ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-B12/19
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޔާމީން، 2023/HC-B12/19
Prosecutor General v. Ali Yaameen 2023/HC-B12/19 (2023/HC-B12/19, High Court of the Maldives, 20 April 2023)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޔާމީން
މައްސަލައިގެ ޚުލާޞާ
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ސިއްރު ހެކިން ފިޔަވައި ދެން ހެކިންގެ ރެކޯޑުތަކާއި އެދުނު މަޢުލޫމާތު 7 ދުވަހުގެ ތެރޭގައި ހާމަކުރަން ދައުލަތަށް އެންގިއެވެ.
ތޫނު އެއްޗެއް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާގައި ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުގެ ހެކިންގެ ހައްޔަރާއި ކުށުގެ ރެކޯޑު ހާމަކުރަން އެދުނެވެ.
ޕީޖީ ބުނީ ނިންމުމަކީ 2022/SC-A/75 އާއި 2021/SC-A/30 ގެ އުޞޫލުތަކާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށާއި، 129 (ރ) ގައިވަނީ ދަޢުވާލިބޭ ފަރާތުގެ ރެކޯޑު އެކަނި ކަމަށެވެ. ދަޢުވާލިބޭ ފަރާތްތަކުން ބުނީ އިސްތިއުނާފަކީ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫންކަމަށާއި، ހެކިންގެ ޢަދުލުވެރިކަމަށް ޠަޢުނުކުރުމަށް މި ރެކޯޑު ބޭނުންކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ ހެކިންގެ (ސިއްރު ހެކިން ފިޔަވައި) ހައްޔަރު ރެކޯޑާއި ކުށުގެ ރެކޯޑު ދިފާޢަށް ހާމަކުރަން ދަށުކޯޓުން އެންގުމަކީ ސުޕްރީމް ކޯޓުގެ ސާބިތު އުޞޫލުތަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ޕީޖީގެ ފުރަތަމަ ނުކުތާގައި ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް ވަދެވޭ ޙާލަތެއް ބުނެދީފައި ނުވާކަމަށާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާ މުޅިއެކު ކިޔުމުން ހެކިންގެ ކުށުގެ ރެކޯޑުވެސް ހާމަކުރުމުގެ ތެރެއަށް ވަންނަކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 130 ވަނަ މާއްދާގެ އިސްތިސްނާއެއް ދައުލަތުން ދައްކާފައި ނުވާކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނީ މަދު ޙާލަތެއްގައި ކަމަށްވާތީ، އެފަދަ ނިންމުމެއް އިސްތިއުނާފުކުރާ ފަރާތުން، ސުޕްރީމް ކޯޓުން 2022/SC-A/51 ގެ 15 ވަނަ ޕެރެގްރާފުގައި ކަނޑައެޅި 4 ޙާލަތުގެ ތެރެއިން މައްސަލަ ފެތެނީ ކޮން ޙާލަތަކަށްކަން އިސްތިއުނާފީ ބަހުސުން ބުނެދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 17)
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ފަދަ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއްކަން ސާފުވާ މިންވަރަށް ބުނެދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ؛ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ޙަވާލާދިނުން އެކަނި އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 18)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތުން އެދިއްޖެނަމަ ދަޢުވާލިބޭ ފަރާތާ އެއްކޮޅަށް ހުރި ހެކިތައް ދައުލަތުން ހާމަކުރަންޖެހޭނެއެވެ؛ އަދި ދިފާޢު ތައްޔާރުކުރުމަށް މުހިންމު އެއްޗެއްނަމަ ހާމަކުރުމަށް ޤާނޫނު ހުއްދަކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- 129 ވަނަ މާއްދާގެ (ރ) ގައި ލަފްޒީ ގޮތުން ބުނަނީ ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑުގެ ވާހަކަ ނަމަވެސް، (ބ) އާއި (ކ) އަށް ބަލާއިރު މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ކުށުގެ ރެކޯޑު ހާމަކުރުންވެސް އެ މާއްދާގައި ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ހުށަހެޅޭ ހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލުކޮށް ޠަޢުނުކުރުމަކީ ދަޢުވާލިބޭ ފަރާތަށް ލިބިދޭ ޙައްޤެކެވެ؛ ހެއްކާބެހޭ ޤާނޫނުގެ 47، 48 އަދި 110 ވަނަ މާއްދާއާއެކު 129 ވަނަ މާއްދާ ކިޔުމުން ހެކިވެރިންގެ ހައްޔަރާއި ކުށުގެ ރެކޯޑަކީ ދަޢުވާލިބޭ ފަރާތުން އެދިއްޖެނަމަ ދޫކުރެވިދާނެ މަޢުލޫމާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ދިފާޢު ބިނާކުރުމަށް މުހިއްމު ކަމަށް އެކަށީގެންވާ ސަބަބާއެކު ބަޔާންކޮށްފައިވާ މަޢުލޫމާތެއް 130 ވަނަ މާއްދާގެ ހާމަނުކުރެވޭ ޙާލަތަކަށް ފެތޭކަމަށް ދައުލަތުން ވަކާލާތުނުކުރާނަމަ، ހާމަކުރުން މަނާކުރާ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާގެ (ބ)، (ރ)، (ކ)، (އ) އަދި 130 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 47، 48 އަދި 110 ވަނަ މާއްދާ
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/98 (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/58 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 (އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް