ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/33،134
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އިރުފާން، 2021/HC-A/33ØŒ134
Prosecutor General v. Ibrahim Irufaan 2021/HC-A/33،134 (2021/HC-A/33،134, High Court of the Maldives, 2 May 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އިރުފާން
މައްސަލައިގެ ޚުލާޞާ
ހަރުދަނާ ސަބަބެއް ނެތް ކަމަށާއި، މުޖުތަމަޢަށް ނުރައްކާތެރިކަމުގެ ހަރުދަނާ ހެކި ނެތް ކަމަށާއި، ކުށުގެ ރެކޯޑު ނެތް ކަމަށާއި، ހެކިންނަކީ ފުލުހުން ކަމުން ނުފޫޒު ފޯރުވުމުގެ އިޙްތިމާލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ޝަރުޠުކޮށް ދޫކޮށްލިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި 2020 އޮގަސްޓުގައި ހައްޔަރުކުރި ދެ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3 ވަނަ އިޞްލާޙާ ގުޅިގެން ބަންދު މުރާޖަޢާކުރުމަށް އެދުމުން ކްރިމިނަލް ކޯޓުން ދެ ފަރާތް ޝަރުޠުކޮށް ދޫކޮށްލިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރުތަކަކީ ޤާނޫނުއަސާސީގެ 49 އާއި 143(ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22(ކ)، 59، 60(ށ) އާ ޚިލާފު އަމުރުތަކެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ދެ ފަރާތް ޝަރުޠުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ އެއްގޮތް އަމުރުތަކެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރުތައް ބާޠިލު
ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމާއި، އެކަށީގެންވާ ހެކި ލިބި ދަޢުވާ ހުށަހެޅިފައިވާކަމާއި، ކުރީގެ އަމުރުތަކުގައި ކުށުގެ ރެކޯޑު ހުރިކަން ބަޔާންކޮށްފައިވާކަމާއި، ކުށުގެ ބާވަތާއި ކުޑަބޮޑުމިނަށް ރިޢާޔަތްނުކުރާކަން ފާހަގަކޮށް އަމުރުތައް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށްތަކާ ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ޙާލަތުގައި ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދާމެދު ގޮތް ނިންމަންޖެހެނީ 60(ހ) ގައިވާ 4 ގޮތުންކުރެ ގޮތަކަށެވެ؛ އަދި ރިޢާޔަތްކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބަލަންޖެހޭއިރު، މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކުށެއް ކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ކ) ގައިވާ ޖިނާއީ ބޮޑު ކުށެއް ކަމުން، 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- 60(ށ)(4) ގެ ދަށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަށް (ބަންދާއި ހައްޔަރާއި ކުށުގެ ރެކޯޑު، މުޖުތަމަޢުގައި އަދާކުރާ ދައުރާއި ވަޒީފާއާއި ދިރިއުޅުމުގެ ވައްޓަފާޅި، ކުށުގައި ބައިވެރިވި ގޮތް، ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި އަނިޔާވެރިކަން) ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވި، ތުހުމަތުކުރުމަށް އެކަށީގެންވާ ހެކި ލިބި ދަޢުވާ ހުށަހެޅިފައިވާ ޙާލަތެއްގައި، ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައިވާ ކުށުގެ ބާވަތާއި ކުޑަބޮޑުމިނަށް ރިޢާޔަތްނުކޮށް ބަންދުން ދޫކޮށްލުމަށް ނެރޭ އަމުރަކީ ބަދަލު ގެންނަންޖެހޭ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–21)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ވ) (3 ވަނަ އިޞްލާޙުން ގެނެވުނު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)، (ށ)، (ބ)، (ޅ)، (ކ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު، ހާތިފް ޙިލްމީ
- ޚިލާފު ރައުޔު
- ނެތް