ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/378
ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އިމާދު ޔޫސުފް، 2016/HC-A/378
Seeend San Maldives Private Limited v. Imaadhu Yoosuf 2016/HC-A/378 (2016/HC-A/378, High Court of the Maldives, 23 July 2018)
ސީއެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އިމާދު ޔޫސުފް
މައްސަލައިގެ ޚުލާޞާ
އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތްތައް ހިނގީ ސީދާ ބައްޕައާއެކު ކަމަށާއި، ދަޢުވާލިބުނު ފަރާތުގެ ބައިވެރިވުމެއް ނުވަތަ އިހުމާލެއް ސާބިތުނުވާތީ، ބައްޕައާ ހަވާލުކުރި ތަކެއްޗަށް އޭނާ ޒިންމާވާންޖެހޭ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކުރި.
90 ފޫޓުގެ ފައިބަރގްލާސް މަސްދޯންޏެއް ބަނުމަށް 2007 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުންފުނިން ފޯރުކޮށްދިން ފައިބަރގްލާސް މެޓީރިއަލް، ދަޢުވާލިބުނު ފަރާތުގެ އެދުމުގެ މަތިން އޭނާގެ ބައްޕައާ ހަވާލުކުރި ނަމަވެސް ދޯނި ބަދެ ނުދީ ތަކެތި ވިއްކާލި ކަމަށް ބުނެ، ތަކެތީގެ އަގާއި ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުނިން ދަޢުވާކުރި.
އިސްތިއުނާފުކުރި ކުންފުނިން ބުނީ ސިވިލް ކޯޓުން ހެކިބަހަށް ބައްލަވާފައި ނުވާކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އުޞޫލުތަކަށް ބައްލަވާފައިނުވާކަމަށެވެ.
މައިގަނޑު ސުވާލު
އެއްބަސްވުމުގެ ދަށުން ދޯނި ބަނުމަށް ފޯރުކޮށްދޭން އެއްބަސްވި ތަކެތި، އެއްބަސްވި ފަރާތުގެ އެދުމުގެ މަތިން އޭނާގެ ބައްޕައާ ހަވާލުކުރުމުން، އެއްބަސްވުމާ އެއްގޮތަށް އެ ފަރާތާ ހަވާލުކުރެވުނީކަމުގައި ބެލެވޭނެތޯއާއި، އެ ތަކެއްޗަށާއި އެއްބަސްވުމާ ޚިލާފުވުމުން ލިބުނު ގެއްލުމަށް އެ ފަރާތް ޒިންމާވާންޖެހޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ދަޢުވާލިބުނު ފަރާތް ތަކެއްޗަށާއި ގެއްލުމަށް ޒިންމާވާންޖެހޭކަމަށް ކަނޑައަޅައި، ފައިސާގެ މިންވަރު ސިވިލް ކޯޓަށް ހުށަހަޅައިގެން ކަނޑައަޅަންޖެހޭކަމަށް ނިންމި
ތަކެތި ބައްޕައާ ހަވާލުކުރީ ދަޢުވާލިބުނު ފަރާތުގެ އެދުމުގެ މަތިން، އޭނާއަށް އެނގިގެން ކަމަށް ހެކިބަހުން ސާބިތުވާތީ، އެއްބަސްވުމާ އެއްގޮތަށް އޭނާ ތަކެއްޗާ ހަވާލުވީ ކަމަށް ބެލެވޭނެ ކަމަށާއި، ކަނޑައަޅައި ދައްކާ ފަރާތަކާ ހަވާލުކުރުމަކީ އެއްބަސްވުމާ އެއްގޮތަށް ހަވާލުކުރުން ކަމަށާއި، އެހެންކަމުން ތަކެއްޗަށާއި ގެއްލުމަށް އޭނާ ޒިންމާވާންޖެހޭކަމަށް ހައިކޯޓުން ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭން އެއްބަސްވެފައިވާ ތަކެތި އެ ފަރާތުގެ އެދުމުގެ މަތިން އެހެން ފަރާތަކާ ހަވާލުކުރެވި، އެ ތަކެތި ހަވާލުކުރިކަން އެ ފަރާތަށްވެސް އެނގިފައިވާނަމަ، އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން އެތަކެއްޗާއި ހަވާލުވެފައިވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- އެއްބަސްވުމުގައި ބުނެފައިވާގޮތުގެމަތިން ތަކެތި، ފަރާތެއް ބުނެގެން އެހެން ފަރާތަކާ ހަވާލުކޮށްފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުކުރުމަކީ، ލިޔުމުން ސާބިތުވާންއޮތްކަމެއް އެ ލިޔުމުން ސާބިތުވާންއޮތްގޮތާ ޚިލާފަށް ޝަފަހީ ހެކިބަހުން ސާބިތުކުރުމެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- އެއްބަސްވުމެއްގެ ދަށުން ވަކި ފަރާތަކާއި ހަވާލުކުރަންޖެހޭ އެއްޗެއް އުސޫލެއްގެގޮތުން ސީދާ އެފަރާތަކާއި ނުވަތަ އެފަރާތުން ކަނޑައަޅައި ދައްކާ ފަރާތަކާވެސް ހަވާލުކުރެވިދާނެއެވެ. އެފަރާތުން ކަނޑައަޅައި ދައްކާ ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައިވެސް އެއީ އެއްބަސްވުމާ އެއްގޮތަށް އެފަރާތާއި ހަވާލުކުރެވުނީކަމުގައި ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- އެއްބަސްވުމުގެ ދަށުން ފަރާތެއްގެ ފަރާތުން އެހެން މީހަކު ހަވާލުވެފައިވާ ތަކެއްޗަށާއި، އަދި އެ ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވުމުގެ ސަބަބުން އަނެއް ފަރާތަށް ގެއްލުން ވެފައިވާނަމަ އެ ގެއްލުމުގެ ބަދަލަށް، އެ ފަރާތް ޒިންމާވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ހަވާލުވެފައިވާ ތަކެއްޗާއި އަނބުރާ ހަވާލުވެފައިވާ ތަކެތީގެ ތަފްސީލު ދަށު ކޯޓުން ބައްލަވާފައި ނެތުމުންނާއި، އެ ތަފްސީލުތަކާއި ފައިސާގެ މިންވަރާމެދު ދަށު ކޯޓުގެ ޝަރީޢަތުގައިވެސް ދެފަރާތުން ތަފްސީލުކޮށް ވާހަކަދައްކާފައިނެތުމުން، ދައްކަންޖެހޭ ފައިސާގެ މިންވަރު ހައިކޯޓުން ކަނޑައަޅާފައިނުވާއިރު، އެ ތަފްސީލުތައް ބަޔާންކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، އެ މައްސަލަ ބައްލަވައި ޒިންމާވާންޖެހޭ ފައިސާގެ މިންވަރާއި އެ ފައިސާ ދައްކާނެ ގޮތް ކަނޑައަޅުއްވައި ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) (ނުކުތާގައި ހަވާލާދީފައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ދަށުކޯޓުގެ ދަޢުވާގައި ހަވާލާދީފައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ށ) (ނުކުތާގައި ހަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙަސަން ޢަލީ
- ޚިލާފު ރައުޔު
- ނެތް