ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/412
2016/HC-A/412، 2016/HC-A/412
2016/HC-A/412 (2016/HC-A/412, High Court of the Maldives, 8 November 2017)
2016/HC-A/412
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 9 މަހުގެ ކުލީގެ 315,000 ރުފިޔާއަށް އިސްތިއުނާފުކުރި ފަރާތް ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައި، 3 މަހުގެ ތެރޭގައި އެ ފައިސާ ބައްޕަގެ ބޭންކް އެކައުންޓަށް ޖަމާކުރަން އެންގިއެވެ.
ޙަޖުރުކުރެވުނު ބައްޕަގެ ގޯއްޗަށް ލިބުނު ކުލި، ޙަޖުރުކުރުމުގެ ޙުކުމުގެ ފަހުންވެސް މުދާ ބެލެހެއްޓުމާ ޙަވާލުވި ދަރިއަކު ނަގަމުން ދިޔައެވެ. އެ ފައިސާ ބައްޕައާއި މަންމަގެ ޚަރަދުތަކަށް ހޭދަކުރިކަން ސާބިތުވެފައި ނުވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުލި ބައްޕަގެ އެކައުންޓަށް ޖަމާކުރަން ނިންމުމާއި ކުލީގެ އެއްބަސްވުމާމެދު ވަކިގޮތަކަށް ޢަމަލުކުރަން ނިންމުމަކީ ޙަޖުރުކުރުމުގެ ޙުކުމާ ޚިލާފު ކަމެއްކަމަށެވެ.
މައިގަނޑު ސުވާލު
ޙަޖުރުކުރެވުމަށްފަހު ޙަޖުރުކުރެވުނު ފަރާތުގެ ގޯތިން ލިބުނު ކުލީގެ ފައިސާގެ ޒިންމާ އެ ފައިސާ ނެގި ދަރިއަކަށް އުފުލަން ޖެހޭކަމަށާއި، އެ ފައިސާ ޙަޖުރުކުރެވުނު ފަރާތުގެ އެކައުންޓަށް ޖަމާކުރަން ސިވިލް ކޯޓުން އެންގުމަކީ ޙަޖުރުކުރުމުގެ ޙުކުމާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމުގެ އެބައި ޤާއިމް
ޙަޖުރުކުރުމަށްފަހު ޢަމަލުކުރަންޖެހޭނީ ޙަޖުރުގެ ޙުކުމަށެވެ. ލިބުނު ކުލި ބަޔާންކުރެވިފައިވާ ބޭނުމުގައި ހޭދަކުރިކަން ސާބިތުކޮށްދެވިފައި ނުވާތީ އޭގެ ޒިންމާ އުފުލަން ޖެހެއެވެ. އެކައުންޓަށް ޖަމާކުރަން އެންގުމަކީ މަސްލަޙަތު ހުރި ގޮތަކަށާއި ޙަޖުރުގެ ޙުކުމް ތަންފީޛުކުރެވޭނެ ގޮތަކަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙަޖުރުކުރުމުގެ ފަހުން ޙަޖުރުކުރެވުނު ފަރާތަކީ އޭނާގެ މުދަލާއިމެދު މުޢާމަލާތްކުރުމުގެ ޤާބިލުކަންނެތް ފަރާތެއްކަމުގައިވާއިރު، ޙަޖުރުކުރުމުގެ ކުރިން އެހެނިހެން ފަރާތްތަކާއި އެކު އޭނާ ވެފައިވާ މަދަނީ އެއްބަސްވުންތައް ފިޔަވައި އޭނާގެ މުދަލާއިމެދު ކަންކުރާނެގޮތަކާއިމެދު ދީފައިވާ ޕަވަރ އޮފް އެޓާރނީ އާއި ސިޓީ ފަދަތަކެތީގެ ބަދަލުގައި ޢަމަލުކުރަންޖެހޭނީ ޙަޖުރުކުރުމުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމާއި އެއްގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ޙަޖުރުކުރެވުނު ފަރާތުގެ މުދަލާއި ފައިސާއިން ލިބޭ އެންމެހައި ތަކެއްޗެއް ހޭދަކުރަންޖެހޭނީ އޭނާއާއި އޭނާގެ އަނބިމީހާއަށް ބޭނުންވާ ޚަރަދުތަކަށާއި އޭނާގެ މުދާ ބެލެހެއްޓުމަށް ކުރަންޖެހޭ ޚަރަދުތަކަށް އަމާނަތްތެރިކަމާއި އެކުގައިކަމުގައިވާއިރު، ޙަޖުރުކުރެވުމަށްފަހު ލިބުނު ކުލީގެ ފައިސާ އެ ބޭނުމުގައި ހޭދަކުރިކަން ސާބިތުކޮށްދެވިފައިނުވާނަމަ، އެ ފައިސާއާ ޙަވާލުވި ފަރާތަށް އެ ފައިސާގެ ޒިންމާ އުފުލަން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޙަޖުރުކުރެވުނު ފަރާތަށް ކުލީގެ ގޮތުގައި ލިބޭ ފައިސާ، މުދާ ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު އެ ފަރާތަށް ލިބޭ ގޮތަށް އޮތުމަކީ ޙަޖުރުކުރެވުނު ފަރާތުގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތްކަމުގައި ނުބެލެވޭނަމަ، އެ ފައިސާ ޙަޖުރުކުރެވުނު ފަރާތުގެ ނަމުގައިވާ އެކައުންޓަށް ޖަމާކުރަން އެންގުމަކީ ޙަޖުރުކުރުމުގެ ޙުކުމާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާ (ޙަޖުރުކުރުމުގެ ޙުކުމް)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް