ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/534
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނޫރާ މޫސާ، 2019/HC-A/534
Prosecutor General v. Nooraa Moosa 2019/HC-A/534 (2019/HC-A/534, High Court of the Maldives, 4 September 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނޫރާ މޫސާ
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ތަޙްޤީޤުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި 2017/HC-A/189 އަށް ރިޢާޔަތްކޮށް ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރި.
ޖަލަށް މަސްތުވާތަކެތި ވެއްދުމަށް އުޅޭކަމުގެ މަޢުލޫމާތާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރެއްގެ ދަށުން ހަށިގަނޑު ބަލައި ފާސްކުރުމުން ދެ ކޮންޑަމެއްގެ ތެރެއިން ޖުމުލަ ގާތްގަނޑަކަށް 19 ގްރާމް ޑައިމޯފިން ފެނުނު. ޕޮލިސް ސްޓޭޝަނުގައި އަންހެން ފުލުހަކު ނެތުމުން ބަލައި ފާސްކުރީ ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުން.
ދައުލަތުން ބުނީ 38 (ވ) ގައި އެއް ޖިންސުގެ 'މީހަކު' ކަމަށް ބުނެފައިވާތީ ފުލުހަކަށްވުން ލާޒިމުނުވާކަމަށާއި ބަލައި ފާސްކުރީ ފުލުހުންގެ އިރުޝާދުގެ މަތިން ކަމަށް. ދިފާޢުން ބުނީ ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށާއި، ކަރެކްޝަނުގެ މުވައްޒަފުންނަށް ފުލުހުންގެ ތަނުގައި ބަލައި ފާސްކުރުމުގެ ހުއްދައެއް ނެތްކަމަށް.
މައިގަނޑު ސުވާލު
ކޯޓު އަމުރެއްގެ ދަށުން އަންހެނަކު ބަލައި ފާސްކުރުމުގައި ފުލުހުންގެ އަންހެން އޮފިސަރަކު ނެތުމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުން ލައްވާ ބަލައި ފާސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ވ) އާ ޚިލާފު ކަމެއްތޯ، އަދި އެ ސަބަބުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން، ބަންދުގައި ނޫން ހުރި މީހެއް ކަމުން ހިނގަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ ކަމަށާއި، އެ މާއްދާގައި އެއް ޖިންސުގެ މީހަކު ހާޒިރުކުރުމަށް ހުއްދަ ދޭތީއާއި، ކަރެކްޝަނުގެ އޮފިސަރުންނަކީ ބަލައި ފާސްކުރުމުގެ ތަމްރީނު ލިބިފައިވާ ބަޔަކު ކަމުން، 38 (ވ) އާ ޚިލާފެއް ނުވާކަމަށް ކަނޑައަޅައި ނިންމުން ބާޠިލުކޮށް މައްސަލަ ތަޙްވީލުކުރި.
ކަނޑައެޅުނު އުޞޫލުތައް
- މީހުން ބަލައި ފާސްކުރުމުގައި އެންމެ މައިގަނޑު އަސާސަކީ ބަލައި ފާސްކުރެވޭ މީހާގެ ކަރާމަތަށާއި އަބުރަށް ގެއްލުމެއް ނުވާނެ ގޮތަށް، ފުރިހަމަ އިޙްތިރާމާއެކު އެކަން ކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- މައްސަލައެއްގެ ޙަޤީޤަތްތަކަށް ތަޠުބީޤުކުރަންޖެހޭނީ ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތުތަކެވެ. ހިނގާފައިވާ ހާދިސާއަކަށް ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމަކީ ޢާންމު އުޞޫލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަލައި ފާސްކުރުމުގެ ދެ ޙާލަތެއް ވަކިކޮށްފައިވެއެވެ: 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމާއި، 53 ވަނަ މާއްދާގެ ދަށުން ބަންދުގައި ހުންނަ މީހުން ބަލައި ފާސްކުރުމެވެ. ޤާނޫނު ނަންބަރު 21/2020 އިން 53 ވަނަ މާއްދާ އިޞްލާޙުކޮށް ބަންދުގައިވާ މީހުން ބަލައި ފާސްކުރަންވާނީ އެއް ޖިންސުގެ އޮފިސަރަކު ކަމަށް ލާޒިމުކޮށްފައިވީނަމަވެސް، 38 ވަނަ މާއްދާއަށް އެފަދަ އިޞްލާޙެއް ގެނެސްފައިނުވާތީ، 38 ވަނަ މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި އެއް ޖިންސުގެ އޮފިސަރަކު ނެތްނަމަ އެއް ޖިންސުގެ 'މީހަކު' ހާޒިރުކުރުމުން އިޖުރާއަތު ފުރިހަމަވީކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-22، 27)
- ހާދިސާ ހިނގިއިރު ޢަމަލުކުރަމުންދިޔަ ފުލުހުންގެ ބާރުތަކުގެ ގަވާއިދުގެ ދަށުން، އަންހެނަކު ބަލައި ފާސްކުރަންޖެހޭ ތަނެއްގައި އަންހެން ފުލުހަކު ނެތްނަމަ ޑިއުޓީ އިންޗާޖު ކަނޑައަޅާ ކޮންމެ އަންހެނަކު ލައްވާވެސް ބަލައި ފާސްކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19، 29)
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަކީ ޤާނޫނުގެ ދަށުން މީހުން ބަލައި ފާސްކުރުމުގެ ބާރާއި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދައުލަތުގެ މުވައްސަސާއެއްގެ އޮފިސަރުންނެވެ؛ ފުލުހުންގެ އަންހެން އޮފިސަރަކު ނެތުމުން ތަޙްޤީޤުކުރާ ފަރާތުގެ އެދުމުގެ މަތިން އެ އޮފިސަރުން ލައްވާ އަންހެނަކު ބަލައި ފާސްކުރުމަކީ 38 ވަނަ މާއްދާގެ (ވ) ގެ މަޤްޞަދާއި ރޫޙާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-26، 28-31)
- ބައެއް ހެކިންގެ ހެކިބަހުން މައްސަލަ ނިންމުމަށް ވާސިލުވެ ދައުލަތުގެ އިތުރު ހެކިން ހާޒިރުނުކޮށް ދަށުކޯޓުން ނިންމި ނިންމުމެއް ބާޠިލުވާ ޙާލަތުގައި، މައްސަލަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކުރިއަށްގެންގޮސް މައުޟޫޢާމެދު ގޮތެއް ނިންމުމަށް ދަށުކޯޓަށް ތަޙްވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ށ)، (ރ)، (ކ)، (މ)، (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 21/2020 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 5 ވަނަ މާއްދާ
- އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 10 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާ އަދި 76 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 135 ވަނަ މާއްދާ
- ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާ (ހ) (2)، (ނ)، (ރ)
- ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (2019/R-1052) ގެ 104 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ރ)
- ޤައިދީންނާއި ހައްޔަރުގައި ތިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުންގެ ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު (2015/R-3) ގެ 8 ވަނަ މާއްދާ
- 2014/SC-A/41
- 2011/SC-A/23
- 2020/SC-A/97
- 2017/HC-A/189
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް