ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-S-A/12
ޙުސަައިން ޝިނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2018/HC-S-A/12
Husaain Shinaan v. Prosecutor General 2018/HC-S-A/12 (2018/HC-S-A/12, High Court of the Maldives, 7 August 2018)
ޙުސަައިން ޝިނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ، 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތެއްގެ ބަންދުގެ މުއްދަތު ތަފާތު ފަހަރުމަތިން އިތުރުކުރަމުން އައިސް، މުއްދަތު ހަމަވުމުން އިތުރުކުރުމަށް ފުލުހުން މެޖިސްޓްރޭޓް ކޯޓަށް އެދުނެވެ. މުއްދަތުގެ މަޖިލީހުގެ މަޢުލޫމާތު ވަކީލަށް އެދުވަހު އެންގިއެވެ.
އިސްތިއުނާފުކުރި ފަރާތް ބުނީ، އޭނާ ޢައްޔަންކުރި ވަކީލަށް އެންގުމަކާނުލައި ކޯޓަށް ގެންގޮސް މުއްދަތު އިތުރުކުރީތީ އަމުރަކީ ޤާނޫނުއަސާސީގެ 48 (ށ) އާ ޚިލާފު އަމުރެއް ކަމަށެވެ. ވަކީލަށް އެންގިކަމަށް ދެފަރާތް އެއްބަސްވެ، ޚިލާފު އުފެދުނީ އެންގި ގަޑީގެ މައްޗަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ބަންދުގައި ހުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރަކީ، އޭނާ ޢައްޔަންކުރި ވަކީލަށް މުއްދަތުގެ މަޖިލީހުގެ ގަޑި އެންގި ގޮތުގެ ސަބަބުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާ ޚިލާފު ބާޠިލު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
މަޖިލިސް ފެށުމުގެ ކުރިން ވަކީލަށް އަންގައި އެކަށީގެންވާ ވަގުތު ދެވިފައިވާކަން އެނގޭއިރު، ވަކީލު ނުލައި ކުރިއަށް ގެންދިއުމަށް ތުހުމަތުކުރެވޭ ފަރާތް އިންކާރުކުރިކަން ނޭނގޭތީ، އަމުރަކީ 48 (ށ) އާ ޚިލާފު ބާޠިލު އަމުރެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި، ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެން ވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- މީހަކު ބަންދުގައި ބަހައްޓާފައިވާ މުއްދަތު އިތުރުކުރުމަށް އެމީހަކު ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، އެމީހަކު ޤާނޫނީ ވަކީލެއް ޢައްޔަންކޮށްފައިވާނަމަ، އެމީހަކު ކޯޓަށް ހާޒިރުކުރުމަށް ކަނޑައެޅިފައިވާ ވަގުތާބެހޭ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ވަކީލަކަށް އަންގަންވާނެއެވެ. އަދި އެކަން އަންގަންވާނީ ކޯޓަށް ޙާޟިރުކުރަން އޮންނަ ވަގުތުގެ ކުރިން، އެކަށީގެންވާ ވަގުތު ދިނުމަށްފަހުއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ އެފަދަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ އޭގެ ޒާތުގައި އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ކަމުގައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު، ޤާނޫނީ ވަކީލަށް މުއްދަތުގެ މަޖިލީހަށް ޙާޟިރުވާން އަންގަންވާނީ، އެ މައްސަލައެއްގައި ނުވަތަ އެ ޙާލަތުގައި ކޯޓަށް ޙާޟިރުވުމުގެ ކުރިއަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ބަންދުގެ މުއްދަތާގުޅޭ ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، ތުހުމަތުކުރެވޭ ފަރާތުގެ ވަކީލަށް އެކަމުގެ މަޢުލޫމާތު ދެވި، މުއްދަތުގެ މަޖިލިސް ފެށުމުގެ ކުރިން އެކަށީގެންވާ ވަގުތެއް ވަކީލު ހާޒިރުވުމަށް ފުރުޞަތުދެވިފައިވާކަން އެނގެން އޮތުމާއި، މުއްދަތު މަޖިލިސް ވަކީލު ނުލައި ކުރިއަށް ގެންދިއުމަށް އޭނާ އިންކާރު ކޮށްފައިވާކަންވެސް އެނގެން ނެތުމުން، ބަންދުގެ މުއްދަތު އިތުރުކުރުމަށް ނެރެވުނު އަމުރަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ދެމެހެއްޓުމުގެ ފުރުޞަތު ތަނަވަސްކޮށް ނުދީ ނެރެފައިވާ ބާޠިލު އަމުރެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ނަންބަރު 2015/HC-A/13
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް