ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/208
މުޙައްމަދު އަސްލަމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް، 2017/HC-A/208
Mohamed Aslam v. Attorney General's Office 2017/HC-A/208 (2017/HC-A/208, High Court of the Maldives, 27 June 2018)
މުޙައްމަދު އަސްލަމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 1956 ވަނަ އަހަރަކީ ޞައްޙަ އަހަރު ނޫންކަން ހުށަހެޅި ލިޔުންތަކުން ސާބިތުނުވާތީ އުފަން އަހަރު ބަދަލުކުރާނެ ތަނެއް ނެތްކަމަށް ޙުކުމްކުރި.
އައިޑީ ކާޑުގައި 1956 ކަމަށް ލިޔެފައިވާ އުފަން ތާރީޚަކީ ޞައްޙަ ތާރީޚެއް ނޫންކަމަށާއި ޞައްޙަ ތާރީޚަކީ 1943 ކަމުގައި ކަނޑައަޅައިދިނުމަށް އެދި ދަޢުވާކުރި. އައިޑީ ކާޑު ހެއްދުމަށް އޭނާ ހުށަހެޅި ފޯމާއި މާލޭ ރަށްވެހިންގެ ރަޖިސްޓްރީތަކުގައިވެސް އުފަން އަހަރަކީ 1956.
އިސްތިއުނާފުކުރި ފަރާތުން ބުނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްނުކުރާކަމަށް. ޙުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ބުނީ އައިޑީ ކާޑުގައިވާ އަހަރުން ކޮއްކޮ އޭނާއަށްވުރެ ދޮށިވާކަމަށް.
މައިގަނޑު ސުވާލު
އައިޑީ ކާޑުގައިވާ އުފަން އަހަރަކީ ޞައްޙަ އަހަރު ނޫންކަން ސާބިތުނުވާތީ ބަދަލުކޮށްނުދިން ސިވިލް ކޯޓުގެ ޙުކުމަކީ ޢުމުރު ބަދަލުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި (ސުޕްރީމް ކޯޓުގެ 2016/03 ޢާއްމު ސިޓީ) ހެކީގެ ޤާނޫނާ ޚިލާފު ޙުކުމެއްތޯ؛ އަދި ހައިކޯޓުގައި ފަހުން ފާހަގަކުރި އައު ކަމެއް ބެލޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އައު ހެކިތަކާއެކު ދަށުކޯޓަށް އަލުން ހުށަހެޅިދާނެކަމަށް އަންގައި)
ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީއާއި ހެކީގެ ޤާނޫނުގެ ދަށުން އައިޑީ ކާޑަކީ އެންމެ ސައްޙަކަން ބޮޑު ރަސްމީ ލިޔުންކަމާއި، އޭނާ އިޤުރާރުވި މަޢުލޫމާތާ ދެކޮޅު ހަރުދަނާ ހެކި ހުށަހަޅަންޖެހޭ ބުރަ ނުއުފުލޭތީ ޙުކުމް ޤާއިމްކޮށް، ފަހުން ފާހަގަކުރި އައު ކަމަކީ މުހިއްމު ކަމަކަށްވާތީ ހެކިތަކާއެކު ދަށުކޯޓަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ދިން.
ކަނޑައެޅުނު އުޞޫލުތައް
- ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނީ، އެ މައްސަލައެއްގެ ބާވަތަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްސަކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކުރުމަށްފަހު އެ ލިބުނު މަޢުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ޤަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- އުފަން ތާރީޚު އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލަންވާނީ އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމެވެ. ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށްގެން، އުފަންތާރީޚާބެހޭގޮތުން ގޮތެއް ކަނޑައަޅާނީ އުފަންތާރީޚު އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއްނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އުފަންތާރީޚު އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އެލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ސައްޙަކަން ބޮޑު ލިޔުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަސްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރުން ދޮށިވުން ނުވަތަ މައިންބައިފައިންނާއި ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) ފަދަ މައްސަލަތައް ފާހަގަވާން ހުރިނަމަ، އުފަންތާރީޚު އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަވެސް ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްގެން ޢުމުރާއި ބެހޭގޮތުން ގޮތެއް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބުނާފަދަ އުފަންތާރީޚު އަންގައިދޭ ރަސްމީ ލިޔުމެއްކަމުގައި ބެލިދާނެ ލިޔުންތަކަކީ އެމީހެއްގެ ފޫޅުމާ ފޯމާއި ވިހާމަރުވާއާއި، އުފަންވުމުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓާއި އެމީހެއްގެ ކާކުކަން އަންގައިދޭ (އައި.ޑީ) ކާޑާއި ޕާސްޕޯޓުފަދަ ލިޔުންތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ފަރާތެއް އަމިއްލައަށް ރަސްމީ އިދާރާއެއްގައި އިޤުރާރުވެފައިވާކަމަކާއި ދެކޮޅު އަދި އުފަން ތާރީޚު އަންގައިދޭ ލިޔުންތަކުގެ ތެރެއިން ފެންނަން އޮތް އެންމެ ސައްޙަކަން ބޮޑު ލިޔުމާއި ދެކޮޅު އެކަންކަން ނަފީކުރާފަދަ ހަރުދަނާ ހެކިތަކެއް ޝަރީޢަތަށް ހުށަހެޅުމަކީ އެ ފަރާތް އުފުލަންޖެހޭ ބުރައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ހައިކޯޓުން މައްސަލަ ބަލަނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ޤަރީނާތައް އަސާސްކަމުގައި ބަލައިގެން ކަމުން، ދަށުކޯޓުގައިވެސް ހައިކޯޓުގައިވެސް މީގެ ކުރިން އެއްވެސް އަޑުއެހުމެއްގައި ފާހަގަކޮށްފައި ނުވާ އައު ކަމެއް، އަޑުއެހުންތައް ނިމި ޙުކުމްކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރުމުން، އެކަން އިތުރަށް ހައިކޯޓުން ބަލައި އެކަމާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- މައްސަލައިގެ ބާވަތަށް ބަލާއިރު ފާހަގަކުރާ ކަމަކީ މުހިއްމު ކަމެއްކަމުގައި ބެލެވޭނަމަ، އަލަށް ފާހަގަކުރެވުނު ހެއްކާއި އެކު މައްސަލަ އަލުން ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/03 ޢާއްމު ސިޓީ
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް