ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/194
2017/HC-A/194، 2017/HC-A/194
2017/HC-A/194 (2017/HC-A/194, High Court of the Maldives, 16 April 2017)
2017/HC-A/194
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމާއި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި ބަންދުގައިވާ ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނެވެ. މި އަމުރުގެ ކުރިންވެސް ތިން ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށްފައިވިއެވެ.
މުޖުތަމަޢަށް ނުރައްކާވާނެ އިޙްތިމާލެއް ފުލުހުން ސާބިތުކޮށްފައިނުވާކަމަށާއި، ބަންދުގެ ޟަރޫރަތާއި 2010/SC-A/19 ގައިވާ ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ތުހުމަތުކުރެވޭ ފަރާތުން ބުނެއެވެ.
މައިގަނޑު ސުވާލު
ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމާއި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައި، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ އުޞޫލުތަކާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރު ބާޠިލު، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލި
ބަންދުގައި ބެހެއްޓެނީ ފުދޭ ހެކި ހުރެ ޟަރޫރަތެއް ހުރިނަމަ އެކަނިއެވެ. ކުށަށް ކަނޑައެޅިފައިވާ އަދަބު، ތަޙްޤީޤު ގޮސްފައިވާ ހިސާބު، ބަންދުގައި ހޭދަވި މުއްދަތު، ކުށުގެ ރެކޯޑު ފަދަ ކަންކަމަށް ބަލައި، ހައިކޯޓުން ކުރި ޝަރުޠުތަކަށް އެއްބަސްވާތީ ޝަރުޠުތަކާއެކު ދޫކޮށްލުމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާ ޙާލަތްތަކުގެ ތެރޭގައި، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގެ 9 ވަނަ ނުކުތާގައިވާ ގޮތުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައި ކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށް ކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްގައި މެނުވީ އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެންވާނީ، އެމީހަކާ ދެކޮޅަށް ލިބިފައިވާ ހެކި/ޤަރީނާތަކުގެ އަލީގައި އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭފަދަ ކުށެއްކުރިކަމުގެ ތުހުމަތު ކުރުމަށް ފުދޭ ހެކި ހުރުމާއި އަދި އެފަދަ މީހަކު ބަންދީގައި ބެހެއްޓުމަކީ ޟަރޫރަތަކަށްވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ނެރުއްވަނިވާނީވެސް އެއަމުރު ނިސްބަތްވާ މީހަކީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ކުށުގެ ބާވަތަށާއި، އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި/ޤަރީނާތަކަށާއި، ކަމާގުޅުންހުރި ވަށައިގެންވާ ޙާލަތަށް ބަލާއިރު އެމީހަކު ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް އޮތްކަމަށް ކަމާބެހޭ ކޯޓަށް ފެންނަ ޙާލަތުގައި އެކަނިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ތުހުމަތުކޮށްފައިވާ ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުގެ މިންވަރަށާއި، މައްސަލައިގެ ތަޙްޤީޤު ގޮސްފައިވާ ހިސާބަށާއި، ބަންދުގައި ހޭދަވެފައިވާ މުއްދަތަށާއި، ކުށުގެ ރެކޯޑަށާއި، މައްސަލައިގެ ވަށައިގެން ހުރި މިފަދަ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން އަދި ހައިކޯޓުން ކުރި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ތުހުމަތުކުރެވޭ ފަރާތް އެއްބަސްވެފައިވާތީ، އެޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި ބަންދުން ދޫކޮށްލުމަށް ހައިކޯޓަށް ފެނުނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/162
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/372
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް