ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 55
ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، [2023] SC 55 (2022/SC-A/101)
Hamid Faiz v. Niyadhuru Holdings Private Limited [2023] SC 55 (2022/SC-A/101, Supreme Court of the Maldives, 29 November 2023)
ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 663/Cv-C/2019 ޤަޟިއްޔާއިން ކުލީގެ ފައިސާއާއި ޖޫރިމަނާ ޙާމިދު ފާއިޒް ދައްކައި ތަން ހުސްކޮށް ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2019/HC-A/446 ޤަޟިއްޔާއިން އިސްތިއުނާފު ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ނިންމުމުން، އެ ނިންމުން ޙާމިދު ފާއިޒް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ގ. މަލްވިނަގެ ގްރައުންޑް އަދި ފަސްޓް ފްލޯރ 15 އަހަރަށް މަހަކު 80,000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުލި ނުދައްކާތީ، ނިޔަދުރު ހޯލްޑިންގްސް އިން އެއްބަސްވުން ބާޠިލުކޮށް ކުލި، ޖޫރިމަނާ އަދި ތަން ޙަވާލުކުރުމަށް ދައުވާކުރިއެވެ. ޙާމިދު ފާއިޒްގެ ދިފާޢަކީ، ކުލައާއި ކަރަންޓާއި ފެނާއި ބޭނުންކުރުމުގެ ހުއްދަ ހުރެގެން އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުނުކުރުމެވެ.
ޙާމިދު ފާއިޒް ބުނީ، ހުއްދަތައް ނުލިބި ވިޔަފާރި ނުކުރެވޭތީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަވާލާދީ ދުލެއްދީގެން ތަނާ ޙަވާލުވިކަމަށް ބުނުން ޞައްޙަ ނޫންކަމަށާއި، ހެކި ލިސްޓު ހުށަހެޅުމާއި ޚުލާޞާ ބަޔާން އިއްވުމުގެ ފުރުސަތު ނުދީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)، 142 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށެވެ. ނިޔަދުރު ހޯލްޑިންގްސް ބުނީ، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވި ސަބަބެއް ބުނެދެވިފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުލި ހޯދުމަށް ދައުވާކުރި މުއްދަތުގައި ކުއްޔަށް ނެގި ފަރާތުން ތަން ބޭނުންކުރަމުން ދިޔަކަމަށް އިޤްރާރުވެފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުނުކުރުމާއި ދިފާޢުވުމުގެ ފުރުސަތު ނުލިބުމާ ބެހޭ ނުކުތާތަކަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމް އިސްތިއުނާފުކުރެވޭނެ ނުކުތާތަކެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް 2019/HC-A/446 ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި ކަމަށެވެ. ކުލި ދައުވާކުރި މުއްދަތުގައި ތަން ބޭނުންކުރިކަމާއި 1 އޮގަސްޓު 2018 ގައި ތަޅުދަނޑި އަތުގައި އޮތްކަމަށް ޙާމިދު ފާއިޒް އިޤްރާރުވެފައިވާތީ ތަން ޙަވާލުކުރެވިފައިވާކަން އޭނާގެ ބަހުން ސާބިތުވާކަމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅި އިޖުރާއީ ނުކުތާތަކަކީ ޙުކުމަށް ސީދާ އަސަރުކުރާ ކަންކަމެއް ނޫންކަމަށް ބެލިއެވެ. ދެފަރާތުގެ ބަސް ހޯދިފައިވާތީ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ތަޙުވީލުކުރާނެ ސަބަބެއް ނެތެވެ. އެހެންކަމުން، އިސްތިއުނާފަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރުގައި ހުށަހެޅި އިސްތިއުނާފެއްކަމަށް ބަލައި، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ސާފުކޮށް ބަޔާންކުރެވިފައެވެ. އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ތަން ޙަވާލު ކުރެވިފައިވޭތޯ ސާފުކުރުމުން 1 އޮގަސްޓު 2018 ގައި ތަނުގެ ތަޅުދަނޑި ޙާމިދު ފާއިޒްގެ އަތުގައި އޮތްކަމަށް އޭނާގެ ވަކީލު ވަނީ އިޤްރާރު ވެފައެވެ. ... ކުލި ހޯދުމަށް ދައުވާކުރި މުއްދަތުގައި ޙާމިދު ފާއިޒް އާ ތަން ޙަވާލުކުރެވިފައި ވާކަން އޭނާގެ ބަހުން ސާބިތު ވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޙުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭނީ އެ އިޖުރާއީ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއެއް ކަމުގައި ވާނަމަ އެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ތަން ބޭނުން ކުރުމަށްފަހު ކުލި ނުދައްކާ ހުރެވިދާނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މި މައްސަލައިގައި ދެފަރާތުގެ ބަސްވަނީ ހޯދިފައެވެ. ދަށު ކޯޓުގައި ޝަރީޢަތެއް ވަނީ ކުރެވިފައެވެ. ... މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ހަމަތަކުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކޮށް ދެފަރާތުގެ ބަސް އަލުން ހޯދަންޖެހޭ ސަބަބެއް ފާހަގަ ނުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 55 2022/SC-A/101 ޝަރީޢަތް ނިމުނުގޮތް ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއްސުޢޫދު
ނިމުނު ތާރީޚު 29 ނޮވެންބަރު 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/446
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޙާމިދު ފާއިޒް، ގ. ޗަމަން، މާލެ ޤާނޫނީ ވަކީލު:
އަޙްމަދު ޝަފީޤް،
ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ ޤާނޫނީ ވަކީލު:
މަޖީދު ޢަލީ،
އަޝްރަފް އެންޑް ކޯ ދަ ލޯހައުސް ނަދީމް އިބްރާހީމް،
ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
މަދަނީ – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 2
ސިވިލް ކޯޓުގެ ނިންމުން 3
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް 7
އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ 8
އިސްތިއުނާފީ އޮޅިގަނޑު 9
މައްސަލަ ނިންމަން ފެންނަ ގޮތް 12
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 13
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 13
ޙުކުމް 13
` ޙާމިދު ފާއިޒް ވ. ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް [2023] SC 55 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގ. ޗަމަން، ޙާމިދު ފާއިޒް1 (މީގެ ފަހުން ޙާމިދު ފާއިޒް ނުވަތަ އިސްތިއުނާފު ކުރާ ފަރާތް މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން، ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން ނިޔަދުރު ހޯލްޑިންގްސް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) ގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/101 ޤަޟިއްޔާ އިންނެވެ.
2މި ދެ ފަރާތުގެ އޮތް ޚުޞޫމަތު ބިނާވެފައިވަނީ ކުލީގެ އެއްބަސްވުމެއްގެ މައްޗަށެވެ. ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޙާމިދު ފާއިޒްއަށް ކުއްޔަށްދިން ތަނެއްގެ ކުލި ހޯދުމަށް ޙާމިދު ފާއިޒްގެ މައްޗަށް ދައުވާކުރުމުން، އެ ފަރާތުން ކުލި ނުދެއްކުމަށް ކުރިމަތިކުރާ ދަފުޢަކީ، އެއްބަސްވެފައިވާ ގޮތަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ތަން ޙަވާލުނުކުރުމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރި މައްޗަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ވެސް ބިނާކޮށްފައިވަނީ މިކަމުގެ މައްޗަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
314 މާރިޗު 2018 ގައި ގ. މަލްވިނަ، ގްރައުންޑް އަދި ފަސްޓް ފްލޯ ކުއްޔަށް ދިނުމަށް ނިޔަދުރު ހޯލްޑިންގްސް އާއި ޙާމިދު ފާއިޒް އާ ދެމެދު އެއްބަސްވުމެއްގައި ("އެއްބަސްވުން") ސޮއިކުރިއެވެ.3
4މި އެއްބަސްވުމުގެ މުއްދަތަކީ 01 މޭ 2018 އިން ފެށިގެން 31 މާރިޗު 2033 ނިޔަލަށް މީލާދީ 15 އަހަރެވެ. އަދި މި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށްދޭ ތަނުގެ ކުއްޔަކީ މީލާދީ ކޮންމެ މަހަކަށް 80,000/-ރ. (އަށްޑިހަ ހާސް ރުފިޔާ) ކަމަށް ބަޔާންކޮށްފައި ވެއެވެ.
5އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަން ޙަވާލުކުރެވޭއިރު، ތަނުގައި ކުލައާއި ދަވާދުލެވި، ކަރަންޓާއި ފެން ލިބެންހުރުމާއި، ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބިފައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ތަން ޙަވާލުކުރަންޖެހޭ މުއްދަތަކީ އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚު ކަމަށްވާ 01 މޭ 2018 ކަން އެނގެއެވެ. ނަމަވެސް މި މުއްދަތުގައި، ތަން ޙަވާލު ނުކުރެވިއްޖެނަމަ، ތަނުގެ ކުލި އާއި އެއްބަސްވުމުގެ މުއްދަތު ހިނގަން ފަށާނީ، ތަން ޙަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ. އަދި ތަން ޙަވާލުކުރެވުނު ކަމަށް ބަލާނީ، ޢިމާރާތުގެ ތަޅުދަނޑި އާއި ތަން ޙަވާލުކުރިކަމުގެ ލިޔުމާއެކު ތަނުގެ އިންވެންޓްރީގައި ދެ ފަރާތުން ސޮއިކުރުމުން ކަމަށް ބަޔާންކޮށްފައި ވެއެވެ.4
6އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ކުލި ޙާމިދު ފާއިޒް ނުދައްކާތީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ނިޔަދުރު ހޯލްޑިންގްސްއަށް ލިބެމުންދާ ކަމަށް ބުނެ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ބާޠިލުކޮށް 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން 19 ނޮވެންބަރު 2018 ގައި ޙާމިދު ފާއިޒްއަށް އެންގިއެވެ.5
7އެ ނޯޓިސް އާ އެއްގޮތަށް ޙާމިދު ފާއިޒްގެ ފަރާތުން ޢަމަލުކޮށްފައި ނުވާތީ، ތަން ޙަވާލުކުރުމަށް އަމުރުކޮށް ދިނުމަށާއި ކުލި އާއި ކުލި ނުދައްކާތީ އަރަމުންދާ ޖޫރިމަނާ ހޯދުމަށް އެދި ޙާމިދު ފާއިޒްގެ މައްޗަށް ރައްދުވާ ގޮތަށް ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން 30 ޖަނަވަރީ 2019 ގައި ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ސިވިލް ކޯޓުގެ ނިންމުން
8ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ އުފުލުމުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 663/Cv-C/2019 ޤަޟިއްޔާ އިންނެވެ.
9މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ 01 އޮގަސްޓު 2018 އިން ފެށިގެން ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުންދާކަން އެނގެން އޮންނަ ކަމާއި، އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހޭ ކުލި ޙާމިދު ފާއިޒްގެ ފަރާތުން ދައްކަމުން ނުދާކަން ދެ ފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. ނަތީޖާއެއްގެ ގޮތުން، 01 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ތަނުގެ ކުލީގެ ގޮތުގައި އަރާފައިވާ ފައިސާއިން އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަނޑައި ބާކީ ދައްކަންޖެހި ނުދައްކާވާ 730,322.58ރ. (ހަތްލައްކަ ތިރީސްހާސް ތިންސަތޭކަ ބާވީސް ރުފިޔާ ފަންސާސް އަށްލާރި) އާއި، 11 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ހިނގާފައިވާ 359 (ތިންސަތޭކަ ފަންސާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 200/-ރ. (ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ
71,800/-ރ. (ހަތްދިހަ އެއްހާސް އަށްސަތޭކަ ރުފިޔާ) އާއެކު ޖުމްލަ 802,122.58ރ. (އަށްލައްކަ ދެހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސާސް އަށްލާރި) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސް އަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި،
6 އޮގަސްޓު 2019 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ގ. މަލްވިނަ އެވެކިޔާ ގޯތީގެ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ، ޙާމިދު ފާއިޒްގެ ފަރާތުން ބަހައްޓާފައިވާ މުދަލާއި، ތިބިނަމަ ތިބި ބަޔަކާއެކު ނެރެ ތަން ހުސްކޮށް ނިޔަދުރު ހޯލްޑިންގްސްއަށް ޙަވާލުކުރުމަށް އަންގައެވެ.
10ބަޔާންވެދިޔަ ގޮތަށް މި މައްސަލައިގައި ޙުކުމް ކުރުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
(ހ) ފުރަތަމަ ކަމަކީ، 01 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒްގެ ފަރާތުން ކުއްޔަށް ނަގާފައިވާ ތަނަށް މުދާ ވައްދައި ތަން ބޭނުންކުރަމުންދާ ކަމަށް އޭނާ އިންކާރުކޮށްފައި ނުވާކަން.
(ށ) ދެވަނަ ކަމަކީ، ކުއްޔަށް ދޫކުރެވުނު ތަންކަމުގައިވާ ގ. މަލްވިނަ ގްރައުންޑް ފްލޯރ 31 ޖުލައި 2018 ގައި އަދި އޭގެ ކުރިން 19 ޖޫން 2018 ގައި ގ. މަލްވިނަ ފަސްޓް ފްލޯރ ޙާމިދް ފާއިޒް އާ ޙަވާލުކޮށްފައިވާކަން އެނގޭ ކަމާއި، އަދި 1 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒްގެ ފަރާތުން މުދާ ވައްދައި ތަން ބޭނުންކުރަމުން ދިޔަކަން އެނގޭ ހިނދު، އަދި އެ މުއްދަތުގައި ތަނުގައި ކަރަންޓާއި ފެން ލިބެން ހުރިކަން ލިޔެކިޔުމުން ފެންނަން ހުރިކަމާއި، ވިޔަފާރި ކުރުމަށް ބޭނުންވާ ވަޞީލަތެއް ނުވަތަ ހުއްދައެއް ހޯދުމަށް ނިޔަދުރު ހޯލްޑިންގްސް އިން ޙާމިދު ފާއިޒްއަށް ހުރަހެއް އަޅާފައިވާކަން ނޭނގޭ ހިނދު، އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައިވާ އުޞޫލުން ތަން ޙަވާލުކޮށްފައި ނުވާކަމަށް ޙާމިދު ފާއިޒްގެ ފަރާތުން ބުނިކަމުގައި ވިޔަސް، އެކަމުގެ ޒާތަށް ބަލައި، އެއީ އޭނާގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދީފައިވާ ދުލެއް ކަމަށް ދެކޭކަން.
(ނ) ތިންވަނަ ކަމަކީ، 01 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ތަނުގެ ކުލީގެ ގޮތުގައި އެޑްވާންސް ކުލީގެ ފައިސާ ކަނޑައި ބާކީ ދައްކަންޖެހި ނުދައްކާވާ 730,322.58ރ. (ހަތްލައްކަ ތިރީސްހާސް ތިންސަތޭކަ ބާވީސްރުފިޔާ ފަންސާސް އަށްލާރި) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސްއަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަން އެއްބަސްވުމުގެ 5 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއިން އެނގެން އޮންނަކަން.
(ރ) ހަތަރުވަނަ ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ޙާމިދު ފާއިޒްގެ ފަރާތުން ތަނުގެ ކުލި ދައްކާފައި ނުވާތީވެ 11 އޮގަސްޓު 2018 އިން ފެށިގެން 04 އޮގަސްޓު 2019 ގެ ނިޔަލަށް ހިނގާފައިވާ 359 (ތިންސަތޭކަ ފަންސާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 200/-ރ. (ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ދައްކަންޖެހޭ 71,800/-ރ. (ހަތްދިހައެއްހާސް އަށްސަތޭކަ ރުފިޔާ) އަކީ ޙާމިދު ފާއިޒްގެ ފަރާތުން ނިޔަދުރު ހޯލްޑިންގްސްއަށް އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްކަން އެނގެން އޮންނަކަން.
(ބ) ފަސްވަނަ ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ކުލި ދައްކަމުން ގޮސްފައިނުވާތީ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށްފަހު އަނބުރާ އެ ތަން ނިޔަދުރު ހޯލްޑިންގްސް އާ ޙަވާލުކުރަންޖެހޭ ޙާލަތުގައި ވާކަން ދެފަރާތުގެ ވާހަކަ ތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަން.
(ޅ) ހަވަނަ ކަމަކީ، ތަނުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 80,000/-ރ. (އަށްޑިހަހާސް ރުފިޔާ) އަކީ ތަން ހުސްކޮށް އަނބުރާ ޙަވާލުކުރާއިރު އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާ ފައިސާއެއްވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ބާކީވާ ފައިސާ އަކީ ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޙާމިދު ފާއިޒްއަށް ދޭންޖެހޭ ފައިސާއެއްކަން އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނަކަން.
11ސިވިލް ކޯޓުން މި މައްސަލަ ނިންމުމާ ގުޅިގެން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
12ސިވިލް ކޯޓުގެ ނިންމުން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ އިން އެ މައްސަލަ ބެލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.
(ހ) ފުރަތަމަ ކަމަކީ، ޙާމިދު ފާއިޒްގެ ފަރާތުން ތަންބޭނުން ކުރަމުން ދިޔަކަމަށް އިޤްރާރުވެފައި ވުމާއެކު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ ސިވިލް ކޯޓުން ފާހަގަ ކުރިކުރުން ޞައްޙަ ނޫން ކަމުގައި ބަލަންޖެހޭ ކަމަށް ޙާމިދު ފާއިޒް ބުނެ ފާހަގަ ކުރާ އިސްތިއުނާފީ ނުކުތާ އަކީ ޤާނޫނީ އެއްވެސް ޙުއްޖަތެއްގެ މައްޗަށް ބިނާވާ ނުކުތާ އެއްކަން އެނގެން ނެތްކަން.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ 03 (ތިނެއް) އުޞޫލުންކުރެ އުޞޫލަކާ ނުވަތަ އެ ތިން އުޞޫލާ ދަށު ކޯޓުގެ ނިންމުން ޚިލާފުވި ގޮތެއް ބަޔާންކޮށްދެވިފައި ނެތަތީ، ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް އެ ނުކުތާގެ ތަފުޞީލު ބަޔާންކޮށްދެވިފައި ނުވާކަމާއި އަދި ދަށު ކޯޓުގެ ޙުކުމް ޢަދުލުވެރި ނޫންކަމަށް ދެކި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ މައިގަނޑު ކަމަކީ، ދަށު ކޯޓުގައި އޭނާއަށް ހެކި ލިސްޓު ހުށަހެޅުމާއި އަދި ޚުލާސާ ބަޔާން އިއްވުމަށް ފުރުސަތު ލިބިފައި ނުވާކަން ކަމާއި އެ ކަމަކީ، އެއީ ޙަޤީޤަތެއް ކަމުގައި ބަހުސްގެ ބޭނުމަށްޓަކައި ބެލިކަމުގައި ވިޔަސް، ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުން ދިޔަކަން ދަށު ކޯޓުގައި އާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިޤްރާރުވެ ޖަވާބުދާރީވެފައި ވާތީވެ، ދަށު ކޯޓުގެ ޙުކުމް ބާޠިލު ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަން.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޙާމިދު ފާއިޒްގެ ފަރާތުން 02 (ދޭއް) ނުކުތާ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ، ގ. މަލްވިނަ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ އިސްތިއުނާފު ކުރާ ފަރާތުން ކުއްޔަށް ހިފީ، ތަނުގައި ޕްރިންޓްކުރުމުގެ ވިޔަފާރި އަކަށްކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިޢުތިރާފުންވެސް އެކަން ކަށަވަރުވެފައި، އެ ވިޔަފާރިއާ ބެހޭ އެއްވެސް ކަމެއް ކުރުވޭނީ އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ އާއި ވިޔަފާރި ކުރުމަށް ބޭނުންވާ ހުއްދަތައް އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ލިބިގެންކަން ނުހަނު ސާފުކޮށް އެނގެން އޮތުމުން ދައުވާލިބޭ ފަރާތުން ދުލެއްދީގެން ތަނާއި ޙަވާލުވެފައި ވާކަމަށް ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ އާ ޙަވާލާދީގެން ފާހަގަ ކުރިކުރުން ޞައްޙަ ނޫންކަން.
(ށ) ދެވަނަ ނުކުތާ އަކީ، ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން6 މައްސަލައިގައި، ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމަށް ނިޔާވެރިޔާއަށް އޮންނަ ޒިންމާ ކަމަށް ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުމެއްނެތި، އަދި މަދަނީ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު އުސޫލުތަކާއި އަދި ޝަރީޢަތް ކުރުމުގެ ޢާންމު އިޖުރާޢަތަކީ ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ދައުވާއިން ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތުދީ އަދި ދައުވާއިން ދިފާޢުވުމަށް ހެކި ހުށަހެޅުމަށް ފުރުސަތު ދިނުން ކަމުގައި ވީނަމަވެސް، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތަށް އެފަދައިން އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި ޢަދުލު އިންސާފުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 އަދި 143 މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައިވުން.
އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ
15ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޙާމިދު ފާއިޒްގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައި، މި މައްސަލައިގައި ދެފަރާތުގެ ބަސް ހޯދާ އިންސާފުވެރި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށެވެ.
16އިސްތިއުނާފުގެ ޖަވާބުގައި ނިޔަދުރު ހޯލްޑިންގްސްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި އިސްތިއުނާފު ކުރި ނުކުތާތައް ޤާނޫނީ އުޞޫލުތަކާއި ޚިލާފުވި ސަބަބުތައް ބުނެދެވިފައި ނުވާ ކަމަށާއި ހަމައެކަނި އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކުރެވިގެން ނުވާނެ ކަމަށެވެ.
17ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފި ނުކުތާތަކަށް ނަޒަރުކުރާއިރު، ހުށަހަޅާފައިވާ 02 (ދޭއް) އިސްތިއުނާފީ ނުކުތާ އަކީ ވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި މައިގަނޑު އިސްތިއުނާފީ ނުކުތާތައް ކަމާއި އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފު ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަން އެނގެއެވެ.
އިސްތިއުނާފީ އޮޅިގަނޑު
18ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ7 16 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ސާފުކޮށް ބަޔާންކުރެވިފައެވެ. އެގޮތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ. މި ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީގެ ކުރިން ނިންމާފައިވާ ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް8 އާއި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް9 އާއި އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް10 އަދި ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)11 ފަދަ ޤަޟިއްޔާ ތަކުގައި ދަމަހައްޓާފައި ވެއެވެ.
19ޕްރިސިޑެންސް 2މި އުޞޫލު ކުރިމަތީގައި މި އޮތް މައްސަލައަށް ތަޠުބީޤު ކުރާއިރު، ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ނަޒަރު ކުރާއިރު، އެ ނުކުތާ ބިނާކުރެވިފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަން ޙަވާލުކުރެވިފައި ވޭތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ. މި ނުކުތާގައި ދަށު ކޯޓުން ނިންމާފައިވަނީ 1 އޮގަސްޓު 2018 ގައި ޙާމިދު ފާއިޒް ތަން ބޭނުން ކުރަމުން ދިޔަކަން ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައި ތަން ޙަވާލުކުރުމަށް ދެ ފަރާތުން ކަނޑައަޅާފައިވާ ގޮތް އެއްކިބާ ކޮށްފައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުން ޙާމިދު ފާއިޒް ދުލެއްދީ ތަނަށް ތަކެތި ވައްދައި ތަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ދަށު ކޯޓުގެ މި ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ ކުރި މައްޗަށް ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައި ނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ. އޭގެ ބަދަލުގައި، ތަން ބޭނުންކުރަމުން ދިޔަކަމަށް ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގައި ވަނީ އިޤްރާރުވެފައެވެ.12 އަދި އޭގެ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ތަން ޙަވާލު ކުރެވިފައިވޭތޯ ސާފުކުރުމުން 1 އޮގަސްޓު 2018 ގައި ތަނުގެ ތަޅުދަނޑި ޙާމިދު ފާއިޒްގެ އަތުގައި އޮތްކަމަށް އޭނާގެ ވަކީލު ވަނީ އިޤްރާރު ވެފައެވެ.13 ވުމާއެކު، ކުލި ހޯދުމަށް ދައުވާކުރި މުއްދަތުގައި ޙާމިދު ފާއިޒް އާ ތަން ޙަވާލުކުރެވިފައި ވާކަން އޭނާގެ ބަހުން ސާބިތު ވެއެވެ.
20މި އިސްތިއުނާފުގައި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ ދެވަނަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ޢަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއެކު ނިންމާފައިވާ ނިންމުމެއް ނޫންކަން ބުނެދިނުމެވެ. މީގެ ތަފުޞީލުގައި ފާހަގަ ކުރާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އެކަށީގެންވާ ގޮތެއްގައި ދިފާޢުވުމަށް ފުރުސަތު ނެތި ދަށު ކޯޓުގައި ޝަރީޢަތް ކުރިއަށް ދިޔައިރު ހެކި ލިސްޓު ހުށަހެޅުމަށް ފުރުސަތު ނުލިބުމާއި އަދި ޚުލާޞާ ބަޔާން އިއްވުމަށް ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ ފާހަގަ ކުރާ ކަންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ފާހަގަ ކޮށްފައިވަނީ، ޤާނޫނީ ނައްސުތަކަށް ޙަވާލާ ނުދެވި ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާކަމީ ޙަޤީގަތެއް ކަމުގައި ބަހުސްގެ ބޭނުމަށްޓަކައި ބެލިކަމުގައި ވިޔަސް، މުޅި ދައުވާގެ އަސާސް ބިނާވާ ތަން ޙާމިދު ފާއިޒް އާ ޙަވާލުކުރެވިފައި ވޭތޯ ކުރެވޭ ސުވާލަށް ދަށު ކޯޓުގައި އާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ތަން ބޭނުންކުރަމުން ދިޔަކަމަށް އޭނާ އިޤްރާރުވެ ޖަވާބު ދާރީވެފައިވާތީވެ، ޙާމިދު ފާއިޒްގެ ފަރާތުން ފާހަގަ ކުރާ ކަންކަމުގެ މައްޗަށް ބަލައި އެ އިޖުރާއީ ނުކުތާ ބަލައިގަނެ ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށެވެ.14
21ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޙުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭނީ އެ އިޖުރާއީ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއެއް ކަމުގައި ވާނަމަ އެވެ. މި އުޞޫލުން ނިޔަދުރު ހޯލްޑިންގްސްގެ ދައުވާގެ މައިގަނޑަކީ ކުލި ހޯދުމަށް ކަމަށްވެފައި، ދައުވާ ރައްދުވާ ޙާމިދު ފާއިޒް ކުލި ނުދެއްކުމަށް ކުރިމަތިކުރާ ދަފުޢަކީ އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުކުރެވިފައި ނުވާ ކަމެވެ. ނަމަވެސް، ކުލި ހޯދުމަށް ދައުވާ ކުރެވުނު މުއްދަތުގައި ތަންބޭނުން ކުރަމުން ދިޔަކަމީ އެއީ ދެބަސްވާ ޙަޤީޤަތެއް ނޫންކަން އެނގޭ ހިނދު، މި ބާވަތުގެ މައްސަލައެއްގައި ޙާމިދު ފާއިޒްގެ ފަރާތުން ސާބިތުކުރުމަށް ބޭނުންވާ އިތުރު ކަމެއް ބުނެދެވިފައި ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ ޙުކުމަކަށް ސީދާ އަސަރުކުރުމުގެ އިޙުތިމާލު އޮތް ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ، ޙާމިދު ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ދެކެމެވެ.
22މި އިސްތިއުނާފުގައި އިސްތިއުނާފީ ދެވަނަ ނުކުތާ އާ ގުޅުވައި ޙާމިދު ފާއިޒްގެ ފަރާތުން ހުށަހަޅާ އިތުރު ކަމަކީ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން15 މައްސަލައިގައި، ކަނޑައަޅާފައިވާ އުޞޫލުން ޙުކުމަށް ވާޞިލުވި ސަބަބު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ފެންނަން ނެތް ކަމަށެވެ. ޙާމިދު ފާއިޒްގެ ފަރާތުން މި ނުކުތާ އާ ގުޅުވައި، އުފައްދަން މަސައްކަތް ކުރާ ޤާނޫނީ ބަހުސެއް ސާފެއް ނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޙާމިދު ފާއިޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ކުރިއަށް ގެންދަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުމެވެ. ނަތީޖާއަކީ، ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމެވެ. އެ ނިންމުމަށް ވާޞިލުވި ސަބަބު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ސާފުވާކަމީ ޙަޤީޤަތެކެވެ.
23ޕްރިސިޑެންސް 4ޕްރިސިޑެންސް 5މި އިސްތިއުނާފުގައި ޙާމިދު ފާއިޒްގެ ފަރާތުން އެދިފައިވަނީ ދެފަރާތުގެ ބަސް ހޯދާ އިންސާފުވެރި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ބަސްވަނީ ހޯދިފައެވެ. ދަށު ކޯޓުގައި ޝަރީޢަތެއް ވަނީ ކުރެވިފައެވެ. އެ ކޯޓަށް ނިޔަދުރު ހޯލްޑިންގްސް އިން ހުށަހެޅި ދައުވާގައި، ޙާމިދު ފާއިޒްގެ ފަރާތުން ތަން ބޭނުން ކުރަމުންދާ ކަމަށް އިންކާރެއް ނުކުރެއެވެ. ތަން ބޭނުން ކުރުމަށްފަހު ކުލި ނުދައްކާ ހުރެވިދާނެ ސަބަބެއް ނެތެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ޙާމިދު ފާއިޒްގެ ފަރާތުން ވަނީ ތަން ބޭނުންކުރަމުން ދިޔަ ކަމަށް އިޤްރާރުވެފައެވެ. ވުމާއެކު، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ހަމަތަކުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކޮށް ދެފަރާތުގެ ބަސް އަލުން ހޯދަންޖެހޭ ސަބަބެއް ފާހަގަ ނުކުރެވެއެވެ.
24ނަތީޖާއެއްގެ ގޮތުން، ކުރިމަތީގައި މި އޮތް މައްސަލައަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
25ބަޔާންވެދިޔަ ކަންކަަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/446 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޙުސްނުއްސުޢޫދު (ރިޔާސަތު)
1:
2 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0270/2015
3 ގ. މަލްވިނަ ގްރައުންޑް އަދި ފުރަތަމަ ބުރި ކުއްޔަށް ހިފުމާއިބެހޭ އެއްބަސްވުން ނަންބަރު NH/AGR-002/20018
4 އެއްބަސްވުމުގެ 4 ވަނަ މާއްދާ
5 19 ނޮވެންބަރު 2018 ގައި ނިޔަދުރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙާމިދު ފާއިޒްއަށް ފޮނުވި ސިޓީގެ ކޮޕީ
7 ޤާނޫނު ނަންބަރު 22/2010
10 [2021] SC 18
11 [2023] SC 37
12 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 33 ވަނަ ޕެރެގްރާފް
13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 16 ނޮވެންބަރު 2023 ވަނަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ޙާމިދު ފާއިޒްގެ ވަކީލު ދައްކާފައިވާ ވާހަކަ
14 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 43 ވަނަ ޕެރެގްރާފް އާއި އަދި 44 ވަނަ ޕެރެގްރާފް
15ފުޓް ނޯޓު 6
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 16 ވަނަ މާއްދާ، 18 ވަނަ މާއްދާގެ (ށ)، 45 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)، 20 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، 42 ވަނަ މާއްދާގެ (ށ)، 142 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)
- 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- [2021] SC 01 (ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް)
- [2021] SC 05 (އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- [2023] SC 37 (ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް))
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއް ސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 ނޮވެމްބަރު 2022 · ރަޖިސްޓްރީކުރީ 15 ޑިސެމްބަރު 2022 · ނިމުނީ 29 ނޮވެމްބަރު 2023 (11.5 މަސް)