ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/573
2016/HC-A/573، 2016/HC-A/573
2016/HC-A/573 (2016/HC-A/573, High Court of the Maldives, 30 January 2017)
2016/HC-A/573
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ހެކި ނައްތާލަފާނެތީއާއި ހެކިންނަށް ނުފޫޒު ފޯރުވަފާނެތީ، 17 ނޮވެންބަރު 2016 އިން 02 ޑިސެމްބަރު 2016 އަށް ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރި.
ބޭރު ޤައުމެއްގައި ދިވެއްސަކު މަރާލުމަށް ބަޔަކަށް ފައިސާދިނުމުގެ ތުހުމަތުގައި ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނު މައްސަލައެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (މަތީ ކޯޓުގެ ނިންމުންތަކަށް ތަބާވުން) އާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޤަސްދުގައި މީހަކު މެރުމާއި އެކަމުގައި ބައިވެރިވުމާއި ރޭވުމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް، ހެކި ނައްތާލުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން "ގޭގައި" ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނާއި ސާބިތުވެފައިވާ އުޞޫލުތަކާ އެއްގޮތްތޯ؛ އަދި ދަޢުވާ ހުށަހެޅުމަށްފަހު ބަންދާމެދު ގޮތެއް ނިންމާނީ ކޮން ކޯޓަކުންތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ޝަރީޢަތް ހިންގާ ކޯޓުން ގޮތެއް ނިންމާފައިވާތީ ހައިކޯޓުން އިތުރު ގޮތެއް ނުނިންމާ
މަރުގެ މައްސަލައަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ބާވަތުގެ މައްސަލައެއްކަމާއި، 2012/HC-A/260 އާއި 2013/HC-A/35 ގެ އުޞޫލުން އެފަދަ މީހަކު ބަހައްޓަންޖެހޭނީ މުޖުތަމަޢަށް ނުރައްކާ ނުފޯރުވޭ ތަނެއްގައިކަމާއި، ގޭ ބަންދަށް ނިންމި ނިންމުން ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ކަނޑައަޅައި އަމުރު ބާޠިލުކުރި؛ ދަޢުވާ ހުށަހެޅުމަށްފަހު ޝަރީޢަތް ހިންގާ ކޯޓުން ބަންދާމެދު ގޮތެއް ނިންމާފައިވާތީ އިތުރު ގޮތެއް ނުނިންމި.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ހ)
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ހ)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ހ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ހައިކޯޓުގެ ނަންބަރު 2012/HC-A/260 އާއި 2013/HC-A/35 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ނ)
- ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ތެރޭގައި ހިމެނޭ "މަރު" ގެ މައްސަލައަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރިކަން ހުރި ބާވަތުގެ މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ނ)
- ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރު، އަދި އެ ފަނޑިޔާރު ނެތް ޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ރ)
- ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި، ޝަރީޢަތުން އެމައްސަލައާމެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ، އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4-ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 13 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- 2012/HC-A/260
- 2013/HC-A/35
- ޚިލާފު ރައުޔު
- ނެތް