ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 70
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް، [2022] SC 70 (2022/SC-A/85)
Prosecutor General's Office v. Miushaaru Saalih [2022] SC 70 (2022/SC-A/85, Supreme Court of the Maldives, 1 November 2022)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް
މައްސަލައިގެ ޚުލާޞާ
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން (S2C/2022/15) ނިންމީ، ހެކިން ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ މަޢުޟޫޢީ ގޮތުން މައްސަލަ ބެލުމަކާނުލާ ނިންމޭނެ ކަމެއް ނޫންކަމުން ދައުލަތުގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދައުލަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާ ދަށުކޯޓު ޚިލާފުވި ގޮތާއި ބަޙުސަކީ ކޮބައިކަން ބަޔާންކޮށްދީފައި ނުވާތީ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން (2022/HC-B12/104) ނިންމިއެވެ. ހައިކޯޓުގެ އެ ނިންމުމާމެދު ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅުމުން މި މައްސަލަ ސުޕްރީމް ކޯޓަށް އައީއެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާ މިޢުޝާރު ޞާލިޙްގެ މައްޗަށް ދައުލަތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވިއެވެ. އިބްތިދާއީ މަރުޙަލާގައި ދިފާޢުން ހުށަހެޅި 10 ޝަފަހީ ހެއްކާއި ކިތާބީ ހެއްކެއް ބަލައިނުގަތުމަށް އެދި ދައުލަތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.
ދައުލަތުން ހުށަހެޅި އެކަނި އިސްތިއުނާފީ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ) ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ދަށުން ނިންމާ ނިންމުން އިސްތިއުނާފުކުރެވޭ 4 ޙާލަތާމެދު ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ދިފާޢީ ހެކިން ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ހައިކޯޓުން ނިންމި ނިންމުމުން ސުޕްރީމް ކޯޓަށް ކުރި އިސްތިއުނާފުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ އިސްތިއުނާފީ އޮޅިގަނޑެއް ގިރާކުރޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެވުނު؛ ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި އެކަންޏެވެ. ދައުލަތުން ޙަވާލާދިން އުޞޫލުތަކަކީ ހައިކޯޓުގައި ބަޙުސްކުރެވިފައިވާ ކަންކަމެއް ނޫނީ، ހައިކޯޓަށް ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާ މުޅިން ތަފާތު ކަންކަމެއް ކަމަށްވާތީ، އޮޅިގަނޑެއް ގިރާނުކުރާ ކަމަށް ކޯޓުން ނިންމިއެވެ. އިތުރަށް ކޯޓުން ފާހަގަކުރީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) އާއި އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ދަށުން ހެކި ބަލައިގަތުމާމެދު ޝަރީޢަތުގެ ތެރެއިން ޠަޢުނުކުރެވޭތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން އިސްތިއުނާފަށް ތަންދެނީ ޝަރީޢަތުގެ ތެރެއިން އިތުރަށް ގޮތް ނިންމުމުގެ ފުރުޞަތު ނެތް ނިންމުންތަކަށް ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ބަލައިނުގަނެ، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އިއްތިފާޤުން ޙުކުމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ނަމަ، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12، 22–23)
- ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުން އެ މާއްދާގެ އެ އަކުރުގައި ބަޔާންވެގެންވާ ކަންކަމަކީ، އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ކަމެއް ހުށަނާޅައިފި ނަމަ އެ ކަމެއް ދޫކޮށްލީ ކަމަށް ބެލެވޭނެ ކަންތައްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 22–23)
- ހެކި ބަލައިގަތުމާއި ހެކީގެ ސައްޙަ ކަމާމެދު މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ޠަޢުނު ކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17–18، 22–23)
- އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރުމުން، މައްސަލައާއި ނުވަތަ ސާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރަށް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22–23)
- މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން ނޫނީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވެސް ވުޖޫދުވެފައި އޮވެދާނެއެވެ. އެހާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޝަރީޢަތުގެ ތެރެއިން ކަމަށް ނިންމިދާނެއެވެ. މިކަންކަމަށް ގޮތް ނިންމުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22–23)
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ މަރުޙަލާގައި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ތަންދެނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތައް ކަމަށް އަހުރެން ދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 22–23)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިޢުޝާރު ޞާލިޙް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:- (މީގެ ފަހުން "މިޢުޝާރު ޞާލިޙް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2މިޢުޝާރު ޞާލިޙް، 16 ފެބުރުވަރީ 2018 ދުވަހު 02:30 އެހައިކަށްހައިރު، ހ. ފައިންބީޗް ގޭގެ ސަރަޙައްދުގައި އިތުރު ބަޔަކާއެކު ކިވީ ބްރޭންޑްގެ ވަޅިއެއް ބޭނުންކޮށްގެން، ކ. މާލެ، ހ. ގާތުގިރި މުޙައްމަދު ޢިމްރާން އަޙްމަދު އާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާތީ، މިޢުޝާރު ޞާލިޙުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
3މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި މިޢުޝާރު ޞާލިޙްގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ޝަފަހީ 10 (ދިހައެއް) ހެއްކަކާއި ކިތާބީ ހެއްކެއް ހުށަހަޅާފައިވެއެވެ.
4މިހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
5ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2022/15 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ބަޔާންވެގެންވަނީ، ހުށަހެޅިފައިވާ ހެކިން ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ މަޢުޟޫޢީ ގޮތުން މައްސަލަ ބެލުމަކާނުލާ ގޮތެއް ނިންމޭނެ ކަމެއް ކަމަށް ނުވާތީ، ދައުލަތުގެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށެވެ.
6ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުންވަނީ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
7ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާއިންނެވެ.
8ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއްނުކުތާއެވެ. އެ ނުކުތާގައި ބުނެފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2022/15 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
9ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. ހައިކޯޓުގެ ނިންމުން ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ދަށުކޯޓުން ޚިލާފްވެފައިވާ ކަމަށް ދައުލަތުން ބަޔާންކޮށްފައިވާއިރު، ދަށުކޯޓުން އެމާއްދާއާއި ޚިލާފްވާގޮތެއް ދައުލަތުން ބަޔާންކޮށްފައިނުވާތީ، އެމާއްދާއާއި ޙަވާލާދީ ދައުލަތުން ކުރަންބޭނުންވާ ބަޙުސަކީ ކޮބައިކަން މިޙާލަތުގައި އެނގެން ނެތުމާއި،
2. ދަށު ކޯޓުގެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ޚިލާފު ކަމަށް ދައުލަތުން ބުނެފައިވާއިރު، އެކަމުގައި އުފެދޭ ޤާނޫނީ ބަޙުސަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވުމެވެ.
10ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
11ދައުލަތުގެ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެނުކުތާގައި ބަޔާން ކޮށްފައިވަނީ، ހައިކޯޓުގެ ނިންމުން "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުން" މިހެންނެވެ.
12ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ނަމަ، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ.
13މިމައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފުސީލަށް ބަލާއިރު، ދައުލަތުން ހަވާލާދެނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލަށްކަން އެނގެއެވެ. އެ އުޞޫލުގައި ބަޔާންވެގެންވަނީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން ފަނޑިޔާރު ނިންމާ ނިންމުމަކީ މަދު ޙާލަތެއްގައި މެނުވީ އިސްތިއުނާފު ނުކުރެވޭނެ ނިންމުމެއް ކަމަށާއި، އެނިންމުން އިސްތިއުނާފު ކުރެވޭނީ 4 ޙާލަތެއްގައި ކަމަށާއި، އެއީ ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި ކަމާއި ނުބެހޭ ކަންކަމަށް ރިޢާޔަތް ކޮށްފައިވުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި ރިޢާޔަތްކުރި ވާޤިޢާތަކުގެ ޙަޤީޤަތް ފަނޑިޔާރަށް އޮޅިފައި އޮތުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި މައިގަޑު ވާޤިޢާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތް ކޮށްފައިނުވުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގެ ސަބަބުން އެކަށީގެން ނުވާކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުމެވެ.
14އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި ދައުލަތުން މުޅިންވެސް ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމަށެވެ. ބުނެވިދިޔަ އުޞޫލާ ހައިކޯޓުގެ ނިންމުން ޚިލާފުވާ ގޮތެއް ބަޔާންކޮށްދެވިފައި ނުވެއެވެ.
15ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންވެގެންވާ ކަންކަމަކީ ހައިކޯޓަށް ހުށަހެޅި އެކޯޓުގައި މައްސަލައިގެ ދެފަރާތުން ބަޙުސް ކޮށްފައިވާ ކަންތައްތަކެއްކަން އެނގެން ނެތްކަން ވެސް ފާހަގަކުރެވެއެވެ.
16ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ޚިލާފު ކަމަށެވެ. އިސްވެބަޔާންވެ ދިޔަ ދެ ޤާނޫނުގެ ދެމާއްދާގައި ބަޔާންވެގެންވާ ކަންކަމާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންވެގެންވާ ކަންކަމަކީ މުޅިން ތަފާތު ކަންތައްތަކެއްކަން ފާހަގަ ކުރެވެއެވެ. މިގޮތުން މިމައްސަލައަކީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ.
17ޕްރިސިޑެންސް 3ބަހުސްގެ ބޭނުމަށް މިމައްސަލާގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ކަމަށް ބަލަމާ ހިނގާށެވެ. މިގޮތުން ބަލާއިރު، މިމައްސަލައިގެ މައުޟޫޢަކީ އިބްތިދާއީ މަރުޙަލާގައި ޝަރީޢަތަށް ހެކި ބަލައިގަތުން ކަމަށްވާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ކަމަށްވާ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ޝަރީޢަތަށް ހެކި ބަލައިގަތުމާބެހޭ އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެޤަޟިއްޔާގައި ބަޔާންވެގެންވާ ގޮތުން ހެކި ބަލައިގަތުމާއި ހެކީގެ ސައްޙަ ކަމާމެދު މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ޠަޢުނު ކުރެވޭނެއެވެ.
18ޕްރިސިޑެންސް 2ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުން އެ މާއްދާގެ އެ އަކުރުގައި ބަޔާންވެގެންވާ ކަންކަމަކީ، އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ކަމެއް ހުށަނާޅައިފި ނަމަ އެ ކަމެއް ދޫކޮށްލީ ކަމަށް ބެލެވޭނެ ކަންތައްތަކެކެވެ. އޭގެ ތެރެއިން 3 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އިބްތިދާއީ މަރުޙަލާގައި ހުށަހެޅިދާނެ ކަމަށެވެ. ޝަރީޢަތަށް ހެކި ބަލައިގަތުމާއި ގުޅޭގޮތުން އެ ޤާނޫނުގެ އެހެން ތަނެއްގައި އެހެން ގޮތަކަށް ބަޔާން ވެގެންވެއެވެ. އެއީ އެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގައެވެ. ޝަރީޢަތަށް ހެކި ޤަބޫލު ކުރުމާއި ގުޅޭ ގޮތުން މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ވެސް ޠަޢުނު ކުރެވޭނެކަން އެ މާއްދާއިން ދޭހަ ވެއެވެ.
19ޕްރިސިޑެންސް 4ޕްރިސިޑެންސް 5އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރުމުން، މައްސަލައާއި ނުވަތަ ސާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރަށް ނިންމިދާނެއެވެ. އެމަރުޙަލާގައި ހެކިތަކާއި ގުޅޭގޮތުން ބެލޭނީ މަތިމަތިން ފެންނަން ހުންނަ ކަންކަމަށް ކަމަށްވުމާއި، އެހައިތަނަށް ހެކިބަސް ނެގިފައި ނުވާނެތީ އާއި، އެމަރުޙަލާގައި މައްސަލައިގެ މައުޟޫޢު ނިއުޅާލެވިފައި ނުވާނެތީ، ސާފުކޮށް ކަންކަން ދެނެގަނެވެން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން ނޫނީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވެސް ވުޖޫދުވެފައި އޮވެދާނެއެވެ. އެހާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޝަރީޢަތުގެ ތެރެއިން ކަމަށް ނިންމިދާނެއެވެ. މިކަންކަމަށް ގޮތް ނިންމުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
20ޕްރިސިޑެންސް 6ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ ތެރެއިން ވެސް އެ ކަންކަމާމެދު އިތުރަށް ބަހުސްކުރެވި ގޮތް ނިންމޭ ކަންތައްތަކަށްވާއިރު، މައްސަލައިގެ ޝަރީޢަތުގައި އެކަންކަން ހުށަހެޅުމުގެ ބަދަލުގައި، އިސްތިއުނާފަށް ހުށަހެޅުމަކީ ދަށުކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖެހި ޝަރީޢަތް ނުނިމި ދިގުލައިގެން ދާނެ ސަބަބަކަށް ވާނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުން އެ ޤާނޫނުގެ އެއް މަޤްޞަދަކީ ޖިނާއީ މައްސަލަތައް ވީހާވެސް އިންސާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުޞޫލުތައް ކަނޑައެޅުމެވެ. މިހެންމިކަން އޮތުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ މަރުޙަލާގައި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ތަންދެނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތައް ކަމަށް އަހުރެން ދެކެމެވެ.
21އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، މި މިމައްސަލައަކީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ނޫން ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން މި އިސްތިއުނާފީ މައްސަލަ ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.
ގެ
22މި މައްސަލާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
23މި މައްސަލާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ)
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާ
- ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ
- 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ)
- އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 އޮކްޓޫބަރު 2022 · ރަޖިސްޓްރީކުރީ 20 އޮކްޓޫބަރު 2022 · ނިމުނީ 1 ނޮވެމްބަރު 2022 (12 ދުވަސް)