ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/38
2017/HC-A/38، 2017/HC-A/38
2017/HC-A/38 (2017/HC-A/38, High Court of the Maldives, 12 June 2017)
2017/HC-A/38
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ރިޑަންޑަންސީގެ ސަބަބުން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވި ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާތީ، އަނބުރާ ވަޒީފާ ނުދީ، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގެ ދަށުން މާލީ ބަދަލާއި، މުސާރައިން އުނިކުރި ފައިސާއާއި ނޯޓިސްގެ ފައިސާ ދިނުމަށް ނިންމިއެވެ.
2001 އިން ފެށިގެން ކުންފުންޏެއްގެ ސޭލްސް މެނޭޖަރުގެ ވަޒީފާގައި ހުރި މުވައްޒަފަކު، މާލީ ދަތިތަކާ ހުރެ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން ވަޒީފާ ރިޑަންޑަންޓްވީ ކަމަށް ބުނެ 2012 ގައި ވަޒީފާއިން ވަކިކުރިއެވެ.
މުވައްޒަފުގެ ފަރާތުން، ރިޑަންޑަންސީގެ ޙާލަތެއް ނުއުފެދޭކަމަށާއި، ކުންފުނި ފުޅާކޮށް ސޭލްސް މެނޭޖަރުގެ ވަޒީފާ އުވިފައި ނުވާކަމަށާއި، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރާކަމަށް ބުންޏެވެ. ކުންފުނީގެ ފަރާތުން، މާލީ އަދި އިޤްތިޞާދީ މައްސަލަތަކާ ހުރެ އޮނިގަނޑަށް ބަދަލު ގެނައުމުން ވަޒީފާ ރިޑަންޑަންޓްވީކަމަށް ބުންޏެވެ.
މައިގަނޑު ސުވާލު
ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން ރިޑަންޑަންޓްވީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ، އަދި ޓްރައިބިއުނަލުން މާލީ ބަދަލު ކަނޑައެޅުމުގެ ބަދަލުގައި އަނބުރާ ވަޒީފާ ދޭންޖެހޭތޯ.
ނިންމި ގޮތް
ޓްރައިބިއުނަލުގެ ނިންމުން ބާޠިލު؛ އަނބުރާ ވަޒީފާ ދީ، ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށް އަމުރުކުރި
ރިޑަންޑަންޓް ކުރެވުނީ ހަމައެކަނި މި މުވައްޒަފަށްވެ، އަލަށް އިތުރު މަޤާމުތައް އުފެދުނު ނަމަވެސް އެ ފުރުޞަތު އޭނާއަށް ހުށަނާޅާތީ، ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވިކަމަށް ނުބެލެވޭތީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށާއި، މުވައްޒަފުންނަށް ކުރިއާލައި އަންގާފައި ނުވާތީ އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމުނުވާކަމަށް ކަނޑައަޅައި، އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ރިޑަންޑަންސީއާ ގުޅޭ އުޞޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ރިޑަންޑަންސީގެ ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައިތޯއާއި، އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެއެވެ. (ހައިކޯޓުގެ 2011/HC-A/89) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ރިޑަންޑަންޓްވާ މުވައްޒަފުން ވަކިކުރުމުގެ ކުރިން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައިވެސް އެކުލެވިފައިވާ އުޞޫލެއް ކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުމެވެ؛ އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުމެވެ. (ހައިކޯޓުގެ 2011/HC-A/134) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޢާންމު އުޞޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ (economic) ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް ވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތާއި އުޞޫލުތަކަކީ ކޮބައިކަން މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި، ވަކިކުރުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމައެވެ؛ މީގެއިތުރުން، ރިޑަންޑަންޓްވެގެން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެ ޢިނާޔަތް ލިބިދެވޭނެގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، މުވައްޒަފުންނަށް އެނގިފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ރިޑަންޑަންސީގެ ޙާލަތެއް ޙަޤީޤަތުގައިވެސް ކުރިމަތިވެފައިވާކަން އަދި ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ހެޔޮނިޔަތުގައިކަން އަދި އެކަމަކީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމުގެ މަޤްޞަދުގައި ކޮށްފައިވާކަމެއް ނޫންކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ރިޑަންޑަންޓް ކުރެވުނު ހަމައެކަނި މުވައްޒަފަކީ އެ މުވައްޒަފަށްވެ، އަލަށް އެކުލަވައިލެވުނު އޮނިގަނޑުން އިތުރު މަޤާމުތަކެއް އުފެދުނުއިރު އެކަން އޭނާއަށް އަންގައި އިތުރު ވަޒީފާއަކަށް ގެނައުމުގެ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮވެމެ އެކަން އަންގާފައި ނެތްނަމަ، ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ ހެޔޮނިޔަތުގައި ކަމާމެދު އަދި ޙަޤީޤަތުގައިވެސް ރިޑަންޑަންސީގެ ޙާލަތެއް އޮވެގެން ކުރި ކަމެއްކަމާމެދު ސުވާލު އުފެދޭތީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
- އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158)
- އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166)
- ހައިކޯޓުގެ ނަންބަރު 2011/HC-A/89
- ހައިކޯޓުގެ ނަންބަރު 2011/HC-A/134
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް