ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/41
2016/HC-A/41، 2016/HC-A/41
2016/HC-A/41 (2016/HC-A/41, High Court of the Maldives, 26 November 2017)
2016/HC-A/41
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، 41 މަހާއި 5 ދުވަހުގެ މުސާރަ ދީ، ވަޒީފާއަށް އަނބުރާ ބެހެއްޓުމަށެވެ.
ސީޕްލޭން ދުއްވާ ފަސްޓް އޮފިސަރެއްގެ ވަޒީފާއިން މުވައްޒަފު ވަކިކުރީ، އެކު މަސައްކަތްކުރި ފަރާތްތަކުން ޖިންސީ ގޯނާގެ ޝަކުވާ ހުށަހަޅައި ތަޙްޤީޤުކުރުމަށްފަހު، ވަޒީފާގެ އަޚުލާޤު އެކަށީގެންނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.
އިސްތިއުނާފުގައި ހުށަހެޅީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ ޞައްޙަ ގޮތަކަށް ތަޠުބީޤު ނުކުރާކަމަށާއި، ހެކި ވަޒަންކުރީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި 2013/HC-A/132 އާ ޚިލާފަށް ކަމަށާއި، 2010/HC-A/208 އާއި 2014/HC-A/149 ގެ ޤާނޫނީ ހަމަތަކަށް ރިޢާޔަތް ނުކޮށް ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތެއް މެދުވެރިވެ، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ، އަދި ސިވިލް ކޯޓުން ހެކި ވަޒަންކުރުމާއި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ތަޠުބީޤުކުރުމުގައި ޞައްޙަ ގޮތަކަށް ޢަމަލުކޮށްފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
މުވައްޒަފު ތަޙްޤީޤުގައި ދިން ބަޔާނުގައި ޝަކުވާގެ ބައެއް ކަންކަން ޤަބޫލުކޮށް މަޢާފަށް އެދިފައިވާތީ ބޮޑަށްބުރަވެވޭ މިންގަނޑަށް ތުހުމަތު ސާބިތުވާކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށާއި، މަޖުބޫރުކުރުމުގެ ދަޢުވާއަށް ޙުއްޖަތެއް ނެތްކަމަށް ކޯޓު ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ހ)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނައިރު، ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ށ)
- މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއާތުތަކަކީ ޢަދުލުވެރި އިޖުރާއާތުތަކަކަށްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ށ)
- ވަޒީފާއާއިބެހޭ މިފަދަ މައްސަލަތަކުގައި މީހެއްގެ މައްޗަށް ހުށަހެޅޭ ޝަކުވާތައް ސާބިތުކުރުމުގައި ބަލަންޖެހޭނީ ހުށަހެޅޭ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ނ)
- ތަޙްޤީޤުގައި ދިން ބަޔާނުގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވުނު ޝަކުވާތަކުގައި ހިމެނޭ ބައެއް ކަންކަމަކީ އޭނާއަށް ކުރެވިފައިވާ ކަންތައްތަކެއްކަމަށް އެއްބަސްވެ އެކަމަށް މަޢާފަށްވެސް އެދިފައިވާނަމަ، ތުހުމަތުކުރެވުނު ކަންކަމަކީ އެގޮތުގައި ހިނގާފައިވާކަމެއްކަން ބޮޑަށްބުރަވެވޭ މިންގަނޑަށް ބެލުމުން އެނގެން އޮންނާނެއެވެ. އަދި އެކަން އިތުރަށް ބަލައި ތަޙްޤީޤުކުރުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭނެކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ނ)
- ތަޙްޤީޤަށް ދިން ބަޔާނަކީ ބިރުދެއްކުމާއި އޮޅުވާލުމުގެ މައްޗަށް ދީފައިވާ ބަޔާނެއްކަމަށް ބުނިނަމަވެސް، އެފަދަ މަޖުބޫރެއް އޮވެގެން ނުވަތަ ތުހުމަތުކުރެވެނީ ކޮން މައްސަލައެއްކަން ނޭނގި އޮޅުމެއްގެ ތެރޭގައި ހުރެގެން ބަޔާންދީފައިވާކަމުގައި ބެލެވޭފަދަ ޙުއްޖަތްތަކެއް ހުށަހެޅިފައި ނެތްނަމަ އެ ދަޢުވާ ބަލައެއް ނުގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ރ)
- ޝަކުވާގައި ހިމެނޭ ޢަމަލަކީ މަޖަލަކަށްކުރިކަމަކަށްވާތީ މާބޮޑުމައްސަލައެއް ނޫންކަމަށް ބުނިނަމަވެސް، އެކަން ރައްދުވާފަރާތަށް އެއީ މައްސަލައެއްކަމުގައިދެކިގެން ޝަކުވާ ހުށަހެޅިފައިވާއިރު، އެ ޢަމަލަކީ ޖިންސީ ގޯނާގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ނޫނީ ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ރ)
- ޝަކުވާ ހުށަހެޅި ފަރާތަކުން އެއީ މަޖުބޫރުވެގެން ހުށަހެޅި ޝަކުވާތަކެއް ކަމަށް ފަހުން ބުނިނަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ ޝަކުވާތައް އަނބުރާގެނެސް އެއީ މަޖުބޫރުވެގެން ހުށަހަޅަން ޖެހުނު ޝަކުވާތަކެއްކަމުގައި ބުނެފައި ނެތްނަމަ، އެކަމަކީ ކުރިން ހުށަހެޅި ޝަކުވާތަކުގެ މައްޗަށް ބިނާކޮށް އޭރު އެޅި ފިޔަވަޅު ބާތިލުކުރަންޖެހޭ ޤާނޫނީ ސަބަބެއްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 ރ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
- ބެންޗު
- ޢަބްދﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް