޭ ފްލޯރތަކެވެ. މަސައްކަތަށް ކަނޑައެޅުނު މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚު ކަމުގައިވާ 01 ސެޕްޓެންބަރު 2016 އިން ފެށިގެން 12 މަސްދުވަހެއެވެ. މި މުއްދަތު ހަމަވާ ތާރީޚަކީ 31 އޮގަސްޓު 2017 އެވެ.
36ޕްރިސިޑެންސް 6މި މުއްދަތު ފަހަނައަޅައި ދިޔައިރު ނިޒާރު އަޙްމަދު އަކަށް ތަން ޙަވާލުކުރެވިފައި ނުވެއެވެ. ސުވާލަކީ، މިހާރު މަސައްކަތް ނިމި ތަން ބޭނުންކުރަމުންދާއިރު، މަސައްކަތް ދިގުދެމި ލަސްވުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރުން ހުއްދަވާނެ ތޯއެވެ. ލޯނު ނަގައި އެ ލޯނު އެއްބަސްވެފައިވާ ގޮތަށް ނުދެއްކޭ ޙާލަތުގައި ފިޔަވައި އެހެން ކަމަކާގުޅުވައި އެއްބަސްވުން ބާތިލުކުރެވިދާނެ ކަމަކަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް މުޅި ޢިމާރާތުގެ މަސައްކަތް ނިޒާރު އަޙްމަދު ނިންމާފައިވަނީ ބޭންކުން ލޯނެއް ނެގުމެއްނެތި ކަމަށްވެފައި، މި ޙާލަތު މި މުޢާމަލާތުގައި އުފަންނުވާނެއެވެ. ވުމާއެކު ސުވާލު އުފެދިފައިވާ ލަސްވުމަކީ އޭގެ ޒާތަށްބަލައި އެއްބަސްވުން ބާތިލުކުރެވިދާނެ ސަބަބެއްކަމަށް އެއްބަސްވުމުގައި ބުނެފައި ނުވާއިރު، އެ ނޫން ސަބަބަކާހުރެ އެއްބަސްވުން ބާތިލުކުރުމަށް ގޯތީގެ ވެރިފަރާތްތަކުން އެދޭ ސަބަބުތަކަކީ އިސްތިޤުރާރުވެފައިވާ ހަމަތަކަށް ބަލައި އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ނިޒާރު އަޙްމަދު ޚިލާފުވެފައިވާކަން ދަލާލަތުކޮށްދޭ ކަންކަމުގައި ވާންވާނެއެވެ.
37މަސައްކަތް އަވަސްކުރުމަށް ލޯނު ނެގުމުގެ އިޚްތިޔާރު އޮތެވެ. ލޯނު ހޯދުމަށް މަސައްކަތް ކުރިއެވެ. ލޯނު ލިބިފައިނުވެއެވެ. ލޯނެއް ނެތި މަސައްކަތް ނިމިފައިވާތީވެ ގޯތީގެ ވެރިފަރާތްތަކުން ލޯނަކާ ގުޅިގެން އުފުލަންޖެހިދާނެ އިލްތިޒާމެއް މިހާރު ނެތެވެ. ލޯނު ނެގިނަމަ ގޯތި ހުންނާނީ ރަހުނެއްގެ ގޮތުގައި ބެހެއްޓިފައެވެ. ގޯތީގެ ވެރިފަރާތްތަކަށް ކަނޑައެޅުނު ފްލޯރތައް އެ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ. ނިޒާރު އަޙްމަދު ވެފައިވާ އެއްބަސްވުމުގެ ތަބީޢަތަކީ ވިޔަފާރީގެ މުޢާމަލާތެއްކަމަށްވެފައި، އެއްބަސްވުން ބާތިލުކުރެވޭ ހިނދަކު އޭނާ ކޮށްފައިވާ އިންވެސްޓްމަންޓަށް އަސަރުކުރުމުގެ ފުރުސަތު ވެސް އޮވެދާނެއެވެ.
38ކަންމިހެން އޮތްއިރު، އެއްބަސްވުން ބާތިލުކުރުމާމެދު ވެރިފަރާތްތަކުގެ މެދުގައިވެސް ޚިޔާލު ތަފާތެވެ. ވެރިފަރާތްތަކުގެ ތެރެއިން މުޙައްމަދު ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވެސް އެއްބަސްވުން ބާތިލުކުރުމަށް ނުރުހޭކަން ވަނީ ފާޅުކޮށްފައެވެ. ވުމާއެކު، އެއްބަސްވުން ބާތިލުކުރުމަށް މި އިސްތިއުނާފުގައި ޒުލައިޚާ އަޙްމަދުގެ ފަރާތުން ފާހަގަކުރާ ކަންކަމަކީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި އެއްބަސްވުމުގެ ޖައުހަރީ ޚިލާފެއް ކަމަކަށް ބުރަނުވެއެވެ. އަދި މި ކޮންޓްރެކްޓުގެ ބައިވެރިން މި މުޢާމަލާތުގައި އާދެވިފައިވާ ހިސާބަށް ބެލުމާއެކު ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ21 މި ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ހަމަތަކަށް ރިޢާޔަތްކޮށް އެއްބަސްވުން ބާތިލުކުރަންޖެހޭ ފަދަ ކަމެއް މި މައްސަލައިގައި ތިލަވެފައި ނުވެއެވެ.
39ނަމަވެސް މަސައްކަތް ލަސްވުމަކީ ވަރަށް ސީރިއަސް ކަމެކެވެ. އެކަމުގެ ސަބަބުން ގޯތީގެ ވެރިފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނުކަން އެނގެއެވެ.
40ޕްރިސިޑެންސް 7އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ނިމުނުނަމަ ތަން ޙަވާލުކުރަންޖެހޭ ތާރީޚަކީ
31 އޮގަސްޓު 2017 އެވެ. މި ތާރީޚަށް މަސައްކަތް ނިންމުމަކީ ނިޒާރު އަޙްމަދުގެ ޒިންމާއެކެވެ. މަޤުބޫލު އުޒުރެއްނެތި މަސައްކަތް ލަސްވުމުގެ ސަބަބުން ވެރިފަރާތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ ޒިންމާ ނިޒާރު އަޙްމަދުގެ ފަރާތުން އުފުލަންޖެހޭނެ ކަމަށް ދެކެމެވެ. އަދި ހަމަ މިއާއެކު، ޢިމާރާތުގެ މަސައްކަތް ކުރެވިފައިވާ ފެންވަރާއި މިންވަރުގެ މައްޗަށް ބިނާކޮށް ގިނަ ވާހަކަތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ރަޝީދު ފިޔަވައި ގޯތީގެ ވެރިފަރާތްތަކުން ދައްކާފައިވިކަމުގައި ވިޔަސް މިއިން އެއްވެސް ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މަރުޙަލާގައި22 ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ. އަދި މި މައްސަލަ ނިމުމަކުން އެފަދަ ދައުވާއެއް ނިޒާރު އަޙްމަދުގެ މައްޗަށް އުފުލުމަކަށް ގޯތީގެ ވެރިފަރާތްތަކަށް ހުރަހެއްވެސް ނެތެވެ.
މައްސަލަ ނިންމަން ފެންނަގޮތް އަދި ނަތީޖާ
41އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، 10 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ލޯނެއް ލިބުން ޝަރުޠުކޮށް ކުރެވިފައިވާ މުޢާމަލާތެއްގެ ގޮތުގައި ދިވެހިރާއްޖޭ ހައިކޯޓުގެ އަޣުލަބިއްޔަތުން ދެކި ފާހަގަކޮށްފައިވާ ކަންކަމަކީ، ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ކަންތައް ތަކެއްކަމުގައި ބުރަނުވެވޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2019/HC-A/39 ޤަޟިއްޔާގެ ނިންމުމުގައިވާ އެ ބައި ބާތިލުކުރުމަށް ފެނެއެވެ.
42އެހެންނަމަވެސް، އެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ދެން ހިމެނޭ ކަންކަމަށް ތާއީދުކޮށް، މި މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
44މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން،
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/39 ޤަޟިއްޔާގައި މި މައްސަލައިގައި ހިމެނޭ 10 ސެޕްޓެންބަރު 2016 ގެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލޯނެއް ލިބުން ޝަރުޠުކޮށް ކުރެވިފައިވާ މުޢާމަލާތެއްގެ ގޮތުގައި ފާހަގަކޮށް ނިންމަވާފައިވާ އޮތްއޮތުން ބާތިލުކޮށް،
(ށ) އެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ދެން ހިމެނިފައިވާ ބައިތަކަށް ތާއީދުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
1
2
3
4
5
6
7
8
9
10 ސިވިލް ކޯޓުގެ ނަންބަރު Cv-C/C-915/2016
11 ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު 144-B3-CR3/BML/2018/49 (24 އޮކްޓޫބަރު 2018)
12 ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2018/1778 (01 ނޮވެންބަރު 2018)
13 މި މައްސަލައިގެ ތަފްސީލު މި ރައުޔުގެ 19،18،17 ވަނަ ޕެރެގްރާފުގައި އިޝާރާތްކުރެވިފައި ވާނެއެވެ.
14ސިވިލް ކޯޓުގެ މި ޤަޟިއްޔާއަކީ އިސްތިއުނާފު ކުރާ ފަރާތާއި ތަދައްޚުލުވި ފަރާތްތަކުން ނިޒާރު އަޙްމަދުގެ މައްޗަށް ހުށަހަޅާ ނިމިފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތެރެއިން ހުށަހެޅުނު މައްސަލައަށް ސުލްޙަވެ 08 ޖޫން 2011 ގައި ވެވުނު އެއްބަސްވުންވަނީ ބާތިލުކޮށްފައެވެ. އެއަށްފަހު މިހާރު ޢަމަލުކުރާ 01 ސެޕްޓެންބަރު 2016 ގެ އެއްބަސްވުން ވެވުނެވެ.
15ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ސާފުކޮށް ބަޔާންކުރެވިފައެވެ. އެގޮތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ. މި ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީގެ ކުރިން ނިންމާފައިވާ ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް [2021] SC 01 އާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް [2023] SC 35 އާއި އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 އަދި ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) [2023] SC 37 ފަދަ ޤަޟިއްޔާ ތަކުގައި ދަމަހައްޓާފައި ވެއެވެ.
16 އެއްބަސްވުމުގެ 1 ވަނަ މާއްދާ
17 އެއްބަސްވުމުގެ 4 ވަނަ މާއްދާ
18 ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 04 ވަނަ ނުކުތާގެ (ބ)
19 [2021] SC 52
20އބމ ގެ ޕެރެގްރާފް 42
21 [2021] SC 52
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބެލުމުގައި އަސާސަކަށް ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ކަމުގައިވާއިރު، އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯވެއެވެ. މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކުގައި ޙަވާލާދީފައި ވެއެވެ. މިގޮތުން ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 މައްސަލަ އާއި، މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑ[2022] SC 22 މައްސަލަ އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑ[2022] SC 23 މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26 މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70 މައްސަލަ ފާހަގަ ކުރަމެވެ.
2019/SC-A/300 [2021] SC 778
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) (ތަދައްޚުލުކުރުން)
- ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] SC 52 (ޕެރ. 42)
- ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް [2021] SC 01
- އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް [2023] SC 35
- އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18
- ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) [2023] SC 37
- ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39
- މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2022] SC 23
- އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70
- ހައިކޯޓުގެ 2018/HC-A/43 (ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ހަވާލާދީފައިވާ ޤަޟިއްޔާ؛ ސުޕްރީމް ކޯޓުން ތަފާތުކުރި)
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 28 ނޮވެމްބަރު 2021 · ރަޖިސްޓްރީކުރީ 1 މާރިޗު 2022 · ނިމުނީ 13 ޖަނަވަރީ 2025 (34.5 މަސް)