ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/144
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އީމާން ޢަބްދުލްކަރީމް، 2019/HC-A/144
Prosecutor General v. Eemaan Abdhulkareem 2019/HC-A/144 (2019/HC-A/144, High Court of the Maldives, 14 July 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އީމާން ޢަބްދުލްކަރީމް
މައްސަލައިގެ ޚުލާޞާ
ރިޓަށް އެދުނު އިރު ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އެއްވެސް ކޯޓެއްގައި ޖިނާއީ މައްސަލައެއް ނެތުމުން ބަންދަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އާ ޚިލާފު ބަންދެއްކަމަށް ކަނޑައަޅައި ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި ނަމަވެސް، ބަންދުގައިވާ މީހުން ރަށު ކޯޓަށް ޙާޟިރުކުރުމުގެ ދަތިކަމުގެ ސަބަބުން އެ ކޯޓުން 04 ޑިސެމްބަރު 2018 ގައި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަނބުރާ ފޮނުވިއެވެ. އަލުން ދަޢުވާ ނުކޮށް ބަންދުގައި ބަހައްޓާފައި ހުއްޓާ ތުހުމަތުކުރެވޭ ފަރާތުން 08 ޖަނަވަރީ 2019 ގައި ހޭބިއަސް ކޯޕަސް ރިޓަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ދަޢުވާ ކުރެވޭ މިންވަރަށް ހެކި ހުރެ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ މުއްދަތުގެ ތެރޭގައި ދަޢުވާ ކުރެވިފައިވާތީ ދޫކޮށްލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22(ޅ) އާއި 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ އިސްތިއުނާފު ހުށަހެޅީ މުއްދަތު ފާއިތުވުމަށްފަހު ކަމަށެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތްގެ މައްސަލަ މެޖިސްޓްރޭޓް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަނބުރާ ފޮނުވުމަށްފަހު، އަލުން ދަޢުވާ ނުކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފު ބަންދެއްކަމަށް ކަނޑައަޅައި ހޭބިއަސް ކޯޕަސް ރިޓުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޞައްޙަ ތޯ؛ އަދި އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައި ތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައެވެ. މައްސަލަ އަނބުރާ ފޮނުވުމަށްފަހު ދަޢުވާ ނުކޮށް އަދި ބަންދާމެދު ކޯޓަކަށް ނުއެދި ބަހައްޓާފައިވާ ބަންދަކީ ޤާނޫނީ ހަމަތަކާ ޚިލާފު ބަންދެކެވެ. އަލުން ދަޢުވާ ކުރެވިފައިވާތީ ބަންދަށް ބޭނުންނަމަ އެ މައްސަލަ ބަލާ ކޯޓަށް ހުށަހެޅޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފުކުރަން ބޭނުންނަމަ، ސުޕްރީމް ކޯޓުގެ ނަންބަރު SC/2015/06 ސަރކިއުލަރގައިވާ ގޮތުގެ މަތިން 10 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ؛ ޙުކުމް ކުރިތާ 2 ދުވަސް ތެރޭގައި ހުށަހެޅި އިސްތިއުނާފަކީ މުއްދަތުގެ ތެރޭގައި ހުށަހެޅި އިސްތިއުނާފެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.1)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްގެ މައްޗަށް، 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- މުއްދަތުގެ ތެރޭގައި ދަޢުވާ ކުރެވިފައިވީނަމަވެސް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވުމަށްފަހު އަލުން ދަޢުވާއެއް ނުކޮށް، އަދި ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެއްވެސް ކޯޓަކަށް ނުއެދި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ބަހައްޓާފައިވާ ބަންދެއް ނޫނެވެ؛ ތުހުމަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ބޮޑެތި ކުށެއް ކަމުގައި ވީނަމަވެސް މި ޙުކުމް ބަދަލެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއި ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނީ ހަމަތަކުގެ މަތިން މެނުވީ އެއްވެސް މީހަކު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުން މަނާވެއެވެ؛ ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބަދަލު ޤާނޫނުއަސާސީގެ 58 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ތުހުމަތު ކުރެވޭ ފަރާތުގެ މައްސަލަ އަލުން ޝަރީޢަތަށް ހުށަހެޅިފައިވާނަމަ، ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކެއް ހުރިނަމަ އެކަން އެ މައްސަލަ ބަލާ ކޯޓަށް ހުށަހަޅައިގެން ބަންދާމެދު ގޮތެއް ނިންމުމުގެ ފުރުޞަތު ދައުލަތަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 58 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015/06 (27 ޖަނަވަރީ 2015) ސަރކިއުލަރ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް