ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/406
2016/HC-A/406، 2016/HC-A/406
2016/HC-A/406 (2016/HC-A/406, High Court of the Maldives, 8 November 2017)
2016/HC-A/406
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުލީގެ 315,000 ރުފިޔާއަށް ދަޢުވާލިބޭ ފަރާތް ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައި ބައްޕަގެ އެކައުންޓަށް ޖަމާކުރަން އެންގި ނަމަވެސް، މުދާ ބެލެހެއްޓުން އޭނާގެ ކިބައިން ވަކިކުރުމަކީ ކުރެވެން ނެތް ކަމެއްކަމަށް ކަނޑައެޅިއެވެ.
ސިވިލް ކޯޓުން ބައްޕަ ޙަޖުރުކޮށް އޭނާގެ މުދާ ބެލެހެއްޓުން ދެ ދަރިއަކާ ޙަވާލުކުރިއެވެ. އެހެން ދަރިންތަކެއް ދަޢުވާކުރީ އޭގެ ތެރެއިން އެކަކު ކުލީގެ ފައިސާ އަމާނަތްތެރިކަމާއެކު ބަލަހައްޓާފައި ނުވާތީ، އޭނާގެ ކިބައިން އެ ޒިންމާ ވަކިކޮށް އެހެން ދަރިއަކާ ޙަވާލުކުރުމަށެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ފައިސާ ޚަރަދުކޮށް އެކައުންޓު ހުސްކޮށްފައިވާކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ބަދަލު ހަމަޖެއްސުމަށް ޢާއިލާގެ ގިނަ ބަޔެއްގެ ތާއީދު ލިބިފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ޙަޖުރުކުރެވިފައިވާ ފަރާތެއްގެ މުދަލާއި ފައިސާ ބެލެހެއްޓުމަށް ކޯޓުން ހަމަޖައްސާފައިވާ ފަރާތް އެ މުދަލަށް އަމާނަތްތެރި ނުވެއްޖެނަމަ، އެ ފަރާތުގެ ކިބައިން އެ ޒިންމާ ވަކިކުރެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު؛ ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ޙަވާލުކުރުމަށް މައްސަލައެއް ހުށަހަޅައިފިނަމަ ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަން އެންގި
ކުލީގެ ފައިސާ ފިލްމެއް ހެދުމަށް ޚަރަދުކުރިކަމަށް ބުނި ނަމަވެސް އެއީ ބައްޕަގެ މަސްލަޙަތުގައި ކުރި ޚަރަދެއްކަން ނޭނގޭތީ އިހުމާލުވެފައިވާކަމަށް ބެލެވެއެވެ. އެހެންކަމުން އޭނާގެ ޒިންމާ ނިމުމަކަށް ގެންނަން ޖެހެއެވެ. ނަމަވެސް ދަރިން ތަފާތު ފަރާތްތައް ހުށަހަޅާތީ، ހަމަޖައްސާނެ ފަރާތް ސިވިލް ކޯޓުން ކަނޑައަޅަން ޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙަޖުރުކުރެވިފައިވާ ފަރާތެއްގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތަކުން، ޙަޖުރުކުރެވޭ ފަރާތުގެ މުދަލުން ލިބުނު ފައިސާ ހޭދަކޮށްފައިވަނީ އަމާނަތްތެރިކަމާއި ރައްކާތެރިކަމާއި އެކުގައިކަން އެނގެން ނެތްނަމަ، މުދަލާއި ފައިސާ ބެލެހެއްޓުމުގައި އެފަރާތް އިހުމާލުވެފައިވާކަމުގައި ބެލެވޭނެއެވެ. އަދި އެފަރާތާ މުދަލާއި ފައިސާ ބެލެހެއްޓުން ޙަވާލުކޮށްފައި ބެހެއްޓުމަކީ ޙަޖުރުކުރެވޭ ފަރާތުގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ޙަޖުރުކުރުމުގެ މައްސަލަތަކުގައި ޙަޖުރުކުރެވޭ ފަރާތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ޚަރަދުކުރުމުގެ ޒިންމާ ޙަވާލުކުރަންޖެހޭނީ ޙަޖުރުކުރެވޭ ފަރާތުގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ. އަދި މިގޮތަށް ޙަވާލުކުރުމުގައި މުޅި ޢާއިލާގެ މަސްލަޙަތާއި މުދަލާއި ފައިސާ ބެލެހެއްޓުން ޙަވާލުކުރެވޭ ފަރާތުގެ އަމާނަތްތެރިކަމުގެ މައްޗަށްވެސް ބެލެންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ޙަޖުރުކުރުމުގެ ޙުކުމުގައި ކަނޑައަޅާފައިވާގޮތަށް މުދަލާއި ފައިސާ ބެލެހެއްޓުމާ ޙަވާލުވި ފަރާތުން ޢަމަލުކޮށްފައިނުވާކަން ސާބިތުވެއްޖެނަމަ، އެ ފަރާތަށް ލިބިދީފައިވާ ޒިންމާ ނިމުމަކަށް ގެނެސް، އެ ޒިންމާ އެހެން ފަރާތަކާ ޙަވާލުކުރަންޖެހޭނެއެވެ. އަދި އެގޮތަށް ޙަވާލުކުރެވޭ ފަރާތަކީ ޙަޖުރުކުރެވޭ ފަރާތުގެ މަސްލަޙަތުގައި އެންމެ ރަނގަޅު ފަރާތަކަށް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާ (ޙަޖުރުކުރުމުގެ ޙުކުމް)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް