ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/179
2017/HC-A/179، 2017/HC-A/179
2017/HC-A/179 (2017/HC-A/179, High Court of the Maldives, 27 November 2017)
2017/HC-A/179
މައްސަލައިގެ ޚުލާޞާ
ދަޢުވާކުރި ފަރާތް ކޯޓުގެ ހުއްދައާ ނުލައި ރަށުން ފުރައިގެން ގޮސް ޙާޟިރުނުވާތީ ޙާޟިރުކުރުމުގެ ޤަވާޢިދުގެ 18، 23 އަދި 29 ވަނަ މާއްދާގެ ދަށުން މައްސަލަ ބާޠިލުކުރުމާއެކު، އޭނާގެ ކުޑަކުދިންނަށް ދިރިއުޅޭނެ ތަނެއް ނެތުމުން ގެ ވިއްކުމުގެ މުޢާމަލާތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ކަނޑައެޅި.
ދަޢުވާކުރި ފަރާތުގެ މިލްކުގައިވާ ގެއާއި ގޯތި އެހެން ފަރާތަކަށް ވިއްކުމަށް އެދި މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި.
އެޑްރެސް ބަދަލުވެފައި ނުވާތީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 18 ވަނަ މާއްދާއާ ޚިލާފުވެފައި ނުވާކަމަށާއި، 23 ވަނަ މާއްދާއާ ޚިލާފުވުމަކީ ބާޠިލުކުރެވޭނެ ސަބަބެއް ނޫންކަމަށާއި، ގެ ވިއްކުމުގެ ނިންމުމުގައި ބައްލަވަންވާވަރަށް ނުބައްލަވާކަމަށާއި، ޚުލާޞާ ރިޕޯޓާއި ފައިނަލް ރިޕޯޓުގެ ޙުކުމުގައި ތަފާތު ހުރިކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވޭ.
މައިގަނޑު ސުވާލު
ކޯޓުގެ ހުއްދައާ ނުލައި ރަށުން ފުރައިގެން ގޮސް ޙާޟިރުނުވުމުން ދަޢުވާކުރި ފަރާތުގެ މައްސަލަ ބާޠިލުކުރުން ޞައްޙަތޯ، އަދި ދަޢުވާކުރި ފަރާތުގެ ބަސް ނުހޯދައި މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމުމާއި، ޚުލާޞާ ރިޕޯޓާ ތަފާތަށް ފައިނަލް ރިޕޯޓު ދޫކުރުން ޞައްޙަތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ދަޢުވާ ބާޠިލުކުރުމަށް ނިންމި ނިންމުން ޤާއިމްކޮށް، މައުޟޫޢަށް ނިންމި ނިންމުން ބާޠިލުކުރި؛ މައްސަލަ އަލުން ހުށަހަޅައިފިނަމަ ދަށު ކޯޓުން ބަލައި ފައިޞަލާކުރަން ޖެހޭ
ދަޢުވާކުރި ފަރާތް އެޑްރެސް ބަދަލުވި ވާހަކަ ނާންގައި، ހުއްދައާ ނުލައި ރަށުން ފުރައިގެން ގޮސް ޙާޟިރުނުވާތީ މައްސަލަ ބާޠިލުކުރުން ޞައްޙަ؛ ނަމަވެސް ފަރާތްތަކުގެ ބަސް ނުހޯދައި، ޝަރީޢަތް ނުހިންގައި މައުޟޫޢަށް ގޮތެއް ނިންމުމާއި، ޚުލާޞާ ރިޕޯޓާ ތަފާތަށް ފައިނަލް ރިޕޯޓުގައި ސަބަބުތައް އިތުރުކޮށް ޙުކުމް ބަދަލުކުރުން ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތުން މައްސަލައެއް ބަލައި ޙުކުމަކާ ހަމައަށް ވާޞިލްވަނީ އެމައްސަލައިގެ ޙުކުމަށް ވާޞިލުވި ގޮތުގެ ސަބަބުތައް ބަޔާންކުރުމަށްފަހުގައެވެ. މައްސަލައެއްގެ ނިންމުމަށް ވާޞިލުވި ގޮތް އެނގޭނޭ ޚުލާޞާ ރިޕޯޓެއް މައްސަލަ ނިންމުމަށްފަހު ފަރާތްތަކަށް ދޫކުރުމަށް ފަހު، އެރިޕޯޓުގައި ބަޔާންކޮށްފައި ނުވާ ސަބަބުތަކެއް ފައިނަލް ރިޕޯޓުގައި ހިމަނައި، ޙުކުމް ބަދަލުކޮށް ފައިނަލް ރިޕޯޓް ތައްޔާރުކޮށް ދޫކުރުމަކީ ޢަދްލު އިންޞާފުގެ އިތުބާރާއި ކަށަވަރުކަން ރައްޔިތުންގެ މެދުގައި ގެއްލިގެންދާނެ ކަމަކާއި ކޯޓުން ކޮށްފައިވާ ޙުކުމަކީ ކޮބައިކަން އޮޅުން އަރާނެ ކަމެއް ކަމުގައިވާތީ، އެއީ ޝަރީޢަތުން މައްސަލަތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާގޮތުން ދަޢުވާކުރާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، 3 ދުވަހުގެ ތެރޭގައި ބަދަލުވި އެޑްރެސް އެގޭގޮތަށް ލިޔުމުން އަންގަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެ ޤަވާޢިދުގެ 23 ވަނަ މާއްދާގައިވާ ގޮތުން، ކޯޓަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށް، ދަޢުވާކުރާ ފަރާތް ކޯޓުގެ ހުއްދަނެތި ފުރައިގެން ގޮސްގެން ނުވާނެއެވެ. މައްސަލައެއް ކޯޓަށް ހުށަހެޅުމަށް ފަހު، ރަށުން ބޭރަށް ފުރައިގެން ދިއުމާއި އެޑްރެސް ބަދަލުވުމުން އެމަޢުލޫމާތު ކޯޓަށް ދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- މައްސަލައެއް މައުޟޫޢީ ގޮތުގައި ބައްލަވައި ޙުކުމް ކުރަންވާނީ އެމައްސަލައިގައި ހިމެނޭ ފަރާތްތަކުން ބުނާ އެއްޗެއް/ބަހެއް ޝަރީޢަތުން ހޯދުމަށްފަހުގައި ކަމީ، ޝަރީޢަތުން މައްސަލަތައް ބެލުމުގެ އެންމެ އަސާސީ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާއާ ދަޢުވާކުރާ ފަރާތް ޚިލާފުވެފައިވާތީ އެ މާއްދާގެ ދަށުން މައްސަލަ ބާޠިލުކުރުމުގެ ބާރާއި އިޚްތިޔާރު ކޯޓަށް ލިބިގެންވިނަމަވެސް، އެ މައްސަލާގައި ހިމެނޭ ފަރާތް/ފަރާތްތަކުގެ ބަހެއް ޝަރީޢަތުން ހޯދުމަކާ ނުލައި އެމައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ބ))
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 23 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް