ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/528
އައިމަން ޢަބްދުއްސައްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/528
Aiman Abdhusathaaru v. Prosecutor General's Office 2016/HC-A/528 (2016/HC-A/528, High Court of the Maldives, 28 November 2016)
އައިމަން ޢަބްދުއްސައްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކޮށް، 26 އޮކްޓޯބަރު 2016 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ތުހުމަތުކުރެވޭ ފަރާތް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރި.
ފޯޖްކޮށްފައިވާ ލިޔުންތަކެއް އިމިގްރޭޝަން އޮންލައިން ސިސްޓަމަށް ހުށަހަޅައިގެން ބިދޭސީން ގެނައުމުގެ ތުހުމަތުގައި ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނު މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހައްޔަރުކުރުމުގެ ޟަރޫރަތަށް ރިޢާޔަތްނުކޮށް 2010/SC-A/19 ގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 16، 21، 49 އަދި 51 (އ) ވަނަ މާއްދާތަކާ ޚިލާފަށް އަމުރު ނެރެފައިވާ ކަމަށެވެ. ދައުލަތުން ބުނީ މުޖުތަމަޢުގެ ސަލާމަތުގެ ސަބަބު ބަންދުގެ މަޖިލީހުގައި ފުލުހުން ފާހަގަކޮށްފައިވާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ފޯޖަރީގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ބަންދުގެ ޟަރޫރަތަށް ރިޢާޔަތްނުކޮށް ނެރުނު، ޤާނޫނުއަސާސީއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ އުޞޫލުތަކާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ޤާއިމް
މުޖުތަމަޢުގެ ސަލާމަތަކީ ބަންދަށް ޖާއިޒު ސަބަބެއްކަމާއި، ކުށުގެ ޒާތާއި ބާވަތާއި ކުޑަބޮޑު މިނާއި ތަޙުޤީޤުގެ ދަތިތަކަށް ބަލާއިރު ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް މެދުވެރިވެދާނެ ކަމެއްކަމަށް ކަނޑައަޅައި އަމުރު ޤާއިމުކުރި.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ށ)
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ށ)
- މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކޮށް ބަންދުގައި ބެހެއްޓުމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު ސަބަބެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ށ)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ނ)
- ތުހުމަތުކުރެވިފައިވާ ކުށުގެ ޒާތަށާއި ބާވަތަށާއި ކަންހިނގާފައިވާ ގޮތަށާއި، މައްސަލައިގެ ކުޑަބޮޑު މިނަށާއި، މައްސަލަ ތަޙުޤީޤު ކުރުމުގައި ހުރި ދަތި އުނދަގޫތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލާފައި ބެހެއްޓުމަކީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް މެދުވެރިވެދާނެ ކަމެއްކަމަށް ޤަބޫލުކުރެވެން އޮތްނަމަ، އޭނާ ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް ނެތްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް