ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/421
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ހިދާޔަތުﷲ ސަރުބަތުޚާން، 2018/HC-A/421
Prosecutor General v. Hidhaayathuﷲ Sarubathukhaan 2018/HC-A/421 (2018/HC-A/421, High Court of the Maldives, 17 February 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ހިދާޔަތުﷲ ސަރުބަތުޚާން
މައްސަލައިގެ ޚުލާޞާ
ޖިނާއީ ކުށަކާ ގުޅިގެން ހޯދި ފައިސާކަން އެނގޭނެ ހެއްކެއް ޤަރީނާއެއް ހުށަހެޅިފައި ނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން ފައިސާ 24 ގަޑިއިރު ތެރޭގައި ވެރިފަރާތާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ބިދޭސީ ރައްޔިތަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލައިޓަކަށް ޗެކިންކުރިއިރު ލަގެޖު ތެރެއިން ފެނުނު އެމެރިކާ ޑޮލަރާއި ޔޫރޯއާއި ޗައިނީސް ޔޫއާން، ރާއްޖެއިން ބޭރަށް ފޮރުވައިގެން ގެންދަން އުޅުނު ފައިސާކަމަށް ބުނެ ހިފެހެއްޓި ނަމަވެސް، އިންވެންޓްރީއެއް ނުދީ ހިފަހައްޓާފައިވާތީ އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 އާއި 37 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް، ކަސްޓަމްސްގެ ޤާނޫނާއި މަނީ ލޯންޑްރިންގ ހުއްޓުވުމުގެ ޤާނޫނާއި ގަވާއިދުގެ "ޑިކްލެރޭޝަން ޕްރޮސެސް" ގެ މަޤްޞަދަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. ފައިސާ ހިފެހެއްޓިކަން އޭނާއަށް އަންގާފައި ނުވާކަމަށް އިސްތިއުނާފު ރައްދުވި ފަރާތުން ބުނެ، ކަސްޓަމްސްއިން އެކަމަށް އިންކާރުނުކުރެއެވެ.
މައިގަނޑު ސުވާލު
ފުލައިޓަކުން ބޭރަށް ދަތުރުކުރަން އުޅުނު ބިދޭސީއެއްގެ ލަގެޖުން ފެނިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފެހެއްޓި ނަގުދު ފައިސާ ވެރިފަރާތާ ޙަވާލުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 އާއި 37 ވަނަ މާއްދާއާއި، ކަސްޓަމްސްގެ ޤާނޫނާއި، މަނީ ލޯންޑްރިންގ ހުއްޓުވުމުގެ ޤާނޫނާއި، ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ފައިސާ ހިފެހެއްޓީ ކޯޓު އަމުރަކާ ނުލައި ކަސްޓަމްސްގެ ބާރުގެ ދަށުން ކަމުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 36 އާއި 37 ވަނަ މާއްދާ ތަޠުބީޤު ނުވާނެއެވެ. ނަމަވެސް ގަވާއިދުގެ 4 (ނ) ގެ ދަށުން 3 ދުވަހުގެ ތެރޭގައި އަންގަން ޖެހޭ ކަން ކަސްޓަމްސްއިން ނުކުރާތީ ހިފެހެއްޓުން ޤާނޫނާ އެއްގޮތް ނޫނެވެ. ޤާނޫނުއަސާސީގެ 40 (ށ) އާއި 74 (ހ) ގެ ދަށުން ޤާނޫނުގައިވާ ގޮތުގެ މަތިން ނޫނީ މުދާ ހިފެހެއްޓޭނެ ނުވާތީ ދަށުކޯޓުގެ އަމުރަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާއި 37 ވަނަ މާއްދާ ގުޅެނީ ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ މުދަލާ ކަމުން، ކޯޓު އަމުރަކާ ނުލައި ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަސްޓަމްސްއަށް ލިބިފައިވާ ބާރުގެ ދަށުން ހިފެހެއްޓި ފައިސާއަށް އެ މާއްދާތައް ތަޠުބީޤުކުރަން ނުޖެހޭނެއެވެ. (3.2)
- ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދުގެ ދަށުން ނަގުދު ފައިސާ ހިފެހެއްޓިއްޔާ، އެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިފެހެއްޓިކަން ސަބަބާއެކު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ފައިސާ އެތެރެކުރަން ނުވަތަ ބޭރުކުރަން އުޅުނު ފަރާތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަންގަން ޖެހޭނެއެވެ. (3.2، 3.3)
- ކަސްޓަމްސްގެ ޤާނޫނާއި މަނީ ލޯންޑްރިންގ ހުއްޓުވުމުގެ ޤާނޫނާއި ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގައި ފިޔަވަޅު އެޅޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް އެފަރާތަށް ލިބިދޭން ޖެހޭނެއެވެ. އެ ޙައްޤުތައް ލިބިދިނުމަކީ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ "ޑިކްލެރޭޝަން ޕްރޮސެސް" ގެ މަޤްޞަދު ގެއްލޭނެ ކަމެއް ނޫނެވެ. (3.3)
- ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ (ހ) އާއި 40 ވަނަ މާއްދާގެ (ށ) ގެ ދަށުން މީހެއްގެ މުދާ އޭނާގެ ނުރުހުމުގައި ދައުލަތަށް ނެގޭނީ ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމުން، ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް ހިފެހެއްޓި ނަގުދު ފައިސާ ހިފަހައްޓައިގެން ނުވާނެއެވެ. (3.4)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 37 ވަނަ މާއްދާ، (ނ) ހިމެނޭ ގޮތަށް
- ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އަދި (ނ)
- ގަވާއިދު ނަންބަރު 2015/R-112 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2015/R-112 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ނ)
- ގަވާއިދު ނަންބަރު 2015/R-112 (ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޝުޖާޢު ޢުޘްމާން (އިސްފަނޑިޔާރު، ރިޔާސަތު)، ޙަސަން ޢަލީ، ޙުސައިން ޝަހީދު
- ރިޔާސަތު
- ޝުޖާޢު ޢުޘްމާން (އިސްފަނޑިޔާރު، ރިޔާސަތު)
- ޚިލާފު ރައުޔު
- ނެތް