ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/79
2017/HC-A/79، 2017/HC-A/79
2017/HC-A/79 (2017/HC-A/79, High Court of the Maldives, 30 January 2017)
2017/HC-A/79
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކޮށް، ތުހުމަތުކުރެވޭ ފަރާތް ގޭ ބަންދުގައި ބެހެއްޓުމަށް 06 ޖަނަވަރީ 2017 ގައި އަމުރުކުރި.
ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނު މައްސަލައެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7 ވަނަ މާއްދާގެ އުޞޫލަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނުއަސާސީގެ 143 (ރ) ގެ ދަށުން ތަބާވާންޖެހޭ ސުޕްރީމް ކޯޓުގެ 2011/SC-A/19 އާއި 2011/SC-A/33 ގެ އުޞޫލަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތްތޯ؛ އަދި ދަޢުވާ ހުށަހެޅުމަށްފަހު ބަންދާމެދު ގޮތެއް ނިންމާނީ ކޮން ކޯޓަކުންތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ޝަރީޢަތް ހިންގާ ކޯޓުން ގޮތެއް ނިންމާފައިވާތީ ހައިކޯޓުން އިތުރު ގޮތެއް ނުނިންމާ
މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ނުވަތަ ގޭ ބަންދުގައި ހުރުމަކީ ކުށް ތަކުރާރުކުރުމުގެ ފުރުޞަތު އޮންނަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ކަމެއްކަމަށް ކަނޑައަޅައި އަމުރު ބާޠިލުކުރި؛ ދަޢުވާ ހުށަހެޅުމަށްފަހު ޝަރީޢަތް ހިންގާ ކޯޓުން ބަންދާމެދު ގޮތެއް ނިންމާފައިވާތީ އިތުރު ގޮތެއް ނުނިންމި.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ހ)
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ހ)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ހ)
- މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށާއި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ށ)
- އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޤަބޫލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ށ)
- ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރު، އަދި އެ ފަނޑިޔާރު ނެތް ޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ނ)
- ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި، ޝަރީޢަތުން އެމައްސަލައާމެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ، އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3-ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 13 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- ޚިލާފު ރައުޔު
- ނެތް