ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/115
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ އިނާސް، 2020/HC-A/115
Prosecutor General v. Moosa Inaas 2020/HC-A/115 (2020/HC-A/115, High Court of the Maldives, 30 September 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ އިނާސް
މައްސަލައިގެ ޚުލާޞާ
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ބަންދަށް ލުއިދިނުމުގެ ޝަރުޠުތަކަށް ތުހުމަތުކުރެވޭ ފަރާތް އިޢުތިރާފުވުމާއި ހެކީގެ ބުރަދަނާއި އޭނާގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ލ. ގަން-ތުނޑި ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗަކަށް ގަސްދުގައި އަލިފާން ރޯކުރުމުގައި ބައިވެރިވިކަމަށް (ޓެރަރިޒަމް) ތުހުމަތުކުރެވޭ ފަރާތެއްގެ ބަންދު 15 ދުވަހަށް އިތުރުކުރުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ނ)، 59، 60 އާ ޚިލާފު އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާއާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ މަޤްޞަދާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޓެރަރިޒަމްގެ ތުހުމަތުގައި (ފުލުހުންގެ ލޯންޗަކަށް އަލިފާން ރޯކުރުމުގައި ބައިވެރިވުން) ބަންދުގައިވާ ފަރާތެއް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލި މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22، 59، 60 އަދި 63 ވަނަ މާއްދާތަކާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭ
ޓެރަރިޒަމަކީ ޖިނާއީ ބޮޑު ކުށަކަށްވެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރުމާއި ކުށުގެ ރެކޯޑަށް ބަލާއިރު މުޖުތަމަޢަށް ނުރައްކާ ނުފޯރުވޭ ތަނެއްގައި ބަހައްޓަންޖެހޭތީ އަމުރު ބާޠިލުކޮށް، މައްސަލަ ކްރިމިނަލް ކޯޓުގައި ޝަރީޢަތުގައި އޮތުމުން ބަންދާމެދު އެ ކޯޓުން އަލުން ގޮތެއް ނިންމަން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާގެ ދަށުން، ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭނަމަ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ކަނޑައެޅުމުގައި ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ޓެރަރިޒަމްގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި (3 ވަނަ އިޞްލާޙުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ)) ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުށަހެޅިފައިވާ، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައިވާ ފަރާތެއް، އެފަދަ ކުށްތަކުގައި ބަންދުގައި ބެހެއްޓުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި ކުށުގެ ރެކޯޑަށް ބަލައި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ނުފޯރުވޭނެފަދަ ތަނެއްގައި ބަހައްޓަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާތަކަކީ ޤަބޫލުކުރެވޭފަދަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަރުޙަލާތަކެއް ކަމުން، ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ އުޞޫލު ކަނޑައެޅިފައިވަނީ އަޑުއެހުންތައް މެދުނުކެނޑި ކުރިއަށްގޮސް އެކަށީގެންވާ މުއްދަތެއްގައި މައްސަލަ ނިންމުމާއެކު ދަޢުވާލިބޭ ފަރާތުގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތަކާއި ޢާންމު މަޞްލަޙަތު ރައްކާތެރިކުރެވޭ ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ތުހުމަތުކުރެވޭ ކުށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ޝަރީޢަތުގައި އޮތްނަމަ، ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ މައްސަލަ ބައްލަވާ ކޯޓުން، މައްސަލަ ބައްލަވާ ފަނޑިޔާރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4 ފަހުން)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 63 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 28-2 ވަނަ މާއްދާ
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް