ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 11
ކަމްރުލް އިސްލާމް ވ. ޕްރޮސެކިއުޓަރ ޖެނެރަލް، [2025] SC 11 (2021/SC-A/95)
Kamrul Islaam v. Prosecutor General [2025] SC 11 (2021/SC-A/95, Supreme Court of the Maldives, 18 February 2025)
ކަމްރުލް އިސްލާމް ވ. ޕްރޮސެކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (C/2014-651/Cr) ކަމްރުލް އިސްލާމްގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ. ހައިކޯޓުން (2019/HC-A/420) އަޣުލަބިއްޔަތުން ތަޙުޤީޤު ބަޔާން ބަލައިގަނެ ގަސްތު މަރު ސާބިތުވާކަމަށް ކަނޑައަޅައި، ވާރިސުން ޤިޞާޞާއި ދިޔަ ދެގޮތަށް އެދުމުން ޝުބުހައިގެ މަންފާ ޤާތިލަށް ދީ، 25 އަހަރު ޖަލަށްލުމާއި ރ 133,333.33 ދިޔައާއި 2 މަސް ރޯދަ ހިފުމަށް ޙުކުމްކުރިއެވެ؛ ތަފާތުވި ފަނޑިޔާރު ޢަލީ ސަމީރު ވަކީލެއް ނެތި ނެގި ބަޔާނާއި އޭގެ ސަބަބުން ލިބުނު ޤަރީނާއަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ބުރަދަން ނުދެވޭނެކަމަށް ނިންމިއެވެ.
26 ނޮވެންބަރު 2012 ގައި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮނީރުލް އިސްލާމް މާލޭ ޗާނދަނީމަގު 24 ނަންބަރު ގޭގެ އެޕާރޓްމަންޓުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ފެނުނެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރި ކަމްރުލް އިސްލާމް އިމިގްރޭޝަން ބަންދުގައި ހުއްޓައި، ވަކީލެއް ނެތި 9 ޑިސެންބަރު 2012 ގައި ފުލުހުންނަށް އިޢުތިރާފުވެ، އޭނާގެ އިޢުތިރާފުގެ މައްޗަށް ޓީޖެޓީ މޫދުއަޑިން ވަޅިއަކާއި ގަމީހެއް ފެނުނެވެ؛ ފަހުން ތަރުޖަމާނެއްގެ އެހީގައި 24–29 ޑިސެންބަރުގައި ބަޔާން ރިކޯޑުކުރުމުގައި ވަކީލަކަށް އެދުނުއިރު ތަޙުޤީޤު މަރުޙަލާގައި ދައުލަތުން ވަކީލަކު ނުދެވޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ކަމްރުލް އިސްލާމް ބުނީ ޤާނޫނުއަސާސީގެ 53، 52، 18، 68 ވަނަ މާއްދާއާއި ފުލުހުންގެ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށް ވަކީލެއް ނެތި ނެގި ބަޔާނާއި އޭގެ މައްޗަށް ހޯދި ހެކި (fruit of the poisonous tree) ބަލައިނުގަނެވޭނެ ކަމަށާއި، ޤާނޫނުލްޢުޤޫބާތުގެ 1204 (ށ) އާ ޚިލާފަށް އިޢުތިރާފަށް ބުރަދަންދީފައިވާ ކަމަށެވެ. ދައުލަތުން ބުނީ މިއީ ދަށު މަރުޙަލާގައި ނުނަގާ އައު ދިފާޢެއް ކަމަށާއި، މަރުގެ އަދަބު ނުދޭތީ 1204 (ރ) ނުހިނގާނެ ކަމަށާއި، އިޢުތިރާފު އެއްފަރާތްކުރިޔަސް ބާކީ ހެކިން ދަޢުވާ ސާބިތުވާ ކަމަށާއި، އަޙްމަދު ރަޝީދު ގަޒިއްޔާގެ ދަށުން އިސްތިސްނާ ހާލަތްތައް ވާކަމަށެވެ.
މައިގަނޑު ސުވާލު
ދަށު މަރުޙަލާތަކުގައި ނުނަގާ ދިފާޢެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެތޯއާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބި ތަޙުޤީޤުގައި ކަމްރުލް އިސްލާމް ވި އިޢުތިރާފާއި، އެ އިޢުތިރާފުގެ ސަބަބުން ލިބުނު ހެކި ޝަރީޢަތަށް ބަލައިގަނެވޭނެތޯ؛ އެ ހެކި އެއްފަރާތްކުރުމުން ބާކީ ހެކިން ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުވޭތޯއާއި، ހައިކޯޓުން އަދަބު ކަނޑައެޅި ގޮތް ރަނގަޅުތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމުގެ ނަތީޖާ (ކުށް ސާބިތުވުމާއި 25 އަހަރު ޖަލާއި ދިޔައާއި ރޯދަ) ޤާއިމް، ނަމަވެސް ހައިކޯޓުގެ ޙުކުމް ބިނާވާ ސަބަބުތައް ބާޠިލު؛ ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު
މަރުގެ އަދަބު އައުމުގެ އިޙުތިމާލު އޮތުމާއި ހައިކޯޓުގެ ތަފާތުވި ރައުޔުގެ އަސާސަށް ބިނާވާތީ އައު ދިފާޢު ބަލައިގަނެ، ވަކީލުގެ ޙައްޤު ނުދީ ނުފޫޒަށް ދީލައިލައިގެން ހޯދި އިޢުތިރާފާއި ވަޅިއާއި ގަމީސް އެއްފަރާތްކުރިއެވެ. ބާކީ ހެކިން (ސީސީޓީވީ، ލޭމަތީގައި ހިނގި ފައިތިލައިގެ ނިޝާނާއި އިނގިލީގެ ނިޝާން، ޖީންސުބުރީގެ ޑީއެންއޭ، ފޯނުގެ ލޮކޭޝަނާއި މެމޮރީ ކާޑު) ލާސްޓް ސީން ތިއަރީގެ ދަށުން ގަސްތު މަރު ޝައްކެއްނެތް މިންވަރަށް ސާބިތުވާތީ ހައިކޯޓުގެ ނަތީޖާ ރަނގަޅު ނަމަވެސް އޭގެ ސަބަބުތައް ބާޠިލުކުރިއެވެ؛ ހައިކޯޓުން އަދަބު ކަނޑައެޅި ގޮތް ރަނގަޅު ނޫން ނަމަވެސް ހަމައެކަނި ތުހުމަތުކުރެވޭ މީހާ އިސްތިއުނާފުކުރީތީ އަދަބަށް ބަދަލު ނުގެނެސް، އިޖުރާއީ ޢައިބުތަކާހުރެ މަރުގެ އަދަބު ޢަދުލުވެރި ނުވާނެކަމަށް ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަރުގެ އަދަބު އައުމުގެ އިޙުތިމާލު އޮތް މައްސަލައެއްގައި، ދަށު މަރުޙަލާތަކުގައި ނުނަގާ އައު ދިފާޢެއް ސުޕްރީމް ކޯޓުން ބަލައިގަނެވިދާނެއެވެ. ސަބަބަކީ މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު އެނބުރި ރުޖޫޢަ ނުކުރެވޭތީއާއި، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ރޫޙާ އެއްގޮތަށް އެފަދަ މައްސަލައެއް އެއް ފަރާތަކުން އިސްތިއުނާފުކުރީތީ ބެލުމުގެ ތަރަހަ ހަމައެކަނި އިސްތިއުނާފީ ނުކުތާތަކަށް ހަނިނުވާތީއެވެ. މީގެ އިތުރުން ވަލްނަރަބަލް/މާޖިނަލައިޒްޑް ބައެއްގެ މީހެއްގެ ދުސްތޫރީ ޙައްޤުތަކާ ޚިލާފަށް ދައުލަތުން ޢަމަލުކުރިކަމުގެ ތުހުމަތު ފެންމަތިވެއްޖެނަމަ ކޮންމެ މަރުޙަލާއެއްގައިވެސް ކޯޓުން އެކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 95–98)
- ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް ތުހުމަތުކުރެވޭ މީހާއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމުގެ މަސްއޫލިއްޔަތު ދެމިއޮންނަނީ ހަމައެކަނި ޝަރީޢަތުގެ މަރުޙަލާގައެއް ނޫނެވެ؛ އެއީ ތަޙުޤީޤު މަރުޙަލާއިވެސް ހިމެނޭ ގޮތަށް ތުހުމަތުގެ ހުރިހާ މަރުޙަލާއެއްގައި ދެމިއޮންނަ ޙައްޤެކެވެ. އެހެންކަމުން، އެފަދަ މީހަކު ވަކީލަކު ބޭނުންވާކަމަށް އަންގާ ހިސާބުން ދައުލަތުން ވަކީލަކު ހަމަޖައްސައިދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 108–115، 151–152)
- ޤާނޫނީ ވަކީލެއްގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު ދޫކޮށްލެވިދާނެ ނަމަވެސް، އެ ޙައްޤު ދޫކޮށްލާފައިވަނީ ސާފު ސަރީޙަ ގޮތުން، އަމިއްލަ އިޚްތިޔާރުން، އަދި ދޫކޮށްލުމުގެ ނަތީޖާ (މިސާލަކަށް ގަސްތު މަރުގެ ދަޢުވާއާއި މަރުގެ އަދަބު އައުމުގެ އިޙުތިމާލު) އެނގިހުރެކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮތީ ދައުލަތުގެ މައްޗަށެވެ. ލިޔަންކިޔަން ނޭނގޭ، ރާއްޖޭގެ ޤާނޫނުތަކަށް ނުފަރިތަ، ބަންދުގައިވާ ބިދޭސީއެއްގެ ކިބައިން ހަމައެކަނި ގަނޑުކޮޅެއްގައި ސޮއިކުރުވުމަކުން ނުފުދޭނެއެވެ؛ ރަސްމީކޮށް ބަޔާން ނެގުމުގެ ކުރިން ޙައްޤުތަކާއި ނަތީޖާ ސާފުވާނެ ގޮތަކަށް ކިޔައިދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 119–122، 137، 140–142)
- ފުލުހުންގެ ބަންދުގައި ހުރެ، ވަކީލެއް ބޭނުންވާކަމަށް ބުނުމުން އެ އެހީތެރިކަން ފޯރުކޮށްނުދީ، ޤައުމަށް އަނބުރާ ފޮނުވާލާނެކަމަށް ޤަބޫލުކޮށްގެން މާޖިނަލައިޒްޑް/ވަލްނަރަބަލް ބައެއްގެ މީހަކު އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ދީފައިވާ ބަޔާނަކީ ނުފޫޒަށް ދީލައިލައިގެން (coerced) ދީފައިވާ ބަޔާނެއް ކަމުގައި ބަލަންޖެހޭނެއެވެ. އެފަދަ ބަޔާނަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނެއް ކަމުން ޝަރީޢަތުގައި ރިޢާޔަތް ނުކުރެވޭނެއެވެ؛ ޖިސްމާނީ އަނިޔާއެއް ނުވިޔަސް ވެސް މެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 139–144، 150، 153–154، 159–160)
- ތަޙުޤީޤު މަރުޙަލާގައި ވެފައިވާ އިޢުތިރާފަކީ ޤަރީނާއެއްގެ ގޮތުގައި ބަލައި ރިޢާޔަތްކުރެވޭނީ، އެ އިޢުތިރާފާ ގުޅުވާލެވޭ އެހެން ހެކި ހުރެ، އަދި އެ އިޢުތިރާފަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނަގާފައިވާ އިޢުތިރާފެއް ނަމައެވެ. މަރުގެ އަދަބު އައުމުގެ އިޙުތިމާލު ހުރި ކުށެއްގައި ހުޅުވާލެވިފައިވާ ކޯޓެއްގައި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ ނުވާ އިޢުތިރާފެއް ހަމައެކަނި ބޭނުންކޮށްގެން މަރުގެ އަދަބު ދިނުމުގެ ބޭނުމަށް ކުށް ސާބިތުނުކުރެވޭނެއެވެ (މުޙައްމަދު ސަމާޙު ގަޒިއްޔާ؛ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 155–157)
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޢާންމު އުޞޫލަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިނުގަތުމެވެ (fruit of the poisonous tree – ޙުސައިން ޞަބާޙް ގަޒިއްޔާ)؛ ނަމަވެސް މި އުޞޫލަށް އިސްތިސްނާ ޙާލަތްތައް ވެއެވެ (ހެޔޮ ނިޔަތުގެ އިސްތިސްނާ – އަޙްމަދު ރަޝީދު ގަޒިއްޔާ). އިސްތިސްނާތައް ކަނޑައެޅެންވާނީ ޤާނޫނަކުން ކަމަށް ދެކޭ ނަމަވެސް، އެފަދަ ޤާނޫނެއް ނެތް ހާލަތުގައި ކޯޓުތަކުން މި ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ: (ހ) ފުލުހުންގެ ޢަމަލު – ޤަސްދުގައި، ނަތީޖާއަށް ފަރުވާލެއްނެތި ނުވަތަ ފާޅުކަންބޮޑު އިހުމާލުން ހޯދާ ހެކި ބަލައިނުގަނެވޭނެ، އަދި ޤާނޫނާ އެއްގޮތަށް ޢަމަލުކުރިނަމަވެސް ފެންމަތިވާނެ ހެއްކެއްތޯ ބެލިދާނެ ނަމަވެސް އެއީ ޤާނޫނު އެއްފަރާތްކުރުމުގެ ހުއްދައެއް ނޫން؛ (ށ) ގެއްލުނު ޙައްޤުގެ ހައްސާސްކަން – އަސާސީ ޙައްޤެއް ނިގުޅިގެންދާ ގޮތަށް ހޯދާ ހެކި ބަލައިނުގަނެވޭނެ، ނަމަވެސް ޙައްޤާއި ހެއްކާ ސީދާ ގުޅުމެއް ނެތްނަމަ ބަލައިގަތުމުގެ ފުރުޞަތު އޮންނާނެ؛ (ނ) ހެކީގެ މުހިންމުކަން – ކުށުގެ ބޮޑުމިނާއި، ނިގުޅުނު ޙައްޤުގެ ހައްސާސްކަމާއި، މުޖުތަމަޢުގެ މަޞްލަޙަތު އެއްހަމަކޮށް، އިންސާފުވެރި ޝަރީޢަތުގެ ޙައްޤު ކަށަވަރުކުރުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 165–169، 185–189)
- ޣައިރު ދުސްތޫރީ ގޮތުން ހޯދި މަޢުލޫމާތުގެ ސީދާ ނަތީޖާއެއްގެ ގޮތުގައި ލިބުނު ހެއްކެއް (މި މައްސަލައިގައި ޓީޖެޓީ މޫދުއަޑިން ފެނުނު ވަޅިއާއި ގަމީސް)، ފުލުހުން ނުބައި ނިޔަތެއްގައި ޢަމަލުކޮށްފައި ނުވިނަމަވެސް، ޣައިރު ދުސްތޫރީ ބަޔާން އެއްފަރާތްކުރުމުން އެ ހެއްކާ މައްސަލައާ ގުޅުވާލެވޭ އެހެން ހެއްކެއް ނެތްނަމަ، ޝަރީޢަތަށް ބަލައިގަންނަންޖެހޭ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 194–202)
- ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފުގެ ކުރިން ނުވަތަ އޭނާގެ އިޢުތިރާފާ ނުގުޅި ފުލުހުން މިނިވަންކޮށް ހޯދާފައިވާ ހެކި (ސީސީޓީވީ ފުޓެޖް، ގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކޮށް ނެގި ޖީންސުބުރިން ފެނުނު ޑީއެންއޭ) ބަލައިގަނެވިދާނެއެވެ. ކޯޓު އަމުރެއް ނެތި ތަނެއް ބަލައިފާސްކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެއް ކަމުގައި ބެލިނަމަވެސް، އަމުރެއް ހޯދައިގެން ޤާނޫނީ އިޖުރާއަތުގެ ތެރެއިން އަލުން އެކަން ކުރުމުގެ ފުރުޞަތު އޮތުމުން، އެގޮތުން ލިބޭ ހެކި ބަލައިގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 205–214)
- ގަސްތުގައި މީހަކު މެރުން (ޤަތުލް ޢަމްދު) ސާބިތުވާން ތިން ރުކުން ފުރިހަމަވާންޖެހެއެވެ: މަރާލި މީހާއަކީ ދިރިހުރި މީހަކަށްވުން، މަރުވީ ޤާތިލުގެ ޢަމަލެއްގެ ސަބަބުން ކަމުގައިވުން، އަދި ޤާތިލުގެ ކިބައިގައި މީހަކު މެރުމުގެ ނިޔަތް އޮތުން. ތޫނު އެއްޗަކުން ކަރުގެ ވައިނޮޅި ބުރިކޮށްލުމާއި ހަށިގަނޑުގެ ގިނަ ތަންތަނަށް ހަމަލާދިނުމުން މީހަކު މެރުމުގެ ނިޔަތް ދޭހަވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 215–216، 249–250)
- މަރުގެ ހުރިހާ ބާވަތެއްގެ މައްސަލައެއް ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ސާބިތުކުރުން ހުއްދައެވެ. ސީދާ ހެކި ނެތް ހާލަތުގައި 'ދަ ލާސްޓް ސީން ތިއަރީ' ގެ ދަށުން، މަރުވި މީހާއާއެކު އެންމެ ފަހުން ފެނުނު ތުހުމަތުކުރެވޭ މީހާ ފިޔަވައި އެހެން މީހަކަށް މަރާލުމުގެ ފުރުޞަތު ލިބޭނެކަމަށް ބުއްދިއަށް ޤަބޫލުނުކުރެވޭ ވަގުތެއްގެ ތެރޭގައި ނަމަ އެ މީހާއަކީ ކުށްކުރި މީހާކަމަށް އިފްތިރާޟުކުރެވި، އެ އިފްތިރާޟު ނަފީކުރުމުގެ ހެކި ދައްކަންޖެހެނީ ތުހުމަތުކުރެވޭ މީހާއަށެވެ (މުޙައްމަދު ނަޖާޙު ގަޒިއްޔާ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 243–247)
- ޤަތުލް ޢަމްދުގައި ޤިޞާޞް ހިފުމާއި، ޤިޞާޞްގެ ބަދަލުގައި މަރުގެ ދިޔައަށް އެދުމާއި، މާފުކުރުމަކީ މަޤްތޫލުގެ ވާރިސުންނަށް ލިބިގެންވާ އިޚްތިޔާރެކެވެ (ސޫރަތުލް އިސްރާ 33، ސޫރަތުލް ބަޤަރާ 178)؛ ވާރިސުންނަށް ޤިޞާޞާއި ދިޔައަށް އެއްފަހަރާ ނޭދެވޭނެއެވެ. ވާރިސުން ވަކި ގޮތެއް ޚިޔާރު ނުކުރާހާ ހިނދަކު ފަނޑިޔާރަށް ދެގޮތުން ގޮތެއް ޚިޔާރުކުރުމުގެ ބާރު ނުލިބޭނެއެވެ؛ ވާރިސުންގެ ކިބައިން އެ ޚިޔާރު ސާފުކުރަންޖެހޭނެއެވެ. ވާރިސުން މާފުކުރިނަމަވެސް ތަޢުޒީރުގެ ދަށުން އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވެއެވެ. އެހެންކަމުން، ވާރިސުން ދެގޮތަށް އެދުމުން ޝުބުހައިގެ މަންފާ ޤާތިލަށް ދީ ފަނޑިޔާރުން އަދަބު ޚިޔާރުކުރި ހައިކޯޓުގެ ގޮތަކީ ރަނގަޅު ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 252–258)
- ޑިއު ޕްރޮސެސްގެ ޢާންމު އުޞޫލުގެ ދަށުން، ކުށް ސާބިތުވި ފަރާތުން އިސްތިއުނާފުކޮށް، ދައުލަތުން އަދަބާ ގުޅިގެން އިސްތިއުނާފުނުކުރާ ހާލަތުގައި، ދަށު ކޯޓުގެ އަދަބަށްވުރެ ހަރުކަށި އަދަބެއް އިސްތިއުނާފީ ކޯޓުން ކަނޑައެޅުން މަނާވެއެވެ. އިސްތިއުނާފުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް ކަމުން، އެ ޙައްޤު ބޭނުންކުރުމުގެ ސަބަބުން އަދަބު ބޮޑުވުމަކީ އިސްތިއުނާފަށް ހުރަސްއެޅުމެއް ކަމުގައިވާތީއާއި، ކޯޓުގެ އިސްނެގުމުގައި ހަރުކަށި އަދަބެއް ދިނުމަކީ ދައުލަތުގެ އިސްތިއުނާފީ އިޚްތިޔާރުގެ ތެރެއަށް ވަނުން ކަމުގައިވާތީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 259–262)
- އިސްލާމީ ޝަރީޢަތުގައި ތުހުމަތުކުރެވޭ މީހާގެ ވަކީލުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު ކަށަވަރުކޮށްދީ، މަޖުބޫރުކޮށްގެން ނުވަތަ ބަންދުކޮށް ނުފޫޒު ފޯރުވައިގެން ހޯދާ އިޢުތިރާފު ބަލައިނުގަނެއެވެ. ޝުބުހައިގެ މަފްހޫމް ހަމައެކަނި ވާޤިޢާތަކަށް ހަނިނުވެ، އިޖުރާއީ ޢައިބެއްގެ ސަބަބުންވެސް ޝުބުހައެއް އުފެދިދާނެއެވެ. (ބަހުސްގެ ބޭނުމަށް ކޯޓުން ދެއްކެވި ގޮތުގައި) ބަންދުގައި، ވަކީލެއް ނެތި، ނަތީޖާ ނޭނގި ވެފައިވާ އިޢުތިރާފާއި އޭގެ ސަބަބުން ލިބުނު ހެކިން ފަނޑިޔާރުންނަށް މަޢުލޫމާތު ލިބިފައިވާ ފަދަ، ދުސްތޫރީ ޙައްޤުތައް ކަށަވަރުނުކުރުމުން އުފެދުނު އިޖުރާއީ ޢައިބުތަކުން ކިލަނބުވެފައިވާ މައްސަލައެއްގައި، ކުށް ޝައްކެއްނެތް މިންވަރަށް ސާބިތުވިނަމަވެސް ކަނޑައެޅޭނީ ތަޢުޒީރީ އަދަބެކެވެ؛ މަރުގެ އަދަބު ދިނުމަކީ ޢަދުލުވެރިކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 264–265، 279–281، 285–288)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 11 2021/SC-A/95 ޝަރީޢަތް ނިމުނުގޮތް ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 18 ފެބްރުއަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/420
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލް ކަމްރުލް އިސްލާމް، ބަންގްލަދޭޝްޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު ޢާސިރު އަޙްމަދު ޔާމީން، އެމިކަސް ކިއުރިއޭ އެލްއެލްޕީ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު ޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ޝާމާ ނަޞީރު
ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް
ތަޙުޤީޤު މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 52 ވަނަ މާއްދާ، އިޢުތިރާފު ބަޔާން، vulnerable group، marginalised، ދަށު މަރުހަލާގައި ނުދައްކާ ވާހަކައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެތޯ، އިޢުތިރާފު ބަޔާނަށް ރިޢާޔަތްކޮށް ހޯދާފައިވާ ހެކި ޤަރީނާ، ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޣައިރުޤާނޫނީ ހެއްކާމެދު ޢަމަލުކުރާ ގޮތް، ޤިޞާޞް އަދި މަރުގެ ދިޔަ، ގަސްތު މަރު، ޑިއު ޕްރޮސެސް
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
(ހ) މަރާލައިފައިވާ ހަށިގަނޑު ފެނުން 1
(ށ) ފުލުހުން ހަރަކާތްތެރިވުން 2
(ނ) ތަންހުރި ގޮތް 4
(ރ) ޤާޠިލު ހޯދުމުގެ މަސައްކަތް 5
(ބ) ކަމްރުލް އިސްލާމް ބަންދުކުރުން 8
(ޅ) މޮނީރުލް އިސްލާމްގެ ގެއްލިފައިވާ ފޯނުގެ ސެލް ލޮކޭޝަން 8
(ކ) ކަމްރުލް އިސްލާމްގެ ސާމްޕަލް ނެގުން 9
(އ) އދ. ދަނގެތި އޯކޭގެ ބަލައި ފާސްކުރުން 9
(ވ) ކަމްރުލް އިސްލާމްއާ ސުވާލުކުރުން 10
(މ) ސީސީޓީވީ ފުޓެޖްއާއި ފޮރެންސިކް ތަހުލީލުގެ ނަތީޖާ 13
(ފ) އިޢުތިރާފުވުން 14
(ދ) ހައްޔަރުކުރުމުގެ އަމުރު 15
(ތ) ކަމްރުލް އިސްލާމް ކްރައިމް ސީންއަށް ގެންދިއުން 16
(ލ) ޓީޖެޓީގައި ފުލުހުން ހަރަކާތްތެރިވުން 16
(ގ) މޮނީރުލް އިސްލާމްގެ ގެއްލިގެން އުޅޭ ފޯނާއި ސިމް ކާޑު ހޯދުމުގެ މަސައްކަތް 17
(ޏ) މޮނީރުލް އިސްލާމްގެ މަރުގެ ތުހުމަތުގައި ކަމްރުލް އިސްލާމް ބަންދުކުރުމާއި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދުން 20
(ސ) ކަމްރުލް އިސްލާމް ތަހުޤީޤުގައިވި އިޢުތިރާފު 21
(ޑ) ޢަބްދުﷲ ގެ މައްސަލަ 21
މި މައްސަލައިގައި ލިބިފައިވާ ހެކި/ޤަރީނާ 22
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް 24
ހައިކޯޓުން މައްސަލަ ނިންމިގޮތް 25
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް 27
ދަށު މަރުހަލާގައި ނުދައްކާ ވާހަކައެއް އަލަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެތޯ 28
މި މައްސަލައިގައިވާ އިސްތިއުނާފީ ބަހުސް 33
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު 36
ކަމްރުލް އިސްލާމްގެ އިޢުތިރާފު 42
(ހ) ތަހުޤީޤަށް ދިން "އެއްބާރުލުން" 42
(ށ) ކަމްރުލް އިސްލާމްގެ ރިކޯޑު ކުރެވިފައިވާ އިންޓަވިއުއާއި އިޢުތިރާފު ބަޔާން 49
ކަމްރުލް އިސްލާމްގެ އިޢުތިރާފުގެ ސަބަބުން ލިބިފައިވާ ހެކި 53
ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޣައިރުޤާނޫނީ ހެއްކާމެދު ޢަމަލުކުރާ ގޮތް 56
ރާއްޖޭގައި ރިޢާޔަތް ކުރެވިދާނެ ކަންކަން 62
ކަމްރުލް އިސްލާމްގެ މައްސަލައިގައި ކޯޓަށް ރިޢާޔަތް ކުރެވިދާނެ ހެކި 65
(ހ) ޓީޖެޓީ މޫދު އަޑިން ފެނުނު ވަޅިއާއި ގަމީސް 65
(ށ) އދ. ދަނގެތި އޯކޭގެއިން ފެނުނު ޖީންސުބުރި 68
(ނ) ސީސީޓީވީ ފުޓެޖް 69
މި މައްސަލައިގައި ލިބިފައިވާ ހެކިން ގަސްތު މަރު ސާބިތުވޭތޯ 71
މި މައްސަލައިގައި ހައިކޯޓުން އަދަބު ކަނޑައެޅި ގޮތް 84
އިސްލާމީ ޝަރީޢަތުގައި ޑިއު ޕްރޮސެސްގެ ދައުރު 88
އަދަބު ދިނުން 96
ނިންމަން ފެންނަ ގޮތް 100
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 100
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 101
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 101
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 101
ޙުކުމް 101
` ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2025] SC 11 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަމްރުލް އިސްލާމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ކަންހިނގާފައިވާ ގޮތް
(ހ) މަރާލައިފައިވާ ހަށިގަނޑު ފެނުން
2އިއޯން ރިޒޯޓު ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން އެ ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށްޓަކައި ޗާނދަނީމަގު 24 ނަންބަރު ގޭގެ އެކި ފަންގިފިލާތައް ކުއްޔަށް ހިފާފައިވެއެވެ. 26 ނޮވެންބަރު 2012 ގައި ޗާނދަނީމަގު 24 ނަންބަރު ގޭގެ 4 ވަނަ ފަންގިފިލާގައި ދިރިއުޅުނު އިއޯން ރިޒޯޓު ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއް ކަމުގައިވާ ދިލިޕް ކުމާރު ރާތާ (އިންޑިއާ ރައްޔިތެއް)، އެ އިމާރާތުގެ 6 ވަނަ ފަންގިފިލާ އެޕާރޓްމަންޓް މީހަކަށް ދެއްކުމަށް އެތަން ހުޅުވަންދިޔައެވެ.
36 ވަނަ ފަންގިފިލާ އެޕާރޓްމަންޓުގައި ދެ ކޮޓަރި ހުންނައިރު، އެތަނުން އެއް ކޮޓަރީގައި އެ ދުވަސްވަރު ދިރިއުޅެމުން ދިޔައީ ހަމަ އެ ކުންފުނީގެ އޮފީސް ބޯއީއަކަށް އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މޮނީރުލް އިސްލާމްއެވެ. ނަމަވެސް 25 އަދި 26 ނޮވެންބަރުގައިވެސް މޮނީރުލް އިސްލާމް އޮފީހަށް ހާޒިރުވެފައިނުވެއެވެ. އަދި އޮފީހުން މޮނީރުލް އިސްލާމް ހޯދުމަށް އެތައް ފަހަރަކު ގުޅައިގެންވެސް އޭނާގެ ޚަބަރެއްވެފައި ނުވެއެވެ.
426 ނޮވެންބަރުގެ ހެނދުނުގެ ވަގުތެއްގައި ދިލިޕް ކުމާރު ރާތާއާ އެކު އިތުރު ދެ މީހަކު 6 ވަނަ ފަންގިފިލާއަށް އެރިއެވެ. 6 ވަނަ ފަންގިފިލާ އެޕާރޓްމަންޓުގައި އެތައް ފަހަރަކު ޓަކި ޖަހައިގެންވެސް ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން، ދިލިޕް ކުމާރު ރާތާ އޮފީހުން ނެގި އެ އެޕާރޓްމަންޓުގެ ޑުޕްލިކޭޓް ތަޅުދަނޑި ބޭނުންކޮށްގެން އެޕާރޓްމަންޓްގެ ދޮރު ހުޅުވިއެވެ.
5ދެ ކޮޓަރިއާއި ސިޓިންގރޫމްއެއް އެކުލެވޭ އެޕާރޓްމަންޓަށް ވަދެގެންދާއިރު ކަނާތު ފަޅީގައި ހުރި ކުޑަ ނިދާ ކޮޓަރީގައި މީހަކު ނެތެވެ. ނަމަވެސް ވައަތު ފަޅީގައި ހުރި މާސްޓަރ ބޭޑްރޫމްގެ ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ.
6ދިލިޕް ކުމާރު ރާތާ އެ ދޮރާ ދިމާލަށްގޮސް އިތުރަށް ދޮރު ހުޅުވާލައި އެތެރެ ބަލައިލިއިރު ލެއިން ތަތްތެޅިފައި އޮތް މީހަކު އެނދުމަތީގައި އޮއްވާ ފެނުނެވެ.
(ށ) ފުލުހުން ހަރަކާތްތެރިވުން
7ދިލިޕް ކުމާރު ރާތާ އެވަގުތު ގުޅަން ހިތަށް އެރީ އޭނާ ދަންނަ ފުލުހެއް ކަމުގައިވާ ޕޮލިސް ކޯޕްރަލް ޙުސައިން ނިޡާމްއަށެވެ.1 ވެގެން އުޅެނީ ކިހިނެތްކަމެއް ނުބުނެ އެގެއަށް އޭނާ އަވަހަށް އައިސް ދިނުމަށް އެދުނެވެ.
8ޗާނދަނީމަގު 24 ނަންބަރު ގެއަށް ވަގެއް ވަދެގެން އުޅޭ ކަމަށް ހީކޮށް ޙުސައިން ނިޡާމް އެތަނަށް ދިޔައީ އެވަގުތު އޭނާއާއެކު މާފަންނު ޕޮލިސް ސްޓޭޝަނުގައި ޑިޔުޓީގައި ހުރި ޕޮލިސް ކޯޕްރަލް ޙުސައިން ޝަރީފް2 ގޮވައިގެންނެވެ. މި ދެ ފުލުހުން ޗާނދަނީމަގު 24 ނަންބަރު ގޭގެ ސިޑިން އަރައިގެން ދަނިކޮށް އެގޭ 4 ވަނަ ފަންގިފިލާއިން ދިލިޕް ކުމާރު ރާތާ އާއި އިތުރު ދެމީހަކާ ދިމާވުމުން، ދިލިޕް ކުމާރު ރާތާ 6 ވަނަ ފްލޯރ އޭ ބުނުމުން 6 ވަނަ ފަންގިފިލާ އެޕާރޓްމަންޓަށް ގޮސް ވަނެވެ. މިއީ ގާތްގަނޑަކަށް 26 ނޮވެންބަރު 2012 ގެ ހެނދުނު 11.25 ކަން ހާއިރެވެ.
9މި ދެ ފުލުހުން އެ އެޕާރޓްމަންޓަށް ވަދެ ވައަތް ފަރާތުގެ ކޮޓަރީގައި ލެއިން ތަތްތެޅިފައި އޮތް މީހަކު އެނދުމަތީގައި އޮއްވާ ފެނުމުން، ބޭރަށް ނިކުމެ ވަގުތުން ޑިއުޓީ އޮފިސަރއަށް ގުޅާފައި މީހަކު މަރުވެފައި އޮތްކަން ރިޕޯޓުކުރިއެވެ.
1011:34 ކަން ހާއިރު ފުލުހުންނަށް މި މަޢުލޫމާތު ލިބުމުން، ތަހުޤީޤު ޓީމަކާއި ސީން އޮފް ކްރައިމް ޓީމެއް 11:50 ހާއިރު އެތަނުގައި ހަރަކާތްތެރިވާން ފެށިއެވެ.
11ފުލުހުން ބެލި ބެލުމުގައި އެނދުމަތީގައި ޒަޚަމްތަކަކާ އެކު މަރާލާފައި އޮތް މީހަކީ މޮނީރުލް އިސްލާމްއެވެ. މޮނީރުލް އިސްލާމްގެ ހަށިގަނޑުގެ 9 (ނުވައެއް) ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ކަފާލާފައިވެއެވެ. ކަރުގެ ވައަތު ފަޅިން ވައިނޮޅި އެއްކޮށް ބުރިކޮށްލާފައިވެއެވެ.
12މަރުޙޫމް މޮނީރުލް އިސްލާމްގެ ހަށިގަނޑު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ 26 ނޮވެންބަރު 2012 ގެ ހަވީރު 4:45 ގައެވެ.3 އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ “Brought Dead Report” ގައި ހަށިގަނޑު ހަރުދަނޑިވެފައިވާ ކަމަށާއި ހަށިގަނޑުން ކުނިވަސް ދުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މައްޔިތާ ނިޔާވެފައިވާތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
13އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ “Brought Dead Report” ގައި މޮނީރުލް އިސްލާމްގެ ޕޯސްޓް މޯޓަމް ހެދުމަށް މޮނީރުލް އިސްލާމް ބެލި ޑޮކްޓަރުން ލަފާދީފައިވެއެވެ. ނަމަވެސް މޮނީރުލް އިސްލާމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމްއެއް ހަދާފައިނުވެއެވެ.
14ހާދިސާ ހިނގިތަނުން ސައިންޓިފިކް ތަހުލީލުތަކަށް ފުލުހުން ސާމްޕަލް ނެގިއެވެ.
(ނ) ތަންހުރި ގޮތް
156 ވަނަ ފަންގިފިލާ އެޕާރޓްމަންޓުގައި ހިމެނެނީ އެއް ކުޑަ ކޮޓަރިއާއި މާސްޓަރ ބެޑްރޫމްއެވެ. އަލްމަރްހޫމް މޮނީރުލް އިސްލާމް އަނިޔާވެރި އަދި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮތީ މާސްޓަރ ބެޑްރޫމް ނުވަތަ ބޮޑު ކޮޓަރީގައިވާ ޑަބަލް އެނދުގެ ކަނައަތު ފަޅީގައެވެ. ވައަތު ފަޅީގެ ހެޑްބޯޑުގައި ފޯނެއް އޮތްއިރު، ވައަތުފަޅި އެނދުމަތީގައި ކަރަންޓަށް ނުޖަހާ އޮތް ފޯނު ޗާޖަރަކާއި، ޗާޖަރަށް ޖަހާފައި އޮތް ދެވަނަ ފޯނަކާއި އަދި އެކި ޗާޖަރުތަކުގެ ވާގަނޑުތައް ހުއްޓެވެ. އެނދުގެ ވައަތު ފަޅި ހުރީ ފާރާ ޖައްސާފައެވެ. އެ ކޮޓަރިން ކަޅު ކުލައިގެ އާއި އަޅި ކުލައިގެ ފޯނެއް ފެނިފައިވެއެވެ. ކަޅު ކުލައިގެ ފޯނު އޮތީ އެނދުމަތީގައި ޗާޖަރުގެ ވާގަނޑު ޖަހާފައެވެ. އަޅި ކުލައިގެ ނޮކިއާ ފޯނު އޮތީ އެނދުގެ ހެޑްބޯޑު މަތީގައި ބާއްވާލާފައެވެ.
16އަލްމަރުޙޫމް މޮނީރުލް އިސްލާމްގެ މޫނުމަތި އަދި ކަރާ ދިމާލުގައި ދެ ބާލީހެއް ބާއްވާފައި އޮތެވެ. އަދި ދެއަތް ބެޑްޝީޓަކުން ދޫކޮށް އޮޅާފައި އޮތެވެ. އެނދުގައި ބާލީހާއި ހަށިގަނޑުވީފަޅި ލެއިން ތަތްތެޅިފައިވާއިރު، އެނދުކައިރި ބިންމައްޗަށް ލޭތިކި ބުރައިގެން ގޮސްފައި ހުއްޓެވެ.
17އެ ކޮޓަރީގެ ފާޚާނާގެ ތަޅުންގަނޑާއި މޫނު ދޮންނަ ތަށީގައި ގަދަ ރަތްކުލައިގެ އެއްޗެއް ހިކިފައި ހުއްޓެވެ. ފުލުހުންގެ ތަހުލީލުތަކުން މިއީ ފެނާ އެއްވެފައި ހުރި ލޭތިކި ކަމަށް ދައްކައެވެ.
18ދެން ހުރީ ކުޑަ ނިދާ ކޮޓަރިއެވެ. އެ ކޮޓަރީގެ އެނދުމަތީގައި ބާލީސްތަކާއި ކޮތަޅެއް ފުރާ ސާމާނާއި ހެނދުންތަކެއް ތެރޭ ދެ ފޮތެއް ވަރު އޮތެވެ. މި ކޮޓަރީގައި މޮނީރުލް އިސްލާމްގެ އަންނައުނު ހަރުގަނޑެއްގައި އަޅުވާފައި ހުއްޓެވެ.
19ސިޓިންގ ރޫމް ސޯފާގެ ވައަތު ފަރާތު އަތްގަނޑުގައި ނިދާ އެނދުގައި ބޭނުންކުރާ ބާލީހެއް ދިގަށް ބާއްވާލާފައި އޮތެވެ. އެ ގޮނޑީގެ ކަނައަތު ފަޅީގައި މަޑު ދަނބު ކުލައިގެ ލައިޓަރެއް އޮތެވެ.
(ރ) ޤާޠިލު ހޯދުމުގެ މަސައްކަތް
20ފުލުހުންގެ ތަހުޤީޤު ފެށީ މޮނީރުލް އިސްލާމްގެ ފޯނު ތަކުންނެވެ. ކޮޓަރިން ފެނުނު އެއް ފޯނުގައި ދިރާގު ސިމް ކާޑެއް އޮތެވެ. އެ ފޯނުގެ ކޯލް ހިސްޓްރީ އާއި ކޮންޓެކްޓްސް ޑިލީޓުކޮށްފައިވީ ނަމަވެސް، އެ މަޢުލޫމާތުތައް އެ ފޯނުން ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމަންޓުން ރިޓްރީވްކުރިއެވެ.
21އެ ފޯނުގެ ކޯލް ހިސްޓްރީއަށް ބަލައިގެން މޮނީރުލް އިސްލާމް އެންމެ ފަހުން ގުޅާފައިވާ ނަންބަރުތަކަށް ގުޅައިގެން އެކި ބަންގްލަދޭޝް މީހުން ހާޒިރުކޮށް ސުވާލުކުރިއެވެ.4 އަދި މިގޮތަށް ހާޒިރުކުރެވުނު މީހުންގެ ގައިން ސާމްޕަލްވެސް ނެގިއެވެ. އެކި މީހުންނާ ސުވާލުކުރި ކުރުމުން މޮނީރުލް އިސްލާމް ދެ ފޯނު ނަންބަރެއް ބޭނުންކުރާކަން ފުލުހުންނަށް ހާމަވެގެން ދިޔައެވެ. ފުލުހުންގެ އަތުގައި އޮތީ މޮނީރުލް އިސްލާމްގެ ދިރާގު ނަންބަރު ކަމުގައިވާއިރު، މޮނީރުލް އިސްލާމް ވަތަނިއްޔާ ނަންބަރެއް ގެންގުޅުނުކަން ތަހުޤީޤަށް އެނގުނެވެ.
22މޮނީރުލް އިސްލާމްގެ ވަތަނިއްޔާ ނަންބަރު ކްރައިމް ސީންއިން ފެނިފައިނުވެއެވެ. 30 ނޮވެންބަރު 2012 ގައި ފުލުހުންނަށް މޮނީރުލް އިސްލާމްގެ ވަތަނިއްޔާ ނަންބަރުކަމަށް ބުނެ ލިބުނު ނަންބަރަށް ގުޅުމުން އެ ނަންބަރުގެ ފޯނު ނިވާލާފައިވާކަން އެނގުނެވެ.
232 ޑިސެންބަރު 2012 ގައި ކުރިން ނިވާލާފައި އޮތް މޮނީރުލް އިސްލާމްގެ ވަތަނިއްޔާ ނަންބަރު ހުޅުވިކަމަށް ފުލުހުންގެ ފަރާތުން ކުރިން ގުޅި އައި.އޯގެ ފޯނަށް މެސެޖު ލިބުމުން، ވަގުތުން އެ ނަންބަރަށް އައި.އޯ ގުޅިއެވެ. އެ ނަންބަރަށް ޖަވާބު ދިން ނަމަވެސް މީހަކު ވާހަކަ ނުދައްކައެވެ.5 އަދި އެކޮޅުން ފޯނު ކަނޑާލުމުން، އަނެއްކާ ގުޅިއިރު ފޯނު ނިވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
24އެހެންކަމުން، އިންޓެލިޖެންސަށް އެ ނަންބަރުދީ، އެ ނަންބަރުގެ ކޯލް ޑީޓެއިލްސް ހޯދުމަށް އަމުރަކަށް އެދިފައިވާ ކަމަށާއި އަދި އެ ނަންބަރު ގެންގުޅޭ ސަރަހައްދު (ސެލް ލޮކޭޝަން) ބަލައިދިނުމަށް އަވަހަށް އެދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.6
25އޭގެ ޖެހިގެން އައި ދުވަހު (3 ޑިސެންބަރު 2012) ގެ މެންދުރުގެ ވަގުތެއްގައި ކްރައިމް ސީނުން ފެނުނު ފޯނުގެ، ފުލުހުން އަތުގައި ހުރި މޮނީރުލް އިސްލާމްގެ ކޯލް ޑީޓެއިލްސް ތެރޭގައި "ޕާގޮލް" ނަމުގައި ސޭވްކޮށްފައި އޮތް ނަންބަރަށް ފުލުހުން ގުޅިއެވެ. އެ ނަންބަރަށް މޮނީރުލް އިސްލާމް 24 ނޮވެންބަރު 2012 ގައާއި އޭގެ ކުރީގެ އެކިއެކި ދުވަސްތަކުގައި މިދެ ފަރާތް ގުޅައި ވާހަކަ ދައްކާފައިވެއެވެ. މޮނީރުލް އިސްލާމް އެންމެ ފަހުން މީހަކަށް ގުޅާފައިވަނީވެސް 24 ނޮވެންބަރު 2012 ގެ 23:59:01 ގައި މި ނަންބަރަށްކަން ކޯލު ރިކޯޑުތަކުން އެނގެން އޮވެއެވެ. ނަމަވެސް ފޯނު ކޯލްތަކުގެ ތަފްސީލުތަކަކީ ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
26"ޕާގޮލް" ޖަހާފައިވާ ނަންބަރަށް ގުޅުމުން ފޯނު ނެގިމީހާ ބުނެފައިވަނީ އޭނާއަކީ "ޕާގޮލް" ކިޔާ މީހެއް ނޫންކަމަށާއި އޭނާ އެވަގުތު ހުރީ އދ. ދަނގެތީގައި ކަމަށެވެ. އޭނާއަށް ކިޔަނީ ކަމްރުލް އިސްލާމްކަން ފުލުހުންނަށް އެނގުނެވެ. މި މައްސަލައާ ގުޅިގެން މޮނީރުލް އިސްލާމް އެންމެ ފަހުން ގުޅައި މުޢާމަލާތްކުރި އެންމެންނާ ފުލުހުން އޭރު ދިޔައީ އިންޓަވިޔުކޮށް ސާމްޕަލް ނަގަމުން ކަމުގައިވާތީ، ކަމްރުލް އިސްލާމްއާ ދިވެހިން ވާހަކަ ދައްކާއިރު ކިޔާ އެއްޗެއް މުޅި އެކު ސާފު ނުވާތީ، މޮނީރުލް އިސްލާމްއާ ބެހޭ ގޮތުން ސުވާލު ކުރުމަށް އދ. ދަނގެތި ޕޮލިސް ސްޓޭޝަނަށް ގޮސްދިނުމަށް އެދުނެވެ. ކަމްރުލް އިސްލާމް ފޯނުން ބުނެފައިވަނީ މޮނީރުލް އިސްލާމް ނިޔާވިކަން ދެނަހުރިކަމަށެވެ.
27ދަނގެތި ޕޮލިސް ސްޓޭޝަންގައި ކަމްރުލް އިސްލާމްއާ ސުވާލުކޮށްދިނުމަށާއި، މޮނީރުލް އިސްލާމް ނިޔާވުމުގެ ކުރިން ގުޅާފައި މި ދެފަރާތުން ވާހަކަ ދައްކާފައި ހުރުމުން އެއީ ކޮން ވާހަކައެއްކަން ސާފުކުރުމަށާއި، އަދި ކަމްރުލް އިސްލާމްގެ ފިންގަރޕްރިންޓް، ބަކަލް ސްވޮބް އަދި ފޮޓޯ ނަގައިދިނުމަށް މާލޭގައި ތިބި ތަހުޤީޤު ޓީމުން ދަނގެތި ޕޮލިސް ސްޓޭޝަނުގައި އެދިފައިވެއެވެ.7
28އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ކަމްރުލް އިސްލާމްއާ ސުވާލުކުރުމުން ދެނެގަނެވުނީ އެއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހެއްކަމާއި އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް އޭނާ އަތުގައި ނެތްކަމެވެ.
29ހަމަ އެ ދުވަހުގައި ކަމްރުލް އިސްލާމް ދަނގެތި ޕޮލިސް ސްޓޭޝަންގައި ހައްޔަރު ކުރެވުނެވެ. އަދި ހައްޔަރު ކުރެވުނު ސަބަބަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް ވުމެވެ. ހައްޔަރު ކުރެވުނުއިރު ކަމްރުލް އިސްލާމްއަށް ޤާނޫނީ އިންޒާރުދީ ހައްޔަރުކުރާ މީހުންނަށް ލިބިދޭންޖެހޭ ހައްޤުތައް ލިބިދީފައިވާކަން އެނގޭކަށް ނެތެވެ.
(ބ) ކަމްރުލް އިސްލާމް ބަންދުކުރުން
30ހައްޔަރުކޮށްފައި ހުރި ކަމްރުލް އިސްލާމް ދެން ގެންދިޔައީ އދ.މަހިބަދޫއަށެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ ކަމްރުލް އިސްލާމް މަހިބަދޫއަށް ގެންދަން ޖެހުނީ ދަނގެތީގައި އޭރު މީހުން ބަންދުކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ކަމަށެވެ.8 އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 106/2012 ކޯޓު އަމުރުން 4 ޑިސެންބަރު 2012 އިން ފެށިގެން 19 ޑިސެންބަރު 2012 ގެ ނިޔަލަށް ކަމްރުލް އިސްލާމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ޖަހާދީފައިވެއެވެ.
31ބުނެވުނު ކޯޓު އަމުރު ނެރުނީ ކަމްރުލް އިސްލާމްއަކީ އިމިގްރޭޝަން ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހަކަށްވާތީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ 49 ވަނަ މާއްދާގެ ދަށުން، ކަމްރުލް އިސްލާމް ބަންދުން ދޫކޮށްލައިފިނަމަ އޭނާ ފިލައިފާނެކަމުގެ އިހުތިމާލު އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވިގެންނެވެ. އަދި މީނާ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
(ޅ) މޮނީރުލް އިސްލާމްގެ ގެއްލިފައިވާ ފޯނުގެ ސެލް ލޮކޭޝަން
32މޮނީރުލް އިސްލާމްގެ ގެއްލިފައިވާ ވަތަނިއްޔާ ނަންބަރުގެ ސެލް ލޮކޭޝަންއާ ބެހޭ މަޢުލޫމާތު ފުލުހުންނަށް ލިބުނީ 7 ޑިސެންބަރު 2012 ގައެވެ. މޮނީރުލް އިސްލާމްގެ ގެއްލިގެން އުޅޭ ފޯނުގެ ލޮކޭޝަން ހަމައެކަނި ދެއްކީ 26 ނޮވެންބަރު 2012 ގެ ހެނދުނު 08:47 ގައި އދ. ދަނގެތި އެންޓަނާއަށް ހިޓުވެފައިވާ ކަމަށެވެ.
33މޮނީރުލް އިސްލާމްގެ ހަށިގަނޑު ފެނުނީ 26 ނޮވެންބަރު 2012 ގެ ހެނދުނުގެ ވަގުތެއްގައެވެ.
(ކ) ކަމްރުލް އިސްލާމްގެ ސާމްޕަލް ނެގުން
348 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމް މާލެ ގެނެވި ފޮރެންސިކް ތަހުލީލުތަކަށް އޭނާގެ ސާމްޕަލް ނަގާފައިވެއެވެ. މި ތާރީޚުގައި މާލެއިން ކަމްރުލް އިސްލާމްގެ ފިންގަރޕްރިންޓް، ބަކްލް ސްވޮބް، ނެއިލް ސްވޮބް، ނެއިލް ކްލިޕްސް، ފުޓްޕްރިންޓް އަދި ފޮޓޯ ނެގުނެވެ.9
(އ) އދ. ދަނގެތި އޯކޭގެ ބަލައި ފާސްކުރުން
359 ޑިސެންބަރު 2012 ގެ ހެނދުނު 08:10 ގައި ކަމްރުލް އިސްލާމް އދ. ދަނގެތީގައި ދިރިއުޅުނު އޯކޭގެ ބަލައި ފާސްކުރަން ފުލުހުން ދިޔައެވެ.10 އެގެއަށް ދިޔައީ އެގޭގެ ވެރި ފަރާތުގެ ހުއްދަ ހޯދައިގެން ކަމަށާއި، ވެރި ފަރާތާއި އޭނާގެ ޢާއިލާ ދިރިއުޅެނީ މާލޭގައި ކަމަށް ފުލުހުން ބުނެއެވެ.11 އެގެއިން ސާމްޕަލްގެ ގޮތުގައި ކަމްރުލް އިސްލާމްގެ ބައެއް އަންނައުނު ނަގާފައިވެއެވެ. މީގެ ތެރޭގައި ޖީންސުބުރިއެއް ހިމެނެއެވެ.
36ފުލުހުންގެ ތަހުލީލުތަކުން ފަހުން ދެއްކި ގޮތުގައި، ޖީންސުބުރީގައި އިން ސްޓެއިންއެއްގައި ކަމްރުލް އިސްލާމްގެވެސް އަދި މޮނީރުލް އިސްލާމްގެވެސް ޑީއެންއޭ ފެނިފައިވެއެވެ.12 ނަމަވެސް އެދުވަސްވަރު ފުލުހުންގެ ލެބޯޓްރީގައި ރީއޭޖަންޓް ނެތުމާއެކު ޑީއެންއޭ ލިބިފައިވަނީ ކުޅުގެ ސާމްޕަލުން ކަމެއް ނުވަތަ ލޭގެ ސާމްޕަލުން ކަމެއް ނުވަތަ އެނޫންވެސް އެހެން އެއްޗަކުންކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.13
(ވ) ކަމްރުލް އިސްލާމްއާ ސުވާލުކުރުން
37ކަމްރުލް އިސްލާމްގެ މައްޗަށް މޮނީރުލް އިސްލާމް މަރާލިކަމުގެ ޝައްކު އުފެދިފައިވާ ގޮތާމެދު ތަފްސީލީ ގޮތެއްގައި ކްރިމިނަލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ވާހަކަ ދައްކާފައިނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މި ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ، 9 ޑިސެންބަރު 2012 ގައި މޮނީރުލް އިސްލާމްއާ ގުޅޭ ގޮތުން ކަމްރުލް އިސްލާމްއާ ސުވާލުކުރެވުމުން، 25 ނޮވެންބަރު 2012 ގެ ހެނދުނު 7:00 ޖެހިއިރުގައި ދެމީހުން އެއްކޮށް ސައިބޯން ދިޔަފަހުން މޮނީރުލް އިސްލާމްގެ ޚަބަރެއް ނުވާކަމަށް ކަމްރުލް އިސްލާމް ބުނެފައިވާ ކަމަށެވެ.
38ނަމަވެސް ކަމްރުލް އިސްލާމް ހިނގާފައި ދިޔަ މަގުކަމަށް ބުނާ މަގުތަކުގެ 25 ނޮވެންބަރު 2012 ގެ ސީސީޓީވީ ފުޓެޖް ފުލުހުން ބެލިއިރު، ކަމްރުލް އިސްލާމްވެސް އަދި މޮނީރުލް އިސްލާމްވެސް އެ ފުޓެޖްތަކުން ފެންނަން ނެތްކަމަށް ފުލުހުން ބުނެއެވެ.
39ކަމްރުލް އިސްލާމް ހަދަނީ ދޮގުކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން އަނެއްކާވެސް މޮނީރުލް އިސްލާމްއާ ގުޅޭ ގޮތުން ކަމްރުލް އިސްލާމްއާ ސުވާލުކުރުމުން ބުނެފައިވަނީ 24 ނޮވެންބަރު 2012 ގެ ހެނދުނު 10:30 ގައި މޮނީރުލް އިސްލާމްއާ ދިމާވިކަމަށާއި، ދެމީހުން ހަށިވިއްކި އަންހެނެއް ކައިރިއަށް ދިޔަކަމަށާއި، އަދި އެއަށްފަހު ދެމީހުން އެއްކޮށް މެންދުރު ކައިގެން މޮނީރުލް އިސްލާމް ދިޔައީ ގެއަށްކަމަށާއި ކަމްރުލް އިސްލާމް ދިޔައީ ދޯންޏަށްކަމަށް ކަމްރުލް އިސްލާމް ބުނިކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.14
40އެކަންވަނީ އެގޮތަށް ހިނގާފައިތޯ ބެލުމަށްޓަކައި ކަމްރުލް އިސްލާމް ގޮވައިގެން ހަށިވިއްކާ އަންހެން މީހާ ކައިރިއަށް ފުލުހުން ދިޔުމުން އެ އަންހެން މީހާއާއި އޭނާގެ އޭޖެންޓު ބުނެފައިވަނީ ކަމްރުލް އިސްލާމް ދިޔައީ އެކަނި ކަމަށާއި އަދި ދިޔައީ އެ ރޭ ކަމަށާއި، މޮނީރުލް އިސްލާމް ނުދާކަމަށެވެ.15 ކުރިންވެސް ފާހަގަކުރި ފަދައިން، މި ވާހަކަތަކަކީ ތަފްސީލީ ގޮތެއްގައި ދަށު މަރުހަލާތަކުގައި ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ފުލުހުން ޢަމަލުކޮށްފައިވަނީ މި ނޫންގޮތަކާމެދު ކަމްރުލް އިސްލާމްވެސް ސުޕްރީމް ކޯޓުގައި ސުވާލު އުފައްދާފައިނުވެއެވެ.
41ފުލުހުން ބުނެފައިވަނީ ކަމްރުލް އިސްލާމް ތަކުރާރުކޮށް ހަދަނީ ދޮގުކަމަށް ފުލުހުންނަށް ޤަބޫލުކުރެވުނު ކަމަށެވެ.16 އެހާ ހިސާބުން ކަމްރުލް އިސްލާމްގެ ފޯނު ނަންބަރުގެ ކޯލް ޑީޓެއިލްސް ލިބުމުން ފުލުހުން އޭނާގެ ކޯލްތަކާއި ލޮކޭޝަންތައް ޗެކްކުރިކަމަށެވެ.
42އެގޮތުން، 24 ނޮވެންބަރު 2012 ގެ ރޭގަނޑު 22:00 ހާއިރުން ފެށިގެން 25 ނޮވެންބަރު 2012 ގެ 20:00 ހާއިރު ވަންދެން ކަމްރުލް އިސްލާމް މާލޭގައި އުޅުނުކަން ލޮކޭޝަނުން ދައްކާކަމަށް ފުލުހުން ބުނެއެވެ.17 އަދި 24 ނޮވެންބަރު 2012 ގައި ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްއާ ދެމެދު އެތައް ފޯނުކޯލްތަކެއް ކުރެވުނު ކަމަށްވެއެވެ. މީގެ އިތުރުން ކަމްރުލް އިސްލާމްގެ ކޯލް ޑީޓެއިލްސްއާއި މޮނީރުލް އިސްލާމްގެ ކޯލްތަކާއި ފޯނުގެ ޑޭޓާއިން ދައްކާ ކޯލްތައް ދިމާނުވާކަން ފުލުހުންނަށް ފާހަގަކުރެވުނެވެ. އެހެންކަމުން، މޮނީރުލް އިސްލާމްގެ ފޯނުން ކަމްރުލް އިސްލާމްގެ ނަންބަރަށް ކޮށްފައިވާ ކޯލްތައް ޑިލީޓްކޮށްފައިވާކަމަށް ފުލުހުންނަށް ޤަބޫލުކުރެވުނެވެ.18
43ފުލުހުން އިތުރަށް ސީސީޓީވީ ފުޓެޖްތައް ބަލަމުން ދަނިކޮށް 24 ނޮވެންބަރު 2012 ގެ 23:21:46 ގައި ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްއާ ދެމީހުން ޗާނދަނީ މަގު 24 ނަންބަރު ގެއާ ދިމާލަށް ހިނގާފައިދާ ތަނުގެ ވިޑިއޯ ފުޓެޖް ފުލުހުންނަށް ފެނުނެވެ.
44މިހާ ހިސާބުން ކަމްރުލް އިސްލާމްއަކީ މޮނީރުލް އިސްލާމްގެ މަރާ ގުޅިގެން ޝައްކުކުރެވޭ ފަރާތެއްކަމަށް ހަމަ އެ ތާރީޚުގައި (9 ޑިސެންބަރު 2012 ގައި) ފުލުހުންނަށް ޤަބޫލުކުރެވުނެވެ.19 އަދި 24 ނޮވެންބަރު 2012 ގެ 23:21 އަކީ މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެފަހުން އެ ސަރަހައްދުގެ ކެމެރާއަކަށް އަރާފައިވާ ވަގުތުކަން ފުލުހުންނަށް ޔަޤީންވިއެވެ. ފުލުހުން ބުނެފައިވަނީ މިކަން ޔަޤީންކުރުމަށްޓަކައި ޗާނދަނީ މަގު 24 ނަންބަރު ގޭގެ ދެފަރާތުން އެ މަގުގައި ހުރި ކެމެރާތައް މޮނީރުލް އިސްލާމްގެ ހަށިގަނޑު ފެނުނު ދުވަހާއި ވަގުތު ކަމުގައިވާ 26 ނޮވެންބަރު 2012 ގެ ހެނދުނު 11:30 ގެ ނިޔަލަށް ބެލުނުކަމަށެވެ.20
459 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމްއަކީ މޮނީރުލް އިސްލާމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްކަމަށް ކަމްރުލް އިސްލާމްއަށް އެންގުނުކަމަށް ފުލުހުން ބުނެއެވެ. އަދި ކަމްރުލް އިސްލާމް ވަކީލެއް ބޭނުން ނުވާކަމަށް ބުނިކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތެވެ.
(މ) ސީސީޓީވީ ފުޓެޖްއާއި ފޮރެންސިކް ތަހުލީލުގެ ނަތީޖާ
46ޗާނދަނީ މަގު 24 ނަންބަރު ގޭގެ ސަރަހައްދުގެ ސީސީޓީވީ ފުޓެޖް ފުލުހުން ބެލިއިރު، ކަމްރުލް އިސްލާމް އާއި މޮނީރުލް އިސްލާމްއާ ދެމީހުން އެކުގައި ޗާނދަނީ މަގު 24 ނަންބަރު ގެއާ ދިމާލަށް ހިނގާފައިދާތަން 24 ނޮވެންބަރު 2012 ގެ 23:21 ގައި ފެނުނުއިރު، 25 ނޮވެންބަރު 2012 ގެ މެންދަމު 01:34 ގައި 24 ނަންބަރު ގެއާ ދިމާލުން އައިސް، އެގޭ ކުރިމަތީގައި ހުންނަ ނާސްތާ ކެފޭ ހުންނަ ގޯޅިން ކަމްރުލް އިސްލާމް އެކަނި ހިނގާފައިދާ ތަނުގެ މަންޒަރު ނާސްތާ ކެފޭގެ ސީސީޓީވީ ފުޓެޖްއަށް އަރާފައިވެއެވެ.
47މިކަމާ ގުޅިގެން ކަމްރުލް އިސްލާމްއާ ސުވާލުކުރުމުން، އޭނާ އެއްވެސް އެއްޗެއް ނުބުނިކަމަށް ފުލުހުން ބުނެއެވެ.21 މީގެ އިތުރުން، ކުށުގެ ވެށިން ލިފްޓްކުރެވުނު ފިންގަރޕްރިންޓަކާ ކަމްރުލް އިސްލާމްގެ ފިންގަރޕްރިންޓާ ދިމާވެއެވެ. މިކަމާ ގުޅޭ ގޮތުންވެސް ކަމްރުލް އިސްލާމްއާ ސުވާލުކުރުމުން އެއްޗެއް ނުބުނި ކަމަށް ފުލުހުން ބުނެއެވެ.
48ކަމްރުލް އިސްލާމް އެއްވެސް ފުޓެޖަކުން ނުފެންނާނެކަމަށް ކަމްރުލް އިސްލާމް ބުނި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، 24 ނޮވެންބަރު 2012 ގެ ރޭގަނޑުގައި މި ދެ މީހުން އެއްކޮށް ނުފެންނާނެކަމަށް ކަމްރުލް އިސްލާމް ބުނިކަމަށް ފުލުހުން ބުންޏެވެ. އަދި ފެންނަ ވީޑިއޯއެއްވާނަމަ، އެ ވީޑިއޯ ބަލަން ކަމްރުލް އިސްލާމް އެދުނުކަމަށް ފުލުހުން ބުންޏެވެ.
49ފުލުހުން ކަމްރުލް އިސްލާމްއަށް އޭނާއާއި މޮނީރުލް އިސްލާމްއާ ދެމީހުން ހިނގާފައިދާ ތަނުގެ ވީޑިއޯ ދެއްކިއެވެ.22 އެހާ ހިސާބުން ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުން ދޭނެކަމަށާއި، ހުރިހާ ވާހަކައެއް ކިޔާދިނުމަށް ކަމްރުލް އިސްލާމް އެއްބަސްވިކަމަށް ފުލުހުން ބުނެއެވެ. އަދި އެވަގުތުވެސް ވަކީލެއް ބޭނުން ނުވާކަމަށް ކަމްރުލް އިސްލާމް ބުނިކަމަށް ފުލުހުން ބުނެއެވެ.23 ނަމަވެސް މިކަން ކަށަވަރުވާނެ އެއްވެސް ލިޔެކިޔުމެއް ފުލުހުންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ.
(ފ) އިޢުތިރާފުވުން
509 ޑިސެންބަރު 2012 ގައި މޮނީރުލް އިސްލާމް މަރާލިކަމަށް ކަމްރުލް އިސްލާމް އިޢުތިރާފުވިއެވެ. ނަމަވެސް މި އިޢުތިރާފުގެ ބަޔާނެއް ވިޔަސް ވީޑިއޯއެއް ވިޔަސް ޝަރީޢަތަށް ދައުލަތުން ހުށަހަޅާފައިނުވެއެވެ. އަދި އެ ދުވަހު ކަމްރުލް އިސްލާމް ވީ އިޢުތިރާފަކީ ރަސްމީކޮށް ރިކޯޑުކޮށްފައި އޮތް އިޢުތިރާފެއް ކަންވެސް އެނގޭކަށް ނެތެވެ. ދައުލަތުން މިހާތަނަށް އިޚްތިޔާރުކޮށްފައިވާ ހަމައަކީ (ނަގާފައިވާ ސްޓޭންޑަކީ) ކަމްރުލް އިސްލާމްގެ އިޢުތިރާފު ބަޔާނަކީ މުޅި ތަހުޤީޤު ނިމުނު ފަހުން، 29 ޑިސެންބަރު 2012 ގައި ނެގި ބަޔާންކަމުގައި ބެލުމެވެ.
51ކަމްރުލް އިސްލާމްގެ އިޢުތިރާފް ބަޔާން ނަގަންވީ ގޮތުގެ ލަފައަކަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކިބައިގައި އެދުމުން އެ އޮފީހުން ލަފާ ދީފައިވަނީ ތަރުޖަމާނެއްގެ އެހީގައި އިނގިރޭސި ބަހުން އެ ބަޔާން ނެގުމަށްކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ތަރުޖަމާނެއް ހަމަޖެހި ބަޔާން ނެގުމުގެ ކުރިއަށްވެސް ކަމްރުލް އިސްލާމް ތަހުޤީޤަށް އެއްބާރުލުން ދޭނަމަ މި މައްސަލައާ ގުޅިގެން ހެކި ޤަރީނާ ހޯދުމުގެ ހުރަހެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވެއެވެ.
52ނަތީޖާއެއްގެ ގޮތުން، ކުށާ ގުޅުންހުރި ތަންތަން ކަމުގައި ދެކި ފުލުހުން ޓީޖެޓީ މޫދުގެ ވަކި ސަރަޙައްދަކާއި އދ. ދަނގެތީގެ ޖެޓީ ކައިރި މޫދު ބަލައި ފާސްކުރިއެވެ.
(ދ) ހައްޔަރުކުރުމުގެ އަމުރު
5310 ޑިސެންބަރު 2012 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(HA)/2012/578 ކޯޓު އަމުރުގެ ދަށުން ކަމްރުލް އިސްލާމް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނެވެ. އަދި އެ އަމުރު ނެރުމަށް މެދުވެރިވި ސަބަބަކީ މޮނީރުލް އިސްލާމް މަރާލުމުގައި ކަމްރުލް އިސްލާމްގެ ބައިވެރިވުމެއް އޮތްކަމަށް ޤަބޫލުކުރެވުން ކަމުގައިވާއިރު، ލިބިފައިވާ ހެއްކާއި ޤަރީނާ ބިނާވީ ކަމްރުލް އިސްލާމްގެ އަމިއްލަ އިޢުތިރާފަށާއި، ކުށުގެ ވެށިން ނެގި ފިންގަރޕްރިންޓް ސާމްޕަލްތަކާއި ކަމްރުލް އިސްލާމްގެ ސާމްޕަލްތަކާއި ދިމާވުމަށާއި އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓެޖުން މަރާލެވުނު މީހާއާއި ކަމްރުލް އިސްލާމްއާ އެއްކޮށް ހިނގާފައިދާ މަންޒަރުގެ މައްޗަށެވެ. މި އަމުރުގެ މުއްދަތަކީ އަމުރު ނެރުނު ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހެވެ.
54ނަމަވެސް މި އަމުރު ނެރުނުއިރުވެސް ކަމްރުލް އިސްލާމްހުރީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަންދު އަމުރުގެ ދަށުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުގެ ބެލުމުގެ ދަށުގައެވެ.24
5510 ޑިސެންބަރު 2012 ގައި ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރު ކުރުމުގެ އަމުރުގެ ދަށުން ކަމްރުލް އިސްލާމް ހައްޔަރު ކުރެވިފައިވަނީ 15 ޑިސެންބަރު 2012 ގައި ޖުމްހޫރީ މައިދާނުން ކަމަށް "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" ނަންބަރު TD048316 ގައިވެއެވެ. މާލެ ގެނެވުނު އިރުވެސް ބަންދުގައި ހުރި މީހަކު އިތުރަށް ޖުމްހޫރީ މައިދާނުން ބަންދުކުރެވުނު ގޮތާ މެދު ސުޕްރީމް ކޯޓުން ދައުލަތާ ސުވާލުކުރުމުން، ދައުލަތުން ބުނެފައިވަނީ ދަނގެތި ކޯޓުން ނެރުނު އަމުރުގެ ދަށުން ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭތީ ކަމްރުލް އިސްލާމް ކޮށްފައިވާ ބަންދުން ކުޑަ ވަގުތުކޮޅަކަށް ޖުމްހޫރީ މައިދާނަށް ދޫކޮށްލުމަށްފަހު، ކްރިމިނަލް ކޯޓުން ނެރުނު މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ އަމުރުގެ ދަށުން އަނެއްކާ ހައްޔަރު ކުރީ ކަމަށެވެ.
56ދަނގެތި ކޯޓުން ފުލުހުންގެ މައްޗަށް ވަކި ގޮތަކަށް ޢަމަލުކުރުމަށް އަންގައި ނެރެފައިވާ އަމުރު ބާޠިލު ކުރުމެއްނެތި ކަމްރުލް އިސްލާމް ދޫކުރިކުރުމާ ގުޅޭ ގޮތުން މި ގަޒިއްޔާގެ ތެރޭގައި ގޮތެއް ކަނޑައެޅިފައި ނުވާނެއެވެ.
(ތ) ކަމްރުލް އިސްލާމް ކްރައިމް ސީންއަށް ގެންދިއުން
5710 ޑިސެންބަރު 2012 ގެ ރޭގަނޑު ކަމްރުލް އިސްލާމް ގޮވައިގެން ޗާނދަނީ މަގު 24 ނަންބަރު ގޭގެ 6 ވަނަ ފަންގިފިލާ އެޕާރޓްމަންޓަށް ގޮސް ކަމްރުލް އިސްލާމް ލައްވާ ކަންހިނގާދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯއެއް ނެގިކަމަށް ފުލުހުން ބުނެއެވެ.25 މި ވީޑިއޯއަކީ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހެޅުނު ވީޑިއޯއެއް ނޫނެވެ.
(ލ) ޓީޖެޓީގައި ފުލުހުން ހަރަކާތްތެރިވުން
58އޭގެ އަނެއް ދުވަހު، 11 ޑިސެންބަރު 2012 ގައި، ފުލުހުންގެ ޓީމެއް ކަމްރުލް އިސްލާމް ގޮވައިގެން ގޮސް ޓީޖެޓީގައި ހަރަކާތްތެރިވިއެވެ. އެ ސަރަޙައްދަށް ފުލުހުންގެ ޑައިވް ޓީމެއް ގޮވައިގެން ދިޔައީ ކަމްރުލް އިސްލާމްވި އިޢުތިރާފުގައި، މޮނީރުލް އިސްލާމް މަރާލުމަށްފަހު، މަރާލުމަށް ބޭނުންކުރި ވަޅިއާއި، އަދި ފަހުން އެ ވަޅި ބޭނުންކޮށްގެން ބުރިކޮށްލި އޭނާ ލައިގެން ހުރި ޖީންސުގެ ފައިކުރިއާއި، މޮނީރުލް އިސްލާމް މަރާލި ދުވަހު ލައިގެން ހުރި ގަމީސް އެއްލާލީ އެ ސަރަހައްދު މޫދަށް ކަމުގައިވާތީ، އެތަކެތި އެތަނުން ހޯދުމަށެވެ.
59ޓީޖެޓީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި ސަޕްލައި ދޯނިތައް ކައިރި ސަރަހައްދުގައި މެންދުރު 12:50 ކަން ހާއިރު މާޖެހި ޑިޒައިންގެ ތުނި ގަމީހެއް ސްނޯކަލްކުރި ފުލުހަކު ނަގާފައިވެއެވެ.26 މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ކަމްރުލް އިސްލާމްގެ އެހީތެރިކަމާއެކު، އޭނާ ދެއްކި ސަރަހައްދު ބަލައި، އޭނާގެ ހާޒިރުގައެވެ.
60އޭގެ ކުޑަ އިރުކޮޅެއް ފަހުން 12:56 ގައި، ގާތްގަނޑަކަށް 3.5 މީޓަރު މޫދު އަޑިން، ރީނދޫ މުށްގަނޑެއްލީ، ތިލައިގެ 6 އިންޗިވަރު ދިގުމިން ހުރި ވަޅިއެއް ފުލުހުންގެ ޑައިވަރެއް ނަގާފައިވެއެވެ.27
61ކަމްރުލް އިސްލާމްއަށް މޫދު އަޑިން ނެގި ވަޅިއާއި ގަމީސް ދައްކައި އެއީ އޭނާގެ އެއްޗެއްތޯ ސުވާލުކުރުމުން، އެއީ އޭނާގެ އެއްޗެއްކަމަށް ބުނެފައިވެއެވެ. އަދި މި މަންޒަރު ފުލުހުން ވީޑިއޯކޮށްފައިވެއެވެ.
(ގ) މޮނީރުލް އިސްލާމްގެ ގެއްލިގެން އުޅޭ ފޯނާއި ސިމް ކާޑު ހޯދުމުގެ މަސައްކަތް
629 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމްވި އިޢުތިރާފުގައި މޮނީރުލް އިސްލާމް މަރާލުމަށްފަހު އޭނާގެ ފޯނުތަކުގެ ތެރެއިން ޓަޗް ސްކްރީން 1 ފޯނު ނެގިކަމަށް ބުނެފައިވެއެވެ. އަދި ތަހުޤީޤުގެ ތެރޭގައި ފުލުހުން އެ ފޯނަށް ގުޅުމުން އެ ފޯނު މޫދަށް އެއްލާލައި، އެ ފޯނުގެ ސިމް ކާޑުވެސް 4 ބަޔަށް ފަޅިކޮށް މޫދަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ފޯނުގެ ތެރޭގައި އޮތް 2ޖީބީގެ މެމޮރީ ކާޑު ކަމްރުލް އިސްލާމްގެ އަތުގައި ބޭއްވީކަމަށް ބުނެފައިވެއެވެ.
6313 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމް ގޮވައިގެން އދ. ދަނގެއްޗަށް ގޮސް އޭނާ ފޯނާއި ސިމް ކާޑު އެއްލާލިކަމަށް ބުނާ ސަރަހައްދުގައި އެތަކެތި ފެނޭތޯ ފުލުހުން ފީނައި ޑައިވްކޮށް ހެދިކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.28 އަދި އެ ސަރަހައްދުގެ ގޮނޑުދޮށުގެވެސް ބޮޑު ސަރަހައްދެއް ކޮނެގެން ބަލައިގެންވެސް ފުލުހުންނަށް އެ ފޯނާއި ސިމް ކާޑުގެ ބައިތައް ފެނިފައިނުވެއެވެ. މި މަޢުލޫމާތަކީ އަނެއްކާވެސް ދަށު އެއްވެސް މަރުހަލާއެއްގައި ހުށަހެޅުނު މަޢުލޫމާތެއް ނޫނެވެ. ނަމަވެސް ކަމުގެ ތެދު ހަޤީޤަތާ ގުޅޭގޮތުން ކަމްރުލް އިސްލާމްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ.
64ކަމްރުލް އިސްލާމް އެންމެ ފުރަތަމަ ހައްޔަރު ކުރެވުނުއިރު، އޭނާގެ ހަށިގަނޑުން 2ޖީބީގެ މެމޮރީ ކާޑެއް ފެނިފައިވެއެވެ. މެމޮރީ ކާޑު އެނަލައިޒް ކުރުމަށް ހުށަހަޅާފައިވަނީ 8 ޑިސެންބަރު 2012 ގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯރޓް" ގައި ބަޔާންކޮށްފައިވެއެވެ.29 މި މެމޮރީ ކާޑުގައި މި މައްސަލައާ ގުޅޭކަމަށް ފުލުހުން ޤަބޫލުކުރާ ތިން ފޮޓޯއެއްވާކަމަށް ބުނި ނަމަވެސް، މި ފޮޓޯތައް މި މައްސަލައާ ގުޅޭ ގޮތުގެ ތަފްސީލު ދަށު އެއްވެސް މަރުހަލާއެއްގައި ބަޔާންކޮށްފައިނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ސުވާލު ކުރުމުން އެ ފޮޓޯތަކާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. މި ފޮޓޯތައް ނަގާފައިވަނީ 17 އަދި 24 ނޮވެންބަރު 2012 ގައެވެ.
65އެއް ފޮޓޯގެ ފައިލް ކްރިއޭޓްކުރި ތާރީޚުކަމަށްވަނީ 24 ނޮވެންބަރު 2012 ގެ ހެނދުނު 08:27 ގައެވެ. މި ފޮޓޯއަކީ މޮނީރުލް އިސްލާމްގެ ފޮޓޯއެކެވެ. އަދި ބެލެވޭ ގޮތުގައި ފޮޓޯ ނަގާފައިވަނީ އޭނާ އަމިއްލައަށެވެ.
66ދެވަނަ ފޮޓޯގައިވާ މަންޒަރަކީ މޮނީރުލް އިސްލާމް ވަޒީފާ އަދާކުރި އޮފީހުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. މި ފޮޓޯގެ ފައިލް ކްރިއޭޓް ކޮށްފައިވަނީ 17 ނޮވެންބަރު 2012 ގެ ހެނދުނު 08:57 ގައެވެ.
67ތިންވަނަ ފޮޓޯގެ ފައިލް ކްރިއޭޓްކުރި ތާރީޚަކީ 24 ނޮވެންބަރު 2012 ގެ 08:31 އެވެ. މި ފޮޓޯގައިވަނީ މީހެއްގެ ވައަތު ފަޔާއި ފައިވާނެކެވެ. ފައިވާނުގެ ވަދު ހުރީ ކަޅާއި ހުދު (ނުވަތަ އަޅި) ކުލައިގައެވެ. އަދި ފައިވާނުގެ އެތެރެފުށުގައި (އެއީ ފައިތިލަ ޖެހޭ ތަނުގައި) ކަޅާއި ހުދު (ނުވަތަ އަޅި) ކުލައިގެ ޑިޒައިނެއް ހުއްޓެވެ. ފައިވާން ކައިރީގައި ޖައްސާފައި ހުރީ ޖީންސެއް ލައިގެން ހުރި މީހެއްގެ ފައިތިލައެވެ. އަބަދު އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު ކަޅުވާ ފަދައިން، އެ ފޮޓޯއިން ފެންނަ ފައިތިލައިގައި ފައިވާން ވަދުގެ ޕްރިންޓު ފައިތިލައިގައި ފެންނާން ހުއްޓެވެ. އެހެންގޮތަކަށް ބުނާނަމަ، ފައިވާން ވަދު ޖެހިފައި ހުންނަ ހަންގަނޑުގެ ކުލަ ފައިގެ ދެންހުރި ބައިގެ ހަންގަނޑަށް ވުރެ އަލިކަމަށް ފެނެއެވެ.
68މި ފޮޓޯތަކުގެ ތެރެއިން މޮނީރުލް އިސްލާމްގެ މޫނުގެ ފޮޓޯއާއި ފައިވާނާއި ފައިތިލައިގެ ފޮޓޯއަކީ މެމޮރީ ކާޑުން ޑިލީޓުކުރުމުން ފުލުހުން ރިޓްރީވް ކޮށްފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކުގައި އެގްޒިފް މަޢުލޫމާތު (Exif information) ހިމެނޭކަމަށް މި ރިޕޯޓު ތައްޔާރުކުރި ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވެއެވެ.30 އެގްޒިފް މަޢުލޫމާތު ޢާންމުކޮށް ހުންނާނީ އެއްވެސް ކަހަލަ މޮޑިފިކޭޝަނެއް ނުގެނެސް ހުންނަ ފޮޓޯތަކުގައި ކަމަށާއި، އަދި ފޮޓޯ ނެގި ތާރީޚުކަމަށް އިންނާނީ އެ ފޯނެއްގައި އިންނަ ތާރީޚުކަމަށް ފުލުހުން ބުނެއެވެ.31
(ޏ) މޮނީރުލް އިސްލާމްގެ މަރުގެ ތުހުމަތުގައި ކަމްރުލް އިސްލާމް ބަންދުކުރުމާއި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދުން
6915 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމް ފުލުހުން ހައްޔަރުކޮށްފައިވަނީ މޮނީރުލް އިސްލާމްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި ކަމްރުލް އިސްލާމްގެ ބައިވެރިވުމެއް އޮތް ކަމުގެ ތުހުމަތުގައެވެ. ކަމްރުލް އިސްލާމް ހައްޔަރު ކުރެވުނީ 15 ޑިސެންބަރު 2012 ގެ 15:35 ގައި ޖުމްހޫރީ މައިދާން ކައިރިންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD048316 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" ގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާއަށް ހަނު ހުރުމުގެ ހައްޤު ލިބިގެންވާކަމަށާއި، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަމަށް އަންގައި އެ ފޯމުގައި ހައްޔަރު ކުރެވުނު މީހާގެ ފިންގަރޕްރިންޓް ޖަހާ ތަނުގައި ފިންގަރޕްރިންޓު ޖަހާފައިވެއެވެ.
70ފޯމުގައި އޭނާ ހައްޔަރު ކުރެވުނީ ޖުމްހޫރީ މައިދާނުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކަމްރުލް އިސްލާމް އެންމެ ފުރަތަމަ އދ. ދަނގެތިން ހައްޔަރުކޮށް ބަންދު ކުރެވުނީއްސުރެ އޭނާ މިނިވަންވެފައިވާކަމަށް ބެލެވެންނެތެވެ. ސަބަބަކީ އޭނާ ޖުމްހޫރީ މައިދާނުން ހައްޔަރުކޮށްފައިވަނީ ފުލުހުން އޭނާ އެތަނަށް ދޫކޮށްލުމަށްފަހު އޭގެ ހަމަ ކުޑަ އިރުކޮޅެއްފަހުން ކަމުގައިވާތީއެވެ.
719 ޑިސެންބަރު 2012 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ލަފާދީފައިވާ ގޮތަށް ކަމްރުލް އިސްލާމްއަށް ތަރުޖަމާނަކު ހޯދުމުގެ މަސައްކަތް ކުރަމުން އައިކަން ލިޔެކިޔުންތަކުން އެނގެން އެބަހުއްޓެވެ. އެހެންނަމަވެސް އިނގިރޭސިން ލިޔަން ކިޔަން ދަންނަ ބަންގްލަދޭޝް ބަހަށް ތަރުޖަމާ ކޮށްދޭނެ މީހަކު ހޯދުމުގެ ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
72ތަރުޖަމާނަކު ހަމަޖެހި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކުރެވޭ ގޮތްވީ 24 ޑިސެންބަރު 2012 ގައެވެ. 24 އިން 29 ޑިސެންބަރުގައި ތަރުޖަމާނުގެ ހާޒިރުގައި ކަމްރުލް އިސްލާމްއާ ސުވާލުކުރެވި ކަމްރުލް އިސްލާމްގެ ބަޔާން ތައްޔާރު ކުރެވުނުއިރު، ކަމްރުލް އިސްލާމް އެ ބަޔާނުގައި ސޮއިކޮށްފައިވަނީ 29 ޑިސެންބަރު 2012 ގައެވެ.
73ޝަރުޢީ މަރުހަލާގައިވެސް ބޭނުންކޮށްފައިވަނީ 29 ޑިސެންބަރު 2012 ގެ ބަޔާނެވެ. އަދި އެއީ ރަސްމީކޮށް ކަމްރުލް އިސްލާމް ވި އިޢުތިރާފު ކަމުގައި ފުލުހުން ދެކެއެވެ.
(ސ) ކަމްރުލް އިސްލާމް ތަހުޤީޤުގައިވި އިޢުތިރާފު
74ކަން ހިނގާދިޔަ ގޮތް ކަމްރުލް އިސްލާމް އެންމެ ފުރަތަމަ ފުލުހުންނަށް ކިޔާދީފައިވަނީ 9 ޑިސެމްބަރު 2012 ގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އިމިގްރޭޝަން ބަންދެއްގައި ހުރެމެ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައެވެ. ނަމަވެސް ތަރުޖަމާނެއްގެ އެހީގައި ލިޔެވި އަދި ރިކޯޑު ކުރެވިފައިވާ ބަޔާން ކަމްރުލް އިސްލާމް ދީފައިވަނީ 29 ޑިސެންބަރު 2012 ގައެވެ.
75މި ބަޔާނުގައި ވަރަށް ތަފްސީލުކޮށް ކަންހިނގާދިޔަ ގޮތްކަމަށް ބުނެ ކަމްރުލް އިސްލާމް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. ނަމަވެސް މި ބަޔާނަކީ ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާ ބަޔާނެއް ކަމުގައި ކަމްރުލް އިސްލާމްގެ އިސްތިއުނާފުގައި ފާހަގަކޮށްފައިވާތީ މި ބަޔާނުގައިވާ ކަންކަމުގެ ތަފްސީލު މި ރިޕޯޓުގައި ހިމެނިފައިނުވާނެއެވެ.
(ޑ) ޢަބްދުﷲ ގެ މައްސަލަ
76މޮނީރުލް އިސްލާމްގެ މަރުގެ މައްސަލައިގައި ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ ޢަބްދުﷲ ކިޔާ މީހެއްގެ މައްޗަށްވެސް ކަމްރުލް އިސްލާމްއާ އެކު ދަޢުވާ އުފުލުނެވެ.
77މޮނީރުލް އިސްލާމް ރަހުމްކުޑަ ގޮތަކަށް މަރާލިއިރު، އޭނާ މަރާލަދިނުމަށް އެދިފައިވަނީ ޢަބްދުﷲ ކަމަށް ކަމްރުލް އިސްލާމް ތަހުޤީޤުގައި ބުނެފައިވެއެވެ. ހާދިސާ ހިނގިއިރު ޢަބްދުﷲ އެދުވަސްވަރު ހުރީ ބަންގްލަދޭޝްގައި ޗުއްޓީއަށް ގޮހެވެ. ޢަބްދުﷲ އެނބުރި ރާއްޖެ އައިސްފައިވަނީ ކަމްރުލް އިސްލާމް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރުގައެވެ. އޭނާ އެނބުރި ރާއްޖެ އައުމުން، އޭނާވެސް އެތައް މަހެއް ވާންދެން ބަންދުގައި ބަހައްޓައިގެން ފުލުހުން މި މައްސަލަ ތަހުޤީޤު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
78ޢަބްދުﷲގެ މައްޗަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. ނަމަވެސް އެ ކޯޓުން ދަޢުވާ އަނބުރާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވީ އެ މައްސަލައިގައި މޮނީރުލް އިސްލާމްގެ ވާރިސުންގެ މަޢުލޫމާތު ނެތްކަމަށް ބުނެއެވެ.32 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ. އަދި އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަބްދުﷲ ޑިޕޯޓުކޮށްފައިވާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
79ކަމްރުލް އިސްލާމްގެ މައްޗަށް މޮނީރުލް އިސްލާމް މަރާލިކަމުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލީ 31 އޮގަސްޓް 2014 ގައެވެ.
މި މައްސަލައިގައި ލިބިފައިވާ ހެކި/ޤަރީނާ
80ކަމްރުލް އިސްލާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދަޢުވާ ބިނާވީ އަންނަނިވި ހެއްކާއި ޤަރީނާގެ މައްޗަށެވެ.
(ހ) 24 ނޮވެންބަރު 2012 ގެ 23:21:46 ގައި ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްއާ ދެމީހުން މޮނީރުލް އިސްލާމް ދިރިއުޅުނު ޗާނދަނީ މަގު 24 ނަންބަރު ގެއާ ދިމާލަށް ހިނގާފައިދާ ތަނުގެ ވީޑިއޯ – މިއީ މޮނީރުލް އިސްލާމް ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވާ ވީޑިއޯ
(ށ) އެއިގެ ދެ ގަޑިއިރު ފަހުން 25 ނޮވެންބަރު 2012 ގެ މެންދަމު 1:34:44 ގައި ޗާނދަނީ މަގު 24 ނަންބަރު ގޭގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ގޯޅީގައި ހުންނަ ނާސްތާ ކެފޭގެ ސީސީޓީވީ ފުޓެޖުން ކަމްރުލް އިސްލާމްކަމަށް ފުލުހުން ޤަބޫލުކުރާ މީހަކު ހިނގާފައިދާ ތަން ފެންނަ ވީޑިއޯ
(ނ) 26 ނޮވެންބަރު 2012 ގެ ހެނދުނު 8:47 ގައި މޮނީރުލް އިސްލާމްގެ ވަތަނިއްޔާ ނަންބަރުގެ ސެލް ލޮކޭޝަން އދ. ދަނގެތި ޓަވަރަށް ހިޓުވެފައިވާކަން
(ރ) މޮނީރުލް އިސްލާމް މަރާލާފައި އޮތް އެޕާރޓްމަންޓުގައި ފެނުނު ލެއިން ތަތްތެޅިފައިވާ ފުޓްޕްރިންޓަކާއި އެ އެޕާރޓްމަންޓުގެ ކުޑަ ކޮޓަރިން ފެނުނު ފޮތަކުން ނެގުނު ފިންގަރޕްރިންޓެއް ކަމްރުލް އިސްލާމްގެ ފުޓްޕްރިންޓާއި ފިންގަރޕްރިންޓާ ދިމާވުން
(ބ) އދ. ދަނގެތީގައި ކަމްރުލް އިސްލާމް ދިރިއުޅެމުން ގެންދިޔަ އޯކޭ ގެއިން ފެނުނު ޖީންސު ބުރިން ފެނުނު ސްޓެއިންއެއްގައި ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްގެ ޑީއެންއޭ ފެނިފައިވުން
(ޅ) ކަމްރުލް އިސްލާމްގެ އަތުން ފެނުނު މޮނީރުލް އިސްލާމްގެ ފޯނުން ނަގާފައިވާ 2 ޖީބީގެ މެމޮރީ ކާޑާއި އެ ކާޑުން ފެނުނު ފޮޓޯތައް
(ކ) ކަމްރުލް އިސްލާމް ތަހުޤީޤުގައިވި އިޢުތިރާފު
(އ) ކަމްރުލް އިސްލާމްގެ އިޢުތިރާފުގައި ކިޔައިދިން ގޮތަށް ޓީޖެޓީ މޫދު އަޑިން ނަގާފައިވާ ވަޅިއާއި ގަމީސް
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
81ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގައި ޙުކުމް ކުރީ ކަމްރުލް އިސްލާމް މޮނީރުލް އިސްލާމް މަރާލިކަން ސާބިތުނުވާކަމަށެވެ. ކްރިމިނަލް ކޯޓުން ޖުމްލަ ގޮތެއްގައި މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެ ހުރެއެވެ.
81.1 މަންޒަރު ލޮލަށް ދުށް އެއްވެސް ޝަފަހީ ހެއްކެއް ނެތްއިރު، ކަމްރުލް އިސްލާމް ދަޢުވާއަށް އިންކާރުކޮށް، ތަހުޤީޤުގައި ވި އިޢުތިރާފަށް އިންކާރުކޮށްފައިވާކަން.
81.2 ފިންގަރޕްރިންޓްއާއި ބިންމަތިން ނެގުނު ލޭޓަންޓް ޕްރިންޓް ކަމްރުލް އިސްލާމްއާ ދިމާވާތީ އޭނާ އެގެއަށް ދިޔަކަން އެނގޭކަން.
81.3 ޓީޖެޓީ އިން ނެގި ވަޅިއާއި ގަމީހުން އެއްވެސް މާއްދީ ހެއްކެއް ލިބިފައި ނުވާކަން
81.4 ޑީއެންއޭ އަކީ އިންސާނާގެ ހަށިގަނޑުން ކުޅު، ލޭ، މަނި ފަދަ ކޮންމެ މާއްދާއަކުންވެސް ނެގިދާނެ އެއްޗެއް ކަމުގައިވާއިރު، ކަމްރުލް އިސްލާމްގެ ޖީންސް ބުރިން ނެގުނު މޮނީރުލް އިސްލާމްގެ ޑީއެންއޭ އަކީ ކޮން އެއްޗެއްކަން ބުނެދެވިފައިނުވާކަން.
81.5 ކަމްރުލް އިސްލާމްގެ އަތުން ފެނުނު މެމޮރީ ކާޑުގައި މޮނީރުލް އިސްލާމްގެ ފޮޓޯއެއް އިން ނަމަވެސް އެ ފޮޓޯ ކްރިއޭޓްކުރި ތާރީޚާއި ގަޑިއަކީ އެ ފޮޓޯ ނެގި ވަގުތު ފޯނުގައި ޖަހާފައި އިންނަ ގަޑިއާއި ތާރީޚުކަން ޝަރީޢަތަށް ހުށަހެޅި ކޮމްޕިޔުޓަރ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަން.
81.6 24 ނޮވެންބަރު 2012 ދުވަހުގެ ސީސީޓީވީ ފުޓެޖުން ފެންނަނީ ސީދާ ކަމްރުލް އިސްލާމްކަން ޔަޤީންކަމާއެކު ބުނަން ނޭނގޭކަމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގައި ބުނެފައިވާކަން.
81.7 މި މައްސަލައަކީ ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވާ މައްސަލައެއް ކަމުގައިވާއިރު، ކަމްރުލް އިސްލާމްއާއި ކުށުގެ ޢަމަލާ ގުޅުވާލެވޭފަދަ ވަރުގަދަ ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާކަމާއި، ތަހުޤީޤުގައި ވެފައިވާ އިޢުތިރާފު ބަޔާނުގައިވާ ބައެއް ކަންކަން ސާބިތުކޮށްދެވުމަކީ، ކަމްރުލް އިސްލާމް ކުށުގެ ޢަމަލު ހިންގިކަމަށް ފުދޭ މިންވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ކަމަށް ބަލައިގަތުމަކީ ޝަރުޢީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް ކަންކަން ކަމުގައި ނުވުން.
81.8 އިސްލާމީ ޝަރީޢާގައި ބުނާ، އަދި ޤާނޫނުލްއުޤޫބާތުގެ33 1205 ވަނަ މާއްދާގެ (ހ) ގައި ބުނާ އެއްވެސް ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ކުށް ސާބިތުނުވާކަމަށާއި މުޅި މައްސަލައިގެ ހެކިތައް ބިނާވަނީ ޤަރީނާތަކެއްގެ މައްޗަށްކަން.
ހައިކޯޓުން މައްސަލަ ނިންމިގޮތް
82ކަމްރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގައި ކަނޑައެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ކަމްރުލް އިސްލާމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށެވެ. ހައިކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
82.1 މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ތަޙުޤީޤު ބަޔާން ލިޔުމަށް ތިރިކުރުމުގެ ކުރިން، ކަމްރުލް އިސްލާމް ތަޙުޤީޤަށް ދެމުންދިޔަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހޯދާފައިވާ ޤަރީނާތަކަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިތަކެއްކަން.
82.2 މި މައްސަލައިގެ ތަޙުޤީޤު މަރުހަލާގައި ކަމްރުލް އިސްލާމްއަށް ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިގެންވާކަން ބަޔާންކޮށްދީފައިވާކަމާއި، ނަމަވެސް ތަޙުޤީޤު މަރުހަލާގައި ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަންކޮށް ނުދެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވީނަމަވެސް، ހަމައެކަނި އެ ސަބަބަށްޓަކައި އެ ބަޔާން މުޅިން އެއްފަރާތް ނުކުރެވޭނެކަން އަދި ކަމްރުލް އިސްލާމް ތަހުޤީޤަށް ބަޔާން ދީފައިވަނީ މަޖުބޫރުކަމެއް ނެތިކަމުގައިވާތީ އެ ބަޔާނަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ނޫންކަމާއި އަދި އެ ބަޔާނަށް ރިޢާޔަތް ކުރެވިދާނެކަން.
82.3 ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ ހުށަހެޅުނު ޤަރީނާތަކަށް ވަކިވަކިންކަމާއި އެ ހެކި ޤަރީނާ ގުޅުވާލާފައި ނުވާކަމާއި އަދި ގުޅުވާލުމުން ޤަޠުލު އަމުދުގެ 3 ރުކުން ފުރިހަމަވާކަން.
82.4 ޤާޠިލުގެ ކިބައިން ޤިޞާޞް ހިފުމާއި، ދިޔަ ދިނުމާއި ދެގޮތުން ކުރެ ގޮތެއް ވާރިސުން ޚިޔާރުނުކޮށް ފަނޑިޔާރުން ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތުމުން، އެ ޙާލަތުގައި އުފެދިގެން އަންނަ ޝުބުހައިގެ މަންފާ ލިބެންޖެހޭނީ ގާތިލަށްކަމަށް.
83އެހެންކަމުން، އެކަށީގެންވާ މިންވަރެއްގެ ޢުޤޫބާތެއް ކަނޑައެޅުމަށް ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ކަމްރުލް އިސްލާމް 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް، މަރުގެ ދިޔައިގެ ގޮތުގައި 133,333/33ރ (އެއްލައްކަ ތެއްތިރީސްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) ކަނޑައަޅައި، ވިދިވިދިގެން 2 މަސް ދުވަހު ރޯދަހިފުމަށް ކަމްރުލް އިސްލާމްއަށް އަންގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފައިވެއެވެ.
84ހައިކޯޓު ނިންމުމުގައި ތަފާތުވި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔުގައި، ކަމްރުލް އިސްލާމްގެ މައްޗަށް ތުހުމަތުކުރެވުނު ކުށަށް ޝަރީޢަތުގެ މަޖިލިހުގައި އިންކާރު ކޮށްފައިވާއިރު، ތަޙުޤީޤުގައި ނެގުނު ބަޔާނަކީ ޤާނޫނުއަސާސީގައި ބުނާ ޤާނޫނީ ވަކީލެއްގެ ޙައްޤު ދިނުމެއްނެތި ފުލުހުންގެ ފަރާތުން ނަގާފައިވާ ބަޔާނެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ފުލުހުން ހުށަހެޅި ޤަރީނާތަކުގެ ތެރެއިން ގިނަ ޤަރީނާތަކަކީ ކަމްރުލް އިސްލާމްއަށް ޤާނޫނީ ވަކީލެއްގެ ހައްޤު ދިނުމެއްނެތި ތަޙުޤީޤަށް ބަޔާން ނެގުމުގެ ސަބަބުން ފާޅުވި ކަންތައްތަކެއް ކަމުން، މި ޤަރީނާތަކަކީ ސައްޙަ މަގުން އަދި ސައްޙަ އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ފުލުހުންގެ ފަރާތުން ހޯދާފައިވާ ޤަރީނާ ތަކެއްކަމުގައި ނުވާތީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު އެ ޤަރީނާތަކަށް ޝަރީޢަތުން ބުރަދަނެއް ދެވެން ނެތްކަމުން، މި މައްސަލަ ކަމްރުލް އިސްލާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
85ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާ އިސްތިއުނާފު ކުރަމުން ކަމްރުލް އިސްލާމްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި 3 ނުކުތާއެވެ.
(1) ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި ކަމްރުލް އިސްލާމްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވުނުއިރު ޢަމަލުކުރަމުން ދިޔަ "ފުލުހުންނަށް ލިބިދެވިފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހިންގާފައިވާ ތަހުޤީޤަކުން ހޯދާފައިވާ ހެކި ޤަރީނާއަށް ބުރަދަންދީ ހައިކޯޓުން މައްސަލަ ނިންމާފައިވުން.
(2) ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ޙައްޤުތައް ކަމްރުލް އިސްލާމްއަށް ލިބިދިނުމެއް ނެތި، މި މައްސަލައިގައި ފުލުހުން ހޯދި މަޢުލޫމާތުގެ އަލީގައި ހޯދި ހެކި ޤަރީނާއަށް ބުރަދަން ދީ ހައިކޯޓުން ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާ ޚިލާފަށްކަން.
(3) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ34 1204 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމްރުލް އިސްލާމްގެ އިޢުތިރާފަށް ހައިކޯޓުން ބުރަދަން ދީފައިވާކަން.
ދަށު މަރުހަލާގައި ނުދައްކާ ވާހަކައެއް އަލަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެތޯ
86މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ދައުރުވަނީ ތަހުޤީޤު މަރުހަލާގައި އިޢުތިރާފު ބަޔާންދިން އިރު، ކަމްރުލް އިސްލާމްއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދެވިފައި ނުވުމުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި ކަމްރުލް އިސްލާމް ތަހުޤީޤުގައި ދިން އިޢުތިރާފު ބަޔާނަށް އިންކާރުކޮށްފައިވެއެވެ. އަދި އޭނާގެ ފަރާތުން ބުނެފައިވަނީ ފުލުހުން އޭނާގެ ކިބައިން އިޢުތިރާފު ބަޔާން ނަގާފައިވަނީ އޭނާއަށް އަނިޔާކޮށް މަޖުބޫރުކުރުވައިގެން ކަމަށެވެ.
87ހައިކޯޓުގައިވެސް މި ދިފާއު ދަމަހައްޓާފައި ވިނަމަވެސް ހައިކޯޓުން ކަމްރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އޭނާގެ ތަހުޤީޤު ބަޔާނުގައި ސޮއިކުރާ ވީޑިއޯއަށް ރިޢާޔަތްކޮށް، ގަދަކަމުން ބަޔާނުގައި ސޮއިކުރުވިކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު މަރުހަލާގައި ކަމްރުލް އިސްލާމްއަށް ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިގެންވާކަން އަންގާފައިވުމުން، އަދި ތަޙުޤީޤު މަރުހަލާގައި ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަންކޮށް ނުދެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވީނަމަވެސް، ހަމައެކަނި އެ ސަބަބަށްޓަކައި އެ ބަޔާން މުޅިން އެއްފަރާތް ނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. ސަބަބަކީ ކަމްރުލް އިސްލާމް ތަހުޤީޤަށް ބަޔާން ދީފައިވަނީ މަޖުބޫރުކަމެއް ނެތިކަމުގައިވާތީ އެވެ.
88ކަމްރުލް އިސްލާމްގެ ފަރާތުން މިހާރު ނަގަނީ މުޅިން އައު ޤާނޫނީ ނުކުތާއެކެވެ. އެއީ ތަހުޤީޤު މަރުހަލާގައި އޭނާގެ ކިބައިން އިޢުތިރާފު ބަޔާން ހޯދާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމުގައިވާއިރު، އޭނާވި އިޢުތިރާފުގެ މައްޗަށް ބިނާކޮށް ފުލުހުން ޓީޖެޓީ ސަރަހައްދު މޫދުން ހޯދި ހެއްކަކީ ޣައިރު ދުސްތޫރީ ޢަމަލެއްގެ މައްޗަށް ބިނާކޮށް ހޯދި ހެކިކަމަށާއި، އެހެންކަމުން އެ ހެއްކަށް ޝަރީޢަތުން ރިޢާޔަތް ނުކުރެވޭނެކަމަށެވެ.
89މި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ މިއީ މުޅިން އައު ދިފާއެއް ކަމަށާއި، ޢާންމު އިސްތިއުނާފީ އުސޫލުތަކުގެ ތެރެއިން ދަށު މަރުހަލާއަށް ހުށަނޭޅޭ ކަމަކަށް މަތީ މަރުހަލާ ކޯޓަކުން ގޮތެއް ކަނޑަނޭޅޭނެކަމަށެވެ. އަދި މި މައްސަލައިގައި ކަމްރުލް އިސްލާމްއަށް ހައިކޯޓުން މަރުގެ އަދަބު ކަނޑައަޅާފައި ނުވުމުން، ޤާނޫނުލްޢުޤޫބާތުގެ35 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން މައްސަލައިގެ އެންމެހައި ޤާނޫނީ ނުކުތާތަކަށް ކޯޓުން ރިޢާޔަތްކުރަން ނުޖެހޭކަމަށް ބުނެފައިވެއެވެ.
90ޤާނޫނުލްޢުޤޫބާތުގެ36 1204 ވަނަ މާއްދާގެ (ރ) ގެ އަރިމަތީ ސުރުޚީގައި ބަޔާންކޮށްފައިވަނީ ޙުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވުމަށް ކަމުގައިވާއިރު، އެ އަކުރުގައި ބަޔާންކޮށްފައިވަނީ "ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ" މިހެންނެވެ.
91މި އަކުރުގެ ދަށުން އިރުޝާދު ދެވެނީ ކުށްވެރިއަކަށް މަރުގެ އަދަބު އެއްވެސް ކޯޓަކުން ދޭ ހިސާބުން، މައްސަލައިގެ އެއްވެސް ފަރާތަކުން އެ މައްސަލަ އިސްތިއުނާފު ނުކުރިނަމަވެސް، އެ މައްސަލަ އޮޓޮމެޓިކުން އިސްތިއުނާފު ކުރެވުމަށެވެ. އެއްވެސް ފަރާތަކުން އިސްތިއުނާފު ނުކުރާ މައްސަލައެއްގައި، ދެން މަތީ މަރުހަލާ ކޯޓުތަކުން އެ މައްސަލަ ބަލާއިރު ރިޢާޔަތްކުރަންވީ ކަންކަމަށެވެ.
92ހުށަހެޅިފައިމިވާ މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިސްލާމީ ޝަރީޢަތުގައިވާ މިންގަނޑުން ކުށް ސާބިތުވެފައިވެއެވެ. ނަމަވެސް އޭނާއަށް މަރުގެ އަދަބު ނުދިން ސަބަބެއް ކަމުގައިވަނީ އަލްމަރްހޫމް މޮނީރުލް އިސްލާމްގެ އާއިލާގެ ފަރާތުން ކަމްރުލް އިސްލާމްގެ މައްޗަށް މަރުގެ އަދަބާއި މަރުގެ ދިޔަ ހޯދުމަށް އެދޭކަމަށް ބުނާއިރު، އިސްލާމީ ޝަރީޢަތުގައި މި ދެ އަދަބު އެކުއެކީގައި ދެވެން ނެތުމުން، އެ ހާލަތުގައި އުފެދޭ ޝުބުހައިގެ މަންފާ ލިބިދެވެންޖެހޭނީ ގާތިލަށްކަމަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ޤަބޫލުކުރެވޭތީއެވެ.
93މި މައްސަލައިގައި ހައިކޯޓުން ނިންމީ ކަމްރުލް އިސްލާމްގެ ކިބައިން މަރުޙޫމް މޮނީރުލް އިސްލާމްގެ އާއިލާއަށް މަރުގެ ދިޔަ ނަގައިދީ، ތައުޒީރީ އަދަބެއްގެ ގޮތުން ކަމްރުލް އިސްލާމް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.
94އެހެންކަމުން، މި މައްސަލައިގައި މަރުގެ އަދަބު ކަމްރުލް އިސްލާމްއަށް ދީފައިނުވަނީ ހައިކޯޓަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެއްވެސް ޝައްކެއްނެތް މިންވަރަށް ޤަޠުލު އަމްދު ސާބިތުނުވާތީ ނޫންކަން އެނގެން އޮވެއެވެ.
95ޕްރިސިޑެންސް 1ހައިކޯޓާއި ދަށު ކޯޓުގައި ނުނަގާ ދިފާއެއް ސުޕްރީމް ކޯޓުގައި ނެގިދާނެތޯކުރާ ސުވާލަށް ޖެހިލާނަމަ، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ހުށަހަޅާ އައު ދިފާއު އަންނަނިވި ސަބަބުތަކަށްޓަކައި ބަލައިގަންނަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
96ފުރަތަމަ ސަބަބަކީ، މި މައްސަލައަކީ މަރުގެ މައްސަލައެއް ކަމުގައިވެފައި، މި މައްސަލަ ނިމޭ ގޮތަކުން، ޝަރުޢީ މިންގަނޑުން ކުށް ސާބިތުވާ ހާލަތުގައި، ކުށްވެރިޔާއަށް މަރުގެ އަދަބު އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވާތީ، މައްސަލައިގެ އެންމެހައި ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމުގައި ދެކެމެވެ. ސަބަބަކީ މިފަދަ މައްސަލައެއްގައި ކުށް ސާބިތުވެއްޖެނަމަ، އެމީހަކަށް މަރުގެ އަދަބު ދެވުމުގެ އިހުތިމާލު އޮތަތީއާއި، އެހެނިހެން މައްސަލަތަކާ ޚިލާފަށް، މީހަކު މަރަން ޙުކުމްކޮށްފިނަމަ، އަދި އެ އަދަބު ތަންފީޒުކޮށްފިނަމަ، ފަހުން ފާހަގަވާ ކަމެއްގެ މައްޗަށް ބިނާކޮށް އެ އަދަބަކީ ބާޠިލުކުރެވޭނެ ނުވަތަ ކުރިން އޮތް ހާލަތަށް ރުޖޫއަކުރެވޭނެ ކަމެއް ކަމުގައިނުވާތީއެވެ. ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން މައްސަލައިގެ އެންމެހައި ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ސަބަބަކީވެސް މިއެވެ.
97ދެވަނަ ސަބަބަކީ، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ވަކީލު ސުޕްރީމް ކޯޓުގައި ނަގާފައިވަނީ އައު ދިފާއުއެއް ކަމުގައިވީނަމަވެސް، މި ދިފާއު ބިނާވަނީ އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ތަފާތުވި ރައުޔު ބިނާވާ ސަބަބުގެ މައްޗަށެވެ. ވުމާއެކު، ކަމްރުލް އިސްލާމް މިހާރު ނަގާ ދިފާއުއަކީ ހައިކޯޓުގައި މައްސަލަ ބެލުމުގެ ތެރޭގައި މައްސަލަ ބެލި އެއް ފަނޑިޔާރުގެ ރައުޔުގައި ކަމްރުލް އިސްލާމްގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުނުވާކަމަށް ބިނާވި ސަބަބެވެ. ހައިކޯޓުގައި މި ދިފާއު މައްސަލަ ބެލުމުގެ ތެރޭގައި ކަމްރުލް އިސްލާމްގެ ފަރާތުން ނަގާފައި ނުވިނަމަވެސް، ކޮންމެ ކޯޓަކުން ވިޔަސް މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮންނަ މައްސަލަތައް ބެލުމުގައި އެ މައްސަލައެއްގައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރަންޖެހޭ ކަމީ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އަށް ބެލުމުންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. އެހެނީ، 1204 ވަނަ މާއްދާގެ (ރ) ގައި އެއްވެސް ފަރާތަކުން މައްސަލަ އިސްތިއުނާފު ނުކުރާ ހާލަތްތަކުގައިވެސް މައްސަލައެއްގެ އެންމެހައި ޤާނޫނީ ނުކުތާތަކަށާއި ކަންހިނގާފައިވާ ގޮތަށް މަތީ މަރުހަލާ ކޯޓުތަކުން ބަލަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮންނައިރު، މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮތް މައްސަލައެއް އެއް ފަރާތަކުން އިސްތިއުނާފު ކުރީތީ، އެ މައްސަލަ ބެލުމުގެ ތަރަހަ ހަމަ އެކަނި އިސްތިއުނާފީ ނުކުތާތަކަށް ހަނިވެފައި އޮތުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ނުވާތީއެވެ.
98މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ހުށަހަޅާ އައު ދިފާއު ބަލައިގަންނަންޖެހޭ ތިންވަނަ ސަބަބަކީ، މި މައްސަލައަކީ މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮތް މައްސަލައެއް ކަމުގައިވެފައި، މި މައްސަލައިގައި ޤާނޫނުއަސާސީގެ ދަށުން ކަމްރުލް އިސްލާމްއަށްވެސް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ދިނުމަކާ ނުލައި ތަހުޤީޤު މަރުހަލާގައި ކަންތައްކޮށްފައިވާ ގޮތުގެ ތުހުމަތެވެ. ކަމްރުލް އިސްލާމް ބެލެވޭނީ ބައިނަލްއަގުވާމީ މުޖްތަމައުގައި ހަވާލާދޭ "ވަލްނަރަބްލް ގްރޫޕް" (vulnerable group) އަށް ނިސްބަތްވާ މީހެއްގެ ގޮތުގައެވެ. އެގޮތުން، އަމިއްލަ ޤައުމުން ބޭރުގައި އުޅޭ ބިދޭސީ މަސައްކަތްތެރިއަކަށް ވުމުގެ އިތުރުން، ރާއްޖޭގައި ދިރިއުޅެމުން އާމްދަނީ ހޯދަމުން ގެންދިޔައީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް ކަމަށްވެފައި، ރާއްޖޭގެ ޤާނޫނުތަކުން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ ކޮބައިކަމާ މެދު އެންމެ އެކަށީގެންވާ މިންވަރެއްގެ ހޭލުންތެރިކަމެއް ނެތުމުގެ އިހުތިމާލު އޮތް ހިނދު، އަދި ކަމްރުލް އިސްލާމްގެ ކަންކަމުގައި އެހީތެރިވެދޭނެ އާއިލާއެއް ބަޔަކު ނެތް ތަނެއްގައި، ޢާންމު ދިވެހި ރައްޔިތެއްގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ޢަމަލުކުރާ މިންގަނޑާ ތަފާތުކޮށް ކަންތައް ކުރުމުގެ އިހުތިމާލު އޮތަތީއެވެ. އެހެންކަމުން، ކަމްރުލް އިސްލާމް ކަހަލަ މާޖިނަލައިސްޑް (marginalised) މީހުންގެ އަސާސީ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވޭތޯ ބެލުމުގައި ގަސްތުގައި ނުވިނަމަވެސް، އެކި އިދާރާތަކުން ގެންގުޅެވޭ މިންގަނޑު ތަފާތުވުން އެކަށީގެންވެއެވެ. އަދި މި މައްސަލައިގައިވާ ފަދައިން، ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮތްއިރު، ދުސްތޫރީ ޙައްޤަކާ ޚިލާފަށް ދައުލަތުން ޢަމަލުކޮށްފައިވާކަމުގެ ތުހުމަތު ފެންމަތިކޮށްފިނަމަ، ކޮންމެ މަރުހަލާއެއްގައި ވިޔަސް މައްސަލަ ބަލައި ފަނޑިޔާރުން އެކަންކަމަށް ރިޢާޔަތްކުރަން ޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
99ވުމާއެކު، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ކަމްރުލް އިސްލާމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާނަމެވެ.
މި މައްސަލައިގައިވާ އިސްތިއުނާފީ ބަހުސް
100އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި އޭރު ޢަމަލުކުރަމުން ދިޔަ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާ އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު"37 ގެ 37 ވަނަ މާއްދާގެ ދަށުން ކަމްރުލް އިސްލާމްއަށް ޤަނޫނީ ވަކީލެއްގެ ޙައްޤު ލިބިދޭންޖެހޭއިރު، މި މައްސަލައިގެ ތަޙުޤީޤަށް ކަމްރުލް އިސްލާމްގެ ބަޔާން ނަގާފައިވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ލިބިނުދީ އެ ޙައްޤު ނުލިބޭނެކަމަށް ބަޔާންކުރުމަށްފަހު ކަމަށާއި، އެހެންކަމުން އެ ބަޔާނަށް ބުރަދަންދީގެން މައްސަލަ ނިންމިދާނެކަމަށް ނުދެކޭކަމަށެވެ. ޤާނޫނުން ކަށަވަރުކޮށްދޭ ޙައްޤުތައް ލިބިދިނުމަކާއި ނުލައި ކަމްރުލް އިސްލާމްގެ ކިބައިން ހޯދާފައިވާ މަޢުލޫމާތުގެ އަލީގައި ހޯދާފައިވާ ހެކިތަކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށްވާތީ މި ހެކި ބަލައިގަނެވިދާނެކަމަށް ނުދެކޭކަމަށް ކަމްރުލް އިސްލާމް ބުނެފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާހް38 ގަޒިއްޔާގައި "ދަ ފްރުޓް އޮފް ދަ ޕޮއިސަނަސް ޓްރީ ޑްކްޓްރިން" (the fruit of the poisonous tree) ގެ ދަށުން ޣައިރު ދުސްތޫރީ ޢަމަލުތަކުން ހޯދާ ހެއްކަކީ ކޯޓުން ބަލައިގަނެވޭނެ ހެއްކެއް ނޫންކަން އެނގޭކަމަށް އިތުރަށް ފާހަގަކޮށްފައިވެއެވެ.
101ވުމާއެކު، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ކިބައިން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާ މަޢުލޫމާތުތަކެއްގެ އަލީގައި ހޯދާފައިވާ ހެކިތަކާއި، އެ ހެކިތަކުން ކަމްރުލް އިސްލާމްގެ ބަޔާނަށް ބާރުލިބިދޭކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އަދި 68 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން ދައުލަތުން ކަމްރުލް އިސްލާމްއަށް ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހިނދު، އަދި މިއީ އަސާސީ ޙައްޤެއް ކަމުގައިވާހިނދު، މި ޙައްޤު ކަށަވަރުކޮށްދިނުމުގެ ޒިންމާ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މައްޗަށްވެއެވެ. އަދި ދައުލަތުން ކަމްރުލް އިސްލާމްއަށް ވަކީލެއްގެ އެހީތެރިކަން ހޯދައިދިނުމަކާ ނުލައި ބަޔާން ނެގުމަކީ ނުވަތަ ކުށާ ގުޅޭ ގޮތުން ހޯދި މަޢުލޫމާތު ހޯދުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކާވެސް ޚިލާފަށް ފުލުހުން ޢަމަލުކުރުން ކަމަށް ކަމްރުލް އިސްލާމްގެ ފަރާތުން ބުނެއެވެ.
102މީގެ އިތުރުން ޝަރީޢަތުގެ މަޖިލިހުގައި ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ހުރެ ދޭ އިޢުތިރާފު ބަޔާން ފިޔަވައި އިތުރު ބަޔާންތަކަށް ބުރަދަންދީ މިފަދަ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ނިންމައިގެން ނުވާނެކަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ39 ގެ 1204 ވަނަ މާއްދާގެ (ށ) ގެ ނައްސަށް ބެލުމުން ސާފުކޮށް އެނގޭކަމަށާއި، މި މައްސަލައިގައި މުޅި ދަޢުވާ ބިނާކޮށްފައިވަނީ ކަމްރުލް އިސްލާމް ތަޙުޤީޤަށް ދިން ބަޔާނާއި އެ ބަޔާނުގެ އަލީގައި ހޯދާފައިވާ ހެކި ޤަރީނާގެ މައްޗަށް ކަމަށްވާއިރު، ކަމްރުލް އިސްލާމްގެ ކިބައިން މަޢުލޫމާތު ހޯދުމުގައި ފުލުހުން އަނިޔާކޮށްފައި ވާކަމަށް ކަމްރުލް އިސްލާމް ކްރިމިނަލް ކޯޓުގައި ބުނެފައިވާކަމަށާއި، ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިދިނުމަކާއި ނުލައި ތަޙުޤީޤު ބަޔާން ނަގާފައިވާތީ، މި ސަބަބުތަކަށްޓަކައި ކަމްރުލް އިސްލާމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
103އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ކަމްރުލް އިސްލާމްގެ ފަރާތުން ހުށަހެޅި ތިން ނުކުތާގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި އޮތީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ތަހުޤީޤަކުން ހޯދާ ހެކި ޤަރީނާއަށް ބުރަދަންދީ ހައިކޯޓުން މައްސަލަ ނިންމާފައިވާތީ އެކަމުގެ މައްޗަށް ކަމަށާއި، މި މައްސަލައިގައި ކަމްރުލް އިސްލާމް ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް އިންކާރުކުރުމުގެ ގޮތުން ޝަރީޢަތުގައި ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި، އެއިން ވާހަކައެއްގައި ތަޙުޤީޤުގައި ވަކީލު ފުރުޞަތު ނުދޭކަމަށް ބުނެ ކަމްރުލް އިސްލާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައި ނުވާކަމަށާއި، ކަމްރުލް އިސްލާމްގެ ތަޙުޤީޤަށް ދީފައިވާ ބަޔާނަކީ ޣައިރު ޤާނޫނީ ގޮތުން ހޯދާފައިވާ ބަޔާނެއްކަމަށް ބަހުސްގެ ބޭނުމަށް ބަލާނަމަވެސް، މި މައްސަލައިގައި ދެން ހުށަހެޅުނު ހެކިތަކުން މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭކަމަށާއި، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ތަޙުޤީޤުގެ ބަޔާނުގެ މައްޗަށް ހަމައެކަނި ހޯދާފައިވަނީ މަރާލެވުނު މީހާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އޭނަ ލައިގެން ހުރި ގަމީސްކަމަށާއި، މި މައްސަލައިގައި ދެން ހުށަހެޅުނު ވީޑިއޯތަކާއި ހެކި ޤަރީނާތަކުން މޮނީރުލް އިސްލާމް މަރާލާފައިވަނީ ކަމްރުލް އިސްލާމްކަމަށާއި، ކަމްރުލް އިސްލާމްގެ އިޢުތިރާފް ބަޔާނަށް ރިޢާޔަތްނުކުރި ކަމުގައިވިޔަސް ހުށަހެޅުނު ހެކިތަކުން މި ދަޢުވާ ސާބިތުވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
104މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ހުށަހަޅާފައިވަނީ ކަމްރުލް އިސްލާމްގެ އިޢުތިރާފް ބަޔާން އެކަނި ނޫންކަމަށާއި، މިއާ ގުޅޭ އިތުރު ހެކި ޤަރީނާ ހުށަހަޅާފައި ވާނެކަމަށާއި، ހެކި ޤަރީނާ ގުޅުވާލުމުން ހެކި ވަރުގަދަވެގެން ގޮސްފައިވާކަމަށާއި، މި މައްސަލަ ސާބިތުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ދެކޭކަމަށެވެ.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު
1057 އޯގަސްޓް 2008 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.
(ހ) ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކުނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭންވާނެއެވެ.
106"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" އަކީ 2 ނޮވެންބަރު 2008 ގެ ގަވާއިދެކެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީގުކުރީ 7 އޯގަސްޓް 2008 ގައެވެ.
107"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 37 ވަނަ މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
އެއްވެސް މީހަކީ ކުށެއް ކޮށްފައިވާ ނުވަތަ ކުށެއް ކުރަމުންދާ، ނުވަތަ ކުށެއް ކުރާން އުޅޭ މީހަކު ކަމުގައި ތުހުމަތު ކުރެވިގެން، އެމީހާ އާއި ސުވާލު ކުރާން ވާނީ ނުވަތަ އެމީހާގެ ކިބައިން މަޢުލޫމާތު ހޯދާން ވާނީ އެމީހާއަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ކަމާއި ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން އެންގުމަށްފަހު އެމީހާ އާ އިންޓަރވިއުކޮށްގެންނެވެ.
108ޕްރިސިޑެންސް 2ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމަކީ އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ އެއް އަސާސެވެ. އަދި ޚާއްސަކޮށް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާގެ މާލީ ތަނަވަސްކަން ނެތްނަމަ ދައުލަތުން އޭނާއަށް ޤާނޫނީ ވަކީލަކު އައްޔަންކޮށްދިނުން ލާޒިމުވެއެވެ.
109ބޮޑެތި ޖިނާއީ މައްސަލަތަކުގައި އާދައިގެ މީހަކަށް ޝަރީޢަތް ކުރިއަށް ދާނެ ގޮތާއި، ތުހުމަތުން ދިފާއުވާން ހުށަހަޅަންވީ ފަންނީ ޤާނޫނީ ނުކުތާތައް އެނގުމުގެ ޤާބިލުކަން ނުހުރެދާނެއެވެ. ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަރަކަށް މައުސޫމް މީހަކަށް މަސައްކަތް ނުކުރެވިއްޖެނަމަ، އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ތަހުޤީޤު މަރުހަލާއިން ފެށިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ތުހުމަތު ކުރެވޭ މީހާއަށް ލިބިދޭންޖެހޭ ސަބަބަކީ، މަޖުބޫރުން ކުށަށް އިއުތިރާފުވުން ހުއްޓުވުމާއި، އެނޫންވެސް އެހެނިހެން ޙައްޤުތައް އެއީ އޭނާއަށް ލިބިދެވޭ ޙައްޤުތަކެއްކަން އޭނާއަށް ނޭނގިހުރެ، އެ ޙައްޤުތައް އޭނާ ދޫކޮށްލުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.
110ތުހުމަތު ކުރެވޭ މީހާއަކީ އޭނާއަށްވުރެ އެތައް ގުނައެއް ބާރުގަދަ، ވަސީލަތްތަކާއި، ހެއްކާއި، ތުހުމަތު ކުރެވޭ މީހާ ބަންދުކުރުމުގެ ބާރު ހިމެނޭހެން، އެންމެހައި ބާރުތައް ލިބިދެވިފައިވާ ދައުލަތަކާ ދެކޮޅަށް ކުރިމަތިލާ މީހެއް ކަމުގައިވާއިރު، ތުހުމަތު ކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދެވުމުގެ ޙައްޤު ފަރުމާ ކުރެވިފައިވަނީ ބޭއިންސާފުން ކަންކަން ހިނގުން ހުއްޓުވުމުގެ ނިޔަތުގައެވެ.40 ބޭއިންސާފުން ކަންކަން ހިނގާނަމަ، ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހިންގާފައިވާ ޝަރީޢަތަކީ އިންސާފުވެރި ޝަރީޢަތެއްކަން ބެލުމުގެ ހަމައެއް ނެތެވެ.
111ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ ފަރުމާ ކުރެވިފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.41 ޖިނާއީ މައްސަލަތަކުގައި ދައުލަތުން ވަކީލެއްގެ އެހީތެރިކަން މާލީ ތަނަވަސްކަން ނެތް މީހާއަށް ފޯރުކޮށްދޭއިރު، އައްޔަން ކުރެވޭ ވަކީލަކީ އެފަދަ މައްސަލަތަކުގައި މަސައްކަތްކުރުމުގެ އެކަށީގެންވާ ފެންވަރާއި ތަޖުރިބާ ހުރި މީހެއްކަމުގައި ވާންޖެހެއެވެ.42
112ދިރިހުރުމުގެ ޙައްޤަކީ އެއްވެސް ވަގުތެއްގައި އެ ޙައްޤު އެއްފަރާތް ކުރެވި، ނުވަތަ ހަނި ކުރެވި، ނުވަތަ ވަގުތީ ގޮތުން އެ ޙައްޤަށް ޢަމަލުކުރުން ހުއްޓުވޭނެ ޙައްޤެއް ކަމުގައިނުވާއިރު non-derogable right) ކަމުގައިވާއިރު( މަރުގެ އަދަބު ދެވޭ މައްސަލަތަކުގައި ބައިނަލްއަޤުވާމީ މުޖްތަމައުގައިވެސް އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުތައް ކަށަވަރު ކުރެވިފައިވޭތޯ ކަނޑައެޅުމުގައި ބޭނުންކުރަނީ ހަރުކަށި މިންގަނޑެކެވެ. މިސާލަކަށް، އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސްގެ ކޯޓް އޮފް ޖަސްޓިސްއިން އިންސާފުން ޝަރީޢަތް ނުކުރެވޭ ހާލަތުގައި މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެކަމަށް ޤަބޫލުކުރާއިރު، އިންޓަރ-އެމެރިކަން ކޯޓް އޮފް ހިޔުމަން ރައިޓްސްއިން ޤަބޫލުކުރާ ގޮތުގައި މަރުގެ އަދަބަކީ ތަންފީޒު ކުރުމަށްފަހު އިއާދަ ނުކުރެވޭނެ ކަމެއް ކަމުގައިވާއިރު، ޙައްޤުތައް ކަށަވަރު ކުރެވިފައިވޭތޯ އާއި އެ ޙައްޤުތައް ލިބިދެވިފައިވޭތޯ ބަލަނީ އެންމެ ހަރުކަށި މިންގަނޑުންނެވެ.43
113މަރުގެ އަދަބު ލިބޭ ކުށްތަކުގައި، މަޖުބޫރުން ކުރުވާ އިޢުތިރާފުއާއި، ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ނުލިބުމާއި، ހުރިހާ މަރުހަލާ ތަކެއްގައިވެސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ނުދެވުން ފަދަ ކަންކަމަކީ ދިރިހުރުމުގެ ޙައްޤު ނިގުޅިގެންދާ ގޮތަށް ކުރެވޭ ޢަމަލުތަކެކެވެ.
114ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގެ ސަރީޙަ އިބާރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ކޮންމެ ހިނދެއްގައިވިޔަސް ހޯދުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ށ) ގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި "ތުހުމަތު ކުރެވޭ މީހާ" ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް ނަމަ، ދައުލަތުން އެ މީހާއަށް ވަކީލަކު އައްޔަންކޮށްދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. ބައިނަލްއަޤުވާމީ މުޢަހަދާތަކުގައިވެސް "ތުހުމަތު ކުރެވޭ މީހާ" މި ލަފްޒު ޢާންމުކޮށް ބޭނުންކުރަނީ ކޯޓުގައި ދަޢުވާ އުފުލިފައިވާ މީހާއަށް ކަމުގައިވީ ނަމަވެސް، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި މައްސަލަތަކުގައި، މާލީ ތަނަވަސްކަން ނެތް މީހުންނަށް ވަކީލެއްގެ އެހީތެރިކަން ހަމަޖައްސައިދިނުމަކީ ތަހުޤީޤު މަރުހަލާގައިވެސް ތުހުމަތު ކުރެވޭ މީހާއަށް ލިބިދެވިފައިވާ ޙައްޤެއްކަމަށް ބަލައިގަނެފައިވެއެވެ. ޚާއްސަކޮށް މަރުގެ އަދަބު އަތުވެދާނެފަދަ ބޮޑެތި ޖިނާއީ މައްސަލަތަކުގައި މިކަމާބެހޭ މާބޮޑު ދެބަސްވުމެއް ނެތެވެ.
115އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، މާލީ ތަނަވަސްކަން ނެތް މީހަކަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމުގެ މަސްއޫލިއްޔަތު ދެމިއޮންނަނީ ހަމައެކަނި ޝަރީޢަތުގެ މަރުހަލާއަކު ނޫނެވެ. އެ މަސްއޫލިއްޔަތަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުޤީޤު މަރުހަލާގައިވެސް ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ޙައްޤެކެވެ.
116ނޮވެންބަރު 2008 ގައި ޢަމަލުކުރަން ފެށި "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ އިންޓަރވިއުކުރުމާ ބެހޭ ބައިގައި، ފުލުހުން އިންޓަވިއު ކުރަން ބޭނުންވާ މީހަކު ޤާނޫނީ ވަކީލަކު ހޯދަން ބޭނުންވާނަމަ، އެމީހަކަށް ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދިނުމާއެކު އެ ވަކީލަކާއެކު އިންޓަވިއު ކުރިއަށް ގެންދިއުން ބަޔާންކޮށްފައިވެއެވެ.
117ނަމަވެސް އޭރު ޢަމަލު ކުރަމުންދިޔަ މި ގަވާއިދުގައި މާލީ ތަނަވަސްކަން ނެތް މީހަކު ވަކީލަކު ބޭނުންވެއްޖެނަމަ ޢަމަލުކުރާ ގޮތް ގަވާއިދުގައި ބަޔާންކޮށްފައިނުވެއެވެ. "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުހުމަތު ކުރެވޭ މީހަކާ އިންޓަވިއު ކުރުމުގެ ކުރިއަށް ފުލުހުންގެ މައްޗަށް ލާޒިމުވާ އެއް އިޖުރާއަތަކީ، ތުހުމަތުކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައިލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމާއި، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން އެމީހާއަށް އެންގުންކަން އެނގެއެވެ. މި ޙައްޤުތަކަކީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އިންނާއި (ނ) އިން ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ލިބިދެވޭ ޙައްޤުތަކުގެ ތެރޭގައި ހިމެނިފައިވާ ކަންކަމެވެ.
118"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަކީލެއް ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަން އެންގުމުގެ ބޭނުމަކީ ތުހުމަތު ކުރެވޭ މީހާ އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ދޭން ނުޖެހުމަކީ ޙައްޤެއްކަން އަންގައިދިނުމުގެ ގޮތުންނެވެ.
119ޕްރިސިޑެންސް 3ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤަކީ ތުހުމަތު ކުރެވޭ މީހާ ބޭނުންވާނަމަ ކޮންމެ ވަގުތެއްގައިވެސް ދޫކޮށްލުމުގެ އިޚްތިޔާރު އޮތް ޙައްޤުތަކެކެވެ. ނަމަވެސް މީގެން ޙައްޤެއް، ޚާއްސަކޮށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ދޫކޮށްލާނަމަ، އެ ޙައްޤު ދޫކޮށްލާފައިވަނީ ސާފު ސަރީޙަ އިބާރާތުން، ތުހުމަތު ކުރެވޭ މީހާގެ އަމިއްލަ އިޚްތިޔާރުންކަން ޕްރޮސެކިއުޝަނުން ސާބިތުކޮށްދޭންޖެހެއެވެ. ފުލުހުންނާއި ކޯޓުގެ އިޖުރާއަތުތަކަށް ނުފަރިތަ މީހެއް އޮޅުންގަނޑެއްގެ ތެރޭގައި ވަކީލަކު އައްޔަންކުރުމުގެ ޙައްޤު ދޫކޮށްލައިފައިވާނަމަ، އެ ޙައްޤު ދޫކޮށްލާފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ނޫންކަން ބެލުމުގެ ފުރުސަތު އޮންނާނެއެވެ. ހަމަ އެފަދައިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ވަކީލެއްގެ އެހީތެރިކަން ހޯދުމެއްނެތި، އޭނާ އަވަހަށް މިނިވަންވުމުގެ ވައުދުތަކަށް ނުވަތަ ކުށަށް ލިބޭ އަދަބު ލުއިކޮށްދިނުމަށްވާ ވައުދުތައް ފަދަ ވައުދުތަކަށް، ހެއްލިހުރެ ދޭ ބަޔާންތަކަކީވެސް މަޖުބޫރުން ހޯދާފައިވާ ބަޔާންތައް ކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެއެވެ.
120ތުހުމަތުކުރެވޭ މީހަކު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ދޫކޮށްލާއިރު، އެ ޙައްޤު ދޫކޮށްލުމުން ނިކުންނާނެ ނަތީޖާ ތުހުމަތު ކުރެވޭ މީހާއަށް ފަހުމްވާންޖެހެއެވެ. ތުހުމަތުކުރެވޭ މީހާއަށް ފުލުހުންގެ އިންޓަވިއު މަރުހަލާގައި ތުހުމަތު ކުރެވެނީ އެ ކުށް ސާބިތުވެއްޖެނަމަ ތަންކޮޅެއް ލުއި އަދަބެއް އައުމުގެ އިހުތިމާލު އޮތް ކުށެއް ކަމުގައިވެފައި، ނަމަވެސް ދަޢުވާ އުފުލާ ހިސާބުން އެތައް ގުނައެއް ހަރުކަށި އަދަބެއް އައުމުގެ ކުށެއް ކަމުގައިވާނަމަ، ވަކީލެއްގެ ޙައްޤު ކުރިން ދޫކޮށްލާފައި އޮތް އޮތުން ސައްޙަ ނޫންކަމުގައި ބެލުމުގެ ފުރުސަތު ބައިނަލް އަޤުވާމީ ބެސްޓް ޕްރެކްޓިސްގައިވެއެވެ.44
121ޔޫރޮޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ފުލުހުންގެ ކިބައިން އެދިފައި އޮއްވައި، ޤާނޫނީ ވަކީލެއް ފުލުހުން އައްޔަންކޮށްދިނުމުގެ ކުރިން، ފުލުހުން ކުރި ސުވާލުތަކަށް ތުހުމަތު ކުރެވޭ މީހާ ދިން ޖަވާބު ތަކަކީ ވަކީލެއް އައްޔަން ކުރުމުގެ ޙައްޤު އެވަގުތުގައި ދޫކޮށްލުމަށްފަހު ދިން ޖަވާބުތަކެއް ކަމުގައި ކޯޓުން ނުދެކެއެވެ.45
122ތުހުމަތު ކުރެވޭ މީހާ ވަކީލަކު އައްޔަންކުރުމުގެ ޙައްޤު އަމިއްލައަށް ދޫކޮށްލާފައިވާކަން ކަނޑައެޅުމުގައި ތުހުމަތު ކުރެވޭ މީހާގެ އުމުރަށާއި، އެ ޤައުމެއްގެ ބަސް ދަންނަ މިންވަރަށާއި، ލިޔަންކިޔަން ދަންނަ މިންވަރަށާއި، ތައުލީމީ ފެންވަރަށާއި، އެ ޤައުމެއްގެ ޤާނޫނު ދަންނަ މިންވަރަށާއި، މީގެ ކުރިން ފުލުހުންނާ ކުރިމަތިލާފައިވާ މިންވަރަށާއި، ފުލުހުން އޭނާއާ ސުވާލު ކުރިއިރު އޭނާ ޕްރެޝަރުގައިވާ (ނުވަތަ ނުފޫޒަށް ދީލައިލުމަށް ހުށަހެޅިފައިވާ) މިންވަރު ފަދަ ކަންކަމަށް ދުނިޔޭގެ ބައެއް ކޯޓުތަކުން ރިޢާޔަތް ކުރެއެވެ.46 މަރުގެ އަދަބު އަންނަ މައްސަލަތަކުގައި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ ތުހުމަތު ކުރެވޭ މީހާއަށް އެހައި ފަސޭހައިން ދޫކޮށްލެވިދާނެ ޙައްޤެއް ނޫންކަމަށާއި، އެކަމަކު އިންސާފު ޤާއިމުކުރުމަށްޓަކައި އެފަދަ މައްސަލަތަކުގައި ވަކީލެއް ހާޒިރުވެ ހުރުމަކީ ލާޒިމުކަމެއް ކަމަށް އެކުވެރި ދައުލަތްތަކުގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ޤަބޫލުކުރެއެވެ.47
123ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ އިންސާނީ ޙައްޤެއް ކަމުގައިވާއިރު، މި ޙައްޤު ދިނުމަކާ ނުލައި ކުރިއަށްގެންދާ ޝަރީޢަތްތަކުގައި މަރުގެ އަދަބު ނުދެވޭނެކަމުގައި އެކުވެރި ދައުލަތްތަކުގެ ހިޔުމަން ރައިޓްސް ކައުންސިލް އާއި އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސްގެ ކޯޓް އޮފް ޖަސްޓިސްފަދަ ޖަމާއަތްތަކުން ކަނޑައަޅާފައިވެއެވެ.48
ކަމްރުލް އިސްލާމްގެ އިޢުތިރާފު
124ހުށަހެޅިފައިމިވާ މައްސަލައިގައި ކަމްރުލް އިސްލާމްގެ އިޢުތިރާފު ދެބަޔަކަށް ބަހައިލާނަމެވެ.
(ހ) ތަހުޤީޤަށް ދިން "އެއްބާރުލުން"
125މި މައްސަލައިގައި ހާދިސާ ހިނގާދިޔަ ގޮތަށް ބަލާއިރު، މޮނީރުލް އިސްލާމްގެ މަރާ ގުޅިގެން ކަމްރުލް އިސްލާމްއާ މެދު ފުލުހުން އެންމެ ފުރަތަމަ ޝައްކުކުރަން ފެށީ މޮނީރުލް އިސްލާމްއާ ބައްދަލުވިކަމަށް ބުނެ ކަމްރުލް އިސްލާމް އެންމެ ފުރަތަމަ ދޮގު ހަދަން ފެށި ހިސާބުންނެވެ. އެގޮތުން، ކަމްރުލް އިސްލާމްގެ ފޯން ކޯލް ޑީޓެއިލްސް ލިބުމުން އޭނާ މޮނީރުލް އިސްލާމްއަށް އެތައް ފަހަރަކު ގުޅާފައިވާ ކަމާއި، ނަމަވެސް މޮނީރުލް އިސްލާމްގެ ފޯނުން މި ކޯލްތައް ޑިލީޓްކޮށްފައިވާ ކަމާއި، އަދި ކަމްރުލް އިސްލާމްގެ ކޯލްތައް ބަލައި އޭނާގެ ލޮކޭޝަން ފުލުހުން ޗެކްކޮށް، ކަމާގުޅޭނެ ކަމަށް ބެލެވޭ ސީސީޓީވީ ފުޓެޖް ޗެކްކުރިއިރު، މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެ ފަހުން ސީސީޓީވީއަށް އަރާފައިވަނީ 24 ނޮވެންބަރު 2012 ގެ 23:21:46 ގައި ކަމްރުލް އިސްލާމްއާ އެކުކަން ފުލުހުންނަށް ދެނެގަނެވުނެވެ.49
126މިހާ ހިސާބުން ކަމްރުލް އިސްލާމްއަކީ މޮނީރުލް އިސްލާމްގެ މަރާ ގުޅުންހުރި މީހެއްކަމަށް ފުލުހުންނަށް ޤަބޫލުކުރެވުނެވެ. އެހެންގޮތަކަށް ބުނާނަމަ، މޮނީރުލް އިސްލާމްގެ މަރުގެ މައްސަލައާ ގުޅިގެން ކަމްރުލް އިސްލާމްގެ މައްޗަށް "ޕްރޮބަބްލް ކޯޒް" އުފެދުނު ހިސާބަކީ މިއެވެ. އެއީ 9 ޑިސެންބަރު 2012 އެވެ. ކަމްރުލް އިސްލާމް އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ތާރީޚު ކަމުގައިވާ 3 ޑިސެންބަރު 2012 އިން ފެށިގެން 7 ވަނައަށްވީ ދުވަހެވެ.
127ފުލުހުން ބުނާ ގޮތުގައި 9 ޑިސެންބަރު 2012 ގައި ކަމްރުލް އިސްލާމްއަކީ މޮނީރުލް އިސްލާމްގެ މަރުގެ މައްސަލައާ ގުޅިގެން ޝައްކު ކުރެވޭ މީހެއްކަމަށް ކަމްރުލް އިސްލާމްއަށް އަންގާފައިވެއެވެ. ނަމަވެސް މިކަން ދަލީލުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ރިކޯޑިންގއެއް ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ.
128ކަމްރުލް އިސްލާމް ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުން ދޭން އެއްބަސްވީ އޭނާއާއި މޮނީރުލް އިސްލާމްއާ ދެމީހުން 24 ނޮވެންބަރުގެ ރޭގަނޑުގައި ހިނގާފައިދާ ތަނުގެ ވީޑިއޯ ފުޓެޖް ދެއްކުމުންކަމަށް ފުލުހުން ބުނެއެވެ.50 ނަމަވެސް އެވަގުތުގައިވެސް ވަކީލެއް ބޭނުން ނުވާކަމަށް ކަމްރުލް އިސްލާމް ބުނިކަމަށް ފުލުހުން ބުނެއެވެ.
129އަނެއްކާވެސް "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުން ޢަމަލުކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ވިޔަސް ނުވަތަ ރިކޯޑިންގ އެއްވެސް ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްޤު ލިބިގެންވާކަން ކަމްރުލް އިސްލާމްއަށް ފުލުހުން އެންގިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވެއެވެ.
130ފުލުހުން ބުނާ ގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް އެދުމުން، އެ އޮފީހުން ލަފާ ދީފައިވަނީ ކަމްރުލް އިސްލާމްގެ ބަޔާން ނެގޭނީ އިނގިރޭސި ބަހުން ކަމަށާއި، އިނގިރޭސި ބަހާއި ބަންގްލަދޭޝް ބަސް ދަންނަ ތަރުޖަމާނެއްގެ އެހީތެރިކަމާއެކު ބަޔާން ނެގުމަށެވެ. ނަމަވެސް ކަމްރުލް އިސްލާމް އެއްބާރުލުން ދޭން ހުރިނަމަ، މި މައްސަލައާ ގުޅޭ އިތުރު ހެކި، ޤަރީނާ ހޯދުމުގެ ހުރަހެއް ނެތްކަމަށެވެ.51
131ފުލުހުން ޢަމަލުކޮށްފައިވަނީ މި ލަފައާ އެއްގޮތަށެވެ. މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ކަމްރުލް އިސްލާމް އެއްބާރުލުން ދޭން ހުރިކަމުގައިވަނީނަމަ ތަހުޤީޤު ކުރިއަށް ގެންދެވިދާނެ ކަމަށް ލަފާދިންއިރު، ކަމްރުލް އިސްލާމް އެއްބާރުލުންދިނުމުގެ އާޚިރު ނަތީޖާއަކީ އިޢުތިރާފެއްވުން ކަމާއި، އަދި އެފަދަ އިޢުތިރާފަކީ އަސާސީ ޙައްޤުތައް ކަށަވަރު ކުރެވިގެން މެނުވީ ރިޢާޔަތް ކުރެވިދާނެ އިޢުތިރާފެއްކަމާ މެދު އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމެވެ. ކަމްރުލް އިސްލާމްއަކީ ފުލުހުންގެ ބަންދުގައި ހަފްތާއެއް ވާންދެން ހުރި މީހެއް ކަމުގައިވާއިރު، އޭނާ އިޢުތިރާފުވެ އެއްބާރުލުންދޭނަމަ، އޭނާގެ އިޢުތިރާފަކީ ނުފޫޒަށް ލެނބުމެއް ނެތި، ހިތުން ރުހުމުންދޭ އިޢުތިރާފެއް ނުވަތަ އެއްބާރުލުމެއްކަން ފުލުހުން ކަށަވަރުކުރަންޖެހެއެވެ. އޭނާއަށް ޤާނޫނުއަސާސީއިން ލިބިދެވޭ އެންމެހައި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދޭންޖެހެއެވެ.
132"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގައި ބުނާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް އިންޓަވިއު ރިކޯޑިންގ އެއް ނުނެގި ނަމަވެސް، ކަމްރުލް އިސްލާމް ކަންހިނގާދިޔަ ގޮތްކަމަށް ކިޔާދިން ކިޔާދިނުމަކީ ފުލުހުން ކަމްރުލް އިސްލާމްއާ އިންޓަވިއު ކުރުމުން ނެރެވުނު ނަތީޖާއެވެ. މޮނީރުލް އިސްލާމް މަރާލާފައި އޮތް ތަނަށް ގެންގޮސް ކަމްރުލް އިސްލާމް ލައްވާ އެރޭ ކަން ހިނގާދިޔަ ގޮތުގެ ހަރަކާތްތައް ދައްކުވައި، އެ ހަރަކާތްތައް ވީޑިއޯކުރިއެވެ. އޭގެ އަނެއް ދުވަހުގައި ޓީޖެޓީއަށް ކަމްރުލް އިސްލާމް ގެންގޮސް އެތަނުން ގަމީހަކާއި ވަޅިއެއް މޫދު އަޑިން ނަގައި، ކަމްރުލް އިސްލާމްގެ އެއްޗެއްތޯ އެހުމުން އެކަމަށް އޭނާ އެއްބަސްވެފައިވެއެވެ. ކަމްރުލް އިސްލާމް ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އދ. ދަނގެތީގެ ޖެޓީ ކައިރި ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ފުލުހުން ހިންގާފައިވެއެވެ.
133މި ހުރިހާ ކަމެއްކޮށް ނިންމައި، ބަންގްލަދޭޝް ބަހާއި އިނގިރޭސި ބަސް ދަންނަ ތަރުޖަމާނެއް ފުލުހުންނަށް ލިބުމުން، 24 ޑިސެންބަރު އިން 29 ޑިސެންބަރު 2012 ގެ ނިޔަލަށް "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު" ގައި ބުނާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމްރުލް އިސްލާމްގެ އިންޓަވިއުއާއި ބަޔާން ނެގުން ރިކޯޑު ކުރެވިފައިވެއެވެ. އަދި މި މައްސަލައިގައި ދައުލަތުން ކަމްރުލް އިސްލާމްގެ އިޢުތިރާފުކަމަށް ބަލަނީ ބުނެވުނު މުއްދަތުގައި ރިކޯޑުކުރެވި ލިޔެކިޔުމަށް ތިރިކުރެވުނު ކަމްރުލް އިސްލާމްގެ އިންޓަވިއު އާއި އޭނާ ދިން ބަޔާނަށެވެ. ހައިކޯޓުންވެސް ކަމްރުލް އިސްލާމްވި އިޢުތިރާފުކަމަށް ބަލައިގަނެފައިވަނީ ރިކޯޑު ކުރެވިފައިވާ އިންޓަވިއުއާއި ބަޔާނަށެވެ.
134މި މައްސަލައިގައި ކަމްރުލް އިސްލާމް ކުށްކުރިކަމަށް އެންމެ ފުރަތަމަ އިޢުތިރާފު ވެފައިވަނީ 9 ޑިސެންބަރު 2012 ގައި ކަމުގައި އަހުރެން ދެކެމެވެ. މި އިޢުތިރާފަކީ ފުލުހުންގެ ލިޔެކިޔުމަށް ތިރިކޮށްފައިވާ އިޢުތިރާފެއް ކަމުގައި ނުވިނަމަވެސް، މި އިޢުތިރާފުގެ މައްޗަށް ބިނާކޮށް، ކަމްރުލް އިސްލާމް އެކި ތަންތަނަށް ގެންގޮސް، އޭނާގެ އެހީތެރިކަމާއެކު މައްސަލަ ތަހުޤީޤުކޮށްފައިވެއެވެ.
135ސުވާލަކީ ކަމްރުލް އިސްލާމްގެ މައްޗަށް މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮތް މައްސަލައެއްގައި، ދުސްތޫރީ ގޮތުން ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތައް ފުލުހުން ކަށަވަރުކޮށްދީފައިވޭ ހެއްޔެވެ؟
136މި މައްސަލައިގައި "އެއްބާރުލުން" މި ހޯދަނީ ފުލުހުންގެ ބަންދެއްގައި ހުރި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީއެއްގެ ކިބައިންނެވެ. އެއްބާރުލުން ކަމަށް ބުނާ ހިސާބުން މިދެކެވެނީ ކުށަކަށް އިޢުތިރާފުވާ ވާހަކައެވެ. އެ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ދަޢުވާއެއްކޮށް، އެ އިޢުތިރާފުގެ ސަބަބުން އިތުރު ހެކި މައްސަލައަށް ލިބިފައިވާނަމަ، އެ އިޢުތިރާފު ވާންޖެހޭނީ ދުސްތޫރީ ގޮތުން އެންމެހައި ޙައްޤުތައް ކަށަވަރުކޮށްގެން ނެގޭ އިޢުތިރާފަކަށެވެ.
137ކަމްރުލް އިސްލާމްގެ ދުސްތޫރީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި އެ ޙައްޤުތައް ކަމްރުލް އިސްލާމް ދޫކޮށްލާފައިވަނީ މައްސަލައިގެ ހައްސާސްކަން އެނގިހުރެ އޭނާގެ ފުރިހަމަ އިޚްތިޔާރުގައިކަން ސާބިތުކޮށްދިނުމަކީވެސް ދައުލަތުގެ ޒިންމާއެކެވެ.
138ކަމްރުލް އިސްލާމްގެ ރިކޯޑު ކުރެވިފައިވާ 24 ޑިސެންބަރު 2012 ގެ އިންޓަވިއުއަށް ބަލާއިރުގައިވެސް، އޭނާއަކީ އިނގިރޭސިންވެސް އަދި ބަންގްލަދޭޝް ބަހުންވެސް ލިޔަންކިޔަން ނުދަންނަ މީހެއްކަމުގައި ބުނެފައިވެއެވެ. އަދި ކުރިން އެތައް ފަހަރަކު ކަން ހިނގާދިޔަ ގޮތް އޭނާ ފުލުހުންނަށް ކިޔާދީފައިވާނެކަމަށް އެ އިންޓަވިޔުގައި ކަމްރުލް އިސްލާމް ބުނެފައިވެއެވެ. އެއާ ގުޅިގެން ކަމްރުލް އިސްލާމްގެ ތަރުޖަމާނުވެސް ބުނެފައިވަނީ ފުލުހުންނަށް ކަމްރުލް އިސްލާމް އެއްބާރުލުން ދިނުމުން އޭނާގެ ޤައުމަށް އޭނާ އަނބުރާ ފޮނުވާލާނެކަމަށް ކަމްރުލް އިސްލާމް ޤަބޫލުކުރާކަމަށެވެ.
139ޕްރިސިޑެންސް 4ކަމްރުލް އިސްލާމް އިޢުތިރާފު ވެފައިވަނީ ވަކީލެއް ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު އޭނާގެ ފުރިހަމަ އިޚްތިޔާރުން ދޫކޮށްލައިގެންތޯ ބަލާއިރު، ކަމްރުލް އިސްލާމް މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ފުލުހުންނަށް އެންމެ ފުރަތަމަ ކިޔާދީފައިވަނީ ނުފޫޒަށް ދީލައިލައިގެން (coerced) ކަމަށް އަހުރެންނަށް ބުރަވެވެއެވެ. ނުފޫޒަށް ދީލައިލައިގެންކަމަށް މި ހާލަތުގައި މި ބުނަނީ ފުލުހުން ކަމްރުލް އިސްލާމްއަށް ޖިސްމާނީ ގޮތުން އަނިޔާތަކެއް ކޮށްގެން އޭނާ އިޢުތިރާފުކުރުވި ކަމަކަށް ނޫނެވެ.
140އެކަމަކު ކަމްރުލް އިސްލާމްއަކީ ރަނގަޅަށް ލިޔަންކިޔަން ނުދަންނަ މީހެއް ކަމުގައިވާއިރު، ރާއްޖޭގެ ޤާނޫނުތަކަށް ނުފަރިތަ، ތިމާގެ ޤައުމު ނޫން އެހެން ޤައުމެއްގައި ގަވާއިދާ ޚިލާފަށް އުޅެގެން ފުލުހުންގެ ބަންދެއްގައި ހުންނަތާ ހަފްތާއެއް ފަހުން މީހަކު މެރިކަމަށް އިޢުތިރާފުވިއިރު، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤުގެ މަންފާއަކީ އޭނާއަށް ބޭނުންކުރެވިދާނެ އެއްޗެއްކަން ކަމްރުލް އިސްލާމްއަށް އަންގާފައި އޮތްކަން އެނގޭކަށްނެތެވެ. އަދި ބުނެވުނު އަސާސީ ޙައްޤުތައް ދޫކޮށްލާފައިވާނަމަ، ކަމްރުލް އިސްލާމް ފަދަ މީހަކު ލައްވައި ހަމައެކަނި ގަނޑުކޮޅެއްގައި ސޮއިކުރުވުމަކުންވެސް ފުދޭނެ ކަމުގައި އަހުރެން ނުދެކެމެވެ. އޭނާގެ ހައްޤުތައް ފުލުހުން އޭނާއަށް ސާފުވާނެ ގޮތަކަށް ކިޔާދިނުމަށްފަހު، އެ ޙައްޤުތައް ދޫކޮށްލާނަމަ، ދެން ނިކުންނާނެ ނަތީޖާވެސް ކިޔައިދޭންޖެހެއެވެ. މިސާލަކަށް، މި މައްސަލައިގައިނަމަ، މުޅި މައްސަލައަކީ މީހެއްގެ މަރުގެ މައްސަލަ ކަމުގައިވާއިރު ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ އުފުލި އެ ދަޢުވާ ސާބިތުވާ ހާލަތުގައި، މަރުގެ އަދަބު އައުމުގެ އިހުތިމާލު އޮތްކަމުގައިވެސް ކިޔައިދޭންޖެހެއެވެ.
141ރަސްމީކޮށް ލިޔުމުން ކަމްރުލް އިސްލާމްގެ ބަޔާން ނެގުމުގެ ކުރިއަށްވެސް މި އެންމެހައި ކަންކަން އޭނާއަށް ކިޔައިދޭންޖެހެއެވެ. މީގެ މަޤުސަދަކީ ޙައްޤެއް ދޫކޮށްލާނަމަ، ކުށުގެ ތުހުމަތުގައިވާ މީހާއަށް އެ ޙައްޤު ދޫކޮށްލުމުގެ ސަބަބުން ދެން ނިކުންނާނެ ނަތީޖާ ރަނގަޅަށް އެނގިހުރެ ޙައްޤު ދޫކޮށްލުމެވެ.
142ކަމްރުލް އިސްލާމް ފުލުހުންނަށް އެއްބާރުލުން ދިނީ އޭނާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލެއްގެ ހާޒިރުގައިނަމަ ނިކުންނާނެ ނަތީޖާ ތަފާތުވާނެއެވެ. ހަމަ އެފަދައިން، ކަމްރުލް އިސްލާމް ކުރި ހުރިހާ ކަމެއް ކިޔައިދިންއިރު، މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާ ކުރެވޭނެކަމާއި، ތަހުޤީޤުގައި ދޭ މަޢުލޫމާތު ފަހުން ޝަރީޢަތުގައި ބޭނުންކުރުން ފަދަ ކަންކަން އޭނާއަށް އެނގިހުރެ، ވަކީލަކު ހޯދުމުގެ ޙައްޤު ދޫކޮށްލާފައިވަނީ އޭނާގެ ފުރިހަމަ އިޚްތިޔާރުންކަން ސާބިތުކޮށްދެވިއްޖެނަމަ، އަނެއްކާވެސް މި މައްސަލައިގައި ނެރެވޭ ނަތީޖާ ތަފާތުވާނެކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކަމްރުލް އިސްލާމް ފުލުހުންނަށް އެއްބާރުލުން ދީފައިވަނީ އޭނާގެ ފުރިހަމަ އިޚްތިޔާރުން ކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެއެވެ.
143ނަމަވެސް މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަށް ބަލާއިރު، މިވަގުތު ފެންނަން އޮތް ޙަޤީޤަތަކީ ފުލުހުންގެ ބަންދެއްގައި، ކަމްރުލް އިސްލާމްގެ މިނިވަންކަން ހިފެހެއްޓިފައިވާ ހާލަތެއްގައި، ފުލުހުން ކަމްރުލް އިސްލާމް ލައްވައި ހެކި ހޯދާފައިވަނީ އޭނާއާ ދެކޮޅަށް ކަމެވެ. އަދި ފުލުހުންނަށް ހުރިހާ ކަމެއް ކިޔާދިން އިރު ކަމްރުލް އިސްލާމްއަށް ޤަބޫލުކުރެވިފައި އޮތީ އޭނާ އަނބުރާ ޤައުމަށް ފޮނުވާލާނެކަމެވެ. މިކަންކަން ހިނގާފައިވަނީ ދުސްތޫރީ ގޮތުން ކަމްރުލް އިސްލާމްއަށް ލިބިދެވިފައިވާ ޙައްޤުތައް ކަށަވަރު ކޮށްދިނުމެއް ނެތިއެވެ.
144ވުމާއެކު، ކަމްރުލް އިސްލާމްގެ އިޢުތިރާފު ލިޔެކިޔުމަށް ތިރިކުރުމުގެ ކުރިއަށްވެސް އޭނާގެ ކިބައިން ފުލުހުން ހޯދާފައިވާ މަޢުލޫމާތަކީ ޣައިރު ދުސްތޫރީ މަގަކުން ހޯދާފައިވާ މަޢުލޫމާތު ކަމުގައި އަހުރެން ދެކެމެވެ.
(ށ) ކަމްރުލް އިސްލާމްގެ ރިކޯޑު ކުރެވިފައިވާ އިންޓަވިއުއާއި އިޢުތިރާފު ބަޔާން
14524 އިން 29 ޑިސެންބަރު 2012 ގެ ނިޔަލަށް ނަގާފައިވާ ކަމްރުލް އިސްލާމްގެ ވީޑިއޯ އިންޓަވިއުއާއި އިޢުތިރާފު ބަޔާނަކީ ސައްޙަ ބަޔާނެއްކަމަށް އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވެއެވެ. އަދި އެ ބަޔާން ނަގާފައިވަނީ މަޖުބޫރުން ނޫންކަމުގައި ކަނޑައަޅާފައިވެއެވެ.
14624 ޑިސެންބަރުގައި ކަމްރުލް އިސްލާމްގެ އިންޓަވިއު ފެށުމުގެ ކުރިން ފުލުހުން ކަމްރުލް އިސްލާމްގެ ޙައްޤުތައް އޭނާއަށް ކިޔާދީފައިވެއެވެ. އެގޮތުން ވަކީލެއް ހޯދުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު ކަމްރުލް އިސްލާމްއަށް ލިބިގެންވާކަމަށް ބުނެދީފައިވެއެވެ.
147ވަކީލެއް ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނުމުން، ކަމްރުލް އިސްލާމް އޭނާގެ ތަރުޖަމާނު މެދުވެރިކޮށް ޤާނޫނީ ވަކީލަކު ބޭނުންވާކަމަށް ފުލުހުންގެ ގާތުގައި ބުނެފައިވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ބުނެފައިވަނީ ތަހުޤީޤު މަރުހަލާގައި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖެއްސޭނެ ގޮތެއް ނެތްކަމަށާއި، އެހެންނަމަވެސް ޝަރީޢަތަށް މައްސަލަ ހުށަހަޅާ ފަހުން ކަމްރުލް އިސްލާމްއަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު އައްޔަން ކުރަން އެދެވިދާނެ ކަމަށެވެ. އަދި މިހާރުވެސް، ކަމްރުލް އިސްލާމްގެ އަމިއްލަ ޚަރަދުގައި ވަކީލަކު ހަމަޖެއްސިދާނެ ކަމަށެވެ. ކަމްރުލް އިސްލާމްގެ ތަރުޖަމާނު ފުލުހުންގެ ގާތުގައި ބުނެފައިވަނީ ހަނުހުރުމުގެ ޙައްޤުވެސް ކަމްރުލް އިސްލާމްއަށް ކިޔާދެވިފައިވާ ކަމަށެވެ.
148ކަމްރުލް އިސްލާމްގެ އިންޓަވިއު ފެށުމުގެ ކުރިއަށް ކަމްރުލް އިސްލާމްއަށް ޤަބޫލުކުރެވިފައިވަނީ އޭނާ ކަން ހިނގާދިޔަ ގޮތް ކިޔާދީފިނަމަ، އޭނާގެ ޤައުމަށް ފުލުހުން އޭނާ އަނބުރާ ފޮނުވާލާނެކަމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ކަމްރުލް އިސްލާމްއަށް މިގޮތަށް ޤަބޫލުކުރެވުނު ސަބަބަކީ، އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދު ކުރެވިފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ ގޮތުގައި ކަމުން، ފުލުހުން ދެން އޭނާ ޑިޕޯޓުކުރާނީކަމަށެވެ. މިހިސާބުންވެސް އޭނާގެ މައްޗަށް ދަޢުވާކުރުމުގެ އިހުތިމާލު އޮތްކަން ފުލުހުންގެ ފަރާތުން ކަމްރުލް އިސްލާމްއަށް ސާފުކޮށްދީފައި ނުވެއެވެ.
149ދެން ކަމްރުލް އިސްލާމްގެ ނަމާއި އެޑްރެހާއި ބައްޕަގެ ނަން ލިޔަން ފުލުހުން ކަމްރުލް އިސްލާމްއަށް ގަނޑުކޮޅެއް ދިނުމުން ކަމްރުލް އިސްލާމްއަށް އެ މަޢުލޫމާތު ލިޔެނުދެވުނެވެ. ސަބަބަކީ އޭނާއަށް ލިޔަންކިޔަން ނޭގުމެވެ.
150ތަހުޤީޤު މަރުހަލާގައި ކަމްރުލް އިސްލާމްގެ ރިކޯޑު ކުރެވިފައިވާ އިންޓަވިއު އާއި ސޮއިކުރި ތަހުޤީޤު ބަޔާނަށްވެސް ޝަރީޢަތުގައި ރިޢާޔަތް ކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
151ފުރަތަމަ ކަމަކަށް، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް ތުހުމަތު ކުރެވޭ މީހަކަށް ދައުލަތުން ވަކީލަކު ހަމަޖައްސައި ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ޙައްޤު ތުހުމަތުގެ ހުރިހާ މަރުހަލާތަކެއްގައިވެސް ދެމިގެންވާކަން ސާފެވެ. އެއީ ތަހުޤީޤު މަރުހަލާ ކަމުގައި ވިޔަސް ނުވަތަ ޝަރުޢީ މަރުހަލާކަމުގައި ވިޔަސްމެއެވެ.
152އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި ކަމްރުލް އިސްލާމްއަކީ ވަކީލަކު އަމިއްލައަށް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް މީހެއް ކަމުގައިވާއިރު، އޭނާ ވަކީލެއް ބޭނުންވާކަމަށް އަންގާ ހިސާބުން ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައިދޭންޖެހެއެވެ.
153ދެވަނަ ކަމަކަށް، ކުރިންވެސް ފާހަގަކުރި ފަދައިން، ކަމްރުލް އިސްލާމްއަކީ ރާއްޖޭގެ ޤާނޫނުތަކާއި ކޯޓުތަކަށް ފަރިތަ މީހެއްކަމުގައި ނުވެފައި، ރާއްޖޭގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުތަކަށްވެސް އެކަށީގެންވާވަރެއްގެ ހޭލުންތެރިކަން ހުރި މީހެއްކަމުގައި ބެލުމުގެ ފުރުސަތު ނެތި، އޭނާގެ މާލީ ތަނަވަސްކަން ހުރި މިންވަރަށާއި ލިޔަންކިޔަން އެނގޭ މިންވަރަށް ރިޢާޔަތް ކުރާއިރު، ފުލުހުންގެ ބަންދެއްގައި ހުރެމެ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައި އޭނާ ސޮއިކޮށްފައިވާ ބަޔާނަކީ ނުފޫޒަށް ދީލައިލައިގެން ދީފައިވާ ބަޔާނެއްކަމުގައި ބަލަންޖެހެއެވެ. އަދި ކަން ހިނގާދިޔަގޮތުގެ އެންމެހައި ވާހަކަތައް ފުލުހުންނަށް ކިޔާދިންއިރު، ކަމްރުލް އިސްލާމްގެ މައްޗަށް ކޯޓުގައި ދަޢުވާއެއް އުފުލާނެކަމަށް އޭނާއަށް ވިސްނިފައި އޮތް ކަމަކަށް ނުބެލެވެއެވެ. އެއާ ޚިލާފަށް، އިންޓަވިއުގައި ކަމްރުލް އިސްލާމްގެ ތަރުޖަމާނު ބުނެފައިވަނީ، ފުލުހުންނަށް އޭނާ ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ އަނބުރާ ޤައުމަށް ފޮނުވާލާނެކަމުގެ އުންމީދު އޭނާ ކުރާކަމަށެވެ.
154މުޖްތަމައުގައި މާޖިނަލައިޒްޑް (marginalised) އަދި ވަލްނަރަބަލް (vulnerable) ގްރޫޕްއަކަށް ނިސްބަތްވާ އެންމެ ހޭލުންތެރި ނޫން މީހާ ލައްވައި، އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާންދީ، އޭނާ ލައްވައި އޭނާއާ ދެކޮޅަށް ހެކި ހޯދައި، އޭނާއާ ދެކޮޅަށް މަރުގެ އަދަބު އަތުވެދާނެ މައްސަލައެއްގައި ދަޢުވާ ކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ބަޔާންކުރެވިފައި އޮތުމުގެ މަޤުސަދާ ޚިލާފުކަމެއް ކަމުގައި އަހުރެން ދެކެމެވެ. މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން، ކަމްރުލް އިސްލާމް ބަޔާން ދީފައިވަނީ އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށެވެ. އަދި މިކަން ކޮށްފައިވަނީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިދިނުމެއްނެތި ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި، މި ބަޔާނަކީ މަޖުބޫރުން ހޯދާފައިވާ ބަޔާނެއް ކަމުގައި އަހުރެން ދެކެމެވެ. އެހެނީ، ކަމްރުލް އިސްލާމް ބަންދެއްގައި ހުރިއިރު، އޭނާ ޤައުމަށް އަނބުރާ ދެވިދާނެކަމަށް އޭނާއަށް ޤަބޫލުކުރެވިފައިވަނީ ރަނގަޅަށް ނޫންކަމަށް ކިޔާނުދީ، އޭނާ ލައްވައި އޭނައާ ދެކޮޅަށް ހެކި ހޯދައި ތަހުޤީޤުކޮށް، މަރުގެ އަދަބު އަންނަ ދަޢުވާއެއް ކޮށްފައިވަނީ ދިފާއުވުމުގެ އެންމެ އަސާސީ ޙައްޤާ ޚިލާފަށް ކަމުގައިވާތީއެވެ. ތަހުޤީޤު މަރުހަލާގައި ކަމްރުލް އިސްލާމްގެ ބަޔާން ލިޔުމަށް ތިރިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އޭނާގެ ކިބައިން މަޢުލޫމާތު ހޯދާފައިވަނީ އޭނާ ނުފޫޒަށް ދީލައިލުމަށް ހުށަހެޅިފައިވާ ހާލަތެއްގައި ހުރެގެންނެވެ.
155ޕްރިސިޑެންސް 5ތަހުޤީޤު މަރުހަލާގައިވެފައިވާ އިޢުތިރާފުތަކަށް ބައެއް ފަހަރު ޝަރީޢަތުގެ މަޖިލިހުގައި ތުހުމަތު ކުރެވޭ މީހާ އިންކާރުކުރެއެވެ. މިފަދަ އިޢުތިރާފުތަކަކީ ސައްޙަ އިޢުތިރާފުކަމުގައި ވަނީނަމަ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ގޮތަކީ ތަހުޤީޤުގައިވެފައިވާ އިޢުތިރާފަކީ ޤަރީނާއެއް ކަމުގައި ބަލައި، އެ އިޢުތިރާފާ ގުޅުވާލެވޭ އެހެނިހެން ހެކި، ޤަރީނާ ހުރިނަމަ، އެ އިޢުތިރާފަށް ރިޢާޔަތް ކުރުމެވެ.52
156މަރުގެ އަދަބު އަތުވެދާނެފަދަ މައްސަލަތަކުގައިވެސް ތުހުމަތު ކުރެވޭ މީހާ ވެފައިވާ އިޢުތިރާފަކީ ޝަރީޢަތުގެ މަޖިލިހުގައި އަދި ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ނޫން ގޮތަކަށް ވެފައިވާ އިޢުތިރާފެއް ނަމަ، އެފަދަ އިޢުތިރާފުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅޭނީ އެ އިޢުތިރާފުގައި އެއްބަސްވެފައިވާ ކަންކަން ކަށަވަރު ކުރެވޭ އެހެނިހެން ޤަރީނާ ހުރުމުންކަމަށް މުޙައްމަދު ސަމާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލް53 ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި މިއީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ54 1204 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާވެސް އެއްގޮތް މާނަކުރުމެއް ކަމުގައި ދެކެމެވެ. އެ މާއްދާގެ (ށ) ގައިވަނީ އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް އައިސްފާނެފަދަ ކުށަކަށްވާ އިޢުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެ މީހަކު އެކުށުގެ އެންމެހައި ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފަކަށް ނުވާހާ ހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާ ވެފައިވާ އިޢުތިރާފު ހެއްކެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
157ތަހުޤީޤު މަރުހަލާގައި ވެފައިވާ އިޢުތިރާފަކީ ޤަރީނާއެއް ކަމުގައި ބަލައި، އެ އިޢުތިރާފާ ގުޅުވާލެވޭ އެހެނިހެން ހެކި ހުރިނަމަ، ތަހުޤީޤުގައި ވެފައިވާ އިޢުތިރާފަށް ރިޢާޔަތް ކުރެވޭނީ، އެ އިޢުތިރާފަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގާފައިވާ އިޢުތިރާފު ބަޔާނެއް ކަމުގައިވާނަމައެވެ.
158ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލިހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ.
159ހުށަހެޅިފައިމިވާ މައްސަލައިގައި ވަކީލެއްގެ އެހީތެރިކަމާއި ލަފައާ ނުލައި، ފުލުހުންގެ ބަންދެއްގައި ހުރެ ކަމްރުލް އިސްލާމްގެ ކިބައިން ނަގާފައިވާ ބަޔާނަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމެއް ނެތި ނަގާފައިވާ ބަޔާނެއް ކަމުން، މިއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަމުގައި ދެކެމެވެ.
160އެހެންކަމުން، ހައިކޯޓުގެ ތަފާތުވި ރައުޔުގައިވާ ފަދައިން، މި މައްސަލައިގައި ކަމްރުލް އިސްލާމް ދީފައިވާ އިޢުތިރާފު ބަޔާނަށް ރިޢާޔަތް ކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތުވޭތޯ ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނީ ބަޔާން ފިޔަވައި ދެން ހުރި ހެކިތަކަށެވެ.
ކަމްރުލް އިސްލާމްގެ އިޢުތިރާފުގެ ސަބަބުން ލިބިފައިވާ ހެކި
161ދެން އުފެދޭ ސުވާލަކީ ފުލުހުން މި މައްސަލަ ތަހުޤީޤުކޮށްފައިވަނީ ކަމްރުލް އިސްލާމްގެ އެހީތެރިކަމާއެކު ކަމުގައިވާއިރު، ކަމްރުލް އިސްލާމް ފުލުހުންނަށް ދިން މަޢުލޫމާތު ދީފައިވަނީ ނުފޫޒަށް ދީލައިލައިގެން ކަމުގައިވާތީ، އަދި މިއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމުގައިވާތީ އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހޯދި އެހެނިހެން ހެއްކަށް މި މައްސަލައިގައި ބުރަދަން ދެވިދާނެ ހެއްޔެވެ؟
162ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވަނީ މިއީ "ދަ ފްރުޓް އޮފް ދަ ޕޮއިސަނަސް ޓްރީ ޑޮކްޓްރިން" ތަޠުބީޤު ކުރެވިދާނެ ހާލަތެއް ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ހޯދި ކަމްރުލް އިސްލާމްގެ ބަޔާނަށް ޝަރީޢަތުގައި ރިޢާޔަތް ނުކުރެވުމުގެ އިތުރުން، އެ ބަޔާނުގެ މައްޗަށް ބިނާކޮށް ހޯދާފައިވާ އިތުރު ހެއްކަކީވެސް ޝަރީޢަތުގައި ބަލައިނުގަނެވޭނެ ހެކި ކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ އެކްސްކްލޫޝަނަރީ ރޫލް (exclusionary rule) މި ހާލަތުގައި ހިނގާނެ ކަމަށެވެ.
163ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޣައިރު ދުސްތޫރީ ބަޔާނަކަށް ޝަރީޢަތުގައި ރިޢާޔަތް ނުކުރެވުނު ނަމަވެސް، އެ ބަޔާނުގައިވާ މަޢުލޫމާތަށް ބިނާކޮށް ހޯދާ ހެއްކަށް ދުނިޔޭގެ އެހެން ޖުރިސްޑިކްޝަންތަކުގައި ރިޢާޔަތް ކުރާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު55 ގަޒިއްޔާގައިވެސް ޣައިރު ޤާނޫނީ އަމުރެއް ތަންފީޒުކޮށް ހޯދާ ހެއްކަކީ އިސްތިސްނާ ހާލަތްތަކެއްގައި ބަލައިގަނެވިދާނެ ހެކި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
164މި މައްސަލައިގައި ކަމްރުލް އިސްލާމްގެ އިޢުތިރާފުގެ ސަބަބުން ފުލުހުން ހޯދާފައިވާ މައިގަނޑު ހެއްކަކީ މޮނީރުލް އިސްލާމް މަރާލަން ބޭނުންކުރި ކަމަށް ބުނާ ވަޅިއާއި އެރޭ ކަމްރުލް އިސްލާމް ލައިގެން ހުރިކަމަށް ބުނާ ގަމީހެވެ. ވަޅި އާއި ގަމީސް އެރޭ ކަމްރުލް އިސްލާމް އެއްލާލީ ޓީޖެޓީ މޫދަށްކަމަށް ބުނުމުން ފުލުހުންގެ ޓީމެއް މޫދު އަޑީގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ކަމްރުލް އިސްލާމްގެ ހާޒިރުގައި މޫދު އަޑިން ވަޅިއަކާއި ގަމީހެއް ނަގާފައިވެއެވެ. ވަޅިވެސް އަދި ގަމީސްވެސް އެއީ ކަމްރުލް އިސްލާމް އުކާލި ތަކެތިކަމަށް އެވަގުތު ކަމްރުލް އިސްލާމް އެއްބަސްވެފައިވެއެވެ.
165ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް ގަޒިއްޔާގައި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ފަދައިން، ޢާންމު އުސޫލަކީ ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކަށް މައްސަލައެއް ނިންމުމުގައި ރިޢާޔަތް ނުކުރުމެވެ. އަދި "ދަ ފްރުޓް އޮފް ދަ ޕޮއިސަނަސް ޓްރީ ޑޮކްޓްރިން" ގެ ދަށުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކީ ޣައިރުދުސްތޫރީ ޢަމަލެއްގެ "މޭވާ" ކަމުން، ޣައިރުދުސްތޫރީ ޢަމަލުތަކުން ހޯދާ ހެއްކަކީ ކޯޓުން ބަލައިގަންނަ ހެއްކެއް ނޫނެވެ.
166އެ ގަޒިއްޔާގައިވެސް ޣައިރުދުސްތޫރީ ޢަމަލުތަކުން ހޯދާ ހެއްކަށް އިސްތިސްނާ ހާލަތްތަކެއް ވާކަމަށް ބަލައިގަނެފައިވެއެވެ. ނަމަވެސް އެ މައްސަލައިގައި އެފަދަ އިސްތިސްނާއެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ކަނޑައަޅާފައިވެއެވެ.
167މިއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު ގަޒިއްޔާގައި ޣައިރުދުސްތޫރީ ނުވަތަ ޤާނޫނާ ޚިލާފަށް ހެކި ބަލައިގަންނަ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ސަބަބުން ލިބޭ ހެކި (good faith exception) ބަލައިގަނެފައިވެއެވެ. މި މައްސަލައިގައި އިޚްތިޞާޞް ނެތް ކޯޓަކުން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން، ތަނެއް ބަލައިފާސްކުރުމުގެ ތެރޭގައި ހޯދާފައިވާ ހެއްކަކީ ފުލުހުން ހެޔޮ ނިޔަތުގައި ޢަމަލުކޮށްގެން ހޯދާފައިވާ ހެކި ކަމުން، އެ ހެއްކަކީ ޝަރީޢަތަށް ބަލައިގަނެވިދާނެ ހެކި ކަމަށް ކަނޑައަޅާފައިވެއެވެ.
168ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް ގަޒިއްޔާގައިވެސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު ގަޒިއްޔާގައިވެސް ބާރު އަޅާފައިވަނީ ފުލުހުން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ. ޢާންމު ފަރުދަކާ ދައުލަތާ ކުރިމަތިލާ ހިނދު ދައުލަތަކީ އަބަދުވެސް ބާރުވެރި ފަރާތެވެ. ޣައިރުދުސްތޫރީ ނުވަތަ ޣައިރުޤާނޫނީ ހެކި ބަލައިނުގަތުމުގެ އުސޫލު ނުވަތަ އެކްސްކްލޫޝަނަރީ ރޫލްގެ މައިގަނޑު އަސާސަކީ ދައުލަތަށް ލިބިދެވިފައިވާ ބާރުތައް ނަހަމަ ގޮތުގައި ދައުލަތުގެ މަންފާއަށް ބޭނުންކުރުން ހުއްޓުވުމެވެ.
169ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައިވެސް ދިވެހިރާއްޖޭގައިވެސް އެކްސްކްލޫޝަނަރީ ރޫލްއަށް އިސްތިސްނާ ހާލަތްތަކެއްވާކަމަށް ބަލައިގެންފައިވެއެވެ. މި ދެ ގަޒިއްޔާގައިވެސް އަލިއަޅުވާލާފައިވާ މައިގަނޑު އުސޫލަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުން، ޤާނޫނާ ޚިލާފަށް ހޯދާ ހެއްކަކީ ޝަރީޢަތުގައި ބަލައިގަނެވިދާނެ ހެކި ނޫންކަމަށް އޮންނަ އޮތުމެވެ.
170އެއްކޮޅުން އެންމެހައި ފަރުދުންގެ ޙައްޤުތައް ނަގަހައްޓައި ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރަންޖެހޭއިރު، އަނެއްކޮޅުން މުޖްތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކުށްކުރާ މީހުން ފުލުހުން ހިފަންޖެހެއެވެ. ބައެއް ފަހަރު ތަހުޤީޤުކުރުމަށް ލިބިދެވިފައިވާ ބާރުތަކާއި، އެ ބާރުތައް ބޭނުންކުރުމުގައި ޙައްޤުތައް ނެގެހެއްޓުމުގެ ވާޖިބު ތިލަފަތުގައި އެއް ހަމައެއްގައި ދެމެހެއްޓުމަކީ އެހައި ފަސޭހަކަމަށް ނުވެދާނެއެވެ.
171މި ތަޖުރިބާއަކީ ރާއްޖެއަށް ޚާއްސަ ތަޖުރިބާއެއް ނޫނެވެ. މި މައުލޫއު ގުޅިފައިވަނީ ދުސްތޫރީ ޙައްޤަކާ ކަމުގައިވާއިރު، ކުށްކުރާ މީހުން ހިފުމުގައި ޤާނޫނާ ޚިލާފަށް ހޯދާ ހެއްކާމެދު ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާގޮތް ބަލައިލުން މުހިންމުކަމުގައި ދެކެމެވެ.
ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޣައިރުޤާނޫނީ ހެއްކާމެދު ޢަމަލުކުރާ ގޮތް
172ޤާނޫނާ ޚިލާފަށް ފުލުހުން ބަލައި ފާސްކޮށް ހޯދާ ހެއްކަށް ލިބިދެވޭ ފަރުވާއެއްގެ ގޮތުން އެ ހެކި ޝަރީޢަތަށް ބަލައިނުގަތުމަށް ގިނަ ޤައުމުތަކުން ތާއީދެއް ނުކުރެއެވެ.56 ޔޫރޮޕާއި ކޮމަންވެލްތް ޤައުމުތަކަށް ބަލާއިރު، ޢާންމުކޮށް ޤާނޫނާ ޚިލާފަށް ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލައިގަންނަ ހެއްކެވެ. ނަމަވެސް ފުލުހުން ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ނުވަތަ ޤާނޫނު ބޮލާލާ ޖަހައި، ބާރުގެ ނަހަމަ ބޭނުންކޮށް ހޯދާ ހެކި އެ ޤައުމުތަކުންވެސް ބަލައިނުގަނެއެވެ. މިސާލަކަށް ޖަރުމަނު ވިލާތުގައި ފަރުދީ ޙައްޤެއް ނިގުޅައިގަތުމުގެ ހައްސާސްކަން އެއީ ހޯދުނު ހެއްކަށްވުރެ ނުވަތަ ކުރި ކުށަށްވުރެ ބޮޑުކަމެއްނަމަ، ޤާނޫނާ ޚިލާފަށް ހޯދުނު ހެކި ޝަރީޢަތަށް ބަލައިނުގަނެއެވެ.
173އިނގިރޭސި ވިލާތުގައި ޣައިރުދުސްތޫރީ ނުވަތަ ޣައިރުޤާނޫނީ ޢަމަލެއްގެ ސަބަބުން ހޯދާ ހެއްކަކީ އެ ހެއްކެއް ޝަރީޢަތަށް ބަލައިގަނެފިނަމަ، އިންސާފުން ޝަރީޢަތްކުރެވުމަށް އޮންނައޮތުމުގެ މައްޗަށް ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ފަދަ ކަމެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އެފަދަ ހެއްކެއް ބަލައިނުގަނެއެވެ.57 ދައުލަތުން ހުށަހަޅާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި (illegally obtained evidence) ނުވަތަ އެކަށީގެންނުވާ ގޮތަކަށް ހޯދާފައިވާ ހެކި (improperly obtained evidence)، ނުވަތަ ނާއިންސާފުން ހޯދާފައިވާ ހެކި (unfairly obtained evidence) ކަމާމެދު ކޯޓުތަކުން ގޮތެއް ކަނޑައަޅައެވެ. އެކަމަކު ބުނެވިދިޔަ ޒާތުގެ ހެއްކަކަށްވުމުގެ ނަތީޖާއަކީ އެމެރިކާ ނިޒާމުގައިވާ ފަދައިން އޮޓޮމެޓިކުން އެ ހެކި ޝަރީޢަތަށް ބަލައިނުގަތުމެއް ނޫނެވެ.58 އެފަދަ ހެއްކެއް ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރާނީ ތުހުމަތު ކުރެވޭ މީހާއަށް އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށް އުނިކަމެއް އަތުވެދާނެކަން ނުވަތަ ނޫންކަމާމެދުގައެވެ.
174ކޮމަންލޯ ވިސްނުންވެސް މިއާ ދާދި އެއްގޮތެވެ. އެގޮތުން، ތުހުމަތު ކުރެވޭ މީހާއަށް އިންސާފުން ޝަރީޢަތް ކުރުމަށްޓަކައި ހުށަހަޅާފައިވާ ހެއްކަކީ ޝަރީޢަތުން ބަލައިގަނެގެން ނުވާނެ ހެކި ކަމުގައިވަނީނަމަ، އެފަދަ ހެއްކެއް ބަލައިނުގަތުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.59 ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތް ކުރާނީ އެ ހެކި ޝަރީޢަތަށް ބަލައިގަތުމުގެ ސަބަބުން އެއްކޮޅުން ތުހުމަތުކުރެވޭ މީހާގެ ޙައްޤަށް އަންނަ އުނިކަމާއި (prejudicial effect)، އަނެއްކޮޅުން އެ ހެއްކެއްގެ ކޮލިޓީ، އަދި ސައްޙަކަން އަދި ކަމެއް ސާބިތުކޮށްދިނުމަށް އޮތް އިހުތިމާލު (probative value) އާ އަޅާކިޔާއިރު، މިތަނުން ބޮޑުވަނީ ކޮންކަމެއްތޯއެވެ. އެހެންގޮތަކަށް ބުނާނަމަ، އެ ހެއްކެއްގެ ޕްރީޖުޑީޝަލް އިފެކްޓް އެ ހެއްކެއްގެ ޕްރޮބަޓިވް ވެލިޔު އަށްވުރެ ބޮޑުނަމަ، އެ ހެއްކެއް ޝަރީޢަތަށް ބަލައިނުގަންނާނެއެވެ.
175އެމެރިކާގައި ޢާންމު އުސޫލަކީ ޣައިރުދުސްތޫރީ ހެއްކަކީ ކޯޓަށް ބަލައިނުގަނެވޭ ހެކި ކަމުގައިވުމެވެ. ނަމަވެސް އެފަދަ ހެކި ބަލައިގަތުމުގެ އިސްތިސްނާ ހާލަތްތަކެއް ކޯޓުތަކުން ޤަބޫލުކުރެއެވެ. އެމެރިކާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީއްސުރެން، ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތައް ކޯޓުތަކުން އައީ އެންމެ ހަރުކަށި ގޮތުގައި ނަގަހައްޓަމުންނެވެ. ދައުލަތަކީ ބާރުވެރި ފަރާތް ކަމުގައިވާއިރު ދައުލަތުން ޤާނޫނުއަސާސީގައި ބަޔާންކުރާ ފަރުދީ ޙައްޤުތައް ބޮލާލައި ޖަހައި ހޯދާ ހެއްކަކީ ކޯޓުތަކުން ބަލައިގަންނަ ހެއްކެއް ނޫނެވެ. އަދި މިގޮތަށް ކޯޓުތަކުން ޢަމަލުކުރަނީ ދައުލަތުން، ޚާއްސަކޮށް ފުލުހުން، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
176ނަމަވެސް މިފަހުގެ ބައެއް މައްސަލަތަކުގައި، އެކްސްކްލޫޝަނަރީ ރޫލްއެއްގެ ބޭނުން މިހާރު އޮތުމާ މެދު އެމެރިކާގެ ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވެއެވެ.60 އެގޮތުން، ފުލުހުންގެ ޑިސިޕްލިންއާއި ޕްރޮފެޝަނަލްކަން އިހުނަށްވުރެ ބޮޑުވުމާއި، އެކްސްކްލޫޝަނަރީ ރޫލްގެ ބޭނުމަކީ ގަސްތުގައި، ނިކުމެދާނެ ނަތީޖާއަށް ފަރުވާލެއްނެތި (reckless) ނުވަތަ ފާޅުކަންބޮޑު އިހުމާލު (gross negligence) ގެ ޢަމަލުތައް ހުއްޓުވުން ކަމަށާއި، އަދި މި އުސޫލުގެ ބޭނުމަކީ މީގެ ކުރިން އެމެރިކާގައި އެ އުސޫލު ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ގަޒިއްޔާތަކުގައިވާ އުސޫލުތައް (precedent) ދެމެހެއްޓުން ނޫންކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
177އެމެރިކާގައި އެކްސްކްލޫޝަނަރީ ރޫލްގެ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ސަބަބުން ލިބޭ ހެއްކާއި (good faith exception)، މުސްތަގިއްލު ތިންވަނަ ފަރާތަކުން ނުވަތަ އެހެން ތަޙުޤީޤެއްގެ ތެރެއިން ލިބޭ ހެއްކާއި (independent source doctrine)، އަދި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް ފެންމަތި ނުވެނުދާނެ ހެއްކާއި (inevitable discovery doctrine)، އަދި ޤާނޫނާ ޚިލާފަށް ހިންގި ޢަމަލާއި ހޯދުނު ހެއްކާދެމެދު ސީދާ ގުޅުމެއް ނުވާނަމަ (attenuation) އެފަދަ ހެކި ކޯޓުތަކުން ބަލައިގަނެފައިވެއެވެ. ހަމަ އެފަދައިން، ތުހުމަތު ކުރެވޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރާއިރު، އޭނާ ކޯޓަށް ދޮގު މަޢުލޫމާތު ދޭނަމަ، ޤާނޫނާ ޚިލާފަށް ހޯދި ހެކި ކްރޮސް-އެގްޒެމިން ކުރާއިރު އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެއެވެ. މީގެ ވިސްނުމަކީ ކޯޓަށް ދޮގު މަޢުލޫމާތު ދިނުމަކީ ކުށެއް ކަމުގައިވާއިރު، ޤާނޫނާ ޚިލާފަށް ހޯދޭ ހެއްކެއްވެސް އެފަދަ ހާލަތެއްގައި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ބޭނުންކުރެވުމެވެ. މި ނޫނަސްވެސް އެހެނިހެން އިސްތިސްނާތައް އެމެރިކާ ކޯޓުތަކުން ޤަބޫލުކުރެއެވެ.
178މި އެންމެހައި އިސްތިސްނާއެއް ބިނާވަނީ ކޮންމެ މައްސަލައެއްގައިވެސް ވަށައިގެންވާ ހާލަތަށެވެ. މި އެންމެހައި އިސްތިސްނާއަކީ އެއް އިސްތިސްނާ އަނެއް އިސްތިސްނާއާ އަޅާނުކިޔޭ ކަންކަން ކަމުގައި ވީނަމަވެސް، މި ހުރިހާ ހާލަތްތަކެއްގައިވެސް އެއްގޮތް ކަމެއް ފާހަގަކުރެވެއެވެ. އެއީ ފުލުހުންގެ ޢަމަލެވެ. ކޯޓުން އިސްތިސްނާއެއް ދިނުމާއި ނުދިނުން ބިނާވަނީ ޙަޤީޤަތުގައި ފުލުހުން ޢާންމު ފަރުދުންގެ އަސާސީ ޙައްޤުތަކަށް އިޙްތިރާމް ކުރާ މިންވަރަށް ރިޢާޔަތްކޮށްގެންނެވެ. ފާޅުކަން ބޮޑު ގޮތެއްގައި ޙައްޤުތައް އެއްފަރާތްކޮށް ހިންގާ ތަހުޤީޤުތަކުގައި ހޯދާ ހެއްކަކީ ކޯޓަށް ބަލައިގަންނަ ހެއްކެއް ނޫނެވެ.
179އޮސްޓްރޭލިއާގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ޢާންމު އުސޫލަކީ ޤާނޫނާ ޚިލާފަށް ނުވަތަ އެކަށީގެންނުވާ ގޮތަކަށް ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލައިނުގަންނަ ހެއްކެއް ކަމުގައި ވީނަމަވެސް، އެފަދަ ހެއްކެއް ބަލައިގަތުމަށް އޮތް މަސްލަހަތު ބަލައިނުގަތުމަށް އޮތް މަސްލަހަތަށްވުރެ ބޮޑުނަމަ، އެ ހެއްކެއް ބަލައިގަތުމަށް ފަނޑިޔާރަށް އިޚްތިޔާރު ލިބިގެންވުމެވެ.61
180އޮސްޓްރޭލިއާގެ ހެއްކާބެހޭ ޤާނޫނުގައި ފުލުހުން ތުހުމަތުކުރެވޭ މީހާއާ އިންޓަވިއުކުރާ ގޮތަކުން ލިބޭ މަޢުލޫމާތަށް ރިޢާޔަތް ނުކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާއިރު، ފަނޑިޔާރެއް ހެއްކެއް ބަލައިގަތުމާމެދު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ބައެއް ކަންކަން ޤާނޫނުގައި ތަފްސީލުކޮށްދީފައިވެއެވެ.62 ހެއްކެއް ބަލައިގަތުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެ ހެއްކެއްގެ ޕްރޮބަޓިވް ވެލިޔު، ހުށަހެޅިފައިވާ މައްސަލައިގައި އެ ހެކީގެ މުހިންމުކަން، ތުހުމަތު ކުރެވޭ ކުށުގެ ތަބީއަތް، ނިގުޅިގެންދިޔަ ޙައްޤުގެ ހައްސާސްކަން، އެއީ ގަސްތުގައި ނުވަތަ ފަރުވާކުޑަކަމުގެ ސަބަބުން ހިނގި ޢަމަލެއްތޯ، ނިގުޅިގެންދިޔަ ޙައްޤަކީ އައިސީސީޕީއާރު މުއާހަދާގައި ބަޔާންކުރާ އަސާސީ ޙައްޤެއްތޯ، ނިގުޅިގެންދިޔަ ޙައްޤާ ގުޅިގެން އެހެން މައްސަލައެއް ކޯޓުގައި ވިޔަސް ނުވަތަ ކޯޓުން ބޭރުގައިވިޔަސް ތުހުމަތުކުރުވޭ މީހާއާ ދެކޮޅަށް ހުށަހެޅިފައިވޭތޯ ނުވަތަ ހުށަހެޅުމުގެ އިހުތިމާލު އެބައޮތްތޯ އަދި އޮސްޓްރޭލިއާ ޤާނޫނުތައް ތަންދޭ މިންވަރުން އެ ހެއްކަކީ ޤާނޫނަކާ ޚިލާފުނުވެ އެކަށީގެންވާ ގޮތަކަށް ހޯދުމުގެ ފުރުސަތު އޮތް ހެއްކެއްކަން ނުވަތަ ނޫންކަމާއި އަދި މިނޫންވެސް އެހެނިހެން ކަންކަމުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތް ކުރަންޖެހެއެވެ.63
181ކެނެޑާގައި ޣައިރުދުސްތޫރީ ހެކި ބަލައިގަތުމާ މެދު ބޭނުންކުރާ ޓެސްޓަކީ، ޣައިރުދުސްތޫރީ ހެކި ބަލައިގަތުމުގެ ނަތީޖާއަކީ އިންސާފު ގާއިމުކުރުމަށް ހުތުރު ނަމެއް ނުވަތަ ޑިސްރެޕިޔުޓް (disrepute) ލިބިދާނެ ކަމެއްކަމުގައި ވާނަމަ، އެފަދަ ހެއްކެއް ބަލައިނުގަތުމެވެ.64 ޑިސްރެޕިޔުޓް ނުވަތަ ހުތުރު ނަމެއް ލިބިދާނެކަމަށް ކަނޑައެޅުމުގައި މައިގަނޑު ތިން ކަމަކަށް ކޯޓުތަކުން ރިޢާޔަތް ކުރެއެވެ.65
182ފުރަތަމަ ކަމަކަށް، ޣައިރުދުސްތޫރީ ޢަމަލުގެ ހައްސާސްކަމަށް ރިޢާޔަތްކުރެއެވެ. އެގޮތުން، ގަސްތުގައި ނުބައި ނިޔަތެއްގައި ފަރުދެއްގެ އަސާސީ ޙައްޤަށް އުނިކަން އަންނަފަދަ ގޮތަކަށް ފުލުހުން ޢަމަލުކޮށްފައިވާނަމަ، އެ ޣައިރުދުސްތޫރީ ޢަމަލުގެ ސަބަބުން ހޯދި ހެކި ކޯޓަށް ބަލައިނުގަތުން އެކަށީގެންވެއެވެ.
183ދެވަނަ ކަމަކަށް، ޣައިރުދުސްތޫރީ ޢަމަލުގެ ސަބަބުން ތުހުމަތު ކުރެވޭ މީހާގެ ދުސްތޫރީ ހައްޤުތަކަށް އަސަރުކުރާ މިންވަރަށް ރިޢާޔަތްކުރެއެވެ. މިސާލަކަށް ޣައިރުދުސްތޫރީ ޢަމަލުގެ ސަބަބުން ޒާތީ ދިރިއުޅުމުގެ ހައްޤަށް އުނިކަން އައިސްފައިވާ މިންވަރު ނުވަތަ ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ފަދަ ކަންކަމަށް ކޯޓުން ރިޢާޔަތް ކުރާނެއެވެ. އަނެއްކާވެސް ނިގުޅިގެންދާ ޙައްޤުގެ ހައްސާސްކަން ބޮޑުވާ ވަރަކަށް ޣައިރުދުސްތޫރީ ޢަމަލަކުން ހޯދާ ހެކި ކޯޓުން ބަލައިނުގަތުން އެކަށީގެންވެއެވެ.
184ތިންވަނަ ކަމަކަށް ކެނެޑާ ކޯޓުތަކުން ރިޢާޔަތް ކުރަނީ އެފަދަ މައްސަލައެއްގައި ކޯޓަކުން ގޮތެއް ކަނޑައެޅުމުގައި މުޖްތަމަޢުގެ މަސްލަހަތުވާ މިންވަރަށެވެ. މި ނުކުތާގެ ދަށުން ކޯޓުތަކުން ރިޢާޔަތް ކުރާނީ ފެނުނު ހެކީގެ ސައްޙަކަމަށާއި، ދައުލަތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް އެ ހެކީގެ މުހިންމުކަމަށާއި އަދި ތުހުމަތު ކުރެވޭ މީހާ ކުރި ކުށުގެ ކުޑަބޮޑުމިނަށެވެ.66
ރާއްޖޭގައި ރިޢާޔަތް ކުރެވިދާނެ ކަންކަން
185ހުރިހާ ޤައުމުތަކެއްގައިވެސް ޢަމަލުކުރާ ގޮތަށް ބަލާއިރު، މައްސަލައަކަށް އެކްސްކްލޫޝަނަރީ ރޫލް ތަޠުބީޤުކޮށްފިނަމަ، ޔަޤީންކަމާއެކު އިސްތިސްނާވާ ހާލަތްތަކާއި ނުވާ ހާލަތްތައް ބުނެ ނުދެވިދާނެއެވެ. ކޮންމެ މައްސަލައެއްގައިވެސް ބަލަނީ އެ މައްސަލައެއްގައި ވަށައިގެންވާ އެންމެހައި ކަންކަމަށެވެ. މި ހުރިހާ ޖޫރިސްޑިކްޝަން ތަކެއްގައިވެސް އަމާޒުހިފާ އެއް ކަމެއް އޮތްކަން ފާހަގަކުރެވެއެވެ. އެއީ ކުށްކުރުން ހުއްޓުވުމަށްޓަކައި ފުލުހުންގެ ޢަމަލުތައް ބައްޓަންވާ ގޮތާއި، އަސާސީ ފަރުދީ ޙައްޤުތައް ހިމާޔަތް ކުރެވޭ މިންވަރާއި، އަދި ކޯޓުތަކުންވެސް އިންސާފު ޤާއިމުކުރުމުގެ މަޝްރޫއިއްޔަތުކަން ނުވަތަ ލެޖިޓިމަސީ (legitimacy) އަށް ޢާންމު މަސްލަހަތު ބަރޯސާވާ މިންވަރަށް ބަލައި، ތިލަފަތުގައި މި އެންމެހައި ކަންކަން އެއްހަމަކުރެވުމެވެ.
186ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު އުސޫލަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިނުގަތުމެވެ. ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އަދި ހެއްކާބެހޭ ޤާނޫނުގައިވެސް ޣައިރުޤާނޫނީ ހެއްކާމެދު ޢަމަލުކުރަންވާ ވަކި އިރުޝާދުތަކެއް ދީފައިނުވެއެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޣައިރުޤާނޫނީ ހެކި ޝަރީޢަތަށް ބަލައިނުގަނެވޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދުނިޔޭގެ އެހެނިހެން ކުރިއަރާފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައި މި ޙައްޤު މާނަކުރުމުގައި އިސްތިސްނާތަކެއް ވާކަން ޤަބޫލުކުރެއެވެ. އާޚިރު ނަތީޖާއަކީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުރެވޭ ޝަރީޢަތަކީ އޭނާގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރެވުމާއެކު އިންސާފުން ޝަރީޢަތް ކުރުން ކަމުގައިވާއިރު، ކުށްކުރާ މީހުންނަށް އަދަބުދީ މުޖްތަމައުއަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
187ޣައިރުޤާނޫނީ ހެއްކާމެދު ދިވެހިރާއްޖޭގައި ޢަމަލުކުރަންވީ އިސްތިސްނާ ހާލަތްތައް ބަޔާންކުރަންޖެހޭނީ ޤާނޫނެއްގައި ކަމުގައި އަހުރެން ދެކެމެވެ. އެހެންނަމަވެސް، އެފަދަ ޤާނޫނެއް މިވަގުތު ވުޖޫދުގައި ނެތުމަކީ މުޅި ނިޒާމު މެދުވެރިކޮށް ކުށްކުރާ މީހުންނަށް މުޠުލަޤަށް ފަހި ވެށްޓެއް ޤާއިމުކޮށްދިނުމެއްވެސް ނޫނެވެ.
188ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު ގަޒިއްޔާގައި ފުލުހުންގެ ޢަމަލުތައް ހުރި ގޮތަށް ބަރޯސާވާކަން އެނގެއެވެ. އެ ގަޒިއްޔާގައި ފުލުހުން ހެޔޮ ނިޔަތުގައި ހޯދާ ހެކި ޝަރީޢަތަށް ބަލައިގަނެވިދާނެކަމަށް ކަނޑައަޅާފައިވެއެވެ. މި އިސްތިސްނާ ހާލަތާއެކު އަންނަނިވި ކަންކަމަށްވެސް ކޯޓުތަކުން ރިޢާޔަތްކުރެވިދާނެއެވެ.
(ހ) ފުލުހުންގެ ޢަމަލު: ފުލުހުންގެ ހެޔޮ ނިޔަތުގެ މަފްހޫމް ފުޅާ ކުރާނަމަ، ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އަމުރު ނުވަތަ ލިޔެކިޔުންފަދަ ތަކެއްޗަށް ބަރޯސާވުމުގެ އިތުރުން، ފުލުހުންގެ ނިޔަތް ކަނޑައެޅުމުގައި، ފުލުހުންގެ ޢަމަލުތަކަކީ ޤަސްތުގައި، ނިކުމެދާނެ ނަތީޖާއަކަށް ފަރުވާލެއް ނެތި، ނުވަތަ މީހެއްގެ ޙައްޤަށް ބެލުމެއް ނެތި ނުވަތަ ފާޅުކަން ބޮޑު އިހުމާލުގެ ޢަމަލުތަކެއްކަން ކޯޓަށް ފެނިއްޖެނަމަ، އެފަދަ ހެއްކަކީ ކޯޓުން ބަލައިގަނެގެންވާނެ ހެއްކެއް ނޫނެވެ. ފުލުހުންގެ ޢަމަލުތަކަށް ރިޢާޔަތް ކުރާއިރު އެ ހެއްކަކީ ޤާނޫނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް ފެންމަތި ނުވެނުދާނެ ހެކިތޯ ކަނޑައެޅިދާނެއެވެ. ނަމަވެސް މީގެ މާނައަކީ ޤާނޫނުގައިވާ އިޖުރާއަތާ އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި ފަސޭހަކައަކަށް ޤާނޫނު އެއްފަރާތްކޮށް ހެކި ހޯދުމެއް ނޫނެވެ. އެފަދަ ހެކި ބަލައިގަނެގެން ނުވާނެއެވެ.
(ށ) ގެއްލުނު ޙައްޤު: ތުހުމަތު ކުރެވޭ މީހާގެ ގެއްލުނު ޙައްޤުގެ ކުޑަބޮޑު މިނަށްވެސް ރިޢާޔަތް ކުރެވިދާނެއެވެ. ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤެއް ނިގުޅިގެންދާ ގޮތަކަށް ހޯދާ ހެކި ކޯޓަށް ބަލައިނުގަނެވޭނެއެވެ. ނަމަވެސް ގެއްލިގެންދާކަމަށް ބުނާ ޙައްޤާއި ހުށަހެޅިފައި އޮތް މައްސަލައާއި އެ މައްސަލައިގެ ހެއްކާ ސީދާ ގުޅުމެއް ނުވާނަމަ، އެ ހެކި ބަލައިގަތުމުގެ ފުރުސަތު އޮންނާނެއެވެ. ނިގުޅިގެންދާ ޙައްޤުގެ ހައްސާސްކަން ބޮޑުވާ ވަރަކަށް ހެކި ބަލައިގަތުމުގެ ފުރުސަތު ކުޑަވާނެއެވެ.
(ނ) ހެކީގެ މުހިންމުކަން: ކަމެއް ސާބިތުކުރުމަށް އޮތް ޣައިރުޤާނޫނީ ހެކި އެ މައްސަލައަށް މުހިންމުވާ މިންވަރަށް ރިޢާޔަތް ކުރެވިދާނެއެވެ. އެކަމަކު ގޮތެއް ކަނޑައެޅުމުގައި ތުހުމަތު ކުރެވޭ ކުށުގެ ކުޑަބޮޑުމިނާއި، ތުހުމަތު ކުރެވޭ މީހާގެ ނިގުޅިގެންދާ ޙައްޤުގެ ހައްސާސްކަމާއި، އަދި މުޖްތަމަޢުގެ މަސްލަހަތު، މި ތިން ކަންކަމަށް ރިޢާޔަތްކޮށް، އެއްހަމަ ކުރެވެންވާނެއެވެ. ފަނޑިޔާރުގެ އަމާޒަކަށް ވާންވާނީ ތުހުމަތު ކުރެވޭ މީހާއަށް އިންސާފުން އަދި ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު ކަށަވަރުވެގެންދިޔުމެވެ.
189ޣައިރުދުސްތޫރީ ހެކި ބަލައިގަތުމުގައި ގޮތެއް ކަނޑައެޅުމަކީ އެއްވެސް ހާލެއްގައި ފަސޭހަކަމެއް ނޫނެވެ. ފުލުހުންގެވެސް އަމާޒަކަށްވާންވާނީ އެންމެހައި ޙައްޤުތައް ކަށަވަރުކޮށްދީގެން ތަހުޤީޤުތައް ފުރިހަމަ ކުރުމެވެ. އިންސާފު ޤާއިމުކުރެވޭނީ އިންސާފާ ގުޅުންހުރި ދައުލަތުގެ އެންމެހައި އިދާރާތައް އިންސާފުވެރިކަމާއެކު ޢަމަލުކުރުމުންނެވެ. އިންސާފު ޤާއިމުކުރުމުގެ ބާރާއި މަސްއޫލިއްޔަތު އޮންނަނީ ހަމައެކަނި ކޯޓެއްގައި އިންނަ ފަނޑިޔާރަކަށް ނޫނެވެ.
ކަމްރުލް އިސްލާމްގެ މައްސަލައިގައި ކޯޓަށް ރިޢާޔަތް ކުރެވިދާނެ ހެކި
190މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ބަޔާންކުރަނީ ޣައިރުދުސްތޫރީ އިޢުތިރާފަކުން ލިބުނު މަޢުލޫމާތުގެ އަލީގައި ލިބުނު ހެކި ވާނީ ޣައިރުދުސްތޫރީ ޢަމަލުގެ މޭވާއަށްކަމުން، ކަމްރުލް އިސްލާމްގެ އިޢުތިރާފުން ލިބުނު މަޢުލޫމާތުގެ އަލީގައި ފަހުން ހޯދި ހެއްކަކީ ޝަރީޢަތަށް ބަލައިގަނެވިގެންވާނެ ހެއްކެއް ނޫންކަމަށެވެ.
191ކުރިންވެސް ފާހަގަކުރި ފަދައިން، ކަމްރުލް އިސްލާމްގެ އިޢުތިރާފަކީ ޝަރީޢަތަށް ބަލައިގަނެގެން ނުވާނެ އިޢުތިރާފެއް ކަމުގައިވީނަމަވެސް، އެ އިޢުތިރާފުގެ ސަބަބުން ފުލުހުން ޓީޖެޓީ ސަރަހައްދުން ވަޅިއަކާއި ގަމީހެއް ހޯދިއެވެ.
192މީގެ އިތުރުން ކަމްރުލް އިސްލާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އދ.ދަނގެތީ އޯކޭ ގެއިން ހޯދި ކަމްރުލް އިސްލާމްގެ ޖީންސުބުރިއާއި ފުލުހުން ހޯދާފައިވާ ސީސީޓީވީ ފުޓްޖެއަކީވެސް ކަމްރުލް އިސްލާމް ދިން މަޢުލޫމާތުގެ ސަބަބުން ލިބުނު ހެކި ކަމުން، އެ ހެއްކަކީވެސް ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިކަމަށް ކަނޑައަޅައިދިނުމަށެވެ.
193ކަމްރުލް އިސްލާމްގެ ފަރާތުން ސުވާލު އުފައްދާ ހެކިތަކަށް ވަކިވަކިން ބަލައިލާނަމެވެ.
(ހ) ޓީޖެޓީ މޫދު އަޑިން ފެނުނު ވަޅިއާއި ގަމީސް
194ޕްރިސިޑެންސް 7ޓީޖެޓީ މޫދު އަޑިން ފެނުނު ވަޅިއާއި ގަމީހަކީ ސީދާ ކަމްރުލް އިސްލާމް ދިން މަޢުލޫމާތެއްގެ ސަބަބުން ފުލުހުން ހޯދާފައިވާ ހެއްކެވެ. ކަމްރުލް އިސްލާމްގެ ކިބައިން ފުލުހުން މަޢުލޫމާތު ހޯދާފައިވަނީ އޭނާގެ ދުސްތޫރީ ޙައްޤުތައް ކަށަވަރުކުރުމެއް ނެތި، އޭނާގެ މައްޗަށް މަރުގެ އަދަބު އަތުވެދާނެ ފަދަ ދަޢުވާއެއް ކުރުމުގެ އިހުތިމާލު އޮތްކަންވެސް ބުނެނުދީ، އޭނާ ބަންދެއްގައި ބަހައްޓައިގެން ނުފޫޒަށް ދީލައިލީކަން ބެލުމުގެ ފުރުސަތު އޮތް މަހައްލެއްގައެވެ.
195ފުލުހުންގެ ތަހުޤީޤު ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ގުޅައި، އެ އޮފީހުގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވުމާއެކު، ކަމްރުލް އިސްލާމްގެ ފަރާތުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލަސްނުކޮށް ތަހުޤީޤުކޮށްފައިވަނީ ފުލުހުންގެ ކިބައިގައި ނުބައި ނިޔަތެއް އޮވެގެން ކަމުގައި އަހުރެންނަށް ޤަބޫލު ނުކުރެވެއެވެ.
196ވަޅިއާއި ގަމީސް މިއީ ދައުލަތުން ކަމްރުލް އިސްލާމްގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުކޮށް ދިނުމަށް އޮތް މުހިންމު ހެއްކެއްތޯ ބަލާއިރުގައި، ކަމްރުލް އިސްލާމް ފުލުހުންނަށް ދިން މަޢުލޫމާތު ނުވަތަ އޭނާގެ ތަހުޤީޤު ބަޔާނަކީ ޣައިރުދުސްތޫރީ ގޮތަކަށް ހޯދާފައިވާ ބަޔާނެއް ކަމުގައިވާއިރު، ކަމްރުލް އިސްލާމްގެ ތަހުޤީޤު ބަޔާން އެއްފަރާތް ކުރުމުން، ފުލުހުންނަށް ފެނުނު ވަޅި އާއި ގަމީސް މި މައްސަލައާ ގުޅުވާލަދެވޭ ގޮތް އަންގައިދޭ އިތުރު ހެއްކެއް ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ.
197މޮނީރުލް އިސްލާމްގެ ހަށިގަނޑު 26 ނޮވެންބަރު 2012 ގައި ފެނުނުތާ ދެ ހަފްތާ ތެރޭގައި ފުލުހުންގެ ތަހުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ޤާޠިލުކަމަށް ޝައްކުކުރެވޭ މީހާއާ ދިމާލަށް ގޮސްފައިވަނީ ބުރަ މަސައްކަތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އެތައް މުވައްޒަފުންތަކެއްގެ މިންނެތް މަސައްކަތާ އެކުގައެވެ. ޓީޖެޓީ މޫދު އަޑި ބަލައި ފާސްކުރުމާއި، އދ. ދަނގެތި ޖެޓީ ސަރަހައްދާއި ގޮނޑުދޮށް ބަލައި ފާސްކުރުމާއި، އދ. ދަނގެއްޗަށް ފުލުހުންގެ ތަހުޤީޤު ޓީމެއް ދިޔުމާއި، މޮނީރުލް އިސްލާމްގެ ފޯނުގައި ހުރި ނަންބަރުތަކަށް ގުޅައި އެތައް ބަޔަކާ ސުވާލުކޮށް އެމީހުންގެ ސާމްޕަލްތައް ނަގައި ތަހުލީލުކުރުމާއި، މިހެންގޮސް ދެ ހަފްތާ ތެރޭގައި އެތައް ފުލުހެއްގެ އެތައް ވަގުތެއް ހޭދަކޮށް، ތަހުޤީޤަށް ބޮޑެތި ޚަރަދުތަކެއްދާނެ ކަމަށް ބެލެވޭއިރު، އަދި އެ ދެ ހަފްތާ ފަހުންވެސް ރާއްޖޭގައި ނެތް ބިދޭސީއަކު އެނބުރި އައުމުން އޭނާއާ ގުޅިގެންވެސް އިތުރު ތަހުޤީޤުތަކެއް ކޮށްފައިވާއިރު، ނުފޫޒާއި ޖަޒުބާތުން އެއްކިބާވެ ތަހުޤީޤުކުރާއިރު ދިވެހި ފުލުހުންނަކީ ހުނަރުވެރި އަދި ޤާބިލު ބައެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން މި މައްސަލައިގައި އެއްފަހަރާ ހަރަކާތްތެރިވެފައި ވާއިރު، މި އެންމެހައި ކަންކަން އެއްފަހަރާ އިންތިޒާމްކޮށް ބެލެހެއްޓުންވެސް ފަސޭހަކަމަކަށް ނުވާނެއެވެ.
198ޓީޖެޓީއިން ނެގި ވަޅިއާއި ގަމީހަކީ ކަމްރުލް އިސްލާމް ފުލުހުންނަށް ދިން މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅުނު ހެކި ކަމުގައި ބެލެވެއެވެ. ކަމްރުލް އިސްލާމްގެ ތަހުޤީޤު ބަޔާނަކީ ޤާނޫނާ އެއްގޮތަށް ނެގުނު ބަޔާނެއްނަމަ، އެ ބަޔާނަށް ރިޢާޔަތްކޮށް އެ ބަޔާނުގެ ސައްޙަކަން ސާބިތުކޮށްދޭ ހެއްކަކަށް ވަޅިއާއި ގަމީސްވާނެއެވެ.
199ނަމަވެސް އެ ބަޔާން އެއްފަރާތް ކުރުމާއެކު ވަޅި އާއި ގަމީހުގެ ތަހުލީލު ރިޕޯޓުތަކުން މި މައްސަލައާ ގުޅުވައިދޭ އެއްވެސް ހެއްކެއް ލިބިފައިނުވެއެވެ. މޫދު އަޑީގައި ގިނަ ދުވަސްވެފައިވާ ތަކެތިން ޑީއެންއޭ ސާމްޕަލް ނުލިބިދާނެއެވެ.
200މި މައްސަލައިގައި ޕޯސްޓް މޯޓަމްއެއް ހެދުނުނަމަ، މޮނީރުލް އިސްލާމް މަރާލަން ބޭނުންކުރި އާލާތުގެ ތަފްސީލު ލިބުން އެކަށީގެންވީހެވެ. އެގޮތުން މަރާލަން ބޭނުންކުރީ ވަޅިއެއް ކަމުގައިވާނަމަ، އެ ވަޅީގެ ސިފަތައް ތަފްސީލު ކުރެވުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލުކުރެވެއެވެ. މިސާލަކަށް، ވަޅީގެ ތިލައިގައި ހުރި ދިގު މިނާއި ފުޅާ މިނާއި، އެއީ ތޫނު ނުވަތަ ކޮށި ވަޅިއެއްތޯއާއި، ހަރާލާފައިވާ ގޮތްފަދަ ތަފްސީލު ލިބުނީހެވެ. އެފަދަ މަޢުލޫމާތެއް ހުރިނަމަ ޓީޖެޓީ މޫދު އަޑިން ނެގި ވަޅިއާއި މި މައްސަލައާ ގުޅުވާލެވޭތޯ ބެލުމުގެ ފުރުސަތު އޮތީހެވެ.
201ހަމަ އެފަދައިން މޫދު އަޑިން ނެގި ގަމީހަށް ބަލާއިރު، އެ ގަމީހުންވެސް އެއްވެސް ޑީއެންއޭއެއް ފެނިފައި ނުވާއިރު، މިވަގުތު އެ ގަމީސް މައްސަލައާ ގުޅުވާލަދެވޭ އިތުރު ހެއްކެއް ނެތެވެ. ސީސީޓީވީ ފުޓެޖްގެ ވީޑިއޯތަކުންވެސް މޮނީރުލް އިސްލާމްއާއި ކަމްރުލް އިސްލާމްއާ ދެމީހުން ހިނގާފައިދާ މަންޒަރު ފެންނައިރު، އެ މަންޒަރުގައި ކަމްރުލް އިސްލާމް ލައިގެންހުރި ގަމީހާ މޫދު އަޑިން ނެގި ގަމީހާ އެއްގޮތް ސިފަތަކެއް ހުރިކަމަށް ބުނެދެވުނުނަމަ، އެ ގަމީހަށް ރިޢާޔަތް ކުރުމުގެ ފުރުސަތު އޮތީހެވެ.
202ޖުމްލަކޮށް، ކަމްރުލް އިސްލާމްގެ ކިބައިން ތަހުޤީޤަށް މަޢުލޫމާތު ހޯދާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމުގައިވާއިރު، އަދި މޫދު އަޑިން ނެގި ވަޅިއާއި ގަމީސް މި މައްސަލައަށް ގުޅުވާލަދެވޭ އިތުރު އެއްވެސް ހެއްކެއް ނެތް ހާލަތުގައި، މި ދެ ހެއްކަކީ ޝަރީޢަތަށް ބަލައިގަންނަންޖެހޭ ދެ ހެކިކަމުގައި އަހުރެން ނުދެކެމެވެ.
(ށ) އދ. ދަނގެތި އޯކޭގެއިން ފެނުނު ޖީންސުބުރި
203އދ. ދަނގެތި އޯކޭގެ ބަލައިފާސްކޮށްގެން ފެނުނު ކަމްރުލް އިސްލާމްގެ ޖީންސުބުރިން ކަމްރުލް އިސްލާމް އާއި މޮނީރުލް އިސްލާމްއާ ދެމީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުން ދައްކައެވެ.
204މި ހެއްކަކީވެސް ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެކި ކަމުގައި ކަމްރުލް އިސްލާމްގެ ފަރާތުން ބުނެއެވެ.
205ޕްރިސިޑެންސް 8މައްސަލައިގެ ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، ކަމްރުލް އިސްލާމް ދަނގެތި ފުލުސް އޮފީހަށް އެންމެ ފުރަތަމަ ހާޒިރުވީ 3 ޑިސެންބަރުގައެވެ. އެދުވަހު އޭނާ އެތަނަށް ދިޔުމުން އޭނާއަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައިވެއެވެ.
206އެ ފަހުން 9 ޑިސެންބަރުގައި ފުލުހުން އޯކޭގެ ބަލައި ފާސްކުރީ ކޯޓު އަމުރެއް ނެތި ނަމަވެސް އެގޭގެ ވެރިފަރާތުގެ ހުއްދައާ އެކުގައެވެ. އެ ގޭގައި އޭރު ކަމްރުލް އިސްލާމް ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އަދި ގޭގެ ވެރިފަރާތްތައް ދިރިއުޅެމުން ގެންދިޔައީ މާލޭގައެވެ.
207ބަހުސްގެ ބޭނުމަށްޓަކައި، ގޭގެ ވެރިފަރާތުން އެ ގެ ބަލައި ފާސްކުރަން ހުއްދަ ދީފައިވީ ނަމަވެސް، އަމުރެއް ނެތި އެ ގެ ބަލައި ފާސްކުރިކުރުމަކީ ޣައިރުޤާނޫނީ ޢަމަލެއް ކަމުގައި ބަލާނަމަ، މި އިޖުރާއަތު ހަމަ މަގަށް އަޅުވައި އަމުރެއް ހޯދައިގެން އައިސް އެ ގެ ބަލައި ފާސްކުރުމުގެ ފުރުސަތު ފުލުހުންނަށް އޮންނާނެކަމުގައި ޤަބޫލުކުރެވެއެވެ.
208ޖީންސުބުރިއާއި އަދި މިނޫންވެސް އެހެނިހެން ތަކެތި އެގެއިން ނަގާފައިވަނީ ކަމްރުލް އިސްލާމް އިޢުތިރާފުވިކަމަށް ފުލުހުން ބުނާ ވަގުތުގެ ކުރިންކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. އަދި ޖީންސުބުރި ފުލުހުން އެގެއިން ނަގާފައިވަނީ ކަމްރުލް އިސްލާމްގެ އެހެނިހެން އަންނައުނާ އެކުގައި ކަމުގައިވާއިރު، ޖީންސުބުރިން މައްސަލައަށް ވަކި ހެއްކެއް ލިބޭނެކަން އެތަކެތި ގެންދިޔަ ފުލުހުންނަށް އެނގިފައިވާކަން ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަތަކުންނާއި ތަހުޤީޤު ބަޔާނުން އެނގޭކަށްނެތެވެ.67
209ވުމާއެކު ޖީންސުބުރިން ލިބުނު މަޢުލޫމާތަކީ ސީދާ ކަމްރުލް އިސްލާމްގެ އިޢުތިރާފުގެ ސަބަބުން ނެގި އެއްޗެއް ކަމުގައި އެނގޭކަށް ނެތެވެ. އަދި އަމުރަކާ ނުލައި ވަންވަނުންވެސް އެއީ ޤާނޫނާ ޚިލާފަށް ކުރި ޢަމަލެއް ކަމުގައި ބެލިނަމަވެސް، ޤާނޫނީ އިޖުރާއަތުގެ ތެރެއިން އަލުން އެކަން ކުރުމުގެ ފުރުސަތު އޮތުމުން، ޖީންސު ބުރިއާއި އޭގެން ފެނުނު ޑީއެންއޭ އަކީ ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވިދާނެ ތަކެތި ކަމުގައި ދެކެމެވެ.
(ނ) ސީސީޓީވީ ފުޓެޖް
210މި މައްސަލައިގައި ހުށަހެޅުނު ސީސީޓީވީ ފުޓްޖެއާ ގުޅޭ ގޮތުން ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވަނީ ސީސީޓީވީ ފުޓެޖްގެ މަޢުލޫމާތުވެސް ހޯދާފައިވަނީ ކަމްރުލް އިސްލާމްއަށް ދުސްތޫރީ ޙައްޤުތައް ދިނުމަކާ ނުލައި ސުވާލުކުރުމަށްފަހު ކަމަށެވެ.
211ނަމަވެސް މި މައްސަލައިގައި ކަން ހިނގި ގޮތަށް ބަލާއިރު، ކަމްރުލް އިސްލާމްގެ ބަހަށް ބަރޯސާވެ ބެލި ސީސީޓީވީ ފުޓެޖްތަކުން އޭނާ ނުފެންނަކަމަށް ފުލުހުން ބުނެފައިވެއެވެ.68 ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް މި މަޢުލޫމާތު ނުދިން ނަމަވެސް، ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމް ހަށިވިއްކާ މީހެއް ކައިރިއަށް ދިޔަކަމަށް ބުނުމުން އެތަނަށްވެސް ފުލުހުންގޮސް ތަހުޤީޤު ކުރިކަމަށް ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި މިވާހަކަ ކަމްރުލް އިސްލާމްގެ ފަރާތުން ދޮގުކޮށްފައިނުވެއެވެ.
212ފުލުހުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް ބުނެފައިވަނީ ކަމްރުލް އިސްލާމް ތަހުޤީޤަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވަނީ ފުލުހުންނަށް ފެންނަ ސީސީޓީވީ ފުޓެޖްއަކުން ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްއާ ދެމީހުން އެއްކޮށް ހިނގާފައިދާ ތަނުގެ ވީޑިއޯ ކަމްރުލް އިސްލާމްއަށް ދެއްކުމުން ކަމަށެވެ.69
213ބުނެވުނު ސީސީޓީވީ ފުޓެޖްއަކީ މޮނީރުލް އިސްލާމް ދިރިއުޅުނު ގެއާ ޖެހިގެން ހުރި ކާށިބޯޓު ފިހާރައިގެ ސީސީޓީވީ ފުޓެޖްއެވެ. އަދި މި ފުޓެޖްއަކީ މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓެޖްކަމަށް ފުލުހުން ބުނާއިރު، މި މަޢުލޫމާތަކީވެސް ކަމްރުލް އިސްލާމް ތަހުޤީޤުގައި ދިން މަޢުލޫމާތުގެ ކުރިން، ފުލުހުން މިނިވަންކޮށް ހޯދާފައިވާ މަޢުލޫމާތު ކަމުގައި ބެލެވޭތީ، ސީސީޓީވީ ފުޓެޖްވެސް ޝަރީޢަތަށް ބަލައިނުގަންނަންޖެހޭ ސަބަބެއް ކަމްރުލް އިސްލާމްއަށް ދެއްކިފައިނުވެއެވެ.
214ވުމާއެކު، ކަމްރުލް އިސްލާމްގެ އިޢުތިރާފު ބަޔާނާއި ޓީޖެޓީ ސަރަހައްދުން ހޯދި ވަޅިއާއި ގަމީސް ފިޔަވައި ދެންހުރި ހެއްކަކީ ޝަރީޢަތަށް ބޭނުންކުރެވިދާނެ ހެކިކަމުގައި އަހުރެން ދެކެމެވެ.
މި މައްސަލައިގައި ލިބިފައިވާ ހެކިން ގަސްތު މަރު ސާބިތުވޭތޯ
215ޕްރިސިޑެންސް 9މި މައްސަލައިގައި ދައުލަތުގެ ފަރާތުން ކަމްރުލް އިސްލާމްގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދަޢުވާއެވެ. ގަސްތު މަރު ނުވަތަ ޤަތުލް އަމްދު ސާބިތުވާން ތިން ރުކުނެއް ފުރިހަމަވާންޖެހެއެވެ.
216ފުރަތަމަ ކަމަކަށް، ގަސްތެއް އޮވެ މަރާލި މީހާއަކީ ދިރިހުރި މީހެއްކަމުގައިވާން ޖެހެއެވެ. ދެވަނަ ކަމަކަށް މަރުވި މީހާ މަރުވީ ޤާޠިލުގެ ޢަމަލެއްގެ ސަބަބުން ކަމުގައިވާންޖެހެއެވެ. އަދި ތިންވަނަ ކަމަކަށް ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ޤާޠިލުގެ ކިބައިގައި އޮންނަންޖެހެއެވެ.
217މި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކަށް ބަލާއިރު، ދިލިޕް ކުމާރު ރާތާއަށް މޮނީރުލް އިސްލާމް މަރާލާފައި އޮއްވައި ފެނުނު ވާހަކަ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.70 އަދި އޭނާ ތަހުޤީޤަށް ދިން ބަޔާނަކީ ސައްޙަ ބަޔާނެއް ކަމުގައި ބުނެފައިވެއެވެ. ތަހުޤީޤު ބަޔާނުގައި ދިލިޕް ކުމާރު ރާތާ ބުނެފައިވަނީ ޗާނދަނީ މަގު 24 ނަންބަރު ގޭގެ 6 ވަނަ ފަންގިފިލާ އެޕާރޓްމަންޓް ހުޅުވަން ދިޔައީ 26 ނޮވެންބަރު 2012 ގައި ކަމަށެވެ. ދިލިޕް ކުމާރު ރާތާއަށް މޮނީރުލް އިސްލާމްގެ ހަށިގަނޑު ފެނުމުން ފޯނުކުރި ޙުސައިން ނިޘާމް އާއި ޙުސައިން ޝަރީފްއާ ދެ ފުލުހުންވެސް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ 26 ނޮވެންބަރު 2012 ގައި އެގެއަށް ދިޔައީ މެންދުރު ކުރިންކަމަށެވެ.71 ދިލިޕް ކުމާރު ރާތާ، ޙުސައިން ނިޘާމްއަށް ގުޅާފައިވަނީ 11:25 ގައި ކަމަށް ޙުސައިން ނިޘާމް އަދި ޙުސައިން ޝަރީފްވެސް ތަހުޤީޤަށް ދިން ބަޔާންތަކުން އެނގެއެވެ.72
218އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ 26 ނޮވެންބަރު 2012 ގެ “Brought Dead Report” ގައި މޮނީރުލް އިސްލާމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:45 ގައި ކަމަށާއި، ހަށިގަނޑުން ކުނިވަސް ދުވާ ކަމަށާއި އަދި ހަށިގަނޑު ހަރުދަނޑިވެފައިވާ ކަމަށާއި، މަރުވުމަށްފަހު ގައިގެ ކުލައަށް އަންނަ ބަދަލު އައިސްފައިވާކަމަށާއި، މޮނީރުލް އިސްލާމް މަރުވެފައިވާތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.73 އަދި މަރުވި ސަބަބަކީ ކަރު ބުރިކޮށްލުމާއި ނެވާލާ ހޮޅިއާއި އަދި ހަށިގަނޑުގެ މުހިންމު ތަންތަން ޒަޚަމްކޮށްލުމުގެ ސަބަބުންކަމަށް އެ ރިޕޯޓުގައިވެއެވެ.
219މީގެ އިތުރުން ދިލިޕް ކުމާރު ރާތާ ތަހުޤީޤަށް ދީފައިވާ ބަޔާނުގައި އޭނާއާއި މޮނީރުލް އިސްލާމް އެއް ޢިމާރާތެއްގައި ދިރިއުޅެ، އެއް އޮފީހެއްގައި ވަޒީފާ އަދާކުރިނަމަވެސް، ދިލިޕް ކުމާރު ރާތާއަށް މޮނީރުލް އިސްލާމް އެންމެ ފަހުން ފެނިފައިވަނީ 24 ނޮވެންބަރު 2012 ގައި އޮފީހުން ކަމަށް ބުނެފައިވެއެވެ.74 25 އަދި 26 ނޮވެންބަރުގައިވެސް މޮނީރުލް އިސްލާމް އޮފީހަށް ހާޒިރުނުވާކަމަށް ބުނެފައިވެއެވެ.
220މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެ ފަހުން ސީސީޓީވީއަށް އަރާފައިވަނީ 24 ނޮވެންބަރު 2012 ގެ 23:21 ގައެވެ. މި ވާގިއާއާ ގުޅިގެން އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައިނުވެއެވެ. ނަމަވެސް އެ ވީޑިއޯގައި މޮނީރުލް އިސްލާމްއާ އެކު ހިނގާފައިދަނީ ކަމްރުލް އިސްލާމް ކަމާމެދު ކަމްރުލް އިސްލާމް ސުވާލު އުފައްދައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވީޑިއޯ އެނާލިސިސް ރިޕޯޓުގައި75 މޮނީރުލް އިސްލާމްއާ އެކު ހިނގާފައިދާ މީހާގެ އިސްތަށިގަނޑާއި، ހެއަރސްޓައިލް އަދި ހަށިގަނޑުގެ ބައްޓަމާއި ރޫފަ ކަމްރުލް އިސްލާމްއާ އެއްގޮތްކަމަށް ބުނެފައިވެއެވެ. ނަމަވެސް މޫނު ތަފްސީލުކޮށް އެނގެން ނެތުމުން ސީދާ ކަމްރުލް އިސްލާމްކަމަށް ނިންމިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މި ރިޕޯޓު ތައްޔާރުކުރި އަޙްމަދު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކަށަވަރުކޮށްދީފައިވެއެވެ.76
221މިހާތަނަށް ފެންނަން ހުރި ވާގިއާތައް ގުޅުވާލުމުން، މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ 24 ނޮވެންބަރު 2012 ގެ 23:21 ގައިކަން އެއްވެސް ޝައްކެއްނެތި ސާބިތުވެއެވެ. އަދި އޭނާ މަރާލާފައިވަނީ އެ ރޭގެ ވަގުތެއްގައެވެ. މިކަމަށް ބާރު ލިއްބައިދެނީ 26 ނޮވެންބަރުގައި އޭނާގެ ހަށިގަނޑު ހަރުދަނޑިވެ ކުނިވާން ފަށާފައިވާއިރު އޭނާ މަރާލާފައިވާތާ 24 ގަޑިއިރަށްވުރެ ގިނައިރުވެފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ “Brought Dead Report” ގައިވެސް ވާތީއެވެ.
222ރަހުމްކުޑަ ގޮތަކަށް މޮނީރުލް އިސްލާމް މަރާލާފައިވާއިރު، ފުލުހުންގެ ތަހުޤީޤު ފަށާފައިވަނީ މޮނީރުލް އިސްލާމްގެ ކޮޓަރީގައި އޮތް ދިރާގު ނަންބަރުގެ ކޯލް ލޮގްތަކުންނެވެ. މި ކޯލް ލޮގްތަކަކަކީވެސް ޝަރީޢަތަށް ހުށަހެޅުން މުހިންމު އެއްޗެއް ކަމުގައިވީނަމަވެސް، ކްރިމިނަލް ކޯޓަށް މި ތަފްސީލު ހުށަހަޅާފައިނުވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ކަމްރުލް އިސްލާމްއާއި މޮނީރުލް އިސްލާމްއާ ދެމެދު ފޯނު ކުރެވުނު ކަމުގެ ވާހަކަތައް ދައްކާފައިވެއެވެ. އަދި ކަމްރުލް އިސްލާމް ހޯދަން އެނގުނީވެސް އެފަދަ ކޯލްއެއްގެ ސަބަބުންނެވެ. ސުޕްރީމް ކޯޓަށް މޮނީރުލް އިސްލާމްގެ ދިރާގު ނަންބަރުގެ ކޯލް ލޮގްތައް ހުށަހެޅުނުއިރު، 24 ނޮވެންބަރު 2012 ގެ 23:59 ގައި މޮނީރުލް އިސްލާމްގެ ދިރާގު ނަންބަރުން އެންމެ ފަހުން ގުޅާފައިވަނީ ކަމްރުލް އިސްލާމްގެ ނަންބަރަށެވެ. މި ކޯލަށް ޖަވާބު ދީފައިނުވެއެވެ.
223މޮނީރުލް އިސްލާމްގެ ވަތަނިއްޔާ ނަންބަރު ކްރައިމް ސީނުން ފެނިފައިނުވާތީ ފުލުހުން އިތުރަށް ތަހުޤީޤުކުރިއިރު، 26 ނޮވެންބަރުގެ 2012 ގެ ހެނދުނު 08:47 ގައި އދ. ދަނގެތި އެންޓަނާއަށް ފޯނުގެ ލޮކޭޝަން ހިޓުވެފައިވާ ކަމަށް ދެއްކިއެވެ. އެ ފޯނު އެތަނަށް ގެންދިޔައީ މޮނީރުލް އިސްލާމްއެއް ނޫންކަން އެއްވެސް ޝައްކެއްނެތި އެނގެއެވެ. ސަބަބަކީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހަމަ އެ ދުވަހުގެ ހެނދުނު ކަމުގައި ވެފައި، އޭނާ މަރާލާފައިވާތާ އެތައް އިރެއްވެފައިވާތީއެވެ.
224މި ވާގިއާއިން ކަށަވަރުވަނީ މޮނީރުލް އިސްލާމްގެ ފޯނު އދ. ދަނގެއްޗަށް ގެންދިޔައީ މޮނީރުލް އިސްލާމް މަރާލިފަހުން ކަމެވެ.
225މޮނީރުލް އިސްލާމް މަރާލާފައިވާ ކްރައިމް ސީނުން ކަމްރުލް އިސްލާމްގެ ފިންގަރޕްރިންޓަކާއި ފައިތިލައިގެ ނިޝާން ފެނިފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު77 ގައި ކަމްރުލް އިސްލާމްގެ ކަނައަތު ފައިތިލައިގެ ނިޝާން78 އާއި ކަނައަތު ޝަހާދަތް އިނގިލީގެ ނިޝާނެއް79 ކްރައިމް ސީނުން ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ފައިތިލައިގެ ނިޝާން ފެނިފައިވަނީ މޮނީރުލް އިސްލާމްގެ ހަށިގަނޑު އޮތް ކޮޓަރީގެ ޓައިލްސް މަތިންނެވެ. މި ރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް އަޙްމަދު އިރުޝާދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، ފިންގަރޕްރިންޓަކީ ގިނަ ދުވަސްވުމުގެ ސަބަބުން އިވަޕޮރޭޓްވާނެ އެއްޗެއް ކަމަށާއި ނަމަވެސް ތަނެއް ޑިސްޓަރބް ނުކޮށްހުރިނަމަ، އަދި ތަނެއްގެ މާހައުލު އެކަށީގެންވާ ކަމުގައިވާނަމަ ހަފްތާއެއް ވާންދެން ވެސް ހުރެދާނެކަމަށެވެ.80 ކަމްރުލް އިސްލާމްގެ ކަނައަތު ފަރާތުގެ ފައިތިލައިގެ ނިޝާން ކްރައިމް ސީނުން ފެނިފައިވާކަމަށާއި، ފައިތިލައިގެ ނިޝާނުގެ ލޭ ހުރިކަމަށް ޕޮލިސް ކޯޕްރަލް އަޙްމަދު އިރުޝާދު ބުނެފައިވެއެވެ. އަދި އެގޮތަށް ފައިތިލައިގައި ލޭ ހުންނާނީ ލޭގެ މަތިން ހިނގީމާކަމަށް ބުނެފައިވެއެވެ.
226މި ވާގިއާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ވެގެންދަނީ މޮނީރުލް އިސްލާމް މަރާލިފަހުން ނުވަތަ މަރާލި ވަގުތު އޭނާގެ ލޭ މަތީގައި ކަމްރުލް އިސްލާމް ހިނގާފައިވާކަމެވެ. ފައިތިލައިގެ ނިޝާން ފެނިފައިވަނީ މޮނީރުލް އިސްލާމް މަރާލާފައި އޮތްއިރު، އެނދުމަތީގައި މޮނީރުލް އިސްލާމްގެ ފަޔާވީ ކޮޅުގެ އެނދު ކައިރި ތަށިމުށި މަތިންނެވެ. މިއީ މުޅި މި މައްސަލައިގެވެސް އެންމެ ވަރުގަދަ ޤަރީނާއެވެ.
227ކަމްރުލް އިސްލާމް މޮނީރުލް އިސްލާމް ދިރިއުޅޭ އެޕާރޓްމަންޓަށް ވަދެފައިވާކަމަށް އިތުރަށް ބާރު ލިއްބައިދެނީ ކުޑަ ކޮޓަރިން ފެނުނު ފޮތުގައި އޭނާގެ އިނގިލީގެ ނިޝާން ފެންނަން އޮތްއޮތުމެވެ. އދ. ދަނގެތި އޯކޭގެއިން ނެގި ކަމްރުލް އިސްލާމްގެ ބުރިކޮށްލާފައިވާ ޖީންސުބުރިއަކުން ކަމްރުލް އިސްލާމްގެވެސް އަދި މޮނީރުލް އިސްލާމްގެވެސް ޑީއެންއޭ ފެނިފައިވާކަމަށް މި މައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑީއެންއޭ ތަހުލީލު ރިޕޯޓުގައިވެއެވެ.81 މޮނީރުލް އިސްލާމްގެ ޑީއެންއޭ ފެނިފައިވަނީ އެ ޖީންސުބުރީގައި އިން ސްޓެއިންއަކުން ކަމަށާއި، ސްޓެއިންއެއް ކަމަށް ރިޕޯޓުގައި ލިޔަނީ ލޮލަށް ފެނި ނޫނީ ތަހުލީލުކުރާ ފުލުހުންނަށް ޝައްކުކުރެވޭ އެއްވެސް ކަހަލަ ކުލައެއް ނުވަތަ ބަދަލެއް އައިސްފައިވާ ތަންތަނަށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ސަރޖަންޓް މާދިހު މުޙައްމަދު ސަލީމް ބުނެފައިވެއެވެ.82 އަދި އައިޑެންޓިކަލް ޓްވިންސް ފިޔަވައި، އެއްވެސް ދެ މީހެއްގެ ޑީއެންއޭ އެއްގޮތް ނުވާނެކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ފެނުނު މޮނީރުލް އިސްލާމްގެ ޑީއެންއޭ އަކީ ސީދާ ކޮން އެއްޗެއްކަމެއް (އެއީ ކުޅު ވިޔަސް ލޭ ވިޔަސް) ދެނެގަނެވިފައިނުވާ ކަމަށާއި، ސަބަބަކީ އެފަދަ އެއްޗެހި ދެނެގަންނަން ބޭނުންކުރާ ރީއޭޖެންޓް ފުލުހުންގެ ލެބޯޓްރީގައި ހުސްވެފައިވުމެވެ.
228ބުނެވުނު ވާގިއާވެސް ކްރައިމް ސީންއިން ފެނުނު ލޭ މަތީގައި ހިނގާފައިވާ ފައިތިލައިގެ ނިޝާންއާ ގުޅުވާލުމުން، މޮނީރުލް އިސްލާމް މަރާލި ރޭ ކަމްރުލް އިސްލާމް އެތަނުގައި ހުރިކަމާމެދު އެއްވެސް ޝައްކެއް ނުއުފެދެއެވެ.
229ކުރިންވެސް ފާހަގަކުރި ފަދައިން، މި މައްސަލައަކީ ފުލުހުން ވަރަށް ރަނގަޅަށް ތަހުޤީޤުކޮށްފައިވާ މައްސަލައެކެވެ. ނަމަވެސް މި މައްސަލައިގައި ދަޢުވާ އުފުލުނު ފަހުން، ހެކި ހުށަހެޅުމުގައި އެންމެ އެދެވިގެންވާ ގޮތަށް ކަން ހިނގާފައިނުވާ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. 24 ނޮވެންބަރު 2012 ގައި އދ. ދަނގެތިން ކަމްރުލް އިސްލާމް މާލެ އައިސް، އޭނާ މާލޭގައި އުޅުނު މަގުތަކުގެ ތަފުސީލުފަދަ ކަންކަން ކަމްރުލް އިސްލާމްގެ ފޯން ކޯލް ޑީޓެއިލްސްއިން ފުލުހުން ބަލާފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މަޢުލޫމާތު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިނުވެއެވެ.
230ހަމަ އެފަދައިން، ކަމްރުލް އިސްލާމް އދ. ދަނގެތިން މާލެ ދިޔައީ ސެންޓާރާ ރިޒޯޓުގެ ސަޕްލައި ދޯންޏެއްގައި ކަމުގައިވާއިރު، އެ ދޯނީގެ ފަޅުވެރިންގެ ބަޔާން ފުލުހުންގެ ތަހުޤީޤަށް ނަގާފައިވެއެވެ. އެ ދޯނީގެ ކައްޕި، މުޙައްމަދު ޖަމީލްގެ ތަހުޤީޤު ބަޔާން ކްރިމިނަލް ކޯޓަށް ހުށަހެޅުނުއިރު، މުޙައްމަދު ޖަމީލް ޝަރީޢަތަށް ހާޒިރުކޮށްފައިނުވެއެވެ. އެ ދޯނީގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރި ދެންތިބި މީހުންގެ ތަހުޤީޤު ބަޔާންތައްވެސް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިނުވެއެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދުނުކަންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެއްވެސް ބަޔާނަކުން އެނގޭކަށް ނެތެވެ. ކީއްވެކަން މުޅިއެކު ސާފެއްނުވެއެވެ. އަދި އެ ހެކިންނަކީ މުހިންމު ބައެއް ނޫންކަމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ނިންމީ ކީއްވެކަމެއް އެނގޭކަށް ނެތެވެ.
231ކްރިމިނަލް ކޯޓުގައި ކަންހިނގާދިޔަ ގޮތަކީ، މޮނީރުލް އިސްލާމް މެރިކަމަށް ކަމްރުލް އިސްލާމް ތަޙުޤީޤުގައި އިޢުތިރާފު ވިނަމަވެސް، ޝަރީޢަތުގެ މަޖިލިހުގައި އެ އިޢުތިރާފުން ރުޖޫއަވެފައިވުމެވެ. އަދި ސީސީޓީވީ ފުޓެޖުންވެސް މޮނީރުލް އިސްލާމްއާ އެކު ފެންނަނީ ކަމްރުލް އިސްލާމްކަމާ މެދު އިންކާރު ކޮށްފައިވާއިރު، ބުނެވިދިޔަ ފަޅުވެރިން ޝަރީޢަތަށް ހާޒިރުކުރެވުނުނަމަ، ސެންޓާރާ ރިޒޯޓުގެ ސަޕްލައި ދޯނި 24 ނޮވެންބަރު 2012 ގެ 16:00 ގައި އދ.ދަނގެތިން ފުރައިގެން ގޮސް އެރޭ 22:00 ކަން ހާއިރު މާލެ ދިޔަކަމާއި، ދޯނީގެ ގިނަ ފަޅުވެރިންނަށް ކަމްރުލް އިސްލާމް ފެނިފައިވަނީ ދިގު ޖީންސެއް ލައިގެން ކަމާއި، ފަހުން ފެނުނުއިރު އެ ޖީންސުގެ ފައި ކަކުލާ ހަމައަށް ބުރިކޮށްފައިވާކަމުގެ ހެކި މި މައްސަލައާ ގުޅިފައިވާ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރެވުނީހެވެ. އެހެން ގޮތަކަށް ބުނާނަމަ، މޮނީރުލް އިސްލާމް ދިރިހުއްޓާ ފެނުނުއިރު ކަމްރުލް އިސްލާމް ލައިގެންހުރީ އެ ޖީންސުކަމާ މެދު ހެކި އިތުރަށް ވަރުގަދަވީސް ކަމުގައި ދެކެމެވެ.
232މޮނީރުލް އިސްލާމް މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ވަތަނިއްޔާ ނަންބަރު އޮތް ފޯނު ކްރައިމް ސީނުގައި ނެތްކަން ފުލުހުންނަށް ފާހަގަކުރެވުނެވެ. ވަތަނިއްޔާ ނަންބަރުގެ ސެލް ލޮކޭޝަންއާ ބެހޭ މަޢުލޫމާތުން ދެއްކީ އެފޯނުގެ ސެލް ލޮކޭޝަން 26 ނޮވެންބަރު 2012 ގެ ހެނދުނު 08:47 ގައި އދ. ދަނގެތި އެންޓަނާއަށް ހިޓުވެފައިވާ ކަމަށެވެ. މާލެ އައިސް ސެންޓާރާ ދޯނި ދަނގެއްޗާ ހަމައަށް އެނބުރި ދިޔައީ 26 ނޮވެންބަރު 2012 ގެ ހެނދުނުއެވެ.
233މި ވާގިއާއިން ބާރު ލިއްބައިދެނީ މޮނީރުލް އިސްލާމް މަރާލި ފަހުން މޮނީރުލް އިސްލާމްގެ ފޯނު ހިފައިގެން ކަމްރުލް އިސްލާމް އދ.ދަނގެއްޗަށް ގޮސްފައިވާކަމެވެ. ކަމްރުލް އިސްލާމް ހައްޔަރުކުރި އިރު ހަށިގަނޑުން ފެނިފައިވާ 2 ޖީބީ މެމޮރީ ކާޑުގައިވާ ފޮޓޯތަކަށް ބަލާއިރު، މިކަމާ ގުޅިގެން ތައްޔާރު ކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމްޕިޔުޓަރ ފޮރެންސިކް ރިޕޯޓުގައި83 މޮނީރުލް އިސްލާމްގެ މަރާގުޅޭ 3 ފޮޓޯއެއް ފެނިފައިވާކަމަށާއި، ފޮޓޯތައް ނަގާފައިވަނީ ނޮކިއާ “E71” ފޯނަކުންކަން ފައިލްގެ އެގްޒިފް މަޢުލޫމާތުން އެނގޭކަމަށާއި އަދި އެތަނުން ޑިލީޓް ކޮށްފައިވަނީ ކޮން ފޮޓޯތަކެއްކަން ތަފްސީލު ކުރެވިފައިވެއެވެ.
234ކޮމްޕިޔުޓަރ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް އިބްރާހީމް ޒުހައިރު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ އެ ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަމަށާއި، ފައިލް ކްރިއޭޓެޑް ތާރީޚަކީ މެމޮރީ ކާޑަށް ފޮޓޯ އެޅުނު ތާރީޚުކަމަށާއި، ޢާންމުކޮށް ތާރީޚަކަށް އިންނާނީ ފޯނުގެ ތާރީޚުކަމަށާއި، މި ފޮޓޯތަކުގައި އެގްޒިފް މަޢުލޫމާތު ހިމެނޭތީ ފޮޓޯތަކަށް އެއްވެސް ކަހަލަ މޮޑިފިކޭޝަނެއް ގެނެވިފައިނުވާކަމަށެވެ.84
235ސީންއާ ގުޅޭކަމަށް ބުނާ 3 ފޮޓޯއަށް ބަލާއިރު، 17 ނޮވެންބަރު 2012 ގެ ހެނދުނު 08:57 ގައި ކްރިއޭޓްވެފައިވާ ފައިލުގައި ފެންނަނީ އޮފީހެއްގެ އެތެރެއެވެ. ޕޮޓެއްގައި އިންދާފައިވާ ގަހެއް ފެނުމުގެ އިތުރުން، ތަންކޮޅެއް ދުރުން ފޮޓޯކޮޕީ މެޝިނެއް ކަހަލަ އެއްޗެއް ފެނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ބުނެފައިވަނީ އެ ފޮޓޯއިން ފެންނަނީ މޮނީރުލް އިސްލާމް ވަޒީފާ އަދާކުރަމުން ދިޔަ އިއޯން އޮފީހުގެ އެތެރެކަމަށެވެ. މި ފޮޓޯއަކީ މެމޮރީ ކާޑުން ޑިލީޓުކޮށްފައިވާ ފޮޓޯއެއް ނޫނެވެ.
236ދެން ފެންނަ ދެ ފޮޓޯއަކީ މެމޮރީ ކާޑުން ޑިލީޓުކުރި ދެ ފޮޓޯއެވެ. އެއް ފޮޓޯގެ ފައިލް ކްރިއޭޓް ކޮށްފައިވަނީ 24 ނޮވެންބަރު 2012 ގެ ހެނދުނު 8.27 ގައެވެ. ފޮޓޯއިން ފެންނަނީ މޮނީރުލް އިސްލާމްގެ މޫނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެއީ މޮނީރުލް އިސްލާމްގެ ސެލްފީއެއް ކަމަށެވެ.
237އަނެއް ފޮޓޯގައި ފެންނަނީ މީހެއްގެ ވައަތު ފަޔާއި ފައިވާން ކިބައެކެވެ. މި ފޮޓޯއަކީވެސް މެމޮރީ ކާޑުން ޑިލީޓު ކުރެވިފައިވާ ފޮޓޯއެކެވެ. މި ފޮޓޯގެ ފައިލްވެސް ކްރިއޭޓްކޮށްފައިވަނީ 24 ނޮވެންބަރު 2012 ގެ ހެނދުނު 8:31 ގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެއީ މޮނީރުލް އިސްލާމްގެ ފައިކަމަށާއި އެ ފައިވާން މޮނީރުލް އިސްލާމް ދިރިއުޅުނު އެޕާރޓްމަންޓުން ފެނިފައިވާކަމަށެވެ.
238ކަމްރުލް އިސްލާމްގެ ފަރާތުން ބުނެފައިވަނީ މެމޮރީ ކާޑުގެ ޑިޖިޓަލް ސިގްނޭޗަރ ފޮރެންސިކް ގޮތުން ގާއިމުނުކުރެވޭ ކަމަށާއި، އެ މެމޮރީ ކާޑަކީ މޮނީރުލް އިސްލާމް މީގެ ކުރިން ކަމްރުލް އިސްލާމްއަށް ދީފައިވާ މެމޮރީ ކާޑެއްކަމަށެވެ.
239މެމޮރީ ކާޑުން ނެގި ތިން ފޮޓޯއަކީވެސް އޭގެ އެގްޒިފް މަޢުލޫމާތު ހިމެނޭ ތިން ފޮޓޯކަމުން އެ ފޮޓޯތައް ނަގާފައިވަނީ 17 އަދި 24 ނޮވެންބަރު 2012 ގައި ކަމަށް ބެލެވެއެވެ. މެމޮރީ ކާޑަކީ މޮނީރުލް އިސްލާމް ކަމްރުލް އިސްލާމްއަށް ދިން ކާޑެއްކަމަށް ބުނެފައިވަނީ ހަމައެކަނި ސުޕްރީމް ކޯޓުގެ މަރުހަލާގައެވެ. މީގެ ކުރިން އެ މެމޮރީ ކާޑު ކަމްރުލް އިސްލާމްގެ އަތަށް އެރި ގޮތުގެ އެއްވެސް ވާހަކައެއް ނުދައްކާ، ކަމްރުލް އިސްލާމްގެ ފަރާތުން އެ މެމޮރީ ކާޑުން ފެނުނު ފޮޓޯތަކުގައިވާ ތަފުސީލާ މެދު ސުވާލު އުފައްދާފައިވެއެވެ. ވުމާއެކު، މި މެމޮރީ ކާޑަކީ މޮނީރުލް އިސްލާމްގެ ގެއްލުނު ފޯނުގައި އޮތް މެމޮރީ ކާޑެއްކަމުގައި ބެލެވެއެވެ.
240އެ ކާޑުގައި ނަގާފައިވާ މޮނީރުލް އިސްލާމްގެ ސެލްފީއާއި ފައިތިލައިގެ ފޮޓޯއަކީ މޮނީރުލް އިސްލާމް މަރާލި ދުވަހުގެ ހެނދުނު ނަގާފައިވާ ފޮޓޯތަކެކެވެ. ފައިތިލައިގެ ފޮޓޯއަށް ބަލާއިރު، އެ ފޮޓޯއިން ފެންނަ ފައިވާނުގައި އަޅި ނުވަތަ ހުދު ކުލައިގެ ޑިޒައިނެއްވާއިރު، ހަމަ އެ ޑިޒައިނުގެ ފައިވާން ޖޯޑެއް މޮނީރުލް އިސްލާމްގެ އެޕާރޓްމަންޓުން ފެނިފައިވެއެވެ. ފައިވާން ކައިރީގައި ހުރި ފައިތިލައިގައި އަބަދުއަވީގައި އުޅުމުގެ ސަބަބުން ފައިވާން ވަދުގެ ބައްޓަން ހަންގަނޑަށް ފެވިފައިވާއިރު، ނިޔާވެފައިވާ މޮނީރުލް އިސްލާމްގެ ފައިގައި ހަމަ އެ ނިޝާން ފެންނަން ހުރެމެ، ފައިގެ އިނގިލިތަކުގެ ބައްޓަންވެސް ފޮޓޯއިން ފެންނަ ފަޔާއި އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން، މެމޮރީ ކާޑުން ފެންނަ ފަޔާއި ފައިވާނަކީ މޮނީރުލް އިސްލާމްގެ ފަޔާއި ފައިވާން ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
241މެމޮރީ ކާޑުން ޑިލީޓް ކޮށްފައިވާ ދެ ފޮޓޯއަކީ މޮނީރުލް އިސްލާމް މަރާލިކަމަށް ބެލެވޭ ދުވަހުގެ ހެނދުނު ނަގާފައިވާ ފޮޓޯތަކެއް ކަމުގައިވެފައި، މި ފޮޓޯތައް ހިމެނޭ މެމޮރީ ކާޑެއް ކަމްރުލް އިސްލާމްގެ ހަށިގަނޑުން ފެންނަންޖެހުނު ސަބަބެއް ކަމްރުލް އިސްލާމްއަށް ބުނެދެވިފައިނުވެއެވެ. އަދި މި ފޮޓޯތައް ޑިލީޓްކޮށްފައި ހުރުމުން މޮނީރުލް އިސްލާމް މަރާލުމަށްފަހު، މޮނީރުލް އިސްލާމްގެ ފޯނުން ފޮޓޯތައް ޑިލީޓްކުރިކަމަށް އިތުރަށް ބާރުލިބެއެވެ.
242އެންމެފަހު ކަމަކަށް، ސީސީޓީވީ އިން ފެންނަ ފުޓެޖްތަކަށް ރިޢާޔަތް ކުރާއިރު، އެ ފުޓެޖްތަކުން ފެންނަނީ ކަމްރުލް އިސްލާމްކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. މި މައްސަލައާ ގުޅިގެން ތައްޔާރު ކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވީޑިއޯ އެނާލިސިސް ރިޕޯޓުގައި85 ވީޑިއޯއިން ފެންނަ މީހާގެ އިސްތަށިގަނޑާއި، ހެއަރސްޓައިލް އަދި ހަށިގަނޑުގެ ބައްޓަމާއި ރޫފަ ކަމްރުލް އިސްލާމްއާ އެއްގޮތްކަމަށް ބުނެފައިވާއިރު، މި މައްސަލައިގައި ހިމެނޭ ދެންހުރި ހެކިތަކަށް ބަލާއިރު، އެ ވީޑިއޯތަކުން ފެންނަނީ ކަމްރުލް އިސްލާމްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. އެހެނީ، މޮނީރުލް އިސްލާމްގެ އެޕާރޓްމަންޓް ތެރެއިން ލޭ މަތީގައި ހިނގާފައިވާ ކަމްރުލް އިސްލާމްގެ ފައިތިލައިގެ ނިޝާންއާއި ފޮތަކުން އިނގިލީގެ ނިޝާން ފެނިފައިވާއިރު، ކަމްރުލް އިސްލާމް މާލެ އައި ވަގުތުން ފެށިގެން މި ދެމީހުން ދެމެދު ފޯނު ކޯލުތަކެއް ކުރެވުނުކަން އެނގޭކަމާއި އަދި ފަހުން ކަމްރުލް އިސްލާމްގެ ޖީންސު ބުރިއަކުން މޮނީރުލް އިސްލާމްގެ ޑީއެންއޭ ފެނިފައިވާއިރު، މޮނީރުލް އިސްލާމްގެ ގެއްލިފައިވާ ފޯނަށް ގުޅުމުން ހިޓުވެފައިވަނީ ދަނގެތި ސެލް ޓަވަރަށެވެ. އަދި ހިޓުވެފައިވާ ވަގުތަކީ ކަމްރުލް އިސްލާމްއަށް އަނބުރާ ދަނގެއްޗަށް ދެވުނުފަހުގެ ވަގުތެކެވެ. މި އެންމެހައި ކަންކަން ގުޅުވާލުމުން ސީސީޓީވީ ފުޓެޖްއިން ފެންނަ ކަމްރުލް އިސްލާމްއާ ވައްތަރު މީހަކީ ކަމްރުލް އިސްލާމްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި މޮނީރުލް އިސްލާމް އެންމެ ފަހުން ދިރިހުއްޓައި ފެނިފައިވަނީ ކަމްރުލް އިސްލާމްއަށްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
243ޕްރިސިޑެންސް 10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް86 ގަޒިއްޔާގައި "މަރުވި މީހާ ދިރިހުއްޓާ އެންމެފަހުން ފެނުނު ވަގުތު މަރުވިމީހާ އާއެކު ހުރި މީހާގެ ނަޒަރިއްޔާ" ނުވަތަ "ދަ ލާސްޓް ސީން ތިއަރީ" ބޭނުންކޮށްފައިވެއެވެ.87 މި ތިއަރީ ބޭނުންކުރަނީ ކުށްކުރި ގޮތް ނުވަތަ ކުށްކުރި މީހާ އެނގޭނެ ސީދާ ހެކި ނުހުންނަ ހާލަތުގައި ވާސިލުވާ ޤަރީނާއެއްގެ ގޮތުގައެވެ. މި ތިއަރީގެ ދަށުން އިފްތިރާޟު ކުރެވެނީ މަރުވިމީހާ މަރުވުމުގެ ކުޑަ އިރުކޮޅެއްކުރިން، ނުވަތަ މަރުވި ވަގުތު، ނުވަތަ މަރުވި ފަހުން ތުހުމަތު ކުރެވޭ މީހާ ފިޔަވައި އެހެން މީހަކަށް އޭނާ މަރާލުމަށް ފުރުސަތު ލިބޭނެކަމަށް ބުއްދިއަށް ޤަބޫލުނުކުރެވޭނެ ވަގުތުގެ ތެރޭގައި، މަރުވި މީހާއާ އެކުގައި ހުރި ތުހުމަތު ކުރެވޭ މީހާއަކީ އެ ކުށްކުރި މީހާ ކަމަށް ބެލުމެވެ. މި އިފްތިރާޟު ނަފީކުރުމަށް ހެކި ދައްކަންޖެހެނީ ތުހުމަތު ކުރެވޭ މީހާއަށެވެ.
244ހުށަހެޅިފައިމިވާ މައްސަލައިގައި މޮނީރުލް އިސްލާމް ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ ކަމްރުލް އިސްލާމްއަށްކަން ސީސީޓީވީ ފުޓެޖުން ފެނެއެވެ. މޮނީރުލް އިސްލާމްގެ މަރާލާފައިވާ ހަށިގަނޑު ކައިރީގައި އޭނާގެ ލޭގެ މައްޗަށް އަރާ ހިނގާފައިވާ ފައިތިލައިގެ ނިޝާނާއި ކަމްރުލް އިސްލާމްގެ ފައިތިލައިގެ ނިޝާންއާ ދިމާވާއިރު، މޮނީރުލް އިސްލާމް މަރާލާފައިވަނީ ކަމްރުލް އިސްލާމްކަން ނަފީކުރެވޭފަދަ އެއްވެސް ހެއްކެއް ކަމްރުލް އިސްލާމް ހުށަހަޅާފައިނުވެއެވެ. މޮނީރުލް އިސްލާމްގެ ލޭ މަތީގައި ހިނގާފައި ދިޔުމުގެ އެކަށީގެންވާ ސަބަބެއް ކަމްރުލް އިސްލާމްއަށް ދެއްކިފައިނުވެއެވެ. އަދި އެތަނަށް ނުވަންނަކަން ނުވަތަ ނުދާކަންވެސް ކަމްރުލް އިސްލާމްއަށް ސާބިތުކޮށް ދެވިފައިނުވެއެވެ.
245މޮނީރުލް އިސްލާމް ގާތަށް ދިޔުމަށްފަހު ކަމްރުލް އިސްލާމް އެ ސަރަހައްދުން އެނބުރި ގޮސްފައިވަނީ 25 ނޮވެންބަރު 2012 ގެ މެންދަމު 01:34 ކަން ހާއިރެވެ. މިކަން ދަލީލު ކޮށްދެނީ ޗާނދަނީމަގު 24 ނަންބަރު ގޭގެ ކުރިމަތީގައި ހުންނަ ގޯޅީގައި ހުންނަ ނާސްތާ ކެފޭގެ ސީސީޓީވީއަށް ކަމްރުލް އިސްލާމް ހިނގާފައިދާ ތަން އަރާފައިވާތީއެވެ.
246ކަމްރުލް އިސްލާމް، މޮނީރުލް އިސްލާމް މަރާލާފައިވަނީ 24 ނޮވެންބަރު 2012 ގެ ރޭގަނޑު 23:21 އާއި 25 ނޮވެންބަރު 2012 ގެ މެންދަމު 01:34 އާ ދެމެދުގެ ވަގުތެއްގައިކަން ސާބިތުވެއެވެ. މިކަމަށް ބާރު ލިއްބައިދެނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ “Brought Dead Report” ގައި 26 ނޮވެންބަރު 2012 ގައި މޮނީރުލް އިސްލާމްގެ ހަށިގަނޑު ފެނުނުއިރު، އޭނާ މަރުވެފައިވާތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެދާނެކަމަށް އެ ރިޕޯޓުގައި އޮންނަ އޮތުމެވެ. އަދި ކަމްރުލް އިސްލާމްއާ އެކު މޮނީރުލް އިސްލާމް ފެނުނު ފަހުން މޮނީރުލް އިސްލާމް ދިރިހުއްޓާ އެހެން އެއްވެސް މީހަކަށް ފެނިފައިނުވާކަމަށް އޮންނަ އޮތުމެވެ.
247މި މައްސަލައިގައި ކަމްރުލް އިސްލާމްގެ އިޢުތިރާފު ބަޔާން އެއްފަރާތް ކުރުމުން ފެންނަން ހުރީ މުޅިންވެސް ޤަރީނާއެވެ. މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަ ސާބިތުކުރުން ހުއްދަވެއެވެ.88
248މި މައްސަލައިގައި ކަމްރުލް އިސްލާމްއާ ދެކޮޅަށް ފެނިފައިވާ އެންމެހައި ހެއްކަކީ ހާދިސާ ހިނގާދިޔަގޮތް ގުޅުވާލުމަށްޓަކައި އެއްވެސް ފުށުއެރުމެއް ނެތް ހެއްކެވެ. އދ. ދަނގެތިން ކަމްރުލް އިސްލާމް މާލެ އައި ރޭ (24 ނޮވެންބަރު 2012) ކަމްރުލް އިސްލާމް މޮނީރުލް އިސްލާމްއާ ބައްދަލުކުރަން ދިޔައީ މަޤުސަދެއް އޮވެގެންނެވެ. އެއީ އޭނާ މަރާލުމެވެ. މޯޓިވްއަކީ ކޮބައިކަން ތަހުޤީޤު ބަޔާން އެއްފަރާތް ކުރުމުން ދެނެގަނެވިފައިނުވެއެވެ. މޮނީރުލް އިސްލާމްގެ ފޯނެއް އެތަނުން ގެންދިޔަކަން ސާބިތުވާއިރު، މޮނީރުލް އިސްލާމްގެ ފައިސާ ފަދަ އެހެން އެއްޗެއް ގެންދިޔަކަން ތަހުޤީޤަށް ދެނެގަނެވިފައިނުވެއެވެ.
249މޮނީރުލް އިސްލާމް މަރާލާފައިވަނީ ގަސްތުގައި އޭނާ މަރާލުމުގެ ނިޔަތުގައެވެ. އެހެނީ، މޮނީރުލް އިސްލާމް މަރާލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމުގައިވާތީއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ “Brought Dead Report” ގައި މޮނީރުލް އިސްލާމްގެ ހަށިގަނޑުގެ 9 (ނުވައެއް) ތަނެއް ތޫނު އެއްޗަކުން ހަމަލާދީ ކަފާލާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ކަރުގެ ވައަތު ފަޅިން ވައިނޮޅި އެއްކޮށް ބުރިކޮށްލާފައިވެއެވެ. އެރޭ މޮނީރުލް އިސްލާމްއަށް ވަޅިން ހަމަލާދިނުމުން އޭނާ ދިފާއުވުމަށް މަސައްކަތް ކޮށްފައިވެއެވެ. މޮނީރުލް އިސްލާމްގެ ވައަތް ތިލަ ކަފައިގެން ގޮސްފައިވާއިރު، އެ އަތުގެ ކުޑަވާ އިނގިއްޔާއި އަތުގެ ކުޑަ ހުޅާ ގުޅުވާލަދޭ ކަށި (5th metacarpal bone) ބިނދިފައިވުމުން، އެ ހަމަލާއިން ދިފާއުވުމަށް މޮނީރުލް އިސްލާމް މަސައްކަތް ކޮށްފައިވާކަން އެނގެއެވެ.
250މޮނީރުލް އިސްލާމް ކަމްރުލް އިސްލާމްއާ އެކު ފެނުނުއިރު މޮނީރުލް އިސްލާމްއަކީ ދިރިހުރި މީހެއްކަމުގައިވާއިރު، މޮނީރުލް އިސްލާމް މަރާލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން، ކަރުގެ ވައަތުފަޅި ވައިނޮޅި އެއްކޮށް ބުރިކޮށްލައި، ތޫނު އެއްޗަކުން ހަށިގަނޑުގެ އެތައް ތަނަކަށް ހަމަލާ ދީގެންނެވެ. ތޫނު އެއްޗަކުން ކަރުގެ ވައިނޮޅި ބުރިކޮށްލާފައިވަނީ މީހަކު މެރުމުގެ ނިޔަތް އޮވެގެންކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މި މައްސަލައިގައި ފެންނަން ހުރި އެންމެހައި ވާގިއާތައް ގުޅުވާލުމުން، ގަސްތުގައި މޮނީރުލް އިސްލާމް މަރާލާފައިވަނީ ކަމްރުލް އިސްލާމްކަމާ މެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް އަހުރެންނަށް މި މައްސަލަ ސާބިތުވެއެވެ.
251އެހެންކަމުން، ހައިކޯޓުގެ އިސްތިއުނާފު ކުރެވޭ މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ވާސިލުވި ސަބަބުތަކަށް ތާއީދު ނުކުރިނަމަވެސް، ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ވާސިލުވި ނަތީޖާ ރަނގަޅުކަމުގައި ދެކެމެވެ.
މި މައްސަލައިގައި ހައިކޯޓުން އަދަބު ކަނޑައެޅި ގޮތް
252ޕްރިސިޑެންސް 11އިސްލާމީ ޝަރީޢަތުގައި ޤަޠުލު ޢަމްދު ނުވަތަ ގަސްދު މަރު ސާބިތުވާ މީހާގެ ކިބައިން ޤިޞާޞް ހިފުމާއި، ނުހިފައި ދޫކޮށްލުމަކީ ހަމައެކަނި މަޤުޠޫލުގެ ވާރިސުންނަށް މާތްﷲ ދެއްވާފައިވާ ބާރެކެވެ. ޤިޞާޞްގެ ޙައްޤުވެރިންނަކީ މަޤުތޫލުގެ ވަލީވެރިންނެވެ. އެއީ މުދަލުގެ ހުރިހާ ވާރިސުންނެވެ.89 މިކަން ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން ދަލާލަތުކޮށްދެއެވެ. އެ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ތިޔަބައިމީހުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ލައިގެންމެނުވީ ނުމަރާށެވެ. އަދި އަނިޔާގެ ގޮތުގައި، މަރައިލެވޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަޠުލު ކުރުމުގައި އޭނާ އިސްރާފްނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން، އެވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއްކަމުގައި ވިއެވެ."90
(وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا)
253ޤާޠިލުގެ ކިބައިން ޤިޞާޞްއަށް އެދުމާއި މަރުގެ ބަދަލުގައި ދިޔަ ހޯދުމަށް އެދުމާއި ގާތިލަށް ޢަފޫކުރުމަކީ މަޤުޠޫލުގެ ވަލީވެރިންނަށް ލިބިފައިވާ އިޚްތިޔާރެކެވެ. ގަސްދު މަރުގައި ދިޔަ ދޭންޖެހޭނީ މަރާލެވުނު މީހާގެ ވާރިސުން ޤާޠިލުގެ ކިބައިން ޤިޞާޞް ހިފުމަށް ބޭނުންނުވާ ހާލަތުގައެވެ.91 ޤާޠިލު ނުރުހުނު ކަމުގައިވިޔަސް ޤިޞާޞް ހިފުމާއި ދިޔަ އަތުލުމުގެ އިޚްތިޔާރު މަޤުޠޫލުގެ ވަލީވެރިންނަށް ލިބިގެންވެއެވެ.92 ވާރިސުން ބޭނުންވެއްޖެނަމަ ޤިޞާޞްގެ ބަދަލުގައި މަރުގެ ދިޔައަށް އެދެވިދާނެއެވެ. އަދި އެއްކޮށް މާފުވެސް ކުރެވިދާނެއެވެ. އަދި މަރުވިމީހާގެ ވަލީވެރިން މާފު ނުކޮށްފިނަމަ ޤާޠިލު މަރައިލެވޭނެއެވެ.93
254އެހެންކަމުން، ޤަޠުލު ޢަމްދުގެ އަދަބަކީ މަޤުތޫލުގެ ވާރިސުން މާފު ނުކުރާހާ ހިނދަކު ޤިޞާޞް ހިފުމެވެ. ނަމަވެސް، ވާރިސުންނަށް ޤިޞާޞް ހިފުމާއި މަރުގެ ދިޔަ ހޯދުމަކަށް އެއްފަހަރާ ނޭދެވޭނެއެވެ. އަދި ދެ ގޮތުން ކުރެ ވަކި ގޮތެއް ވާރިސުން ނުނިންމާހާ ހިނދަކު، އެއާމެދު ހާކިމާއަށް ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރެއް ލިބިގެންނުވެއެވެ. ސަބަބަކީ ޤިޞާޞްއަށް އެދުމާއި މަރުގެ ބަދަލުގައި ދިޔައަށް އެދުމާއި މާފުދިނުމަކީ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން މަޤުޠޫލުގެ ވާރިސުންނަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައިވާތީއެވެ. ހާކިމާ ނުވަތަ އެހެންވެސް މީހަކަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައި ނުވާތީއެވެ. ވާރިސުން މާފުދިން ނަމަވެސް، މުޖުތަމަޢުގެ މަޞްލަހަތަށްޓަކައި އަދި މައްސަލައިގެ ހާލަތަށް ރިޢާޔަތްކޮށް ތައުޒީރުގެ ދަށުން ޤާޠިލުގެ މައްޗަށް އަދަބު ކަނޑައެޅުމަކީ ގާޒީއަށް ލިބިގެންވާ އިޚްތިޔާރެކެވެ.
255ކުރިންވެސް ފާހަގަކުރި ފަދައިން، ޤާނޫނުލްޢުޤޫބާތުގެ94 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން ހުށަހެޅިފައި މިވާ މައްސަލައިގެ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރަންޖެހޭ ކަމުގައި ދެކެމެވެ.
256މި މައްސަލައިގައި މޮނީރުލް އިސްލާމްގެ ވާރިސުން މޮނީރުލް އިސްލާމްގެ ޤާޠިލުގެ މައްޗަށް މަރުގެ އަދަބު ދިނުމާއެކު މަރުގެ ދިޔަ ލިބިގަތުމަށްވެސް އެދިފައިވެއެވެ. ޚިޔާރުކޮށްފައިވަނީ ދެ ގޮތުން ކުރެ އެއްގޮތެއް ނޫނެވެ. ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ކަމްރުލް އިސްލާމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ނަމަވެސް މޮނީރުލް އިސްލާމްގެ ވާރިސުން ޤިޞާޞް ހިފުމާއި ދިޔަ ދިނުމާ ދެގޮތުން ކުރެ އެއް ގޮތް ޚިޔާރުކޮށްފައި ނުވުމުން، މިއީ ފަނޑިޔާރުން ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތްކަމެއް ކަމަށާއި، އަދި މި ހާލަތުގައި ފަނޑިޔާރުން ނިންމަންވާނީ އަދަބާމެދު އުފެދިފައިވާ ޝުބުހައިގެ މަންފާ ގާތިލަށް ލިބޭގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.
257މި ނިންމުމަކީ ވާރިސުންނަށް ލިބިދެވިފައިވާ ޤިޞާޞް ހިފުމުގެ ޝަރުޢީ މަފްހޫމްއާއި މަރުގެ ދިޔަ ހޯދުމުގެ ޝަރުޢީ މަފްހޫމްއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ ޤިޞާޞް ހިފުން، ނުވަތަ މަރުގެ ދިޔައަށް އެދުން، ނުވަތަ ކުށުން އެއްކޮށް މާފުކުރުމުގެ ޙައްޤަކީ މަޤުޠޫލުގެ ވާރިސުންނަށް ލިބިދެވިފައިވާ ޙައްޤެއް ކަމުގައިވާއިރު، އެތަނުން ދޭނެ އަދަބެއް އިޚްތިޔާރު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދެވިފައިނުވާތީއެވެ.
258މި މައްސަލައިގައިވާ ފަދައިން، މަރުގެ ދިޔައާއި ޤިޞާޞް ހިފުމަށް އެއްފަހަރާ އެދެފި ނަމަ، އެތަނުން ވާރިސުންނަށް ޚިޔާރުކުރެވޭނީ ކޮންމެވެސް އެއް ގޮތެއް ކަމާއި، ބޭނުންވަނީ ކޮންގޮތެއްކަން ވާރިސުންގެ ކިބައިން ސާފުކޮށްގެން މެނުވީ ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.
259ޕްރިސިޑެންސް 12އެހެންނަމަވެސް މި މައްސަލައަކީ ކަމްރުލް އިސްލާމްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. ޑިޔު ޕްރޮސެސް (due process) ގެ ޢާންމު އުޞޫލުތަކުގެ ދަށުން، އިސްތިއުނާފުކުރާ ފަރާތަކީ ދަށު ކޯޓުގައި ކުށް ސާބިތުވި ފަރާތް ކަމުގައިވާނަމަ، އަދި އެ ޙުކުމް، ޚާއްސަކޮށް ކުށަށް ލިބޭ އަދަބު ދައުލަތުގެ ފަރާތުން އިސްތިއުނާފު ނުކުރާ ހާލަތުގައި، ދަށު ކޯޓުގެ ޙުކުމަށްވުރެ ހަރުކަށި އަދަބެއް އިސްތިއުނާފީ ކޯޓުން ކަނޑައެޅުން މަނާކުރެއެވެ. ނަމަވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކޮށް، ދަށު ކޯޓުން ކުރި ޙުކުމަށް އިންކާރުކޮށް އަދަބު އިތުރުކޮށްދިނުމަށް އެދޭނަމަ، މި އުޞޫލު ނުހިނގާނެއެވެ.95
260ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ސާބިތުވި ކުށާއި އަދަބު މަތީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމުގައިވާއިރު، އެ ޙައްޤު ބޭނުންކުރި ސަބަބަށްޓަކައި ކުށުގެ އަދަބު ބޮޑުވެގެންދާނަމަ އިސްތިއުނާފުކުރުމަށް ހުރަސް އެޅެއެވެ. ނުވަތަ ފެންނާނީ އެ ޙައްޤު ބޭނުންކުރުމަށް ފަސްޖެހޭތަނެވެ. މިއީ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދިން މަގުޞަދާ ޚިލާފުކަމެކެވެ.
261ދަށު މަރުޙަލާއެއްގެ ކޯޓުން ކަނޑައެޅި އަދަބަކީ ކުޑަ އަދަބެއްކަމުގައި ދެކި، އަދަބާއި ގުޅިގެން އިސްތިއުނާފު ހުށަހެޅުމުގެ އިޚްތިޔާރު ދައުލަތަށް ލިބިދޭއިރު، އެ އިޚްތިޔާރު ދައުލަތުން ބޭނުންކޮށްފައި ނުވާ ހާލަތުގައި، ކޯޓުގެ އިސްނެގުމަކަށް ހަރުކަށި އަދަބެއް ދޭންޖެހޭކަމަށް ކަނޑައެޅުމަކީ ދައުލަތުގެ އިސްތިއުނާފީ އިޚްތިޔާރުގެ ތެރެއަށް ކޯޓުން ވަދެ، އެ އިޚްތިޔާރާ ފުށުއަރާގޮތަށް ކޯޓުން ޢަމަލުކުރުމެވެ.
262ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ސާބިތުވަނީ ޤަޠުލު ޢަމްދު ކަމުގައިވާތީ، އަދި ޤަޠުލު ޢަމްދުގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި ވާރިސުން އެދޭނަމަ، ޤިޞާޞް ހިފުން ނުވަތަ މަރުގެ އަދަބުކަން އެނގެން އޮތްނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައަކީ ކަމްރުލް އިސްލާމްގެ ފަރާތުން އިސްތިއުނާފުކުރުމަށް މި ކޯޓަށް ހުށަހެޅި މައްސަލައަކަށްވާތީ، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ކަމްރުލް އިސްލާމްއަށް ހައިކޯޓުން ކަނޑައަޅާފައިވާ އަދަބަށް ބަދަލެއް ގެންނަން ނުފެނެއެވެ.
އިސްލާމީ ޝަރީޢަތުގައި ޑިއު ޕްރޮސެސްގެ ދައުރު
263ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޑިއު ޕްރޮސެސް އޮފް ލޯ ނުވަތަ ޢަދުލުވެރިކަން ކަށަވަރުކުރުމަށްޓަކައިވާ ލާޒިމު އިޖުރާއަތްތަކަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޑިއު ޕްރޮސެސް ކަށަވަރުކޮށްދިނުމަށްޓަކައި ބަޔާންކޮށްފައިވާ އިންސާފުން ޝަރީޢަތް ކުރެވުމުގެ މަފްހޫމްއާ ގުޅޭ އެންމެހައި އުސޫލުތަކަކީ މީގެ 1400 އަހަރު ކުރިން އިސްލާމީ މުޖްތަމައުގައިވެސް ޢަމަލުކުރަމުން އައި އުސޫލުތަކެކެވެ. މި އުސޫލުތަކަކީ ތަހުޤީޤުގެ މަރުހަލާގައާއި، ދަޢުވާކުރުމުގެ މަރުހަލާގައާއި، ޝަރީޢަތުގެ މަރުހަލާގައާއި އަދި ޙުކުމް ތަންފީޒުކުރުމުގެ މަރުހަލާގައިވެސް އިސްލާމީ ދުނިޔޭގައި ޢަމަލުކުރަމުން އައި އުސޫލުތަކެކެވެ.96
264ޕްރިސިޑެންސް 13އިސްލާމީ ޝަރީޢާ ދެކެނީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ކޮންމެ އިންސާނަކީވެސް މައުސޫމް މީހެއްގެ ގޮތުގައެވެ. އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަޢުވާކުރާ ފަރާތާއި، ކުށުގެ ތުހުމަތުގައިވާ މީހާއަށް ތަޙުޤީޤު މަރުހަލާގައާއި، ޝަރީޢަތުގެ މަރުހަލާގައާއި، އޭނާގެ މައްޗަށް ކުށް ސާބިތުވުމުންނާއި އަދި ތަންފީޒުގެ މަރުހަލާގައި ޤާނޫނީ ވަކީލެއްގެ ޙައްޤު ލިބިގެންވެއެވެ.97
265ހަނުހުރުމުގެ ހައްޤާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާންނުދިނުމުގެ ޙައްޤަކީވެސް އިސްލާމީ ޝަރީޢަތުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ހައްޤުތަކެކެވެ. އެއްވެސް ޕްރެޝަރެއް އަދި ނުފޫޒެއް ވިޔަސް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކޮށްގެން ނުވާނެއެވެ. އޭނާއަށް މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ތުހުމަތު ކުރެވޭ މީހާގެ ނުރުހުމުގައި އޭނާ ދޭން ބޭނުންނުވާ އެއްވެސް މައުލޫމާތެއް މަޖުބޫރުކޮށްގެން ހޯދުމަކީ މަނާކަމެކެވެ.98 ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔަކީ މަޖުބޫރުން ވެފައިވާ އިޢުތިރާފެއް ބަލައެއް ނުގަނެވޭނެކަމެވެ.99
266އިމާމް މާލިކް ވިދާޅުވާގޮތުގައި ބިރުދައްކައިގެން، ނުފޫޒުފޯރުވައިގެން، އަނިޔާކޮށްގެން ނުވަތަ ބަންދުކުރުމުގެ ސަބަބުން އޭނާގެ އިޚްތިޔާރަށް އަސަރުކުރުވައި ހޯދާ އިޢުތިރާފު ބަލައެއް ނުގަނެވޭނެއެވެ. އަދި ވެފައިވާ އިޢުތިރާފަކީ ފުރިހަމަ އިޚްތިޔާރުގައި، ހިމާޔަތާއެކު ދޭ، އިތުބާރުކުރެވޭ އިޢުތިރާފެއްކަމުގައި ވާންޖެހޭނެއެވެ.100
267އިމާމް އިބުން ހަޒުމް ވިދާޅުވާގޮތުގައި ތަޅާ އަނިޔާކޮށްގެންނާއި ބަންދުކޮށްގެން ނުވަތަ ބިރުދައްކައިގެން ތުހުމަތު ކުރެވޭ މީހާއާ ސުވާލުކޮށްގެން ނުވާނެކަމަށް ކީރިތި ޤުރުއާނާއި ސުންނަތުން އަދި އިޖުމާއުން މިކަން ދަލީލުކުރާ ކަމަށެވެ.101 ކުށެއްގެ ޖިނާއީ ޠަބީޢަތަށް އިޢުތިރާފުވާ ހާލަތުގައި ބެލެވޭނީ އިޢުތިރާފުވާ މީހާ އިޢުތިރާފުވީ އޭގެ ނަތީޖާ އުފުލުމަށް ތައްޔާރަށް ހުރެކަމެވެ.102
268ހަމައެގޮތަށް ޝަރީޢަތުގެ މަރުހަލާގައި، ފަނޑިޔާރު ދެފަރާތުގެ ބަސް އަޑުއެހުމާއި، ފަނޑިޔާރަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށް ޙުކުމްނުކުރުމާއި، ފަނޑިޔާރަށް ޢިލްމު ލިބިފައިވާ ކަމެއްގައި ނިޔާ އިއްވުމުން އެއްފަރާތްވެ، ހެކިބަސް އަދާކުރުމަށް އިނދެވިދާނެކަމާއި ރުޅިގަދަވެފައިވާ ވަގުތެއްގައި ޙުކުމް ނުކުރުމާއި،103 މިފަދަ އެތައް އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ.
269އިސްލާމީ ޝަރީޢަތުގައި ވަކި މައްސަލައަކާ ގުޅިގެން ފަނޑިޔާރަށް ޚާއްސަ ޢިލްމެއް ލިބިފައިވާނަމަ، އެ މައްސަލައިގައި އިންސާފުކުރުމުން ފަނޑިޔާރު ދުރުހެލިވެގަތުމަށް ލާޒިމުވެއެވެ. ޚިލާފަތުތަކުގެ ޒަމާނުގައި ހިނގި އެތައް މައްސަލަތަކަކުން މި އުސޫލަށް ޢަމަލު ކުރައްވާފައިވާކަން އެނގެއެވެ. މިސާލަކަށް، އަލްޤަމާ އިބްނި ނަދްލާ އާއި މުއާޒް އިބްނި އުސްމާން އާއި ދެމެދު އޮތް ޚިލާފުވުމެއް އަބްދުލް މާލިކުގެ ޚަލީފާކަމުގައި އަބްދުލް މާލިކުގެ ކުރިފުޅުމައްޗަށް ގެނެވުނެވެ. އަބްދުލް މާލިކު ވިދާޅުވިއެވެ. "އަހަރެންގެ އަތުގައި އަލްޤަމާއަށް ހެކިބަހެއް އެބައޮތެވެ. އަލްޤަމާ އެދޭނަމަ އަހަރެން ހެކިބަސް ދީފާނަމެވެ." މުއާޒު ވިދާޅުވިއެވެ. "އޭ އަބްދުލް މާލިކުއެވެ. ހެކިބަސް ދެއްވާށެވެ." ދެން އަބްދުލް މާލިކު ހެކިބަސްދެއްވުމުން އަލްޤަމާ ވިދާޅުވިއެވެ. "ކަލޭގެފާނަށް އެނގިވަޑައިގަންނަވާ އެއްޗެއްގެ މައްޗަށް ޙުކުމްކޮށްދެއްވާށެވެ." އަބްދުލް މާލިކު ވިދާޅުވިއެވެ. "ނޫނެކެވެ. އަހަރެންނަކީ މިހާރު ތިޔަ ދެ މީހުންގެ މައްސަލައިގައި ހެކިވެރިއެކެވެ. ހާކިމެއް ނޫނެވެ. އަހަރެން ހެކިބަސް ނުދިންނަމަ އަހަރެން ޙުކުމް ކުރީމުހެވެ."104
270ހަމަ އެފަދައިން، އިބްނު ޢަބްދުއްމާލިކުގެ ޚަލީފާކަމުގައި އެކަލޭގެފާނަށް އެއް ދުވަހަކު ފެނިވަޑައިގަތީ އެކަލޭގެފާނުގެ އަޅެއް ނުވަތަ އާއިލާ ބޭފުޅަކު އެކަލޭގެފާނުގެ އަންހެން އަޅެއް ނުވަތަ އާއިލާ ބޭފުޅަކާއެކު ޒިނޭކުރިތަނެވެ. އެ ޢަމަލަށް އަދަބު ދެއްވުމަށް އިބްނު ޢަބްދުއްމާލިކު އުޅުއްވުމުން، އުމަރު އިބްނު ޢަބްދުލްޢަޒީޒު އެކަން މަނާކުރެއްވިއެވެ. އަދި ފުރަތަމަ ހަތަރު ހެކިން ހޯއްދެވުމަށް ދެންނެވިއެވެ.105 މި ނޫނަސް މި މައުލޫއުގައި އެތައް މިސާލުތަކެއްވެއެވެ.
271އެގާރަވަނަ ޤަރުނުގެ ފިޤުހު ޢިލްމުވެރިން އަދަބުން ދުރުހެލިވުމަށް އިހުގެ ހާދިސާތަކުން މިސާލު ނަންގަވާފައިވެއެވެ.106 ޝުބުހައިގެ މަފްހޫމް އުފެދިގެން އައީ ކީރިތި ރަސޫލާ (ޞޢވ) އާއި މާއިޒުގެ ހާދިސާއިން ކަމުގައި ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވެއެވެ.107 މި ހާދިސާގައި މާއިޒު ތަކުރާރުކޮށް ޒިނޭ ކުރިކަމަށް ކީރިތި ރަސޫލާ (ޞޢވ) އަރިހުގައި ދެންނެވިއެވެ. އަދި އަދަބު ދެއްވުމަށް އެދުނެވެ. މިގޮތަށް ދިޔަ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަހަރުވެސް ކީރިތި ރަސޫލާ (ޞޢވ) އެ ވާހަކަތައް އަޑުފުޅުނާއްސަވައި އޭނާ އަނބުރާ ފޮނުއްވާލެއްވިއެވެ. ހަތަރުވަނަ ފަހަރަށް މާއިޒު ދިޔުމުން ކީރިތި ރަސޫލާ (ޞޢވ) މާއިޒުގެ ބުއްދި ސަލާމަތުން ހުރިތޯ އޭނާގެ އަވަށްޓެރިން ގާތު ސުވާލުކުރެއްވިއެވެ. ދެން މާއިޒުއާ ސުވާލު ކުރެއްވީ މާއިޒު ހަމަ ޒިނޭ ކުރިތޯއެވެ. އެއީ އަންހެނަކަށް ބޮސް ދިނުންތޯ ނުވަތަ ހަމައެކަނި ބަލައިލެވުންތޯ އެއްސެވިއެވެ. ތަކުރާރުކޮށް މާއިޒު ބުނަމުން ގެންދިޔައީ އޭނާ ހަމަ ޒިނޭ ކުރިކަމަށެވެ. އެންމެފަހުން ކީރިތި ރަސޫލާ (ޞޢވ) ނިންމެވީ މާއިޒުގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވާކަމަށެވެ. އަދަބާބެހޭ ގޮތުން ވަކި އެއްޗެއް ހަދީސްފުޅު ނުކުރައްވައެވެ. ނަމަވެސް އަވަށު މީހުން އެ ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން މާއިޒު ރަޖަމްކުރިއެވެ. ފަހުން ކީރިތި ރަސޫލާ (ޞޢވ) ގެ އަރިހަށް އެތަނުގައި ހުރި މީހަކު ގޮސް ދެންނެވީ މާއިޒު ރަޖަމް ކުރަން އުޅުނު ވަގުތު އޭނާ ފިލައިގެންދާން އުޅުނުކަމަށެވެ. އަދި ކުށަށް އިންކާރުކުރި ކަމަށެވެ. މާއިޒު ކުށަށް އިންކާރު ކުރުމުން އޭނާ ދޫކޮށްނުލީ ކީއްވެތޯ ކީރިތި ރަސޫލާ (ޞޢވ) ހަދީސްފުޅު ކުރެއްވިއެވެ.
272މި ހާދިސާއިން ގިނަ ޢިލްމުވެރިން ނަންގަވާ އިބުރަތަކީ ކުށެއް ކުރިކަމާމެދު ޝުބްހައެއް އުފެދޭނަމަ، އަދަބު ދިނުމުން ދުރުހެލިވާންޖެހޭކަމެވެ. އެ ފަހުން ހިނގި ބައެއް ހާދިސާތަކުގައިވެސް ޝުބްހައިގެ މަފްހޫމްއަށް ބާރު ލިއްބައިދޭކަމަށް ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. ގާޒީ އަބޫ މޫސަލް ޢަޝްޢަރީ އާއި އުމަރުގެފާނު ބެއްލެވި ޒިނޭކުރިކަމާމެދު ސުވާލު އުފެދުނު މާބަނޑު އަންހެނާގެ މައްސަލައިގައި، އެއްދުވަހަކު ގާޒީ އަބޫ މޫސަލް ޢަޝްޢަރީގެ އަރިހަށް ޒިނޭކުރިކަމުގެ ތުހުމަތުގައި މާބަނޑު އަންހެނެއް ގެނެވުނެވެ. މި އަންހެނާ ޒިނޭގެ ކުށް ނުކުރާކަމަށް ހުވާ ކުރިއެވެ. ނަމަވެސް، އޭނާ ބުނީ އޭނާއަށް ނިދިން ހޭލެވުނުއިރު އޭނާގެ ގައިގެ މަތީގައި ފިރިހެނަކު އޮތްކަމަށާއި، އެއީ ކާކުކަން އޭނާއަށް ނޭނގޭކަމަށާއި، ހޭލެވުމާއެކު ފިރިހެންމީހާ ފިލީކަމަށެވެ. މައިގަނޑު ގޮތެއްގައި އޭނާ ބުނެފައިވަނީ އޭނާ ރޭޕްކުރިކަމަށެވެ. އެހެންކަމުން، މި ޙަޤީޤަތްތަކުން މައްސަލައިގައި ތުހުމަތު ކުރެވުނު މާބަނޑު އަންހެނާ ކުށްވެރިވުމާމެދު ޝައްކު އުފެދިފައިވުމުން، އަބޫ މޫސަލް ޢަޝްޢަރީ ވަޑައިގަތީ އުމަރުގެފާނުގެ އަރިހަށެވެ. މާއިޒުގެ މައްސަލައިގައި ކަން ހިނގިގޮތަށް، އުމަރުގެފާނުވެސް އަންހެނާގެ އުޅުމާއި ނަފްސާނީ ހާލަތާ ގުޅޭގޮތުން ހެކިން ގާތު ސުވާލު ކުރެއްވިއެވެ. އަންހެނާގެ އެއްވެސް މައްސަލައެއް ނެތްކަމަށްވެއެވެ. އަބޫ މޫސަލް ޢަޝްޢަރީ އާއި އުމަރުގެފާނުއާ ދެބޭފުޅުންވެސް އަންހެން މީހާ ކުށެއް ކުރިކަން ސާބިތުނުވާކަމަށްޓަކައި އޭނާއަށް އަދަބު ނުދެއްވައި ދޫކޮށްލެއްވިއެވެ. އަދި އަންހެނާއަށް ހެޔޮކޮށް ކަންކަން ކޮށްދިނުމަށް އޭނާގެ މީހުންނަށް އުމަރުގެފާނު އެންގެވިއެވެ.
273މި މައްސަލައަކީ ޤާނޫނީ ޝުބްހައިގެ މިސާލެއް ކަމުގައި ޕްރޮފެސަރ ރަބް ވިދާޅުވެއެވެ.108 އެގޮތުން، ކުށުގެ ނިޔަތުގެ ރުކުން މި މައްސަލައިގައި ފުރިހަމަ ނުވެއެވެ.
274ޢަލީގެފާނު ބެއްލެވި ދޮގު ތުހުމަތު ކުރެވުނު މަސްވިއްކާ މީހާގެ މައްސަލައިގައި އަލީގެފާނުގެ ޚިލާފަތުކަމުގައި، މަދީނާގެ އަވަށެއް ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ގަހެއްގެ ދަށުގައި މަރުވެފައި އޮތް މީހެއްގެ ކައިރީގައި، ލޭ ހުރި ވަޅިއެއް ހިފައިގެން ހުރި މީހަކު ފެނުނެވެ. ފުލުހުން އެމީހާ ހައްޔަރު ކުރިއެވެ. ހައްޔަރު ކުރުމާއެކު، އޭނާ ކުށަށް އިޢުތިރާފު ވުމުން، ޢަލީގެފާނުގެ ކުރިފުޅު މައްޗަށް އެމީހާ ގެނެވުނެވެ. ޢަލީގެފާނު، އޭނާގެ ވާހަކަތައް އަޑުއައްސަވާފައި އޭނާގެ މައްޗަށް މަރުގެ ޙުކުމް ސާބިތުވާކަމަށް ކަނޑައެޅުއްވިއެވެ. ނަމަވެސް، ޙުކުމް ތަންފީޒުކުރަން އުޅެނިކޮށް، މީހަކު ދުވެފައި އައިސް ޙުކުމް ތަންފީޒުކުރުން އަވަސް ނުކުރުމަށް އެދުނެވެ. "އޭނާ މަރާނުލާ! އެކަން ކުރީ އަހަރެން" ކަމަށް ބުނެ އެ މީހާ ކުށަށް އިޢުތިރާފު ވިއެވެ. މަރުގެ އަދަބު ލިބެން އުޅުނު މީހާ އޭނާ ނުކުރާ ކަމަކަށް އިޢުތިރާފުވީ ކީއްވެތޯ ޢަލީގެފާނު ސުވާލު ކުރެއްވުމުން، އެ މީހާ ބުނެފައިވަނީ އޭނާއަކީ މަސްވިއްކާ މީހެއް ކަމަށެވެ. ގެރިއެއް ކަތިލުމަށްފަހު ލޭހުރި ވަޅި ހިފައިގެން ދިޔައީ އެކަހެރި ސަރަހައްދަކަށް ފާޚާނާކުރަން ކަމަށެވެ. އެކަންކޮށް ނިކުމެ އުޅެނިކޮށް މަސްވިއްކާ މީހާއަށް ފެނުނީ މަރާލާފައިވާ މީހާއެވެ. އެ މީހާއާ ދިމާލަށް ކަންބޮޑުވެހުރެ ބަލަހައްޓައިގެން ހުއްޓާ އެތަނަށް ފުލުހުން އައުމުން، ދެން މަސްވިއްކާ މީހާގެ ދިފާއުގައި ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެއްވެސް ފަރާތަކުން އެ ވާހަކަ ޤަބޫލު ނުކުރާނެކަމަށް އޭނާއަށް ހީވީ ކަމަށް އޭނާ ބުންޏެވެ.
275ކުށަށް އިޢުތިރާފުވި މީހާގެ ވާހަކަވެސް މަސްވިއްކާ މީހާގެ ވާހަކައާ ކޮރޮބޮރޭޓްވެއެވެ. އޭނާ ބުނި ގޮތުން މީހާ މަރާލީ އެމީހާގެ ފައިސާ އަތުލުމަށެވެ. ފުލުހުންގެ ޕެޓްރޯލް އެތަނަށް އަންނަ އަޑު އިވުމުން އޭނާ ފިލީކަމަށް އޭނާ ބުނެފައިވެއެވެ. ފިލަން އުޅުނުއިރު އޭނާއަށް މަސްވިއްކާ މީހާ ފެނުނެވެ. އަދި ކަން ހިނގިގޮތް ބަލަން އޮތީ ފިލައިގެންނެވެ. އޭނާ ކުށަށް އިޢުތިރާފުވީ މަސްވިއްކާ މީހާގެ މައްޗަށްވެސް މަރުގެ ޙުކުމް އައުމުން އޭނާގެ ސަބަބުން ދެ މީހެއްގެ ފުރާނަ ގެއްލެން ބޭނުންނުވާތީ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މިކަމުގައި ޝުބުހައެއް އެކުލެވިފައިވާކަމަށް ފެނިވަޑައިގެން ޢަލީގެފާނު މި ދެމީހުންގެ މައްޗަށްވެސް އަދަބު ކަނޑަނާޅުއްވާ ދެމީހުންވެސް ދޫކޮށްލެއްވިއެވެ.
276މި މައްސަލައަކީ ވާގިއީ ޝުބްހައިގެ މިސާލެއް ކަމުގައި ޕްރޮފެސަރ ރަބް ވިދާޅުވެއެވެ.109 އެގޮތުން، މީހެއްގެ މަރަށް ކޮންމެވެސް މީހަކު ޒިންމާވާކަން އެނގުނު ނަމަވެސް، ޒިންމާކުރާނީ ކާކުކަން ދެނިގަނެވިފައިނުވެއެވެ. މި މައްސަލައިގައި ދެ މީހަކު ކުށަށް އިޢުތިރާފުވިއިރު، އެތަނުން ކުށްކުރި މީހާއާ މެދު ޝުބްހަ އުފެދިފައިވެއެވެ.
277ޢުމަރުގެފާނާއި ޢަލީގެފާނު ބެއްލެވި ފިރިމީހާ ކައިރީގައި ނެތި މާބަނޑުވި އަންހެނާގެ ހާދިސާގައި، ފިރިމީހާ ދަތުރުކުރުމަށް ގޮސް ދެއަހަރަށް ވުރެގިނަ ދުވަސްވީ ފަހުން އެނބުރި އައި އިރު، އޭނާގެ އަނބިމީހާ އިނީ މާބަނޑުވެފައިކަން އެނގުމުން، ފިރިމީހާ އޭނާގެ އަނބިމީހާގެ މައްޗަށް ޒިނޭގެ ތުހުމަތުކުރިއެވެ. މި މައްސަލަ އުމަރުގެފާނު އަރިހަށް ގެނައުމުން، މި އަންހެންމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ރަޖަމްކުރުމަށް ޙުކުމް ކުރެއްވިއެވެ. މި ޚަބަރު ޢަލީގެފާނަށް ލިބިވަޑައިގަތުމުން ޢަލީގެފާނު އުމަރުގެފާނުގެ ކިބައިން އެދިވަޑައިގަތީ އަންހެން މީހާ ވިހަންދެން ޙުކުމް ތަންފީޒުކުރުން ފަސްކޮށް ދެއްވުމަށެވެ. އޭނާ ވިހެއުމުން ޢަލީގެފާނު ދެން އެދިވަޑައިގަތީ ތުއްތު ދަރިފުޅަށް ގާތުންދިނުން ނިމުމުން ޙުކުމް ތަންފީޒުކުރުން ފަސްކޮށްދެއްވުމަށެވެ. މިހާ ދުވަސް ފާއިތުވި ފަހުން ކުއްޖާއަކީ ފިރިމީހާގެ ދަރިއެއް ކަމަށާއި އަނބިމީހާގެ މައްޗަށް ކުރި ޒިނޭގެ ތުހުމަތު ފިރިމީހާ އަނބުރާ ގެނައެވެ.
278މި މައްސަލައަކީ މޯރަލް ޝުބުހައިގެ މިސާލެއް ކަމުގައި ޕްރޮފެސަރ ރަބް ވިދާޅުވެއެވެ.110 އެގޮތުން، އެކި ސަބަބުތަކާ ހުރެ އަންހެންމީހާގެ މައްޗަށް ޙުކުމް ތަންފީޒުކުރުން ފަސްކުރެވުމުން، އަންހެންމީހާ ވިހެއި ދަރިފުޅު ފިރިމީހާ ބަލައިގަނެ މަރުގެ ޙުކުމުން އަންހެން މީހާ ސަލާމަތްވިއެވެ.
279ބުނެވިދިޔަ ހާދިސާތަކަކީ ޝުބުހައިގެ މަފްހޫމްއަށް ބާރު ލިއްބައިދޭ ހާދިސާތަކެއް ކަމުގައި ޢިލްމުވެރިން ބައްލަވާފައިވެއެވެ.111 އަދި އިސްލާމީ ޝަރީޢަތުގައި ޝުބްހައިގެ މަފްހޫމްއަށް ފުޅާ މާނައެއް ދެވިފައިވެއެވެ.112 ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި ޢާންމުގޮތެއްގައި ވާހަކަދެކެވޭނީ މައްސަލައިގެ ޙަޤީޤަތްތަކާމެދު ޝައްކު އުފެދޭގޮތަކަށް ކަމުގައިވާތީ، ކުށަށް އަދަބު ކަނޑައެޅުމުގެ ކުރިން ހަރުކަށި އިޖުރާއަތެއްގެ ތެރެއިން މިންކުރެވުމަކީ މުހިންމު ކަމެކެވެ. އިހުގެ ހާދިސާތަކަށް ފަހުގެ ޢިލްމުވެރިން ރިޢާޔަތް ކުރެއްވުމުން ފާހަގަކުރެއްވޭ އެއް ކަމަކީ، ކޮންމެވެސް ގޮތަކަށް ކުށެއް ކޮށްފައިވާކަން ދަލާލަތުކޮށްދޭ ހަރުދަނާ ހެކި ހުރިކަމުގައި ވީނަމަވެސް، އަދަބުން ދުރުހެލިވުމަށް ހަރުދަނާ އިޖުރާއީ އުޞޫލުތަކަށް ޢަމަލުކުރަން ޖެހޭކަމެވެ.113
280މަރުގެ އަދަބު ތަންފީޒު ކުރުމަށްފަހު ފުރާނައަކީ އަލުން އިއާދަ ނުކުރެވޭނެ އެއްޗެއް ކަމުން، އިސްލާމީ ޢަދުލުގެ ނިޒާމު އޮމާންކޮށް ހިންގުމަށްޓަކައި ހަރުކަށި އިޖުރާއަތްތައް ތަޢާރުފުކުރެވުނެވެ. އެކި ފަހަރުމަތިން ކުށަށް އިޢުތިރާފުވުމާއި، އަދަބަށް ލުޔެއް ލިބިދާނެތޯ ބެލުމަށް ހިންގާ ޤަޟާއީ (judicial) ތަހުޤީޤުތަކާއި، ލިޔުމުގައި ހުންނަ ފުށުއެރުންތައް ނުވަތަ ސަރީޙަ ނޫން އިބާރާތްތައް ފަދަ ކަންކަމަކީ ޝުބުހައިގެ މަބްދަޢުގެ ބައެއްގެ ގޮތުގައި ބެލެވިގެން ދިޔައެވެ.114
281ޝުބުހައަކީ ހަމައެކަނި މައްސަލައެއްގެ ވާގިއާތަކުގެ މައްޗަށް ހަނިކުރެވިފައިވާ މަބްދައެއް ނޫންކަމުގައި ޕްރޮފެސަރ ރަބް ފާހަގަކުރައްވާފައިވެއެވެ.115 އަދަބު ކަނޑައެޅުމުގައި އިސްލާމީ ޝުބުހައިގެ މަބްދައުގެ ތެރޭގައި ވާގިއީ ޝުބުހަ، ޤާނޫނީ ޝުބުހަ އަދި މޯރަލް ޝުބުހަ ތާރީޚީ ގޮތުން ހިމެނޭ ކަމުގައި އިތުރަށް ފާހަގަކުރައްވާފައިވެއެވެ.116 ޕްރޮފެސަރ ކަމާލީވެސް ފާހަގަކުރައްވަނީ އިސްލާމްދީނުގައި ޝުބްހައިގެ މަފްހޫމް އެކި ހާލަތްތަކަށް ހިނގާކަމަށާއި، ޝުބްޙަ ހަނިކުރެވިފައިވަނީ ހަމައެކަނި މައްސަލައެއްގެ ހެއްކަށްދޭ ބުރަދަނަށް ނޫންކަމަށާއި، މި ނޫންވެސް ޤަޟާއީ ނިޒާމުގެ ތެރެއިންނާއި ބޭރުން ހިނގާ އެންމެހައި ކަންކަމަށް ޝުބްހައިގެ މަފްހޫމް ހިނގާނެ ކަމަށެވެ.117 އެހެންކަމުން، އިޖުރާއީ އައިބެއްގެ ސަބަބުންވެސް ޝުބުހައެއް އުފަންވުމުގެ ފުރުސަތު އެބައޮތެވެ.
އަދަބު ދިނުން
282ކުރިންވެސް ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި މި މައްސަލައިގައި ހައިކޯޓުން އަދަބު ކަނޑައަޅާފައިވަނީ ރަނގަޅު އިޖުރާއަތުތަކެއްގެ ތެރެއިން ނޫނެވެ. އަދި ކުރިންވެސް ފާހަގަކުރި ސަބަބުތަކަށްޓަކައި، އެ އަދަބަށް މި ކޯޓުން ބަދަލު ގެނެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.
283ނަމަވެސް ބަހުސްގެ ބޭނުމަށްޓަކައި، މި މައްސަލައިގައި ވާރިސުންގެ ބަހެއް ހޯދުމަށްފަހު އެމީހުން އެދޭނަމަ މަރުގެ އަދަބު ކަމްރުލް އިސްލާމްއަށް ދެވިދާނެތޯ ބަލާއިރު، އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
(ހ) ކަމްރުލް އިސްލާމް، މޮނީރުލް އިސްލާމް މަރާލިކަމަށް އިޢުތިރާފުވެފައިވަނީ އޭނާ ފުލުހުންގެ ބަންދެއްގައި ހުންނަތާ ހަފްތާއެއްވަރު ފަހުންނެވެ. އޭނާގެ މިނިވަންކަން ހިފެހެއްޓިފައިވާ ހާލަތެއްގައެވެ.
(ށ) ކަމްރުލް އިސްލާމް ކުށަށް އިޢުތިރާފުވެފައިވަނީ ހަމައެކަނި ތަހުޤީޤު މަރުހަލާގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް ބުނުމުންވެސް އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމެއް ނެތިއެވެ.
(ނ) ކުށަށް އިޢުތިރާފުވެފައިވަނީ އޭނާ އަނބުރާ ޤައުމަށް ފޮނުވާލާނެކަމަށް ޤަބޫލުކުރެވިގެންނެވެ. އެއްވެސް އިރަކު އޭނާގެ މައްޗަށް ދަޢުވާކުރެވޭނެ ކަމުގެ އިޝާރާތެއް ފުލުހުން ދީފައިނުވެއެވެ. އަދި މިފަދަ ބޮޑު ކުށަކަށް މަރުގެ އަދަބު އައުންފަދަ އެއްވެސް މަޢުލޫމާތެއް ކަމްރުލް އިސްލާމްއާ ހިއްސާކޮށްފައިނުވެއެވެ. ވުމާއެކު، ކަމްރުލް އިސްލާމް ތަހުޤީޤުގައި އިޢުތިރާފު ވެފައިވަނީ އެ އިޢުތިރާފުގެ ސަބަބުން ނިކުންނާނެ ޤާނޫނީ ނަތީޖާ އެނގިހުރެއެއް ނޫނެވެ.
(ރ) ކަމްރުލް އިސްލާމްގެ އިޢުތިރާފުން ރުޖޫޢަވެފައިވަނީ ޝަރީޢަތުގެ މަޖިލިހުގައި ޤާނޫނީ ވަކީލެއްގެ ހާޒިރުގައެވެ.
(ބ) މަރުގެ ޢާންމު މައްސަލަތަކާ ޚިލާފަށް، މި މައްސަލައިގައި އުފެދޭ އިތުރު އެހެން ހާލަތެއްވެއެވެ. ކަމްރުލް އިސްލާމްގެ ތަހުޤީޤު އިޢުތިރާފުގެ މައްޗަށް ބިނާކޮށް ވަޅިއަކާއި ގަމީހެއް ޓީޖެޓީ ސަރަހައްދު މޫދު އަޑިން ފުލުހުން ހޯދާފައިވެއެވެ. މިކަން ހިނގާފައިވަނީ ކަމްރުލް އިސްލާމްގެވެސް ހާޒިރުގައެވެ.
284މި މައްސަލައިގައި ކަމްރުލް އިސްލާމް ތަހުޤީޤުގައި ވެފައިވާ އިޢުތިރާފަށާއި، އެ އިޢުތިރާފުގެ ސަބަބުން ފެނިފައިވާ ވަޅިއާއި ގަމީހަށް ޤާނޫނީ ގޮތުން ރިޢާޔަތް ނުކުރެވޭނެ ކަމުގައި އަހުރެންވާނީ މީގެ ކުރިން ބަޔާންކޮށްފައެވެ. މި މައްސަލައިގައި އިޖުރާއީ އައިބު އުފެދޭ ހިސާބަކީ ތަހުޤީޤު ބަޔާނަށާއި، ވަޅިއާއި ގަމީހަށް ރިޢާޔަތް ނުކުރިނަމަވެސް މައްސަލައިގައި ގޮތެއް ކަނޑައަޅަން ބަލާއިރު، މައްސަލަ ބަލައި ފަނޑިޔާރުންނަށް އިތުރު މަޢުލޫމާތުތަކެއް ލިބިފައިވުމެވެ.
285ބަންދެއްގައިހުރެ ވީ އިޢުތިރާފާއި، އެ އިޢުތިރާފުގެ ސަބަބުން ނިކުންނާނެ ނަތީޖާ ނޭގުމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމެއް ނެތި ހިންގާފައިވާ ތަހުޤީޤާއި، އަދި އެ ތަހުޤީޤުގެ ސަބަބުން މައްސަލަ ބަލައި ފަނޑިޔާރުންނަށް ލިބިފައިވާ އިތުރު މަޢުލޫމާތަކީ، ޤާނޫނީ އަދި ޝަރުޢީ އިޖުރާއީ އައިބުތަކުގެ މައްޗަށް އައިބުތައް އުފެދިގެން ދިޔުން ކަމުގައި އަހުރެން ދެކެމެވެ.
286ފަނޑިޔާރުންނަކީވެސް އިންސާނުންނެވެ. ފަނޑިޔާރުންނަށްވެސް މި މައްސަލައިގެ ތެރޭގައި ލިބިފައިވާ އިތުރު މަޢުލޫމާތަކީ ނެތް އެއްޗެއް ކަމުގައި ހެދުން ފަސޭހައެއް ނުވާނެއެވެ. ހަމައެފަދައިން، މި މައްސަލަ އައު ފަނޑިޔާރެއް މެދުވެރިކޮށް އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރާނަމަ، އަލަށް މައްސަލަ ބަލައި ފަނޑިޔާރަށްވެސް މި މައްސަލައިގައި ހިމެނޭ އެންމެހައި މަޢުލޫމާތު ވަންހަނާ ކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. ޖޫރީ ނިޒާމް އޮންނަ ޤައުމުތަކުގައި މައްސަލައެއްގެ ރީޓްރަޔަލްއަކަށް ދާއިރު، އެ މައްސަލަ ބަލައި އައު ޖޫރީއަށް މައްސަލައާ ގުޅޭ ބައެއް މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެފަދަ މަޢުލޫމާތަކީ ޢާންމުކޮށް ލިބޭނެ މަޢުލޫމާތެއްވެސް ނޫނެވެ.
287އެއާ ޚިލާފަށް މި މައްސަލައިގައިވާ ހާލަތުގައި، ކަމްރުލް އިސްލާމްގެ އިޢުތިރާފު ބަޔާނަށާއި ފުލުހުން ހޯދި ވަޅިއާއި ގަމީހަށް ރިޢާޔަތްނުކޮށް، އަލުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރިނަމަވެސް، ކްރިމިނަލް ކޯޓުގައިވެސް ދެން މައްސަލަ ބަލާނެ ފަނޑިޔާރަކަށް މި މައްސަލައާ ގުޅޭ އެންމެހައި މަޢުލޫމާތު ފަސޭހައިން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ކަމަކަށް ރިޢާޔަތް ނުކުރުމަށް އެންގިނަމަވެސް، ވަކި މަޢުލޫމާތުތަކެއް މައްސަލަ ބަލައި ފަނޑިޔާރުގެ ޢިލްމުގައި ހިމެނޭ ހިސާބުން އެ މަޢުލޫމާތަކީ ނެތް އެއްޗެއްކަމަކަށް ނުހެދޭނެއެވެ. އަހުރެން މި އިޝާރާތް ކުރަނީ އެފަދަ މަޢުލޫމާތެއްގެ ސަބަބުން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެއްވެސް ކަހަލަ ޕްރެޖުޑިސް (prejudice) އެއް އުފެދޭނެ ކަހަލަ މަޢުލޫމާތަށެވެ.
288މި އިޖުރާއީ އައިބަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ބައެއް އަސާސީ ޙައްޤުތައް ކަށަވަރުކޮށް ނުދެވުމުގެ ސަބަބުން ނިކުމެފައިވާ ނަތީޖާއެއް ކަމުން، އަދި މި އައިބުތަކަކީ ޝަރުޢީ ގޮތުންވެސް އެއްފަރާތް ކުރެވިދާނެ އައިބުތަކެއް ކަމުގައި ނުވާތީ، މި މައްސަލައިގައި ކަމްރުލް އިސްލާމް، މޮނީރުލް އިސްލާމް މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވި ނަމަވެސް، އިޖުރާއީ އައިބުތަކުގެ ސަބަބުން މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް ކަނޑައެޅޭނީ ތައުޒީރީ އަދަބެއް ކަމުގައި އަހުރެން ދެކެމެވެ. އެހެނީ، އެންމެ ހޭލުންތެރި ނޫން މީހާ ހައްދައިގެން އޭނާގެ ކިބައިން ބޮޑެވެގެންވާ ކުށަކަށް އިޢުތިރާފު ހޯދައި، މައްސަލައިގެ ތަހުޤީޤަކީވެސް އޭނާގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ތަހުޤީޤެއް ކަމުގައިވާއިރު، އޭނާވި އިޢުތިރާފުގެ ސަބަބުން ދެން ނިކުންނާނީ ކޮން ނަތީޖާއެއްކަންވެސް އޭނާއަށް އެންގުމެއް ނެތި، ފަހުން އޭނާގެ މައްޗަށް ދަޢުވާކޮށް މަރުގެ އަދަބު ކަނޑައެޅުމަކީ އިންތިހާއަށް ޣައިރު އަޚުލާޤީ (unethical) ކަމެއް ކަމުގައިވާތީއެވެ. މަރުގެ އަދަބު އަތުވެދާނެ ފަދަ މައްސަލަތަކުގައި ޙައްޤުތައް ކަށަވަރުކޮށްދެވިފައިވާ ކަމުގެ ހަރުކަށި އިޖުރާއަތްތައް ގެންގުޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވެސް، އަދި ބައިނަލް އަޤުވާމީ މުއާހަދާތަކުގައިވެސް، އަދި އިސްލާމީ ޝަރީޢަތުގައިވެސް ތަސައްވުރު ކުރެވިފައިވާ ގޮތެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަކީ އިޖުރާއީ އައިބުތަކުން ކިލަނބުވެފައިވާ މައްސަލައެއް ކަމުން، މަރުގެ އަދަބު ދިނުމަކީ ޢަދުލުވެރިވުން ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
289ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު އަންނަނިވި ގޮތަށް މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި ކަނޑައެޅުން،
(ށ) ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާގައި ކަމްރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ސަބަބުތަކަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ސަބަބުތަކެއް ނޫންކަމުން، އެ ގަޒިއްޔާގައިވާ ނިންމުން ބިނާވާ ސަބަބުތައް ބާޠިލުކަމަށް ކަނޑައެޅުން،
(ނ) ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާގައި ކަމްރުލް އިސްލާމްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ކަމުގައިވާ، ކަމްރުލް އިސްލާމް 25 އަހަރަށް ޖަލަށްލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 133,333/33ރ (އެއްލައްކަ ތެއްތިރީސްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) ދިނުމަށާއި، ކަމްރުލް އިސްލާމް ވިދިވިދިގެން 2 މަސް ދުވަހު ރޯދަހިފުމަށް ނިންމާފައިވާ ނިންމުން ދެމެހެއްޓުމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
290މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
291މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
292މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
293މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު،
(1) ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަމްރުލް އިސްލާމް ގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި،
(2) ކުށުގެ އަދަބުގެ ގޮތުގައި ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާގައި ކަނޑައަޅާފައިވާ 25 އަހަރަށް ޖަލަށްލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 133,333/33ރ (އެއްލައްކަ ތެއްތިރީސްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) މޮނީރުލް އިސްލާމްގެ ވާރިސުންނަށް ނަގައިދިނުމަށާއި، އަދި ވިދިވިދިގެން 2 މަސް ދުވަހު ރޯދަހިފުމަށް ކަމްރުލް އިސްލާމްގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ އެބައި (އަދަބުގެ ބައި) ދަމަހައްޓައި،
(3) ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅައި، އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/420 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބިނާވާ ސަބަބުތައް ބާޠިލުކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޙުސްނުއްސުޢޫދު މުޙައްމަދު އިބްރާހީމް
1 ސ.ނ 1700
2 ސ.ނ 1829
3 އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ “Brought Dead Report” (BD-F-2012/07)
4 މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ތަހުޤީޤްކުރި ފަރާތުގެ ބަޔާން" 16 ޖެނުއަރީ 2013
5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ "މޮނީރުލް އިސްލާމް މަރާލި މައްސަލައިގައި ކަމްރުލް އިސްލާމްއާ ދެކޮޅަށް ހެކި ލިބެމުން ދިޔަ ގޮތާއި، އޭނާ މި ކުށްކުރިކަމުގެ މައްޗަށް ޝައްކު އުފެދުނު ތާރީޚުތަކާއި، އަދި އޭނާއަށް ފުލުހުން ތުހުމަތުކުރި ތާރީޚުތައް އެނގޭނެ ތާވަލު (ތައްޔާރު ކުރައްވާފައިވަނީ ތަހްޤީޤުކުރި ފަރާތުން)" މީގެ ފަހުން "އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން"، ސ. 4
6 އބމ
7 އބމ، ސ. 5
8 ޕޮލިސް ކޯޕްރަލް ނައުފަލް އީސާ (ސ.ނ 3445) އާއި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ޝަބީން (ސ.ނ 4257)، 13 އޭޕްރިލް 2015 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާން
9 ފުޓްނޯޓު ނަންބަރު 4
10 މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ސީން އޮފް ކްރައިމް ރިޕޯޓު" ނަންބަރު C6(b)/14/CSER/2012/0225
11 ޕޮލިސް ކޯޕްރަލް އިބްރާހީމް ރަމީޒު (ސ.ނ 1896) 13 އޭޕްރިލް 2015 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާން
12 މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑީ.އެން.އޭ ތަޙްލީލް ރިޕޯރޓް" ނަންބަރު K(c)/DAR/2013/0004
13 ޕޮލިސް ސަރޖެންޓް މާދިހު މުޙައްމަދު ސަލީމް(ސ.ނ 4258) 11 އޮގަސްޓް 2015 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާން
14 އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން، ފުޓްނޯޓު ނަންބަރު 5
15 އބމ
16 އބމ އަދި "ތަހުޤީޤްކުރި ފަރާތުގެ ބަޔާން" ފުޓްނޯޓު 4
17 އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން، ފުޓްނޯޓު ނަންބަރު 5
18 އބމ
19 އބމ
20 އބމ
21 އބމ
22 "ތަހުޤީޤުކުރި ފަރާތުގެ ބަޔާން"، ފުޓްނޯޓު 4
23 އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން، ފުޓްނޯޓު ނަންބަރު 5
24 އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ 8 ޑިސެންބަރު 2012 ގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓަށް ކަމްރުލް އިސްލާމް ހާވާލުކުރިކަމުގެ ލިޔުން.
25 އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން، ފުޓްނޯޓު ނަންބަރު 5، ސ. 8
26 "ތަހުޤީޤްކުރި ފަރާތުގެ ބަޔާން" ފުޓްނޯޓު ނަންބަރު 4، ޕޮލިސް ކޯޕްރަލް ޢަބްދުއްލަޠީފު ޢަބްދުﷲ (ސ.ނ 2169) 25 ނޮވެންބަރު 2015 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާން
27 "ތަހުޤީޤްކުރި ފަރާތުގެ ބަޔާން" ފުޓްނޯޓު ނަންބަރު 4، ޕޮލިސް ކޯޕްރަލް މުޙައްމަދު ޙަސަން (ސ.ނ 4403) ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާން (ބަޔާން ނެގި ތާރީޚު ޖަހާފައިނުވޭ)
28 އިސްތިއުނާފީ މައްސަލައާ ގުޅޭ ޓައިމްލައިން، ފުޓްނޯޓު ނަންބަރު 5، ސ. 10
29 ރިޕޯޓު ނަންބަރު K(b)/CFR/2012/142
30 ޕޮލިސް ކޯޕްރަލް އިބްރާހީމް ޒުހައިރު (ސ.ނ 3259) 18 އޯގަސްޓް 2016 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތިގެ މަޖިލިހުގައި ދީފައިވާ ބަޔާން
31 އބމ
32 5 ސެޕްޓެންބަރު 2022 ގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައުލަތުގެ ވަކީލު މުޙައްމަދު އާސިރު ދައްކާފައިވާ ވާހަކަ
33 ޤާނޫނު ނަންބަރު 2014/9 (ޤާނޫނު ނަންބަރު 2015/26 އިން ގެނެވިފައިވާ އިސްލާހު ހިމެނޭ ގޮތަށް)
34 ޤާނޫނު ނަންބަރު 2014/9
35 އބމ
36 އބމ
37 2 ނޮވެންބަރު 2008
38 2014/SC-A/18
39 ޤާނޫނު ނަންބަރު 9/2014
40 A. Clooney & P. Webb, The Right to a Fair Trial in International Law, Oxford University Press, 2020, p. 328
41 International Covenant on Civil and Political Rights (ICCPR) Art 14(3)(d)
42 UN Basic Principles on the Role of Lawyers, s6
43 ކްލޫނީ، ފުޓްނޯޓު 40، ސ.45
44 އބމ، ސ. 378 – 379. ބައިނަލް އަޤުވާމީ ބެސްޓް ޕްރެކްޓިސްކަމަށް މި ރައުޔުގައި ހަވާލާދެނީ އެކި ބައިނަލްއަޤުވާމީ މުއާހަދާތަކުގައިވާ އަސާސީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ކޯޓުތަކުން މި ޙައްޤުތައް މާނަކުރާ ގޮތަށެވެ.
45 އބމ، Pishchalnikov v. Russia (App. Nos 7614/09 & 30863/10)
46 ކްލޫނީ، ފުޓްނޯޓު 40، ސ. 380. މި ކަންކަމަކީ ޔޫރޮޕިއަން ކޯޓް އޮފް ހިޔުމަން ރައިޓްސްގެ އެކި ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކެކެވެ.
47 ibid. WGAD, El Haji v Lebanon (Opinion no. 17/2006), para 21 “The Working Group considers that, when someone is accused of an offence punishable by death, the presence of a lawyer is not simply a right that the accused person may renounce, but an absolute necessity for the sake of justice.”
48 ކްލޫނީ، ފުޓްނޯޓު 40، ސ. 384
49 މި ރިޕޯޓުގެ ޕެރެގްރާފް 42 - 46
50 މި ރިޕޯޓުގެ ޕެރެގްރާފް 48 - 49
51 މި ރިޕޯޓުގެ ޕެރެގްރާފް 51
52 އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/18 ގަޒިއްޔާ)
53 [2024] SC 49 ޕެރެގްރާފް 42
54 ޤާނޫނު ނަންބަރު 2014/9
55 [2022] SC 07
56 C. Slobogin, “The Exclusionary Rule: Is It on Its Way Out? Should It Be?” Ohio State Journal of Criminal Law, Vol 10, No.2, 2013, 341 at 353
57 Section 78 (1) Police and Criminal Evidence Act 1984 “In any proceedings the court may refuse to allow evidence on which the prosecution proposes to rely to be given if it appears to the court that, having regard to all the circumstances, including the circumstances in which the evidence was obtained, the admission of the evidence would have such an adverse effect on the fairness of the proceedings that the court ought not to admit it.”
58 މިފަދަ ހެކި ބަލައިގަތުމުގައި އިންސާފުން ޝަރީޢަތް ކުރެވުމަށް ހުރަސްނޭޅޭ ކަމަށް ކަނޑައެޅި ބައެއް މައްސަލަތަކަކީ Attorney-General’s Reference No 3 of 1999 [2000] UKHL 63, R v Quinn [1990] CLR 581, Shannon v the United Kingdom Application no. 67537/01 European Court of Human Rights
59 Scott v R, Barnes v R [1989] AC 1242
60 Hudson v Michigan 547 U.S. 586 (2006), per Justice Scalia at 597-599, Herring v United States 555 U.S. 135 (2009), per Chief Justice Roberts at 143-144, Davis v United States, 131 S. Ct. 2419 (2011), per Justice Alito at 2432.
61 Australia Evidence Act 1995, s138
62 އބމ
63 އޮސްޓްރޭލިއާ ޤާނޫނުގައިވާ ގިނަ ކަންކަން ބިނާވަނީ އެ ޤައުމުގެ Bunning v Cross [1978] 141 CLR 54 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށެވެ.
64 Section 24 (2) of the Canadian Charter of Rights and Freedoms “Where, in proceedings under section (1), a court concludes that evidence was obtained in a manner that infringed or denied any rights or freedoms guaranteed by this Charter, the evidence shall be excluded if it is established that, having regard to all circumstances, the admission of it in the proceedings would bring the administration of justice into disrepute.”
65 R v Grant 2009 SCC 32
66 އބމ. ޑިސްރެޕިޔުޓް ނުވަތަ ހުތުރު ނަމެއް ލިބިދާނެކަން ކަނޑައެޅުމުގައި ބަޔާންވެދިޔަ ތިން އުންސުރަށް ރިޢާޔަތް ކުރަންޖެހޭނެ ކަމަށް ކެނެޑާ ސުޕްރީމް ކޯޓުން ކަނޑައެޅީ 2009 ވަނަ އަހަރުގައި R v Grant މައްސަލައިގައެވެ. މި މައްސަލައިގައި ތިން ފުލުހަކު ދިޔައީ ކުށްކުރުން ގިނަ ސަރަހައްދެއް ޕެޓްރޯލް ކުރަމުންނެވެ. އެތަނުން ދެ މީހުން އާދައިގެ ހެދުމުގައި ތިބިއިރު ތިންވަނަ ފުލުސްމީހާ ހުރީ ޔުނިފޯމުގައި ފުލުސް ވެހިކަލެއްގައެވެ. އެފްރިކާ ނަސްލުގެ ގްރާންޓް މަގުމަތިން ހިނގާފައިދަނިކޮށް އާދައިގެ ހެދުމުގައި ތިބި ދެ ފުލުހުން ކާރެއްގައި ގްރާންޓް ކައިރިންލާފައި ދުއްވާފައި ދިޔައެވެ. އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރެ ގްރާންޓް ލައިގެން ހުރި ހަރުވާޅާއި ކޯޓުގެ ޖީބަށް އަތްކޮށްޕައި، ތަންކޮޅެއް ބިރުންހުރި ކަހަލަ ގޮތަކަށް ޖީބުތައް ހާވަން ފެށުމުން، އާދައިގެ ހެދުމުގައި ހުރި ފުލުހުން ޔުނިފޯމުލީ ފުލުހަށް ގުޅާފައި ގްރާންޓަށް ސުވާލުކުރުމަށް އެދުނެވެ. ޔުނިފޯމްލީ ފުލުސް އޮފިސަރު ގްރާންޓް ކައިރިއަށް ގޮސް އޭނާއަކީ ކާކުކަން އަންގައިދޭ ލިޔުމެއް ދައްކަން ބުނުމުން، ގްރާންޓް ބިރުންހުރެ އޭނާ ލައިގެން ހުރި ކޯޓުގައި އަތްލިތަނުން ދެއަތް މައްޗަށް ނަގަން ފުލުސް އޮފިސަރު އެންގިއެވެ. އެހައިތަނުން އާދައިގެ ހެދުމުގައި ތިބި ދެ އޮފިސަރުންވެސް އެތަނަށް ގޮސް ގްރާންޓް ވަށައިލިއެވެ. ގްރާންޓް އަތުގައި އޮވެގެން ނުވާނެ އެއްޗެއް އޮތްތޯ ފުލުހުން ގްރާންޓްއާ ސުވާލުކުރުމުން، "ކުޑަ" މެރުއާނާ ކޮތަޅަކާއި ބަޑިއެއް ޖީބުގައި އޮތްކަމަށް ގްރާންޓް ބުންޏެވެ. އެހިސާބުން އޭނާ ހައްޔަރުކުރެވުނެވެ. ނަމަވެސް ވަކީލެއް އައްޔަން ކުރުމުގެ ޙައްޤު ލިބިގެންވާކަން ގްރާންޓަށް އެންގުނެވެ. މި މައްސަލައިގައި ކެނެޑާ ސުޕްރީމް ކޯޓުން ނިންމީ ފުލުހުން ގަސްތުގައި ނުބައި ނިޔަތެއްގައި ގްރާންޓް ހިފިހެއްޓިކަން ސާބިތުނުވާ ކަމަށެވެ. ނަމަވެސް އޭނާ ހިފަހައްޓާފައިވަނީ އޭނާގެ ދުސްތޫރީ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ ގޮތަކަށް ކަމަށާއި ނަމަވެސް އެ އުނިކަމަކީ އޭނާގެ ހަށިގަނޑުން ފެނުނު މެރުއާނާ ކޮތަޅާއި ބަޑި އެއީ ހެކީގެ ގޮތުގައި ބަލައިގަތުން ނަފީކުރެވޭހާ ހައްސާސްކަމެއް ނޫންކަމަށެވެ. އަދި އެ ބަޑިއަކީ މުއުތަބަރު ހެއްކެއް ކަމުގައިވާއިރު، އެ ހެއްކަކީ މި މައްސަލައިގެ ޙަޤީޤަތް ހާމަކުރުމަށްޓަކައި ކޯޓުން ރިޢާޔަތްކުރުން މުހިންމު ހެއްކެއް ކަމަށެވެ.
67 ޕޮލިސް ކޯޕްރަލް އިބްރާހީމް ރަމީޒު، ސނ: 1896 އާއި ޕޮލިސް ކޯޕްރަލް ނައުފަލް ޢީސާ، ސނ: 3445 އާއި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ޝަބީން. ސނ: 4257 ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައާއި ތަހުޤީޤަށް ދީފައިވާ ބަޔާން
68 މި ރިޕޯޓުގެ ޕެރެގްރާފް 37 އިން 44 ގައި ތަފްސީލު ކުރެވިފައި
69 "ތަހުޤީޤުކުރި ފަރާތުގެ ބަޔާން" ފުޓްނޯޓު ނަންބަރު 4
70 ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތަށް 1 ނޮވެންބަރު 2016 ގައި ދިލިޕް ކުމާރު ރާތާ ދީފައިވާ ބަޔާން
71 އބމ، 13 އޭޕްރިލް 2015 ގައި ޙުސައިން ނިޘާމް އަދި ޙުސައިން ޝަރީފް ދީފައިވާ ބަޔާން
72 4 ޑިސެންބަރު 2012 ގައި ޙުސައިން ނިޘާމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން އަދި 18 ޑިސެންބަރު 2012 ގައި ޙުސައިން ޝަރީފް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން
73 ރިޕޯޓު ނަންބަރު BD-F-2012/07
74 މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 6 ޑިސެންބަރު 2012 ގައި ދިލިޕް ކުމާރު ރާތާ ދީފައިވާ ބަޔާން
75 ރިޕޯޓު ނަންބަރު K(b)/VAR/2013/005
76 ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް 3 އޯގަސްޓް 2016 ގައި އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާން
77 ރިޕޯޓު ނަންބަރު K(d)FCR/2012/0119
78 QE1215262
79 QE1215281
80 ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ކޯޕްރަލް އަޙްމަދު އިރުޝާދު 25 ނޮވެންބަރު 2015 ގައި ދީފައިވާ ބަޔާން
81 މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑީ.އެން.އޭ ތަޙްލީލް ރިޕޯރޓް" ނަންބަރު K(c)/DAR/2013/0004
82 ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ސަރޖަންޓް މާދިހު މުޙައްމަދު ސަލީމް 11 އޯގަސްޓް 2015 ގައި ދީފައިވާ ބަޔާން
83 ރިޕޯޓު ނަންބަރު K(b)/CFR/2012/142
84 ކްރިމިނަލް ކޯޓުގެ ނަންބަރު 651/Cr-C/2014 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޕޮލިސް ކޯޕްރަލް އިބްރާހީމް ޒުހައިރު 18 އޯގަސްޓް 2016 ގައި ދީފައިވާ ބަޔާން
85 ރިޕޯޓު ނަންބަރު K(b)/VAR/2013/005
86 [2022] SC 18
87 އބމ، ޕެރެގްރާފް 33
88 އބމ، ޕެރެގްރާފް 17
89 ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޖިނާޔާތު، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، 2009، ސަފުހާ 104
90 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، ކީރިތި ޤުރުއާނުގެ ދިވެހި ތަރިޖަމާ، 2008 Dhivehi Translation Noble Quran
ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތުގައި ޤިޞާޞްއަކީ ވާރިސުންނަށް ލިބިދެވިފައިވާ ޙައްޤެއްކަމާ މެދު އިތުރަށް ބާރު ލިއްބައިދެއެވެ.
يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنْثَى بِالْأُنْثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ
އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
""އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަޠުލު ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންނަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!)ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށްއެދުން ހުށްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އިޙުސާންތެރިކަމާއެކު އެ ދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެމީހާއަށް ވޭންދެވިނި އަޒާބުހުއްޓެވެ."
91 M. Pervin, “Law of Murder under Islamic Criminal Law: An Analysis” Journal of Law Policy and Globalization, Vol.53, 2016, pp. 145-6.
92 ފުޓްނޯޓު 89، ސ. 114
93 އަބޫބަރުކުރު އިބްރާހީމް، ޙައްދުތައް ޤާއިމްކުރުމުގެ ވާޖިބުކަން، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕވޓ ލޓޑ 2009، ސ. 12
94 ޤާނޫނު ނަންބަރު 2014/9
95 މިސާލަކަށް Greenlaw v. United States, 554 U.S. 237 (2008)
96M. Munir, “Fundamental Guarantees of the Rights of the Accused in the Islamic Criminal Justice System” Hamdard Islamicus, Vol XL, No.4, 2017, pp 45 - 65
97 އބމ
98 އބމ
99 އބމ، ސ. 50
100 A.B.M Husni, A.B.M Husni & M.S. Nasri, “Rights of the Accused in the Islamic Legislation: A Comparative and Analytical Study”, Scholars International Journal of Law, Crime and Justice, 20 July 2019, pp 213-18
101 އބމ
102 M.A.S. Mohammed, “Confessions under Malaysian and Islamic Law: A Comparative Evaluation” Australian Journal of Basic and Applied Sciences, 6(11), 2012, pp 22-48 at 42,43
103 Sunan Ibn Majah 2316 - The Chapters on Rulings - كتاب الأحكام - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم) (ސުނަން އިބްން މާޖާ 2316، ފޮތް 13، ހަދީސް 9 (އިނގިރޭސި ތަރުޖަމާ ވޮލިއުމް 3، ފޮތް 13، ހަދީޘް 2316) މިއީ ޞަޙީޙް ހަދީޘެއްކަމުގައި ރިވާވެފައިވެއެވެ.
104 މުސައްނިފު ޢަބްދުއްރައްޒާޤު، ކިތާބުއްޝަހާދާތި، ބާބު: ޝަހާދަތުލް އިމާމު، ނަންބަރު 14952 (مصنّف عبد الرزاق كِتَابُ الشَّهَادَاتِ بَابٌ : شَهَادَةُ الْإِمَامِ) https://hadithportal.com/index.php?show=bab&bab_id=1672&chapter_id=18&book=61&sub_idBab=0&f=1664&e=1689#tab_hadith_14952
105 މުސައްނިފު ޢަބްދުއްރައްޒާޤު، ކިތާބުއްޝަހާދާތި، ބާބު: ޝަހާދަތުލް އިމާމު، ނަންބަރު 14953 (مصنّف عبد الرزاق كِتَابُ الشَّهَادَاتِ بَابٌ : شَهَادَةُ الْإِمَامِ)
https://hadithportal.com/index.php?show=bab&bab_id=1672&chapter_id=18&book=61&sub_idBab=0&f=1664&e=1689#tab_hadith_14953
106I.A. Rabb, “Reasonable Doubt” in Islamic Law”, The Yale Journal of International Law, Vol 40:41, 2015, pp 41-94
107 އބމ، ސ. 52-53
108 ފުޓްނޯޓު ނަންބަރު 106، ސ. 71
109 ފުޓްނޯޓު ނަންބަރު 106، ސ. 72
110 ފުޓްނޯޓު ނަންބަރު 106، ސ. 74
111 އބމ، ސ. 75
112 އބމ، M.H. Kamali, Crime and Punishment in Islamic Law: A Fresh Interpretation, OUP, 2019 at 227-230
113 އބމ.
114 ފުޓްނޯޓު 106 ސ. 84-85.
115 އބމ ސ. 45
116 އބމ ސ. 45
117 ފުޓްނޯޓު ނަންބަރު 112، ސ. 229
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އަދި (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ އަދި 68 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ)
- ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު (2 ނޮވެންބަރު 2008) ގެ 37 ވަނަ މާއްދާގެ (ހ)
- ކީރިތި ޤުރުއާނުގެ ސޫރަތުލް އިސްރާގެ 33 ވަނަ އާޔަތް އަދި ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތް
- International Covenant on Civil and Political Rights (ICCPR) Art 14(3)(d)
- UN Basic Principles on the Role of Lawyers, s6
- Police and Criminal Evidence Act 1984 (UK) s78(1)
- Evidence Act 1995 (Australia) s138
- Canadian Charter of Rights and Freedoms s24(2)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް (2014/SC-A/18)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު [2022] SC 07
- މުޙައްމަދު ސަމާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2024] SC 49
- އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2009/SC-A/18)
- މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 18
- Pishchalnikov v. Russia (App. Nos 7614/09 & 30863/10) (ECtHR)
- WGAD, El Haji v Lebanon (Opinion no. 17/2006)
- Attorney-General's Reference No 3 of 1999 [2000] UKHL 63
- R v Quinn [1990] CLR 581
- Shannon v the United Kingdom (Application no. 67537/01) (ECtHR)
- Scott v R, Barnes v R [1989] AC 1242
- Hudson v Michigan 547 U.S. 586 (2006)
- Herring v United States 555 U.S. 135 (2009)
- Davis v United States 131 S. Ct. 2419 (2011)
- Bunning v Cross [1978] 141 CLR 54
- R v Grant 2009 SCC 32
- Greenlaw v. United States 554 U.S. 237 (2008)
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 6 އޮކްޓޫބަރު 2021 · ރަޖިސްޓްރީކުރީ 14 ނޮވެމްބަރު 2021 · ނިމުނީ 18 ފެބުރުއަރީ 2025 (39.2 މަސް)