ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/254
އިބްރާހީމް އަޙްމަދު މަނިކު ވ. ފައުނު އެންޓަރޕްރައިސަސް ޕވޓ ލޓޑ، 2016/HC-A/254
Ibrahim Ahmed Maniku v. Faunu Enterprises Pvt Ltd 2016/HC-A/254 (2016/HC-A/254, High Court of the Maldives, 18 October 2018)
އިބްރާހީމް އަޙްމަދު މަނިކު ވ. ފައުނު އެންޓަރޕްރައިސަސް ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުލީގެ ދަޢުވާއާއި ވަކީލު ފީގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި، ބޭންކުގެ ޗެކްތަކުގެ މައްޗަށް ބިނާކޮށް ޖުމްލަ 258,349 ރުފިޔާ ދެ ދަޢުވާލިބުނު ފަރާތުން ދައްކަންޖެހޭކަމަށް ދަޢުވާލިބުނު ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ދެ ފަރުދުން އަނބުރާ ދައްކާގޮތަށް ކުންފުނިން ނަގާފައިވާ 258,349 ރުފިޔާގެ ތެރެއިން ނުލިބިވާ 170,276 ރުފިޔާއާއި، އޮފީހުގެ ކުލިއާއި ވަކީލު ފީ ހޯދުމަށް ކުންފުނިން ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލައެކެވެ. ކުންފުނިން ދަޢުވާގައި 88,073 ރުފިޔާ އަނބުރާ ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ދަޢުވާކުރީ 170,276 ރުފިޔާއަށް ވީނަމަވެސް 258,349 ރުފިޔާއަށް ޙުކުމްކޮށްފައިވާކަމަށާއި، އަނބުރާ ދައްކާފައިވާކަމަށް ދަޢުވާގައި ބުނެފައިވާ 88,073 ރުފިޔާ އުނިނުކޮށް ޙުކުމްކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ކުންފުނިން އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާ ދައްކަން ޖެހޭކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމުގައި، ދަޢުވާކުރި ފަރާތުން އަނބުރާ ލިބިފައިވާކަމަށް އެއްބަސްވެފައިވާ ފައިސާ އުނިނުކޮށް ޙުކުމްކުރުމަކީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި
ދަޢުވާކުރި ކުންފުނިން އަނބުރާ ލިބިފައިވާކަމަށް އެއްބަސްވެފައިވާ 88,073 ރުފިޔާ ދަށުކޯޓުން އުނިކޮށްފައި ނުވާތީ، އެ ޢަދަދު އުނިކޮށް، ޙަސަން ދައްކަންޖެހޭ ޢަދަދު 39,283.50 ރުފިޔާއަށާއި އިބްރާހީމް އަޙްމަދު މަނިކު ދައްކަންޖެހޭ ޢަދަދު 130,992.50 ރުފިޔާއަށް ހައިކޯޓުން ބަދަލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ނަމަވެސް، ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ދަޢުވާލިބުނު ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކަމަށްވެ، މުއްދަތުގައި ހުށަނޭޅުނު ސަބަބުތައް މަޤްބޫލު ސަބަބުތަކެއްކަމަށް ސުޕްރީމް ކޯޓުން ނިންމައި މައްސަލަ ހައިކޯޓަށް ފޮނުވައިފިނަމަ، އެ ނިންމުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ބަލައިގަނެ ކުރިއަށް ގެންދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ދަޢުވާކުރާ ފަރާތުން ދަޢުވާގައި، ހޯދަން އެދޭ ފައިސާގެ ތެރެއިން އަނބުރާ ލިބިފައިވާކަމަށް އެއްބަސްވެފައިވާ ޢަދަދު، ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައަޅާއިރު އުނިކުރަންޖެހޭނެއެވެ. އެ ޢަދަދު އުނިނުކޮށް ކުރާ ޙުކުމުގެ އެބައި ބާޠިލުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ)، (ނ)؛ ޙުކުމް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު BB/144/2016/86197- (30 އޮގަސްޓް 2016) ސިޓީ (އިސްތިއުނާފު މުއްދަތު ފަހަނައެޅުމަށްފަހު މައްސަލަ ހައިކޯޓަށް ފޮނުވުމަށް ނިންމި ނިންމުން)
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް