ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/31
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިސްމާޢީލް ޝަރީފް، 2020/HC-A/31
Prosecutor General v. Ismail Shareef 2020/HC-A/31 (2020/HC-A/31, High Court of the Maldives, 9 March 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިސްމާޢީލް ޝަރީފް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ތަޙްޤީޤުގައި ގިނަ ދުވަސް ބަންދުގައި ހުރުމާއި ތަޙްޤީޤުގެ ބޮޑު ބައި ނިމިފައިވުމާއި ކުށުގެ ރެކޯޑު ގިނަ ފަރާތަކަށް ނުވާތީ ޝަރުޠުކޮށް ބަންދުން ދޫކުރިއެވެ.
ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސްކުރުމުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނެވެ. މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައި ބަންދުގައި ބެހެއްޓުމަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22(ޅ)، 59، 60 އާ ޚިލާފު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް، ޤާނޫނުއަސާސީގެ 143(ރ) ގެ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ ނެރުނު އަމުރެއްކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުގައިވާ ފަރާތެއް ޝަރުޠުކޮށް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާއާ ޚިލާފު އަމުރެއްތޯއާއި، ޝަރީޢަތުގައިވާ މައްސަލައެއްގައި ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމަންވީ ގޮތް.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، ބަންދާމެދު ނިންމުމަށް ކްރިމިނަލް ކޯޓަށް ފޮނުވި
ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން ދޫވެފައި ހުރުމަކީ މުޖުތަމަޢަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް މައްސަލަ ޝަރީޢަތުގައި ހުރުމުން ބަންދާމެދު ނިންމަންވީ މައްސަލަ ބަލާ ކޯޓުންނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާގެ ދަށުން، ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭނަމަ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (ށ)
- ބަންދުކުރުމަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ބަންދެއްތޯ ކަނޑައެޅުމުގައި ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނަށް ބަލަންޖެހެއެވެ. (ށ)
- މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޖިނާއީ ބޮޑު ކުށެއް ކަމަށާއި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށެއް ކަމުން، އެފަދަ ތުހުމަތެއްގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ފަރާތެއް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމަށް ބަލަންޖެހެއެވެ. (ށ)
- ދަށުކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި، އިސްތިސްނާއީ ޙާލަތެއްގައި މެނުވީ، ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ ދަށުކޯޓުން މައުޟޫޢާމެދު ނިންމުމުގެ ކުރިން ހައިކޯޓުން ހެކި ވަޒަންކޮށް މައުޟޫޢުގެ ތެރެއަށް ވަދެވޭ، އިސްތިއުނާފުގެ ނިޒާމާއި ޙައްޤަށް ނުރަނގަޅު އަސަރުކުރާ ކަމެކެވެ. އެހެންކަމުން ހައިކޯޓުން ކުރަންވާނީ ދަށުކޯޓުގެ ނިންމުން ބާޠިލުކޮށް ބަލަންޖެހޭ އުޞޫލުތައް ބަޔާންކޮށްދިނުމެވެ. ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ މައްސަލަ ބަލާ ކޯޓުންނެވެ. (ނ، ރ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 63 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާ)
- 2011/SC-A/33
- 2018/HC-A/279
- ބެންޗު
- ޢަބްދުއްރައޫފް އިބްރާހީމް، ޝުޖާޢު ޢުޘްމާން، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް