ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/184
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޝައިނީ ނާފިޒު، 2019/HC-A/184
Prosecutor General v. Ahmed Shainee Naafizu 2019/HC-A/184 (2019/HC-A/184, High Court of the Maldives, 4 September 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޝައިނީ ނާފިޒު
މައްސަލައިގެ ޚުލާޞާ
ސައިކަލު އިޖުރާއަތާ ޚިލާފަށް ބަލާފާސްކޮށްފައިވާތީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ކެފޭއެއްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުގެ ޖީބުން ފެނުނު ތަޅުދަނޑިން ހުޅުވުނު ސައިކަލެއްގެ މަޑިދަށުން ބަނގުރާއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ޅ)، 35 (ރ)(2)، 59 އަދި 60 ވަނަ މާއްދާތަކާއި، ޤާނޫނުއަސާސީގެ 143 (ރ) ގައިވާ ސާބިޤާގެ އުޞޫލާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ބަންދުކުރެވުނު މީހާގެ ސައިކަލު އިޖުރާއަތާ ޚިލާފަށް ބަލާފާސްކުރިކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35، 59 އަދި 60 ވަނަ މާއްދާތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު އަލުން ގޮތެއް ނިންމަން ޝަރީޢަތް ހިނގާ ކޯޓަށް
ސައިކަލު ބަލާފާސްކުރީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރަކާ ނުލައި ބަލާފާސްކުރެވޭ ހާލަތެއްގައި ކަމަށާއި، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތަށް ހެކި ހުރުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަމަލުކުރަންޖެހޭ ކަމަށް ކަނޑައަޅައި، މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާތީ ބަންދާމެދު ގޮތެއް ނިންމަންވާނީ ޝަރީޢަތް ހިނގާ ކޯޓުން ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ މީހެއްގެ ބަންދު ޤާނޫނާ އެއްގޮތްތޯ ކަނޑައަޅާއިރު ފަނޑިޔާރު ބަލަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ހަވަނަ ބާބާއި އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދަށް ކަމާއި، ދެފަރާތުގެ ހުށަހެޅުންތަކުގެ އިތުރުން 59 ވަނަ މާއްދާގެ (ހ) އިން (ރ) އަށް ބަޔާންކުރާ ކަންކަމަށާއި 60 ވަނަ މާއްދާގެ (ށ) ގައިވާ ސަބަބުތަކަށް ރިޢާޔަތްކުރަންވާނެއެވެ. (ނުކުތާ 3 (ށ))
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރު (ބ) އާ އެކު ކިޔުމުން، އުޅަނދެއްގައި މަސްތުވާއެއްޗެއް ހުރިކަމަށް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަކަށް ޤަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދު ބަލައި ފާސްކުރުމުގެ ބާރު އެ އޮފިސަރަށް ލިބިގެންވެއެވެ؛ ދުއްވާފައިދާ، ޕާކްކޮށްފައިވާ ނުވަތަ ބަނދަރުކޮށްފައިވާ އުޅަނދު ބަލައި ފާސްކުރުމުގެ ބާރު (ކ) އިން ލިބިދެއެވެ. (ނުކުތާ 3 (ނ))
- ތުހުމަތުކުރެވޭ މީހާގެ ހިޔާޒަތުގެ ދަށުން ފެނުނު ތަޅުދަނޑިން ހުޅުވުނު އުޅަނދެއްގެ ރަޖިސްޓްރީ މިލްކުވެރިއަކީ ކާކުކަމުގައިވިޔަސް، އެހިނދު އެ އުޅަނދުގެ އަތުގެ މިލްކުވެރިއަކީ އެމީހާކަމަށް ބެލެވޭނެއެވެ؛ ތަޙްޤީޤުގެ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމުމަށް އެކަމުގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތެވެ. (ނުކުތާ 3 (ނ))
- މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ޖިނާއީ ބޮޑު ކުށެއް ކަމަށާއި، އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށަކަށްވާތީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ 60 ވަނަ މާއްދާގެ (ށ) ގެ (4) ގައިވާ ސަބަބު ސާފުކޮށް ފެންނަން އޮންނަ ހާލަތުގައި ޢަމަލުކުރަންޖެހޭނީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. (ނުކުތާ 3 (ރ))
- ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ މައްސަލަ ބައްލަވާ ކޯޓުން، މައްސަލަ ބައްލަވާ ފަނޑިޔާރެވެ؛ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އުޞޫލު ކަނޑައެޅިފައިވަނީ ޝަރީޢަތް މެދުނުކެނޑި ކުރިއަށްގޮސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމުގެ އިންތިޒާމާ އެކުއެކީގައެވެ. (ނުކުތާ 3 (ބ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ނ)، (ރ) ގެ (2)، (ބ) އަދި (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ހަވަނަ ބާބު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) އިން (ރ) އަށް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (4)
- ހައިކޯޓުގެ ނަންބަރު 2018/HC-A/134
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33
- ބެންޗު
- ޝުޖާޢު ޢުޘްމާން، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް