ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/18
އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2009/SC-A/18
Adam Shareef v. Prosecutor General's Office 2009/SC-A/18 (2009/SC-A/18, Supreme Court of the Maldives, 22 February 2010)
އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ޖިނާއީ ކޯޓުގެ ނަންބަރު 1141/JC/2007 ޤަޟިއްޔާގައި ކުށް ސާބިތުކޮށް ޤާނޫނުލް ޢުޤޫބާތުގެ 132، 136، 137 އަދި 143 ވަނަ މާއްދާތަކުގެ ދަށުން އަދަބު ކަނޑައަޅައި، ނުވަވަނަ ފަހަރަށް ވައްކަމުގެ ކުށް ސާބިތުވީތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުމްލަ 16 އަހަރާއި 3 މަސް ދުވަހުގެ ޖަލު ޙުކުމް ކުރިއެވެ. ހައިކޯޓުގެ 2008/HC-A/16 ޤަޟިއްޔާގައި އެ ޙުކުމް ދެމެހެއްޓިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދޮރެއް ހަލާކުކޮށް ވަދެ އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނެގުމުގެ ކުށުގެ ދަޢުވާ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ކުރީ، ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފާއި އެހެން ފަރާތްތަކުގެ ބަޔާންތަކުން ލިބޭ ޤަރީނާގެ މައްޗަށެވެ. ޝަރީޢަތުގައި އޭނާ ދަޢުވާއަށް އިންކާރުކުރިއެވެ.
ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށާއި، ކުށުގެ ރެކޯޑުގައި ކުށުގެ ޢަދަދު ގުނުމުގައި ކުށެއް އޮތްކަމަށް އާދަމް ޝަރީފް ބުންޏެވެ.
މައިގަނޑު ސުވާލު
ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވިޔަސް، ގުޅިފައިވާ ޤަރީނާތަކާއި ހެކިތަކުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކުރީގެ ޤާނޫނުތަކުގެ ދަށުން ކަނޑައެޅި އަދަބު ދެމެހެއްޓުމަކީ ޞައްޙަ ކަމެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ހައިކޯޓުން ކުށް ސާބިތުކޮށްފައިވަނީ ތަޙްޤީޤުގެ އިޢުތިރާފު އެކަނި ބަލައިގެން ނޫން، ވައްކަމުގެ ޢަމަލު ބަޔާންކުރި ގޮތާއި ދެވަނަ ފަރާތުގެ ބަޔާނާ ހުރި ގުޅުމާއި، ވަގަށް ނެގި ތަކެތި ހުއްޓައި ފެނުމުގެ ގުޅިފައިވާ ޤަރީނާގެ މައްޗަށް، އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކަމަށް ކޯޓުން ފާހަގަކުރިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 270 ވަނަ މާއްދާގެ ދަށުން ކުރީގެ ޤާނޫނެއްގެ ދަށުން ދީފައިވާ އަދަބެއް ބާޠިލެއް ނުވާނެކަމާއި، ކުށުގެ ރެކޯޑުގެ ލިޔުމުގެ ކުށް ރަނގަޅުކުރިޔަސް ކުށުގެ ޢަދަދަށް ބަދަލެއް ނާންނާތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅި އަދަބު ބަދަލުކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލު
- 2008 އޯގަސްޓް 07 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެންދިޔަ ކަމުގައިވިޔަސް އެޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު އެޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނެއްގެ ދަށުން ލިބިފައިވާ ޙައްޤެއް ނުވަތަ ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާޠިލެއް ނުވާނޭކަން އެޤާނޫނުއަސާސީގެ 270 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/18
ދަޢުވާކުރާ ފަރާތް: އާދަމް ޝަރީފް
ދަޢުވާލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
[1]މައްސަލައިގެ ބާވަތް: ޖަމާޢަތްހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ސަރުކާރުގެ ދިހަހާސް ރުފިޔާއަށްވުރެ އަގުހުރި މުދަލަކުން ވައްކަންކުރުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 17 މެއި 2009
ނިމުނު ތާރީޚް: 22 ފެބްރުއަރީ 2010
މައްސަލަ ނިންމި ގަޑި: 11:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/16
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 17 ޖެނުއަރީ 2008
ނިމުނު ތާރީޚް: 06 ޖުލައި 2008
މައްސަލައިގެ ޚުލާޞާ
[2]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/16 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި އާދަމް ޝަރީފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[3]މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ޖިނާއީކޯޓުގެ ނަންބަރު 1141/JC/2007 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[4](ހ) ފުރަތަމަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ މީނާ އިތުރު މީހަކާއެކު 2006 ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ 2:00 ހާއިއިރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ކުޑަ ދޮރަކަށް ކަށިގަނޑެއް ލައްވައި މަތާލައިގެން ހުޅުވައި އެތާތެރޭގައި ހުރި އެކި ކޮޓަރިތަކަށްވަދެ ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ވަގަށްނަގާފައިވާކަމަށް މިމައްސަލައިގެ ތަޙްޤީޤުގައި އާދަމް ޝަރީފް ދީފައިވާ ބަޔާނުގައި އިޢުތިރާފްވެފައިވާތީއާއި، މިމައްސަލައާ ގުޅިގެން ބަޔާންދީފައިވާ އެހެނިހެން ފަރާތްތަކުގެ ބަޔާންތަކުން ލިބޭ ޤަރީނާތަކުގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮތުމެވެ.
[5](ށ) ދެވަނަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ކުރި މިދަޢުވާއަށް މީނާ ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީ ފަޅާލައިގެން އެތަނުން ވަގަށްނަގާފައިވާ ބައެއްތަކެތި އާދަމް ޝަރީފްގެ ބެލުމުގެ ދަށުގައި ހުއްޓައި ފެނިފައިވާކަން އާދަމް ޝަރީފްގެ އިޢުތިރާފުން އެނގެން އޮތުމެވެ.
[6](ނ) ތިންވަނަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ކުރި ވައްކަންކުރުމުގެ ކުށުގެ މިދަޢުވާގައި ބަޔާންކުރެވުނު ކުށް ސާބިތުވާކަމަށް ޖިނާއީކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އާދަމް ޝަރީފް ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބަލައިގެންނޫންކަމާއި، ޖިނާއީކޯޓުގެ އެޙުކުމުގައި ކުށް ސާބިތުވާކަމަށް ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ މިމައްސަލައިގެ ތަޙްޤީޤުގައި އާދަމް ޝަރީފް ދީފައިވާ ބަޔާނުގައި މިވައްކަމުގެ ޢަމަލު ހިންގިގޮތް ބަޔާންކޮށްދީފައިވާގޮތާއި، އާދަމް ޝަރީފާއެކު މިވައްކަމުގައި ބައިވެރިވި ދެވަނަ ފަރާތްކަމުގައިވާ މުޙައްމަދު އަޙްމަދު އެޙާދިޘާ ހިނގިގޮތާއި ބެހޭގޮތުންނާއި އެތަން ފަޅާލައިގެން ވަގަށްނަގައިގެން ގެންދިޔަ ތަކެއްޗާއި، އެތަކެއްޗާއިމެދު ޢަމަލުކުރިގޮތާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގައި ހުރި ގުޅުންތަކުގެ މައްޗަށާއި، މިދެމީހުން ކުއްޔަށް ހިފައިގެން އުޅުނު މއ.ނޫމަސްގެސްޓްހައުސްގެ ކޮޓަރިން ނެރެފައިވާ ތަކެއްޗާއި، އާދަމް ޝަރީފް ދިރިއުޅޭގޭގައި ހުރި އާދަމް ޝަރީފްގެ ދަބަހުން ފެނިފައިވާ ތަކެތީގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ފަޅާލައިގެން ވަގަށްގެންގޮސްފައިވާ ތަކެތި ހިމެނިފައިވާތީއާއި، މިކަންކަމުގެ މައްޗަށް ލިބިފައިވާ ގުޅިފައިވާ ޤަރީނާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ޝަރީޢަތަށް ބުރަވެވިގެންކަން އެނގެން އޮތުމެވެ.
[7](ރ) ހަތަރުވަނަކަމަކީ 2008 އޯގަސްޓް 07 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެންދިޔަ ކަމުގައިވިޔަސް އެޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު އެޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނެއްގެ ދަށުން ލިބިފައިވާ ޙައްޤެއް ނުވަތަ ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާޠިލެއް ނުވާނޭކަން އެޤާނޫނުއަސާސީގެ 270 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮތުމެވެ.
[8](ބ) ފަސްވަނަކަމަކީ އާދަމް ޝަރީފްގެ ކުށުގެ ރެކޯޑު ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ކުށުގެ ޢަދަދު ގުނުމުގައި ކުށެއް އޮތްކަމަށް ބުނެފައިވާ ނުކުތާގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލިއިރު، 2007/ޖޭސީ/444 ނަންބަރު ޤަޟިއްޔާ ހިމެނިފައިވަނީ ލިޔުމުގެ ކުށަކުންކަން ޖިނާއީކޯޓުގައިވާ، އާދަމް ޝަރީފްގެ ކުށުގެ ރެކޯޑުން އެނގޭ ކަމާއި، ރަނގަޅުގޮތަކީ 1997/ޖޭސީ/444 ކަމާއި، މިކުށް އިޞްލާޙު ކުރިކަމުގައި ވިޔަސް އާދަމް ޝަރީފްގެ މައްޗަށް ސާބިތު ވެފައިވާ ވައްކަމުގެ ކުށުގެ ޢަދަދަށް ބަދަލު އައިސްފައި ނުވާތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އަދަބު އިޞްލާޙު ކުރެވޭނެ ތަނެއް ނެތްކަން އެނގެން އޮތުމެވެ.
ޙުކުމް:
[9]އިސްވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ޖިނާއީކޯޓުގެ ނަންބަރު 1141/JC/2007 ޤަޟިއްޔާގައި އާދަމް ޝަރީފްގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޤާނޫނުލް ޢުޤޫބާތުގެ 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން އެޤަޟިއްޔާގައި ޢުޤޫބާތް ކަނޑައެޅުއްވިގޮތް ރަނގަޅުކަމަށް ކަނޑައަޅައި މިއީ އާދަމް ޝަރީފްގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވި 09 ވަނަ ފަހަރުކަމަށްވާތީ، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އާދަމް ޝަރީފް 09 އަހަރު ދުވަހުގެ މުއްދަތަށް އެކު ޖުމްލަ 16 އަހަރާއި 03 މަސްދުވަހުގެ މުއްދަތަށް އާދަމް ޝަރީފް ޖަލަށްލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 270 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
- ޤާނޫނުލް ޢުޤޫބާތުގެ 132 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 136 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 137 ވަނަ މާއްދާ
- ޤާނޫނުލް ޢުޤޫބާތުގެ 143 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 17 މޭ 2009 · ރަޖިސްޓްރީކުރީ 17 މޭ 2009 · ނިމުނީ 22 ފެބުރުއަރީ 2010 (9.2 މަސް)