ސައިޓޭޝަން ކޮޕީ ކުރުމަށް
2019/SC-A/79
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (އުނިކުރެވިފައި)، 2019/SC-A/79
Prosecutor General's Office v. (omitted) 2019/SC-A/79 (2019/SC-A/79, Supreme Court of the Maldives, 15 September 2020)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (އުނިކުރެވިފައި)
މައްސަލައިގެ ޚުލާޞާ
ހައިކޯޓުން 2019/HC-A/134 ގަޟިއްޔާގައި (21 މާރޗް 2019) ނިންމީ، ޖުވެނައިލް ކޯޓުގެ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ. ހައިކޯޓުން ބުރަވެވަޑައިގަތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ފާހަގަކުރި ކަންކަމަށެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް އައީ، ހައިކޯޓުގެ އެ ނިންމުމާ ދެކޮޅަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފޯމުންނެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ދަޢުވާ ޖުވެނައިލް ކޯޓުގައި އުފުލިފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު، ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) އަމުރުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލިއެވެ. އެ އަމުރަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފު އަމުރެއްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ތުހުމަތުކުރެވޭ ކުށަކީ މުޖުތަމަޢުގެ ސުލްހަ މަސަލަސްކަމަށް ބޮޑެތި ގެއްލުން ލިބޭ ބޮޑު ކުށަކަށްވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްނުކޮށް ކުއްޖާ ދޫކޮށްލި އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކުށެއް ކަމަށް ބުނާ ކުށެއްގެ ތުހުމަތުގައިވާ މީހަކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ހަމައެކަނި ޝަރުތުތަކާއެކު ދޫކޮށްލެވޭ ގޮތަށް މާނަކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ބޭނުން ނެތިގެންދާ ގޮތެއް ކަމަށެވެ.
މައިގަނޑު ސުވާލު
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ދަޢުވާ އުފުލިފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ނެރުނު އަމުރަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ.
ނިންމި ގޮތް
ޖުވެނައިލް ކޯޓާއި ހައިކޯޓުގެ ނިންމުން ބާޠިލު (އަޣުލަބިއްޔަތުން)
އަޣުލަބިއްޔަތުގެ ރައުޔުގައި ކަނޑައެޅީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ން ގޭގައި ހުރުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވީ ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގެ ދަށުން ޚާއްޞަ ޤާނޫނު އިސްވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް އެދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ހާލަތެއް ވުޖޫދުގައިވާނަމަ، 18 އަހަރުން ދަށުގެ ކުއްޖަކު ކަމުގައި ވިޔަސް ބަންދުކުރުން ނޫން ގޮތެއް ފަނޑިޔާރަށް ނެތް ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކުއްޖަކު ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން، ވީހާ ކުރު މުއްދަތަކަށް، މުރާޖަޢާކުރެވޭ ގޮތަށް ކަމުގައި ވިޔަސް، މުޖުތަމަޢުގެ ސަލާމަތަށް ވެސް ކޯޓުން ސަމާލުކަން ދޭންޖެހޭ ކަމަށާއި، މި މައްސަލައިގައި ކުއްޖާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ޖުވެނައިލް ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ކަނޑައެޅިއެވެ. ނަމަވެސް ޝަރުތުތަކާ ޚިލާފުވުމުން 8 އޭޕްރިލް 2019 ގައި ޖުވެނައިލް ކޯޓުން ކުއްޖާ ބަންދުކުރުމަށް އަމުރުކޮށްފައިވާތީ، ޖުވެނައިލް ކޯޓުގެ އަމުރާއި ހައިކޯޓުގެ ނިންމުން ބާޠިލުކޮށް، އިތުރު އަމުރެއް ނެރުމުގެ މަޞްލަޙަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އަޣުލަބިއްޔަތުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގައިވާ ޝަރުތުތަކުގެ ތެރެއިން 9 ވަނަ ޝަރުތުގައި ވާގޮތުން ބަންދުން ދޫކޮށްލެވޭ މީހާ ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް ޝަރުތު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 17)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އިން ގައިދުކޮށްފައިވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިއްޖެނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާނަމަ، އެގޮތަށް އެ މީހަކު ބަންދުކުރަން އަމުރުކުރުން ނޫންގޮތެއް ފަނޑިޔާރަށް އޮތް ކަމަށް ނުފެނެއެވެ. އެއީ 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށްވިޔަސް މެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 20)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) އިން އެނގެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ، އެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި ތަހުގީގުކުރުމާއި މީހުން ބަންދުކުރުމާއި ޝަރީއަތްކުރުމުގައި އަމަލުކުރާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކަމާއި، އެ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އުސޫލުތައް އެ ގާނޫނުގައި ބަޔާންވެގެންވާ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އާންމު އުސޫލުތަކުން އިސްތިސްނާ ވާނެ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާ އިން، 18 އަހަރު ނުފުރޭ ކުދިން ކުރާ ކުށްތަކުގައި ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އެފަދަ ހާލަތްތަކުގައި ކުށްކުރާ ބޮޑެތި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ތަފާތު އުސޫލަކުން އަމަލުކުރުމަށް ކޯޓުތަކުގެ މައްޗަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އަދި ކުއްޖާ މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އާއި ޚިދުމަތްތައް މެދު ނުކެނޑޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ލާޒިމްކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އެފަދަ ހާލަތްތަކުގައި ކުށްކުރާ ބޮޑެތި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ތަފާތު އުސޫލަކުން އަމަލުކުރުމަށް ކޯޓުތަކުގެ މައްޗަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައި އޮތް އޮތުމުގެ މާނައަކީ ކުޑަކުދިންގެ ތެރެއިން އަނިޔާވެރި އަދި ބޮޑެތި ޖިނާއީ ކުށްކުރާ ކުދިން މުޖުތަމައުގެ ތެރެއަށް ވީއްލައި، އެ ކުދިންގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ނުކޮށް ދޫކޮށްލުން ކޯޓުގެ މައްޗަށް ލާޒިމުވަނީއެއް ނޫނެވެ. އެ ކުއްޖާއަށް ގާނޫނުގެ ދަށުން ލިބިގެންވާ ހައްގުތަކާއި ހިމާޔަތްތަކަށް ރައްކާތެރިވެ އެ ހައްގުތައް ނެގެހެއްޓުމާއެކު އެ ކުއްޖެއްގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަތުވެދާނޭ ނުރައްކާތަކަށް ވެސް ކޯޓުތަކުން ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ މިނޫންވެސް ހާލަތެއް އޮތްތޯ ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ހިނދު، އެ ކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށް އެ ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށް އެ ކުއްޖާގެ ފަރާތުން ނުރައްކަލެއް އަތުވެދާނެ ކަމަށް ފެންނަ ނަމަ ނުވަތަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން އެނޫންވެސް ހާލަތެއް އޮތްކަމަށް ފަނޑިޔާރަށް ބުރަވެވޭނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، އެ ކުއްޖަކު ހައްޔަރުކުރުމަށް ނުވަތަ ބަންދުކުރުމަށް އަމުރުކޮށްގެން ނުވާނެއެވެ. އަދި އެ ކުއްޖާ ބަންދުކުރުމުގެ އަމުރެއް ނެރޭނަމަ އެ އަމުރަކީ ވީހާވެސް ކުރު މުއްދަތަކަށް، ކަނޑައެޅިފައިވާ މުއްދަތުތަކަކުން މުރާޖައާކުރެވޭ އަމުރަކަށްވެސް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ކުއްޖާ ހައްޔަރުކުރުމަށް ނުވަތަ ބަންދުކުރުމަށް ނިންމާ ނިންމުމަކީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުކަމަށް ވުމާއެކު އެ ކުއްޖާ ބަންދުކުރަން އަމުރުކުރުމުގެ ބަދަލުގައި އެފަދަ ކުދިން ބެލެހެއްޓުމުގައި ދައުލަތުން ނުވަތަ އެ ކުއްޖާގެ ބެލެނިވެރިން އިންތިޒާމުތަކެއް ހަމަޖައްސާފައިވާނަމަ އެ އިންތިޒާމުގެ ތެރެއިން އެ ކުދިން ބެލެހެއްޓުމަށް އަމުރުކުރުމަށް އިސްކަން ދޭންވާނެއެވެ. އަދި އެފަދަ އިންތިޒާމެއް ނެތްނަމަ ފަނޑިޔާރު ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން ކުށުގެ ވެއްޓާ އެ ކުއްޖާއާ ދުރުކޮށް އެ ކުއްޖާ އިސްލާހުގެ މަގަށް ގެނައުމަށް ފުރުސަތު ލިބޭނޭ ބާވަތުގެ ޝަރުތުތަކަކާއެކު އެ ކުއްޖާ ދޫކޮށްލުމަށް އިސްކަން ދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- އާއްމު ތަންތަނުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެ ކުށުގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ބާވަތުގެ ކުށްތަކެވެ. އަދި މި ބާވަތުގެ ކުށްތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
އިސްތިއުނާފު ކުރާ ފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
(އުނިކުރެވިފައި)
މައްސަލައިގެ ބާވަތް:
ކޯޓު އަމުރު
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
24 ޖޫން 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:
22 ސެޕްޓެމްބަރ 2019ނިމުނު ތާރީޚު:
15 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
14 ފެބްރުއަރީ 2019ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
21 މާރޗް 2019
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ތާއީދު ކުރައްވާފައި)
1މި މައްސަލައަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހާ ހާޒިރުކުރުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ޚާއްސަކޮށް ކުށުގެ ތުހުމަތުގައިވާ މީހާއަކީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ކަމަށްވެފައި، އެ ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ މީހަކަށް ނުރައްކާތެރި ހާނީއްކަ ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ކަމަށްވާ ނަމަ، އެ ކުއްޖާ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ދާއިރާއާ ބެހޭގޮތުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ކަމުގައިވާތީ މައްސަލައިގައި "ކުއްޖާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ގޮތުގައި ބަޔާންކުރެވިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށެވެ.
2ކުއްޖާގެ އުފަން ތާރީޚަކީ 12 ޖޫން 2001 އެވެ.
3ކުއްޖާ، އިތުރު ބަޔަކާއެކު 14 ނޮވެމްބަރު 2017 ވަނަ ދުވަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވިގެން 12 މާރިޗު 2018 ގައި ހައްޔަރުކުރެވިފައި ވެއެވެ.
4ކުއްޖާ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށުގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓުގައި ދައުވާކޮށްފައިވަނީ 22 އެޕްރީލް 2018 ގައެވެ.
5އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އެ ކުއްޖާ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 ކޯޓު އަމުރުން، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް 2019 ފެބްރުއަރީ 4 ވަނަ ދުވަހު އަމުރުކޮށްފައިވެއެވެ.
6އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލި ކޯޓު އަމުރުގައި ބުނެފައިވަނީ، ޝަރުތުތަކާއެކު އެ ކުއްޖާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރާކަމަށާއި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވަނީ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ނުފެންނާތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުފެންނާތީ ކަމަށެވެ.
7އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ކުރި އަމުރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ "ޝަރުތުގެ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން" މިގޮތަށް ކޮށްފައިވާ ޝަރުތު، "ޝަރުތުގެ މުއްދަތުގައި، ކޮންމެ ދުވަހަކު މެންދުރު 00:12 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުދިއުމަށް" މިގޮތަށް އިސްލާހުކޮށް، އެ ޝަރުތު އިސްލާހުކުރެވުނު ގޮތާ އެއްގޮތަށް އަމަލު ކުރުމަށް ކުއްޖާ އިގުރާރުވެފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-A/134 ގަޒިއްޔާ ނިންމާފައިވާ ގޮތް
8ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބަޔާންކޮށް އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
9ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީހަކަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ބޮޑު ކުށެއް ކަމާއި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން އަދި މުޖުތަމައުއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކުށްތަކެއް ކަން އެނގެން އޮންނަ ހިނދު، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުތިމާލު އޮއްވާ މީނާގެ ކިބައިން މުޖުތަމައަށް ލިބިދާނެ ނުރައްކަލެއް ފިލައި ނުދަނީސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެ ކުއްޖާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
10ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2019/HC-A/134 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
11ތިރީގައި މިވަނީ ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ބަޔާންކޮށް ހައިކޯޓުން ފާހަގަކުރި ނުކުތާތަކެވެ.
1. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ ކަންކަން ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށާއި އެއިން ސަބަބަކަށްޓަކައި މެނުވީ މީހަކާމެދު ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަން އެނގެއެވެ.
2. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު 4 ގޮތަކަށް ނިންމިދާނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އިން އެނގޭ ކަމަށާއި، އެ 4 ގޮތަކީ:
(ހ) ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުން.
(ށ) އެއްވެސް ޝަރުތެއްނެތި ދޫކޮށްލުން.
(ނ) ކަފާލާތުގެ ދަށުން ދޫކޮށްލުން.
(ރ) ޝަރުތަކާއެކު ބަންދުން ދޫކޮށްލުން.
3. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅުމުން އޭނާގެ ބަންދާމެދު އިސްވެދިޔަ ގޮތްތަކުން ކުރެ ގޮތަކަށް ނިންމުމުގައި އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ހާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭ ނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައިވާ ގޮތަށް ރިއާޔަތްކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބުނެފައިވެއެވެ.
4. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގައި އޭނާއަށް ނިސްބަތްކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ އެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ނުވަތަ ފިލައިފާނެ ކަމަށް ނުވަތަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވި އެކަން ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއިން ލާޒިމުކުރެއެވެ.
5. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު 4 ގޮތަކަށް ނިންމިދާނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭ ކަމަށާއި، ލުއިދިނުމުގެ ގޮތުން ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ކުށެއްގެ ތުހުމަތުގައި ބަންދުކުރަންޖެހޭ މީހާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ މަފްހޫމެއް ނޫންކަން އެ ގާނޫނުގެ އިސްވެ މި ބުނި މާއްދާއިންނާއި ހައިކޯޓުގެ ނަންބަރު 2018/HC-A/142 ނަންބަރު ގަޒިއްޔާއިން އެނގެއެވެ.
6. މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރުތުކޮށް މީހަކު ބަންދުން ދޫކޮށްލާއިރު ވަކި ވަގުތެއްގައި ގެއިން ނުކުތުން މަނާކޮށް ޝަރުތުކުރެވިދާނެ ކަމަށާއި، ނަމަވެސް މުޅި މުއްދަތުގައި ގެއިން ނުކުތުން މަނާކުރުމަކީ ޖިނާއީ އިޖުރާއަތާއި ހައިކޯޓުގެ ނަންބަރު 2018/HC-A/142 ގަޒިއްޔާއާ ޚިލާފުކަމަކަށް ވާނެ ކަމަށެވެ.
7. އިތުރަށް ހައިކޯޓުން ބުނެފައިވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަވެގެން ގޮސްފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަވެފައި ނުވާކަމަށާއި، ޖަލުގައި ކުޑަކުދިންނަށް ނުރަނގަޅު ތަޖުރިބާ ކުރެވެމުންދާ ކަމަށާއި، ޝަރީއަތް ނިމެންދެން ކުޑަކުދިން ބަންދުގައި ބައިތިއްބާނަމަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެ ގޮތުން ތައުލީމު ހާސިލުކުރުމާއި ތަމްރީނު ޕްރޮގްރާމު ތަކުގައި ބައިވެރިވުމަށް ހުރަސް އެޅޭ ކަމަށާއި، މުޖުތަމައުއަށް މިފަދަ ކުދިން އަނބުރާ ގެނައުމަށްޓަކައި އާއިލާ ވަރަށް މުހިންމު ކަމަށާއި، ޖަލުގައި ހުންނަނަމަ އާއިލާއާ ބައްދަލުކުރުމަށް ހުރަސްތައް ހުންނަ ކަމަށާއި، ޖަލުގައިވެސް މާރާމާރީގެ މައްސަލަތައް ގިނަކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު، މިގޮތަށް އާއިލާގެ ގާތަށް ކުއްޖާ ދޫކޮށްފައި ބެހެއްޓުމުގެ ސަބަބުން ކުއްޖާގެ ފަރާތުން ރަނގަޅު ހެޔޮ ބަދަލުތަކެއް ފެނިފައިވާ ކަމަށާއި، މިހާރު އޭނާގެ އުޅުން ރަނގަޅު ކަމަށާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެއްބާރުލުން ދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ކަމުން މި ބުނެވުނު ސަބަބުތަކަށްތަކައި އެ ކުއްޖާ ޖަލުގައި ބަންދުކުރުމަށްވުރެ ކުށުން ދުރުވެ މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްފައި ހުރުންކަމަށް ގަބޫކުލުރެވޭ ކަމަށެވެ.
12މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ ކުއްޖާގެ މައްޗަށް ޤާނޫނު ނަންބަރު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީހަކަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނިކޮށް، ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ބޮޑު ކުށެއް ކަމާއި ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން އަދި މުޖުތަމައުއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކުށްތަކެއްކަން އެނގެން އޮންނަ ހިނދު، ކުއްޖާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުތިމާލު އޮއްވާ މީނާގެ ކިބައިން މުޖުތަމައަށް ލިބިދާނެ ނުރައްކަލެއް ފިލައި ނުދަނީސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެ ކުއްޖާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ އަމުރަކީ މި ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްނުކޮށް ނެރެފައިވާ އަމުރެއް ކަމަށެވެ.
13މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކުރި ދެވަނަ ނުކުތާގައި ބުނެފައިވަނީ، މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ ކަފާލާތުގެ ދަށުން ޝަރުތުތަކާއެކު ވެސް ދޫނުކުރެވޭނެ ބާވަތުގެ ކުށެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާއިރު، ކަފާލާތުގެ ދަށުން ޝަރުތުތަކާއެކު ވެސް ދޫނުކުރެވޭނެ ބާވަތުގެ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް އެއަށް ވުރެ ލުއިކޮށް އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ހަމައެކަނި ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ބަންދުން ދޫކުރެވޭނެ ގޮތަށް ގާނޫނުގެ އެ މާއްދާ މާނަކުރުމަކީ އެ ގާނޫނުގެ 63 ވަނަ މާއްދާގެ ބޭނުން ނެތިގެން ހިނގައިދާނެ ގޮތެއް ކަމަށެވެ.
14ޕްރިސިޑެންސް 1ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު 4 ގޮތަކަށް ނިންމިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު އެ 4 ގޮތުގެ ތެރެއިން ޝަރުތަކާއެކު ބަންދުން ދޫކޮށްލާނަމަ އެ ހާލަތުގައި ފަނޑިޔާރު ކަންކުރަންވާނެ ގޮތް ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ 66 ވަނަ މާއްދާގައެވެ. އަދި ހައްޔަރު ކުރެވިފައިވާ މީހާ ޝަރުތަކާއެކު ބަންދުން ދޫކޮށްލާނަމަ ފަނޑިޔާރަށް ކަނޑައެޅޭނެ ޝަރުތުތަކުގެ ލިސްޓެއް އެ ގާނޫނުގެ 66 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތަކުގެ ތެރެއިން 9 ވަނަ ޝަރުތުގައި ބުނެފައިވަނީ ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
15ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޯޓުން ޝަރުތަކާއެކު ދޫކޮށްލަން ނިންމާ ހާލަތުގައި ފަނޑިޔާރު ކަނޑައަޅާ ޝަރުތުތައް ގަބޫލުކުރާ ކަމަށް ބަންދުގައި ހުރި މީހާ އިގުރާރުވެ ސޮއިކުރަންވާނެ ކަމަށެވެ.
16ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހެއް، ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދިއްޖެނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާނަމަ، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށެވެ.
17ޕްރިސިޑެންސް 2މަތީގައި ބަޔާންކުރެވުނު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގައިވާ ޝަރުތުތަކުގެ ތެރެއިން 9 ވަނަ ޝަރުތުގައި ވާގޮތުން ބަންދުން ދޫކޮށްލެވޭ މީހާ ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް ޝަރުތު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދިއްޖެނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާނަމަ، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށެވެ. ވީމާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިއްޖެނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާ ނަމަ، ފަނޑިޔާރަށް އެނޫން ގޮތަކަށް އިޚްތިޔާރުކުރުމުގެ ބާރު އެ ގާނޫނުން ދީފައި ނެތެވެ.
18އެހެންކަމުން ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރުމުގައި އަދި ހައިކޯޓުން އެ އަމުރަށް ތާއީދުކުރުމުގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރެވިފައި އޮތްކަމަށް އެނގެން ނެތެވެ.
19ޕްރިސިޑެންސް 3ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) އިން އެނގެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ، އެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި ތަހުގީގުކުރުމާއި މީހުން ބަންދުކުރުމާއި ޝަރީއަތްކުރުމުގައި އަމަލުކުރާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކަމާއި، އެ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އުސޫލުތައް އެ ގާނޫނުގައި ބަޔާންވެގެންވާ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އާންމު އުސޫލުތަކުން އިސްތިސްނާ ވާނެ ކަމެވެ.
20ވީމާ، ހައްޔަރު ކުރެވިފައިވާ މީހާ ޝަރުތަކާއެކު ބަންދުން ދޫކޮށްލާން ފަނޑިޔާރަކު ނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަނޑައަޅައި އަންގާފައިވާ ވަގުތެއްގައި ގޭގައި ހުރުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ) އިން ގައިދުކޮށްފައިވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިއްޖެނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާނަމަ، އެގޮތަށް އެ މީހަކު ބަންދުކުރަން އަމުރުކުރުން ނޫންގޮތެއް ފަނޑިޔާރަށް އޮތް ކަމަށް ނުފެނެއެވެ. އެއީ 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށްވިޔަސް މެއެވެ.
21ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ:
"ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އަދި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، ކުޑަކުއްޖަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެއެވެ. އަދި އެފަދައިން އެ ކުއްޖަކު ހައްޔަރު ކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމުގައިވުމުގެ އިތުރަށް، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާއެއް ސާބިތުވެގެން އެ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ކުރެވޭ ހުކުމަކީ، ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ. އަދި ބަންދުކުރުމަށް ފަހުގައިވެސް، އެ ކުއްޖާ އަނބުރާ މުޖުތަމައަށް ރުޖޫއަ ކުރުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އާއި ޚިދުމަތްތައް ކުއްޖާއަށް ފޯރުކޮށްދެމުން ގެންދަންވާނެއެވެ."
22ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނާ ޚިލާފުވާ ކުއްޖަކާމެދު އެ ގާނޫނުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުއްޖަކު ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
23ޕްރިސިޑެންސް 4ޖުވެނައިލް ޖަސްޓިސް ޔުނިޓަކާއި ޖުވެނައިލް ކޯޓެއް ދިވެހިރާއްޖޭގައި އުފެއްދުމުގެ ބޭނުމަކީ ކުށްކުރާ ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިން ކުރާ ކުށްތަކުގެ މައްސަލަތައް ބޮޑެތި މީހުން ކުރާކުށްތަކާއި ތަފާތު އުސޫލަކުން ވަކި ޖިނާއީ އިޖުރާއަތެއްގެ ތެރެއިން ބަލައި، ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިންގެ މައްސަލަތައް ވަކި ނިޒާމެއްގެ ތެރެއިން ހައްލުކުރުމެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާ އިން، 18 އަހަރު ނުފުރޭ ކުދިން ކުރާ ކުށްތަކުގައި ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އެފަދަ ހާލަތްތަކުގައި ކުށްކުރާ ބޮޑެތި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ތަފާތު އުސޫލަކުން އަމަލުކުރުމަށް ކޯޓުތަކުގެ މައްޗަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އަދި ކުއްޖާ މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އާއި ޚިދުމަތްތައް މެދު ނުކެނޑޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ލާޒިމްކޮށްފައިވެއެވެ.
24ޕްރިސިޑެންސް 5ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އެފަދަ ހާލަތްތަކުގައި ކުށްކުރާ ބޮޑެތި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ތަފާތު އުސޫލަކުން އަމަލުކުރުމަށް ކޯޓުތަކުގެ މައްޗަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައި އޮތް އޮތުމުގެ މާނައަކީ ކުޑަކުދިންގެ ތެރެއިން އަނިޔާވެރި އަދި ބޮޑެތި ޖިނާއީ ކުށްކުރާ ކުދިން މުޖުތަމައުގެ ތެރެއަށް ވީއްލައި، އެ ކުދިންގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ނުކޮށް ދޫކޮށްލުން ކޯޓުގެ މައްޗަށް ލާޒިމުވަނީއެއް ނޫނެވެ. އެ ކުއްޖާއަށް ގާނޫނުގެ ދަށުން ލިބިގެންވާ ހައްގުތަކާއި ހިމާޔަތްތަކަށް ރައްކާތެރިވެ އެ ހައްގުތައް ނެގެހެއްޓުމާއެކު އެ ކުއްޖެއްގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަތުވެދާނޭ ނުރައްކާތަކަށް ވެސް ކޯޓުތަކުން ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ މިނޫންވެސް ހާލަތެއް އޮތްތޯ ބަލަންޖެހޭނެއެވެ.
25ޕްރިސިޑެންސް 6ނަމަވެސް، ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ހިނދު، އެ ކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށް އެ ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށް އެ ކުއްޖާގެ ފަރާތުން ނުރައްކަލެއް އަތުވެދާނެ ކަމަށް ފެންނަ ނަމަ ނުވަތަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން އެނޫންވެސް ހާލަތެއް އޮތްކަމަށް ފަނޑިޔާރަށް ބުރަވެވޭނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، އެ ކުއްޖަކު ހައްޔަރުކުރުމަށް ނުވަތަ ބަންދުކުރުމަށް އަމުރުކޮށްގެން ނުވާނެއެވެ. އަދި އެ ކުއްޖާ ބަންދުކުރުމުގެ އަމުރެއް ނެރޭނަމަ އެ އަމުރަކީ ވީހާވެސް ކުރު މުއްދަތަކަށް، ކަނޑައެޅިފައިވާ މުއްދަތުތަކަކުން މުރާޖައާކުރެވޭ އަމުރަކަށްވެސް ވާންޖެހޭނެއެވެ.
26ޕްރިސިޑެންސް 7އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރެވުނު ފަދައިން ކުއްޖާ ހައްޔަރުކުރުމަށް ނުވަތަ ބަންދުކުރުމަށް ނިންމާ ނިންމުމަކީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުކަމަށް ވުމާއެކު އެ ކުއްޖާ ބަންދުކުރަން އަމުރުކުރުމުގެ ބަދަލުގައި އެފަދަ ކުދިން ބެލެހެއްޓުމުގައި ދައުލަތުން ނުވަތަ އެ ކުއްޖާގެ ބެލެނިވެރިން އިންތިޒާމުތަކެއް ހަމަޖައްސާފައިވާނަމަ އެ އިންތިޒާމުގެ ތެރެއިން އެ ކުދިން ބެލެހެއްޓުމަށް އަމުރުކުރުމަށް އިސްކަން ދޭންވާނެއެވެ. އަދި އެފަދަ އިންތިޒާމެއް ނެތްނަމަ ފަނޑިޔާރު ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން ކުށުގެ ވެއްޓާ އެ ކުއްޖާއާ ދުރުކޮށް އެ ކުއްޖާ އިސްލާހުގެ މަގަށް ގެނައުމަށް ފުރުސަތު ލިބޭނޭ ބާވަތުގެ ޝަރުތުތަކަކާއެކު އެ ކުއްޖާ ދޫކޮށްލުމަށް އިސްކަން ދޭންވާނެއެވެ.
27ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުވާކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުންނެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިއްޖެނަމަ، އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާނަމަ އެ މީހަކު ބަންދުގައި ބަހައްޓަންވާނެ ކަމަށެވެ.
28ޕްރިސިޑެންސް 8ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި ހިމެނޭ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް 14 ނޮވެމްބަރު 2017 ވަނަ ދުވަހު 17:40 އެހާއިރު، މާލޭ ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ މާޓް ކައިރީގައި، ތިލައިގެ ދިގުމިނުގައި 7 އިންޗި ހުންނަވަރުގެ ވަޅިއެއް ހިފައިގެން އުޅެ، ބަޔަކު ސައިކަލުގައި ދަނިކޮށް މީނާއާއި އިތުރު ބަޔަކު ތޫނު ހަތިޔާރު ހިފައިގެން މި މީހުންގެ ފަހަތުން ދުވެފައިގޮސް އަލީ ރަފާހު ރިޔާޟްގެ ވާތު ކޮނޑަށް މީނާ ގެންގުޅުނު ވަޅިން ހަމަލާދީފައިވާތީއެވެ. އާއްމު ތަންތަނުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެ ކުށުގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ބާވަތުގެ ކުށްތަކެވެ. އަދި މި ބާވަތުގެ ކުށްތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެކެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތަކީ އުމުރުން ވަރަށް ކުޑައިރުއްސުރެ އެކި ބާވަތުގެ ކުށްކުރުމުގެ ތުހުމަތުގައި ހައްޔަރު އަދި ބަންދު ކުރެވިފައިވާ ކުއްޖެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިކޯޑުތަކުން ދައްކައެވެ.
29އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދޭތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވަނީ 14 ނޮވެމްބަރު 2017 ވަނަ ދުވަހު 17:40 އެހާއިރު، މާލޭ ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ މާޓް ކައިރީގައި، ތިލައިގެ ދިގުމިނުގައި 7 އިންޗި ހުންނަވަރުގެ ވަޅިއެއް ހިފައިގެން އުޅެ، ބަޔަކު ސައިކަލުގައި ދަނިކޮށް މީނާއާއި އިތުރު ބަޔަކު ތޫނު ހަތިޔާރު ހިފައިގެން މި މީހުންގެ ފަހަތުން ދުވެފައިގޮސް އަލީ ރަފާހު ރިޔާޟްގެ ވާތު ކޮނޑަށް މީނާ ގެންގުޅުނު ވަޅިން ހަމަލާދީފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށް ވުމުން، މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަށާއި މީނާގެ ހައްޔަރު/ބަންދު ލޮގްއަށް ބަލާއިރު، މީނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވޭތީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާތީ، ޝަރުތުތަކާއެކު ކުއްޖާ ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަހުރެންނަކަށް ނުފެނެއެވެ.
30އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ދައުލަތުގެ ފަރާތުން އެދިފައިވާ ގޮތަކީ އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި ނިންމުން ބާތިލުކުރުމާއެކު، އެ ކުއްޖާ ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މި ކޯޓުން އަމުރުކޮށްދިނުމެވެ. އެހެންނަމަވެސް މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އިސްތިއުނާފު ކުރެވޭ އަމުރުގައިވާ ޝަރުތުތަކާ ކުއްޖާ ހިލާފުވުމުގެ ސަބަބުން، 8 އޭޕްރިލް 2019 ގައި ކުއްޖާ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން އަމުރުކުރައްވާފައިވެއެވެ. އެހެންކަމުން އިސްތިއުނާފު ކުރެވޭ ކޯޓު އަމުރުގެ ފާއިލިއްޔަތު ނެތި ގޮސްފައިވާތީ، ސުޕްރީމް ކޯޓުން މި މައްސަލައިގައި އިތުރު އަމުރެއް ނެރުމުގެ މަސްލަހަތެއް ނެތެވެ.
31ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
32ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 20 ވަނަ ނަންބަރުގައި ޤާނޫނު މާނަކޮށް، ޤާނޫނު ހިނގާ ގޮތާއިމެދު ބަޔާންކޮށްފައިވާ ކަންކަމަށް އަހުރެން އެއްބަސްވަމެވެ. އެހެންނަމަވެސް، ފަނޑިޔާރު ޙުސްނުއްސުޢޫދު އެ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައާ ގުޅުވާ، އަހުރެންނަށް އެ ކަންކަން މާނަކުރެވޭ ގޮތް އިތުރަށް ތިލަކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކި، އަންނަނިވި ނުކުތާތައް ފާހަގަކުރަމެވެ.
33ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުވާކޮށްފައިވަނީ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ކަމުގައިވާތީ، ޢާންމު އުޞޫލުން ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރާ ހިނދު، އެ މީހަކު ޝަރުޠަކާއެކު ބަންދުން ދޫކޮށްލާނަމަ ފަނޑިޔާރު ކަންކުރަން އޮންނަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމުގައި ވީނަމަވެސް، ހަމަ އެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގެ އަލީގައި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ނިންމުމުގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކުރަން ޖެހެއެވެ.
34ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި ކުށްތަކެއްގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު، ތަޙުޤީގު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެ ޙާލަތެވެ. މިގޮތުން، ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
1. ތުހުމަތުކުރެވޭ ކުށަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމުގައިވުން؛ އަދި
2. ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދުން؛ އަދި
3. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ޙާލަތެއް ވުޖޫދުގައިވުން.
35މި މައްސަލައަށް އިސްވެ ދެންނެވުނު ކަންކަން ތަޠުބީޤުކުރާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުއްޖާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 8 ވަނަ މާއްދާގެ ދަށުން ކަން ސާފުކޮށް އެނގެން އޮވެއެވެ. އެހެންނަމަވެސް، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރުނު ދުވަހު، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދިފައިވާކަން އެނގެން ނެތުމުގެ އިތުރުން، ބަޔާންކުރެވުނު 4 ފެބްރުއަރީ 2019 ކޯޓު އަމުރުގެ ކުރިން، 28 އޮކްޓޯބަރ 2018 ވަނަ ދުވަހު ނެރެފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2018/01 ކޯޓު އަމުރުގެ ދަށުންވެސް ކުއްޖާ ހުރީ ޝަރުޠުތަކާއެކު 100 (އެއްސަތޭކަ) ދުވަހުގެ މުއްދަތަށް ދޫކޮށްލާފައިކަން ލިޔެކިޔުމުން އެނގެން އޮވެއެވެ. އަދި ބަޔާންކުރެވުނު ދެ އަމުރާއި ގުޅިގެންވެސް ކުއްޖާ ދޫކޮށްލާފައި ހުރީ ހަމަ އެއް ޝަރުޠުތަކާއެކުކަން އެ ލިޔެކިޔުމުން އެނގެން އޮވެއެވެ.
36ބަހުސްގެ ބޭނުމަށްޓަކައި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައި ދިނުމަށް އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދިފައިވާކަމަށް ބެލިކަމުގައި ވީނަމަވެސް، އެ މިންވަރުން، ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރާކަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާއިން ތަނެއް ނުދެއެވެ. އެހެނީ، އެފަދައިން އަމުރުކުރެވޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތެއް ވުޖޫދުގައިވާނަމަ ކަން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގެ ނައްސަށް ބެލުމުން އެނގެން އޮންނާތީއެވެ. މިހެން އެ މާއްދާގައި ބުނެފައި އޮތުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށަކީ ބޮޑު ކުށެއް ކަމުގައި ވީނަމަވެސް، އަދި ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމާއި ގުޅިފައިވާ، އެފަދަ ކުށްތަކުގެ ސަބަބުން މުޖުތަމަޢުއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކުށް ކަމުގައިވާނަމަވެސް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި، ވަކިން ހާއްސަކޮށް އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކަށް ޙަވާލާދީ، އެއިން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހުރި މީހަކު ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމާއި ގުޅުވާ، އެފަދަ މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރުމުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ޙާލަތެއް ވުޖޫދުގައިވުން ހިމަނާފައިވަނީ، ނުވަތަ އެފަދަ ޙާލަތެއް އޮތުން ޝަރުތުކޮށްފައިވަނީ، އެ ކުށްތަކަކީ ބޮޑު ކުށްތަކެއް ކަމުގައި ވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ޙާލަތެއް އޮތްކަމުގައި ބެލުން (presumption) ހުއްޓުވުމަށް ކަމުގައި އަހުރެން ދެކެމެވެ. މިކަމަށް ބާރު ލިބެނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރޭގައި (މިނޫން ޙާލަތްތައް ހިމެނޭ ގޮތުން) ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވުމާއި، ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުން ހިމެނިފައިވުމުންނެވެ. އެހެނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި އެހެން (ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރެވޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތެއް ވުޖޫދުގައިވާނަމަ ކަން) ބަޔާންކޮށްފައި ނުވާނަމަ، (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދީފައިވާ އެހެން ކުށްތައް ހިމެނޭގޮތުން) ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ކުށަކީ، އެ ކުށުގެ ތުހުމަތުގައިވާ މީހާ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް މެދުވެރިވާ ހުއްޖަތެއްކަމުގައި، ނުވަތަ އެ މީހަކު ބަންދުކުރަންޖެހޭ ޙާލަތެއް މެދުވެރިކުރުވާ ކަމެއްކަމުގައި ބެލުމުގެ ހުރިހާ ފުރުޞަތެއް އޮތަތީއެވެ.
37މިހެންކަމުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންޖެހެނީ، އެ މީހެއްގެ މައްޗަށް އުފުލިފައިވާ ދަޢުވާއާއި ވަކިން (separate to) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެ މީހަކު ބަންދުގައި ބެހެއްޓިދާނެ ޙާލަތެއް ވުޖޫދުގައިވާކަން ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރުމަށްފަހު، އެފަދަ ޙާލަތެއް އޮތްނަމަ ކަން ސާފުކޮށް އެނގެއެވެ.
38މީގެ އިތުރުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ށ) އަށް ނަޒަރުކުރާއިރު، އެ މާއްދާގެ ނައްސުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓިދާނެ ޙާލަތެއް ވުޖޫދުގައިވާކަން ނުވަތަ ނޫންކަން ބެލުމުގައި ހުށަހެޅޭ ކަންކަން ވަޒަންކުރާނެ މިންގަނޑު ބަޔާންކޮށް، ޙާލަތް ވަޒަންކުރުމުގައި ބޮޑަށް ބުރަވެވޭ ގޮތް (balance of probabilities) އަށް ބެލުމަށް އޮންނަ އޮތުމުގެ އިތުރުން، ހަމަ އެ އަކުރުގެ (4) ވަނަ ނަންބަރުގައި ކޯޓުން ބަލަންވީ ކަންކަމުގެ ތެރޭގައި 'ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ޙާލަތުގެ ތެރެއިން ޙާލަތަކާ ގުޅޭގޮތުން ފުލުހުން ހުށަހަޅާ އެހެނިހެން މަޢުލޫމާތު' ހިމަނާފައި ވުމުންވެސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ބޭނުމަކީ އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު، އެ މީހެއްގެ މައްޗަށް އެ ކުށުގެ ތުހުމަތު ކުރެވުނީތީ، އަދި އެ ކުށަކީ ބޮޑު ކުށެއްކަމުގައިވާތީ، ތަހުގީގު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުންކަމުގައި އަހުރެން ނުދެކެމެވެ.
39އަހުރެން ޤަބޫލުކުރާ ގޮތުގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި އެފަދައިން އެކަން ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އޮތް މިންގަނޑުން މީހަކު ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން، އެ މީހަކީ ކުށެއް ނެތް މީހެއްކަމުގައި ބަލަންޖެހޭތީ(presumption of innocence) އެވެ.
40އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 8 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށްފައިވުމަކީ، އެ ޙާލަތުން، ކުއްޖާގެ މައްޗަށް ކުރެވޭ ތަޙުޤީޤު ނުވަތަ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ނޫނެވެ. ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ކަނޑައަޅާއިރު، ބަޔާންކުރެވުނު ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޙާލަތު އޮތްކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައަޅަންޖެހެއެވެ.
41އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޤާނޫނު މާނަކޮށް މި މައްސަލައަށް ޤާނޫނު ތަޠުބީޤުކުރާއިރު، އަހުރެންނަށް ނެރެވޭ ނަތީޖާ ތަފާތެވެ.
42އެހެނީ، ކުއްޖާކީ ގޭންގަކާއެކު ޢަމަލީގޮތުން އުޅޭ ކުއްޖެއްކަމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން އެ ޔުނިޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާހިނދު، ހަމަ އެ ޔުނިޓުން އޭނާގެ އަޚްލާޤު ރަނގަޅުކަމުގައި ބުނެ، އޭނާ މުޖުތަމަޢަށް ފައިދާހުރި މީހަކަށް ވުމުގެ ފުރުޞަތު ދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާ އެއިގެ ކުރިން ބަންދުގައި ބެހެއްޓިފައިވާ ކަމާއި، އޭނާގެ ކުށުގެ ރިކޯޑެއް އޮތްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/197/2020/72 (09 އޯގަސްޓް 2020) ސިޓީއާއެކު އެ އޮފީހުން ފޮނުވާފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކުން އެނގެން އޮތްނަމަވެސް، މި އިސްތިއުނާފު މައްސަލައިގައި ޙަވާލާދީފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރުން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠާއެކު ދޫކޮށްލުމުގެ ކުރިން، އެ ކުއްޖާ ބަންދުގައި ބަހައްޓައި ދިނުން އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދުނުކަމެއް، އަދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، އެ ކުއްޖާއަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓަންޖެހޭ މީހެއްކަން ހާމަކޮށްދިނުމުގެ ގޮތުން ކޯޓަށް އެއްވެސް އެއްޗެއް ނުވަތަ ކަމެއް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.
43ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ފަދަ ކުށްތަކުން މުޖުތަމަޢު ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަހުރެން ދެކެމެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައިވާ ފަދައިން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ބޭނުންކޮށްގެން ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހަކީ ތަހުޤީޤު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަންޖެހޭ މީހަކަށްވުން ވަރަށް ގާތެވެ. އެހެންނަމަވެސް، އެފަދަ ކުށެއް ކޮށްފިކަމުގެ ތުހުމަތު މީހެއްގެ މައްޗަށް އުފުލުމުން، ކުށުގެ ތުހުމަތުގައިވާ މީހާއަކީ ހަމަޖެހިފައިވާ އިޖުރާއަތުތަކާއި އުޞޫލުތަކުގެ ތެރެއިން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން އެނގޭ ސަބަބުތައް ކޯޓަށް ހުށަހެޅުމާއެކު، އެ މީހަކު ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދުމަކީ ދައުލަތުގެ ޒިންމާއެކެވެ. މި ސަބަބަށްޓަކައި، ބޮޑެތި އަދި ނުރައްކާތެރި ކުށްތަކާއި ގުޅިގެން، ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅަންޖެހޭ ކަންކަން ހުށަހެޅުމަށް އިތުރު ސަމާލުކަމެއް ދިނުން އިތުރަށް މުހިންމުވާ ކަމުގައި އަހުރެން ދެކެމެވެ.
44ވަކި ކަހަލަ ޢަމަލަކީ ބޮޑު ކުށެއް ނުވަތަ އަނިޔާވެރި ޢަމަލެއްކަމުގައި ބަލައިގެން ނުވަތަ އަދި ވަކި މީހަކީ ވަކި ކަހަލަ މީހެއްކަމުގައި ދެކިގެން ކޯޓުން ގޮތް ކަނޑައެޅުމަކީ އެކަށޭނަ ގޮތެއް ނޫނެވެ. ޝަރީޢަތަކީ ބޭރުފުށަށް ކުރެވޭ އެއްޗެއް ކަމުގައިވާއިރު، ކޯޓަށް ވަކި ގޮތަކަށް ފެންނަނަމަ، އެފަދައިން ފެންނަ ސަބަބުވެސް ފެންނާން އޮންނަން ޖެހެއެވެ. ފަނޑިޔާރުގެ ހިތުލަފައަށް ނުވަތަ ދެކޭގޮތުގެ މައްޗަށް ގޮތް ނިންމަންވެއްޖެނަމަ، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކީ ހަމައެކަނި ފޮތެއްގައި ލިޔެފައި އޮންނަ އެއްޗަކަށް ވުމުގެ ފުރުޞަތު ހުޅުވެއެވެ.
45މި ސަބަބަށްޓަކައި، މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމުގައި ވީނަމަވެސް، ކުށްކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ތަހުޤީޤު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި ނޭދޭނަމަ، ނުވަތަ އެފަދަ މީހަކު ބަންދުގައި ބެހެއްޓުމަށްޓަކައި ވުޖޫދުގައިވާންޖެހޭ ޙާލަތެއް (ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް) ނެތްކަމުގައި ކޯޓުން ކަނޑައަޅައިފިނަމަ، އެ މީހަކު ބަންދުން ދޫކޮށްލަންޖެހެއެވެ. އެހެންކަމުން، އެފަދަ ކުށެއްގެ ތުހުމަތުގައި ހުއްޓާ ދޫކޮށްލާ މީހަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރު ޝަރުޠަކާއެކު ދޫކޮށްލާ މީހަކަށް ވުމަކީ، އެފަދަ ޝަރުޠަކާއި ނުލައި އެފަދަ ކުށެއްގެ ތުހުމަތުގައިވާ މީހަކު ދޫކޮށްލުމަށްވުރެ އެކަށޭނަ ގޮތެއް ކަމުގައި އަހުރެން ދެކެމެވެ.
46މި ރައުޔުގައި އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠަކާއެކު ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައި ވަނިކޮށް ކަމުގައި ނުވާތީއާއި، އެއިރު ކުއްޖާގެ މައްޗަށް އުފުލިފައިވާ ދަޢުވާއާއި ވަކިން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން އޭނާ ބަންދުގައި ބެހެއްޓިދާނެ ޙާލަތެއް ވުޖޫދުގައިވާކަން އެނގެން ނެތުމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމުގައިވެސް އަހުރެން ދެކެމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ޖުވެނައިލް ކޯޓުގެ ނަންބަރު147-B1/BDA/2019/01 (4 ފެބްރުއަރީ 2019) ކޯޓު އަމުރުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް 2019 ފެބްރުއަރީ 4 ވަނަ ދުވަހު ނެރެފައިވާ އަމުރާއި، އެ އަމުރާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/134 ގަޒިއްޔާގައި ނިންމަވާފައިވާ ނިންމުން ބާތިލުކަމަށް ކަނޑައަޅައި، މި މައްސަލައިގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިތުރު އަމުރެއް ކުރުމުގެ މަސްލަހަތެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
- ގާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާ ގެ (ށ)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު)
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާ
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ (ހ)
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ށ)
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާ
- ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާ
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: އަޒްމިރާލްދާ ޒާހިރު
- ޚިލާފު ރައުޔު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- މި ކޯޓުގައި
- ހުށަހެޅުނީ 24 ޖޫން 2019 · ރަޖިސްޓްރީކުރީ 22 ސެޕްޓެމްބަރު 2019 · ނިމުނީ 15 ސެޕްޓެމްބަރު 2020 (11.8 މަސް)