ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 97
ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، [2021] SC 97 (2020/SC-A/71)
Hussain Rasheed v. State Ilektrik Company Limited [2021] SC 97 (2020/SC-A/71, Supreme Court of the Maldives, 27 October 2021)
ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ޕޮލިހުގެ ފޮރެންސިކް ރިޕޯޓުގައި ފޮށީގެ ކޭބަލްތަކުގައި ރޯވެފައިނުވާކަމަށް ފާހަގަކޮށްފައިވާތީ، އަލިފާން ރޯވީ ފޮށީގެ ސަބަބުންކަން ސާބިތުނުވާކަމަށް ބަލައި ސިވިލް ކޯޓުން ދަޢުވާ ބަލައިނުގަތެވެ. ހައިކޯޓުން ޓޯޓުގެ ރުކުންތައް ސާބިތުނުވާކަމަށް ބަލައި އެ ޙުކުމް ޤާއިމްކުރިއެވެ.
2016 ޖަނަވަރީ 20 ގެ ފަތިހު ޙުސައިން ރަޝީދުގެ 'ފަރިވާ ކުއާރޓްސް-1' ފިހާރަ އަލިފާނުގައި އަނދާ ހުލިވިއެވެ. އަލިފާން ފެށުނީ ފިހާރަ ކުރިމަތީ ދުވާރުމަތީގައި ސްޓެލްކޯއިން ބަހައްޓާފައިހުރި ޑިސްޓްރިބިއުޝަން ފޮށިން ކަމަށް ބުނެ 33,000,000 ރުފިޔާގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ޝަފަހީ ހެކިން ހާޒިރުނުކޮށް، މާހިރުންގެ ބަހެއް ނުހޯދާ، ހަމައެކަނި ޕޮލިސް ރިޕޯޓަށް ބިނާކޮށް ނިންމި ކަމަށާއި، އެމް.އެން.ޑީ.އެފް ރިޕޯޓާއި މާހިރުންގެ ރިޕޯޓުތައް ފަދަ އައު ހެކި ބަލައިގަންނަން ޙުސައިން ރަޝީދު އެދުނެވެ. ތަޤްޞީރީ ރުކުންތައް ސާބިތުނުވާކަމަށާއި، އައު ހެކި ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަމަށް ސްޓެލްކޯ ބުނެއެވެ.
މައިގަނޑު ސުވާލު
ސްޓެލްކޯއިން ދުވާރު މަތީގައި ބަހައްޓާފައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިން ފިހާރައެއްގައި އަލިފާން ރޯވިކަމަށް ބުނެ ހުށަހެޅި ގެއްލުމުގެ ދަޢުވާގައި، ސްޓެލްކޯގެ އިހުމާލު (ޤާނޫނީ ވާޖިބާ ޚިލާފުވުމާއި ސަބަބީ ގުޅުން) ސާބިތުވޭތޯ؛ އަދި ދަށު ކޯޓުތަކަށް ހުށަނޭޅޭ އައު ހެކި (ފަންނީ ރިޕޯޓުތައް) ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް
އައު ހެކިތައް ދަށު ކޯޓުތަކަށް ހުށަހަޅާފައިނުވާތީ އިސްތިސްނާއީ ޙާލަތުގެ ޝަރުޠުތައް ފުރިހަމަނުވެއެވެ. ސްޓެލްކޯގެ މައްޗަށް ޤާނޫނީ ވާޖިބެއް އޮތް ނަމަވެސް، ޕޮލިސް ފޮރެންސިކް ނަތީޖާ ނަފީކުރާ ހެއްކެއް ނެތުމުން ވާޖިބާ ޚިލާފުވުމާއި ސަބަބީ ގުޅުން ސާބިތުނުވާތީ ބަދަލު ނަގައިނުދެވޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފުކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމައެވެ. އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ސުޕްރީމް ކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ؛ ސުޕްރީމް ކޯޓަކީ ފުރަތަމަ މަރުޙަލާގެ މުޅި ދަޢުވާ އަލުން ބަލާ މަރުޙަލާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14–17)
- ދަށު މަރުޙަލާގައި ހުށަނޭޅޭ ހެކި ނުވަތަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ހެކި ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ވަރަށް އިސްތިސްނާއީ ޚާއްޞަ ޙާލަތްތަކެއްގައި އެކަންޏެވެ. އެފަދަ ޙާލަތެއްގައިވެސް އައު ހެއްކަކީ (1) ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްގެންވެސް ނުލިބުނު ހެއްކެއް (non-availability)، (2) މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާ ހެއްކެއް (relevance)، އަދި (3) ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ ހެއްކެއް (credibility) ކަމުގައި ވާންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–23)
- ދަށު ކޯޓަށްވެސް ހައިކޯޓަށްވެސް ނުހުށަހަޅާ، ހުށަހަޅަން އެދިފައިވެސް ނުވާ ރިޕޯޓުތަކާއި ފަންނީ މާހިރުންގެ ރިޕޯޓުތައް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެ ގޮތެއް ކަނޑައެޅޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47–49)
- ޓޯޓަކީ މަދަނީ އިލްތިޒާމުތަކުގެ ޤާނޫނުގެ ތެރޭގައި ހިމެނޭ މަދަނީ ގޯހެކެވެ؛ ޓޯޓުގެ ޒިންމާއަކީ ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބާ ޚިލާފުވުމުން ކޯޓުން މަތިކުރާ ޒިންމާއެވެ. ގެއްލުން ދެނެގަތުމުގައި ގެއްލުމުގެ ދުރުގާތްކަމަށް (remoteness of damage) ބަލަންޖެހޭނެއެވެ؛ އަދި ފަރުވާގެ ގޮތުގައި ނަގައިދެވެނީ ކުރިން ކަނޑައެޅިފައިނުވާ ގެއްލުމެވެ (unliquidated damages). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ދިވެހިރާއްޖޭގައި ޓޯޓާބެހޭ ލިޔެވިފައިވާ ޤާނޫނެއް ނެތުމުން، ޓޯޓުގެ ރުކުންތައް ކަނޑައެޅިފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައެވެ؛ އަދި ޢަމަލުކުރާނެ ޤާނޫނެއް ނެތް ޙާލަތްތަކުގައި މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ އުސޫލުތައް ބަލައިގަނެ ތަޠުބީޤުކުރުމަކީ ދިވެހި ޝަރުޢީ ނިޒާމު ހުއްދަކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–26، 41)
- ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ ޝަރުޢިއްޔަތެއް ނެތް ޢަމަލު (Fault)، ގެއްލުން (Damage) އަދި ޢަމަލާއި ގެއްލުމާ ދެމެދު ސަބަބީ ގުޅުން (Causal link) އެވެ. އިހުމާލުގެ މައްސަލަތަކުގައި ގެއްލުން ދިނުމުގެ ޤަޞްދު ސާބިތުކުރުމަކީ ޝަރުޠެއް ނޫނެވެ؛ މިންގަނޑަކީ އެފަދަ ކަމެއްގައި ހުރި ސަބަބުވެރި މީހެއް (reasonable man) ގެ ބެލުންތެރިކަމާއި ފަރުވާތެރިކަމެވެ. ބަދަލު ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ސާބިތުވާ ވަގުތުންނެވެ؛ ބަދަލުގައި ސީދާ ގެއްލުމާއި ގެއްލުނު ނަފްޢު ނުވަތަ އާމްދަނީ ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 30–31)
- އިނގިރޭސި ޤާނޫނުގެ ކަޕާރޯ ޓެސްޓަކީ ފަރުވާބެހެއްޓުމުގެ ވާޖިބު (duty of care) އޮތްތޯ ބެލުމަށް ހުރިހާ މައްސަލައަކަށް ތަޠުބީޤުވާ ޢާންމު ޓެސްޓެއް ނޫނެވެ. ކަނޑައަޅަންވާނީ 'އެޕްރޯޗް ބޭސްޑް' އުސޫލުން، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާ ތަބާވެ، ކުރިން ނިންމާފައިވާ ގާތް މައްސަލަތަކަށް ޤިޔާސްކޮށް، ޤާނޫނު މަރުޙަލާވާރުކޮށް ތަރައްޤީކުރުމުގެ ތެރެއިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32–38)
- އިހުމާލުގެ ޤާނޫނުން މަތިކުރާ ވާޖިބަކީ އެހެން މީހުންގެ ޖިސްމަށާއި ނަފްސަށާއި މުދަލަށް ގެއްލުން ނުދިނުމުގެ ވާޖިބެވެ؛ ގެއްލުން ލިބިފައިވާކަން ސާބިތުކުރުމުގެ ބުރަ އޮތީ އެކަމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ. ބައެއް ޙާލަތްތަކުގައި މާލީ ގެއްލުމުގެ (economic loss) ބަދަލުވެސް ނަގައިދެވިދާނެ ނަމަވެސް، އެއީ ޢަދުލުވެރި، ސަބަބުވެރި މިންގަނޑަށް ރިޢާޔަތްކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
- އަވައްޓެރިޔާއަށް (neighbour) ގެއްލުމެއް ނުވާގޮތަށް ޢަމަލު ބެހެއްޓުމަކީ ފަރުދުންނާއި، ދައުލަތުގެ އިދާރާތަކާއި، ދައުލަތް ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭ ކޮންމެ ފަރާތެއްގެ މައްޗަށް އޮންނަ ޤާނޫނީ ވާޖިބެކެވެ. ސްޓެލްކޯއިން ދުވާރު މަތީގައި ބަހައްޓާ ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ސީދާ އަސަރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ސްޓެލްކޯގެ މައްޗަށް އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27–28، 40، 43)
- އިހުމާލުވި ފަރާތެއް ގެއްލުމަށް ޒިންމާކުރުވުމަށް (1) ޤާނޫނީ ޒިންމާއެއް (duty of care) އޮތްކަމާއި، (2) އެ ޒިންމާއާ ޚިލާފުވެފައިވާކަމާއި (breach)، (3) ގެއްލުމެއް ލިބިފައިވާކަމާއި (damage)، (4) އެ ގެއްލުމަކީ އެ ޚިލާފުވުމާ ގުޅިފައިވާ ގެއްލުމެއްކަން (causation) ސާބިތުކޮށްދޭންޖެހޭނެއެވެ. ޙަޤީޤަތެއް ސާބިތުވީކަމަށް ބެލޭނީ ކަނޑައެޅިފައިވާ ހަމަތަކުގެމަތިން ޝަރީޢަތަށް ޤަބޫލުކުރެވިއްޖެނަމައެވެ؛ ޕޮލިހުގެ ފޮރެންސިކް ރިޕޯޓުގައި ފޮށީގެ ކޭބަލްތަކުގައި ރޯވެފައިނުވާކަމަށް ފާހަގަކޮށްފައިވާއިރު، އެ ނަތީޖާ ނަފީކުރާ ހެއްކެއް ނެތިއްޖެނަމަ، ޚިލާފުވުމާއި ސަބަބީ ގުޅުން ސާބިތުނުވާތީ ބަދަލު ނަގައި ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42، 44–52)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
27 އޮކްޓޯބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ރަޖިސްޓްރީ ނަންބަރު C-0486/2012 ޙުސައިން ރަޝީދު، ގ. މަޚްމާގެ، މާލެޤާނޫނީ ވަކީލު:
އިސްމާޢީލް އަޙްމަދު
އަޙްމަދު ޝިފާޢު، އެޑްވޮގާޑޯ ލޯ ފާރމްޤާނޫނީ ވަކީލު:އަޙްމަދު ޝާފިޢު، އެޑްވޮގާޑޯ ލޯ ފާރމް މަދަނީ – އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުން – ތަޤްޞީރީ މަސްއޫލިއްޔަތު ގެ އަސާސީ ރުކުންތައް - ރައްކާތެރިކޮށްދޭންޖެހޭ ޤާނޫނީ ވާޖިބު (legal duty) - ފަރުވާ ކުޑަ ޢަމަލު (negligent act) - ނުކޮށް ދޫކޮށްލި ޢަމަލު (omission act) - އައު ހެކި ބަލައިގަތުމުގައި ފުރިހަމަވާންޖެހޭ އުންސުރުތައް - ޝަރުޢިއްޔަތެއް ނެތް ޢަމަލު (Fault) - ގެއްލުން (Damage) - ކުރި ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން (Causal link) – Caparo test - ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮތުން (foreseeability) - ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު އެކަށީގެންވާ ގާތްގުޅުމެއް އޮތުން (proximity) - އަވަށްޓެރިޔާ (neighbor) - އިހުމާލު ގެ ޤާނޫނު (law of negligence) - އެހެން މީހުންގެ ޖިސްމަށާއި ނަފްޞަށާއި މުދަލަށް ގެއްލުން ނުދިނުމުގެ ވާޖިބު - މާލީ ގެއްލުން (economic loss) - ޢަދުލުވެރިހަމަ - ސަބަބުވެރި މިންގަނޑު – އިހުމާލުވި ފަރާތް ގެއްލުމަށް ޒިންމާކުރުވުން - Duty of Care - Breach of Duty of Care - Damage - އެޕްރޯޗް ބޭސްޑް (approached based) -ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން (Causation) - ޓޯޓްއާ ގުޅޭ މައްސަލަތައް – ޓޯޓް ޤާނޫނުގައި އިހުމާލު (negligence) - ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަދި 32 ވަނަ މާއްދާގެ (ހ)
ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޙުސައިން ރަޝީދު (މީގެ ފަހުން "ޙުސައިން ރަޝީދު" ނުވަތަ "އިސްތިއުނާފު ކުރިފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "ސްޓެލްކޯ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
2016 ޖަނަވަރީ 20 ވަނަ ދުވަހުގެ ރޭ ފަތިހު 04:00 ހާއިރު، ޙުސައިން ރަޝީދު ވިޔަފާރި ކުރަމުންދިޔަ މާފަންނު ފާމުދޭރި މަގުގައި ހުރި "ފަރިވާ ކްއާރޓްސް-1" ނަމަކަށް ކިޔާ ފިހާރަ (މީގެ ފަހުން "ފިހާރަ") ގައި އަލިފާން ރޯވެފައިވެއެވެ. އަދި މި އަލިފާނުގެ ސަބަބުން ފިހާރަ އެއްކޮށް އަނދާހުލިވިއެވެ.
ޙުސައިން ރަޝީދު ބުނަނީ މި އަލިފާން ފެށިގެންއައީ ފިހާރަ ކުރިމަތީގައި އޮތް ދުވާރު މަތީގައި ސްޓެލްކޯއިން ބަހައްޓާފައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިން ކަމަށެވެ. އަދި އެ ފޮށިން ފެށުނު އަލިފާންގަނޑު ފިހާރައިގެ ފުރާޅުގައި ހިފައި، ފިހާރައިގެ ދެބުރީގައި ހުރި ހުރިހާ މުދަލެއް އަނދާ އަޅިޔަށްވީ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ފިހާރަޔަށާއި ފިހާރައިގައިހުރި މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެލްކޯއިން އެކީއެއްފަހަރާ 33,000,000/-ރ. (ތެއްތިރީސް މިލިއަން ރުފިޔާ) ހޯދުމަށް ޙުސައިން ރަޝީދު ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ފިހާރައިގައި އަލިފާން ރޯވީ ސްޓެލްކޯއިން ބަހައްޓާފައިހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުންކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީ މިހާދިސާގެ ސަބަބުން ފިހާރައަށް ލިބުނު ގެއްލުމަށް ސްޓެލްކޯ ޒިންމާކުރެވެން ނެތްކަމަށް ކަނޑައަޅައެވެ.
ސްޓެލްކޯ ޒިންމާކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުމުގައި މައިގަނޑު ދެކަމެއް އަހުރެންނަށް ފާހަގަކުރެވުނެވެ.
ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ، މި ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފާހަގަކުރެވުނު ނުކުތާ (ބ) އަށް ރިޢާޔަތް ކޮށް، ގެއްލުން މެދުވެރިކުރާ ފަރާތުން އެ ގެއްލުމާ ޟާމިން ވާންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތު ގެ އަސާސީ ރުކުންތަކަކީ، (1) ޝަރްޢިއްޔަތެއް ނެތް ޢަމަލު (Fault)، (2) ގެއްލުން (Damage) އަދި (3) ކުރި ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން (Causal link) ކަމަށް ފާހަގަކޮށްފައިވާކަން.
ދެވަނަކަމަކީ، ޝަރުޢިއްޔަތެއް ނެތް ޢަމަލު ފުރިހަމަވެފައިވޭތޯ ސިވިލް ކޯޓުން ބެލިއިރު، މި މައްސަލައިގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ސްޓެލްކޯއިން ފިހާރައިގެ ބޭރުގައި ހަރުކޮށްފައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާން ރޯވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާއެއްކަމަށް ޙުސައިން ރަޝީދު ބުނިނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 27/2016/PRE/171-D2 (04 އެޕްރީލް 2016) ރިޕޯޓުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސީން އޮފިސަރުން އެ ޑިސްޓްރިބިއުޝަން ފޮށިން ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ "ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަން" އިން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަމަށް ފާހަގަކޮށްފައިވާތީ، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސްޓެލްކޯގެ އިހުމާލުންކަމަށް ކަނޑައެޅެން ނެތްކަމަށާއި، އެކަން ނަފީކުރުމަށްޓަކައި ޙުސައިން ރަޝީދުގެ ފަރާތުން ޙާޟިރުކޮށްފައިވާ ހެކިންގެ ހެކިބަހުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 27/2016/PRE/171-D2 (04 އެޕްރީލް 2016) ރިޕޯޓުގައި ފާހަގަކޮށްފައިވާ ފޮރެންސިކް ނަތީޖާތައް ނަފީ ނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާ
ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާގައި ޙުސައިން ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށް މާފަންނު ފާމުދޭރި މަގުގައި، 02 ބުރިއަށް ހަދާ އަދި އެ 02 ބުރި ފުރެންދެން މުދާ ލާފައިހުރި ފިހާރަ، 20 ޖަނަވަރީ 2016 ގެ ފަތިހުގެ ވަގުތެއްގައި، އަނދައި އަޅިއަށްވެގެން ދިއައީ ކަރަންޓު ދިނުމަށް ދުވާރު މަތީގައި ސްޓެލްކޯއިން ބަހައްޓާފައިހުރި ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާން ރޯވެ ފިހާރައިގެ ފުރާޅުގައި (ނަލަފިލާގައި) އަލިފާން ހިފައިގެން ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީޢަތަށް ހުށަހެޅުމުން އެކަން ޝަރީޢަތުން ބަލަންވާވަރަށް ނުބަލައި ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ، ހާދިސާ އެންމެ ފުރަތަމަ ފެނުނު 03 މީހުންގެ ޝަފަހީ ހެއްކާއި، ފޮޓޯތަކާއި، ވީޑިއޯއަށް ބެލުމެއް ނެތި އަދި ފިހާރައިގައި މަސައްކަތްކުރި މުވައްޒަފުންނާއި އެމް.އެން.ޑީ.އެފްގެ ފަރާތުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ބަހެއް ނުހޯދައި ހަމައެކަނި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ފޮރެންސިކް ރިޕޯޓަށް ރިޢާޔަތްކޮށް މި މައްސަލަ ނިންމައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އިޖުރާއަތްތަކާއި ޚިލާފަށް އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް
ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާއިންނެވެ. އަދި އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، ސިވިލް ކޯޓުން ފާހަގަކުރި ނުކުތާތަކަށް ރިޢާޔަތްކޮށް، "ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތް] ކަމަށެވެ.["
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާގެ ޙުކުމުން މައިގަނޑު ދެކަމެއް އަހުރެންނަށް ފާހަގަކުރެވުނެވެ.
ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާއަށް ޙަވާލާދީ، މަދަނީ ގޯހެއްގެ ސަބަބުން ނުވަތަ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން ޓޯޓްގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެކަމަށް ބުނެ ހުށަހަޅާ ދަޢުވާތަކުގައި، ދަޢުވާ ކުރާ ފަރާތުން ސާބިތުކޮށް ދޭންޖެހޭ އަސާސީ ރުކުންތައް ކަމުގައިވާ (ހ) ދަޢުވާ ކުރާ ފަރާތުގެ މައްޗަށް ދަޢުވާ ލިބޭ ފަރާތުން ރިޢާޔަތް ކުރަންޖެހޭ ޤާނޫނީ ވާޖިބެއް އޮތުމާއި(legal duty)، އަދި (ށ) އެ ވާޖިބަށް ދަޢުވާ ލިބޭ ފަރާތުން ޚިލާފުވެފައިވާކަމާއި (breach of that duty)، އަދި (ނ) އެ ވާޖިބަށް ފަރުވާކުޑަކުރުމުގެ ސަބަބުން ދަޢުވާ ކުރާ ފަރާތަށް ގެއްލުންތަކެއް ވެފައިވުން (consequential damages)، ސާބިތު ކުރުމަކާ ނުލައި، ޓޯޓްގެ ސަބަބުން ލިބުނު ގެއްލުމުގެ ދަޢުވާ ސާބިތު ނުކުރެވޭނެކަމަށް ބުނެފައިވާކަން.
ދެވަނަކަމަކީ، އަލިފާން ފުރަތަމަ ފެށިގެން އައިސް ފެތުރުނީ، ސްޓެލްކޯއިން ބަހައްޓާފައިހުރި ޑިސްޓްރިބިއުޝަން ފޮށީގެ ތެރެއިން ކަމުގައި ބެލިނަމަވެސް، ސްޓެލްކޯގެ މައްޗަށް ޓޯޓްގެ ޒިންމާ ލާޒިމް ކުރެވޭނީ ޙުސައިން ރަޝީދުގެ މައްޗަށް ސްޓެލްކޯއިން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބެއް (legal duty) އޮތްކަން އަދި އެ ވާޖިބުއާ ސްޓެލްކޯގެ ފަރާތުން ޚިލާފުވެފައިވާކަން (breach of legal duty) ސާބިތުކޮށްދެވިގެން ކަމަށާއި، މިއިން އެއްވެސް ކަމެއް ސާބިތުކޮށްދެވިފައި ނެތްކަމަށާއި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ގެއްލުމުގެ ބަދަލަށް ޒިންމާ ކުރުމުގައި ތިން ޙާލަތެއްގެ މައްޗަށް ބަލަންޖެހޭ ކަމަށާއި، އެއީ ގަސްދުގައި ކުރިކަމެއް ކަމުގައިވުމާއި، ނުވަތަ އިހުމާލުން ކުރި ކަމެއްކަމުގައިވުމާއި، ނޫނީ އެ އަލިފާން ފެތުރިގެން ދިޔައީ އިހުމާލެއް ނެތިނަމަވެސް އެތަނަކާ އެކަށީގެންނުވާ ތަނަކަށް އެ އަލިފާން ގެނެސް ގެންގުޅުމުގެ ސަބަބުންކަން އެނގެން އޮތުން ކަމަށްވާއިރު، މިއިން އެއްވެސް ކަމެއްގެ މައްޗަށް ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި ވާހަކަ ދައްކައި ކަމެއް ސާބިތު ކޮށްދެވިފައިނުވާކަމަށް ބުނެފައިވާކަން.
ޙުސައިން ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ 11 ޝަފަހީ ހެކިންގެ ތެރެއިން 03 ހެއްކެއް ފިޔަވައި އެހެން ހެކިންގެ ހެކިބަސް ނަގާފައިނުވާކަމަށް ހައިކޯޓުގެ މަރުޙަލާގައި ފާހަގަކޮށްފައިވީނަމަވެސް، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-D2/PRE/2016/27 ރިޕޯޓްގައި ހިމެނޭ ކަންކަމާ މެދު ސުވާލު އުފެދޭ ސަބަބުތަކެއް ހުރިކަމަށާއި މިކަން ނަފީކުރެވޭނެ އަލިފާން ރޯވި ކަރަންޓު ފޮށީގެ ފޮޓޯތައް ހުއްޓައި އަދި ފޮށީގެ ތެރޭގައި ރޯވެފައި ހުރިކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ޝަފަހީ ދެ ހެކިން ހާޒިރުނުކޮށް ބުނެވުނު ޕޮލިސް ރިޕޯޓަށް ބިނާކޮށް މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އަލިފާނުގެ މި ހާދިސާއާ ގުޅިގެން ހުށަހެޅުނު ލިޔުންތަކާއި ފޮޓޯތަކާއި ފާހަގަކުރެވިފައިވާ ރިޕޯޓްތަކަކީ ކަމުގެ މާހިރުންގެ / ޚަބީރުންގެ ބަހެއް ނެތި ގޮތެއް ނުނިންމޭނެ ކަންކަންކަމަށްވިއަސް އެފަދަ ފަރާތެއްގެ ބަހެއް ނުހޯދާ މައްސަލައިގެ ޙުކުމަށް ވާސިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ޙުސައިން ރަޝީދުގެ ފަރާތުން މި ހާދިސާއާގުޅިގެން އޭރު ލިބިފައިނުވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނަންބަރު MNDF-08-MFS/HR/2016/30 ރިޕޯޓުގެ ވާހަކަ ތަކުރާރުކޮށް ބަޔާންކުރެވިފައިވާއިރު، އެ ރިޕޯޓު ޝަރީއަތުންވެސް ހޯދާފައި ނުވާކަމާއި، ހަމައެގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(g)/PER/2016/8 ރިޕޯޓު ޝަރީޢަތަށް ހުށަހެޅިފައި ނުވާއިރު، މައްސަލައިގެ ހެކި ޤަރީނާ ޝަރީޢަތަށް ހޯދުމުގައި ޝަރީޢަތުން ފަހިކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ކޮށްދީފައިނުވާކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޙުސައިން ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދޭ ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމުގެ އިތުރުން ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި ފަހުން ލިބިފައިވާ އަދި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ކިތާބީ އަދި ޝަފަހީ ހެކި ހުށަހެޅުމަށް ފުރުޞަތު ދީ މި މައްސަލަ މައުޟޫޢީ ގޮތުން ބަލައިދިނުމަށްފަހު ފައިސަލާކުރަނިވި ޙުކުމެއް ނެރެދިނުމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތަކަށް ސްޓެލްކޯއިން ދިން މައިގަނޑު ރައްދު
ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައު ހެކި ހުށަހަޅާފައިވާތީ އެކަން ފާހަގަކޮށް އިޖުރާއީ އިއުތިރާޒް އެއް ހުށަހެޅުމާއެކު، ޙުސައިން ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ސްޓެލްކޯއިން އަންނަނިވި ނުކުތާތައް ފާހަގަކުރިއެވެ.
ފުރަތަމަ ނުކުތާއަކީ، މި މައްސަލައަކީ ޓޯޓްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އިހުމާލުގެ މައްސަލައަކަށް ވެފައި، ޓޯޓްގެ ޝަރުޢީ އަދި ޤާނޫނީ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޓޯޓްއަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އޮތް އިލްތިޒާމަކާ ޚިލާފުވުމުގެ ޢަމަލާއި (Fault)، އެ ޢަމަލުގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ ގެއްލުމާއި (Damage)، ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި ސަބަބީ ގުޅުމުގެ(Causal link) މައްޗަށް އެކުލެވޭ މަދަނީ މަސްއޫލިއްޔަތެއްކަމަށާއި، ގެއްލުން ލިބުނު ފަރާތަށް، ގެއްލުމުގެ ބަދަލު ޙައްޤުވާކަން ކަނޑައެޅުމުގައި މި ރުކުންތައް ސާބިތުވުމަކީ ކޮންމެހެންވެސް ލާޒިމްވެގެންވާ ކަމެއްކަމަށާއި ޓޯޓްގެ ތެރޭގައި ހިމެނޭ "ޚަޠައު އިހުމާލު" ގެ މައްސަލަތަކުގައި އިހުމާލުވުމުގެ ޢަމަލުކުޅައީ ގެއްލުން ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއް ނޫންކަމާއި، އިހުމާލުވުމުގެ ސަބަބުން ޓޯޓްގެ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ މަޤާމެއްގައި ހުރި، ސަބަބުވެރި މީހެއް (Reasonable man) ގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނާނެ މިންވަރު ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުމުންކަން އެނގެން އޮންނަ ކަން ފާހަގަކޮށް ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާގައިވެސް އަދި އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވެސް، އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތުން ރިޢާޔަތްކުރަންޖެހޭ ނުވަތަ ރައްކާތެރިކޮށްދޭންޖެހޭ ޤާނޫނީ ވާޖިބު (legal duty)، ނުވަތަ ފަރުވާ ކުޑަ ޢަމަލު (negligent act)، ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލު (omission act) އަކީ ކޮބައިކަން ޙުސައިން ރަޝީދު އަށް މިހާތަނަށް އެއްވެސް މިންވަރަކަށް ޞަރީޙަ ނައްޞުން (with clarity and precision) ބުނެދެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ފޯމުގައި 08 (އަށެއް) ޝަފަހީ ހެކިންގެ މަޢުލޫމާތު ހިމަނާފައިވާކަމާއި އެހެންނަމަވެސް 14 ޖޫން 2016 ގައި ޙުސައިން ރަޝީދު އެ ކޯޓަށް ހުށަހެޅި "ހެކިންގެ ލިސްޓް" ގައި ހިމަނާފައިވަނީ 11 (އެގާރަ) ޝަފަހީ ހެކިންގެ މަޢުލޫމާތުކަމާއި ދެވަނަ ފަހަރަށް "ހެކިންގެ ލިސްޓް" ހުށަހެޅިއިރު، 14 ޖުލައި 2016 ގައި ހުށަހެޅި "ހެކިންގެ ލިސްޓް" އާ ޚިލާފަށް 03 ޖުލައި 2016 ގައި ހުށަހެޅި ލިޔުމުގައި ޙުސައިން ރަޝީދު ހުށަހަޅާފައިވަނީ 03 (ތިނެއް) ޝަފަހީ ހެކިންކަން، އަދި 03 ޖުލައި 2016 ގައި ޙުސައިން ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ހެކިންގެ ލިސްޓް" ގައި ބަޔާންކުރާ 03 (ތިނެއް) ޝަފަހީ ހެކިން ސިވިލް ކޯޓަށް ޙާޟިރުކޮށް އެ ފަރާތްތަކުގެ ހެކިބަސް ނަގާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފޯމުގެ 9.3 ގައި ފަހުން ލިބިފައިވާ ހެއްކާއި، ހުށަހަޅަން ފުރުޞަތު ލިބިފައިނުވާ ހެއްކާއި، ޝަފަހީ ހެކިން ހުށަހެޅުމަށާ އަދި ޙުސައިން ރަޝީދު އެދިފައިވަނީ މައުޟޫޢީގޮތުން މައްސަލަ އަލުން ބަލައި ދިނުމަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސްޓެލްކޯގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދޭ ގޮތް
ސްޓެލްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދޭ ގޮތް ބަޔާންކުރަމުން މައިގަނޑު 2 (ދޭއް) ކަމެއް ފާހަގަކުރިއެވެ. އެ ދެ ކަމަކީ:
ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނަންބަރު MNDF-08-MFS/HR/2016/30 ރިޕޯޓު (06 ޖަނަވަރީ 2019) އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 299/HC-A/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ ކުރިން ޙުސައިން ރަޝީދަށް ލިބިފައިވާ ހެއްކެއް ކަމުގައިވީނަމަވެސް، ޙުސައިން ރަޝީދުގެ ފަރާތުން މި ރިޕޯޓު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާތީ މި ރިޕޯޓް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތްކަމަށް ކަނޑައަޅައިދިނުން.
ޙުސައިން ރަޝީދުގެ ފަރާތުން ހުށަހެޅި އައު ހެކިތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 299/HC-A/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ ކުރިން ޙުސައިން ރަޝީދު އަށް ހޯދުމުގެ ފުރުސަތު އޮތް ހެކިތަކަކަށްވާތީ އަދި އެ ހެކިތައް ތައްޔާރު ކުރި ޚަބީރުންނަކީ ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ ފަރާތްތަކެއް ނޫންކަމުގައި ކަނޑައަޅައިދީ އެ ސަބަބަށްޓަކައި އެ ޚަބީރުން ތައްޔާރުކޮށްފައިވާ ރިޕޯޓުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ކަމަށް ކަނޑައަޅައިދިނުން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތު އަދި ދަށުކޯޓުގައި ނުވަތަ ހައިކޯޓުގައި ފާހަގަނުކުރާ ކަންކަން ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމާއި އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުން
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ އެ މައްސަލައަކާ ގުޅުންހުރި ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެގޮތް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ބަލާއިރު، ހައިކޯޓުގެ ޙުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބެލުމުން ސުޕްރީމް ކޯޓަށްވެސް އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ލިބިދީފައިވާ ބާރުތަކަކީ މަޙްދޫދުކުރެވިފައިވާ ބާރުތަކެއްކަން އެނގެއެވެ. ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބެލުމުން މައްސަލަތައް އިސްތިއުނާފު ކުރުމާއި އެ މައްސަލަތައް ހިންގުމުގައި ޤައިދުކުރުންތަކެއް ހުރިކަން ވަރަށް ސާފެވެ.
ހުށަހެޅިފައިވާ މައްސަލައެއްގައި ފައިސަލާކުރަނިވި ޙުކުމެއް ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ކުރާނީ، އެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާއާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމަށްފަހު ކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފު ކުރެވުނު ކޯޓުން (ހައިކޯޓުން) މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށެވެ. އަދި މި މަރުޙަލާގައި ކޯޓަށް ހުށަހެޅޭނީ ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކިތައް ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އިއްވެވި ރައުޔުގެ ޕެރަގްރާފް 24 ގައި ބުނަނީ: "... 'ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި' ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުޙަލާގައި ނުލިބޭ ހެކި، އެކަމަކު ފަހުން ހައިކޯޓު މަރުޙަލާގައި ލިބުން މެދުވެރިވާ ]ހެކި ކަމަށާއި[ އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތުން ޤާނޫނު މަގުފަހިކޮށްދޭ ]ކަމަށެވެ[."
ދަށު މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި އެކޯޓުން އެ މައްސަލައެއް ބަލައިނިމި ކުރާ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވި ހިނގަމުންދާއިރު، ދަށު މަރުޙަލާގައި ހުށަނޭޅޭ ހެކި ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓު އަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ހެކި، އިސްތިސްނާ ގޮތެއްގައި މެނުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަން ވަރަށް ސާފުކޮށް އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އިން މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އިއްވެވި ރަޢުޔުގެ ޕެރަގްރާފް 29 ގައި ބުނަނީ: "]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ[ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅިދަޢުވާ އަލުން ބަލާ އުޞޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ]ނޫންކަމަށެވެ[".
އިސްތިއުނާފީ ފުރަތަމަ މަރުޙަލާކަމުގައިވާ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށާއި، އެހެންނަމަވެސް ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު، މައްސަލައަކާގުޅޭ އައު ހެކި އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައިވަނީ އިސްތިސްނާ ޙާލަތެއްގައިކަން އެނގެއެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅިދާނެ އިސްތިސްނާ ޙާލަތެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅުމާގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ވަކިއެއްޗެއް ބުނެފައިނުވާތީ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް މި މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް ލިމިޓް ކުރެވިފައިވާ ކަމެއްކަން އެނގެއެވެ.
ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުނު މައްސަލައެއްގައި ފައިޞަލާކުރުމަށްފަހު، ޚަޞްމަކާއެއްކޮޅަށް ކޮށްފައިވާ ޙުކުމަކަށް ނުވަތަ ނިންމާފައިވާ ނިންމުމަކަށް އަސަރުފޯރާ ފަދަ ކަންކަން ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ކުރެވެންވާނީ އެކަން އެގޮތަށް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބާރުލިބޭ ފާޅުވެގެންވާ ކަންތައްތަކެއް ފެންނަން ހުންނަ ޙާލަތްތަކުގައި އެކަނިކަމާއި، މިކަން މިގޮތަށް އިންތިޒާމް ވެފައި އޮތުމުގެ މައިގަނޑު ބޭނުމަކީ، ދަށު މަރުޙަލާތަކުގައި މައްސަލަ ހިނގަމުންދާއިރު އެ މައްސަލައަކާ ގުޅޭ އެންމެހައި ކަންކަން ހުށަހަޅައި، އެކަންކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ބަހުސްކޮށް، އަވަސްކަމާއި ހަލުވިކަމާއެކު މައްސަލައިގެ މައުޟޫޢުގައި ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅިގެން ދިއުންކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި، އާންމު އުސޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި، އެ ހުށަހެޅުމުގެ ޞައްޙަކަމާ، އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައިވެސް، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެއެވެ.
1- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Non-availability)
2- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Relevance)
3- އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Credibility)
ވުމާއެކު، ހައިކޯޓުގެ މަރުޙަލާގައި ފައިޞަލާކުރުމަށްފަހު އެ މައްސަލައިގައި ޙުކުމެއްކޮށްފައިވާ މައްސަލައެއްގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެ މައްސަލައާގުޅޭ އައުހެކި ހުށަހަޅައި އެއާމެދު ބަހުސްކޮށް އެ މައްސަލައިގެ ޝަރީޢަތްތައް ހިންގުމަކީ ވަރަށް އިސްތިސްނާއީ ގޮތެއްގައި ޚާއްޞަ ޙާލަތްތަކެއްގައި މެނުވީ ލިބިދެވޭނެ ފުރުޞަތެއް ނޫނެވެ.
ޓޯޓް ޤާނޫނުގައި އިހުމާލު (negligence)
ޓޯޓްއަކީ މަދަނީ އިލްތިޒާމުތަކުގެ ޤާނޫނުގެ ތެރޭގައި ހިމެނޭ މަދަނީ ގޯސްތަކެވެ. ޓޯޓްގެ ޒިންމާ (tortious liability) އަކީ ދަޢުވާކުރާ ފަރާތުގެ މައްޗަށް ދަޢުވާ ލިބޭ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބު (legal duty) އާ ޚިލާފުވުމުން އެކަމުގެ މައްޗަށް ބިނާކޮށް ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކޯޓުން މަތިކުރާ ޤާނޫނީ ޒިންމާއެވެ. ޓޯޓްގެ ޒިންމާ އުފުލަންޖެހޭނީ ޤާނޫނު އިން މަތިކޮށްފައިވާ މަސްއޫލިއްޔަތަކާ ޚިލާފަށް ޢަމަލު ކުރުމުންނެވެ. ޓޯޓްގެ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން އެހެން ފަރާތަކަށް ލިބުނު ގެއްލުން (Damage) ދެނެގަތުމުގައި ގެއްލުމެއްވުމުގެ ދުރުގާތްކަން (remoteness of damage) އަށް ބަލަންޖެހޭނެއެވެ. ޓޯޓް އިން މަތިކުރާ ޤާނޫނީ ޒިންމާ އަދާ ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ފަރުވާއެއްގެ ގޮތުގައި ނަގައިދެވެނީ "އަންލިކުއިޑޭޓަޑް ޑެމޭޖަސް" (unliquidated damages) އެވެ.
ޓޯޓްގެ ޢަމަލުތަކާގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ވަކި ޤާނޫނެއް ލިޔެވިފައެއް ނެތެވެ. އިހުމާލުވުމުގެ ޢަމަލެއްގެ (negligent act) ނުވަތަ މަދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ޓޯޓްގެ މަސްއޫލިއްޔަތު (tortious responsibility) އަކީ ކޮބައިކަމާއި އެ ގޯހުގެ ރުކުންތަކަކީ ކޮބައިކަން، ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތަކުގައެވެ. އެގޮތުން، ޓޯޓްގެ ޢަމަލުގެ ތަޢާރަފާއި އެ ޢަމަލުގައި ފުރިހަމަވާންޖެހޭ ރުކުންތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އަންނަނިވި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވެއެވެ.
25.1- އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާ
މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި ބުނަނީ:
"... ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތުގެ ޢާންމު ޤާޢިދާއަކީ ގެއްލުމެއް މެދުވެރިކުރާ ކޮންމެ "ޚަޠައު" އަކީ ބަދަލުދޭންޖެހޭ "ޚަޠައު" އެއް ކަމަށް ލެޓިން ކޮޑިފިކޭޝަންތަކުގައި އޮންނަ ޢާންމު ޤާޢިދާކަމާއި އަދި އިސްލާމީ ޝަރީޢަތުގައި "ލާ ޟަރަރަ ވަލާ ލިޟާރަ" "ވައްޟަރަރު ޔުޒާލު" "ޟަމާނުލް މުތްލަފާތި" ފަދަ ޝަރުޢީ އަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ ޤާޢިދާ ކަމުގައިވާ، ގެއްލުން މެދުވެރިކުރާ ފަރާތް ގެއްލުމާ ޟާމިން ވާންޖެހޭނެކަމަށް އޮންނަ ޤާޢިދާކަމާއި، އިނގިރޭސި ޓޯޓްސްގެ ޤާނޫނުތަކުގައި ތަފްޞީލުކޮށް ޓޯޓްސްގެ އެޕްލިކޭޝަންތައް ބަޔާންކުރިކަމުގައި ވިޔަސް، އިނގިރޭސި ޓޯޓްސްގެ ޙާލަތްތަކުގެ މައްޗަށް ބަލާއިރު، ޓޯޓްސްގެ ރުކުންތައް ކަނޑައެޅުމުގައި، ބުނެވިދިޔަ އެހެނިހެން ޤާނޫނީ ނިޒާމުތަކާއި އަސާސީ ތަފާތުތަކެއް ނުހުންނަކަން އެނގެން އޮންނަކަމާއި އެގޮތުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ، 1. ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު/Fault)، 2. ގެއްލުން (ޟަރަރު/Damage)، 3. ކުރި "ޚަޠައު" ގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން(Causal link) އާ ތިން ރުކުންކަމާއި، މި ރުކުންތަކުގެ ތެރެއިން "ޚަޠައު" އަކީ ލިބުނު ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޝަރުޢިއްޔަތެއް ނެތް ޢަމަލުކަމަށް ވެފައި، ގެއްލުމާ މަސްއޫލުވާ ފަރާތް "ޚަޠައު" ގެ ޢަމަލެއް ކުރިކަމާއި "ޚަޠައު" ގެ އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނުކަމާއި، ގެއްލުން ލިބުނީ ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޢަމަލުގެ ސަބަބުންކަމާއި، މި ތިން ރުކުން ސާބިތުވުމަކާ ނުލައި ތަޤްޞީރީ މަސްއޫލިއްޔަތެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ދަޢުވާ ސާބިތުނުކުރެވޭ ކަމާއި، މި ތިން ރުކުން ސާބިތުވުމުން ބަދަލު ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ލިބުނު ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ވަގުތުން ފެށިގެންކަމާއި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފުރަތަމަ އަގުކުރަންވާނީ ލިބިފައިވާ ސީދާ ގެއްލުމުގެ މިންވަރުކަމާއި ސީދާ ގެއްލުމުގައި ހިމެނެނީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމާއި (Damnum emergens)، ގެއްލުނު ނަފްޢު ނުވަތަ އާމްދަނީ (lucrum cessans) ކަން އެނގެން އޮންނަ އޮތުމެވެ."
މިފަދައިންނެވެ.
ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ
މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ބުނަނީ:
"... ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަޠައު އިހުމާލު" ގެ މައްސަލަތަކުގައި އިހުމާލުވުމުގެ ޢަމަލުކުޅައީ ގެއްލުން ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއް ނޫންކަމާއި، އިހުމާލުވުމުގެ ސަބަބުން ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ ޕްރޮފެޝަނެއްގައި ހުރި، މަޢުޤޫލު (Reasonable) މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނާނެ މިންވަރު ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުމުންކަން އެނގެން އޮންނަ އޮތުމެވެ."
މިފަދައިންނެވެ.
އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) ޤަޟިއްޔާ
މި ޤަޟިއްޔާގެ ފާހަގަކުރެވެނު ނުކުތާތަކުގެ (ކ) ގައި ބުނަނީ:
"... ]ބޭސްފަރުވާ ކުރުމުގައި ފަރުވާބަހައްޓަންޖެހޭ މިންގަނޑަށް ފަރުވާނުބެހެއްޓުމުން އުފެދޭ[ މަސްއޫލިއްޔަތަކީ ތިން ރުކުނެއް ނުވަތަ އުންޞުރެއް ފުރިހަމަވުމުން އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމާއި؛ ފުރަތަމަ ރުކުނަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާދިނުމުގައި ކުރެވޭ ގޯސް ތަޞައްރުފު (malpractice) ކަމާއި، ދެވަނަ ރުކުނަކީ ބަލިމީހާއަށް ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ ރުކުނަކީ ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ގޯސް ތަޞައްރުފާ ދެމެދު ސަބަބީ ގުޅުމެއް (عِلاَقَة سَبَبِيَة/ causal relation) އޮތުން، ނުވަތަ ބަލިމީހާއަށް ލިބުނު ގެއްލުމަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ފަންނީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ]ލިބޭ ގެއްލުމަކަށްވުމެވެ.["
މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނޫއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި ފަނޑިޔާރުން ރިޢާޔަތްކުރާނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑަޅާފައިވާ ގޮތަށްކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަތައް ނިންމުމުގައި ޢަމަލުކުރާނެ ޤާނޫނެއް ނެތް ޙާލަތްތަކުގައި މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުތައް ބަލައިގަނެ ތަޠުބީޤުކުރުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހުއްދަކުރާކަމެއްކަން އިސްތިޤްރާރުވެފައިވާ ޝަރުޢީ އުސޫލުތަކަށާއި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގެއެވެ.
އިނގިރޭސި ވިލާތުގެ ޓޯޓް ޤާނޫނަށް ބަލާއިރު، އިނގިރޭސި ޓޯޓްގެ ޤާނޫނުގައި އެންމެ މުޙިއްމުކަމެއް ދީފައިވަނީ ތިމާގެ އަވައްޓެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަވައްޓެރިންނަކީ ކޮބައިކަން އޮޅުންފިލުވައިދެއްވަމުން ޑޮނަހިއު ވ. ސްޓީވަންސަން (Donoghue v Stevenson) ޤަޟިއްޔާގައި ލޯޑް އެޓްކިން (Lord Atkin) ވިދާޅުވެފައިވަނީ:
"The rule that you are to love your neighbour becomes, in law, you must not injure your neighbour; and the lawyer’s question ‘who is my neighbour?’ receives a restricted reply. You must take reasonable care to avoid acts or omissions which you can reasonably foresee would be likely to injure your neighbour. Who then in law is my neighbour? The answer seems to be – persons so closely and directly affected by my act that I ought reasonably to have them in contemplation as being so affected when directing my mind to the acts or omissions which are called in question."
މިފަދައިންނެވެ.
އަވަށްޓެރިޔާ (neighbour) އަކީ، އެމީހަކު ކުރާ ކަމެއްގެ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ އަސަރު ފޯރަފާނެކަމަށް އެމީހެއްގެ އަމިއްލަ ސިކުނޑިއަށް ވިސްނޭ ކޮންމެ މީހަކެވެ.
ޓޯޓް ޤާނޫނުން މަތިކުރާ ޒިންމާއަކާ ޚިލާފުވީކަމަށް ބެލެވެނީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ޤާނޫނީ ވާޖިބު (legal duty) އެއް އޮވެ، އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑާ ޚިލާފުވުމުންނެވެ. ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އެއް އޮތްތޯ ބެލުމުގައި އިނގިރޭސިވިލާތުގެ ޓޯޓް ޤާނޫނުގައި 03 (ތިނެއް) ކަމެއް އެކުލެވޭ ޓެސްޓެއް (Caparo test) ފުރިހަމަވޭތޯ ބަލައެވެ. އެއީ؛
(1) ދަޢުވާލިބޭ ފަރާތުގެ މައްޗަށް މަތިކޮށްފައިވާ ފަރުވާބެހެއްޓުމުގެ ޒިންމާއާ އޭނާ ޚިލާފުވެއްޖެނަމަ ދައުވާކުރާ ފަރާތަށް ގެއްލުމެއް ލިބިދާނެކަން ތަޞައްވުރުކުރެވުން ނުވަތަ ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮތުން (foreseeability)؛
(2) ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާ ދެމެދު އެކަށީގެންވާ ގާތްގުޅުމެއް އޮތުން (proximity)؛ އަދި
(3) މިފަދަ ޒިންމާއެއް އޮތްކަމަށް ކަނޑައެޅުމުގައި ޢަދުލުވެރިހަމައަށާއި، ސަބަބުވެރި މިންގަނޑަށް ރިޢާޔަތްކުރުން (is it fair, just and reasonable to impose a duty?) އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ އަދި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް)، މި 03 (ތިނެއް) ޤަޟިއްޔާއަށް ބެލުމުން، ޓޯޓްގެ ގެ ތެރޭގައި ހިމެނޭ އިހުމާލުވުމުގެ ޢަމަލެއް (negligent act) އޮތްކަމަށް ބެލޭނީ އެ ޢަމަލުގައި އަސާސީ 03 (ތިނެއް) ރުކުނެއް ފުރިހަމަވާނަމައެވެ. އެރުކުންތަކަކީ:
ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ޢަމަލު (Fault)؛
ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުން، (Damage)؛ އަދި
އެ ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި ސަބަބީ ގުޅުން (Causal link) . މިއެވެ.
އިހުމާލުވުމުގެ ޢަމަލުކުޅައީ ގެއްލުން ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއް ނޫންކަމާއި އިހުމާލުވުމުގެ ސަބަބުން ޓޯޓްގެ ޒިންމާ އުފުލަންޖެހޭނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ މަޤާމެއްގައި ހުރި، ސަބަބުވެރި (Reasonable) މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަން ހުންނާނެ މިންވަރު ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުން ކަމާއި ބަދަލު ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ލިބުނު ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ވަގުތުން ފެށިގެންކަމާއި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފުރަތަމަ އަގުކުރާނީ ލިބިފައިވާ ސީދާ ގެއްލުމުގެ މިންވަރުކަމާއި ސީދާ ގެއްލުމުގައި ހިމެނެނީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމާއި ގެއްލުނު ނަފްޢު ނުވަތަ އާމްދަނީ ކަން އެނގެއެވެ.
އިހުމާލުގެ އުންޞުރުތަކުގެ އިން ކަނޑައަޅައި އެ އިމުގެ ތަރަހައަކީ ކޮބައިކަން ރަނުން ރަނަށް ފަނޑިޔާރަށް ބުނެދެވޭނެ ކަމަކަށް އަހުރެންވެސް ނުދެކެމެވެ. އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ ކަޕާރޯ އިންޑަސްޓްރީސް ޕލކ ވ. ޑިކްމަން (Caparo Industries PLC v Dickman) ޤަޟިއްޔާގައި، ލޯޑް ރޮސްކިލް (Lord Roskill) ވިދާޅުވެފައިވަނީ:
“I agree with your Lordships that it has now been accepted that there is no simple formula or touchstone to which recourse can be had in order to provide in every case a ready answer to the question whether, given certain facts, the law will or will not impose liability for negligence or, in cases where such liability can be shown to exist, determine the extent of that liability.”
މިފަދައިންނެވެ.
ކަޕާރޯ އިންޑަސްޓްރީސް ޕލކ ވ. ޑިކްމަން (Caparo Industries PLC v Dickman) ޤަޟިއްޔާގައި، ލޯޑް ރޮސްކިލް (Lord Roskill) ވިދާޅުވާ ވިދާޅުވުމަށް ބަލާއިރު، ޓޯޓްގެ ހުރިހާ މައްސަލަތަކަށް ތަޠުބީޤު ކުރެވޭނެ ޢާންމު ފޯމިއުލާއެއް ނުވަތަ ޓެސްޓެއް ނެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.
ކަޕާރޯ އިންޑަސްޓްރީސް ޕލކ ވ. ޑިކްމަން (Caparo Industries PLC v Dickman) ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ވާޖިބު (duty of care) އެއް އޮތްތޯ ބެލުމުގައި ފުރިހަމަވާންޖެހޭ ކަމަށް ބުނެފައިވާ 03 (ތިނެއް) ކަމެއް އެކުލެވޭ ކަޕާރޯ ޓެސްޓް (Caparo test) އަކީ ޓޯޓްގެ ޒިންމާ (tortious liability) އުފުލަންޖެހޭނެކަމަށް ބުނެ ދަޢުވާކުރާ ހުރިހާ މައްސަލައަކަށް ތަޠުބީޤުވާނެ ޓެސްޓެއް ކަމަށް ގެންގުޅުނު ވިސްނުމާ ވަނީ ދުރަށް ގޮސްފައެވެ. އަދި މިހާރުގެ ޖުޑީޝަލް ވިސްނުމަކީ ފަރުވާބެހެއްޓުމުގެ ވާޖިބު (duty of care) އޮތްތޯ ބެލުމުގައި ހުރިހާ މައްސަލައަކަށް ފެތޭ ވަކި ޓެސްޓެއް ގެންގުޅުމުގެ ބަދަލުގައި "އެޕްރޯޗް ބޭސްޑް" (approached based) އުޞޫލެއް ގެންގުޅެ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢުވާންޖެހޭ އުޞޫލަށް ބެލުމާއެކު މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ފަނޑިޔާރުގެ ކުރިމަތީގައި އޮތް މައްސަލައިގައި ތަޠުބީޤު ކުރެވޭ މިންވަރަށް ތަޠުބީޤު ކުރުމެވެ.
އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުގެ ރޮބިންސަން ވ. ޗީފް ކޮންސްޓަބަލް އޮފް ވެސްޓް ޔޯކްޝަޔަރ ޕޮލިސް (Robinson v Chief Constable of West Yorkshire Police) ގެ ޕެރަގްރާފް 21 ގައި އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ރައީސް ލޯޑް ރީޑް (Lord Reed) ވިދާޅުވަނީ:
“The proposition that there is a Caparo test which applies to all claims in the modern law of negligence, and that in consequence the court will only impose a duty of care where it considers it fair, just and reasonable to do so on the particular facts, is mistaken. As Lord Toulson pointed out in his landmark judgment in Michael v Chief Constable of South Wales Police (Refuge and others intervening) [2015] UKSC 2; [2015] AC 1732, para 106, that understanding of the case mistakes the whole point of Caparo, which was to repudiate the idea that there is a single test which can be applied in all cases in order to determine whether a duty of care exists, and instead to adopt an approach based, in the manner characteristic of the common law, on precedent, and on the development of the law incrementally and by analogy with established authorities.”
މިފަދައިންނެވެ.
ރޮބިންސަން ވ. ޗީފް ކޮންސްޓަބަލް އޮފް ވެސްޓް ޔޯކްޝަޔަރ ޕޮލިސް (Robinson v Chief Constable of West Yorkshire Police) ގެ ޕެރަގްރާފް 21 ގައި ލޯޑް ރީޑް(Lord Reed) ވިދާޅުވަނީ، ކަޕާރޯ ޓެސްޓް (Caparo Test) އަކީ އިހުމާލުގެ ކޮންމެ މައްސަލައަކަށްވެސް ތަޠުބީޤުރެވޭ ޓެސްޓްކަމަށާ، އަދި ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އޮތްކަމަށް ކޯޓުން ކަނޑައެޅޭނީ، އެ މައްސަލައިގެ ވާޤިޢާތަކަށް ބެލުމަށް ފަހު، ޢަދުލުވެރިހަމައަށާއި، ސަބަބުވެރި މިންގަނޑަށް (fair, just and reasonable) ބެލުމަށްފަހު ކަމަށް ދެކެމުން އައި އައުމަކީ އޮޅުމެއް (mistake) ކަމަށެވެ. އަދި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢަވާން ޖެހޭ އުޞޫލަށް ރިޢާޔަތްކުރުމާއެކު އިހުމާލުގެ ޤާނޫނު (law of negligence) ތަރައްޤީ ކުރަންޖެހޭ ކަމަށެވެ.
އަދި ރޮބިންސަން ވ. ޗީފް ކޮންސްޓަބަލް އޮފް ވެސްޓް ޔޯކްޝަޔަރ ޕޮލިސް (Robinson v Chief Constable of West Yorkshire Police) ގެ ޕެރަގްރާފް 29 ގައި އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ރައީސް ލޯޑް ރީޑް (Lord Reed) އިތުރަށް ވިދާޅުވެފައިވަނީ:
“In the ordinary run of cases, courts consider what has been decided previously and follow the precedents (unless it is necessary to consider whether the precedents should be departed from). In cases where the question whether a duty of care arises has not previously been decided, the courts will consider the closest analogies in the existing law, with a view to maintaining the coherence of the law and the avoidance of inappropriate distinctions. They will also weigh up the reasons for and against imposing liability, in order to decide whether the existence of a duty of care would be just and reasonable.”
މިފަދައިންނެވެ.
ރޮބިންސަން ވ. ޗީފް ކޮންސްޓަބަލް އޮފް ވެސްޓް ޔޯކްޝަޔަރ ޕޮލިސް (Robinson v Chief Constable of West Yorkshire Police) ގެ ޕެރަގްރާފް 29 ގައި ލޯޑް ރީޑް (Lord Reed) ވިދާޅުވެފައިވާ ވިދާޅުވުމުގެ މުރާދަކީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުން ތަކަށް ތަބަޢަވާން ޖެހޭނެ ކަމާ އަދި މަތީ މަރަޙަލާގެ ކޯޓެއްގެ ނިންމުމާ ދުރަށްދާން ޖެހޭ ޙާލަތުގައިވެސް އެއިރަކު ހުރި ޤާނޫނީ އުޞޫލުތަކަށާއި ކުރިން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރުގެ ކުރިމަތީގައި އެވަގުތު އޮތް މައްސަލައާ ގާތްކުރާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭނެކަމެވެ.
އިހުމާލުގެ ޤާނޫނު (law of negligence) އިން މަތިކުރާ ވާޖިބަކީ އެހެން މީހުންގެ ޖިސްމަށާއި ނަފްސަށާއި މުދަލަށް ގެއްލުން ނުދިނުމުގެ ވާޖިބެވެ. މިއީ އެއްވެސް ހާލެއްގައި ވަކި މީހަކަށް ފައިދާ ލިބޭގޮތަށް ތަރައްޤީ ކުރެވިފައިވާ ޤާނޫނެއް ނޫނެވެ. މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދިނުމަކީ އެމީހެއްގެ މައްޗަށް އޮތް ބުރައެކެވެ. އިހުމާލުވުމުގެ ސަބަބުން މީހެއްގެ ޖިސްމަށާއި ނަފްސަށާއި މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން މާލީ ގެއްލުން (economic loss) އަށް ވެސް ބަދަލު ނަގައިދެވޭ ހާލަތްތައް ހުރެއެވެ. އެގޮތުން، މާލީ ގެއްލުމެއްގެ ބަދަލު ކޯޓުން ނަގައިދޭނަމަ، ޢަދުލުވެރިހަމައަށާއި ސަބަބުވެރި މިންގަނޑަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
މި މައްސަލައިގެ މައްޗަށް ޤާނޫނު ތަޠުބީޤު ކުރުން
އަވައްޓެރިޔާ އަށް ގެއްލުމެއް ނުވާގޮތަށް އެމީހެއްގެ ޢަމަލު ބެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ޤާނޫނީ ވާޖިބު (legal duty) އެކެވެ. އަމިއްލަ ފަރުދަކު ކަމަށްވިޔަސް، ދައުލަތުގެ އިދާރާއެއް ކަމަށްވިޔަސް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ކަމަށްވިޔަސް، ނުވަތަ އަމިއްލަ ކުންފުންޏަކުން ކަމަށްވިޔަސް އަވައްޓެރިޔާ އަށް ގެއްލުމެއް ނުވާގޮތަށް އެ ފަރާތުގެ ޢަމަލުތައް ބެހެއްޓުމުގެ ޒިންމާ އޮންނާނެއެވެ. އެ ޒިންމާއާމެދު ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އެ ފަރާތަކުން އެކަމުގެ މަސްއޫލިއްޔަތު އުފުލަންވެސް ޖެހޭނެއެވެ. އެގޮތުން، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތަކާގުޅިގެން ނުވަތަ ކުރާކަމަކާގުޅިގެން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއަދާކުރުމުގައި އިހުމާލުވެފައިވާނަމަ އެކަމުގެ މަސްއޫލިއްޔަތު ސްޓެލްކޯއިން އުފުލަން ޖެހޭނެއެވެ.
ހުށަހެޅިފައި މިވާ މައްސަލައަކީ ޓޯޓް ލޯގެ ތެރޭގައި ހިމެނޭ އިހުމާލުގެ އަމަލަކާ ގުޅޭ މައްސަލައެކެވެ. ޓޯޓްއާ ގުޅޭ މައްސަލަތަކުގައި ޢަމަލުކުރާނެ ވަކި ޤާނޫނެއް ދިވެހިރާއްޖެ އަކުނެތެވެ. އެހެންކަމުން، ޓޯޓްގެ މައްސަލަތަކުގައި ކޯޓުތަކުން ގޮތް ކަނޑައެޅުމުގައި ބަލަންޖެހޭ އިންތަކާއި މިންތައް ކަނޑައަޅާފައިވަނީ މީގެ ކުރިން ނިންމާފައިވާ ޓޯޓްއާ ގުޅޭ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައެވެ. އެ ތަފުޞީލުތައް މި ރިޕޯޓުގެ 24 ވަނަ ޕެރަގްރާފުން ފެށިގެން 39 ވަނަ ޕެރަގްރާފްގެ ނިޔަލަށް ހުރި ނުކުތާތަކުގައި ފާހަގަކުރެވިފައި ވާނެއެވެ.
ގެއްލުން ލިބިފައިވަނީ ވަކި ފަރާތަކުން ވި އިހުމާލެއްގެ ސަބަބުން ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އިހުމާލުވިފަރާތް އެ ގެއްލުމަށް ޒިންމާކުރުވުމަށްޓަކައި އަސާސީ 04 ކަމެއް ސާބިތުކޮށްދޭންޖެހޭނެއެވެ. އެއީ؛
އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތްކަން (Duty of Care)؛
އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވެފައި ވާކަން (Breach of Duty of Care)؛
އިހުމާލުވިފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން (Damages)؛ އަދި
އެ ގެއްލުމަކީ އިހުމާލުވިފަރާތުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން (Causation). މިއެވެ.
ސްޓެލްކޯގެ ފަރާތުން ޙުސައިން ރަޝީދުގެ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތްތޯ ބަލާއިރު، އެ ޒިންމާ އޮތްކަމާމެދަކު ދެބަސްވުމެއް ނެތެވެ. ސަބަބަކީ ސްޓެލްކޯ އިން ދުވާރު މަތީގައި ބަހައްޓާފަހުރި ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ސީދާ އަސަރުކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ސްޓެލްކޯގެ މައްޗަށް އޮންނާނެތީއެވެ. އެހެންނަމަވެސް، އެ ޒިންމާ އަދާކުރުމުގައި ސްޓެލްކޯއިން އިހުމާލުވެފައިވާކަމަށް ބުނާ ޙާލަތުގައި އެ ޒިންމާގެ މަސްއޫލިއްޔަތު ސްޓެލްކޯއިން އުފުލަންޖެހޭނީ އިސްވެ ބަޔާންވެދިޔަ ޝަރުޠުތައް ފުރިހަމަވެފައިވާކަން ސާބިތުކޮށްދެވިފައިވާނަމައެވެ.
އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔަ އިރު ދަޢުވާ ސާބިތުކުރުމަށްޓަކައި ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީ:
ހާދިސާ ހިނގިވަގުތު މަންޒަރުދުށް މީހުން ނަގާފައިވާ ވީޑިއޯއާއި ފޮޓޯތައް ހިމެނޭ ސީޑީ؛
ހާދިސާ ހިނގި ވަގުތު އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމަށް ފަހު މަންޒަރުދުށް މީހުން ނަގާފައިވާ ފޮޓޯތައް؛
"ފަރިވާ ކުއާރޓްސް" ގެ ރަޖިސްޓަރީ ސެޓްފިކެޓް، އިމްޕޯޓް ލައިސަންސް އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ. މިއެވެ.
މީގެތެރެއިން ފުރަތަމަ ހެކި ހުށަހަޅާފައިވަނީ، އަލިފާނުގެ ހާދިސާ ހިނގިކަމާއި، އަލިފާންގަނޑު ފެތުރިގެން ދިޔަގޮތާއި، އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުން ސާބިތުކުރުމަށެވެ. ދެވަނަ ހެކި ހުށަހަޅާފައިވަނީ، އަލިފާން ފުރަތަމަ ރޯވީ ސްޓެލްކޯއިން ބަހައްޓާފައި ހުރި ފޮށީގައި ކަމާއި، އަލިފާންގަނޑު ފެތުރިގެން ދިޔަ ގޮތާއި، އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުން ސާބިތުކުރުމަށެވެ. އަދި ތިންވަނަ ހެކި ހުށަހަޅާފައިވަނީ، އަލިފާން ރޯވި ފިހާރައަކީ ޙުސައިން ރަޝީދުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޙުސައިން ރަޝީދުގެ އަމިއްލަ ފިހާރައެއްކަން ސާބިތުކުރުމަށެވެ. މި ހެކިތަކަކީ މި ރިޕޯޓުގެ 42 ވަނަ ޕެރަގްރާފްގައި ބަޔާންކޮށްފައިވާ، އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތްކަން؛ ނުވަތަ އިހުމާލުވިފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވެފައި ވާކަން؛ ނުވަތަ އިހުމާލުވިފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން؛ ނުވަތަ އެ ގެއްލުމަކީ އިހުމާލުވިފަރާތުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން؛ ސާބިތުވާފަދަ ހެކިތަކެއް ނޫންކަން އެނގެން އޮވެއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ޙުސައިން ރަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާގައި، އެމް.އެން.ޑީ.އެފްގެ ފަރާތުން އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ބަހެއް ނުހޯދާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާއާ ގުޅިގެން 19 ޖުލައި 2019 ގައި ބޭއްވުނު ޝަރީޢަތަށް ސްޓެލްކޯގެ ފަރާތުން ހުށަހެޅި ބަޔާނުގައި؛
"ދެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރައްވާފައި އެބަވޭ އެމް.އެން.ޑީ.އެފްގެ އޮފިސަރުން ހެކީގެ ގޮތުގައި ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވާކަން. އަޅުގަނޑުމެންގެ ފަރާތުން ފާހަގަކޮށްލަން ބޭނުންވޭ އެމް.އެން.ޑީ.އެފްގެ އޮފިސަރުން ހެކީގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތުން އަދި ދަޢުވާލިބޭ ފަރާތުން ވެސް ހުށަހަޅާފައެއް ނުވޭ. އެގޮތުން ހުށަހަޅާފައި ނުވާއިރުގައި، އެފަދަ މީހުން ހެކީގެ ގޮތުގައި ޙާޟިރުކުރަން ޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމުގައި އަޅުގަނޑުމެންގެ ފަރާތުން ދެކެން."
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ. އަދި މި ބުނުމާމެދު ޙުސައިން ރަޝީދުގެ ފަރާތުން ތަޢުނުކޮށް އެކަން ނަފީކޮށްފައެއް ނުވެއެވެ.
މާފަންނު ފާމުދޭރިމަގުގައި ހުރި "ފަރިވާ ކްއާރޓްސް-1" ފިހާރާގައި އަލިފާން ރޯވެ، ފިހާރައިގެ ފުރާޅުގައި އަލިފާން ހިފައި، ފިހާރައިގެ ދެ ބުރީގައި ހުރި ހުރިހާ މުދަލެއް އަނދާ އަޅިޔަށްވެގެން ދިޔައީ، ފިހާރައިގެ ކުރިމަތީގައި އޮތް ދުވާރު މަތީގައި ސްޓެލްކޯއިން ބަހައްޓާފައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން އައި އަލިފާނުން ކަމަށް ޙުސައިން ރަޝީދުގެ ފަރާތުން ބުނެފައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 27/2016/PRE/171-D2 (04 އެޕްރީލް 2016) ރިޕޯޓުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސީން އޮފިސަރުން އެ ޑިސްޓްރިބިއުޝަން ފޮށިން ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ "ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަން" އިން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަމަށް ފާހަގަކޮށްފައިވާކަން އެނގެން އޮވެއެވެ. މި މައްސަލައިގައި ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މަންޒަރު ލޮލަށް ފެނުނު މީހުންގެ ހެކިބަހަކީ އަލިފާން ފެށިގެން އައިގޮތް ސާބިތުކޮށްދޭ ހެކިބަހަކަށް ނުވާއިރު، "ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަން"ގެ ނަތީޖާ ނަފީކުރެވޭފަދަ ހެއްކެއް ޙުސައިން ރަޝީދުގެ ފަރާތުން މި މައްސަލާގައި ހުށަހެޅިފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 701/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމުގެ އިތުރުން ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި ފަހުން ލިބިފައިވާ އަދި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ކިތާބީ އަދި ޝަފަހީ ހެކި ހުށަހެޅުމަށް ފުރުޞަތު ދީ މި މައްސަލަ މައުޟޫޢީ ގޮތުން ބަލައިދިނުމަށްފަހު ފައިސަލާކުރަނިވި ޙުކުމެއް ނެރެދިނުމަށެވެ. މިގޮތުން، މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ތިން ހެއްކެއް ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެއީ؛
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނަންބަރު MNDF-08-MFS/HR/2016/30 ރިޕޯޓުގެ ކޮޕީ؛
ފަންނީ މާހިރެއްގެ އެކްސްޕާޓް ރިޕޯޓެއްކަމަށް ބުނެ ހުށަހެޅި އިމްތިޔާޒު މުޙައްމަދު (ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓް؛ އަދި
ފަންނީ މާހިރެއްގެ އެކްސްޕާޓް ރިޕޯޓެއްކަމަށް ބުނެ ހުށަހެޅި މުޙައްމަދު ވަޙީދު (ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓް؛ މިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނަންބަރު MNDF-08-MFS/HR/2016/30 ރިޕޯޓަކީ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު ހުށަހެޅުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 27/2016/PRE/171-D2 ރިޕޯޓުގައި ޙަވާލާދީފައިވާ ރިޕޯޓެކެވެ. އެހެންނަމަވެސް، މި ރިޕޯޓަކީ ސިވިލް ކޯޓަށްވެސް އަދި ހައިކޯޓަށްވެސް ހުށަހެޅުނު ރިޕޯޓެއްނޫނެވެ. އަދި މި ދެ މަރުޙަލާގައިވެސް މި ރިޕޯޓު ހުށަހަޅަން އެދިފައެއްވެސް ނުވެއެވެ. އަދި މީގެއިތުރުން، ފަންނީ މާހިރުންގެ އެކްސްޕާޓް ރިޕޯޓުކަމަށް ބުނެ ހުށަހެޅި ދެ ރިޕޯޓަކީ ދަށުކޯޓަށް އަދި ހައިކޯޓަށްވެސް ހުށަހަޅާފައިވާ ދެ ރިޕޯޓެއް ނޫނެވެ. އަދި އެ ރިޕޯޓުތައްވެސް ޝަރީޢަތަށް ހުށަހަޅަން އެދިފައިވާކަން ސިވިލް ކޯޓާއި ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންވެސް އެނގޭކަށް ނެތެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އިސްތިއުނާފީ މަރުހަލާގައި އައު ހެކި ހުށަހެޅުމާގުޅޭގޮތުން މި ރިޕޯޓުގެ 14 ވަނަ ޕެރަގްރާފުން ފެށިގެން 23 ވަނަ ޕެރަގްރާފުގެ ނިޔަލަށް ބަޔާންކުރެވުނު އުސޫލުތަކަށް ރިޢާޔަތްކުރާއިރު، ޙުސައިން ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހެކިތައް މި މަރުޙަލާގައި ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ.
ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އެހެންކަމުން، ޝަރީޢަތަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސްޓެލްކޯގެ ފަރާތުން ވި އިހުމާލަކުންކަން ކަނޑައެޅޭނެ ހަމައެއް ނެތުމުން ސްޓެލްކޯގެ ފަރާތުން ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ސްޓެލްކޯއިން ޚިލާފުވެފައިވާކަމަށް ކަނޑައެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
"ފަރިވާ ކްއާރޓްސް-1" ފިހާރާގައި އަލިފާން ރޯވި ހާދިސާގެ ސަބަބުން ފިހާރަޔަށާއި ފިހާރައިގައިހުރި މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެލްކޯއިން އެކީއެއްފަހަރާ 33,000,000/-ރ. (ތެއްތިރީސް މިލިއަން ރުފިޔާ) ހޯދުމަށް ޙުސައިން ރަޝީދުގެ ފަރާތުން އެދިފައިވާއިރު، މި ބަދަލަކީ މި ގެއްލުމާ ޙުސައިން ރަޝީދު ކުރިމަތިލާންޖެހުނީ ސްޓެލްކޯ އިން ޤާނޫނާ ޚިލާފަށްކުރި ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުންކަން ސާބިތުކޮށްދީގެން މެނުވީ އެއާމެދު ގޮތެއް ކަނޑައެޅޭނެ ބަދަލެއް ނޫނެވެ. މި ހާދިސާ ހިނގުމާގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސީން އޮފިސަރުން ޑިސްޓްރިބިއުޝަން ފޮށިން ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ "ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަން" އިން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަމަށް ފާހަގަކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 27/2016/PRE/171-D2 (04 އެޕްރީލް 2016) ރިޕޯޓުން އެނގެން އޮވެފައި، އެކަން ނަފީކުރެވޭނެ ފަދަ ހެއްކެއް ޙުސައިން ރަޝީދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައެއް ނުވެއެވެ. ޙުސައިން ރަޝީދު އަށް ލިބިފައިވާ ކަމަށް ބުނާ މި ގެއްލުމާ ސްޓެލްކޯގެ ފަރާތުން ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ޢަމަލާ ގުޅުވައިލެވޭނެ ހަމައެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނެތުމުން، މި ގެއްލުމަކީ ޙުސައިން ރަޝީދުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ސްޓެލްކޯ އިން ޚިލާފުވުމުގެ ސަބަބުން ކުރިމަތިވި ގެއްލުމެއްކަމަށް ކަނޑައަޅައި މި ބަދަލު ނަގައިދެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ޙުސައިން ރަޝީދުގެ ފަރާތުން އެދިފައިވާ ފަރުވާ ލިބިދިނުމަށްޓަކައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ ރުކުންތައް މި މައްސަލައިގައި ފުރިހަމަވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، މި މައްސަލައިގައި ޙުސައިން ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ މި ކޯޓުން އިތުރަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަންތައްތަކެއްކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/299 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަދި 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދު 2009 ގެ 61 ވަނަ މާއްދާގެ (ށ)
- 2012/SC-A/10 (އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ)
- 2012/SC-A/20 (ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް)
- 2016/SC-A/05 (އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް))
- 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- Donoghue v Stevenson [1932] AC 562
- Caparo Industries PLC v Dickman [1990] UKHL 2
- Robinson v Chief Constable of West Yorkshire Police [2018] UKSC 4
- Michael v Chief Constable of South Wales Police [2015] UKSC 2
- ބެންޗު
- އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 7 އޮކްޓޫބަރު 2019 · ރަޖިސްޓްރީކުރީ 7 ސެޕްޓެމްބަރު 2020 · ނިމުނީ 27 އޮކްޓޫބަރު 2021 (13.6 މަސް)