ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/348
2016/HC-A/348، 2016/HC-A/348
2016/HC-A/348 (2016/HC-A/348, High Court of the Maldives, 29 November 2017)
2016/HC-A/348
މައްސަލައިގެ ޚުލާޞާ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާތީ ވަޒީފާ އަނބުރާ ނުދެވޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން (158/VTR/2014) ނިންމިއެވެ. ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރާތީ، ދެ މަހުގެ މުސާރައާއި ޢިނާޔަތް ބަދަލުގެ ގޮތުގައި ދިނުމަށް އަމުރުކުރިއެވެ.
އިސްތިއުނާފު ރައްދުވި ފަރާތަކީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގައި ވޮޗަރެއްގެ ވަޒީފާ އަދާކުރި މުވައްޒަފެކެވެ. ނަޞޭޙަތްދީ، އިޞްލާޙުވުމަށް ފުރުޞަތުތައް ދީފައިވާއިރު، އިރުޝާދުތަކަށް ކިޔަމަންނުވުން ތަކުރާރުވެފައިވާތީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ ދަށުން އެ މުވައްޒަފު ނޯޓިހަކާނުލައި ވަޒީފާއިން ވަކިކުރިއެވެ.
އެޓަރނީ ޖެނެރަލް ބުނީ، 2013/HC-A/142 އާއި 2010/HC-A/208 ގައިވާ ގޮތަށް އިޖުރާއީ ޢަދުލުވެރިކަމުގެ އެންމެ ކުޑަ މިންވަރަށް ދައުލަތުން ޢަމަލުކުރިކަމަށެވެ. އަދި ބަދަލުގެ ޢަދަދަށް ވާޞިލުވި ގޮތް ބަޔާންނުކޮށް ޓްރައިބިއުނަލުން ބަދަލު ނަގައިދީފައިވާކަމަށްވެސް ބުންޏެވެ.
މައިގަނޑު ސުވާލު
މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ދައުލަތުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރިތޯ؛ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެ މަހުގެ މުސާރައާއި ޢިނާޔަތް ބަދަލުގެ ގޮތުގައި ކަނޑައެޅުމުގައި ބަދަލުގެ މިންވަރަށް ވާޞިލުވި ގޮތް ބަޔާންކުރަން ޖެހޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި؛ ބަދަލުގެ މިންވަރު އަލުން ބެލުމަށް ޓްރައިބިއުނަލަށް ފޮނުވި
ނޯޓިހެއް ނުދީ، ތުހުމަތުތައް އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ، އިދާރީ ތަޙްޤީޤެއް ނުކޮށް ވަކިކުރުމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ. އެހެންކަމުން ޓްރައިބިއުނަލުގެ އެ ބައި ޤާއިމުކުރިއެވެ. ނަމަވެސް ބަދަލުގެ ޢަދަދަށް ވާޞިލުވީ ކޮން އުޞޫލަކުންކަން ސާފުނުވާތީ، އެ ބައި ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ވަޒީފާއާބެހޭ ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށް ވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއާތުތަކަކީ ޢަދުލުވެރި އިޖުރާއާތުތަކަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު އުޞޫލެއްގެ ގޮތުން ބެލެވޭނީ، އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ: ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްޞީލަކާއެކު) ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދިނުން؛ އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން؛ މައްސަލަ ތަޙުޤީޤުކޮށް، 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުތު ފުރިހަމަވާކަމަށް އެ ތަޙުޤީޤަށް ފެނުން؛ އަދި އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދިނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުވައްޒަފަކަށް ނަޞޭޙަތް/އިންޒާރު ދިނުމަށް ބައްދަލުކުރަން ބުނުމުން އޭނާ ޖަދަލުކޮށްފައިވުމަކީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަޙްޤީޤެއް ހިންގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް އޮތް ހުރަހެއް ނުވަތަ އެކަން ނުވާނޭފަދަ ކަމެއްކަމުގައި ބެލެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކުރެވި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިވާ ބާރެކެވެ. މިގޮތުން ބަދަލުގެ މިންވަރު ކަނޑައަޅާއިރު، ވަކިކުރެވުނު މުވައްޒަފުގެ ޢުމުރަށާއި، ވަކިކުރެވުނުއިރު ހުރި މަޤާމަށާއި، އެ މަޤާމުގެ ޒިންމާތަކަށާއި، ތަޖުރިބާއަށާއި، ވަޒީފާގައި ޖުމްލަ ހޭދަކޮށްފައިވާ މުއްދަތަށާއި، މަސައްކަތު އަޚްލާޤާބެހޭ ރެކޯޑަށާއި، ވަކިކުރިއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- އެފަދަ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލުގެ މިންވަރު ކަނޑައަޅާއިރު، އެ ނިންމުމަށް ވާޞިލުވި ގޮތް ސާފުވާންޖެހޭނެއެވެ. ބަދަލުގެ ޢަދަދު ކަނޑައަޅާފައިވަނީ ކޮން އުޞޫލެއްގެ ދަށުންކަން ސާފުނުވާނަމަ، އެ ނިންމުން ބާޠިލުކޮށް ޓްރައިބިއުނަލަށް އަލުން ބެލުމަށް ފޮނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 93 ވަނަ މާއްދާ އަދި 212 ވަނަ މާއްދާ
- 2010/HC-A/208
- 2013/HC-A/142
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް